އާބާދީ އިތުރުވުމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ޤައުމެއްގައި ދެ ދަރިން ނުވަތަ ދެތިން ހަތަރު ދަރިން ތިބުމަކީ އެންމެ އެކަށީގެންވާ ވަރު ކަމަށް ގިނަ ބަޔަކު ދެކެފާނެއެވެ. ނަމަވެސް އިންޑިއާ ރައްޔިތެއް ކަމަށްވާ ޒިއޯނާ ޗާނާ އަކީ އާދައިގެ މީހެއް ނޫނެވެ. ޒިއޯނާ ޗާނާ އަކީ ދުނިޔޭގައިވާ އެންމެ ބޮޑު އާއިލާގެ އެންމެ އިސް މީހާ ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ޒިއޯނާ ޗާނާގެ 39 އަނބިންނާއި 94 އުފަން ދަރީން ތިބެއެވެ.

ޒިއޯނާ އަކީ އިންޑިއާގެ ބަކްތުވޮންގް ގެ “ޗާނާ” އޭ ކިޔުނު ގަބީލާއަކަށް ނިސްބަތްވާ ބޮޑު އާއިލާއެއްގެ އެންމެ އިސް މީހާއެކެވެ. އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ޤައުމެއްކަމަށްވާ މިޒޮރަމްއަށް އުފަން ޒިއޯނާ ޗާނާގެ ބޮޑު ހަވޭލީއެއް ފަދަ ގޭގައި 100 ނިދާ ކޮޓަރި ހުރެއެވެ. އެއީ އޭނާގެ 39 އަނބިންނާއި، 94 ދަރިންނާއި، 33 ކާފަދަރިން ދިރިއުޅެމުން އަންނަ ގެއެވެ. ޒިއޯނާގެ ގަބީލާގައި އެމީހަކު ބޭނުން ވަރަކަށް އަނބިން ގެންގުޅުމަކީ ހުއްދަކަމެކެވެ. ޒިއޯނާގެ އަނބިން ދިރިއުޅެނީ ޒިއޯނާގެ ކޮޓަރި ކައިރީގައި ހަދާފައި ހުންނަ ބޮޑު ކޮޓަރިއެއްގައެވެ.

ޒިއޯނާގެ ބޮޑު އާއިލާ ދިރިއުޅެމުން އަންނަ ބިޔަ ހަވޭލީ – ފޮޓޯ: ޑެއިލީ މެއިލް

ޒިއޯނާގެ މިހާ ގިނަ އަނބިންނާއި ދަރިން އެއް ފުރާޅެއްގެ ދަށުގައި އުޅޭއިރު އާދައިގެ ދުވަހެއްގައި އެ ހަވޭލީގައި ކަންތައްތައް ހުންނަގޮތަކީ ކޮބައިކަން ބަލައިލަން ބޭނުންވާނެކަން ގައިމެވެ.

ކެއްކުމުގެ މަސްއޫލިއްޔަތުތައް އަނބިންގެ މެދުގައި އޮންނަނީ ބަހައިލެވިފައެވެ. ގޭތެރެ ސާފުކުރުމާއި އަންނައުނު ދޮވުމުގެ މަސްޢޫލިއްޔަތު ހަވާލުކޮށްފައި އޮންނަނީ ޒިއޯނާގެ އަންހެން ދަރީންނާއެވެ. ފުރާފުހިމަވެފައިވާ ފިރިހެން ދަރީންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. އެގޮތުން ދަނޑުވެރިކަންކުރުމާއި ޖަނަވާރުތައް ބެލެހެއްޓުންފަދަ ކަންކަން ކުރަން ޖެހެއެވެ.

މިވަރުގެ ބިޔަ އާއިލާއެއް ބެލެހެއްޓުމުގެ ކަންތައްތައް އޮންނަނީ ކިހިނެއްބާއޭ ހިތަށްއަރާފާނެއެވެ. އާއިލާއަށް ބޭނުންވާ ކާބޯތަކެތި ހޯދުމަށް އެމީހުންގެ އަމިއްލަ ވަޞީލަތްތައް ހުރެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުން ލިބޭ އެހީތަކުގެ ބޭނުންވެސް ކުރެއެވެ. ޒިއޯނާގެ އާއިލާގެ އެއް އިރުކޮއްތަށް 30 ކުކުޅާއި، 59 ކިލޯ އަލުއްވާއި، 100 ވަރަކަށް ކިލޯގެ ހަނޑޫ ބޭނުންވެއެވެ.

ޒިއޯނާގެ ކާފަ ދަރިންނާއި އެންމެ ހަގަށް ތިބޭ ކުޑަކުދިން އެކުދިންގެ ކޮއްތު ހިއްސާކޮށް އުޅެނީ މިހެންނެވެ.

ޒިއޯނާގެ ކާފަ ދަރިންނާއި އުފަންދަރިންގެ ތެރެއިން ކުޑަކުދީން ކައިބޮއެ އުޅެނީ މިހެން – ފޮޓޯ: އެންބީސީ ނިއުސް

ކޮންމެ ރެއަކުވެސް އެތަކެއް އަނބީންނާއެކު ޒިއޯނާ ރޭކުރެއެވެ. އެކަމަށްވެސް އޮންނަނީ ތާވަލެއް ހަދާފައެވެ. އަނބިން ނިދަނީ އޭނާގެ ކޮޓަރިއާއި އިންވެގެން ހުންނަ ބޮޑު ކޮޓަރިއެއްގައެވެ.

ޒިއޯނާގެ އަނބިން ދިރިއުޅޭ ބޮޑު ކޮޓަރި – ފޮޓޯ: ޑެއިލީ މެއިލް

މިވަގުތު ޒިއޯނާގެ 39 އަނބިން އެބަ ތިއްބެވެ. ނަމަވެސް ޒިއޯނާ އަނބިން ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލައެވެ. އޭނާ ބުނާގޮތުން: “އަހަރެން ބަލަހައްޓަން ޖެހޭ އެތަކެއް ބައިވަރު މީހުން އެބަތިބި. އަހަރެން ދެކެނީ އަހަންނަނީ ނަސީބުވެރިއެއްކަމަށް.” އެއް އަހަރު ތެރޭގައި 10 މީހުނާއި ކައިވެނިކޮށްފައިވާ ޒިއޯނާ ބުންޏެވެ.

ޒިއޯނާ، އޭނާގެ 39 އަނބިންނާއެކު – ފޮޓޯ: ޑައިލީ މެއިލް

މިވަރުގެ ބޮޑު އާއިލާއެއް އެއް ފުރާޅު ދަށުގައި އުޅޭއިރު، އެއް އަނބިން އަނެއް އަންބަށްް ނުނިޔަތްލުމާއި ޒިއޯނާގެ ލޯބި ހޯދުމަށް އެކިއެކި ނުބައި ރޭވުންތައް ރާވާ ކަމަށް ހީވާނަމަ، ތިޔަ ކުރެވެނީ ކުށް ހީއެކެވެ. ޒިއޯނާގެ އަންބެއް ކަމަށްވާ ހަންތަރަންގަންކީ ބުނީ އެމީހުންގެ ބިޔަ އާއިލާގައި މައްސަލައެއް ނުޖެހި ދިރިއުޅެމުން އާދެވުމުގެ ސިއްރަކީ އެމީހުންގެ ދޭދޭ ގުޅުން ބިނާވެފައިވަނީ ލޯތްބާއި އިހްތިރާމުގެ މައްޗަށް ކަމަށްވާތީ އެވެ.

ޒިއޯނާގެ ބިޔަ އާއިލާއާއެކު – ފޮޓޯ: ޑެއިލީ މެއިލް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.