އެ ހުންނަނީ ކޯނި ކޯންޏަށެވެ. އެ އަޅަނީ ވެލެއްގައެވެ. އޭގެ ފެހި ރަތް ރީނދޫ ދަނބު ކުލައިގެ އެއްޗެއްސާއި ދިގު އެއްޗެއްސާއި ވަށް އެއްޗެހި ހުރެއެވެ. ކާލަން ވަރަށް މީރެވެ. އާނއެކެވެ. މިދައްކަނީ މޭބިސްކަދުރުގެ ވާހަކައެވެ. މި ލިޔުން ފެށުމުގައި ނުލިޔެ ދޫކޮށްލެވުނު އެންމެ މުހިންމު މައުލޫމާތަކީ މޭބިސްކަދުރަކީ ސިއްހަތަށް އެންމެ ފައިދާހުރި އެއް ކާނާކަމެވެ. އެ މޭވާވަނީ ޕޮޓޭސިއަމް އާއި ކާބޯހައިޑްރޭޓް، ޕްރޮޓީނާއި ވިޓަމިން އޭ، ވިޓަމިން ސީ، ކެލްސިއަމް، ދަގަނޑު، ވިޓަމިން ބީ6 އާއި މެގްނީސިއަމް އިން މުއްސަނދި ވެފައެވެ. (މިހާ ހިސާބުން ފުން ނޭވާއެއް ލާށެވެ.) މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު މޭބިސްކަދުރު ކައިފިއްޔާ، މުޅި ހަށިގަނޑަށް އަންނަ ހެޔޮ ބަދަލާމެދު އަންތަރީސް ވާނެއެވެ. އޭގެ ތެރޭގައި ތިރީގައި މިވާ ކަންކަން ހިމެނެއެވެ.

1- ހިތުގެ ސިއްހަތު ރަނގަޅުވޭ.

މޭބިސްކަދުރު ފުރިގެންވަނީ ހިތުގެ ބަލިތަކުގެ ހިރާސް ދަށްކޮށްދޭ މާއްދާ ތަކަކުންނާއި ވިހަ ނައްތާލަދޭ މާއްދާ ތަކަކުންނެވެ. އޭގެ ތެރޭގައި ޕޮލީފިނޯލް ކިޔާ މާއްދާއެއްވެސް ހިމެނެއެވެ. މިއީވެސް ހިތުގެ ބަލިތަކުގެ ހިރާސް ކުޑަކޮށްދޭ އެއްޗެކެވެ.

ބޮސްޓަން ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިން އިން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި މޭބިސްކަދުރުގެ ޕޮލީފިނޯލަކީ ނުބައި ކޮލެސްޓްރޯލް އާއި ލޭގެ ޕްރެސަރ ދަށްކޮށްދޭ އެއްޗެކެވެ. އެ ދިރާސާއިން ނިންމި ގޮތުގައި މޭބިސްކަދުރު ހިމަނައިގެން ތައްޔާރު ކުރެވޭ މޭވާއާއި ތަރުކާރީގެ ކެއުމަކުން ހިތުގެ ބަލީގެ ހިރާސް ދަށްކޮށްދެއެވެ.

2- ހަޖަމުކުރާ ނިޒާމު ރަނގަޅުކޮށްދޭ.

މޭބިސްކަދުރަކީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭ މޭވާއެކެވެ. ފައިބަރަކީ ކާތަކެތި ހަޖަމުކޮށްދީ އުނދަގުލެއްނެތި ބޭރުކުރުމަށް އެހީވެދޭ އެއްޗެކެވެ. މޭބިސްކަދުރުގެ ފައިބަރަކީ ވިރިގެން ނުދާ އެއްޗެއް ކަމަށްވާތީ ގޮހޮރުގެ ސިއްހަތަށް މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. މޭބިސްކަދުރުގައި ހިމެނޭ ފެނަކީވެސް ހަޖަމު ކުރުމުގައި އެހީވެދޭ މުހިންމު މާއްދާ އެކެވެ.

3- އިތުރު ހަކަތަ ލިބޭ.

ގުދްރަތީ ގޮތުން ހަކަތަ އިތުރުކޮށްދޭ މާއްދާ ތަކެއް ކަމުގައިވާ ކާބޯހައިޑްރޭޓްސް އާއި ޚާއްސަ ވައްތަރެއްގެ ސެލުލޯސްއެއް މޭބިސްކަދުރުގައި ހިމެނެއެވެ. މޭބިސްކަދުރު މުށެއް ކާލުމުން ވަގުތުން ހަކަތަ ލިބެއެވެ. އަދި މިއަށްވުރެ މޮޅުކަމަކީ، މޭބިސްކަދުރުގައި ހިމެނޭ ފައިބަރ ގެ ސަބަބުން، ހަކަތަ އަށް ބަދަލުވާ ބަދަލުވުން މިންހަމަކޮށްދީ ހަކަތަ ގިނައިރު ދެމިހުންނަގޮތް ވުމެވެ.

4- ގުރުދާގެ ސިއްހަތު ރަނގަޅުވުން.

ކުރިންވެސް ބުނެވުނު ފަދައިން މޭބިސްކަދުރުގައި ވިހަ ނައްތާލަދޭ ބާރުގަދަ މާއްދާތަކެއް ވެއެވެ. އޭގެ ތެރޭގައި އެންތޯސިއަނިން (މޭބިސްކަދުރަށް ރަތްކުލައާއި ދަނބުކުލަ ގެނެސްދޭ މާއްދާ) އާއި ރެސްވެރަޓޯލް ހިމެނެއެވެ. މިދެމާއްދާ، ކިޑްނީ ބަލިތަކުން ރައްކާތެރިކުރުމުގެ މުހިންމު ދައުރެއް ކުޅެއެވެ. ކިޑްނީއާ ހަމައަށްދާ ޔޫރިކް އެސިޑް ބޭރުކޮށްލަން މި މާއްދާތަކުން އެހީވެދެއެވެ.

5- ގިނަ ބާވަތްތަކެއްގެ ކެންސަރުން ދިފާއުވެވޭ.

އަނެއްކާވެސް ވިހަ ނައްތާލަދޭ މާއްދާ ތަކުގެ ވާހަކައެވެ. މި ވިހަތަކާ ހަނގުރާމަކުރާ “އިންޖީނުގެ” ތަކުގައި ކެންސަރަށް ހަމަލާދޭ ބާރެއް ވެއެވެ. މީގެ ސަބަބުން އެތައް ބާވަތެއްގެ ނުރައްކާތެރި ކެންސަރުތަކަކުން ހަށިގަނޑު ސަލާމަތް ކޮށްދެއެވެ. މީގެ ތެރޭގައި އުރަމަތީގެ ކެންސަރުވެސް ހިމެނެއެވެ.

6- ނޭވާލާން ފަސޭހެވޭ.

ނޭވާހިއްލާ މީހުން މޭބިސްކަދުރާއެކު މޭވާ އާއި ތަރުކާރީ ކެއުމަކީ އެކަމަށް ލުއި ލިބޭ ކަމެކެވެ. “ނިއުޓްރިއަންޓްސް” މަޖައްލާގައި ބަޔާންކޮށްފައިވާ ގޮތުގައި މޭވާ އާއި ތަރުކާރީން، ނޭވާހިއްލުމުގެ ބަލީން ރައްކާތެރިކޮށްދިނުމުގައާއި އޭގެ ފަރުވާއަށް މުހިންމު ދައުރެއް އަދާކުރެއެވެ. 2007 ވަނަ އަހަރު ކުރެވުނު ދިރާސާ އަކުން ދައްކާ ގޮތުގައި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި ދިރިއުޅޭ ކުޑަކުދިންގެ ކެއުމުގައި އެކި ބާވަތުގެ ބަދަނާއި މޭބިސްކަދުރު އާންމުކޮށް ހިމަނާތީ އެ ކުދިންނަނީ ނޭވާހިއްލުމުގެ ބަލިން ވަރަށް ބޮޑަށް ރައްކާތެރި ވެފައިވާ ކުދިންނެވެ. މޭބިސްކަދުރުގައި ވަރަށް ގިނައިން ފެން އެކުލެވުމަކީ މީގެ ސަބަބަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

7- ހަށިގަނޑު ވަތުގަދަވެފައި ހަރަކާތްތެރިވެވޭ.

މޭބިސްކަދުރަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކޮށްދޭ މޭވާއެކެވެ. ޔުނިވަރސިޓީ އޮފް ޖޯޖިޔާގެ ޑިޕާޓްމަންޓް އޮފް ކިނެސިއޮލޮޖީން، މީދާ ބޭނުންކޮށްގެން ކުރި ދިރާސާއެއް ދައްކާގޮތުން މޭބިސްކަދުރުގެ ތޮށީގައި ހުންނަ މާއްދާ ތަކެއްގެ ސަބަބުން އޭތި ބަނޑުހައިވުން ލަސްކޮށްދީ، ވަރުބަލިވުމުން ދުރުކޮށްދީ ފިޓްކޮށް އޮވެއެވެ. އަދި މިހާތަނަށް އިންސާނުންނަށް މި ދިރާސާގެ ޓެސްޓްތައް ހެދިފައި ނުވިއަސް މިކަމުން އިންސާނުންނަށްވެސް މި ފައިދާތައް ލިބޭނެކަމަށް ބެލެވެއެވެ. އެހެން ވެއްޖެނަމަ ތިޔަ ބޭނުންވާ ފަދައިން ހަށިގަނޑު ވަރުގަދަ ހަރަކާތްތެރި މީހަކަށް ވެވޭނެއެވެ. އާނއެކެވެ! މޭބިސްކަދުރު ކެއުމަކީ ހަމަ ހެޔޮވާނޭ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.