“މާމުއި” ގެ ކާމިޔާބީއަށްފަހު ޑާކްރެއިންއިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު “ނޮވެމްބަރު“ގެ މެއިން ސްޕޮންސަރަކަށް “ކޭޕާކް ރެސިޑެންސް” ހަމަޖެއްސިކަން ޑާކްރެއިން އެންޓަޓެއިންމެންޓުން އިޢުލާނުކޮށްފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން “ނޮވެމްބަރު” އަކީ ލޯބީގެ އަސަރު ގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ކާމިޔާބު ޕްރޮޑިއުސަރ މުހައްމަދު އަލީ (މޮގާ) ވިދާޅުވީ “ނޮވެމްބަރު” ގެ މެއިން ސްޕޮންސަރަކަށް “ކޭޕާކް ރެސިޑެންސް” ހަމަޖެހިގެންދިއުމަކީ އެ ފިލްމު ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކޭޕާކްގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތުން އަބަދުވެސް އެ ކުންފުންޏަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

“ނޮވެމްބަރު”ގެ ޝޫޓިން ތެރެއިން ޗިއްޕެ އާއި ޝިނާން – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

ނޮވެމްބަރު”ގެ ލީޑުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަޤްބޫލު ޖޯޑު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ އާއި އިސްމާޢީލް ވަޖީހް ހިމެނެއެވެ. މީގެ އިތުރުން، އިތުރު އާ ތަރިންތަކެއް ފެނިގެންދާނެ ކަމަށް ޑާކްރެއިން އިން މަޢުލޫމާތުދެއެވެ.

މާލެ އަދި އަތޮޅުތެރޭގައާއި ސިންގަޕޫރުގައި ޝޫޓްކުރަން ނިންމާފައިވާ ފިލްމު ”ނޮވެމްބަރު“ގެ ޝޫޓިން ނަގަން ފަށާފައިވަނީ މާލޭގައެވެ.

އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ”ނޮވެމްބަރު“ ޑައިރެކްޓްކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި އަޙްމަދު ޝިނާން އެވެ. ”ނޮވެމްބަރު”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.