ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ދާދި ފަހުން އިޢުލާންކުރި އޭނާގެ ހުވަފެނީ ޕްރޮޖެކްޓް، “ބައިޖޫ ބަވްރާ”ގެ ލީޑް ރޯލް ރަންވީރު ސިންގއަށް ހުށަހަޅާފައިވާކަމަށް އެންމެފަހުގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ފިލްމު އިޢުލާންކުރުމާއެކު މިފިލްމުން ފެންނާނީ އަޖޭ ދޭވްގަންއާއި ޕްރިޔަންކާ ޗޯޕްރާކަމަށްވެސް އަޑު ފެތުރުނެވެ.

މީގެ ކުރިން ރަންވީރު ސިންގ ވަނީ ސަންޖޭއާއެކު ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ، ބާޖީރާއޯ މަސްތާނީ އަދި ޕަދުމާވަތުގައި މަސައްކަތް ކޮށްފައެވެ. މި ތިން ފިލްމަކީވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތިން ފިލްމެވެ. އެހެންކަމުން މިއީ އަނެއްކާވެސް މި ލިސްޓަށް އިތުރުވާނެ ފިލްމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަ އެޔާއެކު މި ފިލްމުގެ އެހެން ރޯލެއް އަޖޭ ދޭވްގަންއަށް ހުށަހެޅިކަމަށްވެއެވެ. އަދި އަޖޭ ވަނީ އެ ރޯލު ދޫކޮށްލާފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 2021ވަނަ އަހަރުގެ ދިވާލީގައެވެ.

ރަންވީރު ސިންގ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަބީރު ޚާންގެ ކުޅިވަރު ފިލްމު “83” އިން ދީޕިކާ ޕަޑުކޯންއާއެކުގައެވެ. މި ފިލްމަކީ 1983 ވަނަ އަހަރު އިންޑިޔާގެ ޤައުމީ ކްރިކެޓް ޓީމް ވޯލްޑް ކްރިކެޓް ކަޕްގެ ޗެމްޕިއަންކަން ހޯދި ގޮތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 2020 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.