ދިވެހި ފިލްމު އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިިންމެންޓުން 2020 ވަނަ އަހަރު ރިލީޒްކުރުމަށް ތާވަލްކޮށްފައިވާ ފިލްމު “ނޮވެމްބަރ“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަކަށް މުނިއަވަސް ހަމަޖައްސައިފިއެވެ.

ނޮވެމްބަރ“ގެ މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ހަވާލުކޮށް، އެއްބަސްވުން ބަދަލުކުރުން އޮތީ މިމަހުގެ 26ވަނަ ދުވަހު ހެނދުނު ލ. ކައްދޫގައި ހުންނަ ސިންފަނިކް ރެސްޓޯރެންޓްގައެވެ. އޮންލައިން މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖެއްސި އެއްބަސްވުމާ ޑާކް ރެއިން އެންޓަޓެއިންމެންޓުން ހަވާލުވީ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) އާއި ފިލްމު “ނޮވެމްބަރު”ގެ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މުނިއަވަސް އިން އެއްބަސްވުމާ ހަވާލުވީ މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު ރަޝީދުއެވެ.

“މީގެ ކުރިންވެސް އަޅުގަނޑުމެން ވަރަށް އިންޓަރެސްޓެއް ނެގިން މުނިއަވަސް އާއެކު މަސައްކަތްކުރަން. އެކަމަކު ތަންކޮޅެއް ކުރިން ވެވިފަހުރި ކޮމިޓްމެންޓަކަކާހެދި އެހެން ބޭފުޅުންނާއެކު އަޅުގަނޑުމެން ކުރިއަށް ދިޔައީ. ދެން އެ ކޮމިޓްމެންޓުން ފްރީވީމަ ހަމަ ފުރަތަމައިނުންވެސް އަޅުގަނޑުމެންގެ ޗޮއިސްއަކަށް އިނީ ހަމަ މުނިއަވަސް އިނގޭތޯ!” މުނިއަވަސް އަށް މިފަދަ އަގުހުރި ފުރުޞަތެއް ދިނުމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ނިންމެވީ ކީއްވެގެންތޯ ސުވާލުކޮށްލުމުން މޮގާ ވިދާޅުވިއެވެ.

ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ހަވާލުކުރުމުގެ ތެރެއިން ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުނިއަވަސްގެ އެޑިޓަރ އަޙްމަދު ރަޝީދު – ފޮޓޯ: އަޙަމްދު ޝިނާން (ޑާކްރެއިން)

“…..އެއީ އަޅުގަނޑު ދެންނެވީ މިސާލަކަށް ޚަބަރަކީ އެ ވަގުތެއްގަ އެ ޚަބަރު ނުކުތީމަ ދޮގެއްތޯ އެ ޚަބަރަކަށް ވާނީ. އަޅުގަނޑުމެން ދެކެނީ މުނިއަވަސް އަކީ ވަރަށް ޕްރޮފެޝަނަލްކޮށް ކުރިއަށް ގެންދާ ބައެއްކަމަށް. އެގޮތުން ހަމަ އަޅުގަނޑާ ޗިއްޕެއާ ޝިނާން އާ ފުރަތަމައިނުންވެސް މި ބުނި ކޮމިޓްމެންޓްތަކުން އަޅުގަނޑުމެން ސަލާމަތްވީމަ އަޅުގަނޑުމެން ތިން މީހުން ތިބެފަ ވާހަކަދައްކާލާފަ އަޅުގަނޑުމެން ހިތަށް އެރީ އެންމެ ރަނގަޅު ގޮތަކީވެސް، އެންމެ އަޅުގަނޑުމެންނަށް ފައިދާވާނެ ގޮތަކީވެސް ހަމަ މުނިއަވަސް އާއެއްކޮށް ކުރިއަށް ދިޔައިއްޔާއޭ.” މުނިއަވަސް އަށް ފިލްމު “ނޮވެމްބަރު”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ދިނުމަށް ނިންމެވި ސަބަބުގެ ތަފްޞީލު މޮގާ ދެއްވިއެވެ.

މީގެ އިތުރުން މޮގާ ވިދާޅުވީ މުނިއަވަސް އަކީ މުޅި ރާއްޖޭގަ ހުރިހާ ކިޔުންތެރީން ކިޔާ އޮންލައިން އަކަށް ވެއްޖެނަމަ އެބޭފުޅުންނާއި އަދި މުޅި ފިލްމީ ދާއިރާއަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެލައްވާކަމަށެއެވެ.

“…. އަޅުގަނޑު ދެކޭގޮތުގަ ވަރަށް ގިނަ ބޭފުޅުން އެބަ ޚަބަރު ހަދާކަން ނޭނގެ މުނިއަވަސްގަ ޖަހާ ޚަބަރު ބަލައިގެންވެސް އެހެން ޚަބަރުތައް. އެހެންވީމަ ފުރަތަމަ އަދި އެންމެ ފަސްޓްހޭންޑް އިންފޮމޭޝަންއާ އެއްކޮށް ލިޔާ ބަޔަކީ އަޅުގަނޑަށް ހީވަނީ ހަމަ މުނިއަވަސް ހެން އިނގޭތޯ!” ކުރިއަށް އޮތްތަނުގައިވެސް މުނިއަވަސް އަށް ޑާކްރެއިން އެންޓަޓެއިންމެންޓް ޓީމުގެ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ދެއްވާކަމަށްވެސް މޮގާ ވިދާޅުވިއެވެ.

ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ހަވާލުކުރުމުގެ ތެރެއިން މުޙައްމަދު ޢަލީ (މޮގާ) އާއި މުނިއަވަސްގެ އެޑިޓަރ އަޙްމަދު ރަޝީދު – ފޮޓޯ: އަޙަމްދު ޝިނާން (ޑާކްރެއިން)

ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ހައުސްގެ އުފެއްދުމެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ލިބުމުން މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު ރަޝީދު ފާހަގަކުރެއްވީ މިއީ އަނެއްކާވެސް މުނިއަވަސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

“މުނިއަވަސް އަށް ފިލްމީ ދާއިރާގެ ބޭފުޅުންގެ ފަރާތުން ލިބެމުން މި އަންނަ އެއްބާރުލުމަކީ މުނިއަވަސްގެ އެންމެ ބޮޑު އެއް ކުރިއެރުން. މިއަދުވެސް ވަރަށް ޝުކުރުވެރިކަމާއެކުގަ ފާހަގަކޮށްލަން ބޭނުން، މުނިއަވަސް އާ ދިވެހި ފިލްމީ ދާއިރާއާ ގުޅުވައިލަދިނީ ކުޅަދާނަ ފިލްމީތަރި އަޙްމަދު ސަޢީދުކަން. އެއަށްފަހު ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސަރ އަޙްމަދު ޝާޙް ޢަލީ، އެކްޓަރ ޑައިރެކްޓަރ ޔޫއްޕެ، ޕްރޮޑިއުސަރ ޝަފީޤްގެ އިތުރުން އެކްޓަރ ޑައިރެކްޓަރ ސީޒަންގެ ނަންވެސް ހަމަ އެހާމެ ކުލަގަދަކޮށް ފާހަގަކޮށްލަން.”

“މުނިއަވަސް އަށް މީޑިއާ ޕާޓްނަރުކަން އެންމެ ފުރަތަމަ ލިބުނީ ފިލްމު “ދެވަންސޫރަ” އިން. ދެން “ފޯޓީ ޕްލަސް”، “ނަފްރަތުވުމުން”، “ސޯލް”، “ކާކު؟”، “ބަވަތި”، މިއީ މިހައިތަނަށް އަޅުގަނޑުމެން އޮންލައިން މީޑިއާ ޕާޓްނަރުކަން ކޮށްދީފައިވާ ފިލްމުތައް، އަންނާން ހުރި ފިލްމުތަކުން “އަނދިރިކަން”، “ކޮސް ގިނަ މިސްޓޭކް” އަދި “ނޮވެމްބަރ” ހިމެނޭ. މި ފިލްމުތަކުގައި ހިއްސާވާ ހުރިހައި ބޭފުޅުންނަކީވެސް އެ ބޭފުޅުން އަޅުގަނޑުމެންނަށް ދިން އަހަންމިއްޔަތުގެ މަތިން އަޅުގަނޑުމެން ހަނދާން ނައްތާލާނެ ބޭފުޅުންނެއް ނޫން. އެހެންކަމުން އަޅުގަނޑުމެންގެ ކޮމިޓްމެންޓް ނުވަތަ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަށް ވާޞިލް ވެވިއްޖެ. މިގޮތުގައި އަޅުގަނޑުމެން ކުރިއަށްދާނީ ދިވެހި ފިލްމާއި މިއުޒިކް، އާޓް އަދި ދިވެހި ބަހާ ސަގާފަތާ ތާރީޚަށް ޚިދުމަށް ކުރުމުގަ.” މުނިއަވަސް އަށް ލިބެމުން އަންނަ ކާމިޔާބީތަކަށް ބަލައިލަމުން ޗީފް އެޑިޓަރ ފާހަގަކުރެއްވިއެވެ.

މުނިއަވަސް އަކީ ދިވެހި ފިލްމާއި މިއުޒިކްގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ހިންގަމުން އަންނަ އޮންލައިން މަޖައްލާއެކެވެ. މީގެ އިތުރުން އާޓާއި، ދިވެހިބަހާއި، ސަގާފަތާއި ތާރީޚަށްވެސް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ސިޔާސީ އެއްވެސް ޚަބަރެއް މުނިއަވަސް އިން ނުގެނެސްދޭކަން މިއީ މުނިއަވަސް އާމެދު އެންމެ ބޮޑު އިތުބާރެއް އުފެދިފައިވާ އެއް ސަބަބު ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މުނިއަވަސް ހިންގަން ފެށީ 2016 ގައެވެ. ނަމަވެސް ރެޖިސްޓަރ ކޮށްގެން މުނިއަވަސް ހިންގަން ފެށުނީ 18 ޑިސެމްބަރު 2018 ގެ ފަހުންނެވެ.

ފިލްމު “ނޮވެމްބަރ“ގެ މީޑިއާ ޕާޓްނަރަކަށް މުނިއަވަސް ހަމަޖެއްސިކަން މީގެ މަހެއްހައި ދުވަސް ކުރިން ޑާކްރެއިން އިން މުނިއަވަސް އާ ހިއްސާކޮށްފައިވާކަން ފާހަގަކޮށްލަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.