ނުވަދިހައިގެ އަހަރުތަކަށް އެޅުމުގެ ކުރީން ރަށްފުށުގެ ޖަޒީރާވަންތަ ދިރިއުޅުމަކީ ހުރިހައިގޮތަކުންވެސް ފެހި ދިރިއުޅުމެކެވެ. ތުއްތުކުދިންނާއި ކުޑަކުދިންނާއި ޒުވާނުންގެ ވެސް ދުވަސް ފެށެނީ ސިކުނޑިއާއި ހަށްޓަށް ފައިދާހުރި ކޮންމެވެސް ހަރަކާތަކުންނެވެ. އެފަދަ ހަރަކާތްތަކުގެ ތެރެއިން ބަރާއޮޑި ދުއްވުމަކީ މުހިންމު ފަންނުތަކެއް އުނގެނުމަށް ފަހި ހަރަކާތެކެވެ.

ބަރާއޮޑިއަކީ ކޮބާ؟

މިއީ ބަރާޖަހައިގެން ދުއްވާ ދޯންޏެކެވެ. ބަރާއޮޑި ހަދައިއުޅެނީ ކަނދު ލަކުޑި، ބަނބުކެޔޮ ލަކުޑި ފަދަ މަޑު ލަކުޑިންނެވެ. ބޮނބިންނާއި ކެޔޮދަޅިންވެސް ބަރާއޮޑި ހަދައިއުޅެއެވެ. މީގެ އިތުރުން ކަށިކެޔޮ ފަތުންވެސް ބަރާއޮޑި ހަދައެވެ.

ބަރާއޮޑީގައި މައި އޮޑިއަކާއި ބަރާއެއް ހިމެނެއެވެ. ބަރާ އަކީ ރިޔާ ނެގީމާ ތެދަށް ނުހުރެވޭ ވަރުގެ ހިމަދިގު، ދޯނިފަހަރު ތެދަށް ބެހެއްޓުމަށްޓަކައި އެދޯނިފަހަރުގެ މަތި ކިބަފަރާތަށް ދުއްވައިފައި އޮންނަ ދަނޑިއެއްގައި ލައިފައި އޮންނަ އޮޑިއެކެވެ.

ބަރާއޮޑީގެ ރިޔާ ހަނދަނީ ފޮތިން ނުވަތަ ޕްލާސްޓިކް ކޮތަޅުންނެވެ. ޕާސްޓިކް ކޮތަޅު އާއްމުވުމުގެ ކުރީން ރިޔާ ހެދުމަށް، ހުދު ފޮށާ ފޮތި ނުވަތަ ކޮންމެވެސް އެހެން ވައްތަރެއްގެ ފޮތި ބޭނުންކޮށް އުޅުނެވެ. ހަކުރު ބަސްތާ ހުސްކޮށްލާއިރު، ބަސްތާ ތެރޭގައި އޮންނަ ރަބަރު ކޮތަޅަކީ ބަރާ އޮޑީގެ ރިޔާ ހެދުމަށް ފޮރުވައިގެންވެސް ގެންގުޅުނު އެއްޗެކެވެ.

ބަރާއޮޑި ހަދަނީ ކިހިނެއް؟

ލަކުޑިން ބަރާއޮޑި ހެދުމަށް ލަކުޑިގަނޑު އޮޑިއެއްގެ ބައްޓަމަށް ކޮށައި މަށައެވެ. މައި އޮޑި އާއި ބަރާވެސް މިގޮތަށް ހަދައެވެ. ނަމަވެސް ބަރާ އަކީ މައި އޮޑިއަށްވުރެން ތަންކޮޅެއް ކުޑަކޮށް ހަދާ އޮޑިއެކެވެ.

އޮޑި ހަދައި ނިމުމުން، މައި އޮޑީގައި ކުނބާއި ކުނބުކަފި، ހުންގާނުފަދަ ތަކެތި ޖަހައެވެ. ފޮތިން ނުވަތަ ކޮތަޅުން ރިޔަލެއް ކަނޑައި، ފަރުމާނުގައި ރިޔާ އައްސައެވެ. އެއަށްފަހު އޮޑިއަށް ރިޔާ ނަގައެވެ. މައި އޮޑީގެ މަތި ކިބަފަރާތަށް ދުއްވައިފައި އޮންނަ ދަނޑިއެއްގައި ބަރާ ހަރުކުރެއެވެ.

ބަރާއޮޑި ދުއްވުން

ހުޅަނގުން ވައިޖެހޭ ދުވަސްވަރު، ބަރާއޮޑި ދުއްވަން އާއްމުކޮށް ގޮސް އުޅެނީ ރަށުގެ ހުޅަނގުފަރާތަށެވެ. ލ. އަތޮޅުގެ ބަހުރުވައިން ބުނާނަމަ ‘ދަށޭ އަތިރި’އަށެވެ. އިރުން ވައިޖެހޭނަމަ އިރުމަތި ފަރާތަށެވެ. ނުވަތަ ‘މަތިފުށު އަތިރި’އަށެވެ. މޫދުގައި އޮޑި ބަހައްޓައި ފުރުވާލައެވެ. އޮޑި ދަތުރުކުރާގޮތް ބެލުމަށް ރަށުގެ ދިޔަރެހާ ހިސާބުގައި އޮޑިއަށް ބަލަން އެތައް އިރެއް ވާންދެން ތިބުމަކީ އާދައެކެވެ. އެންމެ ބާރަށް، އެންމެ ބޭރަށް ދުއްވެނީ ކޮން އޮޑިއެއްތޯ ބެލުމަކީވެސް ކޮށް އުޅުނު ކަމެކެވެ.

މިހާރުވެސް ބަރާއޮޑި ދުއްވުމަކީ މަދުންނަމަވެސް ފެންނަ ކަމެއް

ބަރާއޮޑި ދުއްވުމަކީ މަޢުނަވީ ސަގާފީ ތަރިކައިގެ ތެރެއަށް ހިމެނިދާނެ ސަގާފީ ކަމެކެވެ. މިއީ އެއްކޮށް އުވިގެން ގޮސްފައިވާ ކަމެއް ނޫންކަން އުފަލާއެކު ފާހަގަކޮށްލަމެވެ. މިއަދުވެސް، މަދުން ނަމަވެސް ބަރާއޮޑި ދުއްވައެވެ. ނަމަވެސް މިކަމަކީ އޭރު އެކަން ކޮށް އުޅުނު ފޯރީގައި ކުރާ ކަމެއް ނޫނެވެ.

ބަރާއޮޑި ދުއްވުމަކީ މިއަދުވެސް، އަޅުގަނޑުމެންގެ އިސްކޫލުތަކުގެ މުގައްރަރުގެ ތެރެއަށް ހިމެނިދާނެ ކަމެކެވެ. އަމަލީފަންނުގެ ފިލާވަޅަކަށް ވަރަށް އެކަށީގެންވާ ހަރަކާތެކެވެ. ދަރިވަރުން ގަޔާވާނެ ހަރަކާތެކެވެ. ހުނަރުތަކެއް އުނގެނުމަށް މަގުފަހިވާނެ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.