ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަކީ މިހާރު ދެ އެންޓަރޓެއިންމަންޓް އިންޑަސްޓްރީ ކަމަށް ވާ އިންޑިއާ އަދި ޔޫ އެސް ގެ ހިއްސާދާރެކެވެ. ޕްރިޔަންކާގެ ކެރިއަރ ކުރިއެރުވުމަށްޓަކައި މުމްބާއީ އަދި ލޮސް އެންޖަލިސްގައި އަވަދިނެތި މަސައްކަތް ކުރާއިރު މިހާރު ޕްރިޔަންކާއަކީ ގޭގައި ފިރިމީހާގެ ޚިދުމަތުގައިވެސް އެހާމެ އަވަދި ނެތި މަސައްކަތްކުރާ ހީވާގި ކަނބަލެކެވެ.

ފިލްމް ‘ދަ ސްކައި އިޒް ޕިންކް’ ރިލީޒް ކުރުމުގެ މަސައްކަތުގައި މިހާރު ޕްރިޔަންކާ އިންޑިއާގައި މަސައްކަތް ކުރަމުން ދާއިރު، މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ޝޮނާލީ ބޯސް އެވެ. ފިލްމުގައި ފާހަގަ ކޮށްލެވޭ އެހެން އެކްޓަރުންނަށް ބަލާއިރު، ފަރްހާން އަޚްތަރް، ޒައިރާ ވާސިމް، އަދި ރޯހިތު ޝަރަފް ހިމެނެއެވެ.

ފިލްމު ޚިޔާރުކުރުމުގައި އެހާ ބޮޑަށް ރަސްމީ ނުވަތަ މާ ސީރިއަސް ރޯލްތައް ނުހުންނަ ކެރެކްޓަރތައް ޚިޔާރު ކުރުމުގައި ބަލާކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. އަދި އެހާ ފަހުގެ ގޮތްތައް ނުހުންނަ ނުވަތަ އެހާ ކުރީގެ ގޮތްތައް ނުހުންނަ ކެރެކްޓަރ އަކީވެސް ޚިޔާރު ކުރުމުގައި ބަލާ ކަންކަން ކަމުގައި ޕްރިޔަންކާ ފާހަގަ ކުރެއެވެ.

ޕްރިޔަންކާ ބުނެފައިވާ ގޮތުގައި ޕްރޮފެޝަނަލް ދިރިއުޅުމާއި ޕާސަނަލް ދިރިއުޅުން ހަމަހަމަ ވާން ވާނެ އެވެ. ޕްރިޔަންކާ ފާހަގަ ކުރާ ގޮތުގައި އިނދެގެން ނުވަތަ ރައްޓެހި ވެގެން އުޅޭ ދެމީހެއްގެ މެދުގައި ހާއްސަ ގަވައިދު ތަކެއް ހުންނަންވާނެ ކަމަށެވެ. މިސާލަކަށް: ދެމަފިރިން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވަކިން އުޅެން ޖެހުނު ނަމަވެސް އެންމެ މަދުވެގެން ހަފްތާއަކު އެއްފަހަރު ދެމީހުން ކޮންމެވެސް ގޮތަކުން ބައްދަލުވާން ވާނެ ކަމަށާއި ދެމީހުންގެ ދިރިއުޅުމުގެ ކިތައްމެ ކުޑަ ކަމެއް ނަމަވެސް އެކަކު އަނެކަކަށް ހިއްސާ ކުރަންވާނެ ކަމަށެވެ.

ޕްރިޔަންކާ އޭނާގެ ދިރިއުޅުން ސިފަކޮށްފައިވަނީ ޒަމާންވީ ގުޅުމުގު ނަމުންނެވެ. އެ ދެމަފިރިންނަކީ އެކަކު އަނެކަކުގެ ވަޒީފާއަށް ލޯބިކުރާ އަދި އެކަކު އަނެކަކުގެ ރަޙްމަތްތެރިންނަށް އިޙްތިރާމްކުރާ ދެމަފިރިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.