އުމުރުން 17 އަހަރުގެ ނީޝާން އަކީ ގިނަ ބަޔަކު އުއްމީދު ނުކުރާ ފަދަ ކުޅަދާނަ އިންޖިނިއަރެކެވެ. ނީޝާން އަކީ އޭނާގެ ކޮންސްޓްރަކްޝަން ސައިޓްގައި ހަމައެކަނި މަސައްކަތްކުރާ އަންހެން އިންޖިނިއަރު ކަމަށް ވީއިރު މަސައްކަތަށް ހުއްޓުމެއް އަންނާނެ އެއްވެސް ކަމެއް މަސައްކަތުގައި ހޭދަވި ދެ އަހަރު ދުވަހުގެ ތެރޭގައި ދިމާ ވެފައެއް ނުވެއެވެ.

“ފުރަތަމަ މަސައްކަތަށް ނިކުތް ދުވަސް ކޮޅު ސައިޓުގަ އުޅޭ ފިރިހެން ކުދިން ބުނާނެ ނުވާވަރުގެ ކަމެއް ވިއްޔާ ބުނެލައްޗޭ. ނަމަވެސް މިއަދު އެމީހުން ބުނަނީ މިކަން ކޮށް ދެވިދާނެހޭ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސައިޓުގެ އެހެން ކުދިންގެ މެދުގައި ބަލައިގަތް ކަން އިހުސާސް ވުމުން ވަރަށް ފަޚުރުވެރިވޭ.” ސިވިލް އިންޖިނިއަރު ނީޝާން ބުންޏެވެ.

އުމުރުން 15 އަހަރުން ފެށިގެން ނީޝާން އެކި ކަހަލަ މަސައްކަތް ކޮށް އުޅެއެވެ. އަދި ނީޝާނާއެކު އުޅޭ އެކުވެރިންނާއި، އާއިލާ އަދި އެހެން މީހުން ހައިރާން ކުރުވަނިވި ޝައުގުވެރިކަން ނީޝާންގެ މަސައްކަތުގައި ދައްކައެވެ. ސްކޫލުގައި ނީޝާން އެންމެ ބޮޑަށް ކިޔެވީ ހިސާބު އަދި ފިޒިކްސް އެވެ. ނަމޫނާއަކަށް ބައްޕަ ބަލައިގެން ކުރިމަގު ބައްޓަން ކުރަމުން އައި ނީޝާން މިއަދު އެވަނީ ކާމިޔާބީއާ ހަމައަށް ވާސިލް ވެފައެވެ. ނީޝާންގެ ބައްޕައަކީ އިލެކްޓްރިކަލް އިންޖިނިއަރެކެވެ.

“އެހެން ކުދިން ކާޓޫނާއި ތަފާތު ޓީވީ ޕްރޮގުރާމްތައް ބެލިޔަސް އަހަރެން އެކަހަލަ އެއްވެސް އެއްޗެއް ބަލައެއް ނޫޅެން. އަބަދުވެސް ބައްޕައާ އެކު ބައްޕަ ކުރާ މަސައްކަތްތަކުގައި ބައިވެރި ވުމާއި ބައްޕައާ ބައްޕަގެ އެހެން ރަހުމަތްތެރިންނާއެކު މަސައްކަތް ކުރާއިރު، ކުރާގޮތް ބަލައިގެން ދަސްކުރަނީ.” ނީޝާން ބުންޏެވެ.

ނީޝާން ކުރާ މަސައްކަތުގައި އަބަދުވެސް އާއިލާގެ އެއްބާރުލުން ލިބެއެވެ. ނީޝާންގެ ކިޔެވުން ޚިޔާރު ކުރި ހިސާބުން ފެށިގެން ބައްޕަގެ އެހީތެރިކަން އަބަދުވެސް ނީޝާނަށް ލިބެމުން ދެއެވެ. އަދި އެޕަރެންޓައިސް ޕްރޮގްރާމްގައި ބައްޕަގެ އެހީތެރިކަން ނީޝާނަށް ލިބިފައިވެއެވެ.

“އާއިލާގެ އެހީތެރިކަމާ އެއްބާރުލުން ލިބުނީތީ މިއަދު އަހަރެން މިހިސާބުގައި މިހުރީ. އަހަރެންގެ ހުރިހާވެސް ބަޔަކީ އަހަރެންގެ އާއިލާ. އެކި މީހުން ތަފާތު ބަސްތައް ބުނޭ. ބައެއްމީހުން ބުނާނެ ތިކަމެއް ނީޝާނަކަށް ނުވާނެއޭ. ތީ އެއަށްވުރެ މާ ބުރަ މަސައްކަތެކޭ. ނަމަވެސް އެ ހުރިހާ ބަސްތަކަކަށް އަހަރެން ދިނީ ބީރު ކަންފަތެއް. އެއީ މި ހުރިހާ ކަމެއްގެ ތެރެއިންވެސް އަހަރެންގެ އާއިލާގެ ފުރިހަމަ އެއްބާރުލުން ދިޔައީ ލިބެމުން.” ނީޝާން ބުންޏެވެ. 

ނީޝާނަކީ އެޕަރެންޓައިސް ޕްރޮގްރާމް ނިންމާ ވަޒީފާ ލިބުނު 10 ކުދިންގެ ތެރެއިން އެކަކެވެ. ޕްރޮގުރާމް ނިންމުމަށްފަހު ސްކޫލުގެ ކިޔެވުން ފެށުމުންވެސް ކިޔަވަމުން ތިން މަސްދުވަހު މަސައްކަތް ކުރަން ނީޝާން ބޭނުންވިއެވެ. އަދި ކިޔެވުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ސިވިލް އިންޖިނިއަރިންނާ ގުޅޭ މާއްދާތަކަށް ކަންވެސް ނީޝާން ދަނެއެވެ.

“އެޕަރެންޓައިސް ޕްރޮގުރާމުގައި ވަރަށް ގިނަ އިތުރު ކަންކަން ދަސްވި. އަދި ސައިޓެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުން ވަރަށް ގިނަ މަސައްކަތްތައް ދަސްވި. އޭގެ ތެރޭގައި އެކްސްކަވޭޝަން، ފައުންޑޭޝަންގެ މަސައްކަތް، މެޝިނަރީ، ޕްލަމްބިންގ، ކަރަންޓުގެ މަސައްކަތް، ދަގަނޑުގެ މަސައްކަތާއި، ކޮންކްރީޓް އަދި ހިޔާކުރުމުގެ އިތުރުން ފިނިޝިންގ ގެ މަސައްކަތް ދަސްވި. ހައްތަހާވެސް މުޅިން އާ ކަންކަން މީ. މި ބުނި މަސައްކަތުގެ ތެރެއިންވެސް އިތުރު އާ ކަންކަން ވެސް ދަސްވޭ. މިސާލަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަސައްކަތުގައި ބޭނުންކުރާ އާލާތްތަކަށް އަންނަ ބަދަލުތައް.” ނީޝާން ކިޔައިދިނެވެ.

މިފަދަ މަސައްކަތުގައި ދުވަހެއް ދުވަހަކަށް ނީޝާންގެ ފޯރި ގަދަވަމުންދާއިރު ނީޝާން ބޭނުންވަނީ ބައްޕަ ކަހަލަ މީހަކަށް ވާށެވެ. ނީޝާންގެ ބައްޕަ އިލެކްޓްރިކަލް އިންޖިނިއަރިން ކިޔެވި ބެޗުގައި ކޯހުން އެއްވަނަ ހޯދާފައި ވާއިރު ނީޝާންވެސް ބޭނުންވަނީ އެ ވަނަ ތަކުރާރު ކުރާށެވެ. އަނެއްކޮޅުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ބުނާ ގޮތުގައި ދިވެހި ރާއްޖޭގައި ވަޒީފާ ނުލިބިފައި ތިބި އަންހެނުން، ވަޒީފާ ނުލިބިފައި ތިބި ފިރިހެނުންނަށް ވުރެ ތިން ގުނަ އިތުރެވެ.

ނީޝާން ބުނެފައިވަނީ ބައެއް މީހުން ބުނާގޮތުގައި މިކަހަލަ ބުރަ މަސައްކަތަކީ އަންހެން ކުދިންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެއީ ބޯދާ ފުލޯކު ބަސްތަކެއްކަން ވާނީ ސާބިތު ކޮށްދީފައި ކަމަށެވެ.

“ކޮންސްޓްރަކްޝަން ސައިޓްތަކުން އަންހެންކުދިން އަސްލު ބަލައެއް ނުގަނޭ. ފިރިހެނުން ދެކޭ ގޮތުގައި އަންހެން ކުދިންނަކަށް މިކަހަލަ މަސައްކަތެއް ނުކުރެވޭނެ. ހިތަށް އަރާ އަންހެން ކުދިންނަށް މިފަދަ ފުރުޞަތުތައް ދީގެން އެމީހުންނަށް މަދުވާނީ ކޯޗެއް ބާވައޭ. އެމީހުންގެ ހަޖަމު ނުވުމަށް ނިމުމެއް ގެންނަން ޖެހޭ.” އަންހެން ކުދިންނަށްވެސް ނުކުރެވޭ މަސައްކަތެއް ނެތްކަން ހާމަކޮށްދެމުން ނީޝާން ބުންޏެވެ.

ނީޝާން ބުނެފައިވަނީ ކޮންސްޓްރަކްޝަން ސައިޓްގައި އުޅޭ ފިރިހެނުން  ތިބެނީ ވަރަށް ބޮޑަށް ބޮސީ ވެފައި ކަމަށާއި އަބަދުވެސް އޭނާގެ މަސައްކަތައް އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށާއި އަދި ބައެއް ފަހަރު އެތާ އޭނާ އުޅޭކަން ނުވެސް ދެނެހުންނަ ގޮތަށް އެމީހުންގެ އަމަލުތައް ހުންނަ ކަމަށްވެސް ނީޝާން ބުނެފައި ވެއެވެ.

ދުވަހެއް ދުވަހަކަށް ނީޝާންގެ މަސައްކަތް ކުރިއަރުވަމުން އަންނަ އިރު އޭނާގެ ހާސިލްކުރަން ބޭނުންވާ ހުވަފެންތަކެއް ހުރިކަމަށާއި، ބޮސްއަކީ ކާކުކަން އެންމެނަށް ދައްކާނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް އޭނާގެ ހުވަފެންތަކަށް ހުރަހެއް ނޭޅޭނެ ކަމަށްވެސް ހިތްވަރު ގަދަ ނީޝާން ބުނެފައިވެއެވެ.

ނީޝާނަކީ އޭނާގެ އާއިލާއަށްވެސް ވަރަށް އެހީތެރިވާ ކުއްޖެކެވެ. ލިބޭ އާމްދަނީގެ ބޮޑުބައެއް އާއިލާއަށް ހަރަދު ކުރުމުގައި ދެމިހުންނަ ނީޝާން ބުނެފައިވަނީ ބަސްއަހާ ކިޔަމަންތެރި ދަރިއަކަށް ވާން ބޭނުންވާ ކަމަށާއި، ހެޔޮލަފާ ދައްތައެއްގެ އިތުރުން ރަނގަޅު ރައްވެއްސަކަށް ވާން ބޭނުން ކަމަށެވެ. އަދި މުސްތަގުބަލަށް އަމާޒުކޮށް ނީޝާން ބުނެފައި ވަނީ އޯގާތެރި އަތްބަކަށް ވާންވެސް ބޭނުންވާ ކަމަށެވެ. އާއިލާ އަށާއި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާ ނީޝާން ބުނީ ކޮންމެވެސް ދުވަހަކުން އާއިލާ އާއި ގައުމު ފަޚުރުވެރިވާނެ ދަރިއަކަށް ވާނެ ކަމަށެވެ.

ރައްޔިތުންނަށާއި އާއިލާއަށް ނީޝާން ދޭން ބޭނުންވާ މެސެޖަކީ، ކޮންމެ މަޔަކާއި ބަފަޔަކުވެސް ދެކޭނެ އެންމެ ބޮޑު ހުވަފެނަކީ ތިމާގެ ދަރިފުޅު މޮޅު މިހަކަށް ވާނެ ދުވަހެކެވެ. ދަރިންގެ ކުރިމަގަށް ގޮތް ކިޔާ ބަޔަކަށް މައިންބަފައިން ވެއްޖެނަމަ އެދުވަސް ގެންނަން އުނދަގޫވާނެ ކަމަށާއި ދަރިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ހިތްވަރު ދޭންވާނެ ކަމަށެވެ. ހާއްސަކޮށް އަންހެން ދަރިންނަށް މި ސަޕޯރޓް ދެވޭނަމަ ހިތަށް ނުގެނެވޭ ކުޅަދާނަ ކިތައްމެ އަންހެން ދަރިންނެއް މި ގައުމުގައި އުފެދޭނެ ކަމަށެވެ.

މަސްދަރު: ޔުނިސެފް ޑޮޓް އޯރގް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.