​އިރުގެ އުޖާލާ އަލިން މުޅި ރަށުތެރެ ހުޅުދާން ކޮށްފި އެވެ. އަޒާން މަޑުމަޑުން އޭނާގެ އެއްޗެހިތައް ދަބަހަށް އަޅަމުން ދިޔައީ މާލެ ދާން ޖެހޭތީ ވަރަށް ދެރަވެފައި ހުރެއެވެ. ރަށުގެ ހިތްފަސޭހަ މާޙައުލާއި އަލްވަދާޢު ކިޔުމަކީ އެއްވެސް ހާލެއްގައި އަޒާން ބޭނުންވާ ގޮތެއް ނޫނެވެ. ފުރާނަ ފަދައިން އަޒާން ލޯބިވާ އޭނާގެ މަންމަ އާތިފާ އާއި ބައްޕަ މޫސަ އާއި ވަކިން މުޅިން އާ ހަޔާތެއް ފެށުން އޭނާއަށް ވެފައި ވަނީ ބޮޑު އިމްތިޙާނަކަށެވެ. ދިރިއުޅުމުގައި ދިމާވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި  މިކަން ވާނެ ކަމަށް އަޒާން ގެ ހިތް ދިޔައީ ބުނަމުންނެވެ.

އަޒާންގެ އުމުރުން 18 އަހަރު ފުރުނު އިރު އޭނާއަށް ހުރިހާ ކަމެއް ވެސް ކޮށްދެމުން ދިޔައީ އޭނާގެ މައިންބަފައިންނެވެ. ފުރިހަމަ ލޯތްބާއި ކުލުނާއި އެކުގައެވެ. އުނި އެއްވެސް ކަމެއް އަޒާންއަކަށް ނެތެވެ. އަޒާން ބޭނުން ކޮންމެ އެއްޗެއް ހަމަ ވަގުތުން އޭނާއަށް ލިބެމުން ދިޔައީ އޭނާގެ ބައްޕަގެ ހުސްނުވާ “އޭޓީއެމް” މެދުވެރި ކޮށެވެ. އަޒާންގެ ހިތްހަމަ ޖެހުމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީ އެއް ވެސް ވުމަށް އޭނާގެ މައިންބަފައިން ހުރީ ހޭވައްލާ ތައްޔާރުގަ އެވެ.

ރަނގަޅު ހެޔޮލަފާ ތަރުބިއްތު ހުރި ފިރިހެން ދަރިއެއް ބޮޑުކުރުމުގެ ޢަޒުމްގައި އަޒާންގެ މައިންބަފައިން ދިޔައީ އެމީހުންގެ ހުރިހާ އުފާތަކަކީ އަޒާންގެ ހިތްހަމަ ޖެހުން ކަމުގައި ހަދަމުންނެވެ. ދުނިޔޭގެ ދަޅަތަކުގައި ހަވާނަފުސު ފާފައިގެ ނީލަމަށް ކުޑަ އަގެއްގައި ވިއްކާލަމުން ދާ އެތައް ޒުވާނުންނެއް އުފަން ވަމުންދާ މިކުޑަ ކުޑަ މުޖުތަމަޢު ތެރޭގައި އަޒާންގެ މައިންބަފައިން ބޭނުންވީ އަޒާން ރައްކާތެރި ކުރަންށެވެ. ކުށުގެ ވެށިން އަޒާންގެ ނަފުސް ހިމާޔަތް ކުރަންށެވެ. އެންމެހައި ނުބައި ފާޙިޝް އަމަލުތަކުން އަޒާން ގެ ނަފުސު ތާހިރުކުރަންށެވެ.

އެ ގޮތުގެ މަތިން އަޒާން ގެ މައިންބަފައިން އިޚުތިޔާރު ކުރީ އަޒާންގެ ވަށައިގެންވާ މާޙައުލަކީ އަބަދުވެސް އަޒާންގެ ގެ ކަމުގައި ހެދުމަށެވެ. އެ ނިންމުން ނިންމީ އަޒާންގެ މައިންބަފައިން ވަރަށް ވިސްނާފައެވެ. އަޒާންއަށް ރަނގަޅަކަށެވެ. އަޒާންދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އަޒާން ގެ މައިންބަފައިން ގެ އަތުގެ ތެރެއިން އަޒާން ބީވެ ގެއްލިގެން ދާން އެއްގޮތަކަށްވެސް ހިތް ނޭދޭތީއެވެ.

ވާނީވެސް އެހެންތާއެވެ؟ ހެޔޮލަފާ ދަރިއަކު ބަލައި ބޮޑު ކުރުމަކީ ހިތަށް ވެސް ނުގެނެވޭނެ ފަދަ ބޮޑު މަސައްކަތެކެވެ. ބޮޑު ޤުރުބާނީއެކެވެ. އެތައް ރެއެއްގެ ނިދިން މަޙުރޫމް ވާން ޖެހޭނެއެވެ. އަމިއްލަ ހުރިހާ ވަގުތުތަކެއް އެކަމަށް ހުސްކުރަން ޖެހޭނެއެވެ. ދިރިއުޅުމުގައި ކަނޑުގަދަ އެތައް ކަނޑެއް ހުރަސް ކުރަން ޖެހޭނެއެވެ. އެ ހުރިހާ ވޭނާއި ބުރައަކާއި އުފުލައި ގައިގެ ހަމުގައި ހުންނަ އެކި ލޯވަޅުތަކުން އެތައް ދާތިކިތަކެއް ނިކުންނާނެވެ. ނަމަވެސް އެ ދާތިކިތައް ފަހުން ބަދަލުވާނީ އުފާވެރި ކަރުނައިގެ ތިކިތަކަށެވެ. އެހެނަސް އެއީ ހަމަ އެކަނި ހެޔޮލަފާ ދަރިއެއް އުފަންކުރުމުގެ ހަނގުރާމައިން ނަސްރު ލިބޭ މައިންބަފައިންނަށް އެކަނިއެވެ. އަޒާންގެ މައިންބަފައިން ވެސް ބޭނުން ވީ އެފަދަ މައިންބަފައިންގެ ލިސްޓުން ޖާގަ ހޯދަންށެވެ.

” ދަރިފުޅާ… އަޒާން… ” އަޒާން ސިއްސައިގެން ގޮސް ފަހަތް ބަލައިލިއިރު އާތިފާ ގެންދިޔައީ އަޒާންގެ ބުރިކަށީގައި ފިރުމަމުންނެވެ.

” ދަރިފުޅާ.. މަންމަ ގެ ދެލޯކޮޅާ…. މަންމަ އެއްގޮތަކަށް ވެސް ދަރިފުޅު މަންމަ އާއި ވަކިވާކަށް ބޭނުމެއް ނުވޭ… މަންމަ އަބަދުވެސް ބޭނުންވަނީ ދަރިފުޅު ގާތުގައި ހުންނަން…. ދަރިފުޅާ…. އެކަމު…. ” އަޒާންގެ ގާތުގައި ކުޑަ ކަކޫ ޖަހައި އިށީނަމުން އާތިފާ ބަލައިލީ ސީދާ އަޒާންގެ ދެލޮލަށެވެ.

” މަންމާ… ” އަޒާން ދެލޯ ވަގުތުން ކަރުނައިގެ ތިކިތަކުން ތެތްމާލިއެވެ.

” ދަރިފުޅާ އަޒާން.. ” އާތިފާ ބަލާކަށް ނުހުރެ އަޒާންގެ ގައިގައި ވަރަށް ބާރަށް ބައްދާލަމުން ރޯންފެށިއެވެ.

އަޒާން ގުރޭޑް 12 ނިމުމާއި އެކު އިތުރަށް ތަޢުލީމް ހާސިލްކުރަން މާލެ ދާން ޖެހުމުން ހާލަތު މިއަދު މިވަނީ އެކަމަށް މަޖުބޫރު ކުރުވާފައެވެ. މިއީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟؟ ކިހާ ބޮޑު ތަފާތު ކުރުމެއް ހެއްޔެވެ؟؟ ރަށްފުށުގެ ދިރިއުޅޭ ގިނަ ކުދިންނަށް އިތުރަށް ތަޢުލީމު އަމިއްލަ ރަށުގައި ހުރެ ހާސިލުކުރެވޭނެ ފުރުސަތެއް ނެތެވެ. ލޯބިވާ އާއިލާ ދޫކޮށް، އަމިއްލަ އުފަން ރަށް ދޫކޮށް ހިތާއި ދެކޮޅަށް މަޖުބޫރުގެ ދަންތުރައެއްގައި ހިތް ކަސްތޮޅު އެޅުވުން ނޫން ގޮތެއް އަޒާން އަކަށްވެސް ނެތެވެ.  

ވަގުތު ހިނގަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހަވީރުގެ ފިނި ފިނި ޝަބުނަމްގެ ވައި ބާނިތަކުން މުޅި ރަށުތެރެއަށް ހަނާއަޅަމުން ދިޔައިރު އަޒާން ހުރީ ރަށުގެ ބަނދަރުމަތީގައި ލޯންޗުގެ އިންތިޒާރުގައެވެ. އަޒާންގެ ގާތުގައި އޭނާގެ މަންމަ އާއި ބައްޕަ އަދި އޭނާގެ ދައްތަވެސް ހުއްޓެވެ.

” ދަރިފުޅާ… ބައްޕަ އަށް ގުޅާތި…. މާލެ ދެވޭ އިރަށް އެންމެ ފުރަތަމަ ކަމަކަށް ގުޅަންވީ ބައްޕަ އަށް…. “  މޫސަ އަޒާން އަށް ސަލާމް ކޮށްލިއެވެ.

” ދަރިފުޅާ…..ބަސްއަހާތި… މަންމަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ…” އަޒާންގެ ގައިގައި އޮޅުލައިގަންނަމުން އާތިފާ ވާހަކަ ދެއްކިއެވެ.

” ކޮއްކޯ…. ދައްތަ ވަރަށް މިސްވާނެ… ” އެވަގުތު ބަނދަރުގެ ނެރު ތެރެއިން ވަދެގެން އައި ލޯންޗަށް ބަލައިލަމުން އަޒާންގެ  ދައްތަ ބުނެލިއެވެ.

” މަންމާ… ބައްޕާ….. ދައްތާ… އަޅުގަނޑު ދެން ދަނީ… ވަރަށް ހަނދާން ވާނެ… ވަރަށް ލޯބިވޭ… ބައްޕަ އަށް ގުޅާނަން ދެވޭ އިރަށް.. ” އަޒާން އަވަސްވެ ގަތީ ލޯންޗަށް އަރަންށެވެ.

އަޒާން ލޯންޗަށް އަރައި ގޮނޑީގައި ހަމަ ޖެހިލަމުން އޭނާގެ ފޯނު ހުޅުވާލިއެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ލޯންޗު ދަތުރުކުރަމުން ދިޔައިރު މުޅި އުނޑުމަތިން ފެންނަމުން ދިޔައީ ހިމޭންކަމެވެ. ކަނޑުމަތީގައި ހީވަނީ ތަށިމުށި ޖަހާފައި ހުރިހެންނެވެ.

“ފޭސްބުކް” ގެ ތެރޭގައި ފީނަމުން ދިޔަ އަޒާންގެ ތުންފަތުން ލުއި ހިނިތުންވުމެއް ދުވެލިއެވެ. މަޑުމަޑުން އަޒާންގެ ތުންފަތުގެ ހަރަކާތް ތަކަށް ދިޔައީ ބަދަލު އަންނަމުންނެވެ. ލުއި ހިނިތުންވުން މިހާރު ވަނީ ވަރަށް ބޮޑަށް ފައުޅުވެފައެވެ. މުޅި މޫނުމަތިން ވެސް ފެންނަމުން ދިޔައީ އަޒާން ގެ އުފާވެރިކަމެވެ. ހެވިދިލިފައި އަޒާން އިން އިރު އޭނާގެ ހީނލުން ފުރިހަމަ ކޮށްދެމުން ގެންދިޔައީ އޭނާގެ ހުދު ދަތްޕިލައެވެ.

އަޒާން ސިއްސައިގެން ގޮސް ލޯންޗުގެ ތެރެއަށް ނަޒަރު ހިންގާލީ ޖަހާލި ބޮޑު ރާޅަކުންނެވެ. އަޒާން ބިރުން ހުރެ ކަނޑުމަތި ބަލައިލުމާއި އެކު އޭނާގެ ދެލޯ މަރައިލެވުނެވެ. މޫސުން ވަނީ މުޅިން ބަދަލުވެފައެވެ. އުޑުމަތި ކަޅު ބޯ ވިލާތަކުން ބައްދާލާފައި އޮތްއިރު ކަނޑުގެ ލޮނުގަނޑު ދިޔައީ ރުޅި ގަދަވެ ކެކި އުތުރެމުންނެވެ. އަނގުރު އަލިފާން ކަހަލަ ރުޅި އައިސްފައިވާ މާ ސިންގާ ބޮޑެތި ރާޅުތައް ބިޔަ ބޮޑު ލަޝްކަރު ތަކެއް ގޮވައިގެން ކަނޑުމަތީގައި ދިޔައީ ހަނގުރާމައަކަށް ރުކުރުވާލަމުންނެވެ. ސައިބޯނި ބޮކިތަކެއްފަދަ ހުދު ފޮނު އަންޑަނައަކަށް ނަގައިގެން ރާޅުތައް ލޯންޗަށް މުގުރަން ފަށައި ފިއެވެ. ބިރުން ތުރު ތުރު އަޅާ ހާލު އަޒާން އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލަމުން ފޯނުގެ ޑިސްޕްލޭއަށް ނަޒަރެއް ހިންގާލިއެވެ.

” ހެލޯ.. އާރ ޔޫ ދެއަރ؟؟ ވައި ނޯ ރިޕްލައި؟؟ އަޒާން ޕްލީޒް ރިޕްލައި… ނައު އައިމް ވޮރީޑް…. ހެލޯ؟؟ ” އަޒާން އަށް ބިރުން ރޮވެން ފެށުނެވެ. މެސެޖަށް ރިޕްލައި ނުކޮށް ބަލާކަށް ނުހުރެ އަޒާން އޭނާގެ ފޯނު ޖީބުގެ ތެރެއަށް ކޮށްޕާލިއެވެ. އަދި ވަރަށް ބާރަށް އަޒާން އޭނާގެ ދެލޯ މަރައި ތަގުޅިކޮށްލިއެވެ.

***

” އަހަރެންގެ ދަރި…. އަހަރެން ބިރު ގަންނަނީ…. ޔާ ﷲ… މި ވިއްސާރައިގެ އަސަރު އަހަރެންގެ ދަރިފުޅަށް ނުކޮށްދެއްވާ ދޭވެ… ” އާތިފާ ރޮމުން ގޭތެރޭގައި އެކި ކޮޅުކޮޅަށް ދުވަމުން ދިޔައެވެ.

” އާތިފާ… ބަލަ ހަމަޖެހިބަލަ… އަޒާން އަކީ 18 އަހަރު ފުރިފަ ހުރި ފިރިހެނެކޭ… އޭނައަށް އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ދިމައެއް ނުވާނެ…. އާތިފާ މާ ބިރުންނޭ ތިއުޅެނީ…. ” މޫސަ މަސައްކަތް ކުރީ އާތިފާ ހަމަޔަކަށް އަޅުވަންށެވެ.

” ކިހިނެއް އަހަރެން ހަމަޖެހޭނީ….؟؟ އަޒާން އަކަށް ނޭނގޭނެ ފަތާކަށްވެސް…. އޭނަ ވަރަށް ބިރު ގަންނާނެ ގަދަ ދުވަސްތަކު ދަތުރު ކުރަން…. ގަދަ ވާނެ ކަން އެނގުނު ނަމަ އަހަރެން ވެސް އަހަރެންގެ ދަރިފުޅާއި އެކު ދިޔައީމުސް… ” އާތިފާ ދިޔައީ ގިސްލާ ރޮމުންނެވެ.

ދެލޯ މަރައި ބާރުކޮށްގެން އޮތް އަޒާން އަށް ލޯންޗުގެ ތެރޭގައި ވާނުވާވެސް ނޭނގޭ ކަހަލައެވެ. އެއް ބަޔަކު ރޮމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ހިތަށް އައިހާ ރަނގަޅު އެއްޗެއް ކިޔަމުންނެވެ. އަޒާންގެ ހިތް ތެޅޭ ކަމުގެ އިޙުސާސް އޭނާއަށް ވާން ފަށައިފިއެވެ. މުޅި މީހާ ދާހިއްލަން ފެށީ ހަމަ ކުއްލިއަކަށެވެ. އަޒާން އެތެރެ ހަށިން ނެގީ ބަޔާން ނުކުރެވޭ ފަދަ ދިލި ހޫނެކެވެ. ކުއްލިއަކަށް ނެގި ރާޅަކާއި އެކު ލޯންޗު ވަރަށް ބޮޑަށް އަރިވިހެން އަޒާން އަށް ހީވިއެވެ. ލޯ ހުޅުވާނެ ހިތްވަރެއް އަޒާންއަކަށް ނުލިބުނެވެ. އިތުރަށް އަނދިރިކަން މުޅިތަނަށް ވެރިވެއްޖެއެވެ. އަޒާންގެ ކަންފަތުގެ ހިނދުރި ތޮރުފަމުން ދިޔައީ ވޭން ހުރި ގިސްލުމުގެ އަޑު ތަކުންނެވެ. އެތައް ފަހަރަކު ފޯނު ވައިބްރޭޓް ވާހެން ވެސް އަޒާން އަށް ހީވަމުން ދިޔައެވެ. ފޯނު ނަގާނީ އޭ ހިތާ، ޖީބުގެ ތެރެއަށް އަތް ކޮށްޕާލިތަނުން އަޒާންގެ މުޅި ގައި ތެމެއްޖެއެވެ. އަޒާން ގަތީ އަމަށަކު ބިރެއް ނޫނެވެ. އަޒާންގެ ހަށިގަނޑު މަޑުމަޑުން ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގެނބެމުން ދިޔައެވެ. ދެލޯ ހުޅުވަން އަޒާން ވަރަށް މަސައްކަތް ކުރިއެވެ. ” މަންމާ” އޭ ކިޔައި ވަރަށް ބާރަށް ގޮވައިލަން ވެސް އޭނާ ވަރަށް ބޭނުން ވިއެވެ. އެކަމު އެކަމެއް އަޒާން އަކަށް ކާމިޔާބެއް ނުވިއެވެ. އަޒާން ފުން މިން ނޭނގޭ ކަނޑުގެ ތެރެއަށް ޣަރަޤުވަމުން ދަނީއެވެ.

***

” މަންމާ… މަންމާ…. ބައްޕާ….. ” އަޒާންގެ ދައްތަ އަލްކާ ވަރަށް ބާރަށް ރޮމުން ދުވެފައި އައިސް އާތިފާ ގެ ކޮޓަރި ތެރެއަށް ވަނެވެ.

” މަ… މަންމާ…. ބައްޕާ…. ” ދޮރު ކުރިމަތީގައި ހުރި އަލްކާގެ ދެލޯ ވަނީ ކަރުނައިން ފުރި ބާރުވެފައެވެ. ހިތާމައިގެ ވޭނުން އަލްކާ ގެ ދަތްދޮޅި ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.

ހައިރާން ކަމާއިއެކު ހިތް ފަޅައިގެން ދާ ހާލު އާތިފާ އާއި މޫސަ އަލްކާގެ މޫނަށް ބަލަހައްޓައިގެން ހުރީ އެތައް ސުވާލެއް ހިތު ތެރޭގައި ގުޅަކޮށްގެންނެވެ.  

” މަންމާ…. އަޒާން ކޮއްކޮ… އަޒާން…. ” އަލްކާއަށް ބުނެވުނީ އެހާ ހިސާބަށެވެ. އަލްކާގެ ބަޑި ފަޅައިގެން ގޮސްފިއެވެ.

” ދަރިފުޅާ… އަލްކާ…  އަޒާން ކޮއްކޮއަށް ކިހިނެއްވީ؟؟؟ ” އެވަގުތުވެސް އާތިފާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. އަލްކާ އޭނާގެ ދެލޮލުން ކަރުނަ ފޮހެލައި އޭނާގެ ފޯނު ހުޅުވާލަމުން ޚަބަރެއްގެ ފަލަ ސުރުހީ އޭނާގެ މައިންބަފައިންނަށް ދައްކާލިއެވެ. އާތިފާ އާއި މޫސަގެ ގެ ދެލޯ ވަގުތުން ބޮޑުވިއެވެ. އެ ދެމީހުންގެ ހިތުގެ ތެރޭގައި ޖަހަމުން ދިޔަ ވިންދު ވީދި ކުދިކުދި ވިކަހަލައެވެ. ހޯސްލާފައި އެއްވެސް ހިފެހެއްޓުމެއް ނެތި މޫސަގެ ލޮލުން ކަރުނަތައް އަންނަން ފެށިއެވެ. އާތިފާއަށް ކުއްލިއަކަށް ހުރެފައި ހިތުގައި ޖެހިގެން ވަރަށް ބާރަށް އަޑުން އަޑު ނަގައި ރޯންފެށިއެވެ.

***

ކަނޑުގެ އެންމެ އަޑީގައި އަޒާން އޮތް އިރުވެސް އޭނާއަށް ހީވަމުން ދިޔައީ އޭނާގެ ފޯނު ވައިބްރޭޓް ވަމުންދާ ހެންނެވެ. އަޒާން އޮތީ މަރުވެފައި ކަމެއް ނުވަތަ ހޭނެތިފައި ކަމެއްވެސް އޭނާއަކަށް ޔަޤީންނެއް ނޫންނެވެ. އެހެނަސް ވަރުބަލި ވެފައި ވާކަށް އަޒާންއަށް ދިޔައީ ޔަޤީން ކުރެވެމުންނެވެ.

ލޮނު ބޮވި ބޮވި މުޅި އަރުތެރެއިން ވެސް ލޮނު ރަހަ ލާން އަޒާންއަށް ފަށައިފިއެވެ. އެކަމު އެވެސް ޔަޤީންނެއް ނޫނެވެ. މަރުވެފައި އޮންނަހެންވެސް އަޒާންއަށް އިޙުސާސްވަމުން ދިޔައެވެ.

” މަންމަމެން ހާދަ ރޯނެއޭ…. ހާދަ އަސަރެއްކުރާނޭ… ވަރަށް ގިނައިން އަހަރެންގެ ޚަބަރެއް ލިބޭތޯ ގުޅާވެސް ގުޅާނެ…. އެފަކީރުގެ ލަނގޮޑިއަށް ކެތްވާނެބާ؟؟ އެކަމު ކީއްކުރާނީ؟؟؟؟ އަހަރެންގެ ފުރާނަ މިދަނީ…. އެންމެހާ ކުށް ފާފަ ތަކުން އަހަރެން ތަޢުބާ ވެއްޖެއިން….. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ” އަޒާންގެ ނަފުސަށް މަރުގެ ރަހަ ލިބެން ވީ ވަގުތު ގާތްވެއްޖެކަން އަޒާންއަށް އިޙުސާސް ވުމުން ވަރަށް ދެރަވެ އޭނާ މުޅިން މާޔޫސްވެއްޖެއެވެ. ފުން ކަނޑުގައި އެކަނި މާއެކަނި އަނދިރިކަމުގައި ނަފުސްގެ ދިރުން ދޫކޮށްލުން ނޫން އިތުރު ގޮތެއް ނެތެވެ.

***

” ދަރިފުޅާ އަލްކާ… މޫސަ…. އަހަރެން މި މަރުވަނީ…. މިކަމާއި ކުރިމަތި ލައިގެން ދުނިޔޭގައި އުޅެވޭނެ ހިތްވަރެއް…. އަހަރެންގެ ނިކަމެތި ހަށިގަނޑުގަ ނެތް…. ” ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް އާތިފާ އޭނާގެ ހިތް މަތީގައި އަތް ޖައްސާލަމުން ވާހަކަ ދެއްކި އިރުވެސް އޭނާގެ އަޑު ތުރު ތުރު އަޅައެވެ.

” އާތިފާ…. ތިހެން ނުބުނޭ…. އަހަރެންވެސް މިއަދު ވަރަށް ދެރަވެ ހިތާމަކުރަން…. ހިތަށް ވަރަށް ތަދުވެއްޖެ…. ހީވާކަހަލަ މީހަކު އައިސް އަހަރެންގެ ހިތް މަތީގައި ދަގަނޑު ގަނޑަކުން ޖަހާ ފިސްކޮށްލިހެން…. އެކަމު އަލްކާއަށް ޓަކައި އަހަރެމެން ވާނެ ކެތްކުރަން….” އާތިފާގެ ބޮލުގައި ފިރުމަމުން ދިޔައިރު މޫސައަށް މަޑުމަޑުން ގިސްލެވެމުން ދިޔައެވެ.

****

ފަހަރަކަށް ވުރެ ފަހަރެއް އަޒާންގެ ނޭވާ ދިޔައީ ކުރުވަމުންނެވެ. އަޒާންގެ ގައިން ހަކަތަ ދިޔައީ ވަރަށް މަދުވަމުންނެވެ. ފެނުން މައްޗަށް އެރޭތޯ އަޒާން އޭނާގެ ދެއަތާއި ފައިން ވަރަށް ބާރަށް ތަޅަމުން ދިޔައެވެ. އެހެނަސް އަޒާންއަށް އިތުރަށް ވަރުބަލި ވުން ނޫންކަމެއް ނުވިއެވެ. އަޒާން އުއްމީދު ކަނޑާލަމުން އޭނާގެ ދެލޯ ހުޅުވާލަން މަސައްކަތް ކުރިއެވެ. ކުއްލިއަކަށް އަޒާންގެ ލޮލުކުރިމަތިން ސިފަވެގެން ދިޔައީ އަޒާންގެ ކޮޓަރީގެ ފާޚާނާގައި އޭނާގެ ފޯނު އޮއްވައެވެ. ކުއްލިއަކަށް ހުރެފައި އަޒާންއަށް ލޮނުގަނޑުގެ ތެރޭގައި ތެޅެގަނެވުނެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފަށައިފިއެވެ. ހަމަ އަޒާންގެ ޖީބުންނެވެ. ފޯނު ނަގަން އަޒާން މަސައްކަތް ކުރި ގަޑީގައި އިތުރަށް އޭނާއަށް ލޮނުބޮވި މުޅި މީހާ ދެމިއްޖެއެވެ.

” އަޒާން… އަޒާން… އައިމް ހިއަރ…. ވިތް ޔޫ… އައި ކޭމް ހިއަރ ޓް ސޭވް ޔޫ.. ސޭވް ޔުއަރ ލައިފް… ” ކަނޑު އަޑީގައި އޮތް އަޒާން ކުޑަ ހިތްވަރެއް ކޮށްލަމުން ލޯ ހުޅުވާލަން މަސައްކަތް ކުރިއެވެ. ލޮނު ފެނުން ދެ ލޮލުގެ އެތެރެ ފުރިފައި އޮތަސް ނުސާފުކޮށް ވެސް އެ ސޫރަ ފެނުމުން އަޒާން އަށް އެއީ ކާކު ކަން ހަމަ ރަނގަޅަށްވެސް އެނގުނެވެ.

” ކެރިސްޓާ… ކެރީ… އައިމް ޑައިން… ” އަޒާން އަށް ބޭޢިހުތިޔާރުގައި އޭނާގެ އަނގަ ހުޅުވާލެވުނެވެ. އެއާއި އެކު އަޒާން ކޮށިއެރިއެވެ. ލޮނު ފެނުން މުޅި އަރުތެރެ ފެންބޮޑުކޮށްލިއެވެ.

***

” އަހަރެން މުޅިން ބާކީ ވެއްޖެ… ހިތުގެ ހުރިހާ ނާރެއް ހެން ކެނޑި ކުދި ކުދި ވެއްޖެ ކަހަލަ…. މޫސަ.. އަހަރެމެންނަށް ކާމިޔާބެއް ނުލިބުނު.. އެކަމު އެއީ ކީއްވެ؟؟؟ ކީއްވެ؟؟؟ ކީއްވެ؟؟؟ ” އަމިއްލަ ގައިގައި އާތިފާ ތަޅަން ފެށުމާއި އެކެ މޫސަ އާތިފާގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު އެ މަންޒަރު ބަލަން ހުރި އަލްކާ އަށް ކުރީ ވޭން ހުރި ހިތި ހިތްދަތި އަސަރުތަކެކެވެ.

ހޮސްޕިޓަލް އިން ނިކުމެ އަލްކާ ދުވަމުން ގޮސް ވަނީ އޭނާގެ ގެއަށެވެ. ރޮމުން ރޮމުން އަލްކާ ބަދިގެއަށް ވަދެ ވަޅި ނަގައި އަޒާން ގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.  އޭރުވެސް އަލްކާ ގެންދިޔައީ ހުއްޓުމެއްނެތި ރޮމުންނެވެ. އަޒާންގެ ކޮޓަރިއަށް ވަނުމާއި އެކު އަލްކާ އޭނާގެ އަތުގައި އޮތް ވަޅީގައި ބާރަށް ހިފައި އަތުގެތެރެއަށް ވަޅި ހެޔޮވަރުކޮށްލިއެވެ.

ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން އަލްކާ ބަލައިލީ އަޒާން ނިދާ އެނދާއި ދިމާލަށެވެ. އަލްކާ ދުވެފައި ގޮސް އޭނާގެ އަތުގައި އޮތް ވަޅި ވަރަށް ބާރަށް އެނދަށް ހަރާލިއެވެ. އަދި ވަރަށް އަވަހަށް މުޅި ކޮޓަރި އެފުށް މިފުށަށް ޖަހަމުން އަލްކާ ގެންދިޔައެވެ. އަޒާންއަށް ސުކޫލު ދައުރުގައި ލިބިފައި ހުރި ހުރިހާ ތަށި ތަކެއްވެސް ތަޅައި ސުންނާފަތި ކުރަމުން ގޮސް އަލްކާގެ އަޑުގެ ނެތް ކޮޅަށް އޭނާ ހަޅޭލަވައިގަތެވެ.

” އަޒާން… އަޒާން…. އަހަންނަށް މަޢާފް ކުރޭ…. ” ރޮމުން ގިސްލަމުން ހަޅޭލަވަމުން އަލްކާ އަޒާންއަށް ގޮވަމުން ދިޔައެވެ.

***  

ކެރިސްޓާ ބަލާކަށް ނުހުރެ ކޮށި އަރައިފައިވާ އަޒާންގެ ތުންފަތަށް ބޮސްދެން ފެށިއެވެ. ކަނޑުގެ އެންމެ އަޑީގައި ނޭވާ ނުލެވި އޮތް އަޒާން އަށް ވަގުތުން ނޭވާ ލެވެން ފެށުނެވެ. ކެރިސްޓާގެ މަސްތީ ބީހުންތަކުން އަޒާންގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން މަޑުމަޑުން ނެތެމުން ދިޔައެވެ. އަޒާންގެ ފޭރާން އޭނާގެ ގައިން ވަކިވެގެން ދާން ނެގީ މަދު ސިކުންތު ކޮޅެކެވެ. ކެރިސްޓާގެ ހުށިޔާރުކަމުންނެވެ. އިސާހިތަކު މަސްތީ ކޯޅުންގަނޑު ކަނޑުގެ އެންމެ އަޑިން ފެށުނެވެ. އަޒާންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.

” ކެރީ… އައި ފީލް ޔޫ… ” އަޒާން މަސައްކަތް ކުރީ ކެރިސްޓާ ގެ ގައިގައި ވަރަށް ބާރަށް އޮޅުލައިގަންނާށެވެ. ކުއްލިއަކަށް ހުރެފައި އަޒާންގެ ދެއަތުން ކެރިސްޓާ ވަށާލަން ދެއަތް ނެގިތަނުން އަޒާންގެ ގައިން ވަރު އެއްކޮށް ދޫވެއްޖެއެވެ. އެކަކުވެސް އަޒާންގެ ގާތުގައި ނެތެވެ. ފުން ކަނޑުގައި އަޒާން އޭނާގެ ފަހުގެ ނޭވާ ވަރަށް އުނދަގުލުން ދޫކޮށްލިއިރު އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

****

” މޫސަ… މީ ކޮންފަދަ ބޮޑު އިމްތިޙާނެއް؟؟؟ އަހަރެން ހިތާމަ ކޮށްކޮށް ވަރުބަލި ވެއްޖެ… އަހަރެން އަޒާން ދެކެ ވަރަށް ލޯބިވޭ…. ވަރަށް ބޮޑަށް ލޯބިވޭ…. އަހަރެން މަސައްކަތް ކުރީ އަހަރެންގެ ގާތުގައި އަބަދުވެސް އަޒާން ހުންނަން… އެކަމު….. އަހަރެމެންނަށް މި ލިބުނީ ކިހާ ބޮޑު ހިތާމައެއް…. މޫސަ… މިކަން މިގޮތަށް މި ދިމާވީ އަހަރެމެންގެ ކުށުން…. ” އާތިފާ މޫނުމަތީގައި އަތްއަޅައި އަޑުން އަޑު ނަގައި ރޯންފެށިއެވެ.

***

” އޭ…. ބަލަ އޭ…. ކީއްވެ ތި ރޮނީ؟؟؟ ” ކަނޑުގެ އެންމެ އަޑީގައި މަރުވުމުން އެކަމުގެ ހިތާމައިގައި ލޯންޗުގައި އިނދެ ރޮމުން ދިޔަ އަޒާންއަށް ސިއްސައިގެން ގޮސް ދެލޯ ހުޅުވާލެވުނީ މީހަކު ގޮވާލި އަޑަށެވެ. އޭރު އޭނައަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ދެލޯ ފޮހެލަމުން އަޒާން ފުންނޭވާއެއް ދޫކޮށްލިއެވެ. ފެނުނީ ހަޤީޤަތެއް ނޫންކަން އޭނާއަށް ޔަޤީންވުމުންނެވެ.

“މުޅި މީހާ ދާހިއްލާ ފޯއްވެފައެއްނު ތިހުރީ؟؟؟؟ ވަރުގަދަ ހުވަފެނެއް ފެނުނީތަ؟؟ ” ލޯންޗުން ދަތުރު ކުރި މީހަކު ބުނެލުމުން އަޒާން އަށް އޭނާ ލައިގެން ހުރި ފޭރާމަށް ކުއްލިއަކަށް ނަޒަރު ހިންގާލެވުނެވެ. ތެދެކެވެ. މުޅި މީހާ ވާނީ ދާ ތިކިތަކުން ތެމި ފޯއްވެފައެވެ. އަޒާން ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން ލޯންޗުން ފައިބަން ހިނގައިގަތެވެ.

” ބައްޕައަށް ގުޅަންވީ؟؟ ” މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއި އެކު އަޒާން އަވަސްވެގަތީ އޭނާގެ ބައްޕައަށް ގުޅުމަށެވެ. ޖީބުން ފޯނު ނަގައި އަޒާން ފޯނު ހުޅުވާލުމާއި އެކު އޭނާގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. ތަލިންކުޅު ހިކި ދަތި ގޮތަކަށް އަޒާންއަށް ހިންދިރުވާލެވުނެވެ. މުޅި ހަށިގަނޑު ގަނޑުވެގެން ދިޔައެވެ. ފެނުނު މަންޒަރުން އަޒާންގެ ދެލޮލަށް ކެތެއްނުވިއެވެ. ހޯސްލާފައި އަޒާންގެ ލޮލުން ކަރުނަ އޮހިގެން ދިޔައެވެ.  އެއް އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާލަމުން އަޒާންގެ ހިތްމަތީގައި އަނެއް އަތް ޖައްސާލިއެވެ. ހިތުގެ ވިންދު ދިޔައީ ވަރަށް ބާރަށް ދުވަމުންނެވެ. އަޒާންއަށް މުޅި ދުނިޔޭގެ ދައުރުން ހުއްޓުމަކަށް އައި ކަހަލައެވެ. ހަދާނެ ގޮތް ހުސްވެ މުޅި މިހާ ފިނިވެއްޖެއެވެ. ބިރުން ވިރެން ގާތްވެއްޖެއެވެ. މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ.

ކުއްލިއަކަށް ފަހަތުން މީހަކު އައިސް ގޮވާލިހެން ހީވެގެން އަޒާން ޖެހިލުންވެ ހުރެ ފަހަތް ބަލައިލިއެވެ.

” ހިނގާ… ޕޮލިސް ސްޓޭޝަން އަށް…” އަޒާންގެ ފޯނާއި ދަބަސް ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދަމުން ތިން ފުލުހަކު ވެގެން އަޒާން ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ.

***

” މަންމާ… ބައްޕާ…. އަޒާން ޕޮލިހަށް ގެން ގޮސްފި…. ” ހޮސްޕިޓަލްއަށް ދުވަމުން އައިސް ވަތް އަލްކާ އޭނާގެ މަންމަ އާއި ބައްޕައަށް ބަލައިލަމުން ރޮމުން ބުނެލިއެވެ.

” އަހަރެމެން ދިރިހުރުމުގެ ބޭނުމަކީ ކޮބާ؟؟ ” އާތިފާ ހިތްދަތި ގޮތަކަށް ހިންދިރުވާލަމުން ދެލޯ މަރައިލިއެވެ.

” އަހަރެމެން އަޒާންއަށް ލޯބިން ކޮށްދިން ކޮންމެ ކަމެއްވެސް….. ކީއްކުރާނީ…؟؟ ” އާތިފާ ރޮއިރޮއި ވަނީ ހަލާކުވާން ގާތްވެފައެވެ.

” އާތިފާ ބުނީ ހެޔޮކޮށް…. އަހަރެމެންނަށް ކުށް ކުރެވުނީ…. އަހަރެމެން ހީކުރީ ގޭގެ ހަތަރު ފާރަކީ ސުވަރުގެ ކަމަށް… ގެއިން ބޭރު އާންމު މުޖުތަމަޢު އަކީ ނަރަކަ ކަމަށް…. އެކަމު އެއީ ކުށް ހީޔެއް… ގޭގެ ހަތަރު ފާރުތެރެއިން ވެސް….. ކުއްޖަކު ކިތަންމެ ނުބައި ކުއްޖަކަށް ވެސް ބަދަލު ވެދާނެ… އަހަރެމެންގެ ދަރިފުޅު ކޮޓަރި ތެރޭގައި ބާއްވައިގެން ހަލާކު ކުރީ ޚުދު އަހަރެމެން ދެމީހުން…. ” މޫސައަށް ވަރަށް އަސަރުކޮށްގެން އޭނާ ވާހަކަދެއްކިއެވެ.

” ނޫން.. ބައްޕާ… މަންމަ އާއި ބައްޕަ އަޒާން ބަލާ ބޮޑު ކުރީ ވަރަށް ލޯބި ދީގެން.. ވަރަށް އަޅާލައިގެން… އަޒާން ބޭރު ތެރޭގައި ގިނަވެގެން އުޅުނަ ނުދޭން މަންމަމެން ނެގީ ހަރުދަނާ ފިޔަވަޅެއް… މަންމަމެން އަޒާންއަށް ދީނީ ކަންކަމަށް ލޯބި ޖެއްސުވި…. އަޒާންއަށް ޓަކައި މަންމަމެން އެތައް ޤުރުބާނީއެއް ވި…. އެކަމު އަޒާން މަންމަމެން ވީ ޤުރުބާނީގެ ފައިދާ ނެގީ މުޅިން ނުބައިކޮށް…. މަންމާ… އަޅުގަނޑުމެންނަށް ކުރެވުނީ އެންމެ ކުށެއް… މަންމަވެސް… ބައްޕަވެސް… އަޅުގަނޑުވެސް…. އަޒާންއަށް މާ ބޮޑަށް އިތުބާރު ކުރެވުނީ…. ” އަލްކާ އޭނާގެ މަންމަގެ ބުރިކަށީގައި ފިރުމަމުން ވާހަކަދައްކަމުން ދިޔައެވެ.

” އާނ.. މާ ބޮޑަށް އިތުބާރު ކުރެވުނީ… މަންމަ ހީކުރީ ކޮޓަރި ތެރެއިން ކުށެއް ނުކުރެވޭނެ ކަމަށް…. މަންމަ ހީކުރީ ކުށަކީ ގެއިން ބޭރުން ފެތުރޭ ބައްޔެއް ކަމަށް… އެކަމު އަހަރެންގެ ދަރިއަށް މި ބަލި ޖެހުނީ ގޭގަ އޮވެ…. ކޮޓަރި ތެރެއިން…. ހުރި ހިތާމައެއްގެ ބޮޑު ކަމާ… ” އާތިފާ ގިސްލަ ގިސްލާފައި ވާހަކަ ދެއްކި އިރު އޭނާގެ ދަތްދޮޅިން ކަރުނަ ތިކިތިކި ތައް ހުއްޓުމެއްނެތި ޖަހަމުން ދިޔައެވެ.

***

” ޕޮލިސް…. އަހަރެންގެ މައިންބަފައިން ވަރަށް ހިތާމަ ކުރާނެ…. ވަރަށް ދެރަވާނެ… އަހަރެންގެ މައިންބަފައިން އަހަރެން ބަލާ ބޮޑުކުރީ ވަރަށް ލޯބިން… ވަރަށް ލޯބިން… އެކަމު އަހަރެން މިކަންތައް ކުރީ ކިހާ ދެރަކޮށް؟؟ އެމީހުންގެ ހިތުގައި ޖައްސާ އަހަރެން މިއަދު އެ ދެމީހުން ރޮއްވާލީ… އަހަރެން މީ ކިހާ ވިޔާ ނުދާ ދަރިއެއް… ދެވެން އޮތް އެންމެ ބޮޑު އަދަބެއް އަހަރެންނަށް ދީ…. ” އަންހެން ކުއްޖެއް ފަދައިން އަޒާން އޭނާގެ މޫނުމަތީގައި އަތް އަޅަމުން ރޯންފެށިއެވެ.

***

” ކޮޓަރިތެރެއަށް މާ ބޮޑަށް ދޫކޮށްލެވުނީ… ކޮޓަރި ތެރޭގައި ލޯބިން ބަލައި ބޮޑުކުރި ގުރާ ދަތްއެޅީ ހާދަ ބާރަކަށޭ… ހާދަ ތަދެއް ވެޔޭ… ހާދަ ވޭނެއް އަޅަޔޭ… ” ގޮތްހުސްވެ މާޔޫސް ކަންމަތީ ހިތާމަކޮށް ކޮށް އިން މޫސަ ވާހަކަދެއްކީ ވަރަށް އުނދަގުލުންނެވެ.

” އެއީ އަހަރެންގެ ދަރިއެއް ނޫން… އަޒާން އަކީ… ” ރޮއި ރޮއި ވަރުބަލިވެފައިވާ އާތިފާއަށް ބުނެވުނީ އެހާ ހިސާބަށެވެ. މޫސަ އާއި އަލްކާއަށް ދެލޯ ބޮޑުވެ ކުއްލިއަކަށް ބަލާލެވުނީ އާތިފާގެ މޫނަށެވެ.

” އާނ.. އެއީ އަހަރެންގެ ދަރިއެއްނޫން… އަހަރެންގެ ދަރިއެއް އަހަރެންނަށް މިހާ ބޮޑު ވޭނެއް ނުދޭނެ… އަޒާންއަށް އަހަރެން ކުރި އިތުބާރު އޭނަ ނަގާލީ.. ހެޔޮނުވާނު އަހަރެންނަށް އެހެން ހަދަން… ” ހިތަށް ތަދުވާ ވަރުން އާތިފާ ހިތް މަތީގައި އޭނާގެ އަތް ބާއްވައިލައިގެން އޮތެވެ.

“އަޒާން އަކީ މި ދިރިއުޅުމަށް އައި މުސީބާތެއް… އާފާތެއް…. މި ދުނިޔޭގައި.. މިރަށުގައި… މި ބޮޑު ލަދާއި އެކު އަހަރެން އުޅެވޭތޯ ކެތްކުރާނަން…” އާތިފާ ހިތްވަރުކޮށް އެނދުން ތެދުވާން މަސައްކަތްކުރިއެވެ.

” އަޅުގަނޑުވެސް… އެއީ ކޮއްކޮ އޭ ބުނަން މިއަދު ލަދު ގަނޭ… އަޅުގަނޑުގެ ކޮއްކޮއަކަށް އޭނަ ވީތީ މުޅި ދުނިޔެ ކިބައިން އަޅުގަނޑު މަޢާފަށް އެދެން…. ” އަލްކާ ގޮސް އޭނާގެ މަންމަ ގައިގައި އޮޅުލައިގަތެވެ.

***

ޕޮލިހުން އަޒާންގެ މަންމައަށް ގުޅައި އަޒާން ހައްޔަރުކުރި ސަބަބު އޮޅުން ފިލުވައި ދިނެވެ. އަޒާންގެ މައްޗަށް ކުށް ސާބިތު ވެއްޖެކަމަށް ވެސް ފުލުހުން ބުންޏެވެ. އަޒާން އާއި ބައްދަލުކުރާކަށް އަޒާންގެ އާއިލާ އެއްގޮތަކަށްވެސް ބޭނުމެއް ނުވިއެވެ.

” އަޒާން… އަޅުގަނޑުމެން ގުޅިން އަޒާންގެ އާއިލާއަށް… އާއިލާއިން އަޒާން އާއި ބައްދަލު ކުރާކަށް ބޭނުމެއް ނުވި…. އަޒާންގެ މަންމަ ބުނީ އަޒާން އަކީ ދަރިއެއް ކަމަށްވެސް ނުބަލާ ކަމަށް…. ” ޕޮލިސް މީހާ ބުނި ޖުމުލައިން އަޒާންއަށް މުޅި ދުނިޔެ ހިމޭންވި ކަހަލައެވެ. ބަސް ހުއްޓި އަޒާންގެ ހަރަކާތްތައް ހުއްޓުނެވެ.

“މަ… މަންމާ… ” އަޒާންގެ ކޯތާފަތްމައްޗަށް ރާޅެއް ބީއްސާލާހެން ކަރުނައިގެ ތިކިތައް ބީހެލިއެވެ.

” ކަނޑުގެ އަޑިއަށް އަހަރެން އަސްލަށް ވެސް ގެނބުނު ނަމަ…..”  އަޒާންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

***

2 ހަފުތާ ފަހެވެ. އަޒާން މަޑުމަޑުން ދެލޯ ހުޅުވައި ވަށައިގެން ނަޒަރު ހިންގާލިއެވެ. މުޅި ތަނުން ވެސް ފެންނަމުން ދިޔައީ އަނދިރިކަމާއި ނާމާން ކަމެވެ. ކުޑަ ގޮޅިއެއްގައި 10 އަހަރު ހޭދަކުރަން އަޒާންއަށް މިވަނީ މަޖުބޫރުވެފައެވެ. ކުރި ކުށުގެ އަދަބެއްގެ ގޮތުގައެވެ.  

އަޒާން މަޑުމަޑުން ކޮޅަށް ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން އަޒާން ފެށީ ނަމާދުކުރަންށެވެ.

” ﷲއަކްބަރު” ސަޖިދައަށް ތިރިވުމާއި އެކު އަޒާން އަށް ގިސްލާ ރޯންފެށުނެވެ. ހިތަށް ވަރަށް ފުން ހިތްދަތި އަސަރެއް ކޮށްގެންނެވެ. ހިތް ފަޅައިގެން ގޮސް ހަށިގަނޑު ދޫކޮށް ހިތް ނިކުމެދާނެހެން ވެސް އަޒާންއަށް ހީވަމުން ދިޔައެވެ. މަޑުމަޑުން އަޒާންގެ ސިކުނޑި އޭނާގެ މާޒީގެ ތެރެއަށް ވައްދަމުން ދިޔައެވެ.

” އެއީ މީގެ 4 އަހަރު ކުރި…. އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ 14 އަހަރު…. އެ އުމުރުގައި އަހަރެންނަށް ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތަކާއި ވިސްނެން ފެށުނު.. ރަނގަޅު ކަންތަކާއި ނުރަނގަޅު ކަންތައް އެނގެން ފެށުނު… ރައްޓެހިން ޙިޔާރު ކުރެވެން ފެށުނު…. އަހަރެންގެ މުޅި ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް އަންނަން ފެށި… އެކަން އެންމެ ފުރަތަމަވެސް އަހަރެންގެ މައިންބަފައިންނަށް ފާހަގަކުރެވިގެން   އަހަރެންނަށް ނަސޭހަތްދިން… އަދިވެސް އަހަރެންގެ ހަނދާނުގައި އެ ހިކުމަތްތެރި ބަސްތައް ހަރުލާފައި ހުރޭ… އެއީ ވަރަށް ލޯބި މަންމައެއް… ވަރަށް ލޯބި ބައްޕައެއް… އަހަރެން އެ ނަސޭހަތްތައް އަޑުއަހައި ކިޔަމަންވިން… އުމުރުން 15 އަހަރުގައި އަހަރެންނަށް ލެޕްޓޮޕަކާއި ފޯނެއް ލިބުނު… އަހަރެންގެ އެދުމަށް… އެއީ އަބަދު ގޭގައި އޮންނާތީ ފޫހިވާ ކަމަށް ބުނެ.. އަސްލުވެސް އަހަރެން ފޫހިވޭ… ރެއާއި ދުވާލު ގިނަ ވަގުތު ތަކެއް ކޮޓަރީގައި ހޭދަކުރުމަކީ އުނދަގޫ އަދި ފޫހިވާނެ ކަމެއް… ސުކޫލަށް ދާން ނޫނީ ބޭރަށް ނިކުންނަން މަންމަމެން ޤަބޫލެއް ނުވޭ… ބޭރު ތެރެއިން ފެންނަ ނުރަނގަޅު އާދަތައް އަހަރެންނަށް ދަސްވެދާނެތީ ކަމަށް ބުނެ.. އަހަރެން އެކަން ހިތުން ރުހުމުން ޤަބޫލުކުރިން… ބޭރަށް ނިކުމެ އުޅެން ބޭނުން ނުވާތީއެއް ނޫން…. މަންމަ ގެ ބަސް ޤަބޫލު ކުރުމުގެ ގޮތުން… ލެޕްޓޮޕް އާއި ފޯނު ލިބުނު ހިސާބުން ބައްޕަ މޮޑެމްއެއް އަހަރެންނަށް ހޯދާދިން… އެ ހިސާބުން އަހަރެންނަށް ދުނިޔެ އަކީ ކޮބައިކަން އެނގުނު… ގިނަ ކަންތައްތަކަށް ލޯ ހުޅުވުނު… އެހެނަސް އަހަރެންނަށް ލޯ ހުޅުވުނީ ގިނައިން ނުބައި ދޮރުތަކުގައި ޓަކި ދިނުމަށް… އަހަރެން ގެ ފުރާވަރު ދުވަސްތަކުގައި އަހަރެންގެ ހިތުގެ ދޮރުގައި އެތައް ފަހަރަކު އިޝްގީ ބާނިތައް އައިސް ހަނާ އެޅި…. އެހެނަސް ގޫގަލް ކުރިމަތީގައި ފެންނަށް ހުރުމުން އަހަރެން ވަގުތު ބޭކާރު ނުކޮށް ފުރަތަމަވެސް ހަނާ އަޅަން ފެށީ ބޭއަދަބީ ސައިޓްތަކަށް…. އެއީ ކީއްވެކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެ…. ކުލާސް ބައެއް ކުދިންވެސް ބަލާކަށް އެނގުމުން އަހަރެންވެސް ޝައުޤުވެރިވީ ކަންނޭނގެ… ބޭއަދަބީ ސައިޓް ތަކުން އަހަރެން ބަރަހަނާ ވީޑިއޯ ބެލި ފުރަތަމަ ދުވަހުވެސް އަހަރެންނަށް ކުރެވުނީ ތަފާތު އިޙުސާސްތަކެއް… އެ ވީޑިއޯތަކަށް އަހަރެންގެ ހިތް ލެބެވެން ފެށުނު… މާ ގިނަ ދުވަސްތަކެއް ނުވެ އަހަރެން މިފަދަ “ޕޯރން” ސައިޓްތަކަށް “އެޑިކްޓް” ވާން ފެށި… ފޭސްބުކްގައި އެކި އައިޑީ ތައް ހަދައި އެކި އަންހެން ކުދިންނަށް ވީޑިއޯ ކޯލް ކޮށް އަހަރެންގެ ލަދުވެތި ގުނަވަން ދައްކަމުން ގެންދިޔަ… އޭރު އަހަރެންގެ ޅަ ސިކުނޑިއަށް ކުރެވެމުން ދިޔަ ކަންތަކާއި މެދު ވިސްނާވެސް ނުލެވުނު… އެކި މީހުންނަށް އޮރިޔާން ފޮޓޯ ފޮނުވައި ބޭއަދަބީ ވާހަކަ އެކި ކުދިންނާއި ދައްކަމުން ދިޔަ… އެގޮތަށް އުޅެމުން އަހަރެންނަށް ކެރިސްޓާ ކިޔާ ރަޝިޔާ ކުއްޖަކާއި ދިމާވެގެން ލޯބީގެ ގޮތުން އަހަރެމެން ގުޅުނިން.. ކޮންމެ ދުވަހަކު އެތައް އިރަކު އަހަރެން އޭނާ އާއި އެކު އަހަރެންގެ ބަރަހަނާ ހަށިގަނޑު ކެމެރާ ކުރިމަތީ ފައުޅުކޮށްގެން ދެމީހުން ޖިންސީ އުފާ ލިބިގަންނަމުން ދިޔަ…. ރޭގަނޑުގެ ދަންވަރުގެ ގިނަ ވަގުތުތައް ފާޚާނާއަށް ފޯނު ވައްދައިގެން އަހަރެން ހޯދަމުން ދިޔައީ ހަވާނަފުސު އެދެމުން ދިޔަ އުފާތައް…. އަހަރެންގެ ފޯނުގެ ގެލެރީގައި އަހަރެންގެ އޮރިޔާން ފޮޓޯތަކާއި ވީޑިޔޯތައް އަހަރެން ދިޔައީ ސޭވްކުރަމުން…. އަދި އެހެންވެސް އެތައް ބޭއަދަބީ ފޮޓޯތައް އަހަރެންގެ ފޯނުގައި ރައްކާކުރަމުން ގެންދިޔަ… އަހަރެން މާލެ ދިޔުމަށް ލޯންޗުގައި ކެރިސްޓާ އާއި ވާހަކަ ދައްކަން އިންދާ މޫސުން ގޯސްވި އިރުވެސް އަހަރެންނަކަށް ނޭނގުނު… އަވަސް އަރުވާލާފައި ފޯނު ލޮކް ނުކޮށް ޖީބަށް ލެވިފައި އިންދާ ފޯނުގެ ފިއްތަކަށް އޮނބެމުން ގޮސް އަހަރެންގެ ގެލެރީގައި ހުރި ބައެއް ފޮޓޯތަކާއި ވީޑިއޯތައް އަހަރެންގެ ފޭސްބުކް އެކައުންޓަށް ލެވުނު އިރުވެސް އަހަރެންނަކަށް ނޭނގުނު…. އެ ވާހަކަ ޚަބަރަށް އަރައި އަހަރެން އޮރިޔާން ކާޑު ގެންގުޅު ކަމުގެ ތުހުމަތުގައި އަހަރެން ޖަލަށް ލީ… އަހަރެންގެ މައިންބަފައިން އަހަރެންނަށް ކޮޓަރިތެރޭގައި ދިން މިނިވަންކަން އަހަރެންނަށް ހިފުނީ ވަރަށް ނުބައިކޮށް…އެކަމާއި އަހަރެން ވަރަށް ހިތާމަކުރަން… އަހަރެން އެދެން ހުރިހާ މައިންބަފައިންވެސް ދަރިން ކުރާ ކަންތައް ވަރަށް ގާތުން ބެލުމަށް… އަދި އަހަރެން އެދެން އަހަރެން ފަދަ މީހަކަށް ނުވުމަށް”

ސަޖިދާގައި އޮތް އަޒާން ވަރަށް ހިތްވަރުކޮށް ތެދުވިއެވެ. އޭރު އަޒާންގެ މުޅި މޫނުވަނީ ރޮއިރޮއި މިލައި މޯޅިވެފައެވެ. ނަމާދުކޮށް ނިމިގެން އަޒާން އޭނާގެ މޫނުމަތީގައި ބާލިސް އަޅަމުން ޖަލުގައި އޮތް އެނދުގައި ބުރިކަށި ދަމައިލިއެވެ. އޭރުވެސް އަޒާންގެ ލޮލުން ކަރުނަ ހުސްނުވެއެވެ. އަޒާންގެ ދުޢާ އަކީ އޭނާގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ގިލަންވެރިކަން ލިބިފައި އޮތްކަމުގައި ވީނަމަވެސް، ކޮންމެވެސް ދުވަހަކުން އަޒާންގެ މައިންބަފައިންގެ ހިތްހެޔޮކަން އޭނާއަށް ލިބުމެވެ.

ނިމުނީ

 

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.