‏އަޅުގަނޑުގެ ގަލަން ފިރުކައިލާނީ، އެ މަނިކުފާނުގެ ހަޔާތްޕުޅުގެ ކޮން ސަފުހާއަކުންތޯއޭ، ހިތަށްއަރައެވެ. އެ މަނިކުފާނުގެ ހަޔާތްޕިުޅުގެ ކޮން ނުކުތާއަކުންތޯއޭ، ހިތަށްއަރައެވެ. މި ޚިޔާލުތަކުގެތެރޭގައި، އެނބުރެމުން ސެނބުރެމުން ދަނިކޮށް، އަޅުގަނޑުގެ ޒަމީރުގެ ޖަވާބެއްކަމުގައިވީ…… އާދެ! އޭނާގެ ހަޔާތްޕުޅުގެ ކޮންމެ ސަފުހާއަކީ ވެސް، ކޮންމެ ނުކުތާއަކީ ވެސް، ނުހަނު މަންފާކުރުވަނިވި ދަރުހެއްކަމުގައެވެ. ކޮންމެވެސް މީހެއްގެ ގަލަމުން، އެ ޒިކުރާތައް އައުކުރުމަކީ، އަޢުލާވެގެންވާކަމެއް ކަމުގައެވެ. ކޮންމެވެސް މީހެއްގެ ގަލަމޭތޯއެވެ. ނޫން…. އެ ޒިކުރާތައް އައުކޮށް، “ތެދުތެދަށް ނެރެ ދެއްކުމީ ގަލަމުގެ ވެރިންނަށް އޮތް ވާޖިބެއް” (ޢަބްދުﷲ ޞާދިގު) ނޫންތޯއެވެ. އެހެންކަމަށްވުމުން، އަޅުގަނޑުގެ ގަލަން މި ހިންގައިލަނީ، އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ޢިބުރަތުން ފުރިފައިވި ފުން ކަނޑުގެތެރެއިން ފެންނަ، ލާމަސީލު މަންޒަރުތައް ސިފަކޮށްދިނުމުގެ ނިޔަތުގައެވެ. އެ ފުން ކަނޑުގެތެރޭގައިވާ ރަންމުތްތަކެއް ފަދަ، އަގުހުރި ޚިދުމަތްތަކަށް، ކުޑަ ނަމަވެސް އަލިކަމެއް އަޅުވައިލުމުގެ އުއްމީދުގައެވެ.

އަޅުގަނޑުގެ ބަޠަލަކީތޯއެވެ. އާދޭހެވެ. އޭނާއަކީ، މާލެ އަތޮޅު ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ (މި ދޮންމަރުދުރުގެ ނަން ތަފާތު ގޮތްގޮތަށް ކިއިފައިވެއެވެ. އޭގެތެރޭގައި ފަނޑިއަތްކަލޯ، ބޮޑު ފަނޑިއަތްކަލޯ، ވަޑިޔައިކަލޭގެ، ފަނޑިއަތް ތަކުރުފާނު، ފަނޑިއް ކަލޭގެފާނު، ދަހަރާ ފަނޑިއަތް ކަލޭގެފާނު ހިމެނެއެވެ.) ފުތް، ޙުސައިން ދަހަރަދަ ކަލޭގެފާނުގެ ފުތް، އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުންނެވެ. މުލީ ޚަތީބު މުޙައްމަދާއި، ބޮޑުގޭ ސަންޕާފާނުގެ ދަރިކަނބަލުން، ކުޑަ އައިމިނާ މަނިކުފާނުގެ ދަރިކަލުންނެވެ. އާދެ! ދިވެހި ދީބު ދުށް މަޝްހޫރު މުލީގޭ ދޮން ޙަސަން މަނިކުފާނެވެ. ނުވަތަ ޙަސަން ރަންނަބަނޑޭރި މަނިކުފާނެވެ. ނޫންނަމަ ޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނެވެ. އާދޭހެވެ. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ އައުދާނަ ކައްތިރި ބޮވަނަ މަހާރަދުންނެވެ. އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ދޮންބަންޑާރައިންނެވެ.

ބަހުސަކަށް ޖާގައެއްނެތެވެ. ދިވެހިންނަކީ، “ހިތްވަރެއްނެތް ފިނޑިބަޔެއްކަމުގައި ގޮވާ އަޑުއަރުވަމުން ބާޣީން އަޔަސް، ހިތްވަރާ ޢަޒުމާއެކީގައި ސާބިތުވި އަގުހުރި ދަރިން އުޅެދިޔަ ބިމެއް” (ޢަބްދުއްރަޝީދު ނިޒާރު) ކަން ކަށަވަރުކޮށްދެއްވީ، ދޮންބަންޑާރައިން ފަދަ ކިތައް ބަޠަލުންތޯއެވެ. އޭގެތެރެއިން ވެސް، ޚާއްސަގޮތެއްގައި ފާހަގަކޮށްލަންޖެހޭ، އެއް ބަޠަލަކީ ދޮންބަންޑާރައިންނެވެ. ދޮންބަންޑާރައިންނަކީ ބޭރުބައެއްގެ އަތްދަށުން، މި ވަޠަން މިނިވަންކުރެއްވި ދެވަނަ ބަޠަލެވެ. “ދޮޅިންދަތް އަތްނުނެއްޓޭ ޙާލުގައި ދީބުގެ ދަރީން ތިއްބާ،” (އަލްމަރުޙޫމު މުޙައްމަދު ޖަމީލް ދީދީ) ހޮޅީންގެ އަނިޔާވެރިކަމުން، މި ވަޠަން އަމާންކުރެއްވި ބަޠަލުމެއެވެ.

ދޮންބަންޑާރައިންގެ ޙަޔާތްޕުޅުން ދަރުސް ލިބިގަތުމަށްޓަކައި، މާޒީގެ ޢިބުރަތްތެރި ސަފުހާތަކަށް ކަޅިއެއް އެއްލަވަން ހިންގަވާށެވެ. އެ ޢިބުރަތްތެރި ޙަޔާތްޕުޅަށް އަލިއަޅުވައިލުމަށްޓަކައި، ދިވެހިތާރީޚުގެ ސަފުހާތައް އުކާލަން މި ޖެހެނީ، އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރި ބަވަނަ މަހާރަދުން (ކޮރު ބަންޑާރައިން) ގެ ދުވަސްވަރާއި ހަމައަށެވެ. މި ރަދުންނަކީ، ދިޔަމިގިލީ ދަރިކޮޅުގެ ބާނީ، އައްސުލްޠާނުލް މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން (1133-1116ހ) ގެ ހަގު ދަރިކަލުންނެވެ.

އައްސުލްޠާނު އިބްރާހިމް އިސްކަންދަރު ދެވަނަ (1133-1163ހ) ގެ ކޮއްކޯފުޅެވެ. ހިޖުރައިން އެގާރަ ސަތޭކަ ތޭހައްޓިވަނަ އަހަރުގައި، އިބްރާހިމް ރަސްގެފާނު ފުރައުއްތަވުމުން (އަވަހާރަވުމުން)، ރަސްކަމަށް އިސްވެވަޑައިގަތް ރަދުންނެވެ. މި ރަދުން ޞުލްހަވެރިކަމާއިއެކު ރެދަލިކުރައްވަމުން ގެންދެވިއެވެ. އެހެނަސް ރަސްކަމުގެ ދަހިވެތިކަމުގައި، ދިވެހި ދެ ޚާއިނަކު މަސައްކަތްކުރައްވަން ފެއްޓެވިއެވެ. މަކަރުވެރި ރޭވުންތައް ރާއްވަވައި، މުސާވިރާކުރައްވަން ފެއްޓެވިއެވެ. އެ ދެ ޚާއިނުންނަކީ، ދިވެހިތާރީޚުގެ “ބައްޕަ” ކަމުގައި ބެލެވޭ “ތާރީޚު ދީބާ މަޙަލް” ލިޔުއްވި، ލ.ގަމު ޙަސަން ތާޖުއްދީން ބުނި އަލްފަޤީހުލްޤަމަވީ އަލްހައްދުންމަތީ އައްޝާފިޢީ އަލްއަޝްޢަރީގެ ދެ ދަރިކަލުން، އަލްގާޟީ މުޙައްމަދު ޝަމްސުއްދީނާއި، އަލްޚަޠީބު އަޙްމަދު މުޙްޔިއްދީންއެވެ. އާދޭހެވެ. އަނދިރި ފަރުދާގެ ނިވަލުގައި ތިއްބަވައިގެން، މި ދެބޭން ކެނޑިނޭޅި މަސައްކަތްކުރެއްވިއެވެ. އެންމެފަހުން ކަންނަންނޫރުގެ ޢަލީރާޖާއަށް، ދެފަހަރެއްގެ މަތިން ސިޓީ ފޮނުއްވަވައި ރަސްކަން އަތުލެއްވުމަށް ހޮޅީން ދިވެހިރާއްޖެއަށް ގެންނެވިއެވެ. ހޮޅީން ނުވަތަ މަލާބާރީން ރާއްޖެހިފީ، ހިޖުރީ ސަނަތުން އެގާރަ ސަތޭކަ ސަހައްޓިވަނަ އަހަރުގެ ޞަފަރުމަހުގެ ބާރަވީ އަންގާރަ ދުވަހުގެރޭގައެވެ. އާދޭހެވެ. އަޅުގަނޑުމެންގެ ދޮންބަންޑާރައިންގެ ޒުވާން ޢުމުރުފުޅުގައެވެ.

ހޮޅީން ރާއްޖެހިފައި، ނާބަތުޚާނާގައި ރޯކޮށްލުމުން އެތެރެކޮއިލުގެ ހުރިހައި ދޮރޯށިތަކާއި، އެތެރެކޮއިލާއި ގިނަ ޢަދަދެއްގެ ގެތައް އެނދިއެވެ. އެއީ މާލޭގެ ފަސްދޮޅަސްތިން ގެއާއި، ތިން މިސްކިތާއި، ތިން ގަނޑުވަރެވެ. މި ހަނގުރާމައިގައި އޭރު ހުންނެވި ރަދުން… އާދެ! ކޮރު ބަންޑާރައިން އަމާންދެއްވައި، ޞުލްޙަވެރިކަމަށް އެދިވަޑައިގަތުމުން، ރަދުން ވަޑައިގަތުމަށް ހޮޅީން އެދުނެވެ. ހޮޅީންގެ މި މަކަރުވެރި ރޭވުމުގެ ނަތީޖާއަކަށްވީ، ކޮރުބަންޑާރައިންނާއި، އައްސުލްޠާނު އިބްރާހިމް އިސްކަންދަރު(ދެވަނަ) ގެ ދަރިކަލުން، މުޙައްމަދު މަނިކުފާނު (ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަރަންމަނި މަހާރަދުން) ރަހީނުކޮށްގެން ކަންނަންނޫރަށް ގެންދިއުމެވެ. ރަދުން ގެންދިޔައިރު، ރަދުންނަށް ވާހާލެއްވުމަށް ޓަކައި، އަމިއްލަފުޅަށް އެދިގެން، ދޮންބަންޑާރައިންގެ ބައްޕާފުޅާއި، ދޮންބަންޑާރައިންގެ އެއްބަނޑުއެއްބަފާ އަޚު ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނު ވެސް ވަޑައިގަތެވެ. ދޮންބަންޑާރައިންގެ ބައްޕާފުޅު އަވަހާރަވީ އިންޑިއާގައެވެ. އެހެންނަމަވެސް ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނު ސަލާމަތްވެ ވަޑައިގެން އެނބުރި ޤައުމަށް ވަޑައިގަތެވެ.

މިހާ ހިސާބުން، ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިބި ދުޝްމަނުންގެ ޢަމަލުތައް ހުރި ގޮތުގެ މައްޗަށް ނަޒަރެއް ދެއްވަވަން ހިންގަވާށެވެ. އާދޭހެވެ. ކޮރު ބަންޑާރައިންނާއި، އިބްރާހިމް ރަސްގެފާނުގެ، މުޙައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު، ހޮޅީން މި ދިވެހިރާއްޖޭގައި ޢަލީރާޖާއަށް ތާނިޔާކިޔައި ސިއްކަ ހިންގައިފިއެވެ. ދަންނައެ! ޙަސަން ތާޖުއްދީންގެ ދެ ދަރިކަލުން ކުރެއްވި މި ރަޙުމްކުޑަ ކަންތައްތަކުން، އެ ދެބޭންނަކަށް މޮޅެއް ލިބިވަޑައެއްނުގަތެވެ. އެ ދެބޭން ކުޅަ ޢަމަލުތަކުގެ ޖަވާބު ލިބިވަޑައިގަތީ، އެއަށްވުރެ ވެސް ރަޙުމްކުޑަ ގޮތެއްގައެވެ. ހޮޅީން ބުނީ ކީކޭތޯއެވެ! “ތިމާމެންގެ އަމިއްލަ ޤައުމާއި ރައްޔިތުންނާއިމެދު، އެއްވެސް ރަޙުމެއްނެތި ޚިޔާނާތްތެރިވި ބަޔަކު، އަހަރެމެންނަކަށް ވެސް އަމާނާތްތެރިއެއް ނުވާނެއެވެ.” މިހެން ބުނެފައި، އެ ދެބޭން ކަނޑުފެއްތީއެވެ. މީގެ އިތުރުން ހޮޅީން ރާއްޖޭގައި ތިބިއިރު، ކަނބަލުންގެ ޢިއްފަތްތެރިކަން ފޭރިގަނެ، އެބައިމީހުންނާއި ދެކޮޅުވާހައި ބަޔަކަށް ދުއްތުރާކޮށް، އަނިޔާކޮށްހަދަމުން ގެންދިޔައެވެ. ދިވެހި ބިމުގެ ތެރެއަށް، ދިވެހި ދަރީންގެ ލޭއޮހޮރުވާލައި، މި ބިން ލެއިން ފޯކޮށްލިއެވެ.

އާދެ! އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް، މި މަންޒަރުތައް ބައްލަވާކަށް ފަސޭހަފުޅެއްނުވިއެވެ. އެ މަނިކުފާނުގެ ހިތްޕުޅުގައި ޖެހިވަޑައިގަތެވެ. އެ މަނިކުފާނުގެ މަތިވެރި ޢަޒުމުފުޅެއްކަމުގައިވީ، ދިވެހި ޤައުމާއި، ދިވެހި ދަރީންނަށް މިނިވަންކަން ހޯއްދަވައިދެއްވުމެވެ. އެ މަނިކުފާނުގެ އުއްމީދުފުޅެއްކަމުގައިވީ އިސްލާމް ދީނަށްޓަކައި، ޤައުމަށް ޓަކައި ހޮޅީންގެ ކުރިމައްޗަށް ނިކުމެވަޑައިގަތުމެވެ.

ދެން އަޅުގަނޑުގެ އެނބުރިލާނީ، “ދިވެހި ތާރީޚަށް އައު އަލިކަމެއް” މި ފޮތުގެ ތިންސަތޭކަ އަށުވަންނަވަނަ ސަފުހާއާއި، ނަވަވަންނަވަނަ ސަފުހާގެ މައްޗަށް ނަޒަރެއް ދިނުމަށެވެ. “ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވިރޭ ވިދާޅުވި ނަދުރުފުޅު” މި މަޢުޟޫޢުގެ ދަށުން ލިޔުއްވައިފައިވެއެވެ. “ދެން މި އަހަރުމެ (އެބަހީ، ހިޖުރައިން އެގާރަ ސަތޭކަ ސަހައްޓިވަނަ އަހަރު) ޖުމާދުލްއާޚިރުމަހު ތިނެއްވީ އާދީއްތަވިލޭރޭ، މުނާޖާ ވަގުތުގައި ހުރާ ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާއި، މުޙައްމަދު ގަދަހަމައިދި އަޅާގެ ފުތް ޙުސެއިން ގަދަހަމައިދި އަޅާއި، އޮޅިގެނާ އަޅާގެ ފުތް ޙަސަން އޮޅިގެނާ އަޅާއި، މުޙައްމަދު މޭނާ އަޅާގެ ފުތް ޢުމަރު މޭނާ އަޅާއި، ހަތަރު އަޅުން ސަރުދާރުވެ މި ޢުމަރު މޭނާ އަޅާގެ އެއްބަޑު ފަޑިއަތް އަޅާ މިކަމުގެ ނަސޭހަތްތެރިކަމުގެ ބަސްއަހައި މި ކަންތައް ހަދާނޭ ވަގުތަކާއި އެންމެ ކަންތަކުގެ ނަސޭހަތް މި ފަޑިއަތް އަޅާކުރެން އަހައި މި ހަތަރުކަލުން ސަރުދާރުވެ ތިބެ ހަގުބޭކަލުންގެ މީސްކޮޅަކާއި، މެދުކެބީންނާއި ޚަލާޞީ ކަލޯގެ މީހުނާއިއެކު ފަސްދޮޅަސް މީހުން ގޮވައިގެން މި ހަތަރު ސަރުދާރު ބޭކަލުން ހޮޅިންނާ ތޮޅޭން ނުކުންނާން އުޅެމުން ސިލޭހައެއްނުލައި ހުސްއަތާ މި އެންމެ އަޅުތަކުން ދާންއުޅޭކަމުގައި ބިރުގައި ޢުމަރު މޭނާ އަޅާއި، ޙަސަން އޮޅިގެނާއި އަޅާއި، އަނެއް ދެބޭކަލުންގެ ބަހާއެކު ނުކުމެ ޝައިޚު ޔޫސުފުއް ތަބުރޭޒުގެފާނު ޒިޔާރަތްދޮށު ތިބެ ބުނި ނަދުރީ ތިމަންގެ ހަތަރުކަލުން ސަލާމަތުންތިބެ މި ހިތައިދާ މުރާދަ ޙާޞިލުކުރައްވައި މި ދިވެހިރާއްޖެ ދިވެހިންނަށް މިލްކު ކުރައްވައި ދެއްވައިފިއްޔާއި ކައުނަބީކަލޭގެފާނުންގެ ޒިޔާރަތްފުޅަށް މި ފުރަމާލެ ލައިފީމާވެ. އަންދުވަހު އާދައިގާ ނަގާ ވާރު މެނުވީ އިތުރުން މި ރާއްޖޭ، ރައްޔިތުން ފުނަވާރެއް ނާޅާނެމާވެ. ހޮޅީން ބަތްޕެން ކެއްކި ކުޑާރަން މި ތަބުރޭޒުގެފާނުންގެ ޒިޔާރަތަށް ލައިފާނެމާވެ. މި ދިވެހިރާއްޖޭގެ ރަސްކަންކުރައްވާން ތަޚުތުގައި އިންނެވި ސާހިބަކާއި، މި ނަދުރު ފުއްދަން މަތިކޮށްފާނެމާވެ.”  

އާދެ! އިސްވެ މި ދެންނެވި މޭރުމުން ނަދުރު ވިދާޅުވެފައި، ދޮންބަންޑާރައިންނާއި، ދިވެހީންގެ ކުޑަކުޑަ ލަޝްކަރު ވަޑައިގަތީ، ހޮޅީންގެ ވެރިކަމުގެ މަރުކަޒު ވެޔޮދޮށު ގަނޑުވަރަށް ހަމަލާ ދެއްވުމަށެވެ. ހަމައެއާއެކު މުނާޖާ ގޮވާމީހާ ލަައްވައި މެންދަމުން އަލިވެ ތިނެއް ޖެހިއިރު މުނާޖާގޮއްވައި، ހޮޅީންގެ ގާތުގައިއުޅޭ މީހަކު ލައްވައި ވެޔޮދޮށު ގަނޑުވަރުގެ ފުރަވާރަ (ދޮރޯށި) ހުޅުއްވިއެވެ. އާދޭހެވެ. ދިވެހީންގެ ހިތްވަރުގަދަ ބަޠަލުން، ހޮޅީންގެ ކަނޑިތަކާއި ބަޑިތަކުގެ ކުރިމައްޗަށް ބިރެއް ސިހުމެއްނެތި، އެ ނިކުތީ އަޖައިބުވާފަދަ ގޮތެއްގައެވެ.

ވަސްވާހެއްނެތެވެ. ކިތަންމެ ވަރުގަދަ ރަސްކަލަކަސް، ލަޝްކަރަކަސް، ކިތަންމެ ބޮޑު ވެރިޔަކަސް، ޖަމާޢަތަކަސް، ގުދުރަތުގެ ނިޔާ ކަނޑައެޅިއްޖެނަމަ، އެއަށް އިޖާބަދޭން ޖެހިދެއެވެ. “ޝެހެންޝާހުގެ ނަމުން މަޝްހޫރުވެވިފައިވާ އެތައް ބަޠަލެއް، ރަޙުމު ނެތި މަރުއައިސް ކުރިމަތިލުމުން އެއްބަސްވެ ކިޔަމަންވުން” (ބޮޑުގަލު އިބްރާހިމް މަނިކު) ނޫންގޮތެއް އޮންނާނެތޯއެވެ. އާދޭހެވެ. “ދާރަޔާ ސިކަންދަރާ، ސީޒަރާ ނަޕޯލިއަން” (މުޙައްމަދު ޢަބްދުއްލަޠީފް/ ކުނޑި ލަޠީފް) އޮބައިދިޔަހެން، ދިވެހީންގެ މައްޗަށް ފާވެގެންތިބި ހޮޅީންގެ ލަޝްކަރު ވެސް، އޮބައިދިޔައީއެވެ. ގުދުރަތުގެ އޯގާވަންތަކަމުގެ ހިޔާ، މި ފަސްގަނޑަށްއެޅި، އަޅުވެތިކަމުގެ ހޫނުކަންކެނޑި، މިނިވަންކަމުގެ ފިނިރޯޅިތަކުން، ޤައުމަށް ތާޒާކަން ލިބިގެންދިޔައީއެވެ.

އޮޅުމެއް ބޮޅުމެއްނެތެވެ. ޝައްކުގެ ލިސާނެއް ވެސް ނެތެވެ.

ފުރަމާލޭގައި ހޮޅީންގެ ވެރިއަކަށް ހުރި، މަލިކު މުޙައްމަދު ބާންޑޯރު މަނިކު ގަޔަށް، އެ ފުރަމެންދަމުގައި، ދޮންބަންޑާރައިން ޖެއްސެވި ލޮންސިއަކީ، މިއަދު މި ވަޠަން މިނިވަންކަންމަތީގައި އޮތުމުގެ އެންމެ ބޮޑު އެއްސަބަބެވެ. ​ތިޔަ އެންމެ ބޭފުޅުން، މި ސަބަބު މިނެކިރުއްވާނެ ވަރަކަށް، މިނެކިރުއްވައި ވަޒަން ކުރައްވާށެވެ. މި ސަބަބުގައި ހުރި، މަތިވެރިކަން ގުނައި ޢަދަދުކުރައްވާނެ ވަރަކަށް، ގުނައި ޢަދަދު ކުރައްވާށެވެ. ޖަވާބަކީ، ހަމަ އެންމެ ޖަވާބެކެވެ. އާދޭހެވެ. ދޮންބަންޑާރައިން ހިތްޕުޅުގައިވާ، ބުރަދަން ހުރި، މަތިވެރި ޤައުމީ ލޯތްބެވެ. ހިތްޕުޅުގައިވާ، ގުނައި ޢަދަދުނުކުރެވޭ ފަދަ، އިޚުލާސްތެރި ލޯތްބެވެ. އެ މަނިކުފާނުގެ އަންނަނިވި ބަސްފުޅު މި ކަމުގެ، ހެއްކަކަށް ނުފުދޭތޯއެވެ. ޖެހިގެންއައި ދުވަހު ދިވެހީންގެ ބޮޑުން، ދޮންބަންޑާރައިންގެ އަރިހަށް އައީ، ދިވެހި ރަސްކަން ޤަބޫލުކުރެއްވުން އެދޭ ވާހަކަ ދެންނެވުމަށެވެ. މީގެ އިތުރުން، ވެދުމަކަށް ވިހިހާސްލާރި ވެސް، ހިފައިގެންނެވެ. އެހެނަސް ދޮންބަންޑާރައިން ވިދާޅުވީ ކީކޭތޯއެވެ. “އަހަރެމެންގެ ރަސްގެފާނު (ކޮރުބަންޑާރައިން) ގެ ޚަބަރު ޤާއިމުވަންދެން، އެ ރަދުންނަށް ތާނިޔާކިޔައި ސިއްކަ ހިންގާށެވެ.” ( ޙަސަން އަޙްމަދު މަނިކު، ފަތްތޫރަ40،ސ9) ވިހިހާސްލާރިއާއިމެދު ވިދާޅުވީ ކީކޭތޯއެވެ. އާދޭހެވެ. އެ ލާރި ހަމަޔަށް ހަވަރަށް ބެހުމަށެވެ.

ދެން އަޅުގަނޑު އެނބުރިލާނީ، ހޮޅީންގެ އަތްދަށުން، މި ދީބު މިނިވަންވުމަށް ފަހު، ރަސްކަން ހިނގަމުން އައި ގޮތުގެ މައްޗަށް، ކުޑަ ނަމަވެސް އަލިކަމެއް އަޅުވައިލުމަށެވެ. އާދޭހެވެ. ދެންއައީ، އައްސުލްޠާނު އިބްރާހިމް އިސްކަންދަރު (ދެވަނަ) ގެ ދަރިކަނބަލުން، އާމިނާ ކަނބާފާނު ރަސްކަމަށް އިސްކުރައްވައިގެން ރަސްކަންކުރެއްވި ދުވަސްވަރެވެ. އެއީ މީލާދީން ސަތާރަ ސަތޭކަ ތޭވަންނަވަނަ އަހަރުން ފެށިގެން، ސަތާރަ ސަތޭކަ ސައުރަވަންނަވަނަ އަހަރާއި ހަމައަށެވެ. ދެން ފެނިގެންދިޔައީ، އާމިނާ ކަނބާފާނު ރަސްކަން ދޫކޮށްލައްވައި، ފިރިކަލުން ޢަލީ ޝާހުބަންދަރާއިއެކު، އައްޑުއަތޮޅު ހިތަދުއަށް ވަޑައިގަތް މަންޒަރެވެ. އެއަށްފަހު ރަސްކަމަށް އިސްކުރެއްވުނީ، ކޮރުބަންޑާރައިންގެ އާމިނާ ރަނިކިލެގެފާނެވެ. މި ކަންތައްތައް، މި މަގުން ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ދޮންބަންޑާރައިން ކޮބައިތޯއެވެ. އާދޭހެވެ. އެ މަނިކުފާނު، އެ ހުންނެވީ، ރަސްކަމާއި ހަވާލުވެވަޑައިގެންނެވެން ނެތްކަން ދައްކަވަމުންނެވެ. 

ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މުލީގޭ ދޮން ޙަސަން މަނިކުފާނު… އާދެ! ދޮންބަންޑާރައިންނަށް، އަސްކަރުންގެ ވެރިކަން ލިބިވަޑައިގަތްތަނެވެ. މިއީ، ދޮންބަންޑާރައިން އަމިއްލަފުޅަށް ބޭނުންފުޅުވެގެން ހޯއްދެވި މަޤާމެއްނޫންކަން ހަނދާންކޮށްލަން ޖެހެއެވެ. އެހެންޏަ، އެ މަނިކުފާނަކީ، ވެރިކަމާއި، އާރާއިބާރު، ބޭނުންފުޅުވެގެން އުޅުއްވާ ބޭފުޅެއްނޫނެވެ. އެހެން ނޫންނަމަ، އެ މަނިކުފާނު ހުންނެވީހީ ރަސްކަމުގެ ދަރުބާރުގައި، ރަސްކަލެއްގެ ޢިއްޒަތްތެރިކަމުގައެވެ.

ދެން….އާދެ! ދެން، އަޅުގަނޑު ތަޙުލީލީ ދުރުމީއެއް އަޅައިލާނީ، އިންޑިއާ ކަނޑުގެ ލޮނުގަނޑު ކަފައިލައިފައި، މި ކުދިކުދި ޖަޒީރާތަކާއި ދިމާއަށް މިސްރާބުޖަހައިފައިވާ، ދެ އޮޑިއާއި، ތިން ނަވުގެ ޚަބަރެއް ބެލުމަށެވެ. ކޮންބައެއްތޯއެވެ. އާދޭހެވެ. މި ދީބާއި ހަނގުރާމަކުރަން އަންނަ ހޮޅީންނެވެ. ހޮޅީން ރާއްޖެއައިސް ފޭބީ ދޮނަކުޅިއަށެވެ. އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް، މި ޚަބަރު ލިބިވަޑައިގަތުމުން،  ދުޝްމަނުންނާއި ހަނގުރާމަ ކުރައްވަން ވަޑައިގަތެވެ. މި ހަނގުރާމައަށް ފުރާވަޑައިގަތުމުގެ ކުރިން، އެ މަނިކުފާނަށް، ރަންނަބަނޑޭރިކަމަށް ކޮލިލެވުނެވެ. މި ހަނގުރާމައަށް ވަޑައިގެން، ދޮންބަންޑާރައިން ދެއްކެވީ، މާ ގަދަ ހިތްވަރުފުޅެކެވެ. އާދޭހެވެ. އެބައިމީހުންގެ ކޯއްޓޭތައް ސުންނާފަތިކުރައްވައި، އެބައިމީހުންގެ ލަޝްކަރު ބަލިކުރައްވައި، ފަތަޙަ ހޯއްދަވައިފޫއެވެ.

ދެން ފެނިގެންދިޔައީ… އާދެ! 

އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް “ޣާޒީ” ގެ ލަޤަބު ލިބިވަޑައިގަތްތަނެވެ. އަލް ޣާޒީ ޙަސަން ރަންނަބަނޑޭރި ކިލެގެފާނުގެ، ނަންފުޅުން ނަންދެއްވިތަނެވެ. ޝައްކަކަށް ޖާގައެއްނެތެވެ. ދުޝްމަނުންނާއި ކުރިމަތިލައްވައި، ހިންމަތާއި މިންނަތާއި، ބުންވަރާއި ފަންވަރާއި، ޖޯޝާއި ފޯރީގައި، އެ ކުރެއްވެވި ޖިހާދަކީ، އެ މަނިކުފާނަށް، “ޣާޒީ” ކިޔުން ޙައްޤުވެގެންވާ ޖިހާދެކެވެ.

މިހާ ހިސާބުން، ހިޖުރައިން އެގާރަ ސަތޭކަ ތޭހަތްތަރިވަނަ އަހަރުގެ، ރަބީޢުލްއާޚިރުމަހުގެ ފަނަރަވީ ބުރާސްފަތި ދުވަހަށް، އަވަސް ކަޅިއެއް އެއްލަވަން ހިންގަވާށެވެ. ދުވަހަކީތޯއެވެ. އާދޭހެވެ. ރަބީޢުލްއާޚިރު މަހުގެ ފަނަރަވަނަ ދުވަހަށް އިރުއެރީ، ބަހާރެއް ގެނުވަމުންނެވެ. ރަބީޢުލްއާޚިރު މަހުގެ ފަނަރަވަނަ ދުވަސް، ދިވެހިންނަށް މަރުޙަބާކީ، ރަބީޢު މޫސުމާއި އެކުއެކީގައެވެ. ދިވެހި ދަރީން، އިންތިހާއަށް އެދިއެދި ތިބި އިންޤިލާބުގެ އާޚިރު ޖަވާބުދެމުންނެވެ. ދިވެހި ދަރީންގެ އިންތިޒާރަށް ނިމުމެއް ގެނުވަމުންނެވެ. އިންސާފުވެރިކަމާއި އިންސާނިއްޔަތުކަމުގެ ނަމޫނާއެއްކަމުގައިވާ…. އާދެ! އަޅުގަނޑުމެންގެ ދޮންބަންޑާރައިން، ރަސްކަމަށް އިސްވެވަޑައިގަތުމާއި އެކުއެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.