ދައްކަން މިއުޅެނީ ޒުބޭދާ (ޒުބައިދާ) އެއްގެ ވާހަކަ އެވެ. އިޝްތިހާރުން އެ ފެންނަ ކުއްޖާ، ދުލުގެކުރިން އެ ކިޔާ ޒުބައިދާގެ ވާހަކައެއް ނޫނެވެ. އެއަށްވުރެން ހިތްވަރު ގަދަ ޒުބައިދާއެއްގެ ވާހަކަ އެވެ. ޒުބައިދާއަށް އެހީތެރިވި އިންސާނިއްޔަތުގެ މާތް ސިފައިން ފުރިފައިވާ ލާމަސީލު ޑޮކްޓަރެއްގެ ވާހަކައެވެ.
ކިޔުންތެރިންނަށް މިގެނެސްދެނީ ރާއްޖޭޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ، ނަފްސާނީ ބަލީގެ ޑޮކްޓަރ ނާޒް ޓްވިޓަރ ގައި ހިއްސާކުރެއްވި ލިންކެއްގައި އިން ވަރަށް އަސަރުގަދަ ޙާދިޘާއެއް ސިފަކޮށްދޭ ލިޔުމެކެވެ. ޙަޤީޤީ ޙާދިޘާ އެކެވެ. ލިޔުމުގެ އަސްލު ނަގާފައިވަނީ މިވެބްސައިޓުން ނެވެ.
ޒުބައިދާ ޙަސަން ދިރިއުޅެމުންދިޔައީ އޭނާގެ އާއިލާއާއި އެކުގައެވެ. އަމިއްލަ ވަޒަންކަމަށްވާ އަފްޣާނިސްތާނުގެ ރަށްފުށުގެ އަވަށެއްގަ އެވެ. އެއީ 2009 ވަނަ އަހަރެވެ. އޭރު ޒުބައިދާގެ އުމުރުން ނުވަ އަހަރެވެ. ދިމާވި ޙާދިޘާއެއްގައި ޒުބައިދާ ވަރަށް ބޮޑަށް ފިހުނެވެ. އަލިފާނުގެ ހުޅުގަނޑުގެ ގަދަކަމުން އޭނާގެ ހަންގަނޑު ވިރިގެން ދިޔައެވެ. މޫނުގެ ހަންގަނޑު ވިރިގެންގޮސް ސަންދަރޯސް (ޕްލާސްޓިކް) ވިރިގެން ފައިބައިގެންގޮސް ތަތްލާގޮތަށް، ޒުބައިދާގެ ކަރާާއި މޭމައްޗާއި ހަމައަށް މޫނުގެ ހަންގަނޑު އެލިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މޫނުން ފޭބި ހަންގަނޑު މި ދެންނެވި ހިސާބުގައި ތަތްވެފައިވުމުން އޭނާގެ ބޯ ފަރާތަކަށް ގުޑުވައިލެވެނީ ވެސް ހަމަ ކިރިޔަ ކިރިޔާ އެވެ. ކެއުމަށްވެސް ވަރަށް އުނދަގޫވެގެން ދިޔައެވެ. ނިދަން ޖެހެނީވެސް ލޯ ހުޅުވައިގެން އޮވެއެވެ. ލޯވެސް ނުމެރޭތީ އެވެ.
އަފްޣާނިސްތާނުގެ ޢާއްމު ހަސްފަތާލުގައި ވަޞީލަތްތައް ނެތުމުގެ ސަބަބުން އެތަނުގެ ޑޮކްޓަރުންނަށް ޖެހުނީ ޒުބައިދާގެ ޙާލަތަށް ހަމްދަރުދީވަމުން ދެ އަތް އުރާލައިގެން ތިބޭށެވެ. ޒުބައިދާގެ އެ ހިތްދަތި ޙާލުގައި ގިނަދުވަހު ދުނިޔޭގައި ނުލައްވަވާތޯ މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށްވެސް ޑޮކްޓަރުން ޒުބައިދާގެ މައިންބަފައިން ކައިރީގައި ބުނަމުން ދިޔައެވެ. އެހެންނަމަވެސް، ޒުބައިދާގެ މައިންބަފައިން އުއްމީދު ކަނޑައެއް ނުލައެވެ. ޑޮކްޓަރުން ބުނިފަދަ ދުޢާއެއްވެސް ނުކުރެއެވެ. ދުޢާ ކުރީ ރަޙްމަތް ލައްވާތޯ އެވެ. ދުޢާކުރީ ފަރުވާކުރުމަށް އަލިމަގެއް ދައްކަވާތޯ އެވެ.
ދަރިފުޅަށް އެހީތެރިވާނެ ފަރާތެއް ވޭތޯ ޒުބައިދާގެ މަންމައާއި ބައްޕަ މަސައްކަތް ކުރަމުން ދިޔައެވެ. އެދުވަސްވަރަކީ އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ތިބި ދުވަސްވަރެވެ. ޠާލިބާނުންނާއި ހަނގުރާމަ ކުރަމުން ދިޔަ ދުވަސްވަރެވެ. އެހެންކަމުން ޒުބައިދާގެ ބައްޕަ ޙަސަން އަށް މަގެއް ފެނުނެވެ. މޮޅު ތަދްބީރެއް ކުރެވުނެވެ. ހިތްވަރާއިއެކު ޒުބައިދާގެ ބައްޕަ ދިޔައީ އެމެރިކާ ސިފައިން ތިބޭ މަރުކަޒަކަށެވެ. އެތަނުގައި ތިބި ސިފައިންނާއި ޞިއްޙީދާއިރާގެ މީހުންގެ ކިބައިން އެދުނީ އޭނާގެ ދަރިފުޅު (ޑައިގްނޯސްކުރުމަށް) ބަލައިދިނުމަށެވެ.
ޒުބައިދާގެ ޙާލަތު ފެނިފައި ސިފައިންނަށްވެސް ވަރަށް އަސަރު ކުރިއެވެ. ފުރަތަ ފެނިލުމުންވެސް ޒުބައިދާ ތަހައްމަލުކުރަމުންދާ ވޭން އެތިބަ ވަރުގަދަ ސިފައިންނަށްވެސް އިޙްސާސް ކުރެވުނު ފަދަ އެވެ. އެމެރިކާ ސިފައިން ޒުބައިދާއަށް އެހީތެރިވުމަށް ވަގުތުން މަސައްކަތް ފެށިއެވެ. އެމެރިކާގެ ލޮސްއެންޖެލެސް އަށް އުފަން، ވަރަށް މަޝްހޫރު ޕްލާސްޓިކް ސަރޖަން އެއްކަމަށްވާ ޑޮކްޓަރ ޕީޓަރ ގްރޮސްމަން އަށް ގުޅިއެވެ. ޑރ. ޕީޓަރ ގްރޮސްމަން އަކީ ފިހިފައިތިބޭ މީހުންނަށް ފަރުވާދިނުމަށް ޚާއްޞަ ޑޮކްޓަރެކެވެ. ޒުބައިދާ ގެ ކޭސް އަކީ ނުހަނު ބޮޑު ގޮންޖެހުމެއްކަން އެނގިހުރެވެސް، ޒުބައިދާ އަށް ފަރުވާކޮށްދިނުމަށް އެއްބަސްވިއެވެ. (ހުރިހައި ޙަމްދު ޘަނާއެއް ޙައްޤުވެގެންވަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ.)
ޒުބައިދާ އާއި އޭނާގެ ބައްޕަ އެމެރިކާގެ ލޮސް އެންޖެލިސް އަސް ގެންދެވުނެވެ. ޑރ. ޕީޓަރ ގްރޮސްމަން އާއި އޭނާގެ ޚާއްޞަ މަރުކަޒު ކަމަށްވާ ‘ގޮރޮސްމަން ބަރން ސެންޓަރ’ އަށެވެ. އެތައް ބައިވަރު އޮޕަރޭޝަން ތަކެއް ކުރަން ޖެހޭނެތީ ޒުބައިދާ އަށް ފަރުވާދީ ރަނގަޅުކުރުމަށް ތިން އަހަރު ނަގާނެ ކަމަށް އެމީހުން އަންދާޒާ ކުރިއެވެ.
ޑރ. ގްރޮސްމަން އާއި އޭނާގެ ޓީމުން ޒުބައިދާގެ މޫނު އަލުން މަރާމާތު ކުރީ އޭނާގެ ފުރަގަހުން ހަން ނަގައިގެން ‘ސްކިން ގްރާފްޓް’ ކޮށްގެންނެވެ. ފިހުމުގެ ސަބަބުން ހަންގަނޑު ވިރިގެންގޮސް ޒުބައިދާގެ އަތާއި މެޔާއި ގުޅިފައިހުރި ހުރުންވެސް އެމީހުން ރަނގަޅުކޮށް އަތުގެ ހަރަކާތްތައް ކުރެވޭގޮތްވެސް ހެދި އެވެ.
ކުރެވުނު އެތައް ބައިވަރު ސަރޖަރީ ތަކަކަށްފަހު، ކުޑަކުޑަ ޒުބައިދާގެ މޫނަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފެނިގެން ދިޔައެވެ. ކުރިން ހުރި ސޫރަ އަލުން އަނބުރާ އިއާދަވާން ފެށިއެވެ. ދިރިއުޅުންވެސް ހީވެސްނުކުރާ މިންވަރަށް ރަނގަޅުވެގެން ދިޔައެވެ.
އެތައް ދުވަހެއްވާންދެން ޒުބައިދާއަށް ފަރުވާ ދިނުމުގައި ވަގުތުތައް ހޭދަކުރަން ޖެހުމުން ޒުބައިދާ އާއި ޑޮކްޓަރާއި ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. ޒުބައިދާގެ ބައްޕަ، އެނބުރި އަފްޣާނިސްތާނަށް ދާން ޖެހުމުން، ޑރ. ގްރޮސްމަން އާއި އޭނާގެ އަންހެނުން ގެ ބެލުމުގެ ދަށަށް، އެމީހުންގެ ގެއަށް ޒުބައިދާ ގެންދިޔަ އެވެ. ޑރ. ގްރޮސްމަން ގެ ދެމަފިރިންނަކީ ދަރިން ނެތް ދެމަފިރިންކަމުން، އެމީހުންގެ ގެއަށް ޒުބައިދާ ގެންދިއުމުން ދިރިއުޅުމަށް އުފާވެރިކަމާއި އާރޯކަން ލިބިގެން ދިޔައެވެ.
ޒުބައިދާއަކީ ހިތްހެޔޮ، މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އަދި ނެށުމުގެ ހުނަރު ލިބިފައިވާ ކުއްޖެކެވެ. ހައިރާންވާހާ އަވަހަށް ޒުބައިދާ އިނގިރޭސި ބަސް ދަސްކުރިއެވެ. އިސާހިތަކުން އައު ރައްޓެހިންވެސް ހޯދި އެވެ. އޭނާގެ ދިހަވަނަ އޮޕަރޭޝަން ކުރިދުވަހަކީ އުމުރުން 11 އަހަރު ފުރުނު ދުވަހެވެ. ކުރިން އަންދާޒާ ކުރެވުނުގޮތަށް ތިން އަހަރުގެ ބަދަލުގައި، އެއް އަހަރު ތެރޭގައު ޒުބައިދާގެ ފަރުވާތައް ގާތްގަނޑަކަށް ނިމިއްޖެ އެވެ. ޒުބައިދާގެ އަމިއްލަ ވަޠަނަށް ދިއުމުގެ ތައްޔާރީތައް ޑރ. ގްރޮސްމަން އާއި ދެމީހުން ވާންފެށިއެވެ.
އަލްވަދާޢު ކިޔުންވީ ދެފަރާތަށްވެސް އުނދަގޫ ކަމަކަށެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން ޒުބައިދާ ގެ އަމިއްލަ ވަޒަނަށް ދާންޖެހޭނެކަން ޑރ. ގްރޮސްމަން އާއި އޭނާގެ އަންހެނުންނަށް އެނގެއެވެ. ޒުބައިދާ ގޮވައިގެން އަފްޣާނިސްތާނަށް ދިޔައީވެސް ޚުދު ޑރ. ގްރޮސްމަން އެވެ. ޒުބައިދާގެ ޢާއިލާ ކައިރިއަށެވެ. ޒުބައިދާގެ މަންމައާއި ބައްޕަ އަށް ޒުބައިދާ ފެނުމުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެމީހުންގެ ދަރިފުޅުގެ ސޫރައަކީ ޙަޤީޤަތެއްކަން ޤަބޫލުކުރަން ދަތިވެފައެވެ. އެމީހުން ތިބީ އުފަލުންގޮސް ގޮތް ހުސްވެފައެވެ.
ޒުބައިދާ މަތިން ހަނދާން ނައްތައިލުމަކީ ޑރ. ގްރޮސްމަން އަށް ކުރަން ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. ފަރުވާދިން ބަލިމީހެއްގެ ހައިސިއްޔަތުން އެކަންޏެއް ނޫނެވެ. ދަރިއެއްހެން ގެންގުޅު ކުއްޖަކާއި ވަކިވާން ޖެހުމުންނެވެ.
“އުމުރުން 13 އަހަރުގަ ޒުބައިދާ މީހަކާ އިނދެފިއްޔާ،” މަޖާގޮތަކަށް ޑޮކްޓަރު ބުންޏެވެ. “އޭރުން ފޫކޮޅުގަ ސައްޕެއް އަޅާނަން.” ޑޮކްޓަރު މިހެން ބުނުމުން ޒުބައިދާ ބާރަށް ހީނގަތެވެ. ޒުބައިދާ އާއި އޭނާގެ ޢާއިލާއިން އަބަދުވެސް ޑރ. ގްރޮސްމަން އަށް ޝުކުރުވެރި ވާނެ އެވެ.
މި ތުއްތު އަންހެން ކުއްޖާއާއި އޭނާގެ ޢާއިލާ އަށް ޑރ. ގްރޮސްމަން މި ކޮށްދިން ކަމަކީ ކިހާ ރިވެތި އިންސާނީ ނަމޫނާއެއް ހެއްޔެވެ. ޑރ. ގްރޮސްމަން ގެ އޯގާތެރިކަމާއި އޭނާގެ ޢާއިލީ މެންބަރެއްހެން ޒުބައިދާ ގެންގުޅު ގެންގުޅުމަކީ މިޒަމާނުގައި ގިނަގިނައިން ފެންނާނެ ފަދަ ނަމޫނާއެއް ނޫނެވެ. މިކަމުން އެނގޭ ކަމަކީ، ހުރިހައި ބަޠަލުންނަކީ ހަމައެކަނި ހަނގުރާމައިގެ މައިދާނުން ފެންނަ ބައެއް ނޫންކަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!