​ރިތިކް ރޯޝަން އަދި ޓައިގަރ ޝްރޮފްގެ ‘ވޯރ’ އަށް ތަރުހީބު އޮތީ ހަމައެކަނި އިންޑިއާގެ ބޮކްސް އޮފީހުގައެއް ނޫނެވެ. އިންޓަރނޭޝަނަލް ބޮކްސް އޮފީހުގައި ވެސް އެންމެ މަގުބޫލު އަދި އެންމެ ވިޔަފާރި ރަނގަޅު ފިލްމަކީވެސް ‘ވޯރ’ އެވެ. ‘ވޯރ’ ރިލީޒް ކުރި ދެވަނަ ހަފުތާ ބަންދުގައި 11 މިލިއަން ޔޫ.އެސް ޑޮލަރ ލިބިފައި ވާއިރު، 2019 ވަނަ އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމަކީވެސް ‘ވޯރ’ އެވެ.

އިންޓަނޭޝަނަލް މާކެޓަށް ބަލާއިރު، ގަލްފް ސަރަހައްދުގައި 4 މިލިއަން ޔޫ.އެސް ޑޮލަރ ލިބިފައި ވާއިރު، ‘ވޯރ’ އަކީ އެ ސަރަހައްދުގައި ވެސް އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ. މީގެ އިތުރުން ޔޫ.އެސް ނުވަތަ ކެނެޑާ ސަރަހައްދުން ‘ވޯރ’ އަށް 3.3 މިލިއަން ޔޫ.އެސް ޑޮލަރ ލިބިފައިވެއެވެ. މި ދެ ސަރަހައްދު އެއްކޮށް ގާތްގަނޑަކަށް 7.5 މިލިއަން ޑޮލަރު ލިބިފައި ވާއިރު ހަމަ އެކަނި ނޭޕާލުންވެސް 700 ހާސް ޔޫ.އެސް ޑޮލަރު ‘ވޯރ’ އަށް ވަނީ ލިބިފައެވެ. 

މިދިޔަ އީދު ބަންދުގައި ރިލީޒް ކުރި ސަލްމާން ޚާންގެ ‘ބާރަތު’ އަށް އިންޓަނޭޝަނަލް މާކެޓުން ޖުމްލަ 10.71 މިލިޔަން ޔޫ.އެސް ޑޮލަރ ލިބިފައިވާއިރު، ‘ވޯރ’ ވަނީ މި ފިލްމު ފަހަތަށް ޖައްސާލުމަށްފަހު އިންޓަނޭޝަނަލް މާކެޓުން ރެކޯރޑް ހާސިލްކޮށްފައެވެ. 

2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު ތަކުގެ ތެރެއިން އިންޓަނޭޝަނަލް މާކެޓުގައި 10 މިލިޔަން ރޮނގު ހުރަސްކުރީ ތިން ފިލްމެކެވެ. އެއީ ރިތިކް އަދި ޓައިގަރ ގެ ‘ވޯރ’، ސަލްމާން ޚާންގެ ‘ބާރަތު’ އަދި ރަންވީރް ސިންގ ގެ ‘ގަލީ ބޯއީ’ އެވެ. 

އިންޓަނޭޝަނަލް މާކެޓުގައި މިއަހަރު އެންމެ ކުރި ހޯދި 10 ފިލްމަކީ؛

ވޯރ – 11 މިލިޔަން ޔޫ.އެސް ޑޮލަރ

ބާރަތު – 10.71 މިލިޔަން ޔޫ.އެސް ޑޮލަރ

ގަލީ ބޯއީ – 10.25 މިލިޔަން ޔޫ.އެސް ޑޮލަރ

ޔޫރީ-ދަ ސަރޖިކަލް ސްޓްރައިކް – 7.46 މިލިޔަން ޔޫ.އެސް ޑޮލަރ

ކަލަންކް – 7.17 މިލިޔަން ޔޫ.އެސް ޑޮލަރ

މިޝަން މެންގަލް – 7.15 މިލިޔަން ޔޫ.އެސް ޑޮލަރ

ކަބީރް ސިންގ – 6.95 މިލިޔަން ޔޫ.އެސް ޑޮލަރ

ޓޯޓަލް ދަމާލް – 6.53 މިލިޔަން ޔޫ.އެސް ޑޮލަރ

ސުޕަރ 30 – 5.19 މިލިޔަން ޔޫ.އެސް ޑޮލަރ

ބަދްލާ – 4.68 މިލިޔަން ޔޫ.އެސް ޑޮލަރ

ރިތިކް ރޯޝަންގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ވިޔަފާރި ވެފައިވާ ފިލްމު ‘ބޭންގް ބޭންގް’ އަށް 12.75 މިލިޔަން ޔޫ.އެސް ޑޮލަރ ލިބިފައިވާއިރު، ‘ވޯރ’ ވެސް މިހާރު އެވަނީ އެ ރިކޯރޑާވެސް ދާދި ގާތް ކޮށްފައެވެ. އަދި ޓައިގަރ ޝްރޮފްގެ ފިލްމުތަކުގެ ތެރެއިން އިންޓަރނޭޝަނަލް މާކެޓްގައި އެންމެ މަގުބޫލުވި ފިލްމް ‘ބާގީ 2’ އަށް ލިބިފައިވަނީ 7 މިލިޔަން ޔޫ.އެސް ޑޮލަރެވެ.

ސިދާތު އާނަންދް ޑައިރެކްޓް ކުރި ފިލްމު ‘ވޯރ’ ގައި ރިތިކް އަދި ޓައިގަރ ގެ އިތުރުން ވާނީ ކަޕޫރު އަދި އާޝިތޯޝް ރާނާ ވެސް ފެނިގެން ދެއެވެ. އިންޑިއާގެ އިތުރުން ހަތް ގައުމެއްގައި ދައްކާފައިވާ މި ފިލްމު ރިލީޒް ކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.