ވީމީޑިއާ އޮރިޖިނަލްސްގެ ބިރުވެރި ފިލްމު “ދައުވަތު”ގެ ކާމިޔާބީއަށް ފަހު ވީމީޑިއާ އިން ތައްޔާރުކުރަމުން އަންނަ ލޯބީގެ ކޮމެޑީ ފިލްމު “ކޮސް ގިނަ މިސްޓޭކްް” ގެ އޯޑިއޯ ލަވަތައް އަންނަ ހަފުތާގައި ނެރުމަށް ނިންމައިފިއެވެ.

ފިލްމު “ކޮސް ގިނަ މިސްޓޭކްް”ގެ ޕްރޮޑަކްޝަން މެނޭޖަރު އިސްމާއިލް ޝަފީގު މުނިއަވަސް އަށް ބުނީ ފިލްމުގައި ހިމެނޭ ހައެއް ނުވަތަ ހަތް ލަވައިގެ އޯޑިއޯ ރިލީޒްކުރުމަށް ނިންމާފައިވާކަމަށެވެ.

ޝަފީގު އިތުރަށް ބުނީ ލަވަތައް ރިލީޒްކުރާނީ ބައިސްކޯފު ނުވަތަ ލަވަފޮށި ފަދަ އެޕްލިކޭޝަނަކުން ކަމަށެވެ. އެހެން ނަމަވެސް ހުރިހައި ލަވައެއްގެ ޓީޒާކޮޅެއް “ކޮސް ގިނަ މިސްޓޭކްް” ފޭސްބްކް ޕޭޖަށް އަޕްލޯޑްކުރާނެ ކަމަށް ވެސް ޝަފީގު ބުންޏެވެ.

ރޮމޭންޓިކް ކޮމެޑީ އޮފް ދަ އިޔަރގެ ހޭޝްޓޭގް ބޭނުންކޮށްގެން ޕްރޮމޯޓްކުރަމުން އަންނަ “ކޮސް ގިނަ މިސްޓޭކްް”ގެ ޝޫޓިން ކުރިއަށްދަނީ އދ. ފެންފުށީގެ އިތުރުން އެ އަތޮޅު މާމިގިލީގަ އާއި ސަން އައިލެންޑު ރިސޯޓްގައެވެ.

ނޮވެމްބަރު މަހު ރިލީޒްކުރުމަށް ނިންމާފައިވާ މި ފިލްމަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް އެކްޓްވެސް ކުރާ ފިލްމެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި ހާމިދު ޢަލީ، ޔޫސުފު ޝަފީޢު، ޢަލީ ސީޒަން، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް، އަޙްމަދު ސައީދު، އަޙްމަދު ނިމާލް، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނެއެވެ.

ކޮސް ގިނަ މިސްޓޭކްް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.