ހެނދުނު ހުސްބަނޑާހުރެ ލުނބޯ ފަނި ތައްޓެއް ބުއިމުން ބަރުދަން ލުއިވުމަށް އެހީތެރިވެދޭކަން ގިނަ މީހުން ދަނެއެވެ. މީގެ ތެރެއަށް އެކަތި އިތުރު ކޮށްލައިގެން ބަރުދަން ލުއިވުން އަވަސް ކޮށްލަމާ ހިނގާށެވެ. މީގެތެރެއަށް އިތުރުކުރާ ބާވަތަކީ އޭގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ފެޓްސް މުޅިން ނެތި ކޮށްލުމަށް އެހީތެރިވެދޭ ބާވަތެކެވެ. މިފަހަރު ތައްޔާރު ކުރަން ޖެހޭ މި ހާއްސަ ބުއިމުގައި ހިމެނޭ ބާވަތްތަކަކީ ކޮރިއަންޑާ (ކޮތަނބިރި) ފަތް، ލުނބޯ، އަދި ތާފަނާ ފެނެވެ.

ތާޒާ ކޮރިއަންޑާ ފަތް

ކޮރިއަންޑާ ފަތަކީ ކެރެޓް އާއިލާގެ ބާވަތެކެވެ. ކޮރިއަންޑާ، ތާފަނާ ފެނާ އެއްކޮށްގެން ބުއިމުން ހަށިގަނޑުގެ ފެޓްސް ނެތިކޮށްލުމާއި ހަޖަމު ކުރުމަށް ފަސޭހަވެއެވެ. މީގެ އިތުރުން ބަނޑުގައި ހުންނަ ތަފާތު އެސިޑް ތަކުން ހަށިގަނޑު ސަލާމަތް ކޮށްދިނުމާއި ގޭސްޓްރިކް ފަދަ ކަންކަމުން ހަށިގަނޑު ރައްކާތެރި ކުރުމަށް ކޮރިއަންޑާގެ ދައުރު ވަރަށް ބޮޑެވެ. އަދި ހަށިގަނޑުގައި ވިޓަމިން އާއި މިނަރަލްސް އިތުރު ކޮށްދިނުމާއި އެނީމިއާ ފަދަ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ.

ކޮރިއަންޑާގެ ސަބަބުން ލިބިދޭ އެހެން ފައިދާ ތަކަށް ބަލާލާއިރު ނޭވާލާ ނިޒާމުގެ މައްސަލަތައް ހައްލުވުމާއި، ކަށިތައް ވަރުގަދަ ކޮށްދެއެވެ. ކޮރިއަންޑާއަކީ ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ، އަދި ކޭ އެކުލެވޭ ބާވަތެކެވެ. މީގެ އިތުރުން ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަން އެންމެ ރަނގަޅު ގުދުރަތީ ބާވަތެއްގެ ގޮތުގައި ކޮރިއަންޑާ ފާހަގަ ކުރެވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮރިއަންޑާ ފަތް ބޭނުންކުރުން އެންމެ ރަނގަޅީ މިކްސަރު ކުރުމަށްފަހު ހޫނު ނުވަތަ ތާފަނާ ފެނާ އެއްކޮށްގެންނެވެ. ނޭވާ ހިއްލުން ފަދަ ބަލިތަކުން ރައްކާތެރި ވުމަށްވެސް ކޮރިއަންޑާއަކީ ވަރަށް ރަނގަޅު ބާވަތެކެވެ.

ލުނބޯ

ލުނބޮއަކީ ލޭ ސާފުކޮށްދޭ ބާވަތެއްގެ ގޮތުގައި ފާހަގަ ކުރެވޭ އެއްޗެކެވެ. ލޭ މައްޗަށް ދިއުން ފަދަ ކަންކަމުން ރައްކާތެރިވުމަށް ލުނބޮއަކީ ވަރަށް ރަނގަޅު ބާވަތެކެވެ. ލުނބޯ ބޭނުން ކުރުމުން ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމާއި ފެޓްސް ނެތިކޮށްލުމަށް ވަރަށް ބޮޑަށް އެހީތެރި ވެދެއެވެ.

މި ފައިދާ ހުރި ބުއިން ތައްޔާރު ކުރެއްވުމަށް 20 ކޮރިއަންޑާ ފަތް މިކްސަރު ކުރެއްވުމަށް ފަހު ދިޔަތައް ބިއްލޫރި ތަށްޓަކަށް އޮއްސާލައްވާށެވެ. މިކްސް ކުރި ކޮރިއަންޑާ ދިޔަފޮދުގެ ތެރެއަށް ލުނބޮއެއްގެ ހުތް ފެލުމަށް ފަހު ބިއްލޫރި ތަށި ފުރެންދެން ތާފަނާ ފެން އަޅުއްވާ ރަނގަޅަށް ގިރާލައްވާށެވެ.

ބަރުދަން ލުއިކުރާ ބުއިން ތައްޔާރު ކުރެވުނީއެވެ. މި ބުއިން ކޮންމެ ދުވަހަކުވެސް ހެނދުނު ހުސްބަނޑާ ހުރެ ބޭނުން ކުރައްވާށެވެ. ފަސް ދުވަސް ވަންދެން ބޭނުން ކުރެއްވުމަށް ފަހު ބަރުދަން ބައްލަވާ ލައްވާށެވެ. އިތުރަށް ބޭނުން ކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ، ދިހަ ދުވަސް ފަހުން އަނެއްކާވެސް ފަސް ދުވަހު ބޭނުން ކުރައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.