އެޓިޓަރުގެ ނޯޓް: ލިޔުންތެރިޔާ ގެނެސްދީފައި ހާދިސާއަކީ ޙަޤީޤީ ހާދިސާއެކެވެ. ލިޔުންތެރިޔާ އާއި މުނިއަވަސް ގެ މަޤްޞަދަކީ ޤުރުއާން ކިޔަވައިދެއްވާ ބޭފުޅުންގެ ތަޞައްވަރު ކިލަނބުކޮށްލައި ބަދުނާމު ކުރުމެއް ނޫންނެވެ. އަދި ކިއެއްތަ؟، މުޖުތަމަޢުގައި މަދުން ނަމަވެސް މި ހާދިސާގައި ގެނެސްދީފައިވާ ފަދަ މީހުން އުޅޭކަމާއި އެކަންކަމާމެދު ހޭލުންތެރިކުރުވުމަކީ އަޅުގަނޑުމެން މި ލިޔުން ގެނެސްދޭ މަޤްޞަދެވެ.

​ފެށުނީއްސުރެ މިނިވަނެކެވެ. އޭނާ އަމިއްލައަށް އޭނާއަށް ކުރެވުނު ކަންތައްތަކާއިމެދެ ފަޚުރުވެރިވާ ކަހަލައެވެ. މީހުންގެ ކުރިމަތީ ނިކުމެ އުޅެން ލަދެއް ނުގަނެއެވެ. އޭނާގެ އެ މިނިވަން ކަމުގެ ސަބަބުން އަހަރެން ފަދަ އެތައް މީހުނެއް މިވަނީ ކަސްތޮޅު އެޅިފައެވެ. އަތްފަޔަކު ނޫނެވެ. ހިތާއި ސިކުނޑީގައެވެ. އޭނާގެ ނަން އިވުނަސް ބުނެދޭން ނޭނގޭ އެތައް އަސަރުތަކެއް ކުރުވައެވެ. ރުޅިގަދަވެއެވެ. ތުރުތުރު އަޅައެވެ. އޭނާ ފެނިއްޖެ ނަމަ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަކީ އަދި ވަކިން އުނދަގޫ ކަމަކަށްވެއެވެ. ދެރައީ އެހެންމީހުންނަށް އަހަރެމެންގެ މި މިޒާޖާއި މި ރުންކުރުކަމާއި، ގެއިން ނުކުންނަ ހިތްނުވެ ކޮޓަރީގައި އަބަދު އޮތުން ފަދަ އެތައް ކަމެއް ކުރަނީ އަމިއްލަ އިޚްތިޔާރުން ބޭރުގައިކަން ޤަބޫލު ނުކުރެވޭތީއެވެ. މީހުން ގިނަ ތަންތަނަށް ނުކުތުމަކީ އަހަރެމެން ބޯހާސް ވާކަމެކެވެ. ނޭވަޔަށް އުނދަގޫ ވާކަމެކެވެ.

އަހަރެންގެ މައިންބަފއިން އަހަރެން ބަލައި ބޮޑުކުރީ ވަރަށް ލޯބިންނެވެ. ކިތައްމެ ދަތިކޮން އުޅުނުސް އަހަރެންނަށް އެއްވެސް ކަމެއް އުންޏެއް ނުވެއެވެ. އަހަރެންނަކީ ޖިންސީ ގޯނާ އާއި ކުރިމަތިވި މީހެކެވެ. އެއީ އަހަރެންނާއި ދުރުހިލޭ މީހެއްނޫނެވެ. އަހަރެންގެ ވަރަށްގާތް ބޮޑު ބޭބެއެކެވެ. މިސްކިތުގެ އިމާމެވެ. ޤުރުޢާން ކިޔަވައިދޭ މުދައްރިސެކެވެ. އެފަދަ މީހަކަށް ޝައްކުގެ ނަޒަރުން ބަލާވެސް ނުލާނެހެން ހީވާފަދަ ރަށުގެ ގަދަރުވެރިއެކެވެ.

މި ހުރިހާ ކަމެއްވެސް ފެށިގެން އައީ އަހަރެންގެ އުމުރުން އެންމެ ހަ އަހަރުގައެވެ. އެހެން ކުދިންނެކޭވެސް އެއްފަދައިން މަންމަމެން އަހަރެންވެސް ޤުރުޢާން ކްލާހާށް ފޮނުވީ ޤުރުޢާން ކިޔަވަން ދަސްކޮށް ދިނުމަށެވެ. އެފަދަ މީހެއްގެ ޝިކާރައަކަށް ހަދާކަށް ނޫނެވެ. މަހަކު އެއްފަހަރު ކުދިންގެ ކިޔެވުމުން ޓެސްޓް ނަގަން ކަމަށް ބުނެ މިސްކިތަށް ވައްދަނީ ފަހަރަކު ކުއްޖެކެވެ. އަހަރެން ވައްދަނީ އެންމެ ފަހުންނެވެ. މިއިން އެއްވެސް ފަހަރަކު އަހަރެންނަށް ކިޔަވާކަށް ނުޖެހެއެވެ. ނަމަވެސް ކްލާހުން އެންމެ މަތީ މާކްސް ލިބެނީ އަހަރެންނަށެވެ. ކިޔެވުމުގެ ބަދަލުގައި އޭނާ އަހަރެންގެ ހަށިގަނޑުގެ ބޭނުންކުރަނީ އެވެ. އެ ހަޑިމުޑުދާރު ޢަމަލުތައް ކުރުމުށެވެ. އެންމެފަހުން ޤުރުޢާން ކްލާސް އޭނާގެ ގެއަށް ބަދަލުކޮށް އޭނާގެ އެ ވިޔާނުދާ ކަންތައްތައް ކުރަން އިތުރު މަގެއް އޭނާ ކޮށީ އެންމެންގެ ކުރިމަތީގައެވެ. އެއްވެސް މީހަކަށް އޭނާގެ މަޤްސަދެއްނޭނގޭނެތާއެވެ. އަހަރެންނަކަށްވެސް އެކުރަނީ ގޯސް ކަމެއް ކަމެއް ނޭގެއެވެ. އެއްވެސް މީހެއް ކައިރީ އެވާހަކަތައް ދައްކާކަށްވެސް ނުކެރެއެވެ. އަހަރެން ދައްކާ ވާހަކަ އެއްވެސް މީހަކު ޤަބޫލުކުރާނެ ކަމަކަށް އޭރު އަހަރެން ނުދެކެމެވެ.

އަހަރެންގެ މައިން ބަފައިންނަށް މިކަން ރޭކާލީ އިރު އަހަރެންގެ އުމުރުން 13 އަހަރެވެ. މައްސަލަ ކޯޓަށް ހުށަހެޅުނީ އެހާ ހިސާބުންނެވެ. އޭރު އަހަރެން ފަދަ އެތައް ކުދިންނަކަށް އޭނާގެ ފަރާތުން މި ގޯނާކުރުމާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. އޭގެ ފަހުން 9 އަހަރު ފާއިތުވެ ދިޔައިރުވެސް މައްސަލަ އޮތީ ކޯޓުގައެވެ. ހެކި ނެތިގެން މައްސަލަ ނުނިންމިފައެވެ. މިއަދު މިވަނީ އޭނާގެ މައްސަލަ ކޯޓުން ނިންމާފައެވެ. ހެކި ނެތިގެން އޭނާއަށް އަދަބެއް ނުދެވުނެވެ.

މިއަދު އަހަރެން ހިތަށް އަރައެވެ. އެދުވަހު ހުރިހާ ވާހަކަތަކެއް ކިޔައިދެވުނު ނަމަ މިއަދު އޭނާ ސަލާމަތެއް ނުވީހެވެ. ހެކި ނެތިގެން މި ދުނިޔޭގައި ސަލާމަތް ވިޔަސް އެއީ އޭނާ ނުކުރާ ކަމަކަށް ނުވާނެއެވެ. މި އަނިޔާ ލިބިފައިވަނީ ހަމއެކަނި އަހަރެންނަކަށް ނޫނެވެ. އަހަރެންފަދަ އެތައް ކުދިންނަށެވެ. ﷲ ހުރިހާ ކަމެއްވެސް ދެނެވޮޑިގެންވާނެ ކަމަށް އަހަރެން ޤަބޫލުކުރަމެވެ. މި ދުނިޔޭގައި އޭނާ އަށް ސަލާމަތް ވެވުނަސް އާޚިރަތުގައި އޭނާ ކުރި ކުށުގެ އަދަބު އޭނާއަށް ލިބޭނެކަމަށް އަހަރެން ޤަބޫލު ކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.