ބަނޑިޔާ ޖެހުމަކީ ނުވަދިހައިގެ އަހަރުތަކުގައި ދިވެހި މޫސީގީ ޖައްވުގައި ވަރަށް ރަނގަޅަށް ވައިގައި ހިފި ހަރަކާތެކެވެ. ޓެލެވިޛަން މޯލްޑިވްސް އިން ބޭއްވި ބަނޑިޔާޖެހުމުގެ މުބާރާތްތަކުގެ ލަވަތަކަކީ މިއަދުވެސް ދިވެހި މޫސީގީ ޖައްވުން މެދުކެނޑުމެއް ނެތި އިވެމުން އަންނަ ލަވަތަކެކެވެ.

“އޭ ރާއްޖޭގެ ރަށްތައް ފެހިކޮށްލަމާތޯ،

ދޮންވެލި މި ތުނޑިތައް ހުދުކޮށްލަމާތޯ

ރީތިވި ގޮނޑުދޮށް ހަޑިކޮށްނުލާ،

ރީތިމި ގޮނޑުދޮށް ހަޑިކޮށްނުލާ

މިއީ އޭރުވެސް، މިހާރުވެސް އެންމެ ހިޓް އެއް ލަވައެވެ. މި ލަވައަށް އިތުރު ދިރުމެއް، އިތުރު ފޯރިއެއް ގެނެސްދީގެން އަނެއްކާވެސް މިވަނީ ނެރެފައެވެ. ދިވެހީންގެ ލޭ ކައްކުވާލައި ބޮޑުބެރުގެ އިހްސާސްތަކާއެކު، ރާއްޖޭގެ ފުންނާބު އުސް މޫސީގާރުން ތަކެއް މިވަނީ މި ލަވަ ނިކަން ރަނގަޅަށްވެސް ފައްކާކޮށްލާފައެވެ.

“ރާއްޖޭގެ ރަށްތައް ފެހިކޮށްލަމާތޯ” ގެ ފަހުގެ ވާރޝަން އިވިގެންދިޔައީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގެ ތެރެއިންނެވެ. ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިންތަކެއް ކަމަށްވާ އައްފާން، ނިޝް، ހައިޝަމް އަދި ޒާރާއެވެ.

https://www.youtube.com/watch?time_continue=69&v=uFFQzGNL6Z4

ލަވަ ވަރަށް ފުރިހަމައެވެ. ލަވައިގެ ވީޑިއޯވެސް ވަރަށް ފުރިހަމައެވެ. ނަމަވެސް މި ލަވައިގެ ރާގަކީ އަމިއްލަ ރާގަކަށް ނުވުން މިއީ ދެރަވަރު ކަމެކެވެ.

އެންސީއޭގެ އިސް މަޤާމެއް މީގެ ކުރިން ފުރުއްވާފައިވާ، ފިލްމީ ތަރި ޢަބްދުﷲ މުއާޒް (މުއާ)ގެ ފާޑުކިޔުން މި ލަވައަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މުއާގެ ޚިޔާލަށް އަޅުގަނޑަށްވެސް ތާއިދުކުރެވެއެވެ.

“ވާޓް. ދިވެހިރާއްޖޭގަ ދިވެޙީންގެ އަމިއްލަ އުފެއްދުމެއް ނެތީތޯ މިކަހަލަ މުނާސަބު ކަމެއްގާ އަލުން އެކުލަވާލަން. މިވެސް ހަމަ ޒާތެއްގެ ވައްކަން އިނގޭތޯ.” ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު ޢަލީ ވަހީދު ކުރައްވާފައިވާ ޕޯސްޓަކަށް ރައްދުދެމުން މުއާ ބުނެފައި އެއޮތީ ދެބަސްވެވޭން ނެތް ސަތޭކައިގެ ވާހަކަ އެކެވެ.

https://www.youtube.com/watch?v=SjE_QRLBw9c

ރާގުގެ ބަހުސް، އެއް ފަރާތެއްގައި ބާއްވާލާފައި ލަވަ އަޑުއަހައިލުމުން، ލަވަ ބަލައިލުމުން ލިބިގެންދާ ހިތްހަމަޖެހުން ހަމަ ގައިމުވެސް ވަރަށް ރަނގަޅެވެ. ވަރަށް ވެސް ތަފާތެވެ. ރާއްޖޭގެ ރަށްތައް ފެހިކޮށްލައި، ދޮންވެލި ތުނޑިތައް ހުދުކަން މަތީގައި ހަޑިކޮށްނުލައި ބޭއްވުމަށް ހިތްވަރާއި ޖޯޝުން ފުރިގެންވާ ފައްސި މެސެޖުތަކެއް ލަވައިން ލިބިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.