” ފަލަފެޓް… ބިސްގަނޑު… އަދިވެސް ގޮޑިއަށް ތަރަވެފަ..” ބެލް ޖެހުމާއެކު ކްލާހުން ކުދިން ނުކުންނަމުން އަހަރެންނާއި ދިމާކޮށްލިއެވެ. އަހަރެން އެހެން ކުދިންނަށްވުރެ ފަލަވީމައެވެ. ކަޅުވީމައެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އަހަރެންގެ އުމުރުން ބާރަ އަހަރެވެ. ކޮންމެ ދުވަހަކުވެސް އަހަރެން ބަލާ މަންމަ އާދެއެވެ. އެހެން ކުދިންގެ ބެލެނެރިވެރިންވެސް އަހަރެން ފެންނައިރަށް އަހަރެންގެ ފަލަ ވާހަކަ ދައްކާނެއެވެ. އެހާ ގިނައިން ނުކާން ބުނާނެއެވެ. މަންމަ އެއްވެސް ރައްދެއް ނުދޭނެއެވެ. އަހަރެން އެކަމާ ވަރަށް ޝަކުވާކުރެމެވެ. އަހަރެން ގިނައެއްކޮން ނުކަމެވެ. ގިނަވާނީ ބަނޑުހައިކަންމަތީ ރަގަޅަށް ނުކައި ހުންނަ ދުވަސްދުވަހެވެ. އަހަރެން އަބަދުވެސް ސުވާލުކުރަމެވެ. ހަމައެކަނި އަހަރެން މިހެން ހުންނަނީ ކީއްވެ ތޯއެވެ. ކުދިން އަހަރެންދެކެ އެހާ ނަފުރަތު ކުރަނީ ކިއްވެތޯއެވެ. މަންމަ އަބަދުވެސް ބުނާނެއެވެ. މީހުން ދައްކާ ވާހަކައަށް އަޅާނުލުމަށެވެ. އަދި އެކުދިންނަށް އެ މަލާމާތް ކުރެވެނީ އެކުދިން ހެއްދެވި ފަރާތަށް ކަމަށެވެ.
ދުވަހަކީ ބުރާސްފަތި ދުވަހެވެ. ކްލާހުގެ އެންމެ ފަހުގަޑިއަކަށް އޮތީ ކުޅިވަރު ގަޑިއެވެ. އެހެން ކުދިންހެން އަހަރެންވެސް ކްލާހުން ނުކުތީ ކުޅިވަރުގަޑިއަށް ބޯޅަ ދަނޑަށް ދިއުމަށެވެ. ބޯޅަ ދަނޑު އޮންނަނީ ސްކޫލާއި ޖެހިގެން ނެވެ. ސްކޫލު ދޮރާށިން ނުކުންނަށް ދިޔަގަޑީ ކްލާހުގެ އެންމެ އިސްކޮން އުޅޭ ދެތިން އަންހެންކުއްޖަކު ދޮރާށިކައިރީ ހުއްޓިގެން ތިއްބެވެ. “ކަލޭ ނުވާނެ ގޮސްގެން.. ދާން އުޅޭ ގެޔަށް.. ދުވެވެނީކީވެސް ނޫނެންނު.. ކޮންމެ ދުވަހަކު ކަލެއާހެދި އަހަރުމެން ބަލިވަނީ” އެކުދިން އަހަރެން ބޭރަށް ނުކުތުމަށް ހުރަސް އެޅިއެވެ. އަހަރެން ގަދަހަދާފައި ދާން މަސައްކަތް ކުރުމުން ކޮއްޕާލިއެވެ. އަހަރެން ގޮސް ޖެހުނީ ފާރު ބުޑަށެވެ. ވީ ތަދުން އަހަރެންނަށް ރޮއެ ގަނެވުނެވެ. “އޭ… ބޮޑު ފިނޑިއެއް.. ކަމެއްވާއިރަށް އެފެށީނު ރޯން” މަލާމާތުގެ އެތައް ބަހެއް ރައްދުކުރުމަށް ފަހު އެންމެ ފަހުން ދަމުން ދިޔައީ އަހަރެންގެ ގަޔަށް އޮށްގާވެސް އުކާފައެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި ބުނެފި ނަމަ އަހަރެން މަރާލާނެކަމަށް އިންޒާރު ވެސް ދީފައެވެ.
އަހަރެން އެނބުރި ގެއަށް ދިޔައީ ދެން ދުވަހަކުވެސް ސްކޫލަށް ނުދާން ނިންމައިގެންނެވެ. މަންމަގާތުގަވެސް އެކުދިން އަހަރެންނަށް އަނިޔާކުރި ވާހަކަވެސް ނުބުނަމެވެ. އޮށްގާ އުކުމުން ބޮލުގެ ދެތަނަކުން ހަލާކުވެފައި ހުއްޓެވެ. މަންމައަށް އެތަން ފެނުމުން އެތައް ސުވާލެއް ކުރިއެވެ. އަހަރެންނަށް މަންމަ ގައިގައި ބައްދާލެވުނެވެ. ބާރުބާރަށް ރޯން ފެށުނެވެ. “ދަރިފުޅާ ކިހިނެތްތަވީ … ދަރިފުޅަށް ކުއްޖަކު އަނިޔާ ކުރީތަ؟.. ހުއްޓާލާފަ ބުނެބަލަ … އޭރުން ދޯ ވީގޮތެއް އެގޭނީ … ދީބަލަ ނިތްކުރިމަތީ ތިހުރީ ދުޅަވެފަ.. ހިނގާ ބޭސް އަޅަން” އަހަރެން މަންމަ ހުއްޓުވީމެވެ. “މަންމާ ކީއްކުރަން ބޭސް އަޅަނީ.. މަންމައަށް ހީވޭތަ ތި ބޭހުން އަހަރެންގެ ހުރިހާ ޒަޚަމްތަކެއް ފަސޭހަ ވެދާނެހެން.. މަންމައަށް ވެސް ބޭސް އަޅައިދެވޭނީ ހަމައެކަނި ފެންނަން މިހިރަ ޒަހަމްތަކުގަ އެކަނި… އަހަރެންގެ އެތެރެހަށީގައި މި އަޅާވޭނަށް ދެވޭނެ ފަރުވާއެއް ނެތެއްނު..” ފެންކަޅިވެފައިވާ މަންމަގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ރޮމުން ރޮމުން ހުރިހާ ވާހަކައެއް މަންމައަށް އަހަރެން ކިޔައި ދިނީމެވެ.
“ދަރިފުޅާ ތެދުވޭ ސްކޫލަށް ދާ ގަޑި ޖެހެނީ….” އާދިއްތަ ދުވަހުގެ ހެނދުނު އިރުއެރުމާއި އެކު މަންމަ އަހަރެންނަށް ގޮވަން ފެށިއެވެ.
އަހަރެން ސްކޫލަށް ނުދާން ވަރަށް ގަދަހެދީމެވެ. މަންމަ އަހރެންނަށް އެތައް ނަސޭހަތެއް ދިނެވެ. އަދި ޕްރިންސިޕަލް ގާތުގައި ބުނެގެން އެކުދިންގެ ޢަމަލުތައް ހުޓުވައިދޭނެ ކަމަށް މަންމަ އަހަރެންގާތުގައި ބުނުމުން އަހަރެން ސްކޫލަށް ދިޔައީމެވެ. ކްލާހަށް ވަނުމުގެ ބަދަލުގައި މަންމަ އަހަރެންގޮވައިން ދިޔައީ ޕްރިންސިޕަލްގެ ރޫމަށެވެ. ހުރިހާ ވާހަކަތަކެއް އަހަރެން ޕްރިންސިޕަލް އަށް ކިޔައި ދިނީމެވެ. އަހަރެންނަށް އަނިޔާ ކުރި ކުދިން ގެނެސް ސުވާލު ކުރެވުނެވެ. ނަމަވެސް އެކުދިން އެކަމަށް އެއްބަހެއް ނުވިއެވެ. ޕްރިންސިޕަލް ވިދާޅުވީ އެއްވެސް ހެއްކެއް ނެތި އެކުދިންނަށް އަދަބު ނުދެވޭނެ ކަމަށެވެ.
އަހަރެން ވަރަށް ކަންތައް ބޮޑުވިއެވެ. މަންމަގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ” ދަރިފުޅާ ހިތްވަރު ކުރޭ އަދި އެކުދިންނަށް ވިސްނޭނެ.. މިއަދު ކްލާހާށް ނުގޮސްފިއްޔާ އެކުދިންނަށް އިތުރު ހިތްވަރެއް ލިބޭނެ ދަރިފުޅަށް ހަނގާ ކުރަން… ދަރިފުޅުގެ ދިފާއުގަ ދަރިފުޅު ތެދުވޭ…” މަންމަގެ ބަހަށް އަހަރެން ކްލާހަށް ދިޔައީމެވެ. އިތުރު ހިތްވަރަކާއެކު އެކުދިންނާ ކުރިމަތިލުމުގެ އަޒުމުގައެވެ.
ކްލާހަށް އަހަރެންނަށް ދެވުނު އިރު މުދައްރިސް ހުރީ ކްލާހަށް އައިހެވެ. ގަޑިޖެހިގެން އާދެވުމުން އަހަރެން ހުރީ ވަރަށް ބިރުންނެވެ. އެއީ މުދައްރިސް ވަރަށް ރުޅި އަންނަ ކަމަކަށްވާތީއެވެ. ނަމަވެސް މިއަދު ހުރީ ސްކޫލަށް މުޅިން އާ މުދައްރިސަކު ގެނެސްފައެވެ. އަހަރެން ވަރަށް ބިރުން ހުރެ ސަލާމް ގޮވާލީމެވެ. “ވައަލައިކުމުއްސަލާމް.. އަވަހަށް ވަދޭ އެތެރެއަށް…. ކިހިނެތްވީ މިއަދު ލަސްވީ؟… މާދަން އާދެވޭތޯ ބަލައްޗޭ ގަޑިއަށް….” ވަރަށް އޯގާތެރި ކަމާއެކު އެ މުދައްރިސް އަހަރެންނާއި ވާހާކަ ދެއްކިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ ހަޔާތުގައިވެސް މަންމަ ފިޔަވައި އެފަދަ އޯގާވެރިވި ދެވަނަ މީހަކީ އެ މުދައްރިސެވެ. ލީލާ މިސް އެވެ.
އަހަރެން އިށީނުމާއެކު އަހަރެންނަށް އެދުވަހު އަނިޔާ ކުރި ކުދިން އަހަރެންނާއި ދިމާއަށް ބަލަބަލާފައި ހޭން ފެށިއެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަރެންގެ ހުރިހައި ސަމާލުކަމެއް ދިނީ ފިލާވަށެވެ. “މިސް އެބަ އަންނަން.. އަންނަންވާއިރަށް މިސް ހަވާލުކުރި މަސައްކަތް ނިންމައްޗޭ….” މިސް ދިއުމާއެކު ކުލާހުގެ ހުރިހާ ކުދިން އަހަރެންނާއި ދިމާކޮށްލިއެވެ. “ކަލޭ ހީކުރީ ޕްރިންސިޕަލް ކައިރިއަށް ގެންދިޔައީމަ ބިރު ގަންނާނެކަމަށްތަ؟… ފިނޑިކަން ބަލާބަލަ… އަހަރުމެންނާއި ދިމާކުރަން ނުހަދައްޗޭ..” އަހަރެންނަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. އެއްފަޅީގައި އަހަރެން އެކަންޏެވެ. އަނެއް ފަޅީގައި ކްލާސް ހުރިހާ ކުދިންނެވެ. އަހަރެން ގޯސްވީ ކީއްވެ ހެއްޔެވެ؟ އަނިޔާ ކުރީ އެމީހުން އަހަރެންނަށެވެ. އަހަރެން، އެމީހުންނަކަށް ނޫނެވެ. އެކަމަކު ކުއްވެރި މިވީ އަހަރެންނެވެ. މީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ މިސް އަށް ކްލާހާށް އާދެވުނު އިރު އެކުދިން އަހަރެންނާ ދިމާއަށް ކަރުދާސް ބޯޅަ އުކަނީއެވެ.
“ކުދިންނޭ… ކީއްތިކުރަނީ؟” މިސްގެ އަޑު އައީ ވަރަށް ބާރަށެވެ. ހުރިހާ ކުދިން ގޮޑީގައި އިށީނެވެ. ފެންކަޅިވެފައިވާ ދެލޮލާއެކު ރޯންވެސް ނޭގިފައި އަހަރެންނަށް އިދެވުނީއެވެ. “ކީއްވެ ޝައިނާ އާ ދިމާކުރަނީ ތި؟ މައްސަލައެއް އުޅެންޏާ މިސްގާތުގައި ބުނާނީ.. ކުދިންނަށް އަނިޔާ ނުކުރާނެ..” އެކުދިންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. އަހަރެންނާއި މެދު އެކުދިން ހިތްހަމަ ނުޖެހެނީ ކީއްވެ ކަމެއް ބުނެއެއް ނުދެވުނެވެ. “މިސް … މިސްގެ ތިހުރިހާ ސުވާލެއްގެ ޖަވާބު މިހިރަ ހުރިހާ ކަރުދާސްބޯޅަ ތަކެއްގައި ހުންނާނެ” އަހަރެން އެހެން ބުނުމުން ފަހަރަކު ކުއްޖެއް ލައްވާ މިސް އެކަރުދާސް ކޮޅުތައް ކިޔުއްވިއެވެ. “ބެރި” “ފަލަފެޓް” “ބިސްގަނޑު” މި ކަހަލަ ހުރިހާ ބަސްތަކަކީ އަހަރެންނަށް ހާއްސަ ބަސްތަކެއް ކަމުގައި އަހަރެން މިސްގާތުގައި ބުނީމެވެ. އަދި އަހަރެންގެ އުމުރުގައި ބާރަ އަހަރާއި ހަމައަށް އައިއިރު ކަންތައްތައް ވަމުން އައިގޮތް ކިޔައި ދިނީމެވެ.
މިސް އަހަރެންގެ ހެކިވެރިއަކަށް ވެދިނެވެ. އެކުދިން އެންމެފަހުން އެކަމާއި އެއްބަސްވިއެވެ. އެކުދިންނަށް ހައްޤު އަދަބު ލިބުނެވެ. މިއަދު އަހަރެންނަކީ ކާމިޔާބު މީހެކެވެ. ލީލާ މިސް ފަދަ މިސް އެކެވެ. ފިޓްނަސް އިންސްޓްރަކްޓަރެކެވެ. މިހާރު އަހަރެން މީ އޭރު އަހަރެންނަށް މަލާމަތް ކުރި ކުދިންގެ ބަރުދަން ލުއިކުރަން އެހީތެރިވެދޭ މީހެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޮކްޓޯބަރ 2023ޚަބަރުއަންހެން ޑިވިޝަންގެ ޗެމްޕިއަންސްކަން ޗަޑްސްއަށް
- 21 އޮކްޓޯބަރ 2023ޚަބަރުފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޗެލެންޖާރސްއަށް
- 19 އޮކްޓޯބަރ 2023ޚަބަރުފައިނަލްގައި ޗެލެންޖާސް އަދި ރޯޔަލް ފްރެންޑްސް
- 18 އޮކްޓޯބަރ 2023ޚަބަރުޑްރެގަންސް ބަލިކޮށް ޗަޑްސް އިން ފައިނަލަށް