[avatar user=”Zaanaa” size=”thumbnail” align=”left”]ޒާނާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް ވަރަށް ތަޖުރިބާ ހުރި އުއްމީދީ ލިޔުންތެރިއެކެވެ. ޒާނާ ގެ ވާހަކަ ‘މާާފުކުރާށޭ ކަލާ’ ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާާހަކަ އަކަށެވެ.[/avatar]

“ކޯޗެއް ކަމެއް ނޭނގޭތަ؟” އަޔާން ވާހަކަ ދެއްކީ އޭނާގެ އަންހެނުން މީތަން އާއެވެ. އެމީހުން ތިބީ ފުރަން އެއާޕޯޓަށް ގޮހެވެ.
“ދެން އަޔާން ބުނެބަލަ. ކޯޗެއްތަ މުށުތެރެއަށް ލާ ފޮރުވައިގެން ތިއުޅެނީ.” މީތަން ބޮޑާހާކާލިއިރު ހީވަނީ ކުޑަ ކުއްޖެއްހެންނެވެ. މީތަން އުޅުނު ގޮތުން އަޔާންއަށް ހެވުނެވެ.
“ދެލޯ މަރާބަލަ.” އަޔާން މީތަންގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން މީތަން އަވަސް އަވަހަށް ދެލޯ މަރާލީ އަޔާން ފޮރުވައިގެން ގެންގުޅޭ އެއްޗެއްގެ ހަޤީޤަތް ބަލަންވެގެންނެވެ.
އަޔާން މަޑުމަޑުން މީތަންގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. މީތަންގެ އޮމާން ކަނދުރާ ފެނިފައި އަޔާންއަށް ހިންދިރުވާލެވުނީ ބޭއިހްތިޔާާރުގައެވެ.
ހަމަ އެވަގުތު މީތަންގެ ގައިގައި އޮޅުލައިގަންނަން އަޔާން ބޭނުންވިއެވެ. ނަމަވެސް ވަގުތުގެ ގޮތުން އަޔާން އަށް އެގޮތަށް އެކަން ކުރެވެން ނެތީއެވެ.
މުށުތެރޭގައި އޮތް ފަށް ނަގައި މީތަންގެ ކަރުގައި އަޅުވާލަދިނެވެ. އެއާއެކު މީތަން ދެލޯ ހުޅުވާލީ އުފަލުން ހެވިފައި ހުރެއެވެ.
“އަޅޭ ލޯބި. މީ ކޮންހިތެއްތަ؟” މީތަން ގެ ފަށުގެ ފޫ އަތްތިލަ މަތީގައި ބާއްވާލަމުން އަޔާން އަށް ހިނިތުންވެލިއެވެ.
“އަޅެ ހުޅުވާފައި ބަލާލަބަލަ.” އަޔާން މީތަންގެ ކޮލުގައި ހިފާލިއެވެ.

“ނުކެރޭނެ ހުޅުވާކަށް. ވެދާނެއެއްނު ކޮންމެ އެއްޗަކަށްވެސް.” ކިންޒާ އާއި ފާލިހް ތިބީ ހަދާނެގޮތެއް ނޭނގިފައެވެ. ތުނިތުނި ކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ހަށިގަނޑު ފިނިކުރަމުން ދިޔައިރުވެސް އެމީހުންނަށް އޭގެ އިޙްސާސްވެސް ނުވާ ކަހަލައެވެ. އެފިނީގައިވެސް ފާލިހްގެ މޫނުން ދާތިކި ފާއްދާލައިފައިވެއެވެ.
“ތި ދެމީހުންނަކަށް ފިންޏެއްވެސް ނުވޭތަ؟” ފަހަތުން ޝަރީފާގެ އަޑު އިވުމާއެކު ސިހިފައި ފާލިހް އަތުގައި މަލަކާގެ ހެދުމުގެ ފޮތިކޮޅުން އޮޅާ އައްސާފައި އޮތް އެތި ވެއްޓުނެވެ. ޝަރީފާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އިތުރަކަށް އެހެން މީހަކަށް ފޮރުވޭނެ އެއްވެސް ކަމެއް ނެތް ކަހަލައޭ ޝަރީފާގެ ހިތަށް އެރިއެވެ. ހަރަކާތެއް ކުރަން ނޭނގިފައި ޝަރީފާއަށް ހުރެވުނީ ބަލާށެވެ.
“މަންމާ. ކިހިނެއްވީ. މަންމަވެސް ބިރުގަތީތަ؟” ކިންޒާ އަވަސް އަވަހަށް ގޮސް ޝަރީފާގެ އަތުގައި ހިފިއެވެ.
“ތީ ކޮންތާކުން ނެނގި އެއްޗެއް. ތި އޮތް ތާކު އަލުން ތި ބާއްވާ. އެހެން ނޫނީ ދަރިފުޅުމެންނަކަށް އުފަލުގަ ނޫޅެވޭނެ.” ޝަރީފާ އަޑު ތުރުތުރު އަޅާވަރުން އޭނައަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.
“އޭން. ކީކޭ؟ ކޮންކަހަލަ ވާހަކައެއް މަންމަ ތިދައްކަނީ. އެއީ އަސްލު ކޯޗެއްތަ؟” ކިންޒާ ހައިރާންވެފައި ބަލަހައްޓައިގެން ހުރިއިރު ފާލިހްގެ ނަޒަރު ސީދާވެފައިވަނީ ޝަރީފާގެ ހާސްވެފައިވާ މޫނަށެވެ.
ބުނެވުނު އެއްޗަކާމެދު ޝަރީފާއަށް ވިސްނާލެވުނީ ދެނެވެ.
“ބުނާތީ އަޑުއަހަން. ތިގޮތަށް ހުންނާނީ ފަންޑިތަ ހެދީމައޭ. އެގެއެއްގައި އުޅޭ ބަޔަކު އުފަލުގަ އުޅުނަ ނުދޭންވެގެންނޭ. ތިގޮތަށް ހަދާފަ ހުންނަނީ. އެކަހަލަ އެއްޗެހީގައި އަތްލައިފިއްޔާ އެއްކަމެއްވެސް ރަނގަޅެއް ނުވާނެއޭ. ތި އޮތް ތާކު ބާއްވާފައި ޖެހޭނީ ތި ސިހުރު ބާތިލް ކޮށްލަންށޭ.” ޝަރީފާ ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ދިފާޢުގައި ކޮށްފައިވާ ފާފަތައް ފަޅާއަރާފާނެތީ ކަހަލައެވެ.
“ހާދަ ޔަޤީންކޮށް މަންމަ ތިބުނަނީ. އުފަލާއި ހިތާމަ ދެއްވަނީ މާ މަތީ ފަރާތަކުން. މިހުޅުވައިގެން ބަލަން ބޭނުން އަހަރެން.” ފާލިހް ޝަރީފާ އާ ހަތަރު ކަޅި ހަމަކޮށްލީ ނުރުހުންވެފައި ހުރެއެވެ. ޝަރީފާ ކަމެއް ސިއްރު ކުރެއޭ ފާލިހްގެ ހިތް ބުނަމުންދިޔައެވެ.
“ފާލިހް އެބުނީ ތެދެކޭ މަންމާ. މަށަށް ފެންނަނީ ތިކަން ދަންނަ މީހަކަށް ތީތި ދައްކާލަން.” ކިންޒާ ފާލިހްގެ ނިންމުމަށް ތާއީދު ކުރުމުން ޝަރީފާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“ކަލޭމެންނަށް ފެންނަގޮތެއް ހެދީމަ ނިމުނީނު.” ރުޅި ގަދަވެގެން ގޮސް ދަތްކުނޑި ވިކާލަމުން ޝަރީފާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.

“މަންމާ. މީތަންއަށް ބަލައްޗޭ.” ބޯޑިންއަށް ވަންނަން އިއުލާން ކުރުމާއެކު އަޔާންއަށް ކުރެވިގެންދިޔައީ ބުނެދޭންވެސް ދަތި އިޙްސާސްތަކެކެވެ. މީތަން ލޯމަތިން ގެއްލެން އަޔާންގެ ހިތް ބޭނުން ނުވާކަން އަޔާންއަށް ވިސްނެންފެށީ އަދި އަލަށެވެ. ލޯމަތިން މީތަން ގެއްލެންދެން އަޔާންއަށް ބަލަން ހުރެވުނީ ފެންކަޅިވެފައެވެ.

ލޯމަތިން ފްލައިޓް ގެއްލިގެން ގޮސް އެތައް އިރެއްވީއިރުވެސް އަޔާން އަށް ހުރެވުނީ ހަމަ ހުރި ފިޔަވަޅުމަތީގައެވެ. ގުޑިލަަންވެސް ނޭނގިފައެވެ. އަޔާންއަށް އިޙްސާސް ކުރެވެމުން ދިޔައީ އޭނާގެ ހަށިގަނޑުގެ އެއްބައި މަދުވެފައިވާ ކަމެވެ.

އޭޓީއެމް އިން ނިކުތް ގޮތަށް ނުހާ ކާރެއް ހުއްޓުވިއެވެ.
ނުހާ ގެޔަށް ނުދާތާ އެއްދުވަސްވީއެވެ. މިހާރު ނުހާ ބޭނުންވަނީ މާލެއިންވެސް ފުރައިގެން ދާށެވެ. އަޔާންއަށްވެސް އަދި އެއްވެސް މީހަކަށްވެސް ދުވަހަކުވެސް ނުފެންނަ ހިސާބަކަށެވެ.
ނަމަވެސް ނުހާގެ ޕާސްޕޯޓް ލިބިގެން ނޫނީ އެއްކަމެއްވެސް ކުރެވޭކަށްނެތެވެ. ދެރަކަމަކީ ނުހާއަށް އެއްވެސް ކަމެއް ކޮށްދޭނެ މީހެއް މިހާރު ނެތީމައެވެ.
“ކޮންތާކަށް ދާންވީ.” ފިކުރުތަކުން ވަށާލެވިފައިވާ ނުހާ ސިއްސުވާލީ ކާރުގެ ޑްރައިވަރުގެ އަޑެވެ.
“ކުރިއަށް ދުއްވަބަލަ. އިރުކޮޅަކުން ބުނާނަމޭ.” ނުހާގެ ހަރުކަށި ރާގުން ކާރުގެ ޑްރައިވަރު އެއްފަހަރުން ހިމޭންކޮށްލިއެވެ.

އޮފީހަށް ވަދެލަން އުޅެފައިވެސް އަޔާން ބޭނުންވީ ގެޔަށް ގޮސްލާށެވެ. ބަންދު ދުވަހެއްކަމުން މަގުމަތިވެސް ވަރަށް އަމާނެވެ. ގޭގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލިއިރު ދޮރު ތެރޭގައި އެއްފަރާތެއްގައި ލެގިލައިގެން ހުރި ޒާރާ އަޔާންގެ ލޮލުގައި އަޅައިގަތެވެ. ކުރިން ފާލިހްގެ ގެއިން ދެތިން ފަހަރަކު ފެނިފައިވާތީ އަޔާންއަށް ޒާރާ ފާހަގަ ވާކަށް އިރުތަކެއް ނުނެގިއެވެ. ނަމަވެސް ތަފާތަކީ ޒާރާގެ ނިކުމެފައިވާ ބޮޑު ބަނޑެވެ.
ސައިކަލް ޕާކްކޮށްލުމަށްފަހު ޒާރާ ކައިރިއަށް ގޮސް ހުއްޓުނު އަޔާންއަށް ޒާރާއާ ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން ފެނުނީމަ.” ޒާރާ ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ.
އަޔާން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
“އެންމެ ސުވާލެއްކޮށްލަން ބޭނުންވާތީ މިއައީ.” ޒާރާ އިސްއުފުލާ އަޔާންއާ ދިމާއަށް ބަލާލީ ފެންކަޅިވެފައި ހުރެއެވެ.
“ސުވާލު ކުރެވިދާނެ ފަހުންވެސް. އިހަށް ހިނގާބަލަ އެތެރެއަށް.” އެހާލަތުގައި ޒާރާ ކޮޅަށް ބަހައްޓާކަށް އަޔާން ބޭނުމެއް ނުވިއެވެ. ޚުދު އަޔާންވެސް ޒާރާ އާ ކުރަން ބޭނުން ބައިވަރު ސުވާލު އެބަހުއްޓެވެ.
“ނީތާ. ޖޫސްތައްޓެއް ގެނެސްބަލަ ވަރަށްއަވަހަށް.” ޒާރާ ގޮވައިގެން ގޭތެރެއަށްވަދެ ސޯފާގައި ޒާރާ ބައިންދާލަމުން އަޔާން ނީތާއަށް ގޮވިއެވެ.
ބުމަރެއްހެން ހޫރެމުން އެނބުރެމުން ނީތާ އަވަސް އަވަހަށް ބަދިގެ ތެރެއަަށް ވަނީ އަޔާންގެ އަޑަށެވެ.
“ފާލިހްގެ ދަރިއެއްތަ؟” މާދުރުން ވާހަކަ ދިގުކޮށްގެން ބޭކާރު ވާހަކަތަކެއް ދައްކަން އަޔާން ބޭނުމެއްނުވިއެވެ. ނަމަވެސް ޒާރާއަށް ވާނެ ގޮތާއި ދޭތެރޭގައި އަޔާން އެއްވެސް ވަރަކަށް ނުވިސްނައެވެ. ޒާރާއަށް އެނގޭ ގޮތުގައި އެއީ ހަމައެކަނި ފާލިހްއާއި ޒާރާގެ ސިއްރެކެވެ. ޒާރާ ހުރީ ބުނާނެ އެއްޗެއް ނޭނިގިފައެވެ. ފާލިހް އެވާހަކަ އަޔާންއާ ހިއްސާ ކުރީތީ ހިތްހަމަ ވެސް ނުޖެހި ލަދުގެންފައެވެ.
“މަށަށް ތިކަން އެނގިގެން ޒާރާ ދިރިއުޅުމަކަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ.” ޒާރާގެ ހާސްކަން އަޔާން ދެނެގަތެވެ.
“އެއީ އެހާވަރުގެ ކަމެއްނޫން. އެނގުނަސް ދިރިއުޅުމެއް އޮތް މީހެއްގެ ތާ ދިރިއުޅުން ހަލާކުވާނީ.” އުދާސްވެފައިވާ ދެލޮލާއެކުވެސް ޒާރާ ހިނިތުންވެލިއެވެ.
“މީ ފާލިހްގެ ދަރިއެއް. އެކަމަކު އެވާހަކަ ދައްކާކަށް ނޫން މިއައީއެއް. މަށަށް ފާލިހް އަށްވުރެ މުހިންމު މަލަކާ.” ޒާރާ ވާހަކަ ދައްކަން ބޭނުން މައުލޫޢު އަޔާން ކުރިމަތީގައި ހުޅުވާލިއެވެ.
“މަލަކާއޭ. ޒާރާ އާ މަލަކާއާ އޮތީ ކޮން ގުޅުމެއް؟” އަޔާން ހުރީ ހިސާބަކަށް ހައިރާންވެފައެވެ.
ޒާރާގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލަހައްޓައިގެން އަޔާންއަށް ހުރެވުނީއެވެ.
“އަހަންނަކީ ބޮޑު ކުށްވެރިއެއް؟” ޒާރާ އަށް ރޮއެގަނެވުނީ ބޭއިޚްތިޔާރުގައެވެ. އަޔާން އަދި ވަކިން ބޮޑަށް ކަންތައް ބޮޑުވެއްޖެއެވެ. އަދި ވަކިން މާބަނޑު އަންހެނަކު އެގޮތަށް ކުރިމަތީގައި އިނދެ ރޯތަން ބަލަން ހުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟
“ޒާާރާ. ކީކޭތަ ތިކިޔަނީ. ނުރޮއެ ހުއްޓާލައިގެން ތި ވެގެން އުޅޭގޮތް ކިޔާދީބަލަ.” އަޔާން ޒާރާގެ ބޮލުގައި ފިރުމާލީ އޯގާތެރިކަމާއި އެކުގައެވެ. ނަމަވެސް ޒާރާާއަށް ހުއްޓާލެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަޔާން ޒާރާ ހިތް ފުރެންދެން ރޯން ދޫކޮށްލައިގެން ބަލަހައްޓައިގެން އިނީއެވެ.
ހިތް ފުރެންދެން ރޯލުމަށްފަހު ޒާރާ އަޔާން އަށް މަލަކާ ގެ ވާހަކަތައް ހިއްސާކުރަން ފެށިއެވެ.
“އަހަރެން އެގެޔަށް ގެންދިޔައީ ފާލިހް ގެ މަންމަ. މަލަކާ އާއި ފާލިހް ދުރުކުރުވަން. ހިސާބަކަށް ފަންޑިތަވެސް ހަދާ ކަން ނޭނގެ. ޔަޤީނެއް ނޫން. އެއީ އަހަރެންގެ ލޮލަކުން ނުދެކެން އެކަހަލަ ކަމެއް ކުރަނިކޮށެއް. މަލަކާ އެދުވަސްކޮޅު ވީ ބަލި އެއީވެސް މިކަމުގެ ސަބަބުން ވީކަންތައްތައް. ނަމަވެސް ފަހުން ފާލިހްގެ ދިރިއުޅުމުގައި މަލަކާ އަށް ދީފައިވާ މަޤާމު ބޭނުންވީ އަހަރެން އަމިއްލައަށް. މަލަކާ ގެ ބަނޑުގައި އޮތް ދަރިފުޅު މަރާލީވެސް އަހަރެން.. – “ ޒާރާގެ ވާހަކަ ހުއްޓުވާލީ އަޔާން އަތް ދިއްކޮށްލަމުން ޒާރާއަށް ކޮށްލި އަތުގެ އިޝާރާތެވެ. ޒާރާ އިތުރަށް ވާހަކަ ދައްކަން ދެން އަޔާން ބޭނުން ނުވާކަހަލައެވެ. އަޑުއަހާނެ ހިތްވަރުވެސް އަޔާންގެ ނެތީއެވެ.
“ކަލޭމެން ތީ ހާދަ ނުބައި ބައެކޭ ދޯ. ކުށެއްނެތް ކުއްޖަކު މުޅިން އެކަނިކޮށްލާ މުޅި ދުނިޔެއިން ވެސް މޮޔަކޮށްލައިިފި.” އަޔާންއަށް ހަޅޭލަވައިގަނެވުނީ ވަރަށް ބާރަށެވެ.
“ކީކޭ. ހަމަ ރަނގަޅަށްވެސްތަ؟” ޒާރާއަށް ރޮއެގަނެވުނެވެ. އޭނާގެ ކުށް އޭނާ އަށް އިޙްސާސްކުރެވުނު އިރު މާލަސްވެއްޖެއެވެ. އަދި މިހާރު ޒާރާއަށް ލިބެމުންއެދަނީ އެކަމުގެ ޝަޒާ އެވެ. މުޅި ދިރިއުޅުން ހަލާކުވެ އެންމެންގެ މަލާމަތާއި ނަފްރަތުގެ ޝިކާރައަކަށް މިހާރު ޒާރާ އެވަނީ ވެފައެވެ.

“ދެން ދެރަވިޔަސް ރުޔަސް ކުރެވޭނެ ކަމެއްނެތް. ސޮރީ މާ ބާރަށް ބުނެވުނީމަ.” އަޔާން ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. ޒާރާ އެއްވެސް އެއްޗެއް ނުބުނެ އިންތަނުން ތެދުވެގެން ހިނގައިގަތެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. ދެން ކަންތައް ކުރަންވީ ގޮތް އޭނާ އަށް އެނގެއެވެ. އަޔާން ވެސް ޒާރާ ހުއްޓުވާކަށް ނޫޅުނެވެ. އަޔާން ގެ ނަޒަރުގައި ފާލިހް އެކޭ އެއްގޮތަށް ޒާރާ ވެސް އެއީ ކުށްވެރިއެކެވެ.

ވެހެމުންދިޔަ ހިމަ ފޮދު ވާރެޔަށް ބަލަހައްޓައިގެން ގޯތި ތެރޭގައި ހުރި ކުޑައެއް ދަށުގައި ފާލިހް އިނެވެ. އިރުއިރުކޮޅާ ކައިރީގައި ބަހައްޓާފައި ހުރި ކޮފީތަށިން އެތިފޮދެއް ބޯލައެވެ. ހިމަފޮދުވާރެއާ ފާލިހްގެ ހަޔާތާއި ގުޅިފައިވާ ކަހަލައެވެ. އާއެކެވެ. މިއަދު ހެނދުނުއްސުރެ މަލަކާގެ ހަނދާންތައް ނޫން އެހެން ކަމެއް ފާލިހްގެ ބޮލުގައެއް ނެތެވެ. ކުރީގެ ފޮނި ހަނދާންތަކެވެ. އަލަތު ކައިވެނީގެ އުފާތަކެވެ. އެކުގައި ހޭދަކުރިހާ ވަގުތު ތަކެވެ. އަތާ އަތް ގުޅުވާލަމުން ވީ ވަޢުދުތަކެވެ.

ގޭގެ ދޮރޯށި ހުޅުވާލި އަޑަށް ފާލިހް އިސްއުފުލާ ބަލާލިއެވެ. އެވަގުތު އަތުގައި ހުރި ކޮފީތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ. ކުރިމަތީގައި ހުރި ޒާރާ އާއި އޭނާގެ ބަނޑަށް ފާލިހް އަށް ބަލަން ހުރެވުނީ ދެލޯ ބޮޑުކޮށްގެންނެވެ.
“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން ފެނުނީމަ. ހަމައެކަނި އަހަރެންނެއް ނޫންދޯ. މިބަނޑު ފެނުނީމަވެސް.” ޒާރާ ފާލިހްއަށް ބަލާލީ ލޮލުގެ ހިމަކަޅިންނެވެ.
“ނާހާނަންތަ އަހަރެން މިތަނަށް މިއައީ ކޮން ބޭނުމަކުތޯ.” ޒާރާ ފާލިހްގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިލިއެވެ.
“ތީ ކާކުގެ ދަރިއެއް. މީހަކާ އިނީތަ؟”ފާލިހްގެ ބެދިފައިވާ އަޑު ނިކުތީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ޒާރާ އަށް ހީނގަނެވުނީ ބޭއިހްތިޔާރުގައެވެ.
“މީހަކާ އިނދެގެން އެކަނިތަ ދަރިން ލިބެނީ. ވަރަށް ޖޯކް ދެން ތިހެން ބުނީމަ.” ޒާރާ ފާލިހްއަށް ފުރަގަސްދެމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
“ބުނަންތިއުޅެނީ.-” ފާލިހްގެ ބަސްހުއްޓުނީ ޒާރާ ކުއްލިއަކަށް އޭނައާ ދިމާއަށް އެނބުރުނީމައެވެ.
“ބުނަން މިއުޅޭ އެއްޗެއް ގެޓް ވާނެ ފާލިހްއެއް. ބޭނުންވަނީ އަހަރެންގެ އަނގައިންތަ އެނގެން ހުރިހާ ކަމެއް. މީ ފާލިހްގެ ދަރިއެއް. އިތުރު ބަހަނާ ދައްކަންޏާ ތިން މަސް ފަހުން ޑީ އެން އޭވެސް ހެދިދާނެ.” ފާލިހް އިތުރު ސުވާލެއް ނުކުރެވޭ ވަރަށް ޒާރާ ތަފްސީލުކޮށްލަ ދިނެވެ.
ފާލިހްއަށް ހީވީ މީހަކު އޭނާގެ ބޮލުގައި އެތިފަހަރަކުން ޖެހި ހެންނެވެ.
“ވަޓް.” ކިންޒާގެ އަޑަށް ފާލިހް އާއި ޒާރާވެސް ދިޔައީ ސިއްސައިގެންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް