‘އައި ފިލްމްސް’ގެ ސަސްޕެންސް ތްރިލާ ”ބަވަތި” ހައްދުންމަތީ ބައެއް ރަށްރަށުގައި އަޅުވަން ތައްޔާރުވެފައިވާއިރު، ލ. ހިތަދޫގައި ވެސް ފިލްމު އަޅުވާނެ ކަމަށް އައި ފިލްމްސް އިން ބުނެފިއެވެ.

ލ. އަތޮޅުގައި ”ބަވަތި” ދެއްކުމަށް ހަމަޖެހިފައިވަނީ ލ. ގަމުގައި މި މަހު 10ގައި، ލ. މާމެންދޫގައި މިމަހު 11ގައި، މާވަށުގައި މިމަހު 12ގައި އަދި ލ. ހިތަދޫގައި މިމަހު 13ގައެވެ.

ލ. އަތޮޅުގެ މި ހަތަރު ރަށުން ”ބަވަތި” ބަލަން ބޭނުންވާ ފަރާތްތަކުން 7729997 އަދި 9899996 އަށް ގުޅުމަށް އައި ފިލްމްސް އިން އެދެއެވެ.

އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުތް، އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ ސަންޕެންސް ތުރިލާ ފިލްމު ”ބަވަތި”އަކީ މިފަހަކަށް އައިސް ދިވެހި ސިނަމާގައި އެޅުވި އެންމެ ތަފާތު އެއް ފިލްމެވެ. ”ބަވަތި“ގެ ލީޑް ކުޅެފައިވަނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ނުޒުހަތު ޝުއައިބު އާއި އަލަށް ފީޗާ ފިލްމަކުން ތައާރަފްވި އެކްޓަރު އަޙްމަދު އިފްނާޒް އެވެ. މި ފިލްމަކީ އިފްނާޒްގެ ފުރަތަމަ ފިލްމު ނަމަވެސް ފިލްމުގައި އޭނާވަނީ ބެލުންތެރިން ހައިރާންކޮށްލާފަދަ އެކްޓިންއެއް ދައްކުވައިދީފައެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ”ބަވަތި”ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާ އެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު ހަރަކާތްތެރިވާއިރު، ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.