ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ސަރަހައްދީ ފެންވަރުގައި ލަފާދޭ ތަޖުރިބާކާރެއްގެ ގޮތުގައި ދިވެއްސަކު ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ  (ޑަބްލިއޫ.އެޗް.އޯ) ގެ ސަރަޙައްދަށް ނިސްބަތްވާ 11 ޤައުމުގައި، ގައިންގަޔަށް ނާރާ ބަލިތައް ހުއްޓުވުމަށް، ޤައުމުތަކުގެ މެދުގައި ސަރަހައްދީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ފަންނީ ލަފާ ދިނުމަށް ‘އެން.ސީ.ޑީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު’ ގައި ހިމެނިވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި (އެޗް.ޕީ.އޭ)، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ދާއިރާގައި އިސްކޮށް  މަސައްކަތް ކުރައްވާ އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ޙަސަން މުޙައްމަދަށެވެ.

މި މަޤާމަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް މި ޙައިޞިއްޔަތުން ޙަރަކާތްތެރިވުމުގެ ފުރުޞަތު ލިބޭ އުޖޫރަ ކަނޑައެޅިފައިނުވާ ފަންނީ (އޮނޮރަރީ) މަޤާމެކެވެ.

ޙަސަން މުޙައްމަދަކީ، 2000 ވަނަ އަހަރުން ފެށިގެން، ދުންފަތާއި، އަދި އެފަދަ ކަންކަމުން ކުރިމަތިވާ ބަލިތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި، ޤައުމީ އަދި ބައިންލައަޤްވާމީ ފެންވަރުގައި އިސް ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

މީގެ އިތުރުން، 2004 ގައި ދިވެހިރާއްޖެ ބައިވެރި ވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިންލަ އަޤްވާމީ މުއާހަދާގެ ދަށުން ރާއްޖެއިން ތަންފީޒު ކުރަންޖެހޭ ކަންކަން ތަންފީޒުކުރުމުގައްޔާއި، މުއާހަދާގެ ދަށުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ ތަފާތު ފަންނީ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ ބޭފުޅެކެވެ. 

ހަސަން މުޙައްމަދަކީ މި ނޫނަސް ބައިނަލް އަގުވާމީ ފެންވަރުގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި، ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ބައިނަލް އަޤްވާމީ މުއާހަދާގެ ފަންނީ ކޮމެޓީ ތަކުގައި ރާއްޖެ ތަމްސީލުކުރުމާއި، އެ މުއާހަދާގެ ބިއުރޯގައި މި ސަރަހައްދުގެ ޤައުމުތައް ތަމްސީލުކުރުމަށް 2 އަހަރުގެ ދައުރެއް ފުރުއްވުމުގެ އިތުރުން، ދުންފަތުގެ ސިނާއަތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ކުރިމަތިވާ ހުރަސްތައް ދެނެގަނެ، އެ ސިނާއަތުން ދުންފަތުގެ އަވާގައި މީހުން ޖެއްސުމަށް ހިންގާ ނޭދެވޭ އަމަލު ތަކާމެދު ފާރަވެރިވާ ސަރަހައްދީ ކޮންސޯޓިއަމްގެ މެންބަރެއްގެ ގޮތުގައި ދަނީ މިހާރުވެސް ހަރަކާތްތެރި ވަމުންނެވެ.

މީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލައިފައިވާ ‘އެން.ސީ.ޑީ. ހައިލެވެލް ސްޓިއަރިންގ ކޮމެޓީ’ ގެ މެންބަރެއްގެ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ހަސަން މުޙައްމަދު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެން.ސީ.ޑީ. ޑިވިޜަން އިސްވެ ބެލެހެއްޓެވުމާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ  ޕްރޮގްރާމް، އަދި ހެލްތު ޕްރޮމޯޝަން ޕްރޮގްރާމްގެ ފަންނީ ފޯކަލް ޕޮއިންޓާއި، ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ބައިނަލް އަޤްވަމީ މުއާހަދާގެ ފޯކަލް ޕޮއިޓްގެ މަޤާމުވެސް ހަސަން މުޙައްމަދު އަންނަނީ ފުރުއްވަމުނެވެ. 

ދުންފަތާމެދު މީހުން ހޭލުންތެރި ކުރުމުގެ އިތުރުން މިފަދަ ބަލިތައް މަދުކުރުމުގެ ސިޔާސަތު އެކުލަވާލުމުގައި ސަރުކާރަށް ލަފާދިނުމާއި، އެކިއެކި އިދާރާތަކުގެ ބައިވެރިވުން ހޯދުމަށް ހަސަން މުޙައްމަދު އަންނަނީ އިސްދައުރެއް އަދާ ކުރައްވަމުންނެވެ.

ހަސަން މުޙައްމަދު މި މަޤާމަށް ހޮވުމާއި ގުޅިގެން މިނިސްޓަރ އޮފް ހެލްތު އަދި އެ މިނިސްޓްރީގެ އިސްވެރިންނާއި އެހެން މުވައްޒަފުން ވަނީ މަރުހަބާ ދަންނަވާ ހިއްވަރު ދެއްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.