ސިދާރްތު އާނަންދު ޑައިރެކްޓް ކޮށްފައިވާ ފިލްމް ‘ވޯރ’ އަކީ ބޮލީވުޑް ފިލްމް ތަކުގެ ތެރެއިން މިއަހަރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު މާކެޓެއް ހޯދި ފިލްމަށް ވީއިރު މި ފިލްމުގެ ލީޑިންގ އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރި ވެފައި ވަނީ ރިތިކް ރޯޝަން އާއި ފަހުގެ ޖެނެރޭޝަންގެ އެކްޓަރ ޓައިގަރ ޝްރޮފް އެވެ. ފިލްމު ދައްކާލި ހަފްލާގައި ތިއޭޓަރުގައި އެ ދެމީހުންގެ ހާއްސަ ހަރަކާތެއް ދައްކާލާފައި ވެއެވެ. ވޭތުވެ ދިޔަ ހަތް ދުވަސް ތެރޭގައި 200 ކުރޯޑު ރުޕީސް ލިބިފައިވާ މި ފިލްމަކީ މިހާތަނަށް މިހައި ކުރު މުއްދަތެއްގައި މާކެޓް އަތުލި ފުރަތަމަ ފިލްމެވެ.

ފިލްމުގެ ފުރަތަމަ ހަފުތާ މިދިޔަ އަންގާރަ ދުވަހާ ހަމައަށް ނިމިފައި ވާއިރު ޖުމްލަ 206 ކުރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ފިލްމަށް ލިބިފައެވެ. މި ފިލްމަކީ ފުރަތަމަ ހަފުތާ ތެރޭގައި ބޮކްސް އޮފީސްގެ ފިލްމުތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމެވެ. އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް ތަކުގެ ލިސްޓުގެ ތިން ވަނައިގައި ‘ވޯރ’ ހިމެނިފައި ވާއިރު، އެއްވަނަ އަދި ދެވަނައިގައި ވަނީ ‘ކަބީރް ސިންގް’ އަދި ‘ޔޫރީ-ދަ ސަރޖިކަލް ސްޓްރައިކް’ އެވެ.

ބޮޑު އާމްދަނީއެއް ހޯދަމުންދާ ‘ވޯރ’، ބުދަ ދުވަހުވެސް ވަނީ ބޮޑު އާމްދަނީއެއް ޖަމާކޮށްފައެވެ. ބޮކްސް އޮފީހުގެ އެންމެ ފަހުގެ ރިޕޯރޓުގައި ފާހަގަކޮށްފައި ވަނީ ބުދަ ދުވަހުވެސް އެންމެ ބޮޑު އާމްދަނީ ހޯދާފައިވަނީ ފިލްމް ‘ވޯރ’ ކަމަށެވެ. ހަމައެކަނި ބުދަދުވަހުގެ އާމްދަނީއަށް ބަލާލާއިރު 11 ކުރޯޑު ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ހޯދާފައެވެ.

ހަފުތާ ބަންދާ ދިމާކޮށް ރިލީޒްކުރި މި ފިލްމުގެ ބުދަ ދުވަހުގެ އާމްދަނީ ހުކުރު ދުވަހަށް ވުރެ 40 އާއި 45 އިންސައްތަ ދެމެދަށް ދަށްވެފައި ވެއެވެ. ފިލްމަށް ހަތްދުވަސް ފާއިތު ވެފައި ވާއިރު ކުރިއަށް އޮތް ދުވަސް ތަކުގައިވެސް އެދެވޭ ރަނގަޅު ނަތީޖާ ތަކެއް ހޯދާނެ ފިލްމަކަށް މި ފިލްމު ވާނެކަން ޔަގީނެވެ.

‘ވޯރ’ މިއަހަރުގެ އެންމެ އާމްދަނީ ބޮޑު ފިލްމަށް ވާދަ ކުރަމުން ދާއިރު، މިހާތަނަށް މިއަހަރު އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ ފިލްމަކީ ޝާހިދު ކަޕޫރުގެ ‘ކަބީރް ސިންގ’ އެވެ. މި އަހަރުގެ ކުރީކޮޅު ރިލީޒް ކޮށްފައިވާ މި ފިލްމަށް ޖުމްލަ 276 ކުރޯޑު ރުޕީސް ލިބިފައި ވާއިރު ރިލީޒް ކުރި ފުރަތަމަ ހަފްތާ ތެރޭގައި ތިންވަނައަށް އެރި ‘ވޯރ’ އަށް އަހަރުގެ އެއްވަނަ ފިލްމަށް ވާސިލްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

މި އަހަރުގެ އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ ފިލްމުތައް:-

ކަބީރް ސިންގ – 276.34 ކުރޯޑް ރުޕީސް
ޔޫރީ-ދަ ސަރޖިކަލް ސްޓްރައިކް – 244 ކުރޯޑް ރުޕީސް
ވޯރ – 206.50 ކުރޯޑް ރުޕީސް
ބާރަތު – 197.34 ކުރޯޑް ރުޕީސް
ނިޝަން މަންގަލް – 192.54 ކުރޯޑް ރުޕީސް

އެންމެ ބޮޑު އާމްދަނީ ހޯދާ ފިލްމަކަށް ވުމުގެ ފުރުޞަތު އެންމެ ބޮޑު ފިލްމަކީ ‘ވޯރ’ އަށް ވާއިރު އެކަން ކަށަވަރުވާނީ އަންނަ ހުކުރު ދުވަހުއެވެ. ކުރިއަށް އޮތް ދިވާލީގައި އަކްޝޭ ކުމާރުގެ ‘ހައުސް ފުލް 4’ ރިލީޒްކުރާ ހިސާބުން ‘ވޯރ’ގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެން ދާނެއެވެ.
ސިދާރްތު އާނަންދު ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނަ ބައެއް ތަރިންނަށް ބަލާލާއިރު، ވާނީ ކަޕޫރް އަދި އަޝިތޯޝް ރާނާ ފާހަގަ ކޮށްލެވެއެވެ. ޖުމްލަ ހަތް ގައުމެއްގައި މަންޒަރުތައް ނަގާފައިވާ މި ފިލްމު ‘ވޯރ’ ރިލީޒް ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.