މިއަހަރު ޖުލައި މަހުގެ 23ވަނަ ދުވަހުގެ ރޭ ރިލީޒްކުރި، އަބްދުﷲ މުއާޒް (މުއާ)ގެ ފުރަތަމަ ފީޗާ ފިލްމް “ލީނާ” ގެ ކޮޕީއެއް ޔޫޓިއުބްގައި ޕަބްލިޝްކޮށް، ލީކް ކޮށްލައިފިއެވެ.

ޔޫޓިއުބަށް ލީކްކޮށްލާފައިވާ “ލީނާ”ގެ ކޮޕީގައި ސައްޔާހް އައްބާސް ގެ ނަމުގައި ޖަހާފައިވާ ވޯޓާ މާކެއް ވެއެވެ. ޔޫޓިއުބުން ލިބެންހުރި މަޢުލޫމާތުން، “ލީނާ”ގެ ކޮޕީއެއް ޕަބްލިޝްކޮށްފައިވަނީ މި މަހު 12 ވަނަ ދުވަހުއެވެ. މިހައިތަނަށް 27372 އަށްވުރެން ގިނަ ފަހަރު އެ ވީޑިއޯ ބަލާފައިވާކަން ވެސް ހާމަވެއެވެ.

ލީކްވެފައިވާ ކޮޕީގައި އިނގިރޭސި ބަހުން ޖަހާފައިވާ ވޯޓާމާކް ނަން، ސައްޔާހް އައްބާސް އަކީ ފިލްމު “ލީނާ”ގެ އެއް ޕްރޮޑިއުސަރުގެ ނަންވެސް މެއެވެ.

“ލީނާ” ލީކްވި މައްސަލައާ ބެހޭގޮތުން ރާއްޖޭގެ އޮންލައިން އަކުން ފިލްމުގެ ޑައިރެކްޓަރު އަދި ލީޑް އެކްޓަރު މުއާ އާއި ހަވާލާދީ ބުނެފައިވަނީ އާއްމުކޮށް އެގޮތަށް ފިލްމްގެ ކޮޕީގައި ޖަހާފައި ހުންނަ ނަންނަމަކީ ފިލްމް އަޅުވަން ހަވާލުކުރާ ރަށްރަށުން ފިލްމްގެ ކޮޕީއާއި ހަވާލުވާ ފަރާތުގެ ނަންކަމަށެވެ.

”ލީނާ“ގެ ވާހަކަ ބިނާކޮށްފައިވަނީ 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުވައްޒަފު އަޒްލީނާގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެންނެވެ.

”ލީނާ“ގައި ފިލްމުގެ މެއިން ކެރްކްޓާ ލީނާ (އައްޒަ)ގެ ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކެއް މި ފިލްމުން ދައްކުވައިދެއެވެ. މި ފިލްމުގައި މުއާ އާއި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޒީނަތު އައްބާސް، އަޙްމަދު ސައީދު، އަޙްމަދު އީސާ (އާނަންދު)، އަދި މަރިޔަމް ހަލީމެވެ.

އއ. އުކުޅަހުގައި ކުޅެފައިވާ މި ފިލްމުގެ ސިނަމޮޓޯގްރަފީ ހަދައިދީފައި ވަނީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. ފިލް ޕްރޮޑިއުސް ކޮށްފައިވަނީ މުއާ އާއި ސައްޔާހް އައްބާސްއެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.