ބޮޑުބެއަކީ އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ހަރު އުމުރުގެ މީހެކެވެ. ބޮޑުބެ ދިރިއުޅުމުގައި ހުރިހާ ކަމެއްގައި ވެސް ކުރިޔަށް ދަނީ ޚަރަދުތައް ކުޑަވާނެ ގޮތްތައް ބަލައިގެންނެވެ. ޑޮކްޓަރަށް ދެއްކުމަށް މާލެ ދިއުމަށް ބޮޑުބެ ބޭނުން ވެއްޖެއެވެ. ދިރިއުޅޭ ރަށުގައި އެއާރޕޯޓެއް އޮވެއެވެ. ނަމަވެސް މާލެ ދަތުރު އަގުހެޔޮކޮށް ކުރުމުގެ ގަސްތުގައި ކަނޑުމަގުން ދަތުރު ކުރުމަށް ބޮޑުބެ ނިންމިއެވެ. ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހު މެންދުރު ބާރަ ޖަހާއިރު މާލެ ދިއުމަށް ރަށުން ފުރާ ބޯޓެއް އޮވެއެވެ.
ދުވަހަކީ ބުރާސްފަތި ދުވަހެވެ. ބޮޑުބެ މާލެދިއުމަށްޓަކައި ތައްޔާރުވެގެން ބޯޓު ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިރީސް މިނެޓްގެ ކުރިން ބަނދަރަށް ނުކުމެއްޖެއެވެ. ބޯޓު ފުރުމަށް ތިރީހަކަށް މިނެޓް ހުރުމުން، ބޮޑުބެ ބަނދަރާ މާ ދުރުނޫން ހިސާބެއްގައި ހަދާފައިހުރި ހޮޅުއަށްޓެއްގައި އޮށޯވެއްޖެއެވެ. އޮށޯތްތާ މާގިނައިރުތަކެއް ނުވެ ބޮޑުބެއަށް ނިދިއްޖެއެވެ. ހޭލެވުނު އިރު މާލެ ދަތުރު ކުރާ ބޯޓު ރަށުން ފުރައިގެން ހިނގައްޖެއެވެ.
ބޮޑުބެ ފޯނުނަގައި އެކިއެކި މީސްމީހުންނަށް ގުޅަންފެށިއެވެ. ކައިރީގައި އޮތް އަތޮޅު ވެރިކަން ކުރާރަށުގައި، މިއަދު މާލެ ފުރުމަށް ހަމަޖެހިފައިވާ ބޯޓެއް އޮތްތޯ ބެލުމަށެވެ. މަޢުލޫމާތު ލިބުނު ގޮތުގައި އެ ދުވަހުގެ ހަތަރެއް ޖަހާއިރު ފުރުމަށް ހަމަޖެހިފައިވާ ބޯޓެއް އޮތެވެ. ބޮޑުބެ ދިރިއުޅޭ ރަށާއި، އަތޮޅު ވެރިކަންކުރާ ރަށާއި ދެމެދުގައި ލާންޗެއްގައިނަމަ ވިއްސަކަށް މިނެޓުގެ ރާސްތާއެއް ވެއެވެ. ރަށުން އަތޮޅުގެ ވެރިރަށަށް ދަތުރުކުރާ ލާންޗެއް އޮތްތޯ ބޮޑުބެ ބެލިއެވެ. ބެލިބެލުމުން ރަށުގެ އެއާރޕޯޓު ފާލަމުން ދުވަހުގެ ތިނެއް ޖަހާއިރު ފުރަން ހަމަޖެހިފައިވާ ލާންޗެއް އޮތެވެ. އެ ލާންޗުން، ތިންސަތޭކަ ރުފިޔާ ޚަރަދު ކުރުމަށްފަހު ފުރައިގެން އަތޮޅު ވެރިކަން ކުރާރަށަށް ހިނގައްޖެއެވެ. އެރަށަށް ދެވުނު އިރު ހަތަރެއް ޖެހުމަށް އަދި ތިރީހަކަށް މިނެޓް ހުއްޓެވެ. ވަގުތު ކޮޅެއް އޮތުމާއިއެކުގައާއި ބަނޑުހައިވެސް ވެފައި ހުރުމުގެ ސަބަބުން ބަނދަރާއި މާދުރުނޫން ހިސާބެއްގައި ހުރި ހޮޓަލަކަށް ސައިތަށްޓެއް ބޯލުމަށްޓަކައި ބޮޑުބެ ހިނގައްޖެއެވެ.
ސައިބޯން ހޮޓަލަށް ވަންތަނާހެން ދުވަސްވީ ރައްޓެއްސަކާއި ހޮޓަލުން ދިމާވެއްޖެއެވެ. ދެ މީހުން އެކުގައި ސައިބޯން ތިބެ އޮލަ ވާހަކާގައި ޖެހި ދަތުރު މަތިން ބޮޑުބެ ހަނދުމަ ނެތިއްޖެއެވެ. ވާހަކާގައި އިންދާ ކުއްލިޔަކަށް ދަތުރުމަތިން ހަނދާންވެ ގަޑި ބަލައިލި އިރު ހަތަރެއް ޖަހައި ދިހަ މިނެޓު އިތުރަށް ހިނގައިފިއެވެ. ބޮޑުބެ ތެޅެމުން ފޮޅެމުން ބަނދަރަށް ނުކުތްއިރު ބޯޓު ފުރައިގެން ހިނގައްޖެއެވެ. މިހެން ދިމާވުމުން ބޮޑުބެ މިކަމާ ވަރަށް ދެރަވެއްޖެއެވެ. އަނެއްކާވެސް ތިންސަތޭކަ ރުފިޔާ ޚަރަދުކޮށް އެނބުރި ރަށަށް އަތުވެއްޖެއެވެ.
ބޮޑުބެ އެ ދުވަހު މާލެ ދިއުމުގެ އުންމީދު އެވަރަކުން ދޫކޮށެއް ނުލައެވެ. ރަށަށް އާދެވުމާއި އެކު އެއާރޕޯޓަށް ހިނގައްޖެއެވެ. އެ ދުވަހު ފުރާ ފުލައިޓެއް އޮތްތޯ ބެލުމަށެވެ. ފަސްގަޑި ތިރީހުގައި ޗެކިންފަށާ ފުލައިޓެއް އޮތެވެ. އެ ފުލައިޓު ރަށުން މާލެ ދިއުމަށް ފުރަން ހަމަޖެހިފައިވަނީ އެ ރޭގެ ހަތްގަޑި ތިރީހުގައެވެ. އެގާރަސަތޭކަ ފަންސާސް ރުފިޔާ ދިނުމަށްފަހު ޓިކެޓުނަގައި ޗެކިން ކޮށް ނިންމައިފިއެވެ. ޗެކިން ނިންމުމަށްފަހު ފުލައިޓު ފުރުމަށް ވަގުތު އޮތުމާއިއެކު ޓާމިނަލް ކުރިމަތީގައި ހުރި ޖޯލިފަތީގައި ބޮޑުބެ އޮށޯވެއްޖެއެވެ. ދުވަހުގެ ކަންތައްތައް ދިޔަ ގޮތުން ވެފައި ހުރި ވަރުބަލީގެ ބޮޑުކަމުން، ޖޯލިފަތީގައި ޖެހުނު ތަނާހެން ބޮޑުބެއަށް ނިދިއްޖެއެވެ.
ފުލައިޓް ފުރާގަޑިޖެހި ބޯޑިންގ ކޮށް ނިމުނު އިރުވެސް ބޮޑުބެ ފުރާކަށް ނާދެއެވެ. ޗެކިން ކުރި މީހުންގެ ތެރެއިން އެކަކު ފުރުމަށް ހާޟިރުވެފައި ނުވެއެވެ. ބެލިބެލުމުން އެނގުނީ އެއީ ބޮޑުބެ ކަމެވެ. އެއާރލައިނުން އެކަމާއި ހަވާލުވެހުރި ކުއްޖާ ބޮޑުބެ ދީފައިވާ ފޯނު ނަމްބަރަށް ގުޅައިފިއެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ބޮޑުބެ ހާޟިރުނުވުމާއި ގުޅިގެން ކޮބައިތޯ ބެލިއިރު ޓާމިނަލް ކުރިމަތީގައި ހުރި ޖޯލިފަތީގައި ނިދާފައި އޮތެވެ. އެއާރލައިންގެ މުވައްޒަފުން ބޮޑުބެއަށް ގޮވުމުން އަވަސް އަވަސްކޮށްލުމަށްފަހު ބޯޑިން ނިންމުމަށްފަހު ގޮސް ފުލައިޓަށް އަރައިފިއެވެ.
މި މިސާލުބަސް ބޭނުންކޮށް އުޅޭ ހާލަތަށް ބަލާއިރު އަގުހެޔޮކޮށް ކުރަން އުޅޭ މަސައްކަތެއް ފަރުވާ ކުޑަކަމުން ނުވަތަ އެ ނޫންވެސް ސަބަބެއް މެދުވެރިވެގެން އެ ކަމަށް ކުރަން އޮންނަ ޚަރަދަށްވުރެ އިތުރަށް ޚަރަދު ކުރަން ޖެހޭ ހާލަތްތަކުގައި ތިކަން ތި ދިޔައީ ބޮޑެބެގެ މާލެ ދަތުރަށޭ ބުނެއުޅެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި