މިހައިތަނަށް ކުޅެން އެއްބަސްވެވުނު ރޯލުތަކުން އެންމެ ބޮޑު ޗެލެންޖަކަށްވީ ‘ޝާއިރާ’ގެ ކެރެކްޓަރ ކުޅެންކަމަށް ދިވެހި ފިލްމީދާއިރާގެ އެންމެ ކާމިޔާބު އެއް ބަތަލާ އައިޝަތު ރިޝްމީ ރަމީޒް ބުނެފިއެވެ.

ބައިސްކޯފުން ކާމިޔާބުކަމާއެކު ދައްކަމުން އަންނަ “އެހެނަސް” ސީރީޒްގެ ދެވަނަ ސީޒަންގައި ކުޅެން ލިބިފައިވާ ‘ޝާއިރާ’ގެ ކެރެކްޓަރަށް އިޝާރާތްކުރަމުން ރިޝްމީ ބުނީ ‘ޝާއިރާ’އަކީ އޭނާ އާ އެތައް ގޮތަކުން ވަރަށް ތަފާތު މީހެއް ކަމަށެވެ. ‘ޝާއިރާ’ގެ ކެރެކްޓަރ ރަނގަޅަށް ދައްކައިދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށާ “އެހެނަސް”ގެ ލިޔުންތެރިޔާ އިޤްބާލާއި ޑައިރެކްޓަރ ރަވީ ފާރޫޤް އުއްމީދުކުރާ ފެންވަރަށް ‘ޝާއިރާ’ އަށް ދިރުން ގެނެސްދޭވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް މީސްމީޑިއާގައި ރިޝްމީ ކޮށްފައިވާ ޕޯސްޓެއްގައި ބުނެއެވެ.

ކާމިޔާބު ސީޒަން 1 އަށްފަހު “އެހެނަސް” ސީޒަން2 ބެލުންތެރިންނާ ހަމައަށް މާގިނަ ދުވަސްތަކެއްނުވެ އަންނާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ކާމިޔާބު ގިނަ ފިލްމްތަކެއްގައި ކުޅަދާނަ މޮޅު އެކްޓިންއެއް ދައްކާފައިވާ ރިޝްމީގެ ފާހަގަކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި “ވިޝްކާ”، “ހުކުރު ވިލޭރޭ”، “މިކޮއެ ބައްޕަ ބައޭ ބައޭ” ހިމެނެއެވެ. މީގެ ތެރެއިން ކްރައިމް ތްރިލާ އެއްކަމަށްވާ “ވިޝްކާ” ގައި ރިޝްމީ ދައްކުވައިދިން މޮޅު އެކްޓިންއަށް އެއަހަރުގެ “ސާކް ފިލްމް ފެސްޓިވަލް” ގައި އޭނާއަށް ވަނީ އެންމެ މޮޅު އެކްޓްރެސް ކަމުގެ ޝަރަފުވެރި އެވޯޑު ލިބިފައެވެ. އެ އެވޯޑާއެކު ރިޝްމީ ވެގެންދިޔައީ ބައިނަލްއަގްވާމީ އެފަދަ އެވޯޑެއް ހާސިލްކުރި ފުރަތަމަ ދިވެހި އެކްޓްރެސް އަށެވެ.

‘ޝާއިރާ’ އަކީ ރިޝްމީއަށް އެންމެ ޗެލެންޖިން ކެރެކްޓަރ ކަމަށްވިޔަސް، އޭނާގެ އެކްޓިން ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާއިރު، ބެލުންތެރިން ހިތްހަމަޖެހޭ ފެންވަރަށް ‘ޝާއިރާ’ގެ ކެރެކްޓަރ ވަރަށް ފުރިހަމައަށް ރިޝްމީ އަދާކުރާނެކަމަށް ޤަބޫލުކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.