ލައިލާއަކީ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ދަރިއެވެ. އޭނާގެ އުމުރުން އަށް އަހަރުގައި އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. އޭނާގެ މަންމަ ނިޔާވުމާއެކު އޭނާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އެ ހިތާމައިގައި އޭނާ އިންނަތަން ދެކެން އޭނާގެ ބައްޕަ ޒާހިރަކަށް ކެތެއް ނުވިއެވެ. މަންމަގެ ލޯތްބަށް އެދި ފެންބޮވައިގެންފައިވާ ލައިލާއަށް މައެއްގެ ލޯބި ހޯދައިދިނުމަށްޓަކައި ޒާހިރު އިތުރު ކައިވެންޏެއް ކުރިއެވެ. ސީމާއާއި އިނދެގެން ގެއަށް ގެނައުމާއެކު ސީމާގެ ފަރާތުން ލައިލާއަށް އިންތިހާއަށް ލޯބި ދިނެވެ. މައެއްގެ ފަރާތުން ލޯބި ދެވޭނެ އެންމެ މަތީ ދަރަޖައަށެވެ.
ޒާހިރުއާއި ސީމާގެ ކައިވެންޏަށް އަށް އަހަރު ވީއިރުވެސް ޒާހިރު ކުއްޖަކު ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. ދަރިއަކު ލިބޭ ހިސާބުން ސީމާ ލައިލާދެކެ ވާ ލޯތްބަށް ބަދަލެއް އައިސްދާނެތީއެވެ. ލައިލާއަކީ ޒާހިރުގެ ހުރިހާ އުއްމީދެއް ގުޅިފައިވާ އޭނާގެ މުޅި ދިރިއުޅުމެވެ. ލައިލާ އަށް ދެރަގޮތެއް ވެއްޖެނަމަ އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ. ދަރިފުޅުގެ މިޒާޖަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް ޒާހިރުއަށް އެނގެއެވެ. ލައިލާދެކެ އޭނާ އެހާވަރަށް ލޯބިވެއެވެ.
“ޒާހިރު.. ދެން އަހަރެމެންވެސް ކުއްޖަކު ހޯދަން ހިނގާބަލަ.. މިހާރު ކިހާ ދުވަހެއް މިވަނީ؟ މިހާރު ލައިލާ ވެސް އަހައިފި އޭނައަށް ކޮއްކޮއަކު ލިބޭނީ ކޮންއިރަކުހޭ؟” ލައިލާއަކީ ޒާހިރުގެ ބަލިފައިކަން އެނގޭތީ ސީމާގެ ވާހަކަ އަމާޒުކުރީ ލައިލާއަށެވެ. ލައިލާ ބުނެފިނަމަ ޒާހިރު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް ޔަޤީނެވެ.
“އެހެންތަ؟ އެހެންވީމަ ތިކަމާވެސް އުޅެމާ ދޯ؟ އަހަރެން ސީމާއަށް ވަރަށް އިތުބާރުކުރަން.. އަހަރެން އުއްމީދުކުރަން ދަރިއަކު ލިބުނަސް ސީމާ ލައިލާދެކެ ވާ ލޯބި ބަދަލުނުވާނެކަމަށް..” ޒާހިރު އެހެން ބުނެލުމުން ސީމާ ހީލިއެވެ.
“ޒާހިރު ދައްކާ ވާހަކަ.. ލައިލާއަކީ ހަމަ އަހަރެންގެވެސް ދަރިއެއްނު.. އެއްވެސް ޙާލެއްގައި އަހަރެން ލައިލާއަކަށް އަހަރެން މީ ދޮންމަންމަ ކަން އިހުސާސްވިޔަކަ ނުދޭނަން..” ސީމާ އެހެން ބުނެލުމުން ޒާހިރު ވަރަށް ލޯބިން ސީމާގެ ގައިގައި ބައްދާލިއެވެ. ޒާހިރަށް ނުފެންނާނެވަރު ވުމުން ސީމާ އެއްމިޔަކަނުން ހީލިއެވެ.
“ދޮންމަންމަ ވާނީ ދޮން ނިޔަނދުރަށް.. ކުޅި ދައްކާލާނަން މިފަހަރު..” ހިތާހިތުން މޮޅު ރޭވުމެއް ރާވާލާފައި ސީމާ ވިހަ ގޮތަކަށް ހިނިތުންވެލަމުން ދެލޯ މަރާލިއެވެ.
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ސީމާގެ ފަރާތުން ލައިލާއަށް ލިބެމުންދާ ލޯބި އިތުރުވަމުން ދިޔައެވެ. އެކަމުގެ ފަހަތުގައި އޮތީ ކިހާ ވަރެއްގެ ކަމެއްކަން ދެނަހުރި އެކަކުވެސް ނެތެވެ. ސީމާގެ މަޤުސަދަކީ މުދާގަނޑު އަތްދަށުލުމެވެ. އޭނާ އެކަން ކޮށްފައި ނޫނީ ހުއްޓާނުލާނެއެވެ. ސީމާގެ އިންތިޒާރު މާ ދިގެއް ނުވިއެވެ. ހަތަރު އަހަރު ވަންދެން ކުރަމުންދިޔަ އުއްމީދު ފުރިހަމަވަނީއެވެ. އޭނާ ބަލިވެ އިނީއެވެ.
ސީމާ ބަލިވެ އިން ޚަބަރު ލިބުމާއެކު ލައިލާއަށް ލިބުނީ އިންތިހާ އުފާވެރިކަމެވެ. ނަމަވެސް ސީމާ ބަލިވެ އިނުމަކީ އޭނާގެ ބަދުނަސީބުގެ ފެށުންކަން އޭނާއަށް ކުޑަކޮށްވެސް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ސީމާއެކޭ އެއްގޮތަށް ލައިލާވެސް އިންތިޒާރު ކުރަމުން ދިޔައީ ސީމާ ވިހާނެ ދުވަހަކަށެވެ. އޭރުން އޭނާގެ އެކަނިވެރިކަމަށް ނިމުމެއް އަންނާނެކަމަށް އޭނާ އުއްމީދުކުރެއެވެ. ނަމަވެސް ތަޤުދީރާއި ދެކޮޅު ހެދޭނީ ކިހިނެއް ހެއްޔެވެ؟
ދުވަސް ފުރާ ސީމާ ލޯބިލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ފުރަތަމަ ބަލާލުމުންވެސް އޭނާއަށް އެ ކުއްޖާގެ ކިބައިން ލައިލާއާއި ވައްތަރު ސިފަތަކެއް ފެނުނެވެ. އެ ބޮޑު ދެލޮލާއި ތުންފަތުގެ ތިރީ ކައިރީގައި ހުރި ކުޑަ ކަޅުތިލައިގެ ސަބަބުން އެ ތުއްތު ކުއްޖާ ލައިލާއާއި އިތުރަށް ވައްތަރުވިއެވެ. އޭނާގެ ދަރިއަކު ލައިލާއާއި ވައްތަރުވުމަކީ އޭނާ ވަރަށް ނުރުހުނު ކަމެކެވެ. ނަމަވެސް ޒާހިރުގެ ކުރިމަތީގައި އެ ރުޅިވެރިކަން ދެއްކޭކަށްވެސް ނެތެވެ. އޭނާ އެކަން ދައްކާލާނީ ކަންތައްތައް އޭނާގެ މައްޗަށް އަނބުރާލެވުމުންނެވެ.
“ޒާހިރު.. ކުޑަސޮރުގެ ނެޕީ ހުސްވެފައި ހުރީ.. ނެޕީ ސެޓެއް ގެނެސްދެވިދާނެތަ؟” ޒާހިރު އޮފީހުގައި އިންދާ ސީމާ ގުޅާފައި އަހާލިއެވެ.
“މިހާރު؟”
“އާނ.. މާ ބިޒީ ވަގުތެއްތަ؟” ސީމާ ޒާހިރުގެ ލޮލުގައި އަނދުން އަޅުވާލުމަށް ހިތްހެޔޮކަން ދެއްކިއެވެ.
“އާނ.. ލައިލާ އަތަށް ކުޑަސޮރު ދީފައި ސީމާ ގޮސްލަންވީނު ކައިރީގައި ހުރި ފިހާރައަށް..” ޒާހިރު އެހެން ބުނެލުމުން ސީމާއަށް ދެބުމަ ގޮށްޖަހާލެވުނެވެ.
“ލައިލާއަކަށް އަދި ނޭނގޭނެ މިސޮރު ހުއްޓުވާލާކަށް.. އެއީ އަދި ކުޑަ ކުއްޖެއްނު.. ދެން ޒާހިރު އާދެބަލަ.. ދަރިންނަށްވުރެ އޮފީސް މަސައްކަތް ދޯ ޒާހިރަށް މުހިންމީ؟” ސީމާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“އެންމެ ރަނގަޅު.. ހަމަ މިހާރު މި ނުކުންނަނީ..” ޒާހިރު އެހެން ބުނެލުމުން ސީމާ އޯކޭއޭ ބުނެފައި ފޯނު ކަނޑާލިއެވެ.
ޒާހިރު އޮފީހުން ނުކުމެގެން މަގުގެ ދެކޮޅު ބަލާލިއިރު މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ރަތްކުލައިގެ ޕްރައިވެޓް ކާރެއް އޮތެވެ. ކަޅު ބިއްލޫރި ޖަހާފައިވާތީ އޭގެ ތެރޭގައި މީހަކު އިންކަމެއް ބޭރުން ބަލާ މީހަކަށް ނޭނގޭނެއެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު ޒާހިރު ހިނގައިގަތީ އޭނާގެ ސައިކަލު ޕާކުކޮށްފައިވާ ދިމާއަށެވެ. ކާރުގައި އިން ޒުވާނާ އިނީ ވަރަށް ތައްޔާރުވެގެންކަން އެނގެއެވެ. ޒާހިރަށް މަގު ހުރަސްކުރަން މަގުގެ މެދާއި ހަމައަށް ނުދެވެނީސް ބާރު ދުވެލީގައި ދުއްވާފައި އައި ކާރު ޖެހުނީ ޒާހިރުގެ ގައިގައެވެ. ކާރުން ޖެހުމާއެކު ޒާހިރު ވިއްސައިގެން ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި ހުރި ޓްރެފިކް ހޮޅިދަނޑީގައެވެ. ޖެހުމާއެކު އޭނާގެ ހޭވެރިކަން ނެތުނެވެ.
ޒާހިރު އޮތް ދިމާއަށް މީހުން އެއްވަމުން ދިޔައެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން އެކަކަކީ ޒާހިރުގެ ވަރަށް ގާތް ރަޙުމަތްތެރިއެއް ކަމަށްވާ ނިޒާމްއެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން މީހަކު އެމްބިއުލާންސަށް ގުޅިތާ ގިނައިރެއް ނުވެ އެމެޖެންސީގައި ސައިރަން އަރަމުން އެމްބިއުލާންސް އައެވެ. ޒާހިރު ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ ޙާލު ވަރަށް ގޯހެވެ. ނިޒާމް ވަގުތުން ސީމާއަށް ގުޅާފައި އެޚަބަރު ދިނެވެ. ސީމާ ދަރިފުޅު އުރާލައިގެން ހޮސްޕިޓަލަށް ދިޔައިރު ޒާހިރު އޮޕަރޭޝަނަށް ވައްދައިފިއެވެ. އޭނާ ރޮމުން ދިޔައިރު އޭނާގެ ގާތުގައި އިން ލައިލާގެ ޙާލު މާބޮޑެވެ. ދޮންމަންމަ ކިތަންމެ ހެޔޮނަމަވެސް ބައްޕަ ނެތް ދުނިޔެއެއްގައި އޭނާ ނިކަމެތިވާނެއެވެ.
ޒާހިރުގެ އުނަގަނޑުން ތިރި ވާގި ނެތުން އެއީ ސީމާއަށް ލިބުނު ބޮޑު ކާމިޔާބެކެވެ. އޭނާގެ މަޤުސަދު ހާސިލުކުރުމަށް ނުހަނު ފަސޭހަވާނެކަމަށް އޭނާ ހީކުރިއެވެ. އޭނާގެ ފަރާތުން ލައިލާއަށް ލިބެމުންދިޔަ ލޯބި ބަދަލުވާން ފެށިއެވެ. އަނިޔާކުރަން ފެށިއެވެ. ޒާހިރުއަށް އެކަން އެނގުމުން ނުހަނު އަސަރުކުރިއެވެ. ނަމަވެސް އޭނާއަށް ކުރެވޭނެކަމެއް ނެތެވެ. އޭނާއަށް ކުރެވެން އޮތްހާވެސް ކަމަކީ މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނާގެ ފުރާނައަށްވުރެ ލޯބިވާ ދަރިފުޅަށް ހިމާޔަތް ދިނުމުގައި އޭނާ ވަނީ ނާކާމިޔާބުވެފައެވެ.
ލައިލާއަށް އަށާރަ އަހަރު ފުރުމާއެކު ސީމާ ލައިލާގެ ކައިވެނި ހަމަޖެއްސިއެވެ. ހިތްހެޔޮ ފާޑު ޖަހާ ޒުވާނެކެވެ. ލައިލާ ކައިވެނި ކުރަން ބޭނުން ނުވީނަމަވެސް ޒާހިރުވެސް ބޭނުންވީ ލައިލާ އެ ކައިވެނި ކުރާށެވެ.
“އެކަމަކު ބައްޕާ.. އަޅުގަނޑު ކިހިނެއްތޯ ނުވެސް ދަންނަ މީހަކާ އިންނާނީ؟ އެމީހާޔާ އިންނަ ހިސާބުން އަޅުގަނޑަށް ބައްޕަޔާ ވަކިވާން ޖެހޭނެ.. އޭރުން ބައްޕަ ނުކައިނުބޮއި އޮތަސް އަޅުގަނޑަކަށް ނޭނގޭނެ.. އެހެންނޫނަސް އެމީހާއަކީ ކޮންކަހަލަ މީހެއް ކަމެއްވެސް ނޭނގެއެއްނު.. އެމީހާއަކީ ނުލަފާ މީހަކަށް ވެއްޖެއްޔާ..”
“ދަރިފުޅާ.. ފަހުން ވާން ހުރި ކަންތައްތައް ފަހަށް ބަހައްޓާ.. މިހާރު ބައްޕަ ބޭނުންވަނީ ދަރިފުޅު ވީހާވެސް އަވަހަކަށް މީހަކާ އިނދެގެން މިގެއިން ދިޔުން.. ބައްޕައަށް ފެންނަ ހިސާބުގައި ދޮންމަންމަ ދަރިފުޅަށް ކުރާ އަނިޔާތައް ދެކޭނެހާ ހިތްވަރެއް ބައްޕަގެ ގަޔަކު ނެތް.. ނާފިޒަކީ ރަނގަޅު މީހަކަށްވެސް ވެދާނެއެއްނު.. އޭރުން އެއީ ދަރިފުޅުގެ ނަސީބު.. އަބަދުވެސް ވިސްނަންވާނީ ކަމުގެ އޮންނަ އެންމެ ރަނގަޅު ގޮތަށް.. ރަޙުމަތް ލައްވާނީ މާތް ﷲ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ޒާހިރު ލައިލާއަށް ވިސްނައިދިނެވެ.
“ބައްޕާ.. އަޅުގަނޑު މި ކައިވެނި ކުރަން ބިރުގަނޭ.. އެކަމަކުވެސް ބައްޕަ އެދޭނަމަ އަޅުގަނޑު މި ކައިވެނި ކުރާނަން..” ލައިލާ ރޮވިފައި ޒާހިރުގެ މޭގައި ބޯއަޅާލިއެވެ. ދަރިފުޅުގެ ހިތުގައި އަޅާ ވޭން ޒާހިރަށް އިހުސާސް ކުރެވެއެވެ. ގޮތް ނޭނގޭ މީހަކާއި ދަރިފުޅު ހަވާލުކުރަން ޖެހިލުންވެ، ދެރަވީ ނަމަވެސް ހިތާއި ދެކޮޅަށް އޭނާ އެގޮތަށް އެކަން ކުރަން ނިންމައިފިއެވެ.
“ދަރިފުޅާ.. ދެރަނުވޭ.. ބިރުނުގަނޭ.. ބައްޕަގެ ހެޔޮދުޢާތައް އަބަދުވެސް ވަނީ ދަރިފުޅާއެކު.. އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވާ.. ދުޢާއަށްވުރެ ބާރުގަދަ ހަތިޔާރެއް އަހަރެމެންނަކަށް ލިބިފައެއް ނުވޭ.. ތެދުވެރިކަމާއި ޔަޤީންކަމާއެކު ހެޔޮ ނިޔަތެއްގައި ދަންނަވާ ދުޢާ އެކަލާނގެ އިޖާބަ ކުރައްވާނެ.. އެދޭ ގޮތް އެވަގުތު ނުވިޔަސް މާޔޫސްނުވޭ.. އަބަދުވެސް އެކަލާނގެއާއި ދޭތެރޭ ހިތުގައި ޔަޤީންކަން ބާއްވާ..” ލައިލާގެ ބޮލުގައި ފިރުމަމުން ޒާހިރު ނަޞޭޙަތް ދިނެވެ. ދަރިފުޅުގެ ވޭނީ ގިސްލުންތަކުން އޭނާގެ ހިތް ތޮރުފެމުން ދާއިރުވެސް ނުރޮއި ހިތްވަރު ކުރެވޭތޯ ޒާހިރު މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެފަހުން އޭނާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ.
ޖެހިގެން އައި ހަފުތާގައި ލައިލާގެ ޙަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމައިފިއެވެ. ހިތާއި ދެކޮޅަށް ނުދަންނަ ބީރައްޓެސަކާއިއެކު އުމުރު ހޭދަކުރަން ނިންމައިފިއެވެ. ކައިވެނީގެ މަޖިލިސް ނިމުނު ވަގުތު ދޮންމަންމަގެ މޫނުމަތިން ލައިލާއަށް ފެނުނީ މަލާމާތުގެ ހިނިތުންވުމެކެވެ. ސީމާގެ މޫނުމަތިން ފެނުނު އަސަރުތަކުން ޒާހިރުގެ ހިތުގައި ސީމާގެ މައްޗަށް އޮތް ނަފުރަތު އެތައް ގުނައަކަށް އިތުރުވިއެވެ. ވަގުތުން ސީމާ ވަރިކޮށްފައި ގެއިން ނެރެލަންވެސް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ހިތުގައި އުފެދުނު ޝުޢޫރުތައް ހިތުން ފޮހެލަން މަޖުބޫރުވީ ސީމާގެ ގާތުގައި ދެރަވެފައި ހުރި ލަޔާން ފެނިފައެވެ.
“އުފާވެރި ކައިވެންޏަކަށް މަރުޙަބާ! ދެކުދިންވެސް ބަސްއަހައިގެން އުޅޭތި..” އެހެން މީހުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ސީމާ ލައިލާގެ ގައިގައި ބައްދާލިއެވެ. ސީމާއާއި ދުރުވެލާފައި ދުރަށް މޫނު އަނބުރާލަމުން ލައިލާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށް ވަނުމާއެކު ލައިލާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ދޮރުފަތުގައި ލެނގިލައިގެން އޭނާ ހުރި ދިމާއަށް ތިރިވިއެވެ.
ލައިލާ ގޮސް ކޮޓަރިއަށް ވަނުމުން ސީމާ ނާފިޒަށް ލޮލުން އިޝާރާތްކޮށްލީ ދާށޭ ބުނުމުގެ ގޮތުންނެވެ. އަދި ދިއުމުގެ ކުރިން ނާފިޒުގެ ކަންފަތާއި ގާތްވެލާފައި “އޯލް ދި ބެސްޓް”އޭ ބުނެލިއެވެ. ނާފިޒު ބޯޖަހާލަމުން ހިނގައިގަތެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”
ތިނާފިޒަކީ ކޮންކަހަލަ މީހެއްބާ. ފެށުން ވަރަށް ރީތި.
ވަރަށް ސަޅި ވާހަކައެއް. ކޮން އިރަކުން ދެވަނަ ޕާޓް
އަޅޭ… ލޯބި ވާހަކައެއް އިނގޭ. ވެން އިޒް ދަ ނެކްސްޓް ޕާޓް… ވެއިޓިން