‏​ބައިސްކޯފު ހުޅުވައިލިޔަސް އޭނާއެވެ. މި ދުވަސްވަރު ރިލީޒްކުރާ ގިނަ ފިލްމުތަކުންވެސް އޭނާއެވެ. ޓީވީ ޑްރާމާތަކުންވެސް އޭނާއެވެ. މި ދައްކަނީ މީގެ މަދު އަހަރުތަކެއް ކުރިން ލަވަތަކުގެ ފަސްމަންޒަރުގައި ނަށަން އުޅުނު ޢަލީ އާޒިމް (ދޮން އައްޔަ)ގެ ވާހަކައެވެ. ފިލްމީ އާއިލާއަކަށް ނިސްބަތް ނުވިޔަސް، ފިލްމު އުފައްދާ ޑައިރެކްޓަރެއް ނުވަތަ ޕްރޮޑިއުސަރެއްގެ ސީދާ ބެލުމުގެ ދަށުން ދާއިރާގައި ފައިތިލަ ސާބިތުކޮށްލަން ފުރުޞަތު ނުލިބުނަސް މިއަދު އައްޔަ އަކީ ސްކްރީނުގެ އެންމެ ނަންހިނގާ އެއް އެކްޓަރޭ ބުނުން ދޮގަކަށް ނުވާނެއެވެ.

އައްޔަ ކުޅޭ ކޮންމެ ރޯލަކުން އޭނާގެ ހުނަރުވެރިކަން ދައްކަމުން އައިސް އައްޔަގެ ވިދުން މިހާރު މިވަނީ ދިވެހި ފިލްމީ އުދަރެހަށް އަލިކުރާ އަލިގަދަ ތަރިއަކަށް ވެފައެވެ.

އައްޔަގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައިވަނީ އޭނާގެ ހިތްވަރާއި ބުރަ މަސައްކަތެެވެ. ކުޅެލަން ކޮންމެ ރޯލެއް ލިބުނަސް އައްޔަ ފަހެއް ނުޖެހެއެވެ. ކިތަންމެ ކުޑަ ތަންކޮޅެއް ލިބުނަސް އައްޔަގެ އެންމެ ބޮޑު ޓާގެޓަކީ އެކްޓިންގެ ހުނަރު ދެއްކުމެވެ. ބެލުންތެރިންގެ ލޯބި ހޯދުމެވެ. ކޮންމެ ފިލްމަކުންވެސް އެކަން އޭނާ ކާމިޔާބުކުރެއެވެ. ބެލުންތެރިންގެ ތައުރީފުގެ ބަސްތަކުން ފެންވަރައިލައިގެން އައްޔަ އުދަރެހުގައި އުދުހެމުންދަނީއެވެ. 

ފިލްމީ ހަފުލާއެއްގައި ޢަލީ އާޒިމް – ފޮޓޯ: މުނިއަވަސް

ސްޓާރެއް ވެއްޖެއްޔާ މިހާރު ނަށަންވެސް އެނގެން ޖެހޭނެއެވެ. ހަމައެކަނި އެކްޓްކުރުމަކުން ނުފުދެއެވެ. މީ އެހެން ފިލްމީތަރިންނަށް ބުނާ ބަދު ބަހެއް ނޫން އިނގޭތޯއެވެ.

ހަޤީޤަތަށް ބުނާނަމަ ބޮލީވުޑްގެ ސްޓާރެއްގައި ހުންނަން ޖެހޭ ހުރިހާ ކޮލިޓީއެއް އައްޔަ ގައިގައި އެބަހުއްޓެވެ. ރާއްޖެއަށްވުރެ ކުރިއަރާފައިވާ ތަންތަނުން ޤަބޫލުކުރާ ގޮތުގައިވެސް ހަަމައެކަނި އެކްޓްކުރުމަކުން ނުފުދެއެވެ. ނަށަންވެސް އެނގެން ޖެހެއެވެ. ބޮލީވުޑްގައިވެސް މިހާރު ފިޔަޖަހަމުންދާ ތަރިންގެ ތެރެއިން ގިނަ ތަރިންނަކީ ނެށުން ދަސްކުރަން މަޖުބޫރުވެގެން ޓްރެއިންވެފައި ތިިބި މީހުންނެވެ. އައްޔައަކީ އެފަދަ ހުނަރުވެރި ސްޓާރެކޭ ބުނަން ޖެހެނީ މިސަބަބަށްޓަކައެވެ.

މި ހުނަރުވެރިޔާ ފިލްމީ ދުނިޔޭގައި އެންމެ ފުރަތަމަ ފައި ބީއްސާލީ 2014 ވަނަ އަހަރު ފައްތާހުގެ ފިލްމެއްކަމަށްވާ “އާދޭސް” އިންނެވެ. އެފިލްމުގައި އައްޔަ ދެއްކި ހުނަރާާއިމެދު ހިތްހަމަ ޖެހި ފައްތާހު ޑައިރެކްޓް ކުރި “ހަތަރުހަޅަ”އިންވެސް އައްޔައަށް ފުރުސަތުލިބުނެވެ. ނަމަވެސް، އައްޔަގެ ފުރަތަމަ ފިލްމަށްފަހު ބްރޭކެއް ނެގިއެވެ. އެއަށްފަހު އަލުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެހެންކަމުން އައްޔައަށް މިއަދު ލިބިފައިވާ ކާމިޔާބީ ހަމައަށް ވާޞީލުވުމަށް ހޭދަވީ ފަސް އަހަރަށް ވުރެން ކުރު މުއްދަތެކެވެ.

ފުރަތަމަ ފިލްމަށްފަހު، ފިލްމީދާއިރާގެ ގިނަބައެއްގެ ލޮލުގައި އައްޔަގެ ހުނަރުވެރިކަން އަޅައިގަތީއެވެ. ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރ ޔޫއްޕެ މެދުވެރިވެގެން އަމްޖޭ ޑައިރެކްޓްކުރި ފިލްމް “ގިލަން”އިންވެސް އައްޔައަށް ފުރުސަތުލިބުނީއެވެ. 

ދޮން އައްޔަ ހަރަކާތްތެރިވެފައިވާ ބައެއް ފިލްމުތަކާއި ސީރީޒްތައް – ފޮޓޯ: މުނިއަވަސް

ހަރުފަތަަކަށްފަހު ހަރުފަތެއް ގިރާކުރަމުން އައު ކަންތައްތަކެއް ދަސްކުރަމުން އައި އައްޔައަށް ދެން ލިބުނީ މިވަގުތު ރާއްޖޭގައި އެންމެ ނަން މަޝްހޫރު އެއް ކުންފުނިކަމަށްވާ ޑާކްރެއިނުން އުފެއްދި ފިލްމް “އެންމެ ފަހު ވިންދާ ޖެހެންދެން” ގައި މަސައްކަތް ކުރުމުގެ ފުރުސަތެވެ. 

ލިބެމުންދިޔަ ހުރިހާ ފުރުސަތުތަކެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ނަތީޖާއަކަށްވީ ފަރިވާ ފިލްމްސް އިން އުފެއްދި “ރަންދަރި” ފިލްމު ގައިވެސް އައްޔަގެ ނަން ހިމެނިގެން ދިޔުމެވެ. 

ބެލުންތެރިންގެ ލޯބި ދިޔައީ އޮހެމުންނެވެ. ހައްތަހާވެސް އައްޔަގެ ބުރަ މަސައްކަތާއި ހިތްވަރެވެ. ފާޑުކިޔުންތައް ބަލައިގަނެ އެއް އަޒުމެއްގައި ސާބިތުވެ ހުރުމުގެ ނަތީޖާއެވެ. 

ސެމީ މުސްޠަފާގެ “މަލިކާ”އިން ފެށިގެން ޔޫއްޕެގެ “ނޯޓީ ފޯޓީ” އަދި “ދެވަންސޫރަ” އިންވެސް  އައްޔަގެ ތަފާތުކަން އައީ ދައްކަމުންނެވެ. އެއަށްފަހު، ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ޑައިރެކްޓަރު ކަމަށްވާ ޢަބްދުލް ފައްތާޙްގެ ފިލްމު “ހައްދު” ގައި އައްޔާ ކުޅެފައިވަނީ ހަމަ ގައިމުވެސް ހައްދެއް ނެތް މިންވަރަށް މޮޅު ރޯލެކެވެ.

ވަރަށް ހުނަރުވެރި ތަރިންނަށް ނޫނީ ފުރުސަތު ނުދޭ ރާއްޖޭގެ ނަން މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ލޮލުގައިވެސް އެންމެފަހުން އައްޔަ އަޅައިގަނެ ނަހުލާގެ ފިލްމް “ބޮސް”ވެސް އައިސް އައްޔަގެ އަތުގައި ބޮސްދިނީއެވެ. 

މުޅި ފިލްމީ އުދަރެހުގައި ވިދަމުން އައި އައްޔަގެ ވިދުން ދެން ފެނުނީ “ފޯޓީ ޕްލަސް” އިންނެވެ. ގިނައިން ސަކަ މަޖާ ރޯލްތަކުން ބެލުންތެރިންގެ ހިތް އަތުލަމުން އައި އައްޔަ ދެން ފެނިގެންދިޔައީ ސީރިއަސް ރޯލަކުން ފިލްމް “ނަފުރަތުވުމުން” އިންނެވެ. އެޔާއެކު އެނގިގެން ދިޔައީ އައްޔައަށް ނުކުޅެވޭނެ ރޯލެއް ނެތްކަމެވެ.

ވީމީޑިޔާއިން އުފެއްދި ފުރަތަމަ ފީޗާ ފިލްމް “ދަޢުވަތު”ގެ ކާސްޓުންގެ ލިސްޓްގައިވެސް އެންމެ ކުރީގައި އައްޔަގެ ނަން ހިމެނުނެވެ. ލިބުނު ދަޢުވަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، މޮޅު އެކްޓިންއެއް ދެއްކިއެވެ.

މަޝްހޫރު ފިލްމީތަރި މިހާރުގެެ ކުޅަދާނަ ޑައިރެކްޓަރު މުއާ ގެ ފުރަތަމަ ފިލްމް “ލީނާ” އިންވެސް އައްޔައަށް ފުރުސަތު ލިބި އައްޔަގެ ޑީސެންޓްކަންވެސް ބެލުންތެރިންނަށްވަނީ އެންމެ ފުރިހަމަ ގޮތުގައި ފެނިފައެވެ. 

ފަސް އަހަރުތެރޭގައި ދިވެހި ސިނަމާގައި ސާދަ ފިލްމްގައި ހުނަރުދައްކައި އައްޔަވަނީ ފިލްމް އިންޑަސްޓްރީގައި އެންމެ ޑިމާންޑް ބޮޑު ތަރިއޭ ބުނުމަށް ބެލުންތެރިންނަށް މަޖުބޫރުކޮށްފައެވެ. 

އައްޔަ ވިދާ ބަބުޅަނީ ހަމައެކަނި ސިނަމާތަކުގައި އެކަންޏެއްނޫނެވެ. 

ބައިސްކޯފްގައިވެސް “ހުވާ”، “ކަރު ހަކުރު” އަދި “ޔެސް ސަރ” ފަދަ މުހިއްމު ޕްރޮޖެކްޓްތަކުގައިވެސް އައްޔަ ދަނީ ބެލުންތެރިންގެ ހިތް އުފާކޮށްދެމުންނެވެ. 

އައްޔަ ފާހަގަވެފައިވަނީ ނެށުމާއި އެކްޓްކުރުމަކުން އެކަންޏެއްނޫނެވެ. މިޒާޖުގައި ސާދާކަމާއި ހިތްހެޔޮކަން ލިބިފައިވާ އައްޔައަކީ އޭނައާއެކު މަސައްކަތްކޮށްލަން ފަސޭހަ ސްޓާރެއްކަމަށް އެންމެން ދަނީ ބުނަމުންނެވެ. މީހުންނަށް އިޙްތިރާމްކުރުމުގެ މާތް ސިފައާއި ގަޑިއަށް ފަރުވާތެރިވެ އެންމެންނާއި ގުޅިގެން މަސައްކަތް ކުރާކަމީ މުނިއަވަސްއަށް ޔަޤީންވެފައިވާ ކަމެކެވެ. 

ބުނާތީ އަހަމެވެ. މީހާ މަޝްހޫރުވުމަކީ ފޮނިކަމާއި ބޮޑާކަން މީހާގެ ޒަމީރުގެ މައްޗަށް ގަދަވެގެންދާ ކަމެކެވެ. ނަމަވެސް އައްޔަ ތަފާތެވެ. 

ހިތްހެވެވެ. ބައްދަލުވާ ހިނދު ފުރަތަމަވެސް ހަދިޔާކޮށްލަނީ ހިތްގައިމު ހިނިތުންވުމެކެވެ. ބޮޑާކަމާއި އަމިއްލައަށް ފަޚްރުވެރިވެގެން އުޅޭ ފަދަ އެއްވެސް ސިފައެއް ނުފެނެއެވެ.

އައްޔަގެ އެތެރެފުށާއި ބޭރުފުށްވެސް ރީއްޗެވެ. މިދެންނެވީ ރިވެތި އަޚްލާޤާއި ބުރުސޫރައިގެ ރިވެތިކަމުގެ ވާހަކަ އިނގޭތޯއެވެ. 

އަންނަ ނޮވެމްބަރު މަހު ބައިސްކޯފުން ދެއްކުމަށް އދ. މާމިގިލީގައި ޝޫޓްކުރަމުން އަންނަ ވެބްސީރީޒް “ހަނާ”ގެ ލީޑް ކުޅެމުން އަންނަ އައްޔަގެ ކާމިޔާބީގެ ސިއްރަކީ މިއެވެ.

މިއަހަރު ނޮވެމްބަރުގައި ރިލީޒް ކުރާ ވީމީޑިޔާގެ ދެވަނަ ފިލްމް “ކޮސް ގިނަ މިސްޓޭކް” އިންވެސް އައްޔަ ފެނިގެންދާނީ ހުނަރުވެރި ތަފާތު ރޯލަކުންކަން ގައިމެވެ.

ދާދިފަހުން ޒަވާޖީ ޙަޔާތެއްވެސް ފަށާފައިވާ އައްޔައަށް މުނިއަވަސް އިން އަބަދުވެސް އެދެނީ ކާމިޔާބީއަށެވެ. ކުރިއެރުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް