މޯލްޑިވިއަން އައިޑަލް އިން ވިދާލި ގަދަ ހަތަރު ތަރިން ކަމަށްވާ ލާރާ، އަމާން، ހިޝާން އަދި ކޮކީ ބިދަބިންއާ ގުޅިއްޖެއެވެ. މޯލްޑިވިއަން އައިޑަލް އިން ވިދާލި ރީހާން ވެސް މީގެ ދުވަސްތަކެއް ކުރީން ބިދަބިންއާ ގުޅިފައިވުމުން މިހާރު ބިދަބިންގައި އެ ޕްލެޓްފޯމުން ވިދާލި ވަރުގަދަ ފަސް ފަންނާނުން ހަރަކާތްތެރިވާނެ އެވެ.

ހުނަރުވެރި ގިނަ ޒުވާނުންތަކެއް ހިމެނޭ ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އާސިމް (އާއްކޮ) މުނިއަވަސް މިއަދު ބުނީ މޯލްޑިވިއަން އައިޑަލް އިން ވިދާލާފައިވާ އެފަދަ ހުނަރުވެރި ހަތަރު އާޓިސްޓުން ގުޅުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

“ވަރަށް ހެޕީ މިހާ ޓެލެންޓެޑް ބަޔަކު ޖޮއިންކުރީމަ. ބިދަބިން އިތުރަށް ތަފާތުވެގެންދާނެ.” އާއްކޮ ބުންޏެވެ.

ބިދަބިންގެ ކާމިޔާބީގެ އަސްލަކީ މެންބަރުންގެ އެއްބައިވަންތަކަމާ ބުރަ މަސައްކަތް ކަމަށް އާއްކޮ ގަބޫލުކުރެއެވެ. އެކަމަށްޓަކައި ބިދަބިންގެ ހުރިހައި މެންބަރުންނަށް އާއްކޮ ޝުކުރުއަދާކުރެއެވެ.

“ބިދަބިން ގެ ސަޕޯޓަރުންނަށް އަދިވެސް ވަރަށް ބޮޑެތި ސަޕްރައިޒްތައް އެބަހުރި. އޭގެ އެއް ސަޕްރައިޒް މިމަހު ފަހުކޮޅު ހާމަކުރާނަން.” ބިދަބިން އިން ދެކެނީ އެމީހުންގެ ދިރުމަކީ ބިދަބިންގެ ފޭނުން ކަމަށެވެ. އެހެންކަމުން ފޭނުން ހިތްހަމަޖައްސައިދިނުމަކީ ބިދަބިންގެ މައިގަނޑު އަމާޒެވެ.

ބިދަބިން އަށް މިހާ ހިސާބަށް އާދެވުމުގައި ބިދަބިންގެ މެއިން ސްޕޮންސަރ “ސްނޯ އިންވެސްޓްމެންޓް”ގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ވެސް ބިދަބިން އިން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

ބިދަބިން އަކީ ބޮޑުބެރުގެ އިތުރުން ސަގާފީ އެކިކަހަލަ ހަރަކާތްތަކުގައި ވެސް ރާއްޖޭައި ނަގާ ކިޔާ މަޝްހޫރު އެއް ގުރޫޕެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.