އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަދި ޖެނޯއާ ބައްދަލުކުރި މެޗުން ހަނި ގޮތަކަށް މޮޅުވެ ޔުވެންޓަސް ތާވަލުގެ 1 ވަނަ އަށް ޖެހިލައިފިއެވެ. 

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ގޯލް ލިބުނު ކޯނަރަކުން 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ ކެޕްޓަން އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. ނަމަވެސް ބޮނޫޗީ މި ގޯލް ޖެހިތާ މާގިނަ އިރުތަކެއް ނުވެ ޖެނޯއާގެ ކުއާމޭވޭ ވަނީ 40 ވަނަ މިނެޓުގައި ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. 

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ޖެނޯއާގެ ކަސާޓާ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. ޔުވެންޓަސް އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވެ އުޅެނިކޮށް 87 ވަނަ މިނެޓުގައި އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު އެޑްރިއަން ރަބިއޮޓް އަށް ވަނީ 2 ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ޔުވެންޓަސް ސަލާމަތް ކޮށްދިން ގޯލް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން 90 ވަނަ މިނެޓުގައި ރޮނާލްޑޯ އެވެ. މި ޕެނެލްޓީ އަކީ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯ ޖެނޯއާގެ ކުޅުންތެރިއެއް ކައިރިން ނައްޓާލަން އުޅުމުގެތެރޭގައި އެކުޅުންތެރިޔާ ކުރި ފައުލަކުން ލިބުނު ޕެނެލްޓީ އެކެވެ. 

10 މެޗުން ލިބުނު 26 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އޮތްއިރު، 1 ޕޮއިންޓުގެ ފަރަގަކާ އެކު ތާވަލުގެ ދެވަނައިގައި އޮތީ އިންޓަމިލާން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.