މަމްސް އެންޖީއޯގެ ފަރާތުން އަންހެނުންގެ މަސައްކަތްތެރި ކަމާއި ވިޔަފާރިތައް ދައްކައިދޭން އިންތިޒާމް ކުރި މަމްސް އެކްސްޕޯ 2019 މިއަދު ހަވީރު ހުޅުވައިފި އެވެ. މަމްސް އެކްސްޕޯ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

އެކްސްޕޯ އިފްތިތާހު ކޮށްދެއްވައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ ކުދިން ތަރުބިއްޔަތު ކުރުމުގައި ތިމާވެއްޓާއި ރަޙުމަތްތެރި، އިސްރާފުވުން ކުޑަ ގޮތްތަކަށް އިސްކަންދިނުމަށް ބާރުއެޅުމަށެވެ. މީގެ އިތުރުން އެކަމަނާ ވިދާޅުވީ އޮންލައިން ކޮށް އުފެދިގެން އައި އެންޖީއޯގެ ތެރެއިން މަންމައިން އެކަކު އެނެކަކަަށް އެހީތެރިވެދޭތީ އުފާ ކުރައްވާ ކަމަށެވެ. އަދި މި އެކްސްޕޯގައި މަންމައިންގެ އިތުރުން ޒުވާން އަންހެނުންގެ ވިޔަފާރިވެރިނަން ފުރުސަތު ދެއްވާފައިވާތީ ވެސް އުފާ ކުރައްވާ ކަމަށެވެ.

“މަމްސް” ޖަމްޢިއްޔާއިން އިސްނަގައިގެން ކުރަމުން ގެންދާ ފައިދާހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަނާވަނީ، ހުރިހާ މައިންނަށް، އަދި ޚާއްޞަކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މައިންނަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރިކުރުވުމަކީ، ދިގު މުއްދަތެއްގެ ފައިދާތަކެއް ލިބޭނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކްސްޕޯގައި އާއިލާތަކަށް އެހީވާ ފަންޑަކާއި ދިވެހި ކޮމިއުނިޓީ ހެލްޕިން ފެމިލީ ޓްގެދާ ވެސް އެކަމާ އިފްތިތާހު ކޮށްދެއްވި އެވެ. އަދި އެކްސްޕޯގެ ސްޓޯލްތައް ވެސް ބައްލާވާލެއްވި އެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ “މަމްސް” ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދަނީ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައެވެ. މި މައުރަޒުގައި ޖުމަލް 70 ސްޓޯލް ހިމަނާފައިވެއެވެ.

މަމްސް އެންޖީއޯ އާއި ލިލީ އެންޓަޕްރައިޒް ގެ ފަރާތުން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައި ވެއެވެ. އެންޖީއޯގެ އެމްއޯޔޫގައި ސޮއި ކުރެއްވީ ފައުންޑާ މެންބަރު ހަދީޖާ ސިތްރާ އެވެ. ލިލީގެ ފަރާތުން ސޮއި ކުރެއްވީ އާމިރު މަންސޫރެވެ.

“މަމްސް އެކްސްޕޯ” އަކީ މަސައްކަތެރި މައިންނާއި، އަންހެން ކަނބަލުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެކެވެ. މަމްސް ޖަމްޢިއްޔާއިން މިފަދަ މައުރަޒެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ، އަންހެނުން ބާރުވެރިކުރުމާއި، ވިޔަފާރި ފުޅާކުރަން އެހީތެރިވެ ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް މައިންނަށް ފުރުޞަތު ފަހިކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ