މިއަދަކީ ކޮން ދުވަހެއް ތޯއެވެ. މިއަދަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ފާހަގަ ކޮށްފާއިވާ ހަމައެކަނި ދުވަހެވެ. އާދެ، 2008 ވަނަ އަހަރު އޮގަސްޓް 7ގައި އަމަލުކުރަން ފެށި އާ ޤާނޫނު އަސާސީގައި ހަމައެކަނި ކަނޑައެޅި ބަޔާންވެގެންވާ ދުވަހަކީ ޤައުމީދުވަހެވެ.
މިއަދަކީ، ހިޖުރީ ސަނަތުން 981 ވަނަ އަހަރު ރަބީޢުލްއައްވަލް މަހު 1ވަނަ ދުވަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތްކުރެއްވުމަށް ބޮޑުތަކުރުފާނާއި އެތަކުރުފާނު ގެ ހިތްވަރުގަދަ ލީޑަރޝިޕްގެ ދަށުގައި އޮތް ޓީމު ކުރި ޖިޙާދާއި ބުރަ މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އޭރު އައީ ކަނޑި ބަޑި ހިފައިގެންނެވެ. އޭރު އަޅުގަނޑުމެންގެ ބޮޑުތަކުރުފާނު އަރިހުގައި ޤައުމާއި ދީނުގެ ޙައްޤުގައި މަސައްކަތްކުރި ފަހުލަވާނުން ކުރި ޙިކުމަތްތެރި، ރޭވުންތެރި، ހިތްވަރުގަދަ، އިޚްލާސްތެރި މަސައްކަތަކީ މިއަދު އަޅުގަނޑުމެން ފިލްމަކުން ދައްކައިގެން، ލިޔެގެން ފަރުޖައްސައިލެވޭނެ ދުވަހެއް ނޫނެވެ.
ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރައްވައި ބޮޑުތަކުރުފާނު އާރާސްތުކުރެއްވި ދިވެހި ޤައުމިޔަތަށް މިއަދު މިފުރުނީ 460 އަހަރެވެ. “މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލައްވާށިއެވެ.” އެ ބޭކަލުންގެ ވާޖިބު އެބޭކަލުން އޭގެ އެންމެ ފުރިހަމަކަން މަތީ އަދާކުރި ކަމީ މިއަދު މި ޤައުމު މިނިވަންކަމާއެކު އޮތުމުގެ އަސްލުކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.
ދުނިޔެ މިއަދު ބަދަލު ވެއްޖެއެވެ. ބަވަނަވެފައިވާ މި ދުނިޔޭގެ ކަންކަން ހިނގާ ގޮތް އުޑާ ބިމާހާ ތަފާތެވެ. ހަނގުރާމައިގެ އުކުޅުތައްވެސް މުޅިން ތަފާތެވެ. ކާފަރުންނަށް ޔަޤީންވާ ކަމެއް އޮވެއެވެ. މުސްލިމުންގެ އެ ޤައުމިއްޔަތާ އިސްލާމީ ވަހުދަތަށްޓަކައި އެވާ ޤުރުބާނީ އަކީ ކަނޑި ބަޑިން ހަނގުރާމަ ކޮށްގެން ބަލިކުރެވޭ ވަރަށްވުރެ މާ ޖޯޝީ ބާރެއްކަން ޔަޤީން ވެއެވެ. އެހެން ކަމުން މިހާރު ކާފަރުންގެ ވިސްނުން ހުރީ މުޅިން އެހެން ގޮތަކަށެވެ. ހަނގުރާމަ ކުރަނީ ފިކުރީ ގޮތުންނެވެ. ދުނިޔޭގެ މުސްލިމް ޤައުމުތަކަށް ބަލައިލީމާ އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. މިއަދު އިރާގު ކޮބައިތޯއެވެ. ހަމައެއްވެސް ޙަޤީގަތެއް ނެތް ވާހަކަ ތަކަކަށް ބިނާކޮށް ފުނޑުފުނޑުކޮށްލީ އެވެ. ލީބިޔާ ކޮބައި ތޯއެވެ. މިހެން ގޮސް މުސްލިމު ހުރިހާ ޤައުމަކާ ކުޅެމުން އެދާ ގޮތަށް މިއަދު މި ޤައުމާ ދިމާއަށް ވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭކަމީ ފެންނަމުންދާ ޙަޤީގަތެވެ.
މިއަދު އަޅުގަނޑުމެން ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ. އަޅުގަނޑުމެންގެ ޅަ ދަރިންނަށް މި ދުވަހުގެ ޙަޤީގަތް ކިޔައިދީ، ދީނީ އަދި ޤައުމީ ރޫޙް އެ ކުދިންގެ ހިތުގައި އަށަގަންނަވަން މަސައްކަތް އެބަ ކުރެވޭ ތޯއެވެ؟ އެކަން ކުރަން އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ. މިއަދު އަޅުގަނޑުމެން ފަރުވާކުޑަކޮށްލައިފި ނަމަ މާދަމާ އަޅުގަނޑުމެންގެ ދަރިން ކުރާ ސުވާލަށް ޖަވާބުދާރީ ވެވޭނެތޯއެވެ. ބޮޑުތަކުރުފާނު، އެ ތަކުރުފާނުގެ ވާޖިބު އަދާކުރައްވައި އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތް ރަނގަޅުގޮތުގައި ވާޞިލުކުރެވުނުކަމަށް ވާނެ ތޯއެވެ.
މިއަދު އަޅުގަނޑުމެންގެ ސިކުނޑިތައް މިހާރަށްވުރެ ބޮޑަށް ހޭލައްވަން ވެއްޖެއެވެ. ޤައުމު މިއޮތީ ހަމަ އެ ޙާލަތުގައެވެ. އެހެންނަމަވެސް ހަނގުރާމަ ކުރަނީ ފިކުރާ އެވެ. ޅަ ސިކުނޑިތަކަށް ވައްދަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެނެވެ. މިއަދު ކޮންމެ ބަފަޔަކު، ކޮންމެ މަޔަކު ވިސްނަންވީ ތިމާމެންގެ ދަރިންގެ ހިތާއި ސިކުނޑީގައި ބޮޑުތަކުރުފާނު ވެލެއްވި ފަދަ ޤުރުބާނީއެއް ޤައުމަށްޓަކައި ވާނެ ފަދަ ގޮތަކަށް ބައްޓަން ކުރުމަށެވެ. އޭރު ޕޯޗުގީޒުންނާ އެކަންޏެވެ. މިއަދު މުޅި ދުނިޔެ އާއެވެ. އެކަހަލަ އެތައް ބޮޑުތަކުރުފާނެއް ބޭނުން ވެއެވެ. އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް، މި ޤައުގެ އިސްމީ ވަޙްދަތާ ޤައުމިއްޔަތާ އެއްބައިވަންތަކަން ތާ އަބަދަށް މިނިވަން ކަމުގާ ލަހައްޓަވާށިއެވެ. -އާމީން-
މުނިއަވަސް ގެ ކިޔުންތެރިންނަށް 77ވަނަ ޤައުމީދުވަހުގެ ތަހްނިޔާ ދަންނަވަމަވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2020ރިޕޯޓްއަޅުގަނޑުމެންގެ ކިބައިން މުޅި ޤައުމު އެދެނީ ގޭގައި މަޑުކޮށްލުމަށް!
- 12 އޭޕްރިލް 2020ރިޕޯޓްމިނިވަންކަމަކީ ކޮބައިތޯއެވެ.
- 22 މާރޗް 2020ރިޕޯޓްވިސްނާލާ! ދިވެއްސަކަށްވީތީ ފަޚުރުވެރިނުވޭތޯ؟
- 21 މާރޗް 2020ރިޕޯޓްކޮރޯނާވައިރަހުން ރައްކާތެރިކަން ލިބުމަށް އެދި ދުޢާކުރަމާތޯއެވެ.