މިމަހު 17 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ފިލްމީ ޙަޔާތުގެ ރިހިޔޫބިލް ފާހަގަކުރުމުގެ ހަފުލާއިން ތަފާތު ފަރުމާ ތަކުގެ ހެދުންތައްް ފެނިގެންދިޔައެވެ. އެ ހުރިހައި ހެދުންތަކުގެ ތެރެއިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ މަޝްހޫރު ނެށުންތެރިޔާ، ކޮސްޓިއުމް ޑިޒައިނަރ އަދި ފެހުންތެރިޔާ ޖާދުﷲ އިސްމާޢީލް (ޖާދު) ލައިގެން ހުރި ގަމީހެވެ.

އެކްޓަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ޖާދުގެ ގަމީހުގައި އިނގިރޭސިބަހުން ލިޔެފައިވާ މެސެޖުން އެކަނިވެސް، ދިވެހި ފިލްމީ ދާއިރާގެ ފަންނާނުން، އެ ދާއިރާގެ ރާނީ ނިޢުމާ މުޙައްމަދަށް ދޭ އިހްތިރާމާއި ލޯބި އެނގިގެންދެއެވެ. ނިޢުމާއަކީ ހަމަ ހަގީގަތުގައިވެސް ދިވެހި ފިލްމީ ދާއިރާއާއި ދިވެހި ގައުމުވެސް ޝަރަފުވެރިވާ ކަނބަލެއްކަން ދޭހަވެއެވެ.

ޖާދުގެ މި ހިތްގައިމު ފަރުމާއާމެދު ސުވާލުކޮށްލުމުން ވެސް އެނގުނީ ޖާދުގެ ހިތުގައި ނިޢުމާއަށް އޮތް ލޯތްބާއި އިހްތިރާމެވެ. ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރެއިން ނިޢުމާއަށް ވުރެން ހަގު ފަންނާނުން، ނިޢުމާއަށް މުޚާތަބުކުރާ ގޮތަށް ޖާދު ވެސް މުޚާތަބު ކުރަނީ ‘ސިސްޓަރ’ ގެ ނަމުންނެވެ.

“ސެލެބްރޭޓިން25” އިވެންޓްގައި ޖާދުﷲ އިސްމާޢީލް، ރައީސް ޞާލިހާ އެކު ފޮޓޯއަކަށް ހުއްޓިގެން – ފޮޓޯ: ޖާދުﷲ

“ޖާދުގެ މި ކެރިއަރގަ، އަމިއްލަ ލައިފްގަވެސް ސިސްޓަރ އަކީ ވަރަށް މުހިންމު މީހެއް، ވަރަށް އިހްތިރާމުކުރާ ވަރަށް ލޯބިވާ މީހެއް. ޖާދުގެ މަންމައެއް އަދި ބައްޕައެއްގެ ގޮތުގައި ދެކޭ މީހެއް ސިސްޓަރ އަކީ.” އެހާ ތަފާތު މެސަޖަކާއެކު ގަމީސް ފަރުމާކުރީ ކީއްވެގެންތޯ އަހައިލުމުން ޖާދުގެ ހިތުގެ ޝުޢޫރުތައް ބަންޑުންކޮށްލިއެވެ. ނިޢުމާއާމެދު އޮތް ލޯބީގެ އިހްސާސްތައް ބޭރުކޮށްލިއެވެ.

ޖާދު ބުނީ “ސެލެބްރޭޓިން25” އަކީ މުހިންމު ބޮޑު އިވެންޓަކަށްވެފައި ނިޢުމާއަށް އޭނާގެ ހިތުގައިވާ އިހްތިރާމާއި ލޯބި ހާމަކުރުމަށް ތަފާތު ގޮތަކަށް ފަރުމާކުރަން ނިންމީ މާހީ އާއި ރާއީގެ ވެސް ޚިޔާލާއެކުގައި ކަމަށެވެ. “ސެލެބްރޭޓިން25” އިވެންޓަށް ނިޢުމާގެ ހެދުންވެސް ފަރުމާކޮށް ފެހީ ޖާދުއެވެ. މީގެ އިތުރުންވެސް އެ ހަފުލާއިން ފެނިގެންދިޔަ ގިނަ ހެދުންތަކަކީ ޖާދުގެ މަސައްކަތެވެ.

ޖާދު ބުނީ “ސެލެބްރޭޓިން25” އިވެންޓަށް ހެދުންތައް ފަރުމާކުރީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ. ހެދުންތައް ނިންމުމަށްފަހު، ޖާދުު ވެސް އޭނާގެ ޚާއްޞަ ގަމީސް ތައްޔާރުކުރީ ނިޢުމާ އާމެދު ޖާދުގެ ‘ހިތުގައި އިން އެތި’ ތަފާތު ގޮތަކަށް ހާމަކޮށްދިނުމަށެވެ.

ކޮންމެއަކަސް، ޖާދުގެ މެސެޖް ހިތްގައިމުވެފައި ވަރަށް ސާފެވެ. ގަމީހުގެ ފަރުމާކުރުން ވެސް ވަރަށް ފުރިހަމައެވެ. ގެ އެންމެ ތަފާތު އެއް ހެދުމަކީ ޖާދުގެ ގަމީހެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.