މޯލްޑިވިއަން އައިޑަލްގެ ސަސްޕެންސް ހިފެހެއްޓުމަށް ނަން މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމު، ބޮޑު ސަސްޕެންސެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް ކޮށްފިއެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުން ރޭ އާއްމުކުރި ފޮޓޯއަކާއި ގުޅިގެން މޫސާ ވަސީމު ގެންނަން މިއުޅެނީ ކޮންކަހަލަ ސަސްޕެންސެއްކަން އަދި ސާފު ނުވިޔަސް، މޫސާ ވަސީމު ވެސް ޑާކްރެއިންގެ ފިލްމަކުން ފެންނަން އުޅެނީ ނޫންބާއޭ ހިތަށް އަރުވަން މަޖުބޫރުކޮށްފިއެވެ. ސުވާލަކީ މޫސާ ވަސީމު، ނަހުޒާން އަހުމަދު ހުސެއިން (ނަހޫ) ދޫކޮށްލާފައި މިފަހަރު ފެންނަން މިއުޅެނީ ކޮން ފިލްމަކުންބާއޭ؟، ހިތުގައި އުފެދޭ ބޮޑު ސުވާލެވެ.

އައިލެންޑް އޭވިއޭޝަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރުގެ ބުރަ އަދި އެހާމެ ޒިންމާދާރު މަޤާމު ފުރަމުން އަންނަ މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމް ފެންނާން މިއުޅެނީ “ނޮވެމްބަރު”ން ބާވައެވެ؟ ނުވަތަ “ބަޅިނދު”ން ބާވައެވެ؟ ނޫނީ ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާ ކޮން ފިލްމަކުން ބާވައެވެ؟ ކޮންމެއަކަސް، ބޮޑު ސަސްޕެންސެއް އުފެދޭ ވަރުގެ ދެ ފޮޓޯއެއް ޑާކްރެއިން އިން ރޭގެ ވަގުތެއްގައި ވަނީ އާއްމުކޮށްފައެވެ.

“މޫސާ ވަސީމު ވެސް ފިލްމު “ނޮވެމްބަރު”ގަ ހަރަކާތްތެރިވަނީތޯ؟” ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ އަދި ޕްރޮޑިއުސަރަށް ‘ވައިބަރު’ މެދުވެރިކޮށް ސުވާލު އަމާޒުކޮށްލީމެވެ.

“😜” ޑާކްރެއިން އިން ފެންވަރުގެ މޮޅު ކޮމެޑީ ފިލްމު ހަދާވަރުން ކަމަށްވެސް ވެދާނެއެވެ. ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ގެ ޖަވާބަކީ މިއެވެ. އަނެއްކާވެސް މެދުވެރިވީ ސަސްޕެންސްގެ މައްޗަށް ސަސްޕެންސެކެވެ.

ކޮންމެއަކަސް މޫސާ ވަސީމުގެ މި ފޮޓޯއާ ބެހޭ އިތުރު އެއްޗެއް ނޭނގުނެވެ. އެހެންނަމަވެސް މޫސާ ވަސީމު އެހުރީ ޑާކްރެއިންގެ ހުނަރުވެރި ޑައިރެކްޓަރު/ކެމެރާމަން ޢަލީ ޝިފާޢު (ޗިއްޕެ) އާއި ޑާކްރެއިންގެ ސްކްރީން ރައިޓަރު/މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އެކުގައެވެ. މޫސަގެ އަތުގައި އޮތީ ފިލްމެއްގެ ސްކރީންޕްލޭއެއް ކަމަށް ޔަޤީނާ ގާތަށް ބުނަން އެނގެއެވެ. ހަމަ ގައިމުވެސް މި ފޮޓޯއިން “ނޮވެމްބަރު”ގެ ވަސް ކޮންމެވެސް ވަރަކަށް ދުވައިފިއެވެ.

ޑާކްރެއިން އިން އާއްމުކޮށްފައިވާ ޓްވީޓެއްގައި ހިމެނޭ ފޮޓޯއެއް – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

އިރުކޮޅެއް ފަހުން، ދެން ފެނިގެން ދިޔައީ ޚުދު މޫސާ ވަސީމު ކޮށްފައިވާ ޓްވީޓެކެވެ. ހޭޝްޓެކް ކޮށްފައިވަނީ ޑާކްރެއިން އެންޓަޓެއިންމެންޓަށެވެ. ފޮޓޯގެ ތިރީގައި ‘ކަމިންގ ސޫން’ ޖަހާފައި އެއްކަލަ ޒާތުގެ ފޭސް އިމޯޖީއެއް ހިމަނާލާފައިވެއެވެ.

މޫސާ ވަސީމް ކޮށްފައިވާ ޓްވީޓެއް – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

އަޅެ މޯލްޑިވިއަން އައިޑަލް ގެ ތިންވަނަ ސީޒަން ނިމި، ދެން އިތުރު ސީޒަންއެއް ބައްދަލުކޮށްފާނެ ކަމުގެ ކޮޅުމަތިވެސް ފެންނާން ނެތްއިރު، މޫސަ ތިޔަ ދޫކޮށްލީ ކޮންފަދަ ބޮޑު ސަސްޕެންސެއް ހެއްޔޭ އަހައިނުލާ ތިބެވޭނެހެއްޔެވެ؟ މޫސާ ބުނާކަށް ތިޔަ ސަސްޕެންސް ހައްލުކުރަން ‘ނަހޫ އެޖެންޓް1600′ ގެންނާން ޖެހޭވަރު ނުކޮށް، ތިޔަ ކިޔަން އުޅެނީ “އޮކްޓޫބަރެއްތޯ ނޮވެމްބަރެއްތޯ ނުވަތަ ޑިސެމްބަރެއްތޯ” ބުނެލުން ކީއްހެއްޔެވެ.

ޤައުމީ ޓީވީ، ޓެލެވިޒަމް މޯލްޑިވްސް އިން ޢާންމުންގެ ތެރެއަށް ތައާރަފްވެގެން އައި މޫސާ ވަސީމްގެ މަޤްބޫލުކަން އިތުރުވެގެން ދިޔައީ މޯލްޑިވިއަން އައިޑަލް ހުށައަޅައިދިން ހިސާބުންނެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު މޫސާ ވަސީމް ޓެލެވިޒަން މޯލްޑިވްސް އިން ވަކިވެފައިވަނީ، 13 އަހަރު ދުވަހު ޓީވީއެމްގައި މަސައްކަތް ކުރެއްވުމަށްފަހުގައެވެ.

ކާމިޔާބު ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު “ނޮވެމްބަރު”ގެ ޝޫޓިން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. މޮގާ ބުނީ ފިލްމުގައި ގިނަ އަދަދެއްގެ އާ ތަރިން ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން މޫސާ ވަސީމު ވެސް “ނޮވެމްބަރު”ގައި ހަރަކާތްތެރިވަނީ ނޫންބާވައޭ ހިތަށްނާރާންވީ އެއްވެސް ސަބަބެއް ނެތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.