އެއީ، އެ ހާދިސާއަށް މުޅި ދުނިޔޭގެ ކަޅި ހުއްޓުނު އެއް ހާދިސާ އެވެ. މުޅި ދުނިޔެ އެކުގައި ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ހާދިސާއެވެ. އެ ހާދިސާގެ މައްޗަށް ތައްޔާރުކުރާ، ނޭވާ ހިފަހައްޓާލައިގެން ތިބެ ބަލަން މަޖުބޫރުވާނެ ފިލްމު “ދަ ކޭވް” އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާނެއެވެ.

ތައިލެންޑުގެ ތަމް ލުއާން ހޮހޮޅައިގެ ތެރޭގައި ދެ ހަފުތާއަށްވުރެ ގިނަ ދުވަހު ތާށިވެފައިތިބި 12 ކުދިންގެ މައްޗަށް އޮތް ފުޓުބޯޅަ ޓީމުގެ ހުރިހާ ކުދިން ސަލާމަތްކުރި ހާދިސާ ވެގެން ދިޔައީ މުޅި ދުނިޔޭގެ ނަޒަރު އެ ދިމާއަށް ހުއްޓިފައި އޮތް ހާދިސާއަކަށެވެ.

ތައިލެންޑަށް އުފަން ޕްރޮޑިއުސަރު/ޑައިރެކްޓަރު ޓޮމް ވޮލާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު “ދަ ކޭވް” އަންނަ ނޮވެމްބަރު މަހު 21 ގައި ރިލީޒްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ތައިލޭންޑްގައި މި ފިލްމު އާއްމުކޮށް ދައްކަން ފަށާނީ ނޮވެމްބަރު 28 ގައެވެ.

“ދަ ކޭވް”ގެ މައިގަނޑު ހާދިސާއަކީ ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތް ކުރަން ޑައިވަރުން ކުރި ހިތްވަރު ގަދަ އަދި އާދަޔާޚިލާފު މަސައްކަތެވެ. އެހެންވެ “ދަ ކޭވް” ގައި ހާދިސާގައި އަމަލީ ގޮތުން ބައިވެރިވި ބައެއް ޑައިވަރުން ފެނިގެން ދާނެ އެވެ.

“ތައިލެންޑަށް އުފަން ޑައިރެކްޓަރެއްގެ ހައިސިއްޔަތުން މި ފިލްމު ހެދުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަހަރެން ވަރަށް މަސައްކަތް ކުރާނަން ވީހާ ވެސް އަސްލާ އެއްގޮތަށް ފިލްމު ބެލުންތެރިންނަށް ގެނެސް ދޭން،” މި ފިލްމު ހެދުމާމެދު ޓޮމް ވޮލާ ބުންޏެވެ.

“ހޮލީވުޑް ފިލްމުތަކުގަ، ކަނޑު އަޑީގެ މަންޒަރުތައް ނަގާއިރު، ފެންގަނޑު އޮންނަނީ ސާފުކޮށް. ނަމަވެސް މި ފިލްމުގަ ކިލަނބު ފެންގަނޑެއް އޮންނާތީ އެއީ އެންމެ ބޮޑު ތަފާތަކީ. މި ފިލްމުން ދައްކައިދޭނެ އަސްލު ހާދިސާ ސިފަކޮށްދޭ މަންޒަރުތަކެއް.” ފިލްމު ނެގުމުގައި ހުރި ދަތިތައް ކިޔައިދެމުން ޓޮމް ފާހަގަކުރިއެވެ.

މި އަހަރު ޖުލައި މަހު މި ފިލްމު ރިލީޒްކުރާނެ ކަމަށް ބުނި ނަމަވެސް ފިލްމުގެ މަސައްކަތަކީ ބުރަ އަދި ނުރައްކާތެރި މަސައްކަތެއް ކަމުން މިހާރު ބެލެވެނީ މި ފިލްމު ރިލީޒްކުރެވޭނީ ނޮވެމްބަރުގައި ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.