ރާއްޖޭގެ ފިލްމީ ދާއިރާއަކީ އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަބަދުވެސް އަމާޒުވަމުންދާ އެއް ދާއިރާއެވެ. ދިވެހިންގެ ގިނަ ބަޔަކު ދެކޭގޮތުގައި ފިލްމީ ދާއިރާއަކީ މަލާމަތާއި ފާޑުކިޔުން ފިޔަވައި އިތުރު އެއްޗެއް ލިބޭނެ ތަނެއްނޫނެވެ. އެހެން ކަމުން މި ދާއިރާގައި ފައިތިލަ ސާބިތުކުރެވޭނީ ވަރަށް ހިތްވަރުގަދަ ކެތްތެރި މީހަކަށެވެ.
އެފަދަ އެއްފަރާތަކީ ދިވެހި ފިލްމީ ދާއިރާގެ ރާނީ ނިއުމާ މުހައްމަދޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ނިއުމާއަށް ލިބިފައިވަނީ މިދާއިރާގައި އެއްވެސް މީހަކަށް ލިބިފައިނުވާ ފަދަ ލޯތްބަކާއި ގަދަރެކެވެ. އޭގެ ހެއްކަކީ މިހާރު ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ނިއުމާ އާއި މުޚާތަބުކުރާ ގޮތެވެ. މަންމަ ނުވަތަ ދައްތަ ކިޔަމުންނެވެ. ބެލުންތެރިންނަން ނިއުމާއަކީ ރާނީއެވެ.
ރެއަކީ ތިޔަ އެންމެ ބޭފުޅުންގެ ރާނީއަށް ވަރަށްވެސް ޚާއްސަ ރެއެކެވެ. ފިލްމީ ދާއިރާގެ ހަޔާތުގައި ހޭދަކުރި ފަންސަވީސް އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ނިއުމާ އޭނާގެ ހެޔޮއެދޭ މީހުންނާއެކު ޚާއްސަ ހަފްލާއެއް ހޮޓެލް ޖެން ގައި ބާއްވައި އެންމެންނަށް ޝުކުރު އަދާކުރި ރެއެވެ.
ރައްޔިތުންގެ އިސްވެރިޔާ ރައީސް އިބްރާހިމް ޞޯލިޙް ޝަރަފުވެރިކޮށްދެއްވި ހަފުލާ ފެށުނީ ނިޢުމާގެ ލޯބިލޯބި ދަރިފުޅު ޒޯޔާގެ ވަރަށް ހިތްގައިމު ލަވައަކުންނެވެ. އެއަށްފަހު، ހަފްލާ ފަށަމުން ނިއުމާވަނީ އޭނާގެ ފޭނުންނަށް ތިން ސަޕްރައިޒެއް ދީފައެވެ.
ފުރަތަމަ ސަޕްރައިޒަކަށް ރައީސް އިބްރާހިމް ޞޯލިހްގެ އަތްޕުޅުން ނިއުރޯ ޕްރޮޑަކްޝަންގެ ފިލްމް “ގޯނާ”ގެ ޓީޒާއެއް ދައްކާލަމުން އެންމެންގެ މޫނުމައްޗަށް ނިޢުމާ ހައިރާންކަމެއް ގެނެސްދިނެވެ. ފިލްމު “ގޯނާ” ޑައިރެކްޓް ކުރާނީ ހުނަރުވެރި ޑައިރެކްޓަރު ރަވީ ފާރޫޤްކަން ވެސް ހާމަކުރިއެވެ.
މީގެ އިތުރުން ބައިސްކޯފް ގައި ނިއުމާގެ ޓޯކް ޝޯއެއް ”ރީލް ޓު ރިއަލް ވިތު ނިޢުމާ“ ނަމުގައި ހަފްތާއަކު އެއްފަހަރު ގެނެސްދޭނެކަމަށް ބުނަމުން ދެވަނަ ސަޕްރައިޒާއެކު އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނެވެ. މި ޝޯގެ މަޤްސަދަކީ ތަރިންގެ ޝަކުވާތަކާއި ދިމާވާ ދަތިތަކުގެ ވާހަކަ ބެލުންތެރިންނަށް ގެނެސްދިނުމެވެ.
އެންމެ ފަހު ސަޕްރައިޒަކަށް ނިއުމާގެ އަމިއްލަ ނިއުޒޯ ޕްރަޑަކްޝަންގެ ފަރާތުން އުފައްދާ ފުރަތަމަ ފިލްމް “ކަޅަކި” ގެ ޓީޒާ ދައްކާލިއެވެ.
މިހަފްލާގައި ނިއުމާ ލައިގެން ހުރީ ކަޅު ކުލައިގެ ހެދުމެކެވެ. އެކުލައަކީ ހިތާމަވެރި ކުލައެއްކަމަށް ވީނަމަވެސް ނިއުމާ ހުރީ އިންތިހާއަށް އުފަލުންނެވެ. ފަހަރެއްގައި ފިލްމީ ހަޔާތުގެ ކުރީކޮޅުގެ ބައެއް ހިތި ހަނދާންތައް އާކޮށްލަން އެކުލަ ނިއުމާ އިޚްތިޔާރު ކުރީކަމަށްވެސް ވެދާނެެއެވެ. ނިއުމާ އޭނާގެ “ހިތި ތަޖުރިބާއިން” ފަށައި ފޮނި ތަޖުރިބާއިން ނިންމާލި ފިލްމީ ހަޔާތުގެ ވާހަކަ ފޭނުންނާއި ހިއްސާކޮށް އޭނާގެ އިޙްސާސްތައް ބަންޑުންކޮށްލިއެވެ. ފިލްމީ ހަޔާތް ފެށީ ފޮނިހުވަފެންތަކާއި އެކު ނަމަވެސް ކުރިމަތިވި ގޮންޖެހުންތަކާއި ކުރި ބުރަމަސައްކަތުގެ ވާހަކަ ނިއުމާ ހިއްސާކުރީ އަސަރާއެކުގައެވެ. މިއަދު ނިއުމާ އުފާކުރެއެވެ. ކެތްތެރިކަމާއެކު ކޮންމެ ކަމަކާއި ކުރިމަތިލައި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބީގެ ފޮނި ރަހަ އިޙްސާސް ކުރެވޭނެކަން ސާބިތުވެސް ކޮށްދީފިއެވެ.
ފިލްމީ ދާއިރާގެ ހުރިހާ ތަރިންނަށް ކާމިޔާބަށް އެދެމުން ނިއުމާވަނީ ރައީސްގެ އަރިހުން ފިލްމީ ދާއިރާއާއިމެދު ވިސްނައިލެއްވުމަށް އެދި ދަންނަވާފައެވެ.
މަދުން ނޫނީ ނުފެންނަ ކަމެއް ދެއްތޯއެވެ. އެކްޓިންގެ ދާއިރާއާއި ދުރުވުމަށްފަހު ވެސް ނިއުމާ އޭނާގެ އެކުވެރިންނަށް ވެވުނު މިންވަރުން އެހީތެރިވެ، އެދެނީ ކާމިޔާބީއަށެވެ.
އެއްވެސް ކަމެއްގައި ފަސްޖެހުމެއްނެތް ކަމަށް ބުނެ ނިއުމާ އޭނާގެ ފަރިފަރި ހިނިތުންވުމާއެކު ހަފްލާ ނިންމާލީ އަނެއްކާވެސް ހުރިހާ އެންމެންގެ ހިތުން އިތުރު ޖާގައަކާއި ލޯތްބެއް ހޯދަމުންނެވެ.
އަޅުގަނޑާއި އަޅުގަނޑުގެ ޓީމުވެސް އެދެނީ އަބަދުވެސް ނިއުމާއަށް ކާމިޔާބީއަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.
Best off luck zoyaa