ދުވަސް ފެށެނީ ފަތިސް ނަމާދުންނެވެ. އަހަރެންދާނީ ބަދިގެއަށެވެ. އޮފީހަށް ދާންވާއިރަށް ސައި ހަދާ ދެކުދިން ސްކޫލަށް ފޮނުވުމުގެ ކަންތައްތައް ކުރާށެވެ. ފިރިމީހާ ނިދާނީއެވެ. ކުދިން ގޮވައިގެން ސްކޫލަށް ދާނީވެސް އަހަރެންނެވެ. އޮފީހަށް ދާން ފަސްމިނެޓަށްވީމަ ތެދުވެގެން ތެޅެމުން ފޮޅެމުން ދާން ވާއިރަށް އަހަރެން ހުންނާނީ ކޮފީ ތަށި ގިރާފައެވެ. އަހރެންނަށް އޮފީހަށް ދެވޭނީ މުޅިންވެސް ގަޑި ޖެހިގެންނެވެ. އަހަރެން ދާންޖެހޭނީ ކިތައްމެ ލަސްވިޔަސް ހިގާފައެވެ. އޭނާ އުޅޭނީ ސައިކަލުގައެވެ. ކުދިން ގޮވައިގެން ސްކޫލަށް ދާނީވެސް އަހަރެންނެވެ. ސްކޫލަށް ކުދިން ބަލާ ދާނީވެސް އަހަރެންނެވެ.

އަހަރެން ކިތަންމެ ވަރަކަށްވެސް ވަޒީފާއިން ކެނޑެއް ބޭނުމެވެ. އެކަމަށް ހުރަސް އަޅަނީވެސް ފިރިމީހާއެވެ. އަހަރެންގެ ބަލި މަންމައާއި އަންހެން ކޮއްކޮއަށް ޚަރަދު ނުކުރެވޭނެ ކަމަށް ބުނެއެވެ. އަހަރެމެން ތުއްތު އިރު ބައްޕަ ވަނީ ނިޔާވެފައެވެ. މަންމަގެ އުމުރުން މިހާރު 68 އަހަރެވެ. ސްޓްރޯކެއް ޖެހުމުގެ ސަބަބުން މަންމަގެ އެއްފަޅި ވާގިނެތި އެނދުގައި އޮންނަތާ ދެ އަހަރު ވެއްޖެއެވެ. އާއިލާގައިވެސް މާ ފުދުންތެރި ބަޔަކު ނޫޅެއެވެ. ހެޔޮހާލުގައި މަންމަ ހުރި އިރު ކުރި މަސައްކަތުން އަހަރެންނަށް ގްރޭޑް ދިހަޔަކާއި ހަމައަށް ކިޔަވައިދިނެވެ. އަދި ރަށު ކައުންސިލުން ވަޒީފާ ވެސް ލިބުނެވެ. ނުކިޔެވުނީ ކޮއްކޮއަށެވެ. އަހަރެންނަށް ގޭތެރޭގެ ކަންތައްތަކުގައާއި މަންމަގެ ކަންތައްތަކުގައިވެސް އެހީތެރިވެދެނީ ކޮއްކޮއެވެ. ވަޒީފާއަށް ދެވެނީވެސް ކޮއްކޮގެ އެހީތެރިކަން ލިބޭތީއެވެ.

ފިރިމީހާ ވަޒީފާ އަދާކުރަނީ އިންޖީނުގޭގައި ޓެކްނީޝަނެއްގެ ވަޒީފާގައެވެ. އޮފީސް ނިންމާފައި އަންނައިރު ކޮންމެސް މީހަކު ހުންނާނީ ފިރިމީހާ ހޯދަން އައިހެވެ. ކޮންމެސް ގެއެއްގެ އޭސީ  ހަލާކުވެގެންނެވެ. ނޫނީ ދޮންނަ މެޝިނެއް ހަލާކު ވެގެނެންނެވެ. މީހަކު ބުނިއްޔާ ބުނި ކޮންމެ ކަމެއް ކޮއްދޭން ކޮންމެ ވަގުތެއްވެސް ހަމަ ވަރިހަމައެވެ. ނުކޮށްދެވޭނީ އަހަރެން ބުނާ ކަންތައްތަކެވެ. އަހަރެން ކައިރީ ބިޒީއޭ ބުނާ ފަދައިން އެހެން މީހެއް ކައިރި ބިޒީއޭ ނުބުނެވެންވީ ކީއްވެ ހެއްޔެވެ.؟ ހިތާމައަކީ  އޮފީސް ނިންމާގަޑީ ގެއަށް އައިސް ހޯދަން ހުންނަނީ ގޭގައި ކުރާނެ ހަމަ އެއްކަމެއްވެސް ނެތީތޯ އަހާލާނެ މީހަކުވެސް ނުހުންނާތީއެވެ.

ކާން އިނިއްޔާ އިންނާނީ ފޯނުގައެވެ. އަހަރެންނާއި ކުދިން ކައިފިތޯ އަހާލާނެ ވަގުތެއް ނޯވެއެވެ. ކުޑަމިނުން އަހަރެން ބޭނުންވާ ކަމެއް އޮތްތޯ ބަލާވެސް ނުލައެވެ. ކައްކާފައި ހުންނަ ކާތަކެއްޗަށް ކޮންމެސް ފާޑެއް ކިޔާލައިފައި ކައިގެން އަތްދޮވެލައިގެން ދާނީއެވެ. ލައިގެންކާނެ ތަކެތި ހަދަން މަސް ހޯދަނީ ކިހިނެތް ކަމެއް، ގޭސްފުޅި ހުސްވީމާ އެ ގަންނަން ދަނީ ކާކު، ކިހިނެއް ކަމެއް އަދި ގެޔަށް ބޭނުންވާ އެހެން ކަންތައްތައް ކުރަނީ ކިހިނެއް ކަމެއްވެސް އޭނާއަކަށް ނޭގޭނެއެވެ. މީހުން ބުނާތީ އަޑު އަހަމެވެ. “ވަޑިންގެ ގެއަކު ދޮރެއް ނުހުންނާނެއެވެ”. މިގޭގައި އެއްޗެއް ހަލާކު ވެއްޖެ ނަމަ މުޅިންވެސް ދާން ޖެހޭނީ އެހެންމީހުންގެ ގާތަށެވެ. އަހަރެންގެ ފިރިމީހާ ކިތަންމެ މޮޅަސް އޭނާ އަކަށް ހަމަ އެންމެ ވަގުތުކޮޅެއްވެސް ލިބޭ ކަމަކަށް ނުވެއެވެ.

ކުދިން ވެސް އަބަދު ދައްކަނީ އެކުދިންގެ ބައްޕަގެ ބިޒީ ވާހަކައެވެ. އެހެން ކުދިންގެ މަންމައާއި ބައްޕައާއި އެއްކޮށް ދަތުރުދާ ވާހަކައެވެ. އަހަރެންނަށް ދެވޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ. އަބަދުވެސް ބުނަން ޖެހެނީ ބައްޕަ ބިޒީއެވެ. އާއެކެވެ. އަސްލުވެސް ހާދަ ބިޒީއެވެ. އަބަދުވެސް ފިރިމީހާގެ އޮފީހުގައި ކޮންމެސް ކަމެއް އޮންނާނެއެވެ. މަސައްކަތެއް ނެތިއްޔާ މަސް ދަތުރު ނޫނީ ޕިކްނިކް ވެސް އޮންނާނެއެވެ. އެއިން ތަނަކަށް ނުގޮސްފިއްޔާ އަގު ވެއްޓޭނެއެވެ. އޮފީސް ކަންކަމުގައި އެއްބާރުލުން ނުދޭ މީހެއްގެ ގޮތުގައި ލޭބަލް ކުރާނެއެވެ.

ފިރިމިހާއަށް ވަގުތެއް ވެގެން ހަމަޖެހިގެން ވަގުތެއް ހޯދައިގެން އަހަރެންނާއި ވާހަކަ ދައްކައިލާތޯ ވަރަށް އިންތިޒާރުކުރަމެވެ. އެކަމަކު އެވަގުތެއްނާދެއެވެ. ދެން ފެނާނީ ހަމައެކަނި ނިދާ ގަޑީގައެވެ. އެގަޑީގައި ވަރަށް ލޯބިން އުޅޭނެއެވެ. ބޭނުންވާ ކަންތައް ވުމުން ދެން އަނެއްކާވެސް އަހަރެންގެ މަތިން ހަނދާން ނެތުނީއެވެ. ޓީވީން ލޮލެއް ނުނެއްޓޭނެއެވެ. އަހަރެންގެ ހިތަށް ކިތަންމެ ފަހަރަކު އަރައެވެ. އަހަރެންނަކީ އެ ޓީވީ ނަމައެވެ. ނުވަތަ އެ މޯބައިލް ފޯނު ނަމައެވެ. އަހަރެންނާއި ދިމާލަށް ބަލަން ހާދަ އިރަކު އިންނާނެއެވެ. އަހަރެންނަށް ނިދޭނީ ފިރިމީހާ ލޯބިން އެއްޗެކޭ ބުނެލާތޯ އިންތިޒާރުގައި އޮއްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.