16 ސެޕްޓެމްބަރ 2019 ދުވަހާއި ގުޅޭ…..

މައްޔިތާ ހިނެވުމަށް އިސްވުން އެންމެ އަޢުލާވެގެންވަނީ ކާކު؟

ހިނެވުމަށް އިސްވުން އެންމެ ރަނގަޅީ ހިނެވުމުގެ ކަންތައްތައް އެންމެ ރަނގަޅަށް ދަންނަ މައްޔިތާއާއި އެންމެ ގާތް މީހާއެވެ. ފިރިހެނުން ހިނެވުމަށް އިސްވާނީ ފިރިހެނުންނެވެ. އަންހެނުން ހިނެވުމަށް އެންމެ އިސްވާނީ އަންހެނުންނެވެ. އަނބިމީހާ ހިނެވުމަށް އިސްވާނީ އޭނާގެ ފިރިމީހާއެވެ. އެދުންވެރިކަން ހިނގާވަރަށް ބޮޑުނުވާ ކުއްޖާ ހިނެވުމުގައި އަންހެނުންނާއި ފިރިހެނުން އިސްވުން ހަމަހަމަ ވެގެން ވެއެވެ. ހިލޭ ފިރިހެނަކު ހިނެވުމަށް ހިލޭ އަންހެނަކު ނޫން މީހަކު ނެތްނަމަ އަދި ހިލޭ އަންހެނަކު ހިނވުމަށް ހިލޭ ފިރިހެނަކު ނޫން މީހަކު ނެތްނަމަ މައްޔިތާ ހިނެވުމުގެ ބަދަލުގައި ތަޔައްމުމް ކުރާނީއެވެ.

ފިރިހެނާ ހިނެވުމަށް ފިރިހެނުންގެ ތެރެއިން އިސްވުން ރަނގަޅީ އޭނާގެ މައްޗަށް ކަށުނަމާދު ކުރުމުގައި ވެސް އިސްވުން ރަނގަޅު މީހުންނެވެ. ފުރަތަމަ މައްޔިތާގެ ޢަޞަބާއިންނެވެ. މިފަދަ މީހަކު ނެތްނަމަ ރަށުގެ ވެރިންގެ މައްޗަށް މިކަން ލާޒިމުވާނެއެވެ. އެއީ މިކަމުގެ ޚަރަދުތައް ބައިތުލްމާލުން ކުރެވޭނަމައެވެ. ބައިތުލްމާލުން މިކަމުގެ ޚަރަދު ކުރެވެން ނެތްނަމަ ވެރިމީހާއަށްވުރެ މައިފުށުގެ ގާތްތިމާގެ މީހުން މިކަމުގައި އިސްވެގެންވެއެވެ.

ޢަޞަބާއިންނަކީ މައްޔިތާގެ ބައްޕައެވެ. ދެން ބަފައިފުށުގެ ކާފައެވެ. ދެން ފިރިހެން ދަރިފުޅެވެ. ދެން ފިރިހެން ދަރިފުޅުގެ ފިރިހެން ދަރިފުޅެވެ. މިގޮތަށްގޮސް ބަލަދު އަރާ މީހުންނެވެ.

ހިނަވާނީ ކިހިނެއް؟

ހިނެވުމަށްޓަކައި މައްޔިތާ ނިވައި ތަނެއްގައި މޭޒެއްފަދަ އުސް އެއްޗެއްގެ މަތީގައި ބާއްވާށެވެ. ހިނެވުމުގެ ކަންކަން ކުރިޔަށްދާ ތަނަށް ހިނަވާމީހާއާއި އެ މީހާގެ އެހީތެރިންގެ އިތުރުން މައްޔިތާގެ ވަލީވެރިޔާ ނޫން ބަޔަކު ވަދެގެން ނުވާނެއެވެ. ބޭނުންވާ ވަރަށް ވުރެ އިތުރަށް މީހުން ވެއްދުމަކީ މައްޔިތާގެ ސިއްރުތައް ހިފެހެއްޓުމަށް ވެސް ހުރަސްއެޅިދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން ރައްކާތެރިވާން ވާނެއެވެ. މައްޔިތާ ހިނަވާނީ ފޮށައެއް ފަދަ އެއްޗެއް މައްޔިތާގެ ގައިމަތީގައި އަޅައި ނިވާކޮށްގެން އާދައިގެ ފެނުންނެވެ. މައްޔިތާ އައުރަ ނިވާކުރުމަށްޓަކައި މައްޔިތާގެ މަތީގައި އަޅާ ފޮށާއަކީ އެ ތެމުމުން އައުރަ އެނގޭހާ ތުނި ފޮށައަކަށް ވެގެން ނުވާނެއެވެ.

ދެންހިނަވާ މީހާ މައްޔިތާ އޯގާތެރިކަމާއިއެކު ނަގައި ބައިންދާނީއެވެ. މައްޔިތާގެ ކަނދުރާގައި ހިނަވާ މީހާގެ ކަނާއަތު ބޮޑުވައި އިނގިލި އަދި މައްޔިތާގެ ދެ ބޮނބިފަޅި ދެމެދުގައި ހިނަވާ މީހާގެ ކަނާއަތް  ޖައްސާނީއެވެ. ދެން މައްޔިތާގެ ބުރަކަށި ހިނަވާމީހާގެ ކަކުލުގައި ވިއްދާލައި މައްޔިތާގެ ބަނޑުމަތީގައި މަތިން ތިރިއަށް އޯގާތެރިކަމާއިއެކު ބާރަށް އަތް ހިންގާލައި ހުރިނަމަހުރި ނަޖިހެއް ބޭރަށް ނެރެލާނީއެވެ. އެއަށްފަހު މައްޔިތާ އުޑުތިލަމައްޗަށް ބާއްވައި ދިރިހުރި މީހަކު އިސްތިންޖާކުރާ ފަދައިން އޭނާގެ ދެދޮރު ރަންގަޅަށް ދޮވެލާނީއެވެ. މިކަން ކުރާނީ ވާއަތަށް އަންގި ލައްވައި ނުވަތަ ފޮތިކޮޅެއް އޮޅާލައިގެންނެވެ. ދެން އެހެން އަންގިއެއް ނުވަތަ އެހެން ފޮތިކޮޅެއް ބޭނުންކޮށްގެން މައްޔިތާގެ ދަތްތަކާއި، ނޭފަތާއި އަދި ކަންފަތު ހިނދުރި ވެސް ރަނގަޅަށް ސާފުކޮށްލާށެވެ. އެއަށްފަހު ދިރިހުރި މީހަކު ފަދައިން މައްޔިތާ ވުޟޫކުރުވާށެވެ. މައްޔިތާ ވުޟޫކުރުވުމަކީ ހިނެވުމުގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ވުޟޫ ކުރުވުމަށްފަހު ކުންނާރުފަތް ނުވަތަ ސައިބޯނިފަދަ އެއްޗެއްލައިގެން މައްޔިތާގެ ބޮލާއި މޫނު ރީއްޗަށް ދޮވެލާށެވެ. ބޮލުގައި އިސްތަށި ހުރިނަމަ ދަތް ދުރު ފުނަލަކުން ބޯ އޮމާންކޮށްލާށެވެ. މިގޮތަށް ފުނާއެޅިއިރު ވެއްޓުނު ކޮންމެ އިސްތައްޓެއް ބޮލަށް ލާންވާނެއެވެ.

ދެން އެއަށްފަހު މައްޔިތާ އުޑުތިލަމަތިން ބާއްވައި ކަނދުރާއިން ފެށިގެން ފައިތިލައާއި ހަމައަށް ދާންދެން ކަނާއަތު ކިބައަށް ފެންއަޅައި ދޮންނާށެވެ. ދެންހަމަ މިގޮތަށް ވާއަތުކިބައަށް ފެންއަޅައި ދޮންނާށެވެ. ދެން ވާއަތު ކިބައަށް ނަގާފައި ކަނާއަތު އަރިމައްޗަށް ބާއްވައި ކަނާއަތު އަރިމަތިން ފުއްކަނދުރާއިން ފަށައި ބުރަކައްޓާއިއެކު ދެފައިތިލައާއި ހަމައަށް ދޮވެލާށެވެ. މިގޮތަށް ދޮވުމުން މުޅި ހަށިގަނޑު އޮންނާނީ ދޮވެވިފައެވެ. މިގޮތަށް ދޮންނަ ދޮވުމަކީ އެއްދޮވުމެވެ. މިގޮތަށް ދެވަނަ ފަހަރާއި ތިންވަނަ ފަހަރަށް ދޮވުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ތިންވަނަ ފަހަރު ދޮންނައިރު ފެނަށް ކުޑަ ކާފޫރުކޮޅެއް ލައިގެން ދޮވުމަކީ ސުންނަތެކެވެ. އެކަމަކު މައްޔިތާއަކީ މުޚުރިމަކު ކަމުގައިވާނަމަ ހިނަވާ ފެނަށް ކާފޫރު ނުވަތަ މީރުވަސްދުވާ އެއްވެސް އެއްޗެއް ލައިގެން ނުވާނެއެވެ. އުންމުޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާ ރިވާކުރެއްވި ހަދީޘްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “دخل علينا رسول الله صلي الله عليه وسلم ونحن نحمل ابنته فقال :  إعسلنها ثلاث أو خمسا أو أكثر من ذلك بماء وسدر، واجعلن في الآخرة كافورا أو شئا من كافور وابدان بميا منها ومواضع الوضوء منها” (رواه البخاري)  މާނަ: “ސަލާމައި ޞަލަވާތް ލެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން (ޒައިނަބުގެފާނު) ހިނަވާން އަހަރެމެން އުޅެނިކޮށް އިތުރު އެކަލޭގެފާނު އަހަރެމެންގެ ގާތަށް ވަޑައިގެން ހަދީޘް ކުރެއްވިއެވެ. ތިޔަކަނބަލުން މީރުފެނުން އެކަމަނާ ހިނަވާށެވެ. އަދި ކުންނާރުފަތު ފެނުން ސާފުކުރާށެވެ.  ބޭނުން ޖެހިއްޖެނަމަ ތިންފަހަރުމަތިން ނުވަތަ ފަސްފަހަރު މަތިން ނުވަތަ އެއަށްވުރެވެސް އިތުރަށް، އޮނަހިރި ވާގޮތަށް ހިނަވާށެވެ. އެންމެފަހު ފަހަރު ކާފޫރުކޮޅެއް އެއްކޮށްލާށެވެ. ހިނަވާއިރު ކަނާއަތުކިބަ އިސްކުރާށެވެ. އަދި ހިނެވުމުގެ ކުރިން ވުޟޫކޮށްލާށެވެ.”

ހިނަވާ އަވަދިވުމަށްފަހު މައްޔިތާގެ ދެދޮރުންކުރެ ދޮރަކުން ނަޖިހެއް ނުކުމެއްޖެނަމަ އެ ނަޖިހެއް ފިލުވާލުން ވާޖިބުވާނެއެވެ. އެކަމުގެ ސަބަބުން ހިނެވުމެއް ނުގެއްލޭނެއެވެ. ހިނަވާމީހާ މައްޔިތާގެ އައުރައަށް ބެލުމަކީ ޙަރާމް ކަމެކެވެ. ހިނަވާމީހާ މައްޔިތާގެ އައުރައަށް ފިޔަވައި އެހެން ތަންތަނަށް ވެސް ބަލަން ޖެހޭނީ އެކަމަށް ކޮންމެހެން ބޭނުންވާ ތަންތަނަށް އެކަންޏެވެ. މައްޔިތާ ހިނަވާމީހާ އަމާނާތްތެރިއަކަށް ވާން ޖެހޭނެއެވެ. މައްޔިތާގެ ކިބައިން ފެނުނު ރަނގަޅު ކަމެއްގެ ވާހަކަ މެނުވީ ދައްކައިގެން ނުވާނެއެވެ. ހެޔޮކަމެއް ފެނުނު ނަމަ އެކަމެއްގެ ވާހަކަ ދެއްކުން ހުއްދަވެގެން ވެއެވެ. رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. “أذكرو محاسن موتاكم وكفوا عن مساويهم” (رواه أبوداود والترمذي) މާނަ: ” ތިޔަބައި މީހުންނަށް މައްޔިތާގެ ކިބައިން ހެޔޮކަމެއް ފެނިއްޖެނަމަ އެކަމުގެ ވާހަކަ ދައްކާށެވެ. އަދި އެމީހުންގެ ކިބައިން ގޯސްކަމެއް ފެނިއްޖެނަމަ އެ ވާހަކަ ނުދައްކާށެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.