އާއްމަދަނީއެއް ނުލިބުނަސް، ކުރާހިތުން ކުރާ މަސައްކަތެއް ކޮށް ނިންމާލެވުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެންދާ ކަމެކެވެ. ޚާއްޞަކޮށް، އެ މަސައްކަތަކީ ބޮޑު މަސައްކަތެއް ނަމަ، ލިބޭ އުފާ މާ ބޮޑެވެ. އަހަރެއްހައި ދުވަހުގެ ބުރަ މަސައްކަތުން މިފަހަރު މި ނިންމާލެވުނު މަސައްކަތަކީ މިހާތަނަށް އަޅުގަނޑު ހެދި އެއްމެ ދިގު ފިލްމުގެ މަސައްކަތެވެ. ފަންސާސް މިނެޓް، ސާޅީސް އަށް ސިކުންތުގެ މި ވީޑިއޯ ޑޮކިއުމެންޓަރީ އަކީ އަޅުގަނޑުވެސް އެ މުދައްރިސަކަށްޓަކައި ފަޚުރުވެރިވާ ‘ޙަސަން ސަރ’ ގެ ތަޢުލީމީ ޙަޔާތުގެ ތިރީސް ހަތަރު އަހަރުގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީ ފިލްމެކެވެ.

އަޅުގަނޑު މުދައްރިސެއްގެ ގޮތުގައި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހޭދަކުރި ފަސް އަހަރު، ކާމިޔާބުކަމާއިއެކު ހޭދަކޮށްލެވުނީ ޙަސަން ގެ ހިކުމަތު ޢަމަލީ މަގުން ހިނގުމަށް އަޅުގަނޑަށް ދެއްވި އިރުޝާދާއި ނަސޭހަތުގައި ރަނގަޅަށް ހިފުމުންކަމަށް އަބަދުވެސް އަޅުގަނޑު ޤާބޫލުކުރަމެވެ. ‘ޙަސަން: ސައުރަތިރީސް އަހަރުގެ ޚިދުމަތަށް ކަޅިއެއް’ މި ނަމުގައި މި ޑޮކިއުމެންޓަރީ ހެދުމަކީ އަޅުގަނޑު ވަރަށް ބޭނުންވެފައި ހުރި ކަމެކެވެ. އަބަދުވެސް ޙަސަން ގެ ޚިޔާލާއި އަޅުގަނޑުގެ ޚިޔާލާއި އެއްގޮތްވާ ފަދައިން، މި ކަމަށްވެސް ޙަސަންގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް ބޮޑު އެއްބާރުލުމެއްކަން ފާހަގަކޮށްލާހިތްވަނީ ޝުކުރުވެރި ހިތަކުންނެވެ.

މިއީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އެއްމެ އާދައިގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ފައްޓަވައި 34 އަހަރު ތަޢުލީމީ ދާއިރާއަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ރާއްޖޭގެ ތަޢުލީމީ ސިޔާސަތަށް ގެނެވުނު ބަދަލަކާއި ގުޅިގެން ‘މަޖުބުރީ ޙާލަތެއްގައި’ ވަޒީފާއިން އަމިއްލައަށް މުސްކުޅިވި ނުވަތަ ރިޓަޔާވި ލ. ފޮނަދޫ ސަންޝައިން އަލްފާޟިލް ޙަސަން އަޙްމަދު ގެ ތަޢުލީމީ ޙަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑޮކިއުމެންޓަރީ ފިލްމެކެވެ.

މި ފިލްމުގައި ޙަސަން، ލ. ގަމާއި ފޮނަދޫ ރައްޔިތުންނަށް އަސާސީ ތަޢުލީމު އުނގަންނަވައިދެއްވުމަށް ކުރެއްވި ބުރަ މަސައްކަތުގެ ވާހަކަތަކާއި ޒަމާނީ ވިސްނުމާއިއެކުގައި ތަޢުލީމް ދިނުމަށް ޙަސަން އިސްކަން ދެއްވާ މިންވަރު، މި ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަދި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންގެ އިންޓަރވިއުތަކުން ފެނިގެންދާނެ އެވެ.

މި ޑޮކިއުމެންޓަރީ ފުރިހަމަ މަސައްކަތަކަށް ހެދުމަށްޓަކައި ޑޮކިއުމެންޓަރީއަށް އަޑުއަޅައިދެއްވި ވީ-މީޑިއާ ގެ ކާމިޔާބު ޖަރނަލިސްޓް އަމީނާ ނަޢީމް އާއި ފާތިމަތު ނޫމާގެ މަސައްކަތް އަޅުގަނޑު ބަލައިގަންނަނީ ވަރަށް ފުރިހަމަ މަސައްކަތެއްގެ ގޮތުގައެވެ. އަމީނާ ފާހަގަކުރައްވާގޮތުން، މި ޑޮކިއުމެންޓަރީ އަށް، އެއްވެސް އަގަކާއި ނުލައި، އަމިއްލައަށް ރެކޯޑްކޮށް އަޑުއަޅައިދިނުމަކީ ލިބޭ ޝަރަފެކެވެ. އެކަން ޝަރަފަކަށް ވަނީ ޚުދު އަމީނާ ނަޢީމް ގެ ވެސް މުދައްރިސަކަށް ‘ޙަސަން’ ވީތީ އެވެ.

ޙަސަން އަކީ މުޅި ލ. އަތޮޅުގެ ތަޢުލީމީ ދާއިރާތަކަށް ޚިދުމަތް ފޯރުކޮށްދެއްވާފައިވާ އަދި މިމި ޑޮކިއުމެންޓަރީގެ މަސައްކަތް ކުރަމުންދިޔައިރު ވެސް ޚިދުމަތް ފޯރުކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ.

މި ޑޮކިއުމެންޓަރީ، މަޢުލޫމާތުން ފުރިގެންވާ ޑޮކިއުމެންޓަރީ އަކަށް ވެފައި މިވަނީ، މިކަމަށްޓަކައި ވަގުތު ހުސްކުރައްވައި ލ. ގަމާއި ފޮނަދޫ ގެ ތަޢުލީމީ ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ދެއްވެވި އަގުހުރި ބަސްދީގަތުން ތަކުގެ ސަބަބުންނެވެ. މީގެ އިތުރަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމާއި ހެޑްމާސްޓަރކަން ކުރެއްވި، އެހެން އަތޮޅު ތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން ދެއްވެވި ބަސްދީގަތުންތައްވެސް ހަމަ އެހައި މުހިއްމު ރޯލެއް ކުޅެއެވެ.

މި މަސައްކަތުގައި އަޅުގަނޑަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވެވި ހުރިހައި ފަރާތްތަކަށް ވަރަށް އަދަބު އިހްތިރާމާއިއެކު ޝުކުރު ދަންނަވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.