ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމު “ނޮވެމްބަރ“ގެ ޝޫޓިން އޮކްޓޫބަރު 22 ން 25 އަށް ލ. އަތޮޅުގައި ކުރިއަށް ގެންދިޔައީ ވަރަށް ހިތްހަމަޖެހިގެން ޕްލޭނާ އެއްގޮތަށް ކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ. ލ. ފޮނަދޫ، ކައްދޫ އަދި މާންދޫގައި ފިލްމުގެ މަންޒަރުތަކެއް ނެގުމަށްފަހު ފިލްމު ކްރޫ އާއި ތަރިން މާލެ ދިޔައީ މިމަހު 26 ގައެވެ.
ފިލްމު “ނޮވެމްބަރ“ގެ މަންޒަރުތަކުން ލ. އަތޮޅުގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނަގައި ނިންމައިލެވުނީ ވަރަށް ހިތްހަމަޖެހިގެން، ޕްލޭނާ އެއްގޮތަށް ކަމަަށް ޑާކްރެއިންގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) އާއި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ)ގެ އިތުރުން ފިލްމުގެ ކާސްޓުން ވަނީ ބުނެފައެވެ.
ޝޫޓިން ނިންމައިލުމަށްފަހު އެނބުރި މާލެ ދިއުމުގެ ކުރިން ލ. ކައްދޫ އިސްކަންދަރު އެއާބޭސްގައި ތިބެ މުނިއަވަސް އަށް ދިން ޚާއްޞަ އިންޓައިވިއުއެއްގައި ފިލްމު “ނޮވެމްބަރ“ގެ ޑައިރެކްޓަރ އަދި އެއް ކެމެރާމަން ޗިއްޕެ ބުނީ ލ. މާންދޫ ހޮރައިޒަން ފިޝަރީޒް މަސް ފެކްޓަރީގައި ނެގި މަންޒަރުތަކަކީ ފިލްމުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.
“މި ފިލްމުގެ ސްޓޯރީގެ ހަމަ ވަރަށް މުހިންމު ބައެއް މި ދައްކަނީ މި ފެކްޓްރީގެބައި. ދެން އަޅުގަނޑުމެން މިބައި ޝޫޓްކުރަން ވެގެން ހަޤީޤަތުގަ ލާމަށް މި އައީ، ލ. މާންދޫ ހޮރައިޒަން ފިޝަރީޒަށް.” ލ. އަތޮޅުގައި ފިލްމު “ނޮވެމްބަރ“ގެ ކިތައް މަންޒަރު ނެގުމަށްތޯ އައީ ސުވާލުކޮށްލުމުން ޗިއްޕެ ބުންޏެވެ.
“އަޅުގަނޑުމެން މި ފިލްމުގަ ސްކްރިޕްޓް އެބަ ޑިމާންޑްކުރޭ މަސް ފެކްޓްރީއެއް ކަހަލަ ތަނެއް ދައްކަން އިނގޭތޯ.” މާންދޫގައި ޝޫޓްކުރަން ނިންމީ ތުލުސްދޫ މަސްފެކްޓްރީން އެއްބާރުލުމެއް ނުލި ހަދާނެގޮތެއް ނެތިފައި ތިއްބާކަމަށް މޮގާ ބުންޏެވެ. މޮގާ އިތަރަށް ބުނީ މާންދޫގައި ޝޫޓްކުރުމުގެ ފުރުޞަތު ލިބުނީ މާންދޫން އަދުނާނު އެކަން ފަހިކޮށްދެއްވުމުން ކަމަށެވެ.
ލ. މާންދޫން ކަންތައްތައް ހަމަޖައްސަވާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެސިސްޓެންޓް މެނޭޖަރ އިބްރާހިމް ޝަހީމުން ފެށިގެން އެތަނުގެ ހުރިހައި މުއައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔަކަން މޮގާ ފާހަގަކުރިއެވެ.
“ޝަހީމުގެ ފަރާތުންވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު. ދެން މިތަނުން އަޅުގަނޑުމެންގެ ކަންތައްތައް އެރޭންޖްކުރުމަށް ހަވާލުވެ ހުންނެވި އަލީ މުސާ ވެސް ހަމަ އަޅުގަނޑުމެން ގުޅާލީމަ އަޅުގަނޑުމެން އެވަގުތަކު އެ ބޭނުންވާ ކަމެއް އެރޭންޖްކޮށްދީ ހުރިހާ ކަމެއް ކޮށްދެއްވި.” މާންދޫން ލިބުނު އެއްބާރުލުމާމެދު ވަރަށް ހިތްހަމަޖެހިފައި ހުރި މޮގާ ފާހަގަކުރިއެވެ.
“ދެން މި ފުރުޞަތުގަ އަޅުގަނޑު ފާހަގަކޮށްލަން، ހުރިހާ ސްޓާފުންވެސް، އިން ޖެނެރަލް އިނގޭތޯ، ވަރަށް ހިތްހެޔޮ އޯގާތެރިކޮށް އަޅުގަނޑުމެންނަށް ކަމެއް ބޭނުންވޭތޯ ހަމަ އަބަދުވެސް އަހާލައަހާލާ ތިއްބަވަނީ. ދެން އެތާ ތިބި ފެކްޓްރީ ވޯރކާޒްވެސް އަޅުގަނޑުމެންނަށް އެ ދެއްވި ވަގުތުކޮޅަށް ޚާއްޞަ ޝުކުރެއް ދަންނަވާލަން ބޭނުންވޭ.” މާންދޫގެ ހުރިހައި ދޭސީ މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރަމުން މޮގާ ބުންނެވެ.
“މާންދޫގަ ޝޫޓިންއަށް ހަމަ އެކަނި ފެސިލިޓޭޓްކޮށްދިނީކީ ނޫން އިނގޭތޯ. ޝޫޓިންގަ އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި.” މޮގާ ފާހަގަކުރި ގޮތުގައި ޑާކކްރެއިން ޝޫޓިންތަކަށް ދިޔަ ތަންތަނުން ލާމުގައި ކުރި ޝޫޓިން ތަކަކީ އެންމެ ހިތްހަމަޖެހިގެން ކުރި ޝޫޓިންކަމަށް ފާހަގަކުރިއަސް ދޮގަކަށް ނުވާނެ ކަމަށެވެ.
“ދެން އޭގެ އިތުރުން އަޅުގަނޑުމެންގެ ވަރަށް ގާތް އަޚެއް ކަމުގައިވާ އަޙްމަދު ރަޝީދު، އަޅުގަނޑުމެން ލާމުގަ މި ތިބި ދުވަސްކޮޅު ތެރޭގައި އަޅުގަނޑުމެންނަށް ހަމަ އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ އެކަމެއް ހަމަ ވަގުތުން ވަގުތަށް ކޮށްދެއްވާ، މީ އަޅުގަނޑުމެން ލާމުން ގެއެއް ހޯދަން ވެސް ހަމަ ކުއްލިއަކަށް އަހާލީ. އަހާލުމާ އެއްކޮށް އެކަމަށް އަޅުގަނޑުމެންނަށް އެހީތެރިވެދިން. ހަމަ އެއްވެސް ކަހަލަ ގޮތަކަށް ހާހެއްވާކަށް ނުޖެހޭ ހަމަ.” މުނިއަވަސްގެ ފަރާތުން ޑާކްރެއިން ޓީމަށް ލިބުނު އެހީތެރިކަން ފާހަގަކުރަމުން މޮގާ ބުންޏެވެ.
“އަޙްމަދު ރަޝީދު ނެތްނަމަކަ މިހެން މިކަންތައްތައް އެހާ ސުމޫތުކޮށެއް ނުދިޔައީސްކަން މީ އަޅުގަނޑަށް ހީވަނީ އަޙްމަދު ރަޝީދަށް ވެސް އެކަން އެނގިލައްވާނެހެން.” މޮގާ އިތުރަށް ފާހަގަކުރިއެވެ.
ލ. މާންދޫގައި ފިލްމުގެ ލީޑް ކާސްޓް ޖުމައްޔިލް އާއި މަޖޫ ހިމަނައިގެން މުހިންމު މަންޒަރުތަކެއް ނަގާފައިފައިވާއިރު ލ. ކައްދުއާއި ފޮނަދޫގައިވެސް ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވެއެވެ.
ލ. ފޮނަދޫގެ ބައެއް މަގުތަކާއި ގޮނޑުދޮށާއި މޫދުގައިވެސް ބައެއް މަންޒަރުތައް ނެގިއިރު، ހިތްގައިމު ޑްރޯން މަންޒަރެއް ފޮނަދޫ އިރުމަތީ ފަރާތު މޫދުގައި ބޮއްކުރައެއް ބޭނުންކޮށްގެން ނަގާފައިވެއެވެ.
ފިލްމު “ނޮވެމްބަރ“ގައި މަޖޫ ކުޅޭ ރޯލާމެދު މާބޮޑު ތަފްޞީލެއް ދިނުމަށް ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރު ބޭނުމެއް ނުވިއެވެ. އެކަން ބޭނުން ނުވި ސަބަބު، ފިލްމުގެ ޝޫޓިން ތެރޭގައި އުޅެލުމުން އެނގިގެންދިޔައެވެ. މުނިއަވަސް އަށް ވެސް ހާމަކޮށްލެވެން އޮތީ މި ފިލްމުގައި މަޖޫ ކުޅެނީ ވަރަށް ތަފާތު ކެރެކްޓާއެއް ކަމެކެވެ. އެކަމުގެ ތަފާތުކަން އެނގިގެން ދިޔައީ ފިލްމު ކްރޫ އާއި ތަރިންނާއި އަދި ޝޫޓިންގެ ކިތަންމެ ބައިވަރު ފޮޓޯއެއް ނެގިޔަސް، މަޖޫ ނުނެގުމަށް ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރު އަދި ލީޑް އެކްޓަރު ޖުމަލް ވެސް އެދުނު އެދުމުންނެވެ.
ކޮންމެއަކަސް މަރިޔަމް މަޖުދާ (މަޖޫ)ގެ މަންޒަރެއް ދައްކައިލެވޭކަށް ނެތެވެ. އެހެން ނަމަވެސް މާންދޫ ލޭބަރުންގެ ކާގޭގައި ފިލްމުގެ މަންޒަރެއް ނެގުމަށް ހަރަކާތްތެރިވިއިރު މުނިއަވަސް އިން ނަގާފައިވައި ބައެއް ފޮޓޯތައް ހިއްސާކޮށްލާނެމެވެ.
ފިލްމުގެ ޝޫޓިން އާމެދު މަޖޫ ބުނީ މިއީ ހަމަ ވަރަށް މަޖާ ޓްރިޕެއް ކަމަށާއި ވަރަށް އެންޖޯއިކުރި ކަމަށެވެ. “ދެން ޓީމް ވޯކް ވަރަށް ރަނގަޅު. ޝޫޓިން އާ ދޭތެރޭގަވެސް ހަމަ ވަރަށް ހިތްހަމަޖެހޭ.” ފިލްމުގައި ވަރަށް އުނދަގޫ އަދި އެހާމެ ތަފާތު ރޯލެއް ވަރަށް ބުރަ ޝޫޓިންއެއްގައި ލާމުގައި ނަގަންޖެހޭ ބައި ނިންމާލާފައިވާ މަޖޫ ފާހަގަކުރިއެވެ.
ބައިސްކޯފުން ދައްކާ މަގުބޫލު ސިޓްކޮމް “ކަރުހަކުރު”ން ބެލުންތެރިގެ ތަރުހީބު ލިބިފައިވާ ޢާއިޝަތު ޢަލީ (އައިޝާ) ބުނީ ފިލްމެއް ކުޅެން މިގޮތަށް ކުރި ފުރަތަމަ ދަތުރާ އަޅާބަލާ ހުރިހާކަމެއްވެސް ވަރަށް ވަރަށް ރަނގަޅުކަމަށެވެ.
“ބުނެވޭނީ ލާމުގެ ހުރިހާ އެންމެންގެ ފަރާތުންވެސް ވަރަށް ހާއްސަ އެހީތެރިކަމެއް ލިބުނޭ. ވަރަށް ޝުކުރު އަދާކުރަން ބޭނުންވޭ. ވަރަށް ރީތި ތަނެއް، އަބަދުވެސް ޝޫޓިން އަށް ނޫނަސް ކޮންމެވެސް ކަމެއްގަވެސް، ހޮލިޑޭ ހަދާލަންވެސް ވަރަށް އަންނަން ބޭނުންވާ ތަނެކޭ.” ޖުމަލް އަށް ހުރެވުނީ ލާމަށް ދެވަނަ ފަހަރު ފިލްމު ޝޫޓިން އަކަށް އާދޭވުނަސް ލާމުގެ ހިތްގައިމުކަމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޖުމަލްވެސް ޝޫޓިންގައި އެހީތެރިކަން ލިބުނު ޢަލީ މުސާ އާއި އަހްމަދު ރަޝީދުގެ ނަން ވަކިން ޚާއްޞަކޮށް ފާހަގަކޮށްލިއެވެ.
ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ޢާއިޝަތު ޔާދާ ފިލްމު ކްރޫ އާ ގުޅުނީ އޮކްޓޫބަރު 24ގައެވެ. ޔާދާ ލާމަށް ދިޔައީ ވިއްސާރަ ހިފައިގެންނޭ ބުނާހާވަރަށް އެދުވަސް ވެގެންދިޔައީ ވިއްސާރަ ދުވަހަކަށެވެ.
“އަޅުގަނޑު ލާމަށް މިއައީ ފުރަތަމަ ފަހަރު. ދެން މި އަތޮޅުގެ ރަށްރަށް ވަރަށް ރީތި. ދެން ވަރަށް އެއްބާރުލުން ލިބޭ. ޚާއްޞަކޮށް އަޙްމަދު ރަޝީދު އެންޑް އަލީ މޫސާގެ ފަރާތުން. ދެން ވަރަށް މަޖާ މި ދަތުރު. ދެން “ނޮވެމްބަރ“ގެ ޝޫޓިން ހުރިހައިކަމެއްވެސް ވަރަށް ރަނގަޅަށް މި ދިޔައީ. ދެން މޮގާގެ ފަރާތުންވެސް ވަރަށް އެއްބާރުލުން ލިބުނު. ދެން ވަރަށް ރީތި ފޮޓޯ ތަކެއްވެސް ނެގުނު ލާމުގެ އެކި ރަށްތަކުގަ. ދެން ވަރަށް އާދަޔާޚިލާފް ވަރަށް ހަނދާން ހުންނާނެ މި ދަތުރުމަތިން.” ޔާދާވެސް ހުރީ ލާމަށް ގޮސް ލާމުގެ ހިތްގައިމު މަނޒްރުތައް ފެނުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައއިކަން އެނގުނެވެ.
ފިލްމު “ނޮވެމްބަރ“ގެ މޭކަޕް އަދި ކޮސްޓިއުމް ހެދީ ސޭންޑީއެވެ. ސޭންޑީވެސް ހުރީ ލާމަށް ދެވުމުން ނިކަން އުފަލުންކަން އެނގުނީ ފުރަން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ދިން ކުރުކުރު އިންޓަވިއުއިންނެވެ.
“ލާމުގެ މި ޝޫޓިން މީ ފުރަތަމަ ފަހަރަށް އަލަށް ލާމަށް ޝޫޓިން އަކަށް މިއައީ. އަސްލު މިހާރު ޝެޑިއުލްކުރި ޑޭޓްސްއަށްވުރެން ގިނަ ޑޭޓްސް ލިބިގެން މިކޮޅަށް އާދެވުނު ނަމައޭ ހިތަށް އެރި މިކޮޅަށް އައީމަ. އެއީ މިކޮޅުގަ އަސްލު ލޮކޭޝަންތަކާއެއްޗެހި ވަރަށް ރީތި. ވަރަށް ބައިވަރު ތަންތަން ފެނުނު. ޝެޑިއުލް މިއަށްވުރެ ގިނަކޮށް މިއަވަށްވުރެ ގިނަ ޑޭސް ލިބުނުނަމަ ވީ ވުޑް ހޭވް ޑަންކަން ނޭނގޭ އިތުރު ޝޮޓްތަކާއެއްޗެހި. ދެން ބޭސިކަލީ ބުނަންޏާ ދިޒް އިޒް ދަ ބެސްޓް ޕްލޭސް ޓު ކަމް ހަމަ. އަދި އިތުރު ޕްރޮޖެކްޓެއްގަ އަންނާނަން ހަމަގައިމުވެސް މިކޮޅަށް.” ސޭންޑީގެ ވާހަކަތަކުން އެނގުނީ ސޭންޑީ ލާމުން ދާން ބޭނުންނުވާކަމާއި އަލުން ލާމަށް ދާން ތައްޔާރަށް ހުރިކަމެކެވެ.
ލ. އަތޮޅަށް “ނޮވެމްބަރ“ގެ ޝޫޓިން އަށް ކުރި ދަތުރު ނިންމައިލުމުގެ ކުރިން މުނިއަވަސް އަށް މި ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ހަވާލުކުރުމަށް ލިޔެކިޔުން ބަދުކުރުން ކުރިއަށްދިޔަކަން ފާހަގަކޮށްލެވެއެވެ.
”މީގެ ކުރިންވެސް އަޅުގަނޑުމެން ވަރަށް އިންޓަރެސްޓެއް ނެގިން މުނިއަވަސް އާއެކު މަސައްކަތްކުރަން. އެކަމަކު ތަންކޮޅެއް ކުރިން ވެވިފަހުރި ކޮމިޓްމެންޓަކަކާހެދި އެހެން ބޭފުޅުންނާއެކު އަޅުގަނޑުމެން ކުރިއަށް ދިޔައީ. ދެން އެ ކޮމިޓްމެންޓުން ފްރީވީމަ ހަމަ ފުރަތަމައިނުންވެސް އަޅުގަނޑުމެންގެ ޗޮއިސްއަކަށް އިނީ ހަމަ މުނިއަވަސް އިނގޭތޯ!“ މުނިއަވަސް އަށް މިފަދަ އަގުހުރި ފުރުޞަތެއް ދިނުމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ނިންމެވީ ކީއްވެގެންތޯ ސުވާލުކޮށްލުމުން މޮގާ ވިދާޅުވިއެވެ.
ފިލްމު “ނޮވެމްބަރ“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.