އާކުއްޖެކޭ ދަސްވީފަހުން: 01 – މަލީޝާ

ހުޅުމާލޭގައި މީހުން ވަޒަންވެރިވެ އުޅެންފެށިތާ މިހާާރު 40 އަހަރު ވެއްޖެއެވެ. މިހާރު ހުޅުމާލެއަކީވެސް ފުރި ތޮއްޖެހިފައިވާ ތަނެކެވެ. ދެވަނަ ފިޔަވަހީގައި ހިއްކި ސަރަޙައްދު ނުވަތަ އައު ހުޅުމާލެވެސް ފުރޭކަށް މާގިނަ ދުވަހެއް ނެތެވެ. ހުޅުމާލެ ކިތައްމެ ތޮއްޖެހިފައި އޮތަސް، ބިޔަ ޖަންގަލި ހިމެނޭ ސަރަޙައްދެއް އެރަށުގައި ބާއްވާފައި އޮތްކަމުން ރަށުގައި ފެހިކަންގަދަ ސަރަޙައްދެއް އޮތުމުގެ ހިތްހަމަޖެހުން އެރަށުގެ ރައްޔިތުންނަށް ލިބެމުންދެއެވެ. ނަމަވެސް އެ ބިޔަ ޖަންގަލި ސަރަޙައްދުގައި ގޮތްނޭނގޭ ކަންތައްތަކެއް ހިނގަމުން އަންނަކަމީ މިފަދަ ޒަމާނެއްގައިވެސް ޤަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެކެވެ.

**************

އައިޝާގެ ފޯނު އޮންކޮށްލި އެވެ. އެނދުގެ އަނެއްފަރާތަށް އެނބުރުނެވެ. ފޯނުގެ ލޮކް ހުޅުވުމަށްފަހު ދެފަހަރަކަށް ގަޑި ބަލައިލި އެވެ. އޭނާ ސްކޫލަށްދާން ތައްޔާރުވާ ގަޑި ޖެހިއްޖެކަން އެނގުނަސް ކަންނެތްވެފައި މިއަދުވެސް އޮވެވުނީ އެވެ.

“އަނެއްކާ މިއަދުވެސް ގަޑިޖެހޭނެކަން ޔަޤީން.” މަޑުމަޑުން އައިޝާ އަށް ބުނެލެވުނެވެ. އެނދުން ތެދުވެ، އިސްތިރިކުރާ މޭޒުމަތީގައި އޮތް އޭނާގެ ހެދުން ނެގިއެވެ. ރޭގައި އޭނާ އިސްތިރިކޮށްފައި ބާއްވާފައި އޮތް ހެދުން ނަގަމުން ފާޚާނާ އާއި ދިމާއަށް ދުއްވައިގަތެވެ.

“މައި ޑިއަރ ސިސް، އަނެއްކާ މިއަދުވެސް ސިސް ނިމެންދެން އަހަންނަކަށް މަޑެއް ނުކުރެވޭނެ އިނގޭ!” ފާޚާނައިގެ ދޮރުގައި ޓަކިޖަހާލަމުން އަދުހަމް ޝަކުވާކުރިއެވެ.

“އެއްމެ 5 މިނެޓޭވާނީ!!”

“އޯކޭ، ޔޯރ ޓައިމް ސްޓާރޓްސް ނައު އިނގޭ، ޓިކް ޓޮކް، ޓިކް ޓޮކް.” މިހެން ކިޔަމުން އަދުހަމް ދުރަށް ދިޔައެވެ.

ލޯގަނޑު ކުރިމަތީގައި ހުރެގެން އަރިއަރިއަށް ގުދުވަމުން، އައިޝާ ހެދުން ރީތިކުރަމުން ދިޔައެވެ. އައިޝާގެ ދަބަހާއި ބޫޓް ނެގުމާއިއެކު އަވަސްވެގަތީ ތިރިއަށް ފޭބުމަށެވެ. އެ ދެބެންގެ ކޮޓަރި ހުންނަނީ ފުރަތަމަ ފްލޯގައެވެ. ގްރައުންޑް ފްލޯގައި ހުންނަނީ ސިޓިން ރޫމާއި ބަދިގެ އަދި ކާގެއެވެ. އައިޝާ ގޮސް މަޑުކޮށްލީ ކާމޭޒު ކައިރީގައެވެ. “ކޮބާ މަ ބުނީމެއްނު ރެޑީވާނަމޭ އޮން ޓައިމް އަށް.”

އަދުހަމް ކަމުން ގެންދިޔަ ޕާންފޮތި ތަށީގައި ބޭއްވިއެވެ. “އަސްލުވެސް ތިބުނީ ތެދެއް، އެކަމަކު އެއީ ފައިވް މިނިޓްސް އިޒް އީކުއަލް ޓޫ-” އަތުގައި އޮތް ގަޑިއަށް އަދުހަމް ބަލައިލަމުން ބުނަންފެށި ޖުމްލަ ފުރިހަމަ ކުރިއެވެ. “އިފް ފައިވް މިނިޓްސް އިޒް އީކުއަލް ޓު ޕްރިސައިސްލީ ޓްވެންޓީ ސެވެން މިނިޓްސް ދޯ!!”

“ވަޓް!!!؟ ކީއްވެ ކުރިން މަށަށް ނުގޮވީ؟”

“އޯހް އައި އޭމް ސޯ ސޮރީ ޑިއަރ ސިސް. އަހަންނަކަށް ނޭނގޭ ކަރުއޮތް މިނަށް ‘ފެލުން’ އެއީ ގޮވުން ނޫންކަމެއް.” ދިމާކޮށްލަމުން އަދުހަމް ޖަވާބު ދިނެވެ.

އައިޝާ ލޯ އަޅައިލިއެވެ. “ކޭންވީ ގޯ ނައު ޑިއަރ ބްރޯ؟” މޭޒުމަތިން އާފަލެއްނަގައި ދަތް އަޅަމުން އައިޝާ ހިނގައިގަތެވެ.

އަދުހަމް އާއި އޭނާގެ ދައްތަ އައިޝާއަށް ސްކޫލާއި ހަމައަށް ދެވުނީ ފުރަތަމަ ޕީރިއަޑް ފެށުމަށް ޖަހާ ރަނގަބީލު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަދުހަމް ދިޔައީ އިމާރާތުގެ އަނެއް ވިންގާއި ދިމާއަށެވެ. އައިޝާ ދިޔައީ ލޮކަރ ރޫމަށެވެ. “މިއަދުވެސް އަނެއްކާ ޑިޓެންޝަނަކަށް ކަން ނޭނގެ ދާާނީ. މިސް ރުބީނާ ހުންނާާނީ މަ ކާލާވަރަށް ރުޅިގަދަވެފަ މިހާރު.”

ލޮކަރު ތެރެއަށް ދަބަސް އެއްލުމަށްފަހު އައިޝާ އަވަސްވެގަތީ ހިސްޓްރީ ފޮތް ހޯދުމަށެވެ. އޭނާގެ ލޮކަރު ތެރެއެކޭ ކުނިގޮނޑެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އެއްޗެހިތައް ހުރީ އެއްވެސް ތަރުތީބެއް ނެތި އެގޮތް މިގޮތަށެވެ. ފޮތްތައް ހާާވަނިކޮށް ވަޅޯވެ ހަލާކުވެފައިވާާ އާފަލެއް ފެނުނެވެ. “އަހަރެން ހިތަށްވެސް އެރިއޭ ކޮންމެވެސް ތަނަކަށް ތި އާފަލުގަނޑު ލެވުނޭ.” އައިޝާ ސޭކެއް ފަދައިން ވާހަކަދެއްކީ އާފަލާއެވެ.

“ތީނަ ތި އާފަލު ކާންތަަ ތިއުޅެނީ؟” އައިޝާގެ ފުރަގަހުން އިވުނީ މަޑުމޮޅި އަޑެކެވެ.

ސިއްސައިގެން ގޮސް ފަސް އެނބުރި ބަލައިލަމުން ލޮކަރު ލެއްޕި އެވެ. ދިގު، ދޮން އަންހެންކުއްޖެއް ހުރީ އޭނާއާއި ނުހަނު ގާތުގައެވެ. އެކުއްޖާ ލައިގެން ހުރީ ކުރުކުރު ޓޮޕްކޮޅަކާއި ނޫކުލައިގެ ޖީންސެކެވެ.

“ސޮރީ، ތީނަ ބިރުގަންނަވާާލާކަށް ނޫން އަހަރެން ބޭނުންވީކީ.” ހިނިތުންވަމުން އަންހެންކުއްޖާ ވާާހަކަދައްކަން ފެށިއެވެ.

އައިޝާ ބުމަ އަރުވާލިި އެވެ. “ތީ މި ސްކޫލަށް އާ ކުއްޖެއްތަ؟”

“ޔަޕް.” އަންހެންކުއްޖާ ޖަވާބުދިނެވެ.

“އެވެސް އިން ދަ މިޑްލް އޮފް ދަ ސެމެސްޓަރ. އިސްޓަރެސްޓިންގ.”

“ޔަަޕް. އެކަމަކު އެއީ ވަރަށް ދިގު ވާހަކައެއް.” ދުރަށް ބަލައިލަމުން އަންހެންކުއްޖާ ބުންޏެވެ.

“އައި ލަވް ސްޓޯރީސް. އެކަމަކު ކިޔާކަށް ނޫން. ޖަސްޓް ޓު ލިސެން އިނގޭ.” އައިޝާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “ތިއެއް ނޫނޭ. މިހާރު މާ ލަސްވަނީ. ރުބީނާ މިސް ހުންނާނީ މިހާރު ވަރަށް ނައްޓާފަ.”

މަގުދައްކަމުން ގޮސް އައިޝާ ވަނީ އައިޝާގެ ކުލާާހަށެވެ. އެކުއްޖާގެވެސް އައިޝާގެ ފަހަތުން ގޮސްވަނީ ހަމަ އެ ކުލާހަށެވެ. ގްރޭޑް 11 –ސީ އަށެވެ.

“އެއް ސްކޫލެއްގެ، އެއް ކްލާހެއްގަ އެކަމަކު ތީނާގެ ނަމެއް އަދިވެސް ނޭނގޭ.” ނުސީދާކޮށް އައިޝާ އެކުއްޖާގެ ނަމަކީ ކޮބައިތޯ ސުވާލުކުރި އެވެ.”ބައިދަ ވޭސް، މަށަކީ އައިޝާ، ތީނައަށް ކިޔަނީ ކޮންނަމެއްތަ؟”

އަންހެން ކުއްޖާ އައިޝާ އާއި ހަތަރުކަޅި ހަމަަކޮށްލިއެވެ. “މަށަކީ މަލީޝާ.”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 02 – މިތުރުން

ހުޅުމާލޭގައި ހުންނަ ‘އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް ސްކޫލް’ (އައި.އެން.އައި.އެސް) އަކީ ޒަމާނީ ތަޢުލީމު ދެމުން އަންނަ ހައި-ސްކޫލެކެވެ. ކޮންމެ ކުލާސް ރޫމެއް ތައްޔާރުކޮށްފައިވަނީ ޚާއްޞަ މާއްދާއެއް ކިޔަވައިދިނުމަށް އެއްމެ އެކަށީގެންވާ ގޮތަށެވެ. ކޮންމެ މާއްދާއަކަށް ވަކި ކުލާސް ރޫމެކެވެ. އެ މާއްދާާއެއް އޮންނަ ގަޑިއަކަށް، އެ މާއްދާއެއް އޮންނަ ކުލާހަކަށް ދަރިވަރުން ހާޒިރުވާންޖެހޭ ގޮތަށެވެ.

އައިޝާ އާާއި މަލީޝާ، އެކުގައި ތިން ކުލާާހެއް ނަގަން ޖެހެއެވެ. ކޮންމެ ކުލާހަކަށް ގޮސްފައި ހުރިހައި ދަރިވަރުންނަށް މަލީޝާ ތަޢާރަފްކޮށްދެމުން އައިޝާ ގެންދިޔައެވެ. ސްކޫލްގެ ހުރިހައި ތަނަކަށް މަލީޝާ ގޮވައިގެން ދިޔައެވެ. އައިޝާގެ ނޯޓްސްތައް މަލީޝާއާާއި ހިއްސާާ ކުރިއެވެ. ބްރޭކް ގަޑީގައި އައިޝާގެ ރައްޓެހިންނާާއިއެކު އެއް މޭޒުދޮށުގައި ތިބެ ކެއުމުގެ ފުރުޞަތުވެސް މަލީޝާއަށް ދިނެވެ. މިއީ އައިޝާ މާގިނައިން ކޮށްއުޅޭކަމެއް ނޫނެވެ. މިއަދުވެސް މެންދުރުގެ ބްރޭކަށް އެމީހުން ސްކޫލް ކެފޭއަށް ދިޔައީ އެކީގައެވެ. ލަންޗް ޓްރޭތައް ހިފައިގެން އެމީހުން އިށީންނުމަށް މިސްރާބުޖެހީ ކެފޭގެ އެއް ކަނެއްގައި ހުރި މޭޒަކާއި ދިމާާއަށެވެ.

“ތަންކޮޅެއް ބާރަށް ގޮސްގެން ޓޭބަލްއެއް ލިބޭނީ.” މަލީޝާ ބުންޏެވެ.

“އާނ، އެހެން ބައެއް އެބައުޅޭވިއްޔާ ޑަސްބިން ކައިރިން މޭޒެއް ނުލިބިގެން.” ދިމާކުރާ ރާގަކަށް އައިޝާ ބުންޏެވެ.

ގޮނޑިތައް ދަމާލަމުން އެމީހުންގެ ޓްރޭޭތައް މޭޒުމަތީގައި ބެހެއްޓިއެވެ. އިށީންދެ ހަމަޖެހިލަމުން އައިޝާގެ ފޯނު ޖީންސްގެ ޖީބަށް ލިއެވެ. އެވަގުތު ފުރަގަހުން ދެ އަތެއް އައިސް އޭނާގެ މޫނުމަތީގައި އެޅިއެވެ.

“ތިދެން ކިހާ ބޮޑުކަމެއް އަދްހަމް.” އައިޝާ ހަޅޭއްލަވައިގަތެވެ.

“އާއިތް ބޮޅެއް. ދިމައެއް ނުވިއެއްނު!” ދަންނަ އަޑަކުން ޖަވާބު ދިނެވެ.

“މި ޝިފާ ގަނޑު ދޯ.” އައިޝާއަށް ހަމަޖެހުމެއް ލިބުނެވެ.

“މަލީޝާ، މިއީ މަގޭ ފްރެންޑް ޝިފާާ. ޝިފާ މިއީ މަގޭ ނިއު ފްރެންޑް މަލީޝާ. މިއަދު މިއީ މަލީޝާ މި ސްކޫލަށް އައި ފުރަތަމަ ދުވަސް.”

ޝިފާ ކުރިއަށް ޖެހިލިއެވެ. މަލީޝާއާއި ކައިރިއަށް ޖެހިލަމުން ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ. “ހައި، ހައި. ސަޅި ޓޮޕެއް. ތީ މަލީޝާ މާމަގެ ޓޮޕެއްތަ؟” ލާނެތް ހިނިގަނޑަކާާއެކު ޝިފާ އެހިއެވެ.

“ޝަޓް އަޕް ޝިފާ!” އައިޝާ ދަތްކުނޑި ވިކާލަމުން ބުންޏެވެ.

“އައްދޭ، އައިމް ޖަސްޓް ކިޑިންގ އޭ. އަސްލުވެސް ސަޅިއޭ ތި ޓޮޕް. ކޮންމެވެސް ދުވަހަކުން އަހަރެން ލާާން ދޭންވާނެ އިނގޭ ތީތި؟” ހެވިފައި ހުރެ ޝިފާާ ބުންޏެވެ.

“މައްސަލައެއް ނޯންނާާނެ!” މަލީޝާވެސް މަޖާާވެލަމުން ޖަވާާބުދިނެވެ.

“އޭތް ކޮބާތަ އަދްހަމް؟ މިއަދު އަދި ނުވެސް ފެނޭ.” މަލީޝާއަށް ބަލަމުން ޝިފާ ސުވާާލުކުރީ އައިޝާ އާއެވެ.

“މިހިރަ އަންނަނީނު.” އާފުރެމުން އައިޝާ ބުންޏެވެ.

ތިންމީހުން އެއްފަހަރާ އަދްހަމް އާއި ދިމާއަށް ބަލަންފެށިއެވެ. ސްމާޓް ހިނގުމެއްގައި އަދްހަމް އެމީހުންނާއި ދިމާއަށް ހުރެ އާދެއެވެ. އޭނާ ލައިގެންހުރީ ވެސްޓެކެވެ. އަތުގައި ބާސްކެޓް ބޯޅައެއްވެސް އޮތެވެ.

“ޗީޑި. ނިކަން ފެންވަރައިގެން އަންނަން ދޭބަލަ. ދުވާ ނުބައިވަހުން މިތާ ކައިރީ ގަސްތައްވެސް މިހާރު ހުންނާނީ މިލާ މޯޅިވެފަަކަން ޔަޤީން.” އައިޝާގެ އަނގައިގައި ހުރި ޖޫސްބޯ ހޮޅި ތަށްޓަށް ދޫކޮށްލަމުން ބުންޏެވެ.

“ދެން އޭނައާ ތިވަރަށް ދިމާ ނުކޮށްބަލަ. އޭނާާ އެހެރީ ވަރަށް ވަރުބަލިވެސް ވެފަ.” ޝިފާ ހިނިތުންވަމުން ބުންޏެވެ.

ކައިރީގައި ހުރި އެހެން މޭޒަކުން ގޮނޑިއެއް ދަމާލަމުން އަދުހަމް އިށީންނީ އައިޝާއާއި ޖެހިގެންނެވެ. އައިޝާގެ ޓްރޭ އިން ކަޕް ކޭކެއް ނަގަން އަދްހަމް އަތް ދިއްކޮށްލި އެވެ.

“ކިހާބޮޑުކަމެއް. އަމިއްލައަށް ކާއެއްޗެހި ގެނެސްގެން ކައިބަލަ!” އަދްހަމްގެ އަތުގައި ހިފަހައްޓަމުން އައިޝާ ބުންޏެވެ.

“ދޫކުރޭ، މަގޭ އަތުން ހަމަ މިހާރު ދޫކުރޭ. މިއީ ދެން އެހާާވަރު ކަމެއްތަ. މިއީ ކުޑަކުޑަ ކަޕްކޭކެއްނު. ކަމޯން ސިސް.” އަދްހަމް ހާސަރުތައް ދަމަން ފެށިއެވެ.

“މަވެސް ނުބުނަމެއްނު މިއީ މާބޮޑު ކޭކެކޭ.” ފޫހި ގޮތަކަށް އައިޝާ ބުންޏެވެ.

“އަން. މިއޮތީ މަގޭ ކޭކް އައިޝާއަށް.” ދޭތެރެއެއް ހާވާލަމުން މަލީޝާ ބުންްޏެވެ.

ކުރިން ނުދެކޭ ކުއްޖެއްކަމުން މަލީޝާ އާއި ދިމާއަށް އަދްހަމް އެނބުރުނެވެ. “ތީ ކޮންކުއްޖެކޯ؟”

“އަމްމް…” މަލީޝާ އަށް އެއްޗެއް ނުބުނެވުނެވެ.

އައިޝާ ވާހަކަދައްކަން ފެށިއެވެ. ‘މިއީ މަލީޝާ. މިތަނަށް މުޅިން އާކުއްޖެއް މީ. މީ އަދި މިހާާރު މަގޭ ފްރެންޑެއް.”

އަދްހަމް އޭނާގެ އަތް ދިއްކޮށްލިއެވެ. މަލީޝާ އަދްހަމްގެ އަތުގައި ހިފިއެވެ.

“ހައި. މަށަކީ އަދްހަމް. ޔޫ ކޭން ކޯލް މީ ‘އަދޫ'”

އައިޝާ ކޮޅަށްތެދުވިއެވެ. އަދްހަމްގެ އަތުގައި ހިފައި ދަމައިގަތެވެ. “ސްޓޭ އަވޭ ފްރޮމް ހާރ އޯކޭ. ހިނގާ ދާން މަލީޝާ.”

އައިޝާ އާއި މަލީޝާ ކެފޭއިން ނިކުމެގެން ދިޔަތަން ބަލަން އަދުހަމް އިނެވެ.

“މަށަށްވެސް އެޓްލީސްޓް ހެެލޯ އޭ ބުންޏަސް އަދްހަމް އަނގައިގެ ބަހެއް ހުހެއް ނުވާނެ.” އަދްހަމްގެ ފުރަގަހުން އިވުނީ ޝިފާގެ އަޑެވެ.

“މަ އެބައުޅެން ދޯ ހޭބަލިވެގެން!” އަދްހަމް މިހެން ބުނަމުން އެތަނުން ހިނގައްޖެއެވެ.

އަދްހަމް އެތަނުން ދާތަން ބަލަން ޝިފާ އިނީ ދެރަވެފައެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ދާ ހިސާބަށް މިހާރު ކަންތައް ގޮސްފިއެވެ. އަދްހަމް ތުވިކަން އެދައްކަނީ މާބޮޑަށެވެ.

“ތިހެން ކިތަންމެ ވަރަކަށް އުޅުނަސް، ތީ މަގޭ މީހަކަށް ހަދާފަ ހުއްޓާލާނީ.”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 03 – ގެއްލިގެން

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އައިޝާ އާއި ޝިފާ ހިނގަމުން ދިޔައީ ނުވެސް ދަންނަ ހިސާބަކުންނެވެ. އެމީހުން ކުރިއަށް ހިނގަމުން ދިޔަވަރަކަށް، ކޮންމެވެސް އެއްޗެއް ނުވަތަ ކޮންމެވެސް މީހަކު އެމީހުންގެ ފަހަތުން އަންނަ އަޑު އިވެމުން ދެއެވެ.

އައިޝާ ހުއްޓުނެވެ. ލޮލުގެ ހިމަކޮޅުން އޭނާގެ ފަހަތަށް ބަލައިލިއެވެ. އެއްވެސް އެއްޗެއް ނުފެނެއެވެ. ކަޅު އަނދިރިކަމުގެ ތެރެއިން ފެންނަނީ ގަސްތަކުގެ ތެރޭގައިވާ ދުންފިންޏެވެ. އަނެއްކާވެސް އައިޝާ ހިނގައިގަތެވެ. ކައިރީގައި ހުރި ބެންޗެއް މަތީގައި ފިޔާތޮށިކުލައިގެ މަލެއްގެ ފިޔަތަކެއް ހުރިތަން ޝިފާއަށް ފެނުނެވެ.

‘ބަލާލަބަލަ އައިޝް.” ޝިފާ މިހެން ބުނަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ބެންޗު ކައިރީގައި ކަކޫ މައްޗަށް އިށީންނުމާއި އެކު މަލުގެ ފިޔަތައް ނަގަން ފެށިއެވެ. ފަހަރު ފިޔައެކެވެ.

“އޭތް ޝިފާ، ތީގަ އަތްނުލާތި!، އާދޭ މިކޮޅަށް!” އައިޝާ ގޮވަންފެށި އެވެ.

“އައިޝް، މީ ދެން ބިރުގަންނަވަރު ކަމެއްތަ؟ ހާސްކަނޑާލަބަލަ!” އައިޝާއަށް ބަލައިލަމުން ޝިފާ ބުންޏެވެ.

އައިޝާ ހަޅޭއްލަވައިގަންނަން އަނގަ ހުޅުވައިލި ވަގުތު ޝިފާގެ ފުރަގަހުން އެއްޗެއް ހަރަކާތްކުރާތަން ފެނިއްޖެ އެވެ. ހިކިފަތްތައް މުގުރެމުންދާ އަޑު އިވެމުންދިޔަ އެވެ.

“ޝިފް.” ޝިފާ އަށް ގޮވުމަށް އައިޝާ މަސައްކަތް ކުރި އެވެ. ނަމަވެސް ގޮވޭގޮތެއް ނުވިއެވެ. އޭނާގެ ތަލި އެއްކޮށް ހިކުނެވެ. އަރު ތެރެ ބެދިއްޖެއެވެ. މުޅި ހަށިގަނޑު އެއްކޮށް ގަނޑުވެއްޖެ އެވެ.

“ޝިފާ، ބަލާބަލަ ތީނަގެ ފުރަގަހުން…” ވަރަށް އުނދަގުލުން އައިޝާއަށް ބުނެވުނީ މިހިސާބަށެވެ.

ކިސަޑު ހޭކިފައިވާ ދެ އަތެއް ބިމުން މައްޗަށް އެރިއެވެ. ޝިފާގެ ފަޔާއި ނުހަނު ކައިރިންނެވެ. އެ ދެއަތުން ހިފީ ޝިފާގެ ފައިގައެވެ. ކުއްލި ލަތްކެއް ޖެހުމާއިއެކު ބިންގަނޑު ތެރެއަށް ޝިފާ ދަމައިގަތެވެ.

“ޝިފާާ!!!” އަޑަށް ލެވުނުހައި ބާރެއް ލާފައި އައިޝާ ހަޅޭއްލަވައިގަތެވެ. ހަމަ އެއާއެކު އޭނާއަށް ނިދިން ހޭލެވިއްޖެ އެވެ.

އައިޝާ އަށް އޮވެވުނީ މާނޭޭވާ ލެވިލެވި އެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. ކައިރީގައި އޮތް ބާލީހުގައި ބާރަށް ބައްދައިގަތެވެ. ގައިމަތީގައި އޮތް ބެޑްޝީޓް ނަގައި ހޫރާލިއެވެ. އޭރު ބެޑްޝީޓްވެސް އޮތީ ދަލުން ތެމި ފޯވެފައެވެ.

‘އެއީ ހުވަފެނެއް. ހުވަފެނެއް.’ އަމިއްލަ ނަފުސަށް އައިޝާ ބުނެދޭން ފެށިއެވެ.

‘އައިޝް، އަދިވެސް ތައްޔާރުވާކަށް ނޫޅެންތަ؟” ގްރައުންޑް ފްލޯއިން އަދުހަމްގެ އަޑު އިވުނެވެ.

އައިޝާ އެނދުން ތެދުވިއެވެ. އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ. މޫނަށް ފެންފޮދެއް ޖަހައި ދޮވެލަމުން ފުން ނޭވާއެއް ލިއެވެ. ‘އެއީ އެހާވަރު ކަމެއްނޫން. އެއީ ހަމަ އާދައިގެ ހުވަފެނެއް.’ އައިޝާ އަދިވެސް މަސައްކަތްކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދެވޭތޯ އެވެ.

ޝަވަރު ދަށުގައި ހުއްޓިފައި ގަޔަށް ފެންއަޅަން ފެށިއެވެ. އެވަގުތު އައިޝާއަށް ނޭނގުނަސް އޭނާގެ ކަނާާތު ފައިގެ ތަނބިކަށީގައި ކިލައިން ކުރެހިފައިހުރި އަތްތިލައިގެ ނިޝާން ދޮވެވިގެން ދިޔައެވެ.

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް ސްކޫލް

މަލީޝާ ސްކޫލަށް ދާން ނިންމީ ފައިމަގުގައެވެ. އޭނާ ގެއިން ނިކުތީ ތަންކޮޅެއް ކުރިންނެވެ. މަލީޝާ ހާޒިރުވާން ޖެހޭ ފުރަތަމަ ކުލާސް ފެށުމުގެ ވިއްސަކަށް މިނެޓް ހުއްޓާ ސްކޫލާއި ހަމައަށް ދެވިއްޖެ އެވެ.

މަލީޝާގެ ލޮކަރު ހުޅުވައިލި އެވެ. ކިޔެވުމަށް ބޭނުންވާ ފޮތާއި ގަލަން ނެގިއެވެ. ލޮކަރުގެ ދޮރު ލައްޕައިލަމުން ލޮކަރ ރޫމަށް ވަންނަ ދޮރާއި ދިމާއަށް ބަލައިލިއެވެ. އޭރު ސްކޫލްގެ ޕްރިންސިޕަލާއި އެކު ދެ ޕޮލިސް އޮފިސަރުން ކޮންމެވެސް ވާހަކައެއް ދައްކަމުން އާދެއެވެ. ޕްރިންސިޕަލްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

“ޕްރިންސިޕަލް އަށް ކިހިނެތްވީތަ؟” މަލީޝާގެ ލޮކަރު ކައިރީގައި ހުރި ފިރިހެން ކުއްޖެއްކުރެން ސުވާލުކުރި އެވެ.

“ތީނައަކަށް ނޭނގޭތަ؟ އޮންލައިންވެސް ނުވަންދޯ؟ ނޫނީ ނޫހެއްވެސް ބަލައިނުލަންތަ؟” އެ ކުއްޖާ ފުލުފުލުގައި ތިން ސުވާލު ކޮށްލިއެވެ. ޖަވާބުގައި މަލީޝާ ބޯ ހޫރާލިއެވެ.

“އެއީ އުޅެއެއްނު އިސްތަށިގަނޑު މެރޫން ޑައި ކޮށްގެން އުޅޭ ކުރުކުރު އަންހެން ކުއްޖެއް؟ އޭނާ ގެއްލިގެންނޯ އެ އުޅެނީ. ރޭގަ އޭނަ ގެއަަށްވެސް ނުދެޔޯ!” ފިރިހެން ކުއްޖާ ކިޔައިދިނެވެ.

“ތިބުނީ ޝިފާ ގެ ވާހަކަ ދޯ!؟” ފުން ނޭޭވައެއް ބޭރުކޮށްލަމުން މަލީޝާއަށް އަހައިލެވުނެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 04 – ފަޅައިގެން ދިއުން

ޝިފާއަށް ވީނުވީއެއް ނޭނގި ގެއްލުނުތާ މިހާރު 10 ދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ކަމާބެހޭ ފަރާތްތަކުންވެސް ދޭތެރެއަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ކޮންމެވެސް މޮޅު ވާހަކަތަކެއް ދެއްކުން ފިޔަވައި އެހެން ކަމެއް ނުކުރެޔޭވެސް ހީވާ ކަހަލަ އެވެ. ނަމަވެސް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް ސްކޫލް ތެރެއިން އަދިވެސް އެވާހަކަތައް ކުދިންގެ މެދުގައި ދެކެވެމުން ދެއެވެ. ކުދިން އަމިއްލައަށް ބައި ހަދާފައި ‘ޝިފާ ހޯދުމަށް’ ތަފާތު މަސައްކަތްތައްވެސް ކުރަމުން ދެއެވެ.

ކުލާސްރޫމް ތެރެއެވެ. ހުރިހައި ދަރިވަރުންވެސް ތިބީ ސީރިއަސްކަމާއެކު ފިލާވަޅުތައް ރިވައިޒް ކުރުމުގައެވެ. ނަމަވެސް އީތަން އަށް މަޑުން އިނދެވެނީކީއެއް ނޫނެވެ. އީތަން އަށް ލިބިފައިވާ ‘ބޮޑު ޚަބަރު’ ހުރިހައި ކުދިންނަށް އެންގޭނެ ދަނޑިވަޅަކަށް ބަލަބަލައި އިނީ ކެތްމަދުވެފައެވެ. އެއްމެފަހުން އީތަންގެ ކުރިމަތީގައި އިން އަދުހަމްގެ ބުރަކަށީގައި ކޮއްޓާލިއެވެ.

“އަދުހަމް، ހަމަ ހުވާކޮށްފަ މި ބުނަނީ އެގޮލާ، އެގޮލާގެ ވައިފް އާއި އަންހެން ދަރިފުޅުވެސް ހަމަ މަރާލީއޭ!” އެއްމެފަހުން ވައި އަޑުން އީތަން ‘ނިއުސް ބްރޭކް’ ކޮށްލި އެވެ.

“ކިހިނެތްތަ އީތަން އަށް ތިއެއް އެނގެނީ؟” ޢާދިލް ވެސް ވައި އަޑަކުން އަހާލިއެވެ.

“ބަލާއެއްނު ނަގޫ–، ކައޭ ހަނދާން ނެތުނީތަ މަގޭ ބައްޕައަކީ ކޮޕެއްކަން؟” އީތަން ދެލޯ ބޮޑުކޮށްލަމުން ފޮނިގޮތަކަށް ބުންޏެވެ.

“އޯކޭ، ދެން އެމީހުންގެ އަނެއް އަންހެން ދަރި ކޮބަޔޯ؟”

“އޭނަޔަށޯ ފެނުނީ އޭނާގެ މަންމަ އާއި ކޮއްކޮ މަރާލިތަން. ކައެއަށް ހީވޭތަ އެވަރުގެ ކަމެއް ފެނުނީމަ އެކުއްޖާ ބައްޕަ ކައިރީ އުޅެފާނެ ކަމަށް؟ އެ ކުއްޖާ ފިލައިގެން ދިޔައީޔޯ.” އީތަން ވައި އަޑުން ބުންޏެވެ.

“ވޯވް، ތިއީ ސަޅި ސްޓޯރީއެއް.” މަލާމާތުގެ ރާގަކަށް ހީލަމުން އަދުހަމް ބުންޏެވެ. ހަމަ އެއާއެކު އޭނާގެ ފޮތްތަކުގެ ދުނިޔެއަށް އަލުން ވަދެއްޖެ އެވެ.

“ކިހިނެތް އެނގެނީ އެގޮލާގެ ފެމެލީއަށް އިތުރު ކަންތައްތަކެއް ނުކުރާކަމެއްވެސް!” އަދުހަމް ކިޔަން އިން ފޮތް ޖިއްސައިގަންނަމުން އީތަން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“އޭތް ފަނި ނުހަދާ. އަހަރެން އެބަޖެހޭ ޓެސްޓަށް ފިލާވަޅު ދަސްކުރަން.” ފޮތް އަތުލުމަށް އަދުހަމް އަތްދިއްކޮށްލަމުން ބުންޏެވެ.

“އަހަރެން މި ކިޔާދޭ ވާހަކަ ‘ކެމް’ އަށްވުރެން ވަކިން އިންޓަރެސްޓިން ކަން ކުޑައެއް ނުވާނެ.” ކެމިސްޓްރީ ފޮތަށް އިޝާާރާތް ކުރަމުން އީތަން ތަންކޮޅެއް ބާރަށް ބުންޏެވެ. “އެގޮލާގެ ޢާއިލާ އެއްކޮށް ކަހަލަގޮތަކަށް ކޮށާ ކުދިކުދި ކޮށްލިއްޔޯ. ކައެއަށް ގެޓް ވެއްޖެތަ މިކިޔާ އެއްޗެއް؟”

“ޝަޓް އަޕް. ޝަޓް އަޕް. ޖަސްޓް ޝަޓް އަޕް. އިތުރަށް އެކައްޗެކޭވެސް ނުކިޔާތި. ހަމަ މިހާރު ތި ވާހަކަ ހުއްޓާލާ!!”

މުޅި ކުލާސްރޫމް އެއްކޮށް ހަނުވާވަރަށް، ބާރަށް އީތަންގެ ފަހަތުން ކުއްޖަކު ހަޅޭއްލަވަމުން ބުންޏެވެ. އީތަން ފަސްއެނބުރި ބަލައިލިއެވެ. އޭނާ އިން ގޮނޑިއާއި ޖެހިގެން ދެ ގޮނޑިބަރި ފަހަތުގައި އިނީ މަލީޝާ އެވެ. މަލީޝާ އިނީ ދެކަންފަތް މަތީގައި އަތް އަޅައިގެންނެވެ. އޭރުވެސް މަލީޝާ ގެންދިޔައީ ހަޅޭއްލަވަމުންނެވެ.

“ޝަޓް އަޕް!”

މިނެޓެއްހައި އިރުފަހުން މަލީޝާ ލޯ ހުޅުވައިލި އެވެ. ދެކަންފަތް މަތިން އަތްވެސް ނެގިއެވެ. އޭނާގެ ނޯޓްފޮތުން ގަނޑެއް ވީދާލިއެވެ. ހަމަ އެއާއެކު ކޮންމެވެސް އެއްޗެއް އެ ގަނޑުގައި ލިޔަން ފެށި އެވެ.

“ތީނަ އަނެއްކާ އޯކޭތަ؟ ކިހިނެތްވީ؟” މަލީޝާގެ ފަހަތުގައި އިން އަންހެން ކުއްޖަކު ސުވާލުކުރި އެވެ. މަލީޝާ ފަސްއެނބުރި ބަލައިވެސް ނުލައެވެ. އެއްޗެއް ލިޔަމުން ގެންދިޔަ ގަނޑު ބޮނޑިކޮށްލާފައި ތަޅުންމައްޗަށް ހޫރާލުމަށްފަހު ވައިސޫރިއެއްހެން ކުލާހުން ބޭރަށް ނިކުމެއްޖެ އެވެ.

“އޭނަޔަށް ކިހިނެތްތަ އެވީ؟” އަދުހަމް ސުވާލުކުރީ އީތަން އާ އެވެ.

“ބަލައިއެއްނު، ކިހިނެތްތަ މަށަށް އެނގެނީ.” ރުންކުރުކޮށް އީތަން ޖަވާބު ދިނެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 05 – ސިއްރުތައް

މަލީޝާ ކުލާހުން ނިކުތްތަން އައިޝާއަށް ފެނިއްޖެއެވެ. މަލީޝާގެ ކަރުނަތައް ހިފެހެއްޓުމަށް މަސައްކަތްކުރަމުން ދިޔައެވެ. އޭނާގެ މޫނުވެސް ވަނީ އެއްކޮށް ރަތްވެފައެވެ.

ވޮޝްރޫމާއި ދިމާއަށް ދިޔަ މަލީޝާގެ ފަހަތުން އައިޝާވެސް ދިޔައެވެ. ވޮޝްރޫމްގައި ހުރި ތަނބެއްގައި ލެނގިލައިގެން މަލީޝާ ހުރިތަން ފެނުނެވެ.

“އޭތް ކިހިނެތްވީ؟ މަލީ، އާރ ޔޫ ފައިން؟” މަލީޝާގެ ކޮނޑުގައި އަތް ބާއްވާލަމުން އައިޝާ އެހިއެވެ.

“ކަމެއް ނުވޭ.” މަލީޝާ ހިންދިރުވައިލި އެވެ. “އެނގެއެއްނު ބައްޕައަކު އޭނާގެ އަންހެން ދަރިއެއް މަރައިލި ކަމަށް ކިޔާ ޙާދިޘާއެއް ހިނގިކަން، ……. ޚަބަރުގަވެސް ކިޔެއްނު؟”

“އެކުއްޖާގެ ހަށިގަނޑު އަދިއަދަށްވެސް ނުފެނިގެން އުޅޭ ކުއްޖާ ދޯ؟” އައިޝާ ވެސް ކުރީ ސުވާލެކެވެ.

މަލީޝާ ބޯޖަހައިލި އެވެ.

“ހޫމް. އޭނައަށް ކިހިނެތްވީ؟ ކީއްވެ ކުއްލިއަކަށް އެވާހަކަ ދައްކަން ތި ފެށީ؟”

“އެ އަންހެން ކުއްޖާއަކީ އަހަރެންގެ ކޮއްކޮ.” ވަރަށް އުނދަގުލުން، ކުރަކިވެފައިވާ އަޑަކުން މަލީޝާ ބުންޏެވެ.

އައިޝާ އަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އިރުކޮޅަކު ހުރުމަށްފަހު ބުންޏެވެ. ” އަދި ތިވާހަކަ މަލީ ނުބުނަމެއްނު. ވަރަށް ދެރަވެއްޖެ ތި ވާހަކަ އިވުމުން.”

“އެއީ ދައްކަން އެހައި ފަސޭހަ ވާހަކައެއް ނޫން. އެއްމެންވެސް ހީކުރަނީ އަހަރެންގެ ކޮއްކޮ މަރައިލީ އަހަރެންގެ ބައްޕަ ކަމަށް. އަހަރެންގެ އުފަން ރަށް ދޫކޮށްފަ މިތަނަށް، މާމަ ކައިރިއަށް އަންނަން ޖެހުނީވެސް މަޖުބޫރުވެގެން.” މަލީޝާގެ ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަން ފެށިއެވެ. “އެ ހުރިހައި ކަމެއް ވެ ދިޔައިރު އަހަންނަށް ނުކުރެވުނު އެއްކަމެއްވެސް!!”

މަލީޝާ ހަމަޖެއްސުމަށްޓަކައި އޭނާގެ ކޮނޑުގައި ހިފައި ފިތަން ފެށިއެވެ.

“ހުއްޓާލާ. ތީ އެހާ ފިނޑިކުއްޖެއް ނޫނެއްނު. ހިތުގަ ހުރި އުދާސްތައް ބޭރުކޮށްނުލައި އުޅޭކަށް ނުވާނެ. މަލީ ބޭނުން ކޮންމެ ވާހަކައެއް އަހަންނާ ހިއްސާ ކުރެވިދާނެ. އަހަރެން ހުންނާނަން އަބަދުވެސް މަލީ އާއި އެކުގަ އޯކޭ؟”

“ތިކަހަލަ ރަނގަޅު ފްރެނޑެއް ލިބުނީތީ އަހަރެން ވަރަށް އުފާވޭ.” މަލީޝާ ހަމަޖެހިލަމުން ބުންޏެވެ.

“އެނގޭ މީކީ ކާއެއްޗެއްގެ ވާހަކަ ދައްކަން އެހާ ‘ޕަރފެކްޓް ޓައިމް’ އެއް ނޫންކަންވެސް. އެކަމަކު އަޅެ ހާދަ ބަނޑުހައޭ. ހިނގާބަލަ އަޅެ ކެންޑީނަށް؟” އައިޝާ މަޑުމޮޅި ގޮތަކަށް ހިނިތުންވެލި އެވެ. “ގައިމުވެސް ޝިފާ ހުރިނަމަވެސް ބުނާނީ މިހެން.”

“ޔޫ ރިއަލީ މިސް ހަރ ދޯ؟” ގަދަކަމުން ހިނިތުންވަމުން މަލީޝާ އަހާލިއެވެ.

އައިޝާ އޭނާގެ ތިރީ ތުންފަތުފައި ދަތްއެޅިއެވެ. “ކޮންމެ ތަނެއްގަ ޝިފާ ހުރިކަމުގަ ވިޔަސް އޭނާ ހުންނާނީ ސަލާމަތުން، ރައްކާތެރިކަމާ އެކުގަކަން މަށަށް އެނގޭ.”

މަލީޝާ ގޮސް މޫނު ދޮންނަ ތަށި ކައިރީގައި ހުއްޓުނެވެ. މޫނަށް ފެންފޮދެއް ޖަހައިލުމަށްފަހު ހޭންޑް ބޭގުން ޓިޝޫއެއް ނަގައި މޫނު ފޮހެލިއެވެ. އެއަށްފަހު ކޮންމެވެސް ވަރަކަށް މޫނުގައި ‘ޓަޗް’ ކޮށްލުމަށްފަހު ލޯގަނޑުން ރަނގަޅަށް މޫނު ބަލައިލިއެވެ. “އޯކޭ ހިނގާ ދާން.”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 06 – ހަމަޖެހުން

ޝިފާ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ 14 ދުވަސް ފަސް

އައިޝާ އެކަނިމާއެކަނި ކެފޭގައި އިންތަން މަލީޝާއަށް ފެނުނެވެ. އައިޝާގެ ޓްރޭގައި ހުރި އެއްވެސް އެއްޗެއްގައި އަތްވެސް ޖައްސާލާފައެއް ނެތެވެ.

‘އޭތް.” އައިޝާއަށް ގޮވާލަމުން ކައިރީގައި ހުރި ގޮނޑީގައި މަލީޝާ އިށީންދެއްޖެ އެވެ. އައިޝާ ކުޑަކޮށް ހިނިތުންވެލި އެވެ.

އައިޝާގެ ޓްރޭ ތެރޭގައި އޮތް ކަޕްކޭކް މަލީޝާ ނެގިއެވެ. “މި ކަޕްކޭކް ވަރަށް މިރުވާނެހެން ހީވޭ.”

“ތީނަ ބޭނުން އެއްޗެއް ނަގައިގެން ހަމަ ކާންވީ.” ފުން ނޭވައެއް ދޫކޮށްލަމުން އައިޝާ ބުންޏެވެ.

“އައިޝް، ކިހިނެތްވީ؟ ޝިފާގެ ކަންތަކުގަތަ ތި ވިސްނަނީ؟”

އައިޝާ އޭނާގެ ދެ އަތުން މޫނު ފޮރުވިއެވެ.

“އަޅެ އޭނާ ކިހާގޯސް. އޭނާ ކީއްވެ އަހަންނަށް މިހެން ހެދީ، ކީއްވެ އޭނަ މަންމައަށް މިހެންހެދީ، އޭނަދެކެ ލޯބިވާ އެއްމެން ހިތުޖައްސާފަ ކޮންތަނަކަށްތަ އަޅެ އޭނާ އެ ދިޔައީ؟ އެހެން ހަމަ ހުރެލާފަ ފިލައިގެން ދިޔުން އެއީ ކިހާ ކަޑަކަމެއް. އޭނަ ވީތަނެއް ދެނެވޮޑިންގެންވާނީ މާތް ﷲ.” އައިޝާ މިއަދުވެސް ދެކެނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ޝިފާ ފިލީ ކަމަށެވެ.

“އޭނަ ކޮންމެ ތަނެއްގަ ހުއްޓަސް ހުންނާނީ ‘ސޭފްކޮށް’ އިރާދަކުރެއްވިއްޔާ.”  އުފާވެރިގޮތް ދެއްކޭތޯ މަސައްކަތްކުރަމުން މަލީޝާ ބުންޏެވެ.

“ކިހިނެތްތަ ތިއެއް އެނގެނީކީ؟”

“ހަމަ އަހަރެންގެވެސް ހިތް ބުނަނީ އެހެން. އައިޝް ދެން އެކަމާ އެހައި ވަރަށް ނުވިސްނާ ތަންކޮޅެއް ބަލައިގެން އުޅެން ވެއްޖެއެއްނު.” ހިނިތުންވަމުން އައިޝާގެ ޓްރޭ މަލީޝާ އާއި ކައިރިއަށް ދަމާލިއެވެ. “ހިނގާ ދެމީހުންވެގެން ކަމާދޯ.”

“ވަރަށް ހިތްހަމަޖެހިއްޖެ މަލީޝާ މިތަނަށް އައިކަމުން. ތޭންކްސް އިނގޭ.” ސަމުސާ ނަގަމުން އައިޝާ ކާންފެށިއެވެ.

“ތިއެއް ނޫނޭ. މަލީ އެސްއެމްއެސް އަކުން ބުނީމެއްނު މަށާ އަދްހަމް އާ ކޮންމެވެސް ކަމަކާ ވާހަކަދައްކާލަން ބޭނުމޭ ދޯ؟”

“އާނ. އެކަންދޯ. މާދަން ސްކޫލް ނިމިގެން ސްކޫލް ކައިރީ ހުންނަ އެއްކަލަ ކެފޭ ކައިރިން އައިޝް އާ އަދްހަމް އަށް މަށާ ބައްދަލުކުރެވިދާނެތަ؟” މަލީޝާ އެހިއެވެ.

“އެއީ އަނެއްކާ އީތަން ގެ ކަންތަކާ ވާހަކަދައްކަންތަ؟”

“ނޫނޭ. ގައިމުވެސް ތިކަމެއް ނޫން.” މަލީޝާ އާފުރިލަމުން ބުންޏެވެ.

“އެހެންވީމަ މާދަމާ ހަވީރު ހައެއް ޖަހާއިރު ދޯ!”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 07 – އިތުރު ސިއްރުތައް

އަނެއްދުވަހު ހަވީރުގެ ވަގުތެވެ. އައިޝާ، އަދްހަމް އަދި މަލީޝާ ބައްދަލުކުރަން ނިންމާފައިވަނީ ސްކޫލްކައިރީގައި ހުންނަ ކޮފީ ޝޮޕެއްގައެވެ.

މަލީޝާ ތަންކޮޅެއް ކުރިން އެތަނަށް ގޮސް އެމީހުންގެ އިންތިޒާރުގައި އިނެވެ. ކޮފީއަކަށް އޯޑަރު ދީފައި ފޯނުން ޗެޓްކުރަން ފެށިއެވެ. އިރުކޮޅެއް ނުވަނީސް ކޮފީގެނެސްފިއެވެ. އެތިފޮދުފޮދުން ކޮފީ ބޮމުން، ޗެޓް ކުރަމުންދިޔައެވެ. އެހެން އިނދެފައި ކެފޭތެރެއަށް ބަލައިލިއިރަށް އީތަން ފެނިއްޖެއެވެ.

އީތަން އިށީންދެގެން އިން މޭޒުން ތެދުވެގެން މަލީޝާ އާއި ދިމާއަށް އަންނަން ފެށުމުން ފެންނަކަމަށްވެސް ނުހަދައި އެހެން ދިމާއަކަށް ބަލަން ފެށިއެވެ.

“ހައި.” އީތަން ހަނާ އަޅައިލިއެވެ.

މަލީޝާ ދެނަހުރިކަމަކަށް ނުހަދައެވެ. ކޮފީތަށިން ކޮފީ ފޮދެއް ބޮއެލަމުން ޗެޓްކުރަން ފެށިއެވެ.

“އޭތް އައިމް ސޮރީ. އަހަރެން އެވާހަކަ ދެއްކި އިރަކު ނޭނގޭ އެއީ ތީނަގެ ކޮއްކޮ ކަމެއް.” އީތަން މަޢާފަށް އެދުނެވެ. މަލީޝާ އިސްއުފުލައި ބަލައިލި އެވެ.

“އަހަންނަށް އެކަން އެނގުނީ މަލީޝާ ލިޔެފަ އެއްލާލި ގަނޑުކޮޅުން.” އީތަން ގެ ވާހަކައިން އޭނާ ދެރަވެފައި ހުރިވަރު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

“އަހަރެން މިތާ އިނދެ ހަޅޭއްލަވަން ނުފަށަނީސް މިތަނުން ދާންއުޅޭ.” މަލީޝާ ހަޅޭއްލަވައި ގަތެވެ.

އެވަގުތު އައިޝާ އާއި އަދްހަމް ކެފޭތެރެއަށް ވަދެގެން އަންނަނީ އެވެ. އޭރުވެސް އެދެބެއިން ގެންދިޔައީ އެކަކު އަނެކަކާ ދިމާކުރަމުން ނެވެ.

“އޭތް ސޮރީ އިނގޭ ލަސްވީތީ. މި އަދްހަމް އާ ހެދި ވާގޮތޭ މީ.” އައިޝާ ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. އެތާނގައި އީތަން ހުރިކަން ފާހަގަ ކުރެވުމުންނެވެ.

“އީތަން މިތަނުގަ ކީއް ތިކުރަނީ؟”

“އަހަރެން ހަމަ އެކަނި މަލީޝާ ކައިރީގައި ސޮރީއޭ ބުނެލަން މިކޮޅަށް ޖެހިލީއޭ އޯކޭ!” އީތަންވެސް ހުރީ ރުޅިއައިސްފައެވެ.

“ވަޓް އެވަރ. ކައޭ މިތަނުން ދާން އުޅޭ.” އަނގަޔަށް ވައްތަރު ޖައްސާލަމުން އައިޝާ ބުންޏެވެ.

“ރީ-ލެކްސް ސިސް.” އަކުރުތަކަށް ދަމާލަމުން އަދްހަމް މަޑުމަޑުން ބުންޏެވެ.

އީތަން އިތުރު އެއްޗެއް ނުބުނެ އެތަނުން ހިނގައްޖެ އެވެ. މަލީޝާގެ ކުރިމަތީގައި ހުރި ގޮނޑީގައި އައިޝާ އިށީންނި އެވެ. އަދްހަމް އިށީންނީ އައިޝާގެ ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައެވެ.

“ޔޫ އޯކޭ؟” މަލީޝާގެ އަތުގައި ހިފާލަމުން އައިޝާ އެހިއެވެ.

“އެކަމާ އަޅާނުލާ އައިޝް. .. .. އޭނަ ސޮރީއޭ ބުނެފަ އެ ދިޔައީނު.” އަދްހަމް ބޭނުންވީ އޭނާގެ ދައްތަ ހަމަޖައްސުވާށެވެ.

“އަދްހަމް އެބުނީ ތެދެއް. އޭނާ ހަމަ އަސްލުވެސް ދެރަވެގެން މަޢާފަށް އެދުނީކަމަށްވެސް ވެދާނެއެއްނު.” ލަސްލަހުން މަލީޝާ ބުންޏެވެ.

“މަށަކަށް ގަބޫލެއް ނުކުރެވޭ. ވަރަށް ދުއްޕާން ބޮޑު ގޮލައެއް އެއީ.” ދަތްކުނޑި ވިކާލަމުން އައިޝާ ބުންޏެވެ. “ހޫމް. ކޮންކަމަކާ، ކޮން ވާހަކައެއް ދައްކަންތަ އަހަރުން މިތަނަށް ތިގެނައީ؟”

“އެ ވާހަކަ ދޯ!” ތަތް ރާގެއްގައި މަލީޝާ ބުންޏެވެ.

“ކޮންމެހެން ދައްކަން ބޭނުން ނޫނިއްޔާ އޯކޭ ތިވާހަކައެއް ނުދެއްކިޔަސް.” ދިމާކުރާ ރާގަކަށް އަދްހަމް ބުންޏެވެ.

“ނޫނޭ. އެވާހަކަ އެބަޖެހޭ ކޮންމެހެންވެސް ދައްކަން.” މަލީޝާ ދުރަށް ބަލައިލި އެވެ. “އަހަރެންގެ މަންމަ މަރުވީ މީގެ 14 މަސްކުރިން. އޭގެ ފަހުން އަހަރެންގެ ބައްޕަ މުޅިން ބަދަލުވި. ޑްރަގްސް ނަގަންފެށީ ތަނެއް ދޮރެއް ބަލާފައެއް ނޫން. ދެން އެއް ދުވަހަކު-” މަލީޝާ ދައްކަންފެށި ވާހަކަ ހުއްޓާލިއެވެ.

“އިޓްސް އޯކޭ އޭ. އަހަރުން މިތިބީ މަލީ އާ އެކުގައެއްނު.” މަލީޝާ އަށް ހިތްވަރު ދިނުމަށް އައިޝާ ބުންޏެވެ.

“އެދުވަހު އަހަރެންގެ މާމަ އާއި ކޮއްކޮ ނިންމީ ބައްޕަގެ ކައިރީގައި މަޑުކުރުމަށް. އޭރުވެސް ބައްޕަ އޮތީ ޖައްސައިގެން. އަހަރެން ހަމަ އެކަނި ހަނދާން ހުންނަނީ އޭގެ އަނެއް ދުވަހު އަހަރެންގެ އަނެއް މާމައަށް ފުލުހުން ގުޅާފަ ބުނީ-” މަލީޝާ އަށް ރޮވެން ފެށިއެވެ. “……….ބުނީ އަހަރެންގެ ބައްޕަ މަރުވި ވާހަކަ އާ އަހަރެންގެ ކޮއްކޮގެ ހަށިގަނޑު ނުފެނުނު ވާހަކަ.”

“އޭނަ އަމިއްލައަށްތަ މަރުވީ؟” އަދްހަމް އެހިއެވެ.

މަލީޝާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. “ފުލުހުން ބުނީ އަހަރެންގެ ބައްޕަ ލައިގެން ހުރި ގަމީހުން، ކޮއްކޮގެ ބްލަޑް ފެނުނުކަމަށް. އަދި ބައްޕަ މަރުވުމަށް ބޭނުންކުރި ވަޅިންވެސް ކޮއްކޮގެ ބްލަޑް ފެނުނުކަމަށްވެސް ބުނި. އަހަރެން…. އަހަރެން ހިތަށް އަރަނީ އެދުވަހު އަހަންނަށް ގޭގަ ހުރެވުނު ނަމައޭ.” މަލީޝާ ބަޑިފަޅައިގެން ހިނގައްޖެ އެވެ.

އައިޝާ ތެދުވިއެވެ. މަލީޝާގެ ކައިރިއަށްގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. “ހޭ… މަލީ! … އިޓްސް ނޮޓް ޔޯރ ފޯލްޓް!”

އަދްހަމްވެސް މަލީޝާގެ އަތްތިލައިގައި ހިފިއެވެ. “މަގޭ ސިސް ބުންޏަސް އެބުނީ ތެދެއް. އިޓްސް ނޮޓް ޔޯރ ފޯލްޓް.”

އައިޝާ ދެތުވިއެވެ. “އެނގޭތަ. މަގޭ މީނދަ ބްރޯ މަށާ ކަމަކަށް އެއްބަސްވުމަކީ ވަރަށް ނުވާނެކަމެއް. އެހެންވީމަ އެއީ ދުނިޔޭގެ ހަތް އަޖައިބުންކުރެ އަޖައިބެއް ފެނުންފަދަ ކަމެއް. ސޯ ނައު އައިމް ގޮނާ ނީޑް އަ ކަޕް އޮފް ކޮފީ. އަ ސްޓްރޯންގް ވަން އިންޑީޑް.” ތުއި ވެލަމުން އައިޝާ ބުންޏެވެ. އެއަށްފަހު އައިޝާ ދިޔައީ ކައުންޓަރު ދޮށަށެވެ.

މަލީޝާ އަށް ހެވުނެވެ. މަލީޝާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިތަން ފެނިފައި އަދްހަމް އަށް ހަމަޖެހިލެވުނެވެ.

“ހާދަ ސަޅި އޭ.” އަދްހަމް މަސްތީ ރާގެއްގައި ބުންޏެވެ.

“އޭނ؟” ސުވާލުގެ ނަޒަރަކުން ބަލައިލަމުން މަލީޝާ ބުންޏެވެ.

“މިބުނީ މީ ހާދަ ސަޅި ތަނެކޭ. މިހެން ދޭތެރެއަކުން އަންނަންވެސް ރަނގަޅުތަނެއްނު މީ.”

އަދްހަމްގެ ދެ ލޮލަށް މަލީޝާ ބަލައިލި އެވެ.

“މި ކެފޭގެ ގޮނޑިތައްވެސް އެހާ ސަޅި. އަދި މި މޭޒުވެސް ސަޅިއެއްނު.” މަޑުމަޑުން އަދްހަމް ކިޔަމުން ދިޔައެވެ.

މަލީޝާ އެއްޗެކޭ ނުބުނެ ހިނިތުންވެފައި އިރުކޮޅެއްވަންދެން އިނީއެވެ.

“ހޫމް… ތިބުނިހެން މިތަނަށް އަހަރުން ގިނަގިނައިން އަންނަން ފަށަންވީ ދޯ!”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 08 – އަނދިރިކަން

“ހާދަ ސަޅިއޭ!” މަލީޝާ ފަރިހިނގުމެއްގައި އަދްހަމް އާއި ދިމާއަށް އަންނަތަން ފެނިފައި ބުންޏެވެ. މަލީޝާ ލައިގެން ހުރީ ވިލު ނޫކުލައިގެ ހެދުމެކެވެ.

މަލީޝާގެ ބޮލުގެ އިސްތަށިގަނޑު ވަނީ ސްކާފަކުން ފޮރުވާލާފައެވެ. އަދްހަމް އަށް ބަލަން ހުރެވުނީ މަލީޝާގެ މަޑު މުށިކުލައިގެ ރީތި ލޮލަށެވެ. މަލީޝާގެ ހިތްގައިމު ދެލޮލުގެ ނަޒަރުވެސް ހުއްޓިފައިވަނީ ހަމަ ސީދާ އަދްހަމްގެ ދެ ލޮލަށެވެ.

މަލީޝާ ހުއްޓިލައިގެން ހުރީ އަދްހަމްގެ ކުރިމަތީގަ އެވެ. އޭރު މަލީޝާގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. ނޭވާ ވަނީ ކުރުވެފައެވެ. އެހެންޏާ ނުވާކަހަލަ ހާސްކަމެއް ވެރިވެފައެވެ. މީގެ ކުރިންވެސް ފިރިހެން ކުދިންނާއެކު މަލީޝާ ޑީޖޭ ޕާޓީ ތަކަށް ދެއެވެ. އެކަމަކު މިފަހަރު މުޅިން ތަފާތު އިޙްސާސް އެއް ކުރެވެމުންދަނީ ކީއްވެގެންކަމެއްވެސް ނޭނގެ އެވެ.

“ކޮބާ ތައްޔާރުތަ ޑީ.ޕީ. އަށްދާން؟” މަސްތީ އަޑަކުން އަދްހަމް އަހައިލިއެވެ.

މަލީޝާ އޭނާގެ އަތް، އަދްހަމް އާއި ދިމާއަށް ދިއްކޮށްލިއެވެ. އަދްހަމް އެ މަޑުމަޑު އަތްތިލައިގައި ހިފިއެވެ.

“ދާންވީ ދޯ!” ހިނިތުންވަމުން އަދުހަމް ބުންޏެވެ.

މަލީޝާ ހިފީ އަދުހަމްގެ ކަނާތުގައެވެ. އެއާއެކު މަލީޝާ ކުރިއަށް ހިނގައިގަތެވެ. އަދުހަމްގެ އަތުގައި ހިފައި ދަމަމުން ކަހަަލަ ގޮތަކަށް މަލީޝާ ހިނގަން ފެށީ ފުދޭވަރަކަށް ބާރަށެވެ. އެ ހިސާބުގައި އޮންނަ ޤަބުރުސްތާނާއި ދިމާއަށެވެ. އަދުހަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“މަލީ. މޭބީ އައިއޭމް ކިއުރިއަސް، އެކަމަކު އެ ދިމާ ބީޗަށް ދާން މިހެން ޤަބުރުސްތާނެއް ތެރެއިން ޝޯޓްކަޓެއް ނަގަން ތިއުޅެނީ ކީއްވެގެންތޯ އަހާލަން ބޭނުންވޭ.!” އެ ހިސާބުގައި މަރުވެ، ހިކިފައި ހުރި ބޮޑު ގަހަކާއި އަރާ ހަމަވެފައި އަދުހަމް އެހިއެވެ.

މަލީޝާ ޖަވާާބެއް ނުދެއެވެ. އޭނާގެ ހިނގުން އިހުނަށްވުރެން ބާރުކޮށްލިއެވެ. ގާތްގަނޑަކަށް ދުވަމުން ކަހަލަ ގޮތަކަށް އަދުހަމްގެ އަތުގައި ހިފައި ދަމަމުން ހިނގަމުންދިޔަ އެވެ.

“އޭތް! ތަންކޮޅެއް މަޑުކޮށްލަބަލަ.” އަދުހަމް ހުރީ މާނޭވާ ލެވިލެވި އެވެ.

ކުއްލިއަކަށް އަދުހަމްގެ އަތުން މަލީޝާ ދޫކޮށްލުމަށްފަހު، އެތާ ހުރި ބޮޑު ގަހެއްގެ ފުރަގަހަށް ވަދެއްޖެ އެވެ.

“ކޮންތާކަށްތަ ތި ދަނީ؟ އަހަރުން ޕާޓީއަށް ދާ ގަޑި ކަޓަނީނު އެއޮއްގެން. ތި ސަކަރާތްޖެހުން ހުއްޓާލަބަލަ؟” އަދުހަމް މަޑުމަޑުން ބުންޏެވެ. އަދުހަމް ހީކުރީ މަލީޝާ ސަކަރާާތްޖަހަނީ ކަމަށެވެ.

“މަލީ. ތި ގަހުގެ ފުރަގަހަށް ވަދެގެން ކީއްތަ ތިކުރަނީ؟ ހިނގާބަލަ މިތަނުން ދާން އުޅެމާ.” ގަހުގެ ބިތްދޮށަށް ބަލައިލަން އަދުހަމް އުޅުނެވެ.

ކޮންމެވެސް އެއްޗެއް ގަށަމުންދާާ އަޑުކަހަލަ އަޑެއް، ކޮންމެވެސް ހިސާބަކުން އިވެންފެށުމުން އަދުހަމް އިތުރަށް ބިރުގަންނަގޮތް ވިއެވެ. އެ އަޑު އިވުނީ މަޑެއްކޮށެއްވެސް ނޫނެވެ. މަލީޝާ ކޮބައިތޯ ބަލައިލުމަށް ގަހާއި ދިމާއަށް އަދުހަމް ހިނގައިގަތެވެ.

ދެމީހެއްގެ އަތްގުޅި ނުކާހާ ބިޔަ އެ ގަހުގެ އަނެއްފަރާތަށް  އަދުހަމް ދިޔައެވެ. އޭރު އެތާ ކައިރީ ހުރި މަހާނައެއްގެ ކައިރީގައި މަލީޝާ ހުއްޓެވެ.

“މަލީ. ތީނަ އަނެއްކާ އޯކޭތަ؟” ފުރަގަހުންގޮސް މަލީޝާގެ ކޮނޑުގައި ހިފައި ތަޅުވާލަމުން އަދުހަމް ސުވާލުކުރިއެވެ.

މަލީޝާގެ ދެފައި އޭރު ހުރީ ބިންމަތީގައި ނުޖެހިކަމެއް އަދުހަމް އަކަށް ފާހަގައެއް ނުކުރެވެ އެވެ. މަލީޝާގެ ކޮނޑުގައި ހިފައި ތަޅުވާލިވަގުތު، އޭނާގެ ދެފައި ބިންމަތީގައި ޖައްސައި ހަމަޖެހިލަމުން އަދުހަމް އާއި ދިމާއަށް އެނބުރުނެވެ. މަޑުމަޑުން، އޭނާގެ ބޮލުގައި އަޅާފައިވާ ސްކާފް ނެގިއެވެ. އެވަގުތު އޭނާގެ މޫނު އެއްކޮށް ހާމަވި އެވެ. މިހާރު އަދުހަމް އަށް ފެންނަން ހުރީ މަލީޝާ އެއް ނޫނެވެ. އެއީ ޝިފާ އެވެ. އޭނާ ހުރީ ރީނދޫކުލައިގެ މަލެއް ހިފައިގެންނެވެ.

އަދުހަމް އަށް ބިރުން ތެޅިގަނެވުނެވެ. ފަހަތަށް ޖެހިލެވުނެވެ. “ޝި-ޝި-ޝިފާ! މިތާ- މިތަނުގަ ކީއްތިކުރަނީ؟ ތީނަ ވަނީ ވީނުވީތަނެއް ނޭނގި ގެއްލިފައެއްނު؟ ކޮ-ކޮބާ- ކޮބާ މަލީޝާ؟”

“ކަންބޮޑު ނުވޭ. އޭނާ ސަލާމަތުން އެބަހުރި.” ނުލަފާ ޒާތަކަށް އޭނާ ހިނިތުންވި އެވެ.

“ކޮބާ އޭނަ؟ ކަލޭ އޭނައަށް ކީއްތިކުރީ؟ ކަލޭ ތިހުރީ ހަމައިގައެއް ނޫން ދޯ!”

“ތީނަ ބީޗްގަ އޮތް ޑީޖޭ އަށް ދާން ތިޔައުޅެނީ މެންދަމު 2 ޖަހާ ދިޔަފަހުން. އަދި މިހާރު ތިހުރީ ޤަބުރުސްތާނެއް ތެރޭގަ. އެވަރުންވެސް ތީނަ ތިއަހަނީ އަހަރެން މިހުރީ ހަމަހޭގަހޭ ދޯ؟” އަތުގައި އޮތް މާ ހޫރާލަމުން ޝިފާ ބުންޏެވެ.

“ކޮބާހޭ މަލީޝާ؟” އަދުހަމް ގަތްފައިހުރި ބިރަށްވުރެން ބޮޑަށް ރުޅިވެރިކަން އިތުރުވެ ހަޅޭއްލަވައިގަތެވެ.

“އަހަރެން ގެއްލުނުތާ މިހާރު މަސްދުވަސްވީ. އެކަމަކުވެސް ތީނަ އަހަރެން ކައިރީ ތިޔަ އަހަނީ އޭނަ ކޮބާހޭ؟ އެހެންވީމަ ޔޫ ޑިޑްންޓް މިސް މީ ދޯ؟” އާފުރިލަމުން ޝިފާ އެހިއެވެ. “އެއްމެ ރަނގަޅު. ތީނައަށް ދައްކަންވީ ދޯ.”

“ކޮން އެއްޗެއް ދައްކަންވީދޯ އޭތަ ތި ކިޔަނީ؟” ރުޅިވެރިކަމާއެކު އަދުހަމް ސުވާލުކުރި އެވެ.

“މަލީޝާ އެއްނު!!” ފަރުވާކުޑަ ގޮތަކަށް ޝިފާ ބުންޏެވެ.

ޤަބުރުސްތާނުގެ އެއްމެ ބިތްދޮށާއި ހަމައަށް އަދުހަމް ގޮވައިގެން ޝިފާ ވަދެގެން ދިޔައެވެ. އެތަނުގައި ހުރި މަހާނައެއްގެ ކައިރީގައި ރީނދޫކުލައިގެ މާގަސްތަކެއް ހެދިފައި ހުއްޓެވެ.

“ކޮބާހޭ މަލީޝާ؟” އަދުހަމްގެ އަތުގައި ހިފަހައްޓައިގެން ހުރި ޝިފާގެ އަތް ފޮޅުވައިލަމުން އެހިއެވެ.

“ތީނައަކަށް ނުފެނޭތަ؟” އަދުހަމް އާއި ދުރަށް މޫނު އަނބުރާލަމުން ޝިފާވެސް ކުރީ ސުވާލެކެވެ.

“ބުނަން ވާހަކައެއް. ޑޯންޓް މެސް ވިތު މީ އޯކޭ!!”

ޝިފާގެ ޝަހާދަތް އިނގިލިން ބިމަށް އިޝާރާތްކޮށްލި އެވެ. “އަދިވެސް އޭނާގެ ހަށިގަނޑުގަ ހޫނުކަންވެސް ހުންނާާނެ.”

ޝިފާ އިނގިލި ދިއްކޮށްލި ދިމާއަށް ގުދުވަމުން އަދުހަމް ބަލައިލި އެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ބިމުން މައްޗަށް އުފުލިފައިހުރި  އަތްތިލައެކެވެ. އަންހެން ކުއްޖެއްގެ އަތްތިލައެކެވެ.

“ނޫން. ނޫން. އޯހް ނޯ.” އަދުހަމް ބާރަށް ހަޅޭއްލަވަން ފެށިއެވެ.

އަދުހަމް އަށް ލޯ ހުޅުވައިލެވިއްޖެ އެވެ. އެނދުގައި އޮވެވުނުކަން އެނގުނީ އެހިސާބުންނެވެ. މުޅި ކޮޓަރިއަށް ވަށައިގެން ބަލައިލަމުން ހަމަޖެހިލެވޭތޯ މަސައްކަތްކުރި އެވެ.

“އަނެއްކާވެސް ހަމަ އެކަހަލަ ބިރުވެރި ހުވަފެނެއް.” މަޑުމަޑުން އަމިއްލަ ނަފުސަށް ބުންޏެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 09 – ވަގުތު ކުޑަތަންވެފައި

އެސްއެމްއެސް ޓޯންގެ އަޑު އިވުމުން އައިޝާގެ ފޯނަށް ބަލައިލިއެވެ. އެއީ އީތަން ގެ އެސްއެމްއެސް އެކެވެ. އަދިވެސް އައިޝާއަށް އެ ނަންބަރު އެވަނީ ޑިލީޓްކޮށްނުލެވިފަ އެވެ. އެ އެސްއެމްއެސް އައިޝާ ކިޔައިލި އެވެ.

‘އައިޝާ، އަހަރެން އެބަ ބޭނުންވޭ ކަމަކާ ޓޯކް ކޮށްލަން. ސްކޫލް ނިމިގެން މިއަދު އެއްކަލަ ތަނަށް ދާނެކަމަށް ހޯޕްކުރަން’

-އީތަން-

ޖެހިގެން އައިދުވަސް – 1600 މިނެޓް

އައިޝާ އީތަން އަށް އިންތިޒާރު ކުރިއެވެ. އީތަންގެ ގެ ކައިރީގައި އޮންނަ ވީރާނާވަމުންދާ ޕާކް ތެރޭގައެވެ. އެ ޕާކަކީ ކުރިން އެ ދެމީހުން އެތަކެއް ވަގުތަކުތަކެއް އެކުގައި ހޭދަކޮށްފައިވާ ޕާކެކެވެ. އައިޝާ އަށް އީތަން އެއްމެ ފުރަތަމަ ލޯބި ހުށައެޅި ގޮތް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. އީތަން، އައިޝާއަށް އެޕްރޯޗްކުރީ ބުކްޝޮޕެއް ތެރެއިންނެވެ.

ރަށްޓެހިވުމަށްފަހު އެމީހުން އެތައް އިރެއްވަންދެން ޕާކްތެރޭގައި ހުންނަ ގޮނޑިތަކުން އެމީހުން އަމިއްލަޔަށް ޚާއްޞަކޮށްފައިވާ ގޮނޑީގައި ކޮންމެ ދުވަހަކު ވާހަކަދައްކަން ތިބެއެވެ. އެމީހުން ‘ޖޯޑެއްގެ’ ގޮތުގައި ހޭދަކުރި ކޮންމެ ދުވަހެއް، ކޮންމެ ހިނދުކޮޅެއް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ.

އައިޝާ އާއި އީތަން، އަހަރަކަށްވުރެން ގިނަދުވަހު ރައްޓެހިވެގެން އުޅުނެވެ. އެ ގުޅުމަށް ނިމުމުގެ ސިއްކަ ޖެހުނީ އެއްދުވަހަކު އައިޝާ އަށް ފެނުނު މަންޒަރަކަށް ފަހުގައެވެ. އީތަން އެހެން އަންހެންކުއްޖަކާއެކު އެއްމެ ބޮޑުގޮތަށް އުޅެނިކޮށް ފެނި ފަޅާއެރީމަ އެވެ.

އިއްޔެ އީތަންގެ މެސެޖް ލިބުމުން އައިޝާ އެއްމެ ފުރަތަމަވެސް ނިންމީ އެތަނަށް ނުދިއުމަށެވެ. ނަމަވެސް ރޭގެ ވަގުތުތައް ހޭދަވަމުން ދިޔަވަރަކަށް އެ މެސެޖާއިމެދު ބޮޑަށް ވިސްނަން ފެށުނީއެވެ. އެކަމާމެދު ވިސްނިވަރަކަށް އޭނާގެ ހިތް ގޮވަމުން ދިޔައީ އެތަނަށް ދިއުމަށެވެ. އެއީކީ ކޮންމެހެން އޭނާ އީތަން ދެކެ ލޯބިވާތީކީ އެއް ނޫނެވެ. އެއީ އެ މެސެޖްގައިވާ އިބާރަތްކޮޅުން އުފެދުނު ޝައުޤުވެރިކަމުގެ ސަބަބުންނެވެ.

އީތަން ދައްކަފާނެ ވާހަކަ އަކާއިމެދު ޝައުޤުވެރިކަން އުފެދިގެންނެވެ.

“އަހަރެމެންނާއެކު ކުޅެން ބޭނުންތަ؟” މަޑުމައިތިރި އަޑެއް އައިޝާގެ ކަންފަތުގައި ޖެހުމުން ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ. އެނބުރި ބަލައިލިއިރު ތިބީ ހަތަރު ކުޑަކުދިންނެވެ.

އެތަނުން ބޯޅައެއް ހިފައިގެން ހުރި ކުއްޖާ ވާހަކަދެއްކިއެވެ. “އަހަރެންގެ ޓީމަށް ވާނީ އިނގޭ. އޭރުން އަހަރުންނަށް އެމީހުން ބަލިކޮށްލެވޭނެ.”

“ކޮންމެވެސް އެހެން ގަޑިއަކުން ދޯ. އަހަރެން ގެއަށްދާން ޖެހިއްޖެ.” އައިޝާ ހިނިތުންވަމުން ޖަވާބުދިނެވެ.

ގަޑި.’ އައިޝާއަށް ގަޑިމަތިން ހަނދާންވިއެވެ. އަވަސް އަވަހަށް ފޯނުގެ ލޮކް ހުޅުވާލަމުން ގަޑި ބަލައިލިއެވެ. އިރުއޮއްސި 6 ޖެހީއެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 10 – ސޫފިތަކެއް

ޕާާކުގައި ހުރެފައި އައިޝާ އެ ދިޔަގޮތަށް ދިޔައީ ގެއަށެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕާލި އެވެ. އުޑުތިލަމައްޗަށް ވާގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. ސީލިންގ ގައި ހުރި ކުރެހުންތަކަށް ބަލަން ފެށިއެވެ. އެއީ އައިޝާ ޕްރައިމަރީ ގްރޭޑްތަކުގައި އުޅުނު އިރު ކުރަހާފައިވާ ކުރެހުންތަކެކެވެ.

ސައިޑް ޓޭބަލްމަތީގައި އޮތް އައިޝާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނަށް ބަލައިލުމާއިއެކު ކޯލަރ އައިޑީއަށް އަރާފައިވާ ނަން ފެނުނެވެ. އެއީ އީތަން އެވެ. ފޯންކޯލް އާންސަރ ބަޓަން އާއި ޑިކްލައިން ބަޓަން އާއި ދެމެދުގައި އައިޝާގެ ބޮޑުވައި އިނގިލި ޖައްސާލިއެވެ.

“ދެނެއް ނޫޅެން. ދުވަހަކުވެސް ފޯނެއް ނުނަގާނަން.” އައިޝާ އަށް ބުނެލެވުނެވެ. ދެތިން މިނެޓެއް ވާންދެން ފޯނު ރިންގުވުމަށް ބޭއްވުމަށްފަހު ފޯނުކޯލަށް ޖަވާބު ނުދިނުމަށް ޑިކްލައިން އަށް ފިއްތާލަމުން ސައިޑް ޓޭބަލް މަތީގައި ފޯނު ބޭއްވިއެވެ.

އައިޝާ ތެދުވިއެވެ. ހަރުގަނޑުގައި އަޅުވާލާފައި އޮތް އޭނާގެ ބާތުރޯބް ނަގަމުން ފާޚާނާ އަށް ވަދެއްޖެއެވެ.

ބާތުޓަބް ގެ އިސްކުރުތައް ދޫކޮށްލަމުން ފެން އޮހޭތަން ބަލަން މަޑުކޮށްލިއެވެ.

“ޕާރފެކްޓް.” ބާތުޓަބަށް އެރި އޮށޯވެލަމުން ލޯ މަރައިލިއެވެ. އިރުކޮޅެއް ނުވެ އައިޝާ އަށް ނިދިއްޖެ އެވެ.

އައިޝާއަށް ހޭލެވުނީ ވަރަށް ބާރަށް އެއްޗެއް ވެއްޓި ޖެހުނު އަޑަށެވެ. އެވަގުތު އޭނާގެ ފަޔަށް ކުދިކުދި ސޫފިތަކެއް އަރަމުންދާތަން ފެނުނެވެ. އެއީ މީގެ ކުރިން އައިޝާ ދުވަހަކުވެސް ނުދެކޭ ވައްތަރެއްގެ ސޫފިތަކެކެވެ. އެސޮރުމެންގެ ސިފަ ވައްތަރީ ތަންމަކުނާ އެވެ. ނަމަވެސް ތަންމަކުނަށްވުރެން ސައިޒް މާ ބޮޑެވެ.

ބިރުންގޮސް ދެފައި ތަޅުވައިގަންނަމުން ބިލިގާއިން އަރައި އަވަސް އަވަހަށް ބާތުރޯބް ލިއެވެ.

“އަދްހަމް” އަޑަށް ލެވުނުހައި ބާރެއްލަމުން އައިޝާ ހަޅޭއްލަވަން ފެށިއެވެ.

“އަދުހަމް.” އަނެއްކާވެސް އަދުހަމް އަށް ގޮވާލިއެވެ. “އަދުހަމޫ. ކޮންތާކުތަ ތި އުޅެނީ؟” އެވަގުތު ބާތުޓަބް ތެރޭގައި ތިބި ސޫފިތައް ޓަބުން އެރުމަށް މަސައްކަތްކުރަމުންދާތަން އޭނާއަށް ފެނުނެވެ. ސޫފިތަކުން ދުވާ ނުބައިވަހެއްގެ ސަބަބުން އައިޝާއަށް ނޭވާލުމަށްވެސް އުނދަގޫ ވާން ފެށިއެވެ. އެސޫފިތަކުން ދުވަނީ ކޮށިއަރާކަހަލަ ވިހަ ވަހެކެވެ.

“އަދުހަމޫ.” ފާޚާނާގެ ދޮރާއި ދިމާއަށް ހިނގައިގަންނަމުން އަނެއްކާވެސް އަދުހަމަށް ގޮވަން ފެށިއެވެ.

“އަޅެ އަހަރެން މިއޮށްގެން މަރުވަނީއޭ.” ކަކޫމައްޗަށް އިށީންދެ، ދެލޯ މަރައިގެން އިނދެ ހަޅޭއްލަވަން ފެށި އެވެ.

“އައިޝް. އާ ޔޫ އޯކޭ؟ ކިހިނެތް ވެގެންތަ ތި އުޅެނީ؟” އައިޝާ ލޯ ހުޅުވައިލިއެވެ. އެވަގުތު އަދުހަމް ހުރީ އޭނާގެ ކުރިމަތީގައެވެ.

“ކިހިނެތްތަވީ؟” ވާނުވާއެއް ނޭނގި ހުރި އަދުހަމް އަހާލިއެވެ.

“ބާތުޓަބުގަ ކޮންމެވެސް އެއްޗެހިތަކެއް އެބައުޅޭ.” އައިޝާ އިނީ ބިރުން ތުރުތުރު އަޅައަޅައެވެ. މުޅި މީހާ އިނީ އޮށްދާ ހިއްލާފައެވެ.

އައިޝާގެ ހަށިގަނޑުގައި އަޅަމުންދިޔަ ތުރުތުރެއް ނުކެނޑެއެވެ. ވަރަށް މަސައްކަތުން ވާހަކަދެއްކިއެވެ. “ބާތުޓަބުގަ އެބައުޅޭ ފާޑެއްގެ ސޫފިތަކެއް. އެ ސޫފިތައް އުޅުނީ އަހަރެން މަރައިލަން. އެސޮރުމެން-“

އަދުހަމް ބާތުޓަބަށް ބަލައިލިއެވެ. ހަމައެއާއިއެކު އައިޝާގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ‘ނެތޭ އެކައްޗެއްވެސް. ނިކަން ބަލާލަބަލަ.”

ބާތުޓަބް ގައި އެއްވެސް އެއްޗެއް ނެތެވެ. ފެންގަނޑުވެސް ހުރީ ހަމަ ސާފުކޮށެވެ.

‘އަވަހަށް އެނދުގަ އޮށޯވެ އަރާމުކޮށްލަންވީނު.” އޯގާތެރިކަމާއެކު އަދުހަމް ބުންޏެވެ.

އައިޝާގެ އަތުގައި ހިފައިގެން އެނދާއި ހަމައަށް ގެންގޮސްދިނެވެ. އެނދުގެ ބާލީސްތައް ރަނގަޅުކޮށްލައި ބެޑްކަވަރު ކަހާލަ ދިނެވެ. އެއަށްފަހު އައިޝާ އެނދުގައި އޮށޯތުމަށް އެހީވިއެވެ.

“އެއީ އެއްވެސް ކަމެއް ނޫނޭ. ނިދާލެވޭތޯ ބަލާ އިނގޭ ދެން. އަހަރެން އެބަގެންދަން ޔޫ ގެ ފޯނު. އޭރުން އެކަކަށްވެސް އުނދަގުލެއް ނުކުރެވޭނެއެއްނު ދޯ. އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ މަށަށް ގޮވާލާތި.” އައިޝާގެ ބޮލުގައި ފިރުމާލަމުން އަދުހަމް ބުންޏެވެ.

ކޮޓަރިން ނިކުންނަމުން ބޮކިތައް ނިއްވައިލިއެވެ. ދޮރުފަތް ކޮންމެވެސް ވަރަކަށް ހުޅުވާފައި ބަހައްޓަމުން ދޮރުމަތީގައި އިރުކޮޅެއް ވާންދެން މަޑުކޮށްލި އެވެ. އައިޝާއަށް ނިދިއްޖެކަން ޔަޤީންވަންދެނެވެ.

“އެއީ އެހައި ވަރުގެ ކަމެއް ނޫނޭ ސިސް.” ދޮރުން އެތެރެއަށް ބޯދިއްކޮށް ބަލައިލަމުން އަދުހަމް ބުންޏެވެ.

އެވަގުތު އަދުހަމްގެ އަތުގައި އޮތް އައިޝާގެ ފޯނު ކުއްލިއަކަށް ވައިބްރޭޓް ވާން ފެށިއެވެ.

“އީތަން!! މިހާރު ކަލޭ ކޮންކަމެއް ބޭނުންވީ؟” ފޯނުކޯލަށް ޖަވާބުދެމުން އަދުހަމް ބުންޏެވެ.

“އައިޝާ އާއި ވާހަކަދައްކާލެވިދާނެތޯ؟ އަޅުގަނޑަކީ އޮފިސަރ ނަޒީހް.” ފޯނުގެ އަނެއްކޮޅުން އިވުނީ ބީރައްޓެހި އަޑެކެވެ.

‘އަޅުގަނޑަކީ އަދުހަމް. އައިޝާގެ ބޭބެ. ކިހިނެތްތޯ ވީ؟”

“ވަރަށް ހިތާމަޔާއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުން އީތަން ވަނީ ކިޑްނެޕް ކުރެވިފައި.”

ނުނިމޭ

 

އާކުއްޖެކޭ ދަސްވީފަހުން: 11 – އޮޅުންބޮޅުން

2 ދުވަސް ފަސް

އައިޝާއަށް ހޭލެވުނީ ގަޑީގެ އެލާމް ނިވުނުތާ ގަޑި ދެގަޑިއިރު ފަހުންނެވެ. މުޅި ހަފުތާ ބަންދު އެއްކޮށް އޭނާ ވަގުތު ހޭދަކުރީ އެނދުމަތީގައެވެ. ގުޅައަކަށް ވެށިގެން އޮވެ ނިދުމުގައެވެ. ހޭލެވުނަސް އެނދުން ތެދުވާކަށް ހިތަށްވެސް ނާރުވައެވެ. ހަމަ އެހެން ގުޅަވެށިލައިގެން އޮތީއެވެ. ކޮޓަރިން ނިކުމެ މީހަކާއި އަނގައިން ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެ ފިކުރުތަކަކާއި ދުރަކަށް ނުދެވުނެވެ. އީތަން ކިޑްނެޕް ކޮށްފިކަމަށް ފުލުހުން ބުނި ވާހަކަ ތާ އަދުހަމް ބުނި އަޑު އަދިވެސް އޭނާގެ ސިކުނޑިތެރޭގައި ގުގުމަމުން ދަނީއެވެ. އަބަދު އެކަން ހަނދާން ވަނީ އެވެ. އެ ފިކުރުތަކުން ދުރަށްދެވޭއިރަށް އަނެއްކާވެސް އީތަން މަތިން ހަނދާން ވަނީ އެވެ.

އައިޝާގެ ކޮޓަރީގެ ބޭރުގައި ދިހަވަރަކަށް މިނެޓް ވަންދެން އަދުހަމް ހުއްޓެވެ. އައިޝާ ހަމަޖެއްސުމަށް ދައްކާނެ ވާހަކައަކާއި މެދު ވިސްނުމުގައެވެ. އެއްމެފަހުން ކޮޓަރިތެރެއަށް  ބޯ ދިއްކޮށްލިއެވެ. އޭރު އައިޝާ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ރޭގައި ކޮޓަރިއަށް ވެއްދި ކާ އެއްޗެހީގައި އިނގިލިކުރިވެސް ޖައްސައިލާފައެއް ނެތެވެ. ހިތްވަރުކޮށްފައި ކޮޓަރީގެ ދޮރުފަތުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ.

“ބަލާބަލަ ހެނދުނު ސަޔަށް ގެނެސްފަ މިހިރަ އެއްޗެހި. ސަބްމެރިން އަކާއި ޓޫނާ ޓޯސްޓާ ހުދުކުލައިގަ ހުރި މީރު ބުއިމެއް މިހިރީ.”

“ތި ބުނީ މިލްކު ތަށްޓެއްގެ ވާހަކަ ދޯ.” އަދުހަމް ގެނައި އެއްޗެއްސަށް ބަލައިލާފައި އަނެއްކާވެސް އައިޝާ އިސްދަށަށް ޖެހިއެވެ. މާގިނައިރު ނިދުމުގެ ސަބަބުން އޭނާގެ ދެލޯވަނީ ދުޅަވެފައެވެ. ރަތްވެސް ވެފައެވެ.

އައިޝާ ގޮސް އެނދުގައި އިށީންނިއެވެ. އަދުހަމް ވެސް އައިޝާ ކައިރީގައި އިށީންދެއްޖެއެވެ.

“އަހަންނަށް އެނގޭ އައިޝްގެ ފީލިންގްސް މިހާރު ހުންނާނެގޮތް. އެކަމަކު އެއްޗެއް ނުކައި ނުބޮއެ އަބަދު ތިހެން ރޯން އޮތަކަސް އީތަން އެއް އެނބުރި ނާންނާނެ ދޯ!!”

“އެއްމެ ކުރިން ޝިފާ، ދެން އީތަން. އެމީހުންނަށް އެވަނީ ކިހިނެތްކަމެއްވެސް ނޭނގޭއެއްނު.” އައިޝާ އެ ވާހަކަތައް ދައްކަން ކިތަންމެ ބޭނުން ނުވިޔަސް ބުންޏެވެ. “އަހަރެން އަބަދުވެސް ހީކޮށްގެން މިހުންނަނީ އަހަންނަށް އީތަން މަތިން ހަނދާން ނައްތައި ލެވިއްޖެ ކަމަށް. އެކަން އެ ނިމުނީކަމަށް. އޭނަގެ ފޯނު ފެނުނީ ޕާކުގެ ބޭރުންދޯ އަދޫ. އޭނަ އެތަނަށް ދިޔައީ އަހަންނާ މީޓް ކުރަން. ދެން ނޭނގެ. ކިހިނެތްތަ މިވަނީ؟”

“ވާނުވާ ނޭނގޭ ކިތަންމެ ކަމެއް ހުންނާނެ. ދެން އެކަމާ އެހާވަރަށް ވިސްނާ އެއްޗެއް ނޫން، އޯކޭ.” އަދުހަމް ބުންޏެވެ. “ހިނގާބަލަ މަށާއެކު ސްކޫލަށް ދަމާ. އޭރުންވެސް ތަންކޮޅެއް ހަމައަކަށް އެޅިދާނެ.”

އައިޝާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

އައިޝާގެ ކޯތާފަތް މައްޗަށް އޮހޮރެމުންދިޔަ ކަރުނަތައް އަދުހަމް ފޮހެލަައިދެމުން ބުންޏެވެ. “އަހަރެން ތިރީގަ މަޑުކޮށްލާނަން. އަންނާނަން ދޯ!”

އައިޝާ ތެދުވެގެން ގޮސް ވަނީ ފާޚާނާ އަށެވެ. މޫނަށް ފެންފޮދެއް ޖަހައިލަމުން ލޯގަނޑުން މޫނު ބަލައިލިއެވެ. އެއީ ވޭތިވެދިޔަ ދެދުވަހުގެ ތެރޭގައި އޭނާ މޫނު ބަލައިލި ފުރަތަމަ ފަހަރެވެ. އޭނާގެ ލޮލުން ފެންނަނީ ވަރުބަލިކަމެވެ. އޭނާ ރޯން ބޭނުންވެ އެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތްކަމުގެ އިޙްސާސް ކުރެވޭތީ އެވެ. އޭނާ އެއްވެސް ތާކަށް ދާން ބޭނުމެއް ނޫނެވެ. ބޭނުންވަނީ ކޮޓަރީގައި، އަނދިރީގައި އެކަނި އިންނާށެވެ. ނަމަވެސް އަދުހަމް އެގޮތަށް އޭނާ ދޫކޮށްލާފައި ނުދާނެކަންވެސް އައިޝާ އަށް އެނގެއެވެ. ހިތުގައި އަޅަމުންދިޔަ ވޭން، ގަދަކަމުން އޮއްބައިލެވޭތޯ މަސައްކަތްކުރަން މަޖޫބޫރެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން، ލޮލުކައިރި ރީތިކޮށްލިއެވެ. ދަތް އުނގުޅުމަށްފަހު ސްކޫލަށް ދާން ތައްޔާރުވި އެވެ.

އަދުހަމް އާއި އައިޝާ ދުއްވަމުން ދިޔައިރު، އެކަކުވެސް ވާހަކައެއް ނުދައްކަ އެވެ. އައިޝާގެ ވިސްނުން އަނބުރާލުމަށް އެފްއެމް ރޭޑިއޯ ހުޅުވާލިއެވެ. އެވަރުންވެސް ނުވެގެން މަޖާ ޖޯކްތަކެއް ކިޔަން ފެށިއެވެ. ނަމަވެސް އައިޝާ އަށް ކަހާތަން ހިރުވައިވެސް ނުލި ފަދައެވެ. ކުޑަދޮރުން ބޭރަށް ބަލަން އިނީ ވިސްނުމުގެ ކަނޑެއްގެ ތެރެއަށް ޣަރަޤްވެގެންނެވެ.

އައިޝާ ވެހިކަލް އިން ފައިބައިގެން ސްކޫލްތެރެއަށް ވަންނަން ހިނގައިގަތީ އިސްދަށަށް ޖަހައިގެން ހުރެއެވެ. ކުލާހާއި ހަމައަށް ދިޔައީވެސް ހަމަ އެހެންނެވެ. ކުލާހަށް ގޮސް އިށީންނީ އެއްމެ ފަހަތު ގޮނޑިބަރީގައެވެ. އެހެންކުދިންގެ ދުއްޕާން ބެލުންތަކުން ސަލާމަތް ވުމަށެވެ.

އެވަރުންވެސް އޭނާއާއި ދިމާއަށް އެހެންކުދިން ބަލަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. އައިޝާގެ ހަށިގަނޑު ހޫނުވާންފެށި ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ.

“އައިޝާ… ޔޫ ލުކް ޓެރިބަލް. އާރ ޔޫ އޯކޭ؟” އަހާލަން އެހައި ފަސޭހަ ނޫން އަޑެއް އައިޝާގެ ކަންފަތުގައި ޖެހުނެވެ. އެއީ ކޮން ކުއްޖެއްގެ އަޑުކަން އައިޝާއަށް އެނގެއެވެ. ‘ޝައިލާ’ ދަތްކުނޑި ވިކައިލަމުން އައިޝާ އަށް މަޑުމަޑުން ބުނެލެވުނެވެ.

“ހުރިހައި ކަމެއް އަނެއްކާ ރަނގަޅުތަ؟” ޖެއްސުމުގެ ރާގެއްގައި ޝައިލާ ސުވާލުކުރި އެވެ.

“ކަލެޔާހެދި ކިހާ ބޮޑު ދުއްޕާނެއް ޝައިލާ ގަނޑާ. މިތަނުން ދާން އުޅޭ. ކަލެޔާ ޒުވާބުކުރާކަހަލަ މޫޑެއްގައެއް ނޫން މަ މިނދީކީ އެނގިއްޖެތަ؟”

“ކީކޭ؟ ތީނަ ތި ހީކުރީ އަހަރެން މިއުޅެނީ ޒުވާބުކުރާހިތުން ކަމަށްތަ؟ ލުކް އައިޝް. އައި ކެއަރ ފޯރ ޔޫ އޭކޯ.” ޝައިލާ ހިނިތުންވަމުން ބުންޏެވެ. “އަހަރެން އޭރުވެސް ބުނީމެއްނު އީތަން އަށް ސަމާލުވެ އުޅެއްޗޭ. ކޯޒް ހީ އިޒް އަ ރިއަލް ނޯޓީ ބޯއީ.”

ޝައިލާއަށް ރައްދު ދޭކަށް އައިޝާ ބޭނުމެއް ނުވިއެވެ. ދުރަށް ބަލައިލަމުން ޑެސްކު މަތީގައި ގަލަމުގެ ކޮޅުން މަޑުމަޑުން ތަޅަން ފެށިއެވެ.

“އަބަދަކު ތިހެން ރެކިގެންނެއް ނޫޅެވޭނެ އިނގޭ އައިޝާ.އެންޑް އެނީވޭޒް އައި ބެޓް ޝިފާ އިޒް ހެޕީ ނައު.” ޝައިލާ ވިހަ ގޮތަކަށް ބުންޏެވެ.

“ވަޓް ޑޫ ޔޫ މީން؟” ޑެސްކްގައި ގަލަމުން ތެޅުން ހުއްޓާލަމުން އައިޝާ ސުވާލުކުރި އެވެ.

“ކަލޭ ގެ ބެސްޓް ފްރެންޑް ޝިފާ އަކީ ބޯއީ ފްރެންޑުން ފޭރޭ މީހެއްކަން ނޭނގޭތަ ހަމަ؟ ގައިމު އަހަރުމެން އެއްމެންނަށް އެކަން އެނގޭ. ކަލޭ ގެ ބޯއީ ފްރެންޑްވެސް އެ ޖިއްސައިގަތީ. އެއީ އޭނަގެ ގޮތަކީ. ކަލޭ އަތުން އީތަންވެސް އެ ފޭރިގަތީ ހަމަ އޭނަ.”

“ދައްކާ ކޫސަނި ވާހަކަ ދޯ!” އައިޝާ ގާތަށް ރުޅި އަންނަގޮތް ވެއްޖެ އެވެ. ތެދުވެ ޝައިލާ އާއި ދިމާއަށް ބާރަށް ހަޅޭއް ލަވައިގަތެވެ.

“މިއީ މި ދުވަސްކޮޅު މި ސްކޫލްގެ ބްރޭކިންގ ނިއުސް. ޔޫ ނޯ އިޓްސް ދަ ހޮޓް ޓޮޕިކް އައިޝާ. ޝިފާ އާއި އީތަން އާއި ދެމީހުން ފިލާ ރައްކާވީ. އެއްމެ ކުރިން ޝިފާއަށް ވީ ނުވީއެއް ނޭނގި ދިޔައީ. ދުވަސްކޮޅެއް ފަހުން އީތަން ކިޑްނެޕް ވިއްޔޯ. ކަލޭ ގަބޫލުކުރަންތަ އެ ހާސަރުތައް؟”

“ކޮބާތަ މައްސަލައަކީ ޝައިލާ؟” ޝައިލާގެ ފުރަގަހުން އިވުނީ މަލީޝާގެ އަޑެވެ.

ޝައިލާގެ ދެ އަތުން ދަތްދޮޅީގައި އަތްވިދެލި އެވެ. “އޯހް ކަލޭ ދޯ. އަހަރުން މި ވާހަކަދައްކަނީ އައިޝާގެ ބޯއީ ފްރެންޑާ ބެހޭގޮތުން ދޯ؟” ޝައިލާގެ ރައްޓެހިންނަށް ދޯ އަޅައިލިއެވެ.

“އެހެންތަ؟ އަހަރެން ހީކުރީ ތި ދައްކަނީ ކަލޭގެ ބޯއީ ފްރެންޑް ދާރިމްގެ ވާހަކަ ކަމަށް. ތިއެއް ނޫނޭ. އަހަރެން ދެންމެވެސް ދެކުނިން އޭނަ ބޯއީ އަކާ އެކު…. ޔޫނޯ ޑްއިން ވަޓް ދޯ!!؟” މަލީޝާ ހިނިގަނޑެއް ޖަހައިލިއެވެ. “ނޫނޭ. އެއީ ބޯއީ އެއް ނޫންދޯ. އެއްކަލަ އަންހެން ފިރިހެން ރީޝާ ދޯ!!”

ޝައިލާ ދަތްކުނޑި ވިކައިގަންނަމުން ކުލާހުން ނިކުމެއްޖެއެވެ.

“ޑޯންޓް ޑެއަރ ޓު ތިންކް އަބައުޓް ވަޓް ދެޑް ބިޗް ސެޑް ޓު ޔޫ އޯކޭ!!” މަލީޝާގެ ދަބަސް ބަހައްޓަމުން ބުންޏެވެ.

އައިޝާ އާއި ޖެހިގެން ހުރި ގޮނޑީގައި މަލީޝާ އިށީންނި އެވެ. “ޝައިލާ އެ ބުނީ ތެދަކަށް ވެއްޖެއްޔާ ޔޯ؟” އައިޝާގެ ހިތަށް އެރިއެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 12 – ލޯގަނޑު

ޖެހިގެން އައިދުވަހެވެ. އައިޝާ ފާާޚާނާއަށް ވަދެ މެޑިސިން ކެބިނެޓް ހުޅުވާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭޭގެ ތެރޭގައި ހުރި ނިދާބޭސް ފުޅިއެކެވެ.

“ގުޅައެއް ދެގުޅައެއް ކެޔަސް ހިޔެއްނުވޭ ގެއްލުމެއް ވާނެހެންނެއް.” އަމިއްލަ ނަފުސަށް އައިޝާ ބުންޏެވެ.

ފުޅީގެ މަތިގަނޑަށް އަނބުރާލައި މަތި ނެގިއެވެ. ހަމަ އެއާއިއެކު 2 ގުޅަ ބޭސްވެސް ނެގިއެވެ. ދޫމަތީގައި ދެގުޅަ ބޭސް ބާއްވަމުން ލޯ މަރާލިއެވެ.

“އައިޝާ.” ކޮންމެވެސް ދިމާއަކުން އައިޝާއަށް ގޮވާލި އަޑު އިވުނެވެ.

އައިޝާ އަށް ތެޅިގަނެވުނެވެ. މަރާލައިގެން ހުރި ދެލޯ ހުޅުވިއެވެ. ފަރުވާތެރިކަމާއިއެކު ފާޚާނާ ތެރެއަށް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

“އަނެއްކާ މަށަށް މިވަނީ ކީއްބާ؟”

“އައިޝް.” ގަޑިއެއްގެ އެލާމު އަޑުހެން އައިޝާގެ ބޮލު ތެރޭގައި  އެ އަޑު ގުގުމަމުން ދިޔައެވެ. އެ އަޑަށް އައިޝާ އިޖާބަ ދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ބާރަށް ތެޅެމުން ދިޔަ އޭނާގެ ހިތް އެގޮތަށް އެއްބަހެއް ނުވިއެވެ. އެ އަޑާއިމެދު ނުވިސްނާ ހުންނާކަށް ބޭނުމެއް ނުވިއެވެ.

ފާޚާނާގެ ދޮރަށް ބަލައިލިއެވެ.  ދޮރު ހުރީ ތަޅުލާފައެވެ. ވަރަށް މަޑުމަޑުން ނޭވާއެއް ލި އެވެ. އިސްކުރު ދޫކޮށްލަމުން ދެ އަތްތިލަ ދޮވެލިއެވެ.

ކޮންމެވެސް ހިސާބަކުން، ގުގުމަމުން އިވޭގޮތަށް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ހީވަނީ ‘އެކޯ ހައިކޮށް’ ދީފައިވާ މައިކެއްގެ ކައިރީގައި ހުރެ މީހަކު ބެރުޖަހަމުން ދިޔަހެންނެވެ.

މެޑިސިން ކެބިނެޓްގެ ދޮރުފަތް ލައްޕާލިއެވެ. އައިޝާ ހުރީ ނޭވައެއްވެސް ލާން ނުކެރިފަ އެވެ. ނޭވާ ހިފަހައްޓާލައިގެން ހުއްޓާ ފެނުނީ އޭނާގެ ފުރަގަހުގައި ކުޑަކުޑަ އަންހެން ކުއްޖެއް ހުއްޓައެވެ. އެ އަންހެން ކުއްޖާގެ ދެ ކޮނޑު ވަނީ އުފުލިފައެވެ. އެކުއްޖާ ބަލަހައްޓައިގެން ހުރީ ހަމަ ސީދާ އައިޝާ އަށެވެ. އެކުއްޖާގެ މުޅި މޫނުގައި ކަޅުކުލައިގެ ވަކިތަކެއް ދަމާފައި ހުއްޓެވެ. އައިޝާއަށް ހީވީ އޭނާގެ ހިތް ފަޅައިގެންގޮސް ކުދިކުދި ވެދާނެހެންނެވެ.

މަޑުމަޑުން އެ ކުއްޖާގެ އަތް އުފުލާލިއެވެ. އަތުން އިޝާރާތްކޮށްލީ ލޯގަނޑަށެވެ. އައިޝާ ނޭވައެއް ލެވޭތޯ މަސައްކަތްކުރިއެވެ. އެކަމެއްވެސް ނުވި އެވެ. ހިނދުކޮޅެއް ވާންދެން ހުރިހައި އެއްޗެއް ފެންނަމުން ދިޔައީ ފުސްކޮށެވެ. ކުރިމަތިން ފެންނަން ހުރި ހުރިހައި އެއްޗެއް ކުއްލިއަކަށް ފަނޑުވަމުން ފަނޑުވަމުންގޮސް ގެއްލިގެން ދިޔަތަން އައިޝާގެ ދެ ލޮލަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ.

އެއީ ހުވަފެނަކަށް ވާނެ ނަމައޭ އައިޝާގެ ހިތަށް އެރިއެވެ. މިހާރު އައިޝާއަށް ހަމައެކަނި ފެންނަހާވެސް އެއްޗަކީ ލޯގަނޑާއި، އެ ލޯގަނޑުން ފެންނަން ހުރި ކުއްޖާއެވެ.

“އާރ ޔޫ އޯކޭ، އައިޝާ؟ ކިހިނެތްވެފަ ތި ހުރީ؟” އައިޝާގެ އަތުގައި މީހަކު ހިފިކަމުގެ އިޙްސާސެއް ކުރެވުނެވެ. ކައިރީގައި ހުއްޓާ ފެނުނީ ރިފްދާ އެވެ.

އައިޝާގެ މުޅި ގަޔަށް ފިނިވެގެން ދިޔައެވެ. ހަމަ އެވަގުތު ޙަޤީޤީ ޢާލަމަށް އޭނާއަށް އާދެވުނެވެ. އެކަމަކު އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ލޯގަނޑުގައި ލިޔެވިފާއިވާ ދެ ބަހަށެވެ. ‘އާދޭ އެތެރެއަށް’  މި ދެބަހެވެ. އެ ދެބަސް ހަމަ ފެނުމާއިއެކު ކުއްލިއަކަށް ގެއްލިއްޖެއެވެ.

“މިއީ…” އެއްޗެކޭ ބުނުމަށް އައިޝާގެ އަނގަ ހުޅުވާލިއެވެ.

“ޔޫ އޯކޭތަ؟ ހާދަ އެހެން ފާޑަކަށޭ ތީނަ ތިހުރީވެސް!” ހައިރާންކަމާއެކު ރިފްދާ އެހިއެވެ.

“އަހަރެން ހުރީ އަހަރެންގެ ގޭގަ. ހަމަ ދެންމެގަ-” ލޯގަނޑަށް ބަލަން ހުރެފައި އައިޝާ ބުންޏެވެ.

“އޭތް ބަލަ އައިޝާ. މީކީ ތީނަގެ ގެއެއް ނޫނޭ. މިއީ އަހަރުމެންގެ ސްކޫލެއްނު. އަނެއްކާ އެވަރުވެސް ނޭނގޭވަރު ވެފަތަ ތިހުރީ؟”

“އާން”

“އޭނ… ކީކޭ؟”

“އެއްޗެކޭ ނޫން.” ދެތިން ފަހަރަކު، ދެފަރާތަށް ބޯ ތަޅުވާލަމުން އައިޝާ ބުންޏެވެ.

“ރަޝާދު ސަރ ތީނަ އެބަ ހޯއްދަވާ. އެނައުންސްމެންޓްގެ އަޑެއްވެސް ނާހަންތަ؟” ރިފްދާ އެހެން ބުނެ ނުނިމިގެން އުޅެނިކޮށް ސްކޫލްގެ ސައުންޑް ސިސްޓަމް އިން އަނެއްކާވެސް އެ އެނައުންސްމެންޓް އަންނަން ފެށިއެވެ.

‘ގްރޭޑް އިލަވަންގެ އައިޝާ ފާރޫޤް ވަރަށް އަވަހަށް ޕްރިންސިޕަލްގެ އޮފީހަށް ދިއުމަށް ޕްރިންސިޕަލް އެދިލައްވާ.’

ޔުނިފޯމުގެ ސްކަރޓް ޖީބަށް އައިޝާގެ އަތްޖަހާލަމުން ފާޚާނާއިން ނިކުމެއްޖެއެވެ. އެދިޔަގޮތަށް އޭނާ ދިޔައީ ޕްރިންސިޕަލްގެ އޮފީހަށެވެ. އޭރު ޕްރިންސިޕަލް އިންނަވާ ކެބިންގެ ދޮރު ހުރީ ހުޅުވާފައެވެ. ރަޝާދު ސަރ އިންނެވީ ފުލުހުންގެ އޮފިސަރަކާއި ވާހަކަ ދައްކަވާށެވެ.

“ޔާރައްބީ!” އޮފިސަރު ފެނުމުން އައިޝާ އަށް ލިބުނު ހައިރާންކަމާއެކު މަޑުމަޑުން ބުނެލެވުނެވެ.

“އައިޝާ، އާދޭ އެތެރެއަށް.” ރަޝާދު ސަރ ބުނުއްވި އެވެ.

އައިޝާ ގޮސް ހުއްޓުނީ ޕްރިންސިޕަލް ރަޝާދު އިންނަވާ މޭޒުގެ އެއް ކޮޅުގައެވެ.

“އިށީންދޭ އައިޝާ.” ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތް ކުރައްވަމުން ޕްރިންސިޕަލް ރަޝާދު ބުނުއްވިއެވެ.

ގޮނޑި ދަމާލަމުން އޮފިސަރާއި ޖެހިގެން ހުރި ގޮނޑީގައި އައިޝާ އިށީންނިއެވެ.

“މިއީ އޮފިސަރ ޝާހީން. އީތަން ގެ ކޭސް އިންވެސްޓިގޭޓް ކުރައްވަނީ މި ބޭފުޅާ.”

“އެހެންތޯ؟ އަޅުގަނޑު ކޮންކަމެއްތޯ ކޮށްދޭންވީ؟” ވަރަށް އަދަބުވެރިކަމާއި އެކު އައިޝާ އެހިއެވެ.

“އަޅުގަނޑުމެންނަށް ވިކްޓިމްގެ ފޯނު ފެނުނީ ވީރާނާ ވަމުންދާ ޕާރކް ކައިރިން.” އޮފިސަރ ކުރިއަށް ޖެހިލަމުން ވާހަކަދެއްކިއެވެ.

“ބައްލަވާ، ތި ވިކްޓިމްގެވެސް ނަމެއް އޮވޭ ނޫންތޯ؟”  ރުންކުރު ރާގެއްގައި އައިޝާ އަށް ބުނެލެވުނެވެ. އެހެން ބުނެވުމާއި އެކު އެކަމާ އޭނާ ދެރަވެސް ވިއެވެ. ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން ގޮށްމުށް ކަވާލިއެވެ.

“ސޮރީ. އާނ އަޅުގަނޑު ދެންނެވީ އެ ފޯނު އަޅުގަނޑުމެން ޗެކް ކޮށްފިން. އޭނާ ކިޑްނެޕް ކުރުމުގެ ކުރިން އެއްމެ ފަހުން މިސް އައިޝާ އަށް ޓެކްސްޓް ކޮށްފަވަނީ .” އޮފިސަރު ބުންޏެވެ.

“އާދެ. ކޮންމެވެސް ކަމަކާ އަޅުގަނޑާ ވާހަކައެއް ދައްކަން އީތަން ބޭނުންވީ. އީތަން އެސްއެމްއެސް ކުރީ ބާ ޕާރކު ތެރޭގައި ބައްދަލު ކުރުމަށް ބުނެ.”

“ދެން އޭނަ ދިޔަތޯ؟” އޮފިސަރ ޝާހީންގެ ދެ އަތް ޖޯޑުކޮށްލައި ދަތްދޮޅީގައި ވިދެލަމުން އެހި އެވެ.

“ނޫން. އޭނަގެ ޚަބަރެއް ނުވި.”

“އޭނާ މިސް އައިޝާއަށް ގުޅަން މަސައްކަތް ކުރިތަ؟”

“ނޫން.” އައިޝާ ތަންކޮޅެއް ބާރަށް ބުންޏެވެ.

“އޭނާ ތި ބޭފުޅާއާއި ބައްދަލުކުރަން ބޭނުންވި، ދެން އޭނާގެ ޚަބަރެއް ނުވި، އެވަރުންވެސް އޭނާއަށް ގުޅާފަ ނުވަތަ ޓެކްސްޓެއް ކޮށްލައިގެން ނަމަވެސް އޭނާއަށް ނާދެވުނީ ކީއްތޯ ބަލައެއް ނުލަންތޯ؟”

“ނުބަލަން.”

“ތިޔަ ދެކުދިން ރައްޓެހިވެގެން އުޅުނުކަމަށް އަޅުގަނޑަށް އެބަ އަންދާޒާ ކުރެވޭ.” އައިޝާގެ ޙަރަކާތްތައް ހުރިގޮތުން އެކަން ފާހަގަ ކުރެވިގެން އޮފިސަރ އެހިއެވެ.

“ތިޔަ ވިދާޅުވިގޮތަށް އަޅުގަނޑުމެން ކުރިން ރައްޓެހިވިން.” އޮފިޝަރ ޝާހީންގެ ލޮލާއި ލޯ ދިމާކޮށްލަމުން އައިޝާ ބުންޏެވެ. “އެކަމަކު މިހާރު އަޅުގަނޑުމެން ރުޅިވިތާ ކިތަންމެ ދުވަހެއް ވެއްޖެ. އަޅުގަނޑަށް އެނގޭ މިންވަރަކުން އަޅުގަނޑު ބުނެދީފިން. ތިގޮތަށް ވަގުތުތައް ބޭކާރު ނުކުރައްވާ މާ ރަނގަޅުވާނެ އީތަން އާއި ޝިފާ ފެނޭތޯ މަސައްކަތް ކުރެއްވިއްޔާ.” ކުއްލިއަކަށް އައިޝާ ތެދުވެ ކެބިން އިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

“އޭނަ ކޮންމެވެސް ކަމެއް އެބަ ފޮރުވާ.” އައިޝާ ނިކުމެގެން ދިޔަތަން ބަލަން އިނދެފައި އޮފިސަރ ޝާހީން ބުންޏެވެ.

“ޔަޤީންތޯ؟” ޤަބޫލުކުރަން ދަތި ރާގަކަށް ޕްރިންސިޕަލް ރަޝާދު އެއްސެވިއެވެ.

“ހަމަ ވަރަށް ބޮޑަށްވެސް ޔަޤީން.”

ނުނިމޭ

 

އާކުއްޖެކޭ ދަސްވީފަހުން: 13 – ދަންނަ މީހެއް!

ހައި މަލީ!

މާދަމާ 06:30 ގަ ސްކޫލް ކައިރީ ހުންނަ ކެފޭއިން އިނގޭ!

-އަދުހަމް-

ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި އައިޝާ އަށް ވަރަށް ބޮޑު ބަދަލެއް އަންނަމުން ދިޔަކަން އަދުހަމް އަށް ފާހަގަކުރެވުނެވެ. ހުރިހައި ވަގުތެއްހެން އައިޝާ ހޭދަކޮށްލަނީ ކޮޓަރީގައެވެ. އައިޝާ އަށް އެ އައި ބަދަލުގެ ސަބަބު އަދުހަމް އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އޭނާ އެއްމެ ކަންބޮޑުވާ ކަމަކީ އައިޝާ ގެ ލޮލާއި މެދުގައެވެ.

އައިޝާ ގެ ލޮލުން އާދަޔާޚިލާފު ކަމެއް ފެންނަހެން އަދުހަމް އަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ދެލޮލުން ބިރުވެރިކަން އޭނާ އަށް ފެނެއެވެ. ކޮންމެވެސް ކަމަކާ އައިޝާ ބިރުގެންފައި ހުންނަކަން އެނގެއެވެ.

ވާހަކައެއް ދައްކަމުންވެސް އީތަން އާއި ޝިފާ ގެ ވާހަކަ ހަމަ ދައްކަން ފަށާއިރަށް އައިޝާ އަށް އަންނަނީ އާދަޔާޚިލާފު ބަދަލެކެވެ. އޭނާ އެ ވާހަކައަކާއި އެއްގޮތަކަށްވެސް ނުވެއެވެ. އިއްޔެރޭ އަދުހަމް، މަލީޝާ އަށް މެސެޖެއް ކުރީވެސް އެހެންވެގެންނެވެ. އެކަމާ ވާހަކަދައްކައި ކޮންމެވެސް ކަމެއް ކުރުމަށް މަޝްވަރާ ކޮށްލުމުގެ ބޭނުމުގައެވެ.

ސްކޫލްގައި އޮންނަ އަހަރީ ޝޯވް ގައި ހުށައަޅާ ޑްރާމާއެއްގެ ލީޑްރޯލް ވަނީ މަލީޝާ އަށް ލިބިފައެވެ. ޕްރެކްޓިސް ކުރުމަށްޓަކައި ތަންކޮޅެއް ދަންވަންދެން އޭނާ މަޑުކުރަން ޖެހެެއެވެ. އެހެންކަމުން ސްކޫލުން ނިކުންނަމުން ބައްދަލު ކުރާނެކަމަށް ބުނެ، އަދުހަމްގެ އެސްއެމްއެސް އަށް މަލީޝާ ޖަވާބު ދިނެވެ. މަލީޝާ ނިކުމޭތޯ އެއްވެސް ކެތްތެރިކަމެއް ނެތި އަދުހަމް އިންތިޒާރުގައި ހުއްޓެވެ. އެހެން ހުރެފައިވެސް ދެފަހަރަކަށް އޭނާ ގެއަށްވެސް ދިޔައެވެ.  ފުރަތަމަ ދިޔައީ އޭނާގެ ދަބަސް ބާވާށެވެ. ދެން ދިޔައީ އައިޝާގެ ހާލު ބަލައިލާށެވެ.

ކުރިމަތިވެފައިވާ އަރަތެއް ކަހަލަ ކަންތައްގަނޑާއިމެދު އެއްޗެއް ވިސްނޭތޯ އަދުހަމް މަސައްކަތް ކުރިއެވެ. އެކަންތައް ގަނޑާއި މެދު ވިސްނަން ހުއްޓާ ކުއްލިއަކަށް މަލީޝާ މަތިން ހަނދާންވުމުން ވިސްނަމުން ދިޔަ ކަންތަކަށް ކޮންމެފަހަރަކުވެސް ހުރަސް އެޅެއެވެ. ނަމަވެސް މަލީޝާ މަތިން ހަނދާންވުމުން ހުރިހައި ފިކުރުތަކަކާއި ހާސްކަމެއް ފިލައިދެއެވެ. މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެއެވެ.

‘އަނެއްކާ އަހަންނަށް އޭނަ ކަމުދަނީބާ؟’ އަދުހަމް އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ.

“ޝަޓް ދަ ފަ- އަޕް، އިޓްސް އަބައުޓް އައިޝާ ޔޫ ހޭވް ޓު ތިންކު. ނޮޓް ޔޫ.” ހިތަށް ވެރިވި ޝުޢޫރުން އެއްކިބާވުމަށް އަދުހަމް ބާރުބާރަށް ބުންޏެވެ.

އަނެއްކާވެސް ގެއަށް ގޮސްފައި ސްކޫލް ކައިރިއަށް އައިސް އަދުހަމް މަޑުކޮށްލިއެވެ. އެވަގުތު ސްކޫލް ގޯތި ތެރޭގައި މަލީޝާ ހުއްޓާ ފެނުނެވެ.

“ހައީ. ޔޫ ފްރީ ވީތަ މިހާރު؟” އަދުހަމް އަހައިލިއެވެ.

މަލީޝާގެ ކަނާތު ކޮންޑުގައި އޮތް ދަބަސް ވާތު ކޮނޑަށް ބަދަލުކޮށްލިއެވެ. “ޔަޕް. ހިނގާ އަވަހަށް ދާން އުޅެމާ. މަށަށް އެހާ ގިނައިރު މަޑުކުރެވޭކަށްވެސް ނެތެއްނު؟” މޯބައިލް ފޯނުގެ ގަޑިއަށް އިޝާރާތް ކޮށްލަމުން މަލީޝާ ބުންޏެވެ.

އެމީހުން ކެފޭއާއި ހަމައަށް ދިޔައީ މުޅިން ހަނުކޮށް ތިބެއެވެ. ނަމަވެސް ސްކޫލް ޝޯވްގައި މަލީޝާ ކުޅޭ ބަޔާއި ބެހޭގޮތުން ދޭތެރެއަކުން އަދުހަމް ސުވާލުކޮށްލައެވެ. މަލީޝާ ޖަވާބު ދިނީ ބޯޖަހައިލަމުންނެވެ. ކެފޭއަށް ވަދެ ދެމީހުންވެސް އޯޑަރު ދިނީ ކޮފީއަކާއި ޓޫނާ ސޭންޑްވިޗަކަށެވެ.

ދެމީހުން އެކުގައި މޭޒެއް ކައިރިއަށްގޮސް މަޑުކޮށްލިއެވެ. މަލީޝާ އިށީންނަށް ގޮނޑި ދަމާލުމަށް ފަހިކޮށްލި ވަގުތެވެ. އަދުހަމް ގެ އަތުން މަލީޝާގެ ކޮނޑުގައި ހިފައި އަދުހަމް އާއި ކައިރިކޮށްލަން މަސައްކަތް ކުރިއެވެ.

“އާދޭ މިތަނަށް.” އަދުހަމް އާއި ޖެހިގެން ހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. މަލީޝާ ތެޅިގަތެވެ.

އަވަހަށް އެހެން ގޮނޑިއަކަށް ދަމާލައި އިށީންނިއެވެ. “ހޫމް… ކިހިނެތް ވީ އޭ؟” މަލީޝާ ހުރީ ނުރުހިފައިކަން އޭނާގެ އަޑުން އެނގެއެވެ.

“އަހަރެން.” ވަރަށް ނުކެރި ހުރެ އެއްޗެއް ބުނަން އުޅޭ ފާޑަކަށް އަދުހަމް ވާހަކަދައްކަން ފެށިއެވެ. “އަހަންނަކަށް ނޭނގޭ ތީނައަށް ކިހައި ވަރަކަށް ކަމެއް މިކަން އެނގެނީކީ… އެކަމަކު.. އެކަމަކު އަހަރެން ބޭނުންވޭ ކަންތައްތައް ސާފުކޮލަން.” ދައްކަމުން ދިޔަ ވާހަކަ މަޑު ޖައްސައިލި އެވެ. “ކުރިން އަސްލު އަހަރެން މިކަމާމެދު އެއްޗެއް ބުނަން ޖެހޭ. އެކަމަކު މަށަށް ނުބުނެވުނީ.”

“މަށަށް އެނގިއްޖޭ ބުނަން ތިއުޅޭ އެއްޗެއް.” ހަކުރު ޕެކެޓެއް ކަނޑާލައި އޭނާގެ ޖޯޑަށް އޮއްސާލަމުން މަލީޝާ ބުންޏެވެ. “ތި ސިއްރު ވަނީ ރައްކާތެރިކަމާއެކު ފޮރުވިފަ.”

އަދުހަމް ބުމަ އަރުވާލި އެވެ. “އޭން؟” އެހެން އެއްޗެކޭ ބުނުމުގެ ކުރިން އޭނާގެ ފޯނު ރިންގުވާން ފެށިއެވެ.

“މިއީ އައިޝާ ގެ ކޯލްއެއް. މަޑުކޮށްލައްޗޭ މިއަށް ޖަވާބެއް ދީފަ އެބަ އަންނަން.” ފޯނަށް އިޝާރާތްކޮށްލަމުން އަދުހަމް ތެދުވެގެން ދުރަށް ޖެހިލިއެވެ.

މަލީޝާ ކޮފީ ފޮދެއް ބޮއެލިއެވެ. އަދުހަމް އަށް ބަލަން ފެށި އެވެ. ޝިފާ ގެއްލުނު ރޭގައި އަދުހަމް އާއި ޝިފާ އެއްކޮށް ތިއްބާ އޭނާއަށް ފެނުނުކަން އަދުހަމް އަށް އެނގޭ ބާއޭ މަލީޝާގެ ހިތަށް އެރިއެވެ.

އެރޭ ކަންތައްތައް ހިނގައިދިޔަ ހުރިހައި ގޮތެއް މަލީޝާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. މަސްތުގެ ހާލުގައި ހުރި އަދުހަމް، ޝިފާ އާއި ދިމާއަށް ބަވަމުން ޒުވާބުކުރަމުން ދިޔަ މަންޒަރު މިހާރުވެސް އިއްޔެވީކަމެއްހެން އޭނާގެ ހަނދާނުގައި އަދިވެސް އެބަ ހުއްޓެވެ. އެ ކައިރި މާޒީގެ ޞަފްޙާތައް ކުރިމަތިން ފެންނަން ފެށިއެވެ…..

…………”މަށަށް އެނގޭ އޭރުވެސް އެ މަލީޝާ އުޅުނީ އަހަރެން ގެ ކިބައިން އަދޫ ޖަހައިގަންނަންކަން.” ޝިފާ ހަޅޭއްލަވައިގަތެވެ. “އައި ލަވް ޔޫ އަދޫ. މިވަރަށް އާދޭސްކުރާއިރުވެސް ކަލެއަށް ނުވިސްނެނީތަ؟ އަހަންނަކަށް އަދޫ އާއި ނުލައެއް ނޫޅެވޭނެ!” އޭނާ އަދުހަމް އާއި ކައިރިއަށް ޖެހިލި އެވެ.

އަދުހަމް ގެ އަތުން ޝިފާ ގެ ކޮނޑުގައި ހިފައިފައި ދުރަށް ކޮއްޕައިލި އެވެ. “ކަލޭ މޮޔަވީތަ. ބުނެފީމެއްނު މަށެއް ކަލޭދެކެ ލޯތްބެއް ނުވަމޭ. ކަލެއަށް އެވަރުވެސް ގެޓެއް ނުވޭދޯ!” އަދުހަމް ވެސް ބާރަށް ހަޅޭއްލަވަމުން ބުންޏެވެ. އެވަގުތު ޝިފާ ގެ މޫޑު މުޅިން އޯފް ވިއެވެ. “މަށަށް އެނގޭ އަދޫ މިހާރު ކުރަން ތިއުޅޭ ކަމެއް. އެކަމަކު ތި ކަމަކީ ކައޭމެން ދެމީހުންކުރެން އެކަކަށްވެސް މޮޅެއް އޮތްކަމެއް ނޫންކަން ހަނދާންކުރާތި!!” ޝިފާ ހަޅޭއް ލަވައިގަންނަމުން ބުންޏެވެ.

އަދުހަމް އާއި ޝިފާ އަށް ބަލަން މަލީޝާ ހުރީ ކައިރީގައި ހުރި ދިއްގާ ގަހެއްގެ ނިވަލުގައެވެ. އެރޭ ފެނުނު މަންޒަރުތައް އައިޝާ ކައިރީގައި ކިޔައިދޭން މަލީޝާ ކިތަންމެ ފަހަރަކު މަސައްކަތް ކުރިއެވެ. ނަމަވެސް ދިމާވަމުންދާ ކަންތައްތައް ގިނަކަމުން އެވާހަތައް  ނުބުނެ މަޑުކޮށްލައިގެން ހުންނަނީއެވެ. އިތުރަށް އައިޝާ ކަންބޮޑުވެ ހާސްވާނެތީ އެވެ.

މަލީޝާ ބޯންފެށި ކޮފީތަށި ހުސްކޮށްލިއެވެ. ޓިޝޫއަކުން އަނގަމަތި ފޮހެލިއެވެ. އޭރުވެސް އަދުހަމް ހުރީ ފޯނު ގައެވެ.

މަލީޝާ ފޯނު ނެގިއެވެ. ފޯނުގެ ލޮކް ފިލުވައިލަމުން ފްރޮންޓް ކެމެރާ ޖެއްސިއެވެ. ތުންފަތުގައި ޖައްސާފައިހުރި ލިޕްސްޓިކް ހުރީ ރަނގަޅަށްތޯ ބަލައިލިއެވެ. އެވަގުތު އޭނާގެ ފަހަތުން ކޮންމެވެސް މީހެއްގެ ސޫރަ ކެމެރާއަށް އެޅިފައި ހުއްޓާ ފެނުނެވެ.

“އީތަން.” ފަސް އެނބުރި ބަލައިލިއެވެ. އޭނާ އިން ދިމާލުގައި މަގުގެ އަނެއް ފަރާތުގައި އީތަން ހުއްޓާ ފެނުނެވެ. އީތަން ލައިގެންހުރި ޖީންސާއި ޓީޝާޓް ވަނީ އެއްކޮށް ހަޑިވެފައެވެ. ބާވެ ހަސްނެތިފަ އެވެ. އެކި ދިމަދިމާއިން ވީދިފައެވެ.

” އެހެން ދާންޖެހުނީމަ ސޮރީ އިނގޭ. އައިޝާ އުޅެނީ އެހައި އޯކޭ ކޮށެއް ނޫނެއްނު. އެހެންވެ އަސްލުގަ-.” މަލީޝާގެ ކޮނޑުގައި ހިފައި ކޮއްޓާލަމުން އަދުހަމް ބުންޏެވެ. އަދުހަމް އާއި ދިމާއަށް އޭނާ އެނބުރިލިއިރު މީހާގެ މޫޑުވަނީ އެއްކޮށް ބަދަލުވެފައެވެ. އެ މޫނުމަތިން ކޮންމެވެސް ކަމަކާ ބިރުންހުރިކަން ފެންނަން ހުއްޓެވެ.

“އަނެއްކާ ކިހިނެތްވީ؟ ތީނަ އޯކޭތަ؟” ނުހަނު ކަންބޮޑުވުމާއި އެކު އަދުހަމް ސުވާލުކުރަން ފެށިއެވެ.

“މަށަށް ދެންމެ ފެނިއްޖެ ކޮންމެވެސް މީހެއް.” މޭޒުމަތީގައި ފޯނު ބާއްވަމުން ބުންޏެވެ.

“ކާކު؟”

“ކޮންމެވެސް ދަންނަ މީހެއް!!”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 14 – ހުވަފެންތައް

އައިޝާ ގެ ކޯލްތައް އަންނަލެތް ގިނަކަމުން ކަންބޮޑުވެގެން އަދުހަމް ގެއަށް ދިޔައެވެ. ސިޑިން މައްޗަށް އެރެވުނުއިރު މީހާ ހުރީ މާނޭވާ އަރާފައެވެ. ބޮލަށް އެނބުރުން އަރާހެން ހީވެގެން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ސޯފާ ކުރިމަތީގައި ބަހައްޓާފައިހުރި މޭޒަށް ދެފައި އަރުވައި ދަމާލިއެވެ.

“ކިހިނެތްވީ އަނެއްކާ؟ ތަނަކަށް ތަދުވީތަ؟” ވަރަށް ބާރަށް ބުނިއަޑު އިވުނެވެ. ކުރިމަތީގައި ހުރީ އައިޝާ އެވެ. އަދުހަމް އަށް ލިބުނީ ކުއްލި ސިހުމެކެވެ. މޭޒުމަތީގައި ބާއްވާފައިއޮތް ދެފައި ތިރިކޮށްލިއެވެ.

“މި ބާސްކެޓް ބޯޅައެއްގެ ޕްރެކްޓިސް އާހެދި ހުވާ މިބުނީ މިއޮތީ ބޮޑު-” އަދުހަމް ބުނަން އުޅުނު ބަސް މެދުކަނޑާލިއެވެ.

އަދުހަމްގެ ކުރިމަތީގައި ހަށަމަށް އަތް ނަގައިގެން ހުރީ އައިޝާ އެވެ. އެތައް ހަފުތާއެއް ފަހުން މިއަދު އައިޝާ އެހުރީ ރަނގަޅަށެވެ. މުޅިން ނޯމަލް ކޮށެވެ. އޭނާ ލައިގެން ހުރީ ނޫކުލައިގެ ޓީޝާޓަކާއި ޖީންސެކެވެ. އިސްތަށިގަނޑު ހުރީ ރީތިކޮށް އޮމާންކޮށްފައެވެ. މޫނުގައި ކޮންމެވެސް ވަރަކަށް މޭކަޕްގެ އަސަރުވެސް ފެންނަން ހުއްޓެވެ. ލޯމަތިން މިފަހަކަށް އައިސް ފެންނަން ހުންނަ ‘ދުޅަކަމެއް’ ވެސް އެހާބޮޑަށް ފާހަގައެއް ނުވެއެވެ.

ތެދުވަމުން، އަދުހަމްގެ ދެލޯ އުނގުޅާލިއެވެ. ލިބިފައިހުރި ހައިރާން ކަމުންނެވެ. “އައިޝާ ތިހުރީ އަނެއްކާ ހަމައިގަތަ؟”

“ކީކޭ؟ އަހަރެން ނިދަން ލާން ގެންގުޅޭ ހުރިހައި އެއްޗެއް ދާވެފަ ހުރީމައޭ މި އެއްޗެހި މިގަޑީގަ ލައިގެން މިހުރީ.” އިސްތަށިގަނޑުގައި އަތުން ފުނާ އަޅަމުން، މޭޒުގެ އެއް ކަނުގައި އިށީންނިއެވެ. އިސްދަށަށް ޖަހައިލަމުން އަތުގައި އޮތް ކެވެލިކޮޅާއި ކުޅެންފެށިއެވެ.

އައިޝާއަށް އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާއި ބޭނުން ޓޮޕިކަކަށް ވާހަކައެއް ދައްކަން ފެށުން އެއީކީ އެހައި ބޮޑުކަމެއް ނޫނެވެ.  އުނދަގޫކަމެއް ނޫނެވެ. އަދުހަމް އަކީ އެހައި ވިސްނުންތެރި، އޭނާއަށް އަޅައިލައި ކުއްޖަކަށް ވާނެކަމަށް މީގެ ކުރިން އޭނާ ހިއެއް ނުކުރެއެވެ. އަދި ފްރީކޮށް ކޮންމެފަދަ ވާހަކައެއްވެސް ދައްކައިލެވިދާނެ ކުއްޖެއް ކަމަށް ހިއެއް ނުކުރެވެ އެވެ. ނަމަވެސް އައިޝާ އެއްމެ ހިތްދަތިވި ދުވަސްކޮޅު އަދުހަމްގެ ފަރާތުން ފެނިގެން ދިޔައީ ހީވެސް ނުކުރާހާ ރަނގަޅު ބަދަލެކެވެ.

“އަހަރެން ދައްތަ ކައިރީގަ ވާހަކައެއް ބުނަންވެފަ އެބައޮތް.” އަދުހަމް ވަރަށް ޖެހިލުންވެ އިނދެ ބުންޏެވެ.

އަދުހަމް ބުނަން އުޅުނު ވާހަކަ ބުނެ ނުނިމިގެން އުޅެނިކޮށް އައިޝާ ވާހަކަދައްކަން ފެށިއެވެ. “މަށަށް އެނގޭ. ކޮންމެހެން އެކަން ފޮރުވަން އުޅުމުގެ ބޭނުމެއްނެތް، އަހަރެން ކައިރީ މަލީޝާ އެ ވާހަކަތައް ކިޔައިދީފި.”

ކުއްލިއަކަށް އަދުހަމް ކޮޅަށް ދެތުވިއެވެ. ގޮށްމުށް ކަވާފައި ފާރުގައި ބޮނޑިއެއް އަޅުވައިލިއެވެ. “ޑޭމް.  އޭނައަށް އެނގޭތަ؟ އައި އޭމް ސޯ ސޮރީ ސިސް. އައި މޭޑް އަ ހިއުޖް މިސްޓޭކް. އެރޭގަ އަހަންނަށް ހުރެވުނީ ޖައްސައިގެން. ދެން އޭނަ-“

އައިޝާ، އަދުހަމް އާއި ކައިރިއަށް ޖެހިލިއެވެ. “ކީކޭތަ ތި ކިޔަނީ؟ ކުރީ ރޭގަ އޭނައާއެކު ކެފޭގަ އިނީމެއްނު؟” އަދުހަމްގެ ކޮނޑުގައި ހިފައި އައިޝާ އާއި ދިމާއަށް އަނބުރާލަމުން  ބުންޏެވެ.

އައިޝާ ގެ ޖުމްލަ ފުރިހަމަ ވުމުން އަދުހަމް އަށް ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. އަދުހަމް އަށް ކުރެވުނީ ސިކުނޑި ސުމަކަށް ދާން އުޅޭކަހަލަ އިޙްސާސެކެވެ.

‘ދައްތަ އެ ދައްކަނީ ކުރިންރޭ އަހަރުން ކެފޭއަށް ދިޔަވާހަކަދޯ. އަހަރެން މި ހީކުރަނީ އެ،….  އަނެއްރޭގެ ވާހަކަ ކަމަށް.’ އަދުހަމް ބޮލުގައި އަތުން ހިފަހައްޓަމުން ސޯފާގައި އިށީންނިއެވެ. ހަމަ އެއާއެކު ސޯފާމަތީގައި ބާރަށް ޖެހިއެވެ.

‘އަދުހަމް. ކިހިނެތްތަ ވެގެން ތިއުޅެނީ؟ މަލީޝާގެ ވާހަކައެއް ނޫންތަ އަދޫ ތި ދައްކަނީކީ؟”

އައިޝާ ގެ ސުވާލު އިވިފައި އަނެއްކާވެސް އަދުހަމް އަށް ތެޅިގަނެވުނެވެ. “އައިޝް. އަހަރެން އެރޭ.” އަދުހަމްގެ ހިތް ބާރަށް ތެޅެމުންދާ އަޑު ޚުދު އޭނާއަށް އިވެންފެށި އެވެ.

“އަހަރެން ދުށިން ޝިފާ. މިބުނީ ޝިފާ ގެއްލުނު ރޭގަ އަހަރެން އޭނަ ދުށިން. މަގޭ ފްރެންޑުންނާއެކު ޕާޓީކޮށްފަ، ޖައްސަން ތިބެފަ އަހަރެން އަންނަނިކޮށް އޭނަ އަހަރެންގެ ބޯކޮޅު ބަލަމުން ފަހަތުން އަޅުވާލައިގެން އައީ.” އަދުހަމް ގެ އަތުން ނިތްކުރީގައި ބާރަށް އަތް އުނގުޅަން ފެށިއެވެ. “އޭނަ އުޅުނީ ގަދަކަމުން އަހަންނާ ކިސް ކުރަން. އަހަރެން އޭނަ ދުރަށް ކޮއްޕާލިން. ޝިފާ ގާތަށް ވަރަށް ބޮޑަށް ރުޅިއައި. ދެން އޭނާ ތަނެއް ދޮރެއް ނުބަލައި އަހަރެން ގައިގަ ތަޅަން ފެށީ. އަހަރުމެން ދެމީހުން ވަރަށް ގަދަޔަށް ޒުވާބުކުރިން އެރޭގަ.” އަދުހަމް ދެލޯ މަރައިލިއެވެ. ސޯފާގައި ބޯޖަހަމުން މޫނު ފޮރުވިއެވެ.

“އެއްމެ ރަނގަޅު. ތި ދެމީހުން ކިތައްމެ ރުޅި އައިސްފަ ތިއްބަސް، އަދޫ އެތަނުން ދުރަށް ދިޔައިރު، ވޯޒް ޝީ އޯކޭތަ؟” އަދުހަމް ގެ ބޮލުގައި ފިރުމާލަމުން އައިޝާ އެހިއެވެ.

“އޮފް ކޯޒް ޝީ ވޯޒް މޯރ ދެން އޯކޭ. އެނގެއެއްނު ޝިފާގެ ގޮތް. އަސްލު އަހަރެން ހީކޮށްގެން ހުރީ އޭގެ އަނެއް ދުވަހު ސިސް ކައިރީގަ މިވާހަކަ ބުނަން. އެކަމަކު ދެން އޭނާ-“

އަދުހަމް ދެއްކި ހުރިހައި ވާހަކައެއް އައިޝާ އަޑުއެހިއެވެ. އައިޝާ އަދުހަމް ކައިރީ ކުރަން ބޭނުން އެތައް ސުވާލެއް ބޮލުތެރޭގައި ފުނިޖެހެމުން ދިޔަޔަސް އޭނާ ބޭނުންވީ އެ ސުވާލުތައް އެހެން ވަގުތެއްގައި ކުރުމަށް މަޑުކޮށްލުމަށެވެ.

އަދުހަމް އާއި ދިމާއަށް އައިޝާ ބަލަން އިނެވެ. ވިސްނަމުންނެވެ. ވިސްނަމުން ދިޔައީ އޭނާއަށް ފެންނަ ހުވަފެންތަކުގެ ވާހަކަ އަދުހަމް ކައިރީގައި ކިޔައިދޭނީތޯ ނުވަތަ ކިޔައިނުދީ މަޑުކޮށްލާނީތޯ އެވެ.

“އަދޫ. އަހަރެންވެސް އަދޫ ކައިރީގަ ވާހަކައެއް ޝެއަރކޮށްލަން ބޭނުން.”

އަދުހަމް އިސްއުފުލައިލިއެވެ. އަޑުއެހުމަށް ޝައުޤުވެރިކަން ހުރުމުން ކުރިއަށް ޖެހިލިއެވެ.

“އަހަންނަށް ހުވަފެނެއް ފެންނަނީ. އެ ހުވަފެނުން ފެންނަނީ ޝިފާ އަށް ނުރައްކަލެއް ކުރިމަތިވެގެން އުޅެނިކޮށް. އަހަރުމެންނަށް އެ ހުވަފެނުގަ ތިބެވެނީ ނުވެސް ދަންނަ ތަނެއްގަ.” އައިޝާ އަށް ފެންނަ ހުވަފެން ކިޔައިދޭން ހަމަ ފެށުމާއި އެކު އޭނާ ހުއްޓުވޭތޯ އަދުހަމް މަސައްކަތް ކުރިއެވެ. ނަމަވެސް އައިޝާ ގެ ވާހަކަތައް މެދުކަނޑައިނުލައި ކުރިއަށް ގެންދިޔައެވެ. “އަހަންނަށް މި ހުވަފެން ފެންނަން ފެށީ ޝިފާ ގެއްލުނުފަހުން. ދެން އަނެއްކާ އީތަން ގެއްލުނުފަހުން، ހަމަ އެކަހަލަ ހުވަފެނަކުން އީތަން ވެސް ފެންނަން ފެއްޓި. ކޮންމެ ފަހަރަކުވެސް އެ ހުވަފެން ފެންނަނީ ހަމަ އެއްގޮތަކަށް. އެއްމެ ތަންކޮޅެއްވެސް ބަދަލެއް ނުވެ. އެ ހުވަފެނުން އެއްމެ ބިރުގަންނަ ތަންކޮޅަކީ ބިމުން އަރާ އަތެއް ފެންނާތީ.”

“ބިމު އަޑިން އަތެއް އަރައި ބިމު ތެރެއަށް ޝިފާ ދަމައިގަނެގެން ގެންދާތީ ދޯ!” ހައިރާންވެ އިނދެ އަދުހަމް ބުންޏެވެ.

އައިޝާއަށް ހީވީ ގައިގައި ކަރަންޓް ޖެހުނުހެންނެވެ. މުޅި މީހާގެ ގަޔަށް ވަރުގަދަ ހީރޯޅިއެއް އަރައިގެން ދިޔައެވެ. “ކިހިނެތް އަދޫ އަށް ތިކަން އެނގުނީ؟”

“އަހަންނަށްވެސް ހަމަ ތި ހުވަފެންތައް، ހަމަ ތިގޮތަށް ފެންނަތާ ދުވަސްކޮޅެއް ވެއްޖެ!!!”

ނުނިމޭ

 

 

އާކުއްޖެކޭ ދަސްވީފަހުން: 15 – ފެހި ދޫލަ

ގޮތް ނޭނގޭ ތަނެއް

ލޯ ހުލުވައިލުމުގެ ކުރިން ޝިފާ ދެތިން ފަހަރަކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލިއެވެ. ދިއްލާފައިހުރި އަލިގަދަ ލައިޓްގެ ސަބަބުން ކުރިމަތީގައި ހުރި ހުރިހައި އެއްޗެއްވެސް ފެންނަނީ ފުސްކޮށެވެ. އިރުކޮޅެއް ވަންދެން އަވަސް އަވަހަށް އެސްފިޔަ ޖަހަމުން، ލޯ އުނގުޅަމުން ގޮސް އެއްމެ ފަހުން އެއްޗެއް ސާފުވާވަރު ވެއްޖެއެވެ. ވަށައިގެން ހުރި ހުރިހައި އެއްޗެއްވެސް ސާފުކޮށް ފެންނަން ފެށިއެވެ. ޝިފާ އަށް އެއްމެ ފުރަތަމަވެސް ފެނުނީ އޭނާގެ އަމިއްލަ ސޫރައެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނާގެ ސޫރަ ފެނުމުން ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. އޭނާއަށް އޮވެވުނީ ވީރާނާ ވެފައިވާ ކޮޓަރިއެއްގައި ކަން އެނގުނެވެ. މުޅި ކޮޓަރި ތެރެއިން ކޮންމެވެސް އެއްޗެއްގެ ކުނިވަސް ދުވަމުން ދިޔައެވެ.

ޙަރަކާތެއް ކޮށްލެވޭތޯ ބަލައިލުމުން އެނގިގެން ދިޔައީ އަދިވެސް އޭނާ އޮތީ ބަނދެފައި ކަމެވެ. ދެ އަތާއި ދެ ފައިވެސް ވަނީ ބަނދެފަ އެވެ. އަދިވެސް އޭނާއަށް އޮވެވުނީ ކުރިންވެސް އޮތްތަނުގައި ކަން އެނގުނެވެ. އެއީ ކޮންތަނެއްކަން ނޭނގުނަސް، ކޮންމެވެސް ވަރަކަށް ދަންނަ ތަނެއް ކަމަށް ޝިފާ ގެ ހިތް ބުނަމުން ދިޔަ އެވެ.

އެތަނަށް އޭނާ ވެއްދި އިރު ކަރަންޓް ނެތްކަން ހަނދާންވުން ފިޔަވައި މާކަ ގިނަ އެއްޗެއް އޭނާ ހަނދާނެއް ނެތެވެ. ކުޑަ ދޮރަކުން އެ ކޮޓަރި ތެރެއަށް އަލިވެފައި އޮތްކަން ފާހަގަކުރެވުނެވެ. ދުވަމުން ދިޔަ ވަސް ހައްތަހާ ދިޔައީ ގަދަވަމުން ނެވެ.

ޝިފާ ގެ މުޅި ގައިގައި ރިއްސަމުން ދިޔަ ކަން އިޙްސާސް ކުރެވެން ފެށީ އިރުކޮޅެއް ފަހުންނެވެ.

‘ފުރުޞަތެއް ލިބުނަސް މިވަރަށް ގަޔަށް ތަދުވާއިރު ދުވެ ފިލޭނެ ގޮތެއްވެސް ނޯންނާނެ!’ ޝިފާ ގެ ހިތަށް އަރަމުން ދިޔައެވެ.

‘މިޔޮށް ދުވާ ކުނިވަހަކުން އަހަރެން މަރުނުވެ އެބަދޭބާ! ހާދަ ވަރުގަދަ ކުނިވަހެކޭ މި ދުވަނީ.’ ޝިފާ އަށް ހިތާއި ހިތާ ކިޔައިލެވުނެވެ.

ކައިރީގައި ހުރި ލޯގަނޑުން އޭނާގެ ސޫރަ ބަލަން ކިތައްމެ ހިތް ނުއެދުނަސް ޝިފާ އަށް އެހެން ގޮތެއް ނެތެވެ. ވަގުތު ތައް ކަޑައްތު ކޮށްލަން ކުރެވޭނެ އިތުރު އެހެން ކަމެއްވެސް ނެތީމައެވެ. ލޯގަނޑުން މޫނު ބަލަން އޮވެފައި ބަލައިލެވުނު ގޮތަކުން ކޮޓަރީގެ އެއްފަރާތެއްގައި ބާއްވާފައި އޮތް ފެހި ކުލައިގެ ދޫލައެއް ފެނުނެވެ. އެ ދޫލަ އޮތީ އޮޅާލާފައެވެ.

ވަރަށް މަސައްކަތުން އަރިއަކަށް އޮވެ ފުރޮޅެމުން ގޮސް ކާޕެޓާއި ހަމައަށް ފައި ފޯރާ ހިސާބަށް ދިޔައެވެ. ފައިގެ އިނގިލިތަކުން ކޮންމެވެސް ވަރަކަށް އެ ކާޕެޓް ނިއުޅުވައިލި އެވެ.

‘އެ ވަސް އަންނަނީ މި އެއްޗަކުން.’ ދަތްކުނޑި ވިކާލަމުން ޝިފާ ގެ އަމިއްލަ ނަފުސަށް ބުންޏެވެ.

އިތުރަށް އެ ދޫލަ ނިއުޅުވުމަށް ފައިން ކޮއްޓަން ފެށިއެވެ. ކޮންމެވެސް އެއްޗެއް އެ ދޫލަ ތެރެއިން ބޭރަށް ވެއްޓިއްޖެ އެވެ.

“ޔާރައްބީ!!.” ދޫލަ ތެރެއިން ވެއްޓުނީ އިންސާނެއްގެ އަތެއް ކަން އެނގުމުން ދޫލަ އާއި ދުރަށް ޖެހިލެވުނެވެ. ކުރިން އޮތް ތަނަށް ގޮސް ހަމަޖެހިލެވޭތޯ ބެލިއެވެ.

ބިރުން ފިތްކަނޑައިގެން ގޮސް ޝިފާ ގެ ހަށިގަނޑު ތެޅެން ފެށިއެވެ.

“މީ ކޮން ތަނެއް؟؟ ޕްލީޒް އަހަރެން ދޫކޮށްލަދީ …. އަޅެ ޕްލީޒް!!” ކަރު އޮތް މިނަށް ޝިފާ ހަޅޭއް ލަވަން ފެށިއެވެ.

ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. ބިރުވެރި ފިލްމު ތަކުން ދޮރު ހުޅުވޭ އިރު އެ އިވޭ ތޫލި އަޑުފަށްގަނޑާއި އެކުގައެވެ. ކޮންމެވެސް މީހަކު އެތަނަށް ވަދެ ޝިފާ އަށް ބަލަން ހުއްޓެވެ. ގަތްފައިވާ ބިރެއްގެ ސަބަބުން އެއީ ކާކުތޯ ބަލައިލުމުގެ ހިތްވަރެއްވެސް ޝިފާ ގެ ގަޔަކު ނެތެވެ.

ކޮޓަރީގެ އެއް ފަރާތުގައި އޮތް ކާޕެޓާއި ދިމާއަށް އެ މީހާ ހިނގައިގަތެވެ. ފާރާއި ކައިރިއަށް އެ ކާޕެޓް ޖައްސައިލީ އެ މީހަގެ ފައިން ނެވެ. ފާރުކައިރިއަށް ޖައްސާލުމަށްފަހު ފައިން އެ ކާޕެޓް ނިއުޅުވައިލިއެވެ. ކާޕެޓް ތެރޭގައި އޮތީ އިންސާނެއްގެ މުޅަވެފައިވަ ހަށިގަނޑެކެވެ.

ކިތައްމެ ނުބަލާނަމޭ ހީކޮށްގެން އޮތަސް ޝިފާ އަށް ހަމަ ރަނގަޅަށްވެސް އެ ހަށިގަނޑު ފެނިއްޖެއެވެ.  އެވަގުތު ޝިފާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނޭވާ އަވަސްވެ ތެޅިގަނެވުނެވެ. ދެންމެ ފެނުނު މަންޒަރު ސިކުނޑިތެރޭގައި އެނބުރެމުން ދިޔައެވެ. އެއީ ޒުވާން އަންހެން ކުއްޖެއްގެ މުޅަ ހަށިގަނޑެކެވެ. ބަލާބެލުމަށް 18 ނުވަތަ 20 އަހަރަށް ދާ ވަރުގެ ކުއްޖެކެވެ. އޭނާގެ ކަޅު އިސްތަށިގަނޑު އޮތީ ލެއިން ތަތްތެޅިފަ އެވެ. ދެލޯ ވަނީ ތަންމިނަށް ހުޅުވިފައެވެ.

ކާޕެޓްގެ ތެރެއިން އެ ކުއްޖާގެ ހަށިގަނޑު އެމީހާ ނެގީ މާ ބޮޑުކަމަކަށް ނަހަދަ އެވެ. ކާޕެޓުން އެއްކޮށް ނެގި ވަގުތު އެކުއްޖާގެ ބޯ އޮތީ ޝިފާ އާއި ދިމާއަށް އެނބުރިފަ އެވެ. ތަންމިނަށް ހުޅުވިފައިވާ ދެ ލޯ އަމާޒުވެފައި އޮތީ ހަމަ ސީދާ ޝިފާ އަށެވެ.

ކާކުކަން އެނގޭ ވަރަށް ސިފަ ވަކިކުރަން ނޭނގޭ އެ މީހާގެ ދެ އަތުން، މުޅަވެފައިވާ ކުއްޖާގެ ހަށިގަނޑު ނަގައިގެން ޝިފާ އާއި ދުރަށް ހިނގައިގަތެވެ. ތަޅުންގަނޑު މަތީގައި ޝިފާ ގެ ބޯ ޖަހައިލިއެވެ. ދެންމެ ފެނިގެން ދިޔަ މަންޒަރު ހަނދާން ނައްތައިލުމަށް މަސައްކަތް ކުރަން ފެށިއެވެ.

އެމީހާގެ ފިޔަވަޅުތަކުގެ އަޑު ޝިފާ އާއި ދުރަށް ދާން ފެށުމުން ބޯ އުފުލައި ބަލައިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުފަތް ލައްޕައިލި އަޑު އިވުނެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް ޝިފާ ގެ ކުރިމަތިން ސިފަވެގެން ދިޔައީ މުޅަވެފައިވާ އެ ކުއްޖާގެ މޫނެވެ.

އެ ކުއްޖާގެ މޫނަކީ ކޮންމެވެސް ގޮތަކުން ޝިފާ ދަންނަ މޫނެކެވެ. އެއީ ކޮންމެވެސް ތަނަކުން، ކޮންމެވެސް އިރެއްގައި ފެނިފައިވާ މޫނެކޭ ޝިފާ ގެ ހިތަށް އަރަމުން ދިޔައެވެ.

ޝިފާ ލޯ މަރައިލިއެވެ. އެއީ ކޮން ކުއްޖެއްކަން ހަނދާން ވޭތޯ މަސައްކަތް ފެށިއެވެ. ވިސްނަން ފެށިއެވެ.

‘އެއީ މަލީޝާ!!’ ކުއްލިއަކަށް ޝިފާ ގެ ހަނދާނަށް އެ މޫނަކީ ކާކުގެ މޫނެއްކަން އައެވެ. އެވަގުތު ޝިފާ ގަތްފައިވާ ބިރު އިންތިހާއަށް ދިޔައެވެ.

“މަށަށް ހަމަ ޔަޤީން އެ ކުއްޖާގެ މޫނާއި މަލީޝާ ގެ މޫނާ ހަމަ އެއްވެސް ތަފާތެއް ނެތްކަން. އެހެންވީމާ އެއީ މަލީ….. ޔާ ރައްބީ. ނޫން، ނޫން….. އެއީ މަލީޝާ ގެ ކޮއްކޮ ގެ ހަށިގަނޑު!!؟؟؟!!” ޝިފާ އަށް ހަޅޭއް ލަވައިގަނެވުނެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 16 – ހަފުތާ ބަންދު

ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން މުޅި ދުވަހު ހަތަރުދަމު ވާރޭވެހި ހުޅުމާލޭގައިވެސް އޮތީ ފެންބޮޑުވެފައެވެ. މުޅި މާހައުލަށް އޮތީ އާދަޔާ ޚިލާފު ފިނިކަމެއް ވެރިވެފައެވެ. ޖެހެމުންދިޔަ ފިނިރޯޅިތައް ގައިގައި ބީހިލުމުން ހީކަރުވައިގެން ދާހާ ވަރުވެ އެވެ. ހަފުތާ ބަންދާއި ދިމާވުމުން އަދްހަމް ނިންމީ އެއްވެސް ތަނަކަށް ނުގޮސް ގޭގައި މަޑުކޮށްލުމަށެވެ. އޭނާގެ ދައްތަ، އައިޝާ ކައިރީގައި މަޑުކޮށްލުމުގެ ބޭނުމުގަ އެވެ.

އެގޮތަށް އަދުހަމް ނިންމި އަސްލު ބޭނުމަކީ އެއީ ނޫންކަން ޚުދު އަދްހަމް ގެ ޟަމީރަށް އެނގެއެވެ. ހަފުތާ ބަންދާއި ދިމާކޮށް މަލީޝާ އެގެއަށް ނިދަން އަންނާނެ ވާހަކަ އައިޝާ ކައިރީގައި ބުނެފައިވާކަން އެނގުނު ހިސާބުން އަދުހަމް ގެ އެ ނިންމުން ވަނީ ނިންމާފައެވެ. ހަފުތާ ބަންދުގައި އެއްވެސް ތާކަށް ނުގޮސް ގޭގައި މަޑުކުރުމަށެވެ. އަދްހަމް ގެ ދައްތަ ކައިރީގައި ދޮގެއް ހަދަން ޖެހުނީތީ އޭނާގެ އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. ދައްތަ އަށް ދޭންވާ ސަމާލުކަމަށްވުރެން ބޮޑަށް މަލީޝާ އާއި މެދު ސަމާލުކަން ދެވޭހެން ހީވެ އެކަމާ ލަދުގަތެވެ.

އަދްހަމަ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. ގޭގައި މަޑުކޮށްގެން ހުރުމުން އޭނާގެ ދައްތައަށް އެހީވާން ހުރެވޭނެ އެވެ. މީގެ އިތުރުން މަލީޝާ ފެންނަފަށުގައި ހުރެވޭނެ ކަމެވެ. އޭރުން އެއްދޮނުގައި ދެބުޅިވެސް ޖަހައިލެވޭނެ އެވެ. އެހެން ނޫނަސް ސްކޫލް އަހަރީ ކޮންސެޓާއި ދެމެދު އަދި މަހެއްވަރު އެބައޮތެވެ. ކޮންސެޓް ޕްރެކްޓިސް ދެ ދުވަހަކު ކަޓުވާލިޔަސް މާބޮޑު ގެއްލުންތަކެއް ނުދައްކާނޭ އަދްހަމް ގެ ހިތަށް އެރިއެވެ.

އަދްހަމް އަމިއްލަ އަކަށް އޭނާ ލާނެ ޖީންސަކާއި ޓީޝާޓެއް އިސްތިކޮށްލިއެވެ. ވޭތިވެދިޔަ ހަފުތާ ތަކުގައި އަދްހަމް އަށް އެތައް ފުރުޞަތު ތަކެއް ލިބިގެން ދިޔަ އެވެ. މަލީޝާ ގޮވައިގެން ޑިނަރ އަކަށް ދިއުމަށެވެ. އެކަމަކު ކޮންމެވެސް ކަމެއް މެދުވެރިވެގެން ދެވޭގޮތް ވަނީ ނުވެފައެވެ. ދެމީހުންގެވެސް ‘މޫޑް ޚަރާބުވެ’ ދާހިތް ނުވެ ދިޔައީ އެވެ. ނަމަވެސް މިފަހަރު އަދްހަމް ނިންމައިގެން އެ ހުރީ މަލީޝާ ގޮވައިގެން ދިއުމަށެވެ.

އެނދު ކައިރީގައި ހުރި ސޯފާ ގައި އަދުހަމް އިށީންނަމުން ފޯނު ނަގައިގެން އެފްބީ ޗެކްކޮށްލި އެވެ. އެއީ ހޮނިހިރު ދުވަސްކަމުން ހަފުތާ ބަންދު ނިމޭތީ އަދުހަމް ހުރީ އެއްގޮތަކުން ހިތްހަމަ ޖެހިފައި ނަމަވެސް މަލީޝާ ދާތީ ހިތްހަމަ ނުޖެހިފަ އެވެ. ރޭ ހަތަރުދަމުހެން އޭނާ އުޅުނީ ހޭލަ އެވެ. ހަނި ފުރުޞަތަކުންނަމަވެސް މަލީޝާ އާއި އެކަނި ބައްދަލުކޮށްލެވޭނެ ވަގުތަކަކަށް ބަލަބަލަ އެވެ. ހޭލާ އިންކަމުން އޭނާގެ ކޮޓަރިތެރެ ހަމައަކަށް އަޅުވައިލެވުމުންވެސް އަދުހަމް ހުރީ ހިތްހަމަ ޖެހިފައެވެ. ސާފުކުރަން އުޅެނިކޮށް އީތަން އާއި އައިޝާ އާއި އެކުގައި އަދުހަމް ނަގާފައިވާ ވަރަށް ދުވަސްވީ ފޮޓޯއެއްވެސް ފެނުނެވެ.

އެ ފޮޓޯ ނެގި ދުވަސްކޮޅު ވަރަށް ގިނައިން އީތަން އެގެއަށް އައިސް އުޅުނެވެ. އަދުހަމް ނުވަތަ އައިޝާ އާއި އެކުގައި ކޮންމެވެސް ސަކަރާތެއް ޖެހުމުގައި ނޫނީ ފިލްމެއް ބެލުމުގައި ވަގުތު ހޭދަކޮށް އުޅުނެވެ. އެކުގައި ޕީއެސްޕީ ގޭޭމް ކުޅުމަކީ އޭރު އީތަން އެއްމެ ފޯރީގައި ކޮށް އުޅުނު އެއްކަންތަކެވެ. އެހެެން އުޅެމުން އައިޝާ އާއި އީތަން ރައްޓެހިވިގޮތްވެސް އޭނާާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެ ދެމީހުން ރުޅިވުމުން އީތަން އާއި އަދުހަމް ޒުވާބުކުރި ޒުވާބުގެ މަތިންވެސް އަދިވެސް ހަނދާން އެބަހުއްޓެވެ. އޭޭގެ ފަހުން އެމީހުން އެއްވެސް ވަރަކަށް އަނގައިން ބުނެއެއް ނޫޅެ އެވެ.

އަދުހަމް ގެ ވިސްނުން ދެން ބަދަލުވީ ޝިފާ އާއި ދިމާއަށެވެ. ޝިފާ އާއި އީތަން އެކުގައި ފިލި ޚަބަރު ލިބުމުން އޭނާއަށް އެއްމެ ފުރަތަމަ ހައިރާން ކަމެއް ލިބުނެވެ. އެ ދެމީހުންނޭޭ ކިޔައިގެން ދެކެވޭ ވާހަކަތައް ޤަބޫލު ނުކުރާ ކަމަށް އަދުހަމް ބުނުމަކީ އަމިއްލަ ނަފުސަށް ހެދޭ ދޮގަކަށް ނޫނީ ނުވާނެކަން އަދުހަމް އަށް އެނގެ އެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ތިގޮތަށް މަލީޝާ އައިމަ. އަޅެ ތިގޮތަށް ތަންކޮޅެއް ގިނަގިނައިން ތިގޮތަށް އައިސް އުޅެބަލަ!” އަދުހަމް ވިސްނަމުންދިޔަ އޮޅުންބޮޅުން ބޮޑު ޚިޔާލުތަކުން ނިކުމެވުނީ އައިޝާ ގެ އަޑު ޖެހުމުންނެވެ.

އެއީ އަދުހަމް އިންތިޒާރު ކުރަމުން އައި ހިނދުކޮޅު އަނެއްކާާވެސް ޖެހުނު ވަގުތެވެ. ދައްކާނެ ހުރިހައި ވާހަކައެއް އޭނާގެ ސިކުނޑި ތެރޭގައި ވަނީ ޕްލޭންކޮށް ނިންމާފަ އެވެ. އަދުހަމްގެ ރައްޓެއްސެއްގެ ވެޑިންގ އަށް އަދުހަމް އާއި އެކުގައި ގޮސްދިނުމަށް އެދޭނެ ގޮތް ވަނީ އެތައް ފަހަރަކު ހިތުތެރޭގައި ރިހާސަލް ކޮށްފަ އެވެ. މަލީޝާ ގެއަށް ދާން ނުކުތުމުން، އައިޝާ ގެއަށް ވަންނަ ދަނޑިވަޅު ބަލާފައި، މަލީޝާ ގެއަށް ގެންގޮސް ދިނުމަށް އެދެން ހުރީ ތައްޔާރަށެވެ.

އޭޭނާގެ ޕްލޭޭން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އުއްމީދާއި އެކު ކޮޓަރިން ބޭރަށް ނިކުތުމުގެ ކުރިން ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލި އެވެ.

“މައްސަލައެއް ނޯންނާނެ. މަށަށްވެސް ވަރަށް ސަޅިކަމެއް މީ މިހެން އައިސް އައިޝާ މެންނާއެކު ޓައިމް ސްޕެންޑް ކޮށްލުމަކީ.” އައިޝާގެ އެދުމަށް މަލީޝާ ޖަވާބު ދެމުން ބުންޏެވެ. އަދިވެސް އެއް ފަހަރު އޭޭނާގެ ދަބަސް ހާވާލައި ޗެކް ކޮށްލި އެވެ.

“އައިޝް، ނޯޓްސް ތައް މަތީގަ ބަހައްޓާފަ މި ފޭބުނީ.”

“އެހެންތަ. މަޑުކޮށްލާ. އަހަރެން ގެނެސްދޭނަން.” އައިޝާ ޖަވާބުގައި ބުންޏެވެ.

މަލީޝާ ކައިރީގައި އައިޝާ ހުރެފައި އެތަނުން ދުރަށް ދިޔަ އަޑު އިވުނެވެ. އަދުހަމް ސިއްރު ސިއްރުން ސިޓިންގ ރޫމް ތެރެއަށް ވަދެއްޖެ އެވެ. ބްކް ޝެލްފުން ފޮތެއް ނަގައިގެން އެ ކިޔާކަމަށް ހެދިގެން ސިޓިންގ ރޫމްގައި މަޑުކޮށްލި އެވެ.

“ހައި!” މަލީޝާ އާއި ދިމާއަށް ބަލައިލަމުން އަދްހަމް ބުންޏެވެ.

“ހައި. އަހަރެން ހީކުރީ ރޭގަ އަދްހަމް ގެ ފްރެންޑްންނާއި އެކު ދަތުރު ދިޔަކަމަށް.” ދޮރުކަނީގައި އިނގިލިތަކުން މަޑުމަޑުން ބެރު ދަނޑިވަޅަކަށް ޖަހައިލަމުން ބުންޏެވެ.

އަދްހަމް ގެ މޫނު ރަތްވެގެން ދިޔަ އެވެ. “ނޫނޭ. އަހަރެން އެންމެފަހުން ޚިޔާލު ބަދަލުވީ. އައިޝާ އެކަނި ބަހައްޓާފަ ދާާން ބޭނުން ނުވީ.”

“އޯހް. ހާދަ ރަނގަޅު ކޮއްކޮއެކޭ ދޯ އައިޝާ އަށް ލިބިފަ ތިހުރީ.” ކުޑަކޮށް ދިމާކޮށްލާ ރާގުގައި އައިޝާ ބުންޏެވެ.

“އަހަރެން މި ހިތަށް އަރަނީ…”  އަދްހަމް ގެ ފުށަބޯ ކަހާލަމުން ބުނަންފެށި ޖުމްލަ މެދުކަނޑައިލި އެވެ.

“ހޫމް.. ކީކޭ؟” އަދްހަމް އަށް ބަލައިލަމުން މަލީޝާ ސުވާލުކުރިއެވެ.

“އަހަރެން ތީނަ ގެއަށް ވައްޓާލަދީފާނަން. މި ގަޑީގަ އެކަނިި ގެއަށް ދިއުން އެހައި ރައްކާތެރިއެއް ނުވާނެއެއްނު ދޯ!”

“އޯކޭ.. ތޭޭންކްސް.” މަޑުމަޑުން މަލީޝާ ބުންޏެވެ.

“އަނެއްކާވެސް ވެހިގަތުމުގެ ކުރިން އެބަޖެހޭ ނައްޓާލަން. ‘ސިސް އަންނަން ދެން މަލީޝާ އެބަހުއްޓޭ. އަވަސް ކޮށްބަލަ’!!” ވިއްސާރައަށް އިޝާރާތް ކުރަމުން އަދްހަމް ގެ ދައްތައަށް ގޮވާލިއެވެ.

“މި އަންނަނިއްޔޭ!! ކެތް ކޮށްލަބަލަަ!” ސިޑިން، ތިރިއަށް ފައިބަމުން އައިޝާ ޖަވާބު ދިނެވެ.

“އަހަރެން މީނަ ގެއަށް ގެންގޮސްދީފަ އެބަ އަންނަން. އޯކޭ ތަ؟” އަދްހަމް ބުންޏެވެ.

“އޯކޭ.” ބުމަ އަރުވައިލަމުން އައިޝާ ޖަވާބު ދިނެވެ. އަތުގައި ހުރި މަލީޝާ ގެ ނޯޓްސް ތައް މަލީޝާ އަށް ދިއްކޮށްލި އެވެ.

“އައިޝާ ވެސް އަހަރުންނާ އެކީގަ ދާންވީނު؟” މަލީޝާ އެދުނެވެ.

“ހޭވައްލާ ތައްޔާރު!!” އަދްހަމް އަށް ބަލައިލާފައި ކުޑަކޮށް ހީލަމުން އައިޝާ ޖަވާބު ދިނެވެ. އަދްހަމް ގެ ސިކުނޑިތެރޭގައި ރާާވަމުންދާ ޕްލޭން އައިޝާ އަށް ހަމަ ރަނގަޅަށްވެސް އެނގެ އެވެ.

އަދްހަމް ކަރު އެލުވައިލަމުން ކާރުގެ ތަޅުދަނޑި ނެގިއެވެ. “ދެން، . … ދާ ބަޔަކު އަވަހަށް ދާން ހިނގާބަލަ!!” އާފުރިލަމުން އަދްހަމް ބުންޏެވެ.

“މަ ހަމަ ތައްޔާާރު. އަހަރުން ތިން މީހުން އެކުގަ ބުރެއް ޖަހާލެވޭ ގޮތް ވީނު.” ‘ތިން މީހުން’ މި ލަފުޒަށް ބާރުލަމުން އައިޝާ ބުންޏެވެ. “މި ވީކް-އެންޑް މިދިޔައީ ވަރަށް ސަޅިކޮށް. ވަރަށް މަޖާކޮށް.” ހިނިތުންވުމަކާއެކު ވަރަށް ބާރަށް އައިޝާ ބުންޏެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 17 – އާދޭ އެތެރެއަށް؟

ތިން މީހުން ކާރަށް އަރައިގެން ނައްޓާލީ މަލީޝާ ގެ ގެއާާއި ދިމާއަށެވެ. މަލީޝާ ގެ ގެ ހުންނަ ތަން އަދްހަމް އަށް ނޭނގޭތީ މަލީޝާ ކިޔައިދިން ގޮތްގޮތަށް ދުއްވަމުން ދިޔައެވެ. އައިޝާ ގެންދިޔައީ އަދްހަމް އަށް ބަހުން ޖަހަމުންނެވެ. މަލީޝާ އާއި ހެދި މޮޔަވެފައި ހުންނާތީ އަޅުވާކިޔާ ގޮތަށް ބަހުން ޖަހަމުން ދިޔައީ ދިމާކުރުމުގެ ގޮތުންނެވެ.

އަދްހަމް ގެ ސަމާލުކަން އައިޝާ ގެ ވާހަކަތަކަށް ނުދީވޭތޯ މަސައްކަތްކުރަމުން މަގަށް ބަލަމުން ގެންދިޔައެވެ.

“އައްދޭ މަށެއް ނޫޅެން ތިބުނާހާ ވަރަކަށް. ދެން ހުއްޓާލަބަލަ ތިހެން ނުކިޔާ އޯކޭ.” އެއްމެ ފަހުން އަދްހަމް ގެ ބޮލަށް އުނދަގޫވެގެން ބުންޏެވެ. މަލީޝާ ރަކި ފާޑަކަށް ހެވިފައި އިނީއެވެ.

“އެހެންތަ؟ އެހެންވެއްޖެއްޔާ ތީ ވަރަށް ދެރަކަމެއް. ގައިމު ކުރިން ދުވަހެއްގަ މަލީޝާ މަ ކައިރީ ބުނި ދެޓް ޝީ ކައިންޑް އޮފް ލައިކް ޔޫ އޭ ދޯ މަލީ؟” މަލީޝާ އަށް ދޯ އަޅަމުން ލާނެތް ހިނިގަނޑަކާއެކު އައިޝާ ބުންޏެވެ. މަލީޝާ އެއްޗެކޭ ނުބުނެ އެވެ. ފާޑަކަށް ލަދުގެންފަ އިނީ އެވެ.

“އަހަރެން ނުބުނަމެއްނު އަހަރެން އޭނަދެކެ-” ބުނަންފެށި ޖުމްލަ މެދުކަނޑާލި އެވެ. “އަހަރެން-” އަނެއްކާވެސް ބުނަން އުޅުނު ޖުމްލަ މެދުކަނޑާލި އެވެ. ފަހަތު ސީޓްގައި އިން މަލީޝާ އަށް ބަލައިލިއެވެ.

“މަލީޝާ ދެކެ އަދޫ ލައިކް ވެޔޭ ދޯ؟” ފޯނަށް ބަލަން އިނދެފައި އަދުހަމް އަށް ބަލައިލަމުން އައިޝާ އެހިއެވެ.

“އައިޝާ…. ދެން ތިވަރަށް ތީނަ ކޮއްކޮ އާ ދިމާނުކޮށްލަ!!” އެއްމެ ފަހުން މަލީޝާ އަށް ހިމޭނުން ނުއިނދެވިގެން ބުންޏެވެ. “އޭނާ ދައްކާ ވާހަކައަށް އަޅާލާ އެއްޗެއް ނޫން އިނގޭ އަދޫ.”

ލަދުން އަދުހަމް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ހަމަ އެއާއިއެކު ކާރުގެ އެކްސެލެރޭޓަރަށް އޮއްބައިލި އެވެ. އެއްވެސް އެއްޗެކޭ ނުބުނެ ދުއްވަމުން ގެންދިޔައެވެ. އޭނާގެ ދައްތަ ކިތަންމެ ދިމާކުރިއަސް އިވޭކަމަށް ނުހަދައި މަޑުން އިނުމަށް ނިންމައިގެންނެވެ.

“އޯކޭ، ދެން އަޅަންވީ ކަނާތަށްތަ ނޫނީ ވާތަށްތަ؟” ހަތަރު އަނގޮޅިއަކާއި ހަމައަށް އަރައި ހަމަކުރެވުމުން ކާރު އަނބުރާލަންވީ ފަރާތެއް އަދްހަމް އޮޅުންފިލުވި އެވެ.

“ހުރި ސީދަލަށް ދުއްވާ.” މަލީޝާ ޖަވާބު ދިނެވެ.

އަދްހަމް ދުއްވަމުން ދިޔައީ ހުރި ސީދަލަށެވެ. މަލީޝާ ބުނިގޮތަށެވެ. އާދައިގެ ސްޕީޑެއްގަ އެވެ.

“އެހެރީތަ މަލީ މެންގެ ގެ؟” ތަންކޮޅެއް ގިނައިން ބޮޑެތި ގަސް ހެދިފައި އޮތް ހިސާބެއްގައި ހުރި ގެއެއް ފެނުމުން އަދުހަމް ސުވާލުކުރި އެވެ.

“އާނ. އެހެރަ ބޮޑު ގަސް ކައިރީގައި މަޑުކޮށްލާ!” ކާރު ބާއްވަންވީ ހިސާބު މަލީޝާ އޮޅުންފިލުވައިދިނެވެ.

“އޯކޭ.” ކާރު ގެ ސްޕީޑް މަޑުކޮށްލަމުން އަދްހަމް ބުންޏެވެ.

އައިޝާ ފަސް އެނބުރި މަލީޝާ އަށް ބަލައިލިއެވެ. “އެއީތަ މަލީ ގެ ގެއަކީ؟” ކުޑަކޮށް ހައިރާން ވެފައި އިނދެ ސުވާލުކުރިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން މަލީޝާ ބޯ ޖަހައިލިއެވެ.

“މިހިސާބަށް ގެނެސްދިނީތީ އެންޑް އައިޝްގެ ނޯޓްސްތައް ދިނީތީ ވަރަށް ބޮޑަށް ތޭންކްސް އިނގޭ.” ކާރުން ފައިބަމުން މަލީޝާ ގެ ދަބަހާއި ނޯޓްސް ތައް ނަގަމުން ބުންޏެވެ.

“ކޮންމެހެން މާކަ ފޯރމަލް ވާން އުޅޭނެ ކަމެއްނެތް އިނގޭ!” ހިނިގަޑެއް ޖަހަމުން އައިޝާ ބުންޏެވެ.

މަލީޝާ ވެސް ހީގަތެވެ. “އަދޫ ތޭންކްސް އިނގޭ.”

މަލީޝާގެ ޖަވާބަށް އަދްހަމް ދިނީ އާދައިގެ ހިނިތުންވުމެކެވެ. އެކަމަކު ލަދުރަކި ކަމެއް އެ ހިނިތުންވުމުގައި ހުއްޓެވެ.

ގެއާއި ދިމާއަށްމަލީޝާ ހިނގައިގަތެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް ފަސް އެނބުރި އަދްހަމް އާއި އައިޝާ އަށް ބަލައިލިއެވެ.

“ތި ދެމީހުންވެސް އަހަރުން ގެއަށް ވަދެލަންވާނެ އެއްނު ދޯ؟” މަލީޝާ ގެ ގެއަށް ވަނުމަށް ދަޢުވަތު ދެމުން ބުންޏެވެ.

ނުނިމޭ

 

އާކުއްޖެކޭ ދަސްވީފަހުން: 18 – އާދަޔާޚިލާފް ގެއެއް

“ނުވަންނާނަންތަ؟” އަނެއްކާވެސް މަލީޝާ ބުންޏެވެ.

“ކޮންމެވެސް އެހެން ފަހަރަކުން ދޯ!” އަދުހަމް އާއި އައިޝާ އެއްފަހަރާ ޖަވާބު ދިނެވެ.

“ދެން ހިނގާބަލަ!! އެއްމެން އެއްކުގަ ކޮފީއެއް ބޮއެލަން. ކޮފީއެއް ބޮއެގެންވެސް ތި މީހުންނަށް ގެއަށް ދެވިދާނެއެއްނު ދޯ!” މަލީޝާ ގޮތް ދޫކުރާކަށް ނޫޅުނެވެ.

“އޯކޭ.” އެއްމެފަހުން އައިޝާ ގޮތްދޫކުރި އެވެ. އޭރު ލޮލުގެ ހިމަކޮޅުން އަދުހަމް އިނީ އައިޝާ އަށް ބަލާށެވެ. އެ ލޮލުން ބުނަމުން ދިޔައީ އަވަހަށް ގެއަށްދާން ބޭނުން ވާހަކަ ކަން އައިޝާ އަށް އެނގިހުރެވެސް މަލީޝާ ގެ އެދުމަށް ފުރަގަސްދޭން ބޭނުން ނުވީ އެވެ.

ކާރު ޕާކުކުރުމަށްފަހު އަދުހަމް ހިނިތުންވެލި އެވެ. ގަދަކަމުންކަން އައިޝާ އަށް ކިތައްމެ ރަނގަޅަކަށްވެސް އެނގުނެވެ. އަދުހަމް ގެ އަތުގައި އައިޝާ މަޑުމަޑުން ޖަހާލަމުން އަދުހަމް އަށް ބަހެއް އެއްލި އެވެ.

“ކޮފީއޭ؟ ކޮންއިރަކު މަލީ ކޮފީބޯން ފެށީ؟ ކޮފީ އަކީ ލޫޒަރސް ބޯ އެއްޗެއްނޫންތަ؟”

“ކޮން އިރަކުތަ އަހަރެން ތިހެން ބުނީ؟” ކޮނޑު އަރުވާލަމުން އަދުހަމް އެހިއެވެ.

“މީގެ ދެދުވަސް ކުރިން އަހަރެން ކޮފީބޮނިކޮށެއްނު އަދުހަމް އެހެން ބުނީ!!”

“މަލީޝާ އެއްނު ކޮފީ ބޯހިތުން އެ އުޅެނީ؟ މަށެއް ނޫނެއްނު!!” ލަދުރަކި ގޮތަކަށް އަދުހަމް ބުންޏެވެ.

“ޔާރައްބީ! އަދޫ ހަމަ އަސްލުވެސް އޭނައާ ލައިކް ވޭ ދޯ!” އަދުހަމް ގެ އަތުގެ މާކަޅުވާ މަސްގަނޑުގައި ބޮނޑިއެއް ޖަހަމުން ހިނިގަނޑަކާއެކު އައިޝާ ދިމާކުރަން ފެށި އެވެ. “އެއީ މަގޭ ފްރެންޑެކޭ… ދިސް އިޒް ރިއަލީ އޯކްވާރޑް އިނގޭ.”

“އެހެންތަ؟ އެހެންޏާ ތީ މަގޭ ފްރެންޑަކާ ޑޭޓް ނުކޮށް ހުރި ސީދާ އަލިފެއް ވިއްޔަ.” އަދުހަމް ވެސް ދިމާކުރަން ފެށިއެވެ. ހަމަ އެއާއިއެކު ކާރުގެ ލޯގަނޑުން މަލީޝާ އަށް ބަލައިލި އެވެ.

“ދެން ހިނގާބަލަ ދާން އުޅެމާ ދޯ.” ކާރުގެ ބޭރުގައި ހުރި މަލީޝާ ބުންޏެވެ.

އަދުހަމް އާއި އައިޝާ ކާރުން ފޭބި އެވެ. މަލީޝާގެ ފަހަތުން ގެއާއި ދިމާއަށް ހިނގައިގަތެވެ. މަލީޝާ ހިނގަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. އައިޝާ ވެސް މަލީޝާ އާއި އަރާ ހަމަކުރެވޭތޯ ބާރަށް ހިނގަން ފެށި އެވެ. އައިޝާ އަށްވުރެން ބާރަށް ހިނގަމުން ދިޔަ އަދުހަމް ގެ އަތުގައި ހިފައި އޭނާ މަޑުކުރެވޭތޯ ބަލަމުން އައިޝާ މަސައްކަތް ކުރަމުން ދިޔައީ އަދުހަމް ގެ ކުރިއަށް އެރެވޭތޯ އެވެ.

“ކިހާ ބޮޑުކަމެއް!!” އުނދަގޫވެގެން އަދުހަމް ހަޅޭއްލަވައިގަތެވެ. މަލީޝާ ފަސް އެނބުރި ބަލައިލި އެވެ. އޭނާ ހުރީ ވާނުވާ ނޭނގި ހައިރާން ވެފައެވެ.

“އަނެއްކާ ކިހިނެތް ވީ؟” މަލީޝާ އަހާލި އެވެ.

“އެއްވެސް ކަމެއް ނުވޭ. ކޮފީ ބޯހިތުން މާބޮޑަށް އެކްސައިޓެޑް ވެވުނީކަން ނޭނގެ.” އައިޝާ އަށް ދެވުނީ ހެއްވާ ޖަވާބެއްކަން ވިސްނުނީ ފަހުންނެވެ.

މަލީޝާ ގެ ގެއާއި އެމީހުން ކައިރިވަމުން ދިޔަވަރަކަށް، އެ ގެއަކީ ވަރަށް ދުވަސްވެފައިވާ ގެއެއްކަން އެނގުނެވެ. ކުލަވެއްޓިފައިވާ ފާރުތަކުން ފޮޅިފައިފައިވާ ކުލަތައް އެހާދުރަށްވެސް ފެންނަން ހުއްޓެވެ. ގޭގެ ދޮރުމަތީގައި އޮތް ކުޑަކުޑަ ބަގީޗާގައިވެސް އެއްވެސް ދިރުމެއް ނެތެވެ. އެއްމެ މަލެއްހައި ހިސާބުވެސް ގަހަކުން ފެންނާކަށް ނެތެވެ. ވިނަތައް އެގޮތް މިގޮތަށް ފަޅާފައި އޮތުމުން އެތަން ވައްތަރީ ފަޅަށް ބާއްވާފައި އޮންނަ ތަނަކާއި އެވެ. އައިޝާ ތަންކޮޅެއް ރަނގަޅަށް އެތަނަށް ބަލަން ފެށިއެވެ. ގޯތީގެ ހުރިހައި ދިމާއަކަށް ނަޒަރު ހިންގަމުންނެވެ. ކޮންމެވެސް ކަމެއް ހަނދާންވޭތޯ އުޅޭހެން އޭނާ އުޅުނު ގޮތުން ހީވެ އެވެ.

“މިއީ އަހަރެން ދެކުނު ތަނެއް!”

ކުއްލިއަކަށް މަލީޝާ ފަސްއެނބުރުނެވެ. “ކޮންތާކު!! ތީ އައިޝް އަށް ހީވާގޮތް!!”

“އެކަމަކުވެސް މިތަން އަހަރެން ދަންނަން. މި ދުވާ ވަސްވެސް ވަރަށް ފެމިލިއަރ.” ތުން ފިއްތާލަމުން އައިޝާ ބުންޏެވެ.

“އޯހް. ތިވާނީ ވާރޭ ވެހޭތާ އެހާ ގިނަދުވަސްވުމުން މިތާ ބިންގަނޑުން ދުވާ ވަސްކަމަށް.” ގެއާއި ދިމާއަށް އިޝާރާތް ކޮށްލަމުން މަލީޝާ ބުންޏެވެ. “ހިނގާބަލަ ދަމާ!”

“ތީނަ ބޭނުމިއްޔާ އޯކޭ ކާރުގަ މަޑުކުރިޔަސް!!” ހީލަތްތެރި ފާޑަކަށް ހިނިތުންވަމުން އަދުހަމް ބުންޏެވެ.

“އަދޫ ވަރަށް ބޭނުން ގޮތެއް ދޯ އެއީ.” ދިމާކޮށްލަމުން އައިޝާ ބުންޏެވެ.

ތިން މީހުން ތިބީ ގޭގެ ފެންޑާ ކުރިމަތީގައެވެ. ކައިރީގައި ހުރި ގަސްމުށިތަކުން މުށިގަނޑެއް އުފުއްލާލަމުން އޭގެ ދަށުން ރިހިކުލައިގެ ތަޅުދަނޑި ފައްޗެއް މަލީޝާ ނެގި އެވެ. ތަޅުދަނޑިފަތިން ތަޅުދަނޑިއެއް ތަޅުވަޅަށް ޖެހިވަގުތު އައިޝާ ވާހަކަދައްކަން ފެށިއެވެ.

“އަހަރެން ހީކުރީ މަލީ ގެ މާމަ ގޭގަ އެބައުޅޭ ކަމަށް.”

“ނޫނޭ. މާމަވީ ރައްޓެއްސެއްގެ ގެއަށް ދުވަސްކޮޅަކަށް ގޮސް.” އަވަސް އަވަހަށް މަލީޝާ ޖަވާބު ދިނެވެ. “އޯކޭ. އަވަހަށް ވަދޭ އެތެރެއަށް.” އަދުހަމް އާއި އައިޝާ އަށް އިޝާރާތްކޮށްލަމުން މަލީޝާ ބުންޏެވެ.

އައިޝާ ހީކުރިގޮތާއި ޚިލާފަށް ގޭތެރެއަށް ވަނުމުން އެ ގެއަކީ ބޮޑު ގެއެއްކަން އެނގުނެވެ. ހީވަނީ ބޮޑު ކިއްލާއެއް ހެންނެވެ. ސިޓިންގ ރޫމުގައި ބޮޑު ބިއްލޫރި ޗާންދަލިޔާއެއް ވެސް އެލުވާފައި އޮތެވެ. އިންޓީރިއާ ޑެކަރޭޝަން ކޮށްފައިވާގޮތުން ގޭތެރެއަށް ޝާހީ ގޮތެއް އައިސްފައިވެ އެވެ. ސިޓިންގ ރޫމް ގެ މެދަށް ވާގޮތަށް ހުރި ސިޑީގެ ސަބަބުންވެސް އެތަން ހީވަނީ ގަނޑުވަރެއްގެ އެތެރެ ހެންނެވެ.

ސިޓިންގ ރޫމްގެ ހުރިހައި ފަރުނީޗަރެއްގައި ހުރީ ހުދުކުލައިގެ ފޮތި އަޅައި ކަވަރު ކޮށްފަ އެވެ. އެތަނުން ފޮތިގަނޑެއްގައި އައިޝާ އަތް ހާކާލި އެވެ. ހުރިހައި ތަކެއްޗެއް ހުދުފޮތިން ކަވަރު ކޮށްފައި ހުރިނަމަވެސް ވަރަށް އާދަޔާޚިލާފު ގޮތެއް އެތަނުގައި ހުއްޓެވެ. އަވާމެންދުރެއްގެ ތެރޭގައި އުޅެވެނީއޭވެސް އައިޝާގެ ހިތަށްއެރި އެވެ.

ފާރުގައި ހުރި ބައެއް ތަކެތީގެ ތެރެއިން ފޮތިއަޅައި ކަވަރުކޮށްފައި ހުރި ބައެއް އެއްޗެހީގައިވެސް އައިޝާ އަތް ޖައްސަމުން ގެންދިޔައެވެ. ކޮންމެވެސް ތަފާތު އެއްޗެއްގައި އަތް ލެވުނުހެން ހީވެގެން ރަނގަޅަށް އަތް ހާކާލިއެވެ. އެ އެއްޗެއްގެ ބައްޓަން ވަކިކުރަން އެނގޭހާ ވަރަށެވެ. ފޮތިގަނޑުގެ އެއްކަން އުފުލާލުމާއި އެކު އޭނާގެ ހިޔަނި އޭގެ ތެރެއިން ފެނުނެވެ. ‘ކީއްކުރަން ލޯގަނޑެއް ކަވަރުކޮށް ބަންދުކޮށްފަ މިހުރީކީ؟’ ހިތާހިތާ އަހާލެވުނެވެ.

އަދުހަމް ވެސް އެތަން މިތަން ބަލަމުން މަލީޝާގެ ފަހަތުން ހިނގަމުން ދިޔައެވެ. އަދުހަމް މަސައްކަތްކުރަމުން ދިޔައީ މަލީޝާ އާއި ވާހަކަދައްކަން ފަށާނެ ކޮޅެއް ފެނޭތޯ އެވެ. “މި ގެ ވަރަށް ސަޅި.” އެއްމެފަހުން އަދުހަމް ބުންޏެވެ.

“އެނގެއާ ތިކަން.” ޖެއްސުމުގެ ރާގަކަށް ވަރަށް މަޑުމަޑުން މަލީޝާ ބުންޏެވެ.

“އެކަމަކު ކީއްވެގެން ހުރިހައި އެއްޗެއްގަ ފޮތި އަޅައި ބަންދުކޮށްފަ މިހުރީކީ؟” އަދުހަމް ގެ ދެއަތް ޖޯޑުކޮށްލަމުން ސުވާލުކުރިއެވެ.

“އެއީ މަގޭ މާމަގެ ކަންތައް. އެއްޗަކަށް ގެއްލުމެއް ލިބިދާނެތީ މާމަ ވަރަށް ކަންބޮޑުވާނެ. އެއްވެސް މީހަކު މިތަނުން އެއްވެސް އެއްޗެއްގަ އިނގިލިކުރި ޖައްސާލަންވެސް ޤަބޫލެއް ނުވާނެ.”

“އެހެންތަ. ތީ ހާދަ އާދަޔާޚިލާފް މާމަ އެކޭ ދޯ.” މަލީޝާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލަމުން އައިޝާ ބުންޏެވެ.

“ކީއްކުރާނީ. މާބޮޑަށް މުސްކުޅިވީމަ ވާގޮތްކަން ނޭނގެ. ތިއެއް ނޫނޭ. ތި މީހުން އިށީންދެ ހަމަޖެހިލަބަލަ. އަހަރެން އެބަ އަންނަން ކޮފީ ހަދައިގެން.” މިހެން ބުނަމުން ބަދިގެބަޔާއި ދިމާއަށް މަލީޝާ ހިނގައިގަތެވެ.

ފޮތި އަޅާފައި ހުރި ސޯފާތަކުން ސޯފާއެއްގައި އައިޝާ އާއި އަދުހަމް ކިރިޔަކިރިޔާ ފޫކޮޅު ޖައްސާލައިގެން އިށީންނި އެވެ. އަދުހަމްގެ ކަންފަތް ދޮށަށް ޖެހިލަމުން ސިއްރުސިއްރުން އައިޝާ ބުންޏެވެ. “ހާދަ ތަފާތު ތަނެކޭ ދޯ!”

“ސިސް މޮޔަވީތަ؟ ހުރިހައި އެއްޗެއް ފޮތި އަޅައި ބަންދުކޮށްފަ-” އަދުހަމް ބުނަން އުޅުނު ޖުމްލަ ހުއްޓުވަމުން ވައި އަޑުން އައިޝާ ވާހަކަދައްކަން ފެށި އެވެ. “ނުވިތާކަށް ލޯގަނޑެއް ހުއްޓަސް އެވެސް ބަންދުކޮށްފަ.”

“އާނ، ލޯގަނޑުތައްވެސް ދޯ.” އަދުހަމް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ އައިޝާ ބުނި އެއްޗެއް ރަނގަޅަށް ވިސްނުމުންނެވެ. “ކީކޭ؟ ލޯގަނޑުތައްވެސް ކަވަރުކޮށްފައޭ؟” ހިންދިރުވާލަން މަޑުޖައްސާލަމުން އަނެއްކާވެސް އަދުހަމް ބުންޏެވެ. “އެވެސް ދެން އެހާވަރު ކަމެއްތަ؟ މަށަކަށް އެއީކީ އެއްވެސް އާދަޔާޚިލާފު ކަމެއް ނޫން.” އަދުހަމް ވެސް ވާހަކަދެއްކީ ވައި އަޑުންނެވެ.

އައިޝާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނުން އެމީހުންގެ ފުރަގަހުން ބަންކިޔާފައި ވަރުގަދަ އަޑެއް އިވުނެވެ. އެ އަޑާއިއެކު ދެމީހުންނަށް ތެޅިގަނެވުނެވެ. ބިރުންގޮސް އައިޝާ އަށް ފުންމައިގެން ކޮޅަށް ތެދުވުނެވެ. އަވަސް އަވަހަށް އަދުހަމް ގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓި އެވެ.

“އެއީ ކޮން އަޑެއް؟” އަނެއްކާވެސް ވައިއަޑުން އައިޝާ އެހިއެވެ.

“އެއީ ދޮރު ލެއްޕުނު އަޑު. މަލީޝާ އަހަރުން މިތާ ބަހައްޓާފަ ދޮރުލައްޕާ ތަޅުލީކަން ނޭނގެ.” އައިޝާގެ އަތުގައި އަދުހަމް ބާރަށް ހިފަހެއްޓި އެވެ.

“އޯކޭ، ގައިމު މިހާރު އާދަޔަޚިލާފު ކަމެއް އުޅޭކަމަށް ޤަބޫލުކުރެވޭތަ؟” ތުރުތުރު އަޅާ އަޑަކުން އައިޝާ އަހާލިއެވެ.

ނުނިމޭ

 

އާކުއްޖެކޭ ދަސްވީފަހުން: 19 – ދަމައިގަތުން

އައިޝާ އާއި އަދުހަމް އަށް ތިބެވުނީ ޝޮކެއްގެ ތެރޭގަ އެވެ. މަލީޝާ އެގޮތަށް ކަންތައް ކޮށްފާނޭ އެމީހުންގެ ހިތަށްވެސް ނާރަ އެވެ. ގައިމުވެސް އެއީކީ މަލީޝާ ކުރާ ސަމާސާއެއް ނޫންކަންވެސް މިހާރު އެމީހުންނަށް ޔަޤީން ކުރެވިއްޖެ އެވެ. އެމީހުން އެތަނުގައި ބަންދުކޮށްފައި މަލީޝާ ދިޔަތަނަކަށް ދިޔަގޮތަށް ޚަބަރެއް ނުވެ މިހާރު ގަޑިއެއްހައި އިރު ފާއިތުވެ ހިނގައްޖެ އެވެ. މަލީޝާ އެތަނުން ނިކުމެ ދޮރު ލައްޕައި ތަޅުލުމަށްފަހު ހުރިހައި ބޮކިތަކެއް ނިއްވާލާފައި ދިއުމުން ފުދޭވަރަކަށް ބޮޑަށް އެތަނަށް އަނދިރިކަންވަނީ ވެރިވެފަ އެވެ.

ނިކުންނާނެ ދޮރެއް ފެނޭތޯ އަދުހަމް އާއި އައިޝާ ހިނގަން ފެށިއެވެ. ފާރުތަކުގައި އަތް ކާއްތަމުން ހިނގަމުން ގޮސް ތަންކޮޅެއް ހަނި ގޯޅިގަނޑެއް ކަހަލަ ހިސާބަކަށް ދެވުނުކަން އެނގިގެން މަޑުކޮށްލި އެވެ. އެތަނަށް ވެރިފައިވާ ފަނޑު އަލިކަމުގެ ތެރެއިން ފާރުގައި އަޅުވާފައިވާ ފޮޓޯ ފުރޭމެއް ފާހަގަ ކުރެވުނެވެ.

ފޮޓޯ ފުރޭމާއި ދިމާ މަތީގައި ބާޒެއްގެ ބޮލެއް ގޮތަށް މުށިން ހަދާފައިވާ އެއްޗެއް ފާރުގައި ހަރުކޮށްފައި ހުރިކަން އަދުހަމް އަށް ފާހަގަކުރެވުނެވެ.

އައިޝާ ހުއްޓިގެން ހުރި ދިމާ މަތީގައި ނަރެއް އެލިފައި އޮތްކަން އަދުހަމް އަށް އެނގިގެން ރަނގަޅަށް ބަލައިލި އެވެ. އެ ނަރުފަށުގެ އަނެއްކޮޅުގައި ހަރުކޮށްފައިވާ ހޯލްޑަރަށް ޖަހާފައިވާ ބޮކި އިނީ ތެޅިފައެވެ.

“މިތަނުން ނިކުންނާނެ ކޮންމެވެސް ގޮތެއް އަވަހަށް ހޯދަން އެބަ ޖެހޭ!” އައިޝާ ހުއްޓިގެން ހުރިތަން ފެނިފައި އަދުހަމް ބުންޏެވެ. ދެ އުކުޅުގައި އަތް ވިދެލަމުން ކަކޫ މައްޗަށް ތިރިވެ ތަޅުން މަތީގައި އޭނާ އިށީންނި އެވެ.

“މަލީޝާ އަށް އަނެއްކާ ކިހިނެތްބާ އެވީ؟” އަދުހަމް އަށް ބަލައިލަމުން އައިޝާ އެހި އެވެ.

އައިޝާ އިށީންދެ އިންތަން ފެނިގެން އަދުހަމް ވެސް އައިޝާ ކައިރިއަށް ގޮސް އިށީންދެއްޖެ އެވެ.

“މަށަކަށް ނޭނގޭ!!” އޯގާތެރި ހިނިތުންވުމަކާއި އެކު އަދުހަމް ޖަވާބު ދިނެވެ. “އެހާ ހާސްވާ އެއްޗެއް ނޫނޭ. މިތަނުން އަހަރުން ސަލާމަތް ވާނަމޭ. މީކީ ދައްތަ ގެ މިސްޓޭކަކުން ވީކަމެއް ނޫނޭ… ސޯ ޑޯންޓް ޔޫ އެވަރ އީވަން ޓްރައި ޓު ބްލޭމް ޔޯރސެލްފް އޯކޭ.”

“މަގޭ މިސްޓޭކޭ؟ … މިކަމުގަ ކޮބާތަ މަގޭ މިސްޓޭކެއް.” ރުންކުރު ގޮތަކަށް އައިޝާ ހަޅޭއްލަވަން ފެށިއެވެ. “ތީނައެއްނު އެ ބޯގޯސް ކުއްޖާ އާ ‘ކްރަޝް’ އޮވެގެން ތިޔަ އުޅެނީވެސް.”

އަދުހަމް ގެ ބައްތިރީސް ދަތް އެއްކޮށް ދައްކާލަމުން ހިނިތުންވެލި އެވެ. “އެއްމެ ރަނގަޅޭ. އެހެން ވެއްޖެއްޔާ އެ ބޯގޯސް ކުއްޖާގެ ތި ފުރެންޑް ކުއްޖާގެ ފޯނު އެބަ އޮތްތަ އަތުގަ؟” ސަމާސާ ރާގަކަށް އަދުހަމް އަހާލިއެވެ.

“ނޫން. ފޯނު ގަނޑުވެސް ކާރުގަ ބާއްވަފައޭ މި ގެޔަކަށް މި ވަދެވުނީ!”

އަދުހަމް ކޮޅަށް ތެދުވި އެވެ. އައިޝާ އަށް ބަލައިލަމުން ތެދުވުމަށް އިޝާރާތް ކުރި އެވެ. “ހިނގާބަލަ މިތަނުން ނިކުމެވޭނެ ގޮތެއް އޮތްތޯ ބަލަމާ ދެންވެސް.”

އައިޝާ ތެދުވީ އަދުހަމްގެ ފައިގައި ހިފަހައްޓައިގެންނެވެ. އިރުކޮޅެއް ވާންދެން ހިނގުނުތަނާ ވަދެވުނީ ދިގު ހޯލްވޭ އަކަށެވެ. ހޯލްވޭގެ ދެފަރާތުގައި ހުރީ ބައިވަރު ކޮޓަރި ތަކެކެވެ. ކޮންމެ ކޮޓަރިއެއްގައި ނަންބަރު ޖަހާފައި ހުއްޓެވެ. ހީވަނީ ބޮޑު ގެސްޓްހައުސް އެއްގެ ހޯލްވޭ ތެރެއަށް ވަދެވުނުހެންނެވެ.

“މި ނަންބަރުތައް!!…. އެއީ ކޮންމެވެސް ކަހަލަ ކޯޑެއްހެން ހިއެއް ނުވޭތަ؟” އައިޝާ ސުވާލުކުރިއެވެ.

“މަށަކަށް ހިއެއް ނުވޭ!”

އައިޝާ ކުރިއަށް ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އެތަނުން އެއް ކޮޓަރީގެ ދޮރުފަތުގެ ހިއްމި އެއްގެ ދޭތެރެއިން ކޮންމެވެސް އެއްޗެއް ވިދާލި ތަނެވެ.

“އަދުހަމް؟”

އައިޝާ އެ ކޮޓަރިއާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެވަގުތު އެ ކޮޓަރި ތެރެއިން އިވެން ފެށީ ކޮންމެވެސް ބަރު އެއްޗެއް ތަޅުންމަތީގައި ޖެހެމުން ދާ އަޑެވެ. އިވުނު އަޑުން ލަފަކުރެވުނީ ޗޭނު ޖަހައި ބަންދުކޮށްފައިވާ މީހަކު ޗޭނުގަނޑު ދަމަމުން ހިނގަމުންދާ ކަމެވެ.

“އަދޫ އަށް އެބަ އިވޭތަ އެ އަޑު؟” އަޑު އިވެމުން ދިޔަ ދިމާއަށް ބަލަން ހުރެފައި އަދުހަމް ހުރި ދިމާއަށް އެނބުރެމުން އައިޝާ ސުވާލުކުރި އެވެ.

ފަސް އެނބުރި ބަލައިލި ވަގުތު އައިޝާގެ މޭގަނޑު އަނގަޔަށް ނައީ ހަމަ ކިރިޔާ އެވެ. ކޮންމެވެސް ނުފެންނަ ބާރަކުން އަދުހަމް ދަމާފައި ގެންދާތަން ފެނުމުންނެވެ. ހޯލްވޭ ތެރެއިން ފަހަތަށްވާ ގޮތަށް އެއްވެސް ތަނެއްގައި ނުވެސް ޖެހި އޮވެގެން އަދުހަމް ގެ ހަށިގަނޑު ދަމާފައި ގެންދާތަން ފެނުމުން އައިޝާގެ ތަލިން ކުޅުހިކި، ހިތް ހުއްޓޭހާވަރު ވި އެވެ. ހަދާނެގޮތެއް ނޭނގިފައި އޭނާއަށް ހުރެވުނީ އެވެ.

ނުނިމޭ

 

 

އާކުއްޖެކޭ ދަސްވީފަހުން: 20 – ބިންގަރާސް

އައިޝާ ގެ ކަނާތުން ލެވުނުހައި ބާރެއް ލާފައި ވާތުގެ މީދާމަސްގަނޑުގައި ވިކައިގަތެވެ. ފެނުނު މަންޒަރަކީ އަސްލު މަންޒަރެއްކަން ޔަޤީން ކޮށްލުމަށެވެ. ވައިގެތެރޭގައި ދެމެމުންދިޔަ އަދުހަމް ގެ ފަހަތުން އައިޝާ ދިޔައެވެ. ނަމަވެސް އިރުކޮޅަކުން އަދުހަމް ގެ ހަށިގަނޑަށް ވީ ނުވީއެއް ނޭނގި ގެއްލިއްޖެ އެވެ. ހޯލްވޭގެ މެދެއްހައި ހިސާބުގައި ހުރެފައި ވާތް ފަރާތަށާއި ކަނާތް ފަރާތަށް ބަލައިލި އެވެ.

‘ހުރި ސީދަލަށް އާދޭ!‘ އައިޝާގެ ސިކުނޑިތެރޭގައި މަލީޝާ ގެ އަޑު ގުގުމައިގަތެވެ.

ހޯލްވޭގެ ކަނާތްފަޅިއަށް ނުވަތަ ވާތްފަޅިއަށް ދިއުމެއްނެތި، އައިޝާ ގެ ސިކުނޑިތެރޭގައި ގުގުމާލި އިރުޝާދާއި އެއްގޮތަށް ކުރިއަށް ހިނގައިގަތުމަށް ނިންމި އެވެ. ތަންކޮޅަކަށް ދެވުނުތަނުން ފެނުނީ ވަށްކޮށް ހުރި ސިޑިބަރި އެކެވެ. އެ ސިޑިބަރިވެސް ވަނީ ފެހިކުލައިގެ ދޫލައަކުން ޒީނާތްތެރިކޮށްފަ އެވެ. އެ ސިޑިން ފޭބެން ހުރީ ބިންގަރާސް ކޮޓަރިއަކަށެވެ. ލޮލަށް އިނގިލި ކޮށްޕާލިޔަސް ނޭނގޭވަރަށް، އެތަން އަނދިރި އެވެ. ބިންގަރާހުގެ ދޮރު ހުރީ ހުޅުވާފަ އެވެ. ކުޑަކޮށް ދޮރުފަތް ދުރުކޮށްލަމުން ބިންގަރާސް ތެރެއަށް އައިޝާ ދެމިގަތެވެ.

މަޑުމަޑުން ފައިތިލަ އަޅަމުން ކުރިއަށް ހިނގައިގަތެވެ. ފިޔަވަޅުގެ ހިލަމެއް ނުވާނެހައިވެސް މަޑުންނެވެ. އެތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ސަބަބުން އައިޝާ ގެ ހިތުގެ ތެޅުމުގެ އަޑުވެސް ހަމަ ރަނގަޅަށް އިވެމުން ދިޔައެވެ.

“އަދޫ….. ކޮންތާކުތަ ތިހުރީ؟” ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ އައިޝާ ބުންޏެވެ.

“އައިޝް؟” އައިޝާގެ ވައަތު ކަންފަތުގައި ޖެހުނީ ސިއްރުސިއްރުން މީހަކު އައިޝާ އަށް ގޮވާލި އަޑެވެ. އެވަގުތު އައިޝާއަށް ތެޅިގަނެވުނެވެ. ވައިތެރޭގައި އަތް ހޫރަން ފެށި އެވެ. ބިންގަރާސް ކޮޓަރީގެ އަނދިރިކޮށް އޮތް ކޮރިޑޯ ތެރެއިން އައިޝާ ހިނގަމުން ދިޔައެވެ. ބިންގަރާސް ތެރޭގައިވެސް ހުރީ ކޮޓަރިތަކެއްކަން ފަނޑުފަނޑު އަލިކަމުގެ ތެރެއިން އައިޝާއަށް އެނގުނެވެ. ކޮޓަރިތަކުގެ ފާރުގައި ކޮޅުން ކޮޅަށް ހިމަ ސްޓީލް ދަގަނޑުން ޖަހާފައިވާ ބްރެކެޓް ގައި ހިފަހައްޓަމުން އައިޝާ ހިނގަމުން ދިޔައެވެ.

މީހަކު ކާއެއްޗެއް ދިރުވަމުންދާއިރު އިވޭ ކަހަލަ އަޑެއް، މެދުކެނޑުމެެއްނެތި އިވެމުން ދިޔައެވެ. އެ އަޑު އިވެމުންދިޔައީ ކޮން ދިމާއަކުން ކަމެއް އައިޝާ އަށް އެނގޭވަރެއް ނުވެ އެވެ. އެހެންނަމަވެސް އެ އަޑު ދިޔައީ ބާރު ވަމުންނެވެ. މުޅި ބިންގަރާހުގެ ހުރިހައި ހިސާބަކުން އެ އަޑު އިވެމުން ދިޔަ އެވެ.

ބިރުން ވިރިވިރި ހުރި އައިޝާ މިފަހަރު ދުއްވައިގަތީ އެތާނގެ ދޮރާއި ދުރަށެވެ. ބޮލުގައި ކޮންމެވެސް އެއްޗެއް ޖެހުނު ކަމުގެ އިޙްސާސެއް ކުރެވުމާއި އެކު ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. ފަހަތަށް ޖެހިލެވުނެވެ.

“ޔާ ރައްބީ!!” ވަރަށް ވިސްނުންތެރިކަމާ ފަރުވާތެރިކަމާއެކު ދެ އަތް މައްޗަށް އުފުލާލި އެވެ. އަތުގައި ޖެހުނީ ނަރުގަނޑެއްކަން އެނގުނެވެ. އެ ނަރުގަނޑުގެ ކޮޅުގައި ސްވިޗެއް ހަރުކޮށްފައި ހުރިކަންވެސް އެނގުނެވެ.

ސްވިޗްގައި އަތްލެވޭތޯ މުށް ކަވައިލިއެވެ. ލެވުނުހައި ބާރެއް ލަމުން ސްވިޗް އޮންކޮށްލިއެވެ. މުޅި އެ ހިސާބު އެއްކޮށް އަލިވެގެން ދިޔައީ ގަދަ ރީނދޫކުލައިގެ އައްޔަކުންނެވެ. އައްޔަށް ލޯ ހާނާލުމަށްޓަކައި ދެތިންފަހަރަކު ލޯމަރާލައިފައި ލޯ ހުޅުވާލިއެވެ. ބިންގަރާސް ތެރެއިން އެއްމެ ފުރަތަމަ އޭނާގެ ލޮލުގައި އަޅައިގަތް އެއްޗެއްގެ ސަބަބުން ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.

އެއީ ކާޕެޓް ގަނޑަކަށް ލައި އޮޅާލާފައިވާ އެއްޗެކެވެ. ދިގުކޮށް ފަލަކޮށް އޮތް އެއްޗެކެވެ. މުޅި ކާޕެޓްގައި ކޮންމެވެސް އެއްޗެއް ހޭކިފައި ހުއްޓެވެ. ހީވަނީ އެއީ ހިކިފައިހުރި ލޭ ހެންނެވެ. ކާޕެޓްގެ މެދާއި ހަމައިން އޮތީ މާބޮޑަށް ފަލަކޮށެވެ.

އައިޝާ ހުރީ ދާހިއްލާ ފޯވެފައެވެ. މަޑުމަޑުން ކާޕެޓާއި ދިމާއަށް ކުރިއަށް ހިނގައިގަތެވެ. ކުރިއަށް ހިނގަން ބޭނުން ނުވިޔަސް ބޭއިޚްތިޔާރުގައި އޭނާގެ ފިޔަވަޅުތައް އެޅެމުން ދިޔައީ އެ ކާޕެޓާއި ދިމާއަށެވެ. ފާޑުފާާޑުގެ ނުބައި ވަސްވާސްތައް ހިތަށް ވެރިވަމުން ދިޔައެވެ.

‘ އެއީ އަނެއްކާ އަދްހަމް ނޫންބާވައެވެ؟ ނޫނީ އެއީ ކޮންމެވެސް އެހެން އިންސާނެއްގެ ޤަބުރެއް ނޫންބާވައެވެ؟ ‘ އެއީ ކޮންމެ މީހެއް ނަމަވެސް، އައިޝާއަށް ޔަޤީން ކުރެވޭ ކަމަކީ އެ ކާޕެޓް ތެރޭގައި އޮތީ ޤަބުރެއް ކަމެވެ.

‘އެއީ ގައިމުވެސް އަދުހަމްގެ ހަށިގަނޑު ކަމަކަށް ނުވާނެ!” ހިތާހިތުން އައިޝާ ކިޔަމުން ދިޔައެވެ.

ކިތައްމެ ބިރުން ހުރެ ނަމަވެސް ކާޕެޓާއި ދިމާއަށް ގުދުވެލަމުން އިނގިލިން ކާޕެޓްގައި ކޮއްޓާލި އެވެ. ހަމަ އެއާއިއެކު ފަހަތަށް ޖެހިލިއެވެ. އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ. ދެ އަތުން ކާޕެޓްގައި ހިފަމުން، އޮޅާލާފައި އޮތްބައިން ތަންކޮޅެއް ނިއުޅުވައިލި އެވެ.

“އައިޝާ، ތީތި ނުނިއުޅުވާތި!” އައިޝާގެ ފަހަތުން އިވުނު އަޑާއިއެކު ތެޅިގަނެވުނެވެ.

“އަދްހަމް!” ދަތްކުނޑި ވިކާލަމުން އައިޝާއަށް ބުނެވުނެވެ. ހަމަ އެއާއިއެކު އޭޭނާގެ ލޮލުން ހޯސްލާފައި އޮހޮރެންފެށި ކަރުނަތައް ދެ ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. ދުވެފައި ގޮސް އަދްހަމްގެ ގައިގައި ބާރަށް ބައްދައިގަތެވެ.

“އަލްޙަމްދުލިﷲ. އައިޝް އޯކޭ ދޯ؟” އަދްހަމް އަހައިލިއެވެ.

“ކޮންތާކަށް އަދޫ ދިޔައީ؟ ކިހިނެތްތަ އޭރު އަދޫއަށް ވީ؟” ސުވާލަކަށްފަހު ސުވާލެއް އައިޝާ ކުރަންފެށިއެވެ.

“އައިޝް، އެ ކާޕެޓްގެ އެތެރެ ފެނުނުތަ؟” އައިޝާގެ ގައިގައި ކުރިއަށްވުރެންވެސް ބާރަށް ބައްދާލަމުން އަދުހަމް ކުރީ ސުވާލެކެވެ.

“ނޫން. ކިހިނެތްވީ؟” އައިޝާގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބުންޏެވެ. “ކީއްވެގެން ތިހެން ތި ބުނީ؟ ކިހިނެތް ވެގެންތަ މި އުޅެނީ؟”

އަދްހަމްގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އައިޝާ ގެ ސުވާލުތައް ތަކުރާރު ކުރިއެވެ. “އަޅެ އަދޫ ތި އުޅޭގޮތަކުން އަހަރެން ހާދަ ބިރެއް އެބަގަނެޔޭ!” އެއްމެފަހުން އައިޝާ ހަޅޭއްލަވައިގަތެވެ.

“އެއީ އީތަން ގެ ހަށިގަނޑު. އީތަން ގެ ކުނިވެ މުޅަވެފަ އޮތް ޤަބުރު!!!”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 21 – ވެއްޓުން

އަދްހަމްގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އައިޝާ ގެ ސުވާލުތައް ތަކުރާރު ކުރިއެވެ. “އަޅެ އަދޫ ތި އުޅޭގޮތަކުން އަހަރެން ހާދަ ބިރެއް އެބަގަނެޔޭ!” އެއްމެފަހުން އައިޝާ ހަޅޭއްލަވައިގަތެވެ.

“އެއީ……. އީ…… އީތަން ގެ ހަށިގަނޑު. އީތަން ގެ ކުނިވެ މުޅަވެފަ އޮތް ޤަބުރު!!!”

ތަންމިނަށް އައިޝާގެ އަނގަ ހުޅުވުނެވެ. ހަށިގަނޑުން ފުރާނަ ނިކުމެގެން ދިޔަހެން އޭނާއަށް ހީވި އެވެ. ބަހެއް ބުނެވޭތޯ މަސައްކަތް ކުރިއެވެ. ހަށިގަނޑަށް ހަރަކާތެއް ގެނެވޭތޯ މަސައްކަތް ކުރިއެވެ. ރޯން ބޭނުންވެ ރޮވޭތޯވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުކުރެވުނެވެ. ގަނޑުވެފައި ހުރެވުނީ އެވެ. ދެތިން ފަހަރަކު އަދުހަމް ގެ އަތުން އައިޝާ ގެ މޫނާއި ދާދި ކައިރިން ހަނާ އަޅާލިއެވެ. ނަމަވެސް އައިޝާ ގެ ލޮލުން އެސްފިޔައެއްވެސް ޖަހައިނުލި އެވެ. ކުއްލިއަކަށް، ކަނޑާލި ރުކެއްހެން ތަޅުން މައްޗަށް އައިޝާ ވެއްޓިއްޖެ އެވެ.

“އައިޝް؟” އައިޝާ ކަައިރީގައި ކަކޫމައްޗަށް އަދްހަމް އިށީންނި އެވެ. “ޕްލީޒް އައިޝް، މީ ހިތްވަރު ކުރަންވީ ވަގުތު. މަށަށްޓަކައިވެސް ހިތްވަރުގަދަ ކުރެވޭތޯ ބަލާ!”

މަޑުމަޑުން އައިޝާ ލޯ ހުޅުވާލި އެވެ. “ކީއްވެ އޭނަ މަރުވާންވީ؟ ކީއްވެ އޭނަ މަރާލަންވީ؟ މި ހުރިހައި ކަމަކީވެސް އެ މަލީޝާ ގެ ޕްލޭން އެއް ދޯ؟” މޫނުމަތީގައި ދެ އަތް އަޅަމުން ރޯންފެށި އެވެ.

“ކިހިނެތް އެނގެނީ! މި ވާނުވާއެއް އެނގޭނަމަ ކިތައްމެހައިވެސް ރަނގަޅު.” ފުން ނޭވާއެއް ލަމުން އައިޝާ ގެ ބޮލުގައި ފިރުމަން ފެށި އެވެ. އޭނާގެ ދައްތަ ހަމައަކަށް އެޅުވުމަކީ މިވަގުތަށް ވަރަށް މުހިއްމު ކަމަކަށް ވާތީ އެވެ. “އަދި މިވަރަކުން އަހަރުމެން އުއްމީދު ކަނޑާލައިގެން ކަމަކުނުދާނެ. އައިޝް، މިތަނުން ނިކުމެވޭނެ ގޮތެއް ވޭތޯ ބަލަން އެބަޖެހެއެއްނު!!؟؟”

“އަދޫ، ތީކީ ވާނެ ކަމެއްނޫން. އީތަން އަށް ވެފަ އޮތްގޮތްވެސް އަދޫ ދުށީމެއްނު. އަހަރެމެން މިތިބީ މިތަނުގަ ތާށިވެފަ. މަރުވާންދެން އަހުރުން ޖެހޭނީ މިތާ ތިބެން!!”

“އަހަރެން އެބަޖެހޭ އައިޝް އަށް ކަމެއް އޮޅުން ފިލުވައިދޭން.” އައިޝާ ގެ މޫނަށް ބަލައިލަމުން އަދްހަމް ބުންޏެވެ. “އަހަރެން ދަމައިގަނެގެން ވައިގެ ތެރޭގައި ގެންދިޔައެއްނު. އަހަރެން ގެ ހަށިގަނޑު ބިމަށް ވެއްޓުނީ މި ބިންގަރާހަށް. އަހަރެން މިތާ ތެރޭގަ ބަންދުވެފަ ހުއްޓާ އައިޝް މިތަނަށް ވަނީ.” އަދްހަމް ފުން ނޭވައެއް ދޫކޮށްލި އެވެ. “އަދި އެނގޭތަ، އަހަންނަށް މިތަނުން ކޮންމެވެސް މީހަކުވެސް ފެނުނު!” އަދްހަމް ކޮޅަށް ތެދުވެ އަނެއްފަރާތަށް މޫނު އަނބުރާލި އެވެ. “އޭތި، …… އޭނަ … އޭތި އީތަންގެ ހަށިގަނޑުު ކަމުން ދިޔައީ!”

“ކަމުންނޭ ދިޔައީ؟ ކިހިނެތް؟” ދެތުވެންގޮސް އަދުހަމް ގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އައިޝާ ބުންޏެވެ.

“އޭނަގެ މުޅި ގައިގައި ވަރަށް އާދަޔާޚިލާފް ނިޝާން ތަކެއްވެސް ހުރި. ހީވަނީ އެއީ ފުރާނަނެތް، އެހެނަސް ހަރަކާތް ކުރެވޭ މީހެއްހެން. ހީވަނީ އޭނަގެ ގައިގަ ހުރިހާ ލޭފޮދެއް ދަމާލާފަ ހުރިހެން.” އަދުހަމް އަށް ފެނުނު މީހާ ހުރިގޮތް ސިފަކޮށްދެމުން ދިޔައިރު އޭނާގެ ދެފައި ތުރުތުރު ލަމުން ދިޔައެވެ. “އެމީހާގެ މުޅި ހަށިގަނޑު އެއްކޮށް ހުދުވެގެން ދިޔައީވެސް އަހަރެން ބަލަން ހުއްޓާ. މާގިނައިރަކު އެއަށް ބަލަން ހުންނާކަށް މަށަކަށް ނުވެސް ކެރުނު. އަހަރެން ފިލަން ވެގެން އަނެއް ފަރާތަށް ދިޔަތަނުން އަހަންނަށް ފެނުނީ މީތި!!” އައިޝާ އާއި ދިމާއަށް އަދުހަމް ދިއްކޮށްލީ އޮފުކަމެއް ހުރި، ހަރު ކަރުދާސްކޮޅެކެވެ. އެއީ ފޮޓޯ ގަނޑެކެވެ.

އައިޝާ އެ ފޮޓޯއަށް ބަލައިލި އެވެ. އެއީ މަލީޝާ ގެ ޢާއިލާ އެއްމެން އެކުގައި ނަގާފައިވާ ފޮޓޯ އެކެވެ. ފޮޓޯގައި މަލީޝާ ހުރީ ހިނިތުންވެލައިގެން ނެވެ. އޭނާގެ މަންމަ އާއި ބައްޕަ، އަދި އަންހެން ކޮއްކޮ އާއި އެކުގައެވެ. މަލީޝާ ގެ އަންހެން ކޮއްކޮ ހީވަނީ ހަމަ މަލީޝާ ހެންނެވެ.

“ކިހިނެތްތަ މިވަނީ؟ މިއީ ކޮން ކަންތައް ގަނޑެއްތަ؟ އަދޫ ބުނަން ތިއުޅެނީ ކީކޭތަ؟” ވާނުވާއެއް ނޭނގޭތީ އައިޝާ ހުރީ ކަންބޮޑުވެފައެވެ. ބިރުގެންފަ އެވެ.

“އަހަންނަށް މި ފޮޓޯގަނޑު ފެނުނީ މަލީޝާ ގެ ކޮއްކޮ ގެ މަރުވެފަވާ ހަށިގަނޑު ކައިރިން!!” އެއްމެ ފަހުން އަދުހަމް ބުނަން މަސައްކަތްކުރި އެއްމެ މުހިއްމު ޕޮއިންޓް ބުނެދިނެވެ.

އައިޝާ އަށް ބިރުންގޮސް ތެޅިގަނެވުނެވެ. އަނގަމަތީގައި ބާރަށް އަތް އެޅި އެވެ. “އޭނަގެ ކޮއްކޮވެސް މަރާލީ ހަމަ އޭނަތަ އަޅެ؟ ޔާރައްބީ!! މަލީޝާ ގެ މުޅި ޢާއިލާ މި ދުނިޔެއިން ފޮހެލީވެސް ހަމަ މަލީޝާ ދޯ!” އަނގަމަތީގައި އަތް އަޅައިގެން ހުރެ ހައިރާންކަމާއެކު ބުންޏެވެ.

“މަށަކަށް ހިއެއްނުވޭ އެއީ މަލީޝާ ކުރި ކަމެއް ކަމަކަށް!!؟؟” އަދުހަމް އަށް ހީވާގޮތް ބުންޏެވެ.

“ކީއްވެ ތިހެން ތިބުނީ؟” އަނގަމަތިން އަތް ނަގަމުން ސުވާލުކުރި އެވެ. އޭރު އައިޝާ ގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ.

“އަހަންނަށް ހީވަނީ އަހަންނަށް އޭރު ފެނުނު އެ އެއްޗަށް ނުވަތަ އެ ރޫހާނީ މީހާއަށް މަލީޝާ އެހީވެދެނީހެން. އީތަން، މަލީޝާ ގެ ޢާއިލާ އަދި އަހަންނަކަށް ނޭނގޭ އިތުރު ކިތައް މީހުން ކަމެއްވެސް. އެއީ ހައްތަހާވެސް މަލީޝާ ގެ ސަބަބުން މަރުވި މީހުން. އެކަމަކުވެސް މަށަށް ހަމަ ޔަޤީނާ ގާތަށް ބުނަން އެނގޭ މަލީޝާ އެއް ނޫންކަން އެ އެއްމެން މެރީކީ.”

“މި ހުރިހައި ކަމެއް ވީމަވެސް، އަދިވެސް އަދޫ އެ މަލީޝާ ގެ ދިފާޢުގަ ކީއްވެތަ ވާހަކަ ތިދައްކަނީ؟ މިހާރު އެނގިއްޖެއެއްނު އެއީކީ ހިތާވާން ހިތަށް އަރުވާލާވަރުގެ ޑައިނެއްވެސް ނޫންކަން.” ހިތްހަމަ ނުޖެހިފައި އައިޝާ ވަރަށް ބާރަށް ބުންޏެވެ.

“އައިޝް، ހަމަޖެހިބަލަ! އަހަރެން މިހެން މި ބުނަނީ ބައިވަރު ސަބަބުތަކެއް ހުރެގެންނޭ!”

“އެކަމަކު އަޅެ އަމިއްލަ ޢާއިލާއަށް އެހެން ހަދާލަންވީކީ ކީއްވެތަ؟” އައިޝާ އަށް ބުނެލެވުނެވެ. “ކީއްވެތަ މަލީޝާ އެހާ ނުލަފާ ވާންވީކީ؟ އޭނަ މަށަށް ދޮގުހެދީ، އަހަރުން އެއްމެނަށް ދޮގުހެދީ، އޮޅުވާލީ.” ޝަކުވާ ކުރަމުން އީތަން ގެ ހަށިގަނޑު ފޮރުވާފައި އޮތް ކާޕެޓަށް ބަލައިލި އެވެ. “އޭނަ އަހަރުން މަރާލަން އެހާ ބޭނުންނަމަ، މާކުރިންވެސް އޭނައަށް ފުރުޞަތު އޮތެއްނު. ކީއްވެގެންތަ އޭނަ އެ މަޑު ކުރަނީކީ؟”

އައިޝާ ގެ އަތުގައި ހިފައި ދަމައިގަންނަމުން ކާޕެޓާއި ދުރަށް ޖައްސާލި އެވެ. “ކީކޭދޯ ބުނާނީވެސް. މީ ކޮން ކަންތައް ގަނޑެއްކަމެއްވެސް ބުނާކަށް މަށަކަށްވެސް ނޭނގޭ. މަށަށް އެނގޭހާވެސް ކަމަކީ ތީ މަގޭ ދައްތަކަން. ދައްތަ އަށް އެހީވުމަކީ އަހަރެން ކުރަންޖެހޭ ކަމެއް. ދައްތަ އަށް އެއްވެސް ގޮތެއް ވިއަކަ ނުދޭނަން.”

އައިޝާ ގެ ހިތްހަމަ ޖައްސައިދެވޭތޯ އަދުހަމް މަސައްކަތް ކުރަމުން ދިޔައެވެ. ކުއްލިއަކަށް އެމީހުންގެ ފަހަތުން ބޮތްކެއް ބަޑިޖެހި އަޑު އިވިއްޖެ އެވެ. އެ އަޑާއި އެކު މުޅި އެހިސާބު އެއްކޮށް އަނދިރިވެއްޖެ އެވެ. “މިތާ މަޑުކުރާތި. އަހަރެން އެބަ އަންނަން ދޮރާއިދިމާ ބަލާލާފަ.”

މަޑުކުރަން ބުނި ހިސާބުގައި އައިޝާ މަޑުކޮށްގެން ހުއްޓެވެ. އަދުހަމް އަކީ އައިޝާ ގެ ކޮއްކޮ އަށް ވިޔަސް، އޭނާ އެތަނުން ދިޔައީ ތަކުރާރުކޮށް އައިޝާ އަށް ނަސޭހަތް ދީފައެވެ. ހަމަޖެހިލެވޭތޯ އައިޝާ ލޯ މަރާލި އެވެ.

“އައިޝް، އައިޝް ބޭނުންތަ މިތަނުން ބޭރަށް ނިކުންނަން؟” އައިޝާ ގެ މޫނަށް ފިނި ނޭވައެއްގެ އިޙްސާސް ކުރެވިގެން ދިޔައެވެ.

އިވުނު އަޑާއިއެކު އައިޝާ އަށް ތެޅިގަނެވުނެވެ. ފަހަތަށް ޖެހެވުނެވެ. އަނެއް ފަރާތަށް ދުއްވައިގަނެވުނެވެ. ފަސް އެނބުރި ބަލައިލާނެ ހިތްވަރެއްވެސް ނުލިބުނެވެ. “އައިޝާ.” އަނދިރީގެ ތެރެއިން އަނެއްކާވެސް އެ އަޑު އިވުނެވެ. އައިޝާ އަށް ފަހަތަށް ދުއްވައިގަނެވުނެވެ. ހަމަ އެވަގުތު ކޮންމެވެސް އެއްޗެއްގައި އަޅައިގަތެވެ. އެއްވެސް ތަނެއްގައި ހިފެހެއްޓެން ނެތުމުން އަނގަވަަތަށް ވެއްޓިއްޖެ އެވެ.

“އައިޝް، ކޮންތާާކު ތި ހުރީ؟” އައިޝާ ގެ ފުރަގަހުން ދުވެފައި އަދުހަމް އައީ ހަޅޭއްލަވަމުންނެވެ. އޭނާގެ އަތުގައި ރޯކޮށްފައިހުރި ކުޑަކުޑަ އުއްބައްތިއެއް ހުއްޓެވެ.

އެ އުއްބައްތީގެ އަލިކަން އައިޝާ އާއި ކައިރިވަމުން ދިޔައެވެ. އަނދިރިކަމުގެ ތެރެއިން، ބިންގަރާސް ކޮޓަރީގެ ތަޅުންގަނޑުން ބަޔަކަށް އަލިކަން އެޅުނެވެ. އައިޝާ އަށް ފެނުނީ ހަލާކުވެފައިވާ ލަކުޑި ގޮނޑިއެކެވެ. އެ ގޮނޑީގެ ތެރެއަށް އައިޝާ ގެ ކަނާތުފައި މެހި ތާށިވެފައިވާކަން އެނގުނީ އެވަގުތު އެވެ. “އަހަރެން މީއޮތީއޭ!!” ގޮނޑިން ފައި ނައްޓުވާލަމުން އައިޝާ ބުންޏެވެ. ދެ ފަރާތަކަށް ބޯ ހަލުވާލިތަނުން ލޮލުގައި އަޅައިގަތީ ފެނިދާނެކަމަށް މީގެކުރިން ހީވެސް ނުކުރާ އެއްޗެކެވެ.

ތަޅުންމަތީގައި އަރިއަކަށް އޮތް މޭޒެެއްގެ ފަހަތުން ފެންނަން އޮތީ ކޮންމެވެސް މީހެއްގެ ފައިގެ އެއްބައެވެ. މޭޒާއި ކައިރިއަށް މަޑުމަޑުން ޖެހިލިއެވެ. ފެނުނީ ތަންމިނަށް ހުޅުވިފައިވާ ދެ ލޮލުން ކަޅި ޖަހައިނުލާ އޮތްތަނެވެ. “ޝިފާ!!!”

މޭޒުގެ ފުރަގަހުގައި އޮތީ ޝިފާ ގެ ފުރާނަނެތް ހަށިގަނޑެވެ. ޝިފާ ގެ ޤަބުރެވެ. އެއްޗަކުން ޖަހައި ޗިސްކޮށްލާފައި އޮތް ޝިފާ ގެ މޫނު އޮތީ އެއްކޮށް ދޮންފޫޑުވެ ހުދުވެފަ އެވެ.

ޝިފާ ގެ މުޅި ހަށިގަނޑަށް ރަނގަޅަަށް ބަލައިލި އެވެ. އެވަގުތު އައިޝާ ގެ މޫނުމައްޗަސް އަނދިރިވެ ދެލޯ މެރިއްޖެ އެވެ.

ނުނިމޭ

 

އާކުއްޖެކޭ ދަސްވީފަހުން: 22 – ބޮޑު ފޮށި

މޭޒުގެ ފުރަގަހުގައި އޮތީ ޝިފާ ގެ ފުރާނަނެތް ހަށިގަނޑެވެ. ޝިފާ ގެ ޤަބުރެވެ. އެއްޗަކުން ޖަހައި ޗިސްކޮށްލާފައި އޮތް ޝިފާ ގެ މޫނު އޮތީ އެއްކޮށް ދޮންފޫޑުވެ ހުދުވެފަ އެވެ.

ޝިފާ ގެ މުޅި ހަށިގަނޑަށް ރަނގަޅަަށް ބަލައިލި އެވެ. އެވަގުތު އައިޝާ ގެ މޫނުމައްޗަށް އަނދިރިވެ ދެލޯ މެރިއްޖެ އެވެ.

‘އައިޝާ. އައިޝާ ބޭނުންނަމަ، އަހަރެން މިތަނުން އައިޝާ ނެރެދީފާނަން. އެކަމަށްޓަކައި އައިޝާ ކުރަންވި ކަމަކީ ލަކުޑިން ހަދާފަހުރި ބޮޑު ފޮށްޓެއް ހުންނާނެ މިގޭތެރޭގަ. އެ ފޮށި ހޯދާ!’

އެއީ އައިޝާ އަށް ކުރިންވެސް އިވުނު އަޑެވެ. އެމީހެއްގެ އަޑުގައި އެއްވެސް ތަފާތު ކަމެއް ނެތެވެ.

‘ބޮޑު ފޮށި ހޯދާ އައިޝާ.’ އަނެއްކާވެސް ހަމަ އެ އަޑުން ގޮވައިލި އެވެ. އައިޝާ ގެ ހަށިގަނޑަށް ލިބުނު ކުއްލި ބާރަކާއި އެކު އަނދިރިކޮށް އޮތް އެތަން އަލިކޮށް ފެންނަން ފެށި އެވެ. ލޯ ހުޅުވައިލުމާއިއެކު އެއްމެ ފުރަތަމަވެސް އައިޝާ އަށް ފެނުނީ އަދުހަމް އެވެ. ބިރުން ވިރިވިރި އިން އަދުހަމް ގެ މޫނެވެ.

“އައިޝް އޯކޭތަ؟ މަ މި ކިޔާ އެއްޗެއް އަޑު އިވޭތަ؟” އައިޝާ ގެ އަތުގައި އަދުހަމް ގެ އަތް އުނގުޅަމުން އެހިއެވެ.

“މަށަށް ކޮންމެވެސް މީހެއްގެ އަޑު އިވިއްޖެ.” ސިއްރުސިއްރުން އައިޝާ އަށް ބުނެވުނެވެ.

އައިޝާ ބުނި އެއްޗެއް އަދުހަމް އަށް ސާފެއް ނުވި އެވެ. ކުރިއަށް ޖެހިލައި އަދުހަމް ގެ ކަންފަތް އައިޝާ ގެ އަނގަ ކައިރީގައި ޖެއްސި އެވެ. “ބޮޑު ފޮށި.” އައިޝާ ބުނި އެއްޗެއް މިފަހަރު ސާފުވި އެވެ.

އައިޝާ ރަނގަޅަށް ހަމަޖެހިލައިގެން އިށީންނުމަށް އަދުހަމް އެހީވި އެވެ. “ކޮން ….. ކޮން އެއްޗެކޭ؟”

“ބޮޑު ލަކުޑި ފޮށްޓެކޭ، އަދުހަމޫ.” ނިތްކުރީގައި ބާރަށް ދެ އަތުން ހިފަހައްޓާލަމުން ތަންކޮޅެއް ބާރަށް އައިޝާ ބުންޏެވެ. ފާރުގައި ލެނގިލަމުން ލޯ މަރައިލި އެވެ. “ޝިފާ ގެ ދުވަސް ވެސް ދުއްވާލައިފި!” އައިޝާ އަށް މީގެ އިރުކޮޅެއް ކުރިން ޝިފާ ގެ ޤަބުރު ފެނުނު ވާހަކަ އަދުހަމް އާއި ހިއްސާ ކުރި އެވެ.

“ތިކަމުން ވަރަށް ގިނަ ސުވާލު ތަކަކަށް ޖަވާބު ލިބިއްޖެ. ޝިފާ ފިލީކީ ނޫން އައިޝް، އެއީ ވަރަށް ލޯޔަލް ފްރެންޑެއް.” އަދުހަމް ދަތުން ނިޔަފައްޗެއް ކައިލަމުން އައިޝާ ކުރިން ބުނި އެއްޗެއް ސާފުކޮށްލުމަށް ސުވާލުކުރި އެވެ. “އައިޝް ކޮންމެވެސް އެއްޗެކޭ ދެންމެގަ ކިޔީމެއްނު؟”

“ބޮޑު ފޮށްޓެއް.” އައިޝާ ލޯ ހުޅުވައިލި އެވެ. ފުންކޮށް ނޭވާލާން ފެށި އެވެ. “މަށަށް ހަމައެކަނި އިވުނީ އަޑެއް، އެ އަންހެން މީހާ ބޭނުންވަނީ އަހަރުމެން އޭނަ އެބުނާ ފޮށްޓެއް ހޯދުމަށް!”

“ކޮން ފޮށްޓެއްތަ؟” ކަރުތެރެއިން އަޑެއް ލައްވައިލަމުން އަދުހަމް ބުންޏެވެ.

“އެ ބުނާ ފޮށްޓެއް މިތާނގަ އެބަހުރި. ކޮންމެވެސް ތާކުން އަހަރެން ދުށިން އެ ފޮށި.” އައިޝާ ކޮޅަށް ތެދުވި އެވެ. ކުރިއަށް ހިނގައިގަންނަން ތައްޔާރުވި އެވެ. “އެ ފޮށި ތެރޭގަ އަހަރުން މިތަނުން ނިކުންނަން ކޮންމެވެސް އެހީއެއް ލިބޭފަދަ ކޮންމެވެސް އެއްޗެއް އޮންނާނެ ކަމަށް ވަނީ!”

އައިޝާ ދެއްކި އެއްވެސް ވާހަކައެއް އަދުހަމް އަކަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް އައިޝާ ގެ ލޮލުން ފެންނަން ހުރި އުއްމީދުގެ އަލިކަން ފެނިފައި އައިޝާ ބުނިގޮތަކަށް ކަންތައް ކުރުމަށް ނިންމި އެވެ.

‘އައިޝާ އެ ދައްކަނީ ކޮންފަދަ ބޮޑު ފޮށްޓަކާ ކޮން އަންހެންކުއްޖެއްގެ ވާހަކައެއްބާ؟’ އަދުހަމް ގެ ހިތަށް އެރި އެވެ. އަދުހަމް ގެ ސިކުނޑިތެރޭގައި ހުރި ހުރިހައި އެއްޗެއް ބޭރުކޮށްލުމަށް ކިތައްމެ ބޭނުންވިޔަސް އެކަމެއް ނުކުރެވުނެވެ. ފަހަރުގައި އައިޝާ އެ ދައްކާ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮތްކަން ކޮންމެވެސް ވަރަކަށް އަދުހަމް އަށް ޤަބޫލު ކުރެވެނީ ކަމަށްވެސް ވެދާނެ އެވެ.

“އޯކޭ، އެހެންވެއްޖެއްޔާ އަވަހަށް ތިޔަބުނާ ފޮށްޓެއްނު ފެނޭތޯ ބަލަންވީ!” ފޭކް ހިނިތުންވުމަކާއި އެކު އަދުހަމް ބުންޏެވެ. “ކޮންތާކުތަ ތިބުނާ ފޮށްޓެއް ހުރީކީވެސް؟”

“އަހަރުމެން މި ތިބަ ދިމާ އަޑީގަ!!!؟؟”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 23 – ‘ފުޅިއެއް!’

“އޯކޭ، އެހެންވެއްޖެއްޔާ އަވަހަށް ތިޔަބުނާ ފޮށްޓެއްނު ފެނޭތޯ ބަލަންވީ!” ފޭކް ހިނިތުންވުމަކާއި އެކު އަދުހަމް ބުންޏެވެ. “ކޮންތާކުތަ ތިބުނާ ފޮށްޓެއް ހުރީކީވެސް؟”

“އަހަރުމެން މި ތިބަ ދިމާ އަޑީގަ!!!؟؟”

އައިޝާ ތެދުވި އެވެ. ވަށައިގެން ހޯދަން ފެށި އެވެ. އެހާ ރަނގަޅަށް ނުފެންނާތީ ފާާރުތަކާއި ތަޅުމުގައި އަތް ކާއްތަމުންނެވެ. ދަގަނޑު ރޮޑެއް އަތުގައި ޖެހުމުން ނެގި އެވެ. އަތަށް ހެޔޮވަރުކޮށްލި އެވެ. އައިޝާ ކުރަންއުޅޭ ކަމެއް ނޭނގޭތީ އަދުހަމް އަށް ހުރެވުނީ އެވެ.

“ކީއްކުރަން ތި އުޅެނީ؟” ފާޑަކަށް ހެމުން އަދުހަމް އެހިއެވެ. ވެގެން އުޅޭގޮތެއް އަދުހަމް އަށް އަދިވެސް ހުރީ ނޭނގިފައެވެ. އުޑެއް ބިމެއްގައި ނުޖެހި، ވައިގެ ތެރޭގައި ކޮންމެވެސް ނޭނގޭ ބާރަކުން އަދުހަމް ދަމައިގަނެގެން ގެންދިޔަފަހުން އަދުހަމް އަށް ހުރެވެނީވެސް ފާޑަކަށް ގަބުވެފަ އެވެ.

އެތަނުން ނިކުމެވޭނެ ގޮތެއް ފެނޭތޯ އަދުހަމް ލައްކަ ވިސްނައިފި އެވެ. ނަމަވެސް ލިބިފައިހުރި ގަބުކަމާއި ބޮލުތެރޭގައި އެނބުރެމުންދާ ކަންތައްތައް ގިނަކަމުން އެއްވެސް އެއްޗެއް ރަނގަަޅަށް ވިސްނޭވަރެއްވެސް ނުވެއެވެ. ކޮންމެވެސް މީހަކު އޭނާގެ ކަންފަތްދޮށުގައި ހެމުންދާ އަޑު އިވޭހެންވެސް ހީވެއެވެ. ކުރިމަތިން ކޮންމެވެސް މީހެއްގެ ނުވަތަ ކޮންމެވެސް ރޫހާނީ އެއްޗެއްގެ ދެލޯ ފެންނަހެންވެސް ބައެއްފަހަރު ހީވެ އެވެ. ކައިރީގައި މީހަކު ހުންނަހެންވެސް ހީވެ އެވެ. އެމީހުން އެ ބިންގަރާސް ކޮޓަރީގައި ތިއްބާ ކޮންމެވެސް އެއްޗެއް ނުވަތަ މީހެއް އެމީހުންނާއި ދިމާއަށް ބަލަން ހުއްޓާ ފެނުނުހެންވެސް ވަރަށް ބޮޑަށް ހީވަމުން ދިޔައެވެ.

އައިޝާ ކައިރީގައި އެއްވެސް އެއްޗެކޭ ބުނެފިނަމަ އޭނާ ބިރުގަންނާނެ ވަރު އަދުހަމް އަށް އެނގެ އެވެ. މިހާރުވެސް އައިޝާ އެހެރީ ބޮޑު ޝޮކެއްގެ ތެރޭގަ އެވެ. އީތަން އާއި ޝިފާ މަރުވެއްޖެކަން އެނގުނުފަހުން ނެވެ.

‘އައިޝާ އެ ބުނާގޮތަށް ކަންތައް ކޮށްގެން އަހަރުމެންނަށް މިތަނުން ނިކުމެވޭ ކަމަށްވާނަމަ މަވެސް މިހެން ނުހުރެ އެކަމާ އުޅެންވީ.’ އަދުހަމް ގެ ހިތަށް އެރި އެވެ.

އައިޝާ ގެ އަތުގެ އިޝާރާތުން އަދުހަމް ފަހަތަށް ޖެހިލުމަށް އެނގި އެވެ. އުޑަފައިން އިށީންދެ، މުށިގަނޑު މަތީގައި އަޅާފައި އޮތް ކާޕެޓް ހިއްލާލައި އެއްފަރާތަށް އޮޅާލި އެވެ. ކާޕެޓް ދަށުގައި ތަޅުމުގައި ހުރީ ލަކުޑި ދޮރުފަތެކެވެ. ދޮރުފަތުގެ މެދުގައި ދަގަނޑުން ހަދާފައިވާ އަތްގަނޑެއްވެސް ހުއްޓެވެ. ޔޫ-އަކުރެއް ގެ ބައްޓަމަށް ހުރި އަތްގަނޑު ތެރެއަށް އައިޝާ ގެ އަތުގައި އޮތް ދަގަނޑުބުރި ކޮއްޕާލި އެވެ. ދަގަނޑުގަނޑުގައި ހިފައި މަތައިލި އެވެ.

“ބަލައިގެން އުޅޭތި! އަނިޔާއެއް ވެދާނެ!” އަދުހަމް އަށް މަޑުން ނުހުރެވިގެން ބުންޏެވެ.

“ތީތި ދީބަލަ މަގޭ އަތަށް؟؟” ކުރިއަށް ޖެހިލައި ދަގަނޑުގައި ހިފަމުން ބުންޏެވެ. ދެތިން ފަހަރަކު ދަގަނޑުގަނޑުން މަތައި ޖަހައިލި އެވެ. ލެވުނުހައި ބާރެއް ލަމުން އަނެއްކާވެސް މަތައިލި އެވެ. މިފަހަރު ދޮރުފަތް ގުޑާލައިފި އެވެ. ދޮރުފަތް ނަގައި އެއްފަރާތެއްގައި ބާއްވާލި އެވެ.  އަދުހަމް އާއި އައިޝާ އަށް ސިހުމެއް ލިބުނެވެ. ތަޅުންގަނޑުގެ އަޑިއަށްވާގޮތަށް ކަނޑާފައި ހުރި ގޮޅީގެ އެއްމެ އަޑީގައި ރަތްކުލައިގެ ފޮތިގަނޑެއް އޮތްތަން ފެނުމުން ނެވެ. ފޮތިގަނޑުގައި އަތް ޖައްސާލުމާއިއެކު އެއީ ފޮށްޓެއްގެ ވަށައިގެން އޮޅާލާާފައިވާ ފޮތިގަނޑެއްކަން އެނގުނެވެ.

“އައިޝް، ނިކަން ބަލާބަލަ މި-“

ޖުމްލަ ނުވެސް ނިމެންދެން އަދުހަމް ނަގަމުންދިޔަ ފޮށި އައިޝާ އަތުލިއެވެ. ކިތަންމެ ބޮޑު ފޮށްޓަކަސް އެ ފޮށި ބަރު ނޫންކަން އައިޝާއަށް އެނގުނެވެ. އޮޅާލާފައިވާ ކާޕެޓްގަނޑު ކަައިރީގައި ފޮށި ބެހެއްޓުމާއިއެކު ހުޅުވާލި އެވެ. ފޮށި ތެރޭގައި އޮތީ ވަރަށް ރީތިކޮށް ބިއްލޫރި އެހުން ޑިޒައިންކޮށްފައިވާ ބިއްލޫރި ފުޅިއެކެވެ. ފުޅި ތެރޭގައި ފުޅިއާއި ދާދި އެއްކުލައަކަށްހުރި ކޮންމެވެސް ދިޔާއެއްޗެއްވެސް ހުއްޓެވެ.

“ތީ އަނެއްކާ ކޮންއެއްޗެއްބާ؟” ލިބުނުހައިރާން ކަމާއެކު އަދުހަމް ސުވާލުކުރި އެވެެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 24 – ސަލާމަތްވާނެ މަގެއް!’

“އައިޝް، ނިކަން ބަލާބަލަ މި-“

ޖުމްލަ ނުވެސް ނިމެންދެން އަދުހަމް ނަގަމުންދިޔަ ފޮށި އައިޝާ އަތުލިއެވެ. ކިތަންމެ ބޮޑު ފޮށްޓަކަސް އެ ފޮށި ބަރު ނޫންކަން އައިޝާއަށް އެނގުނެވެ. އޮޅާލާފައިވާ ކާޕެޓްގަނޑު ކަައިރީގައި ފޮށި ބެހެއްޓުމާއިއެކު ހުޅުވާލި އެވެ. ފޮށި ތެރޭގައި އޮތީ ވަރަށް ރީތިކޮށް ބިއްލޫރި އެހުން ޑިޒައިންކޮށްފައިވާ ބިއްލޫރި ފުޅިއެކެވެ. ފުޅި ތެރޭގައި ފުޅިއާއި ދާދި އެއްކުލައަކަށްހުރި ކޮންމެވެސް ދިޔާއެއްޗެއްވެސް ހުއްޓެވެ.

“ތީ އަނެއްކާ ކޮންއެއްޗެއްބާ؟” ލިބުނުހައިރާން ކަމާއެކު އަދުހަމް ސުވާލުކުރި އެވެެ.

“ހަމަ މިހާރު މިތަނުން ދާން ހިނގާ.” އަދުހަމް ވަރަށް އަވަސް އަވަހަށް ބުންޏެވެ. ނެގި ފޮށިވެސް ކާޕެޓް މަތީގައި ބަހައްޓާފަ އެވެ. ފޮށިތެރެއިން ނެގި ފުޅި އޮތީ އަދުހަމް ގެ އަތުގަ އެވެ.

ބިންގަރާސް ކޮޓަރިން މައްޗަށް އަރަން ހުރި ސިޑިން އެރިއެވެ. ފުރަތަމަ ފަންގިފިލާ އަށް ގޮސް މަޑުކޮށްލި އެވެ. އެތަނުގެ ތަޅުމުގައިވެސް އޮތީ ލަކުޑި ފިލާ ޖަހާފަ އެވެ. ދެމީހުންގެ ހަނދާނަށްވެސް އައީ ބިންގަރާސް ކޮޓަރީގެ ތަޅުމެވެ. އައިޝާ ގެ މޫނުމަތިން މާޔޫސް ކަން ފާޅުވި އެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. ފިނިކަމުންގޮސް ދެ އަތްތިލަ ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. އައިޝާ އަށް ހުރެވުނީ ކޮންމެވެސް ކަމަކާ ވިސްނާށެވެ. އޭރު އަދުހަމް ހުރީ އިސްދަށަށް ޖަހައިގެން ބޮލުގައި އަތް އަޅައިގެންނެވެ. އެހެން ހުރެ ވަރަށް އަވަސް އަވަހަށް މާނޭވާ ލަމުން ދިޔަ އެވެ. އައިޝާ ކުރިއަށް ޖެހިލި އެވެ. އަދުހަމް ގެ ދެ އަތުގެ މުލައްދަނޑީގައި ހިފައި ތަޅުވައިގަތެވެ.

“ކީއްތަ ތިކުރަނީ؟ މިއީކީ އެއްގޮތަކަށްވެސް ވަރުބަލި ފިލުވަން ތިބެވެންވީ ވަގުތެއް ނޫނޭ!” ވަރަށް ބާރަށް އައިޝާ ބުންޏެވެ.

“މި ފުޅީގަ މިހުރި އެއްޗެއް މިތަނުގަ އެ އުޅޭ ރޫހާނީ އެތީގެ ގަޔަށް ޖަހައިފިއްޔާ ކިހިނެތް ވާނެ!!؟؟؟” އަދުހަމް ގެ ޖީންސް ދަށަށް ޖަހާފައި ހުރި ފުޅި ނަގައި ދައްކާލަމުން ސުވާލުކުރި އެވެ.

“އޯކޭ. ތިހެންވެސް ހެދީމަ ދޯ އެނގޭނީ ވާއެއްޗެއްވެސް!! އަނެއްކާ އެ ރޫހަކީ ‘އެއްލާ ހިފާކުޅެން’ ދަންނަ ރޫހެއް ނޫންބާ؟!!”

“ސީރިއަސްވެބަލަ! އަހަރުން ހަމަ ރަނގަޅަށްވެސް މި ތިބީ މި ގޭގަ ބަންދުވެފައޭ. އެނގެއެއްނު ކިހިނެތްކަން ވީ އެ-” އަދުހަމް ބުނަންފެށި ޖުމްލަ ފުރިހަމައެއް ނުކުރި އެވެ. “އަހަރުމެންނަށް އޮތް ހަމަ އެކަނި ޗާންސަކީ ވެސް މި ފުޅި އެއްނު!”

“ރަނގަޅޭ. އެކަމަކު…. އެކަމަކު ތީގަ ހުރި އެއްޗެއް އެ ރޫހެއްގެ ގަޔަށް ޖަހައިގެން އެއްވެސް ކަމެއް ނުވެއްޖެއްޔާ ޔޯ؟؟!!” ކަންބޮޑުވެ ބިރުން ހުރެ އައިޝާ ބުންޏެވެ.

“އަޅޭ… އެކަމަކު ޓްރައި ކޮށްލެވިދާނެ ދޯ. އަހަރުންނަށް އެހެން އޮޕްޝަން އެއްވެސް ނެތެއްނު!” އައިޝާ އާއި ދިމާއަށް ހަރުކަށި ގޮތަކަށް ބަލައިލަމުން އަދުހަމް ބުންޏެވެ. އަދުހަމް އެ ބުނި ގޮތަށް އެއްބަސްވިކަން އެނގުމަށް ލޯ މަރައިލަމުން ބޯ ޖަހައިލި އެވެ.

އެމީހުން އެނބުރި އައި ތަނަށް ދިއުމަށް އަދުހަމް ހިނގައިގަތެވެ. އަދުހަމް ގެ ފަހަތުން އައިޝާ ވެސް ހިނގައިގަތެވެ.

“ތި ދެވެނީ އަހަރުން ދެންމެ އައިތަނަށް ކަން އެނގި ހުރެތަ ތިހެން ތި ދަނީ؟” އައިޝާ ޔަޤީން ކޮށްލަން ބޭނުންވި އެވެ.

“ޝޫޝޫޝޫޝޫ” އައިޝާ ހުއްޓުމަށް އަދުހަމް ސިގްނަލް ކުރި އެވެ. ޗޭނުގަނޑެއް ދަމަމުން މީހަކު ހިނގަމުންދާ އަޑު ކޮންމެވެސް ކޮޓަރިއަކުން އިވިގެންނެވެ.

“އޭތި މިތަނުގަ އެބަ އުޅޭ. އެއްވެސް އަޑެއް ބަޑެއް ނުލައްވާތި!” ދެ ދަތްޕިލަ ޖައްސައިގެން ހުރެ ވަރަށް ސިއްރުން އަދުހަމް ބުންޏެވެ.

ފަހަތަށް ފިޔަވަޅެއް އައިޝާ އެޅި އެވެ. އަދުހަމް ގެ ފުރަގަހަށް ވަދެ ފިލި އެވެ. ކޮޓަރިއެއްގެ ތެރެއިން އިވެމުންދިޔަ އަޑާއި އޭނާގެ ހިތުގެ ތެޅުމުގެ އަޑުވެސް ވަރަށް ސާފުކޮށް އައިޝާ އަށް އިވެމުން ދިޔައެވެ. ފުން ނޭވާއެއް ލެވޭތޯ އައިޝާ މަސައްކަތް ކުރިއެވެ. ނަމަވެސް ހިންވެސް ދިރުވައެއް ނުލެވުނެވެ. މުޅި ގައިން ހީބިހި ނަގައި މީހާ އެއްކޮށް ފިނިވެއްޖެ އެވެ.

ކުއްލިއަކަށް އައިޝާ ގެ ގަޔަށް ފިނި ވައިރޯޅިއެއް އެޅުނު ކަމުގެ އިހުސާސް ކުރެވުނެވެ. ޒާތެއްގެ އުނދަގުލެއް އޭނާގެ ހަށިގަނޑަށް ވާން ފެށި އެވެ. އޭނާ ބިރުން ހުރިވަރެއް އަދުހަމް އަށް އަންގައި އިތުރަށް އުނދަގޫ ކުރާކަށް މިވަގުތު އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ވެސް ބޭނުންވަނީ ހިތްވަރުކުރާށެވެ. ކޮއްކޮ އަދުހަމް ގޮތަށެވެ. އަދުހަމް ގޮތަށް ވަރުގަދަ މީހަކަށް ވާށެވެ. ނުވަތަ އެއްމެ ކުޑަމިނުން އެގޮތަށް ހެދިގެން އުޅޭށެވެ. ކިތައްމެ ބިރުގަތަސް ބިރުނުގަންނަ ކަމަށް ހެދިގެން އުޅޭށެވެ.

އަދުހަމް އާއި އައިޝާ ހުއްޓިގެން ތިބީ ހޯލުވޭގެ ދެފަރާތަށް ހުރި ކޮޓަރިތަކުން ކޮޓަރިއެއްގެ ހަލާކުވެފައިވާ ދޮރުފަތެއްގެ ފަހަތުގަ އެވެ. ފުޅީގައި ހިފައިގެން ހުރީ އޭގެ ފުލުގަ އެވެ. އެތަނުގައި އެ އުޅޭ ރޫހާނީ އެއްޗެއްގެ ގަޔަށް އެ ފުޅީގައި ހުރި އެއްޗެއް ޖެހުމަށް ތައްޔާރަށެވެ. ޖެހޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްނަމަވެސް މެއެވެ. އޭނާ އަތުގައި ހުރި ތުރުތުރުލުން އައިޝާ އަށް ފޮރުވުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ކޮންމެ ގޮތަކަށް އިހުސާސް ކުރެވުނަސް، ހިތްވަރުކޮށްފައި އޭނާ ސާބިތުކަމާއިއެކު އެތަނުގައި ހުއްޓެވެ. އަދުހަމް ގެ ދައްތަ އޭނާ އަށް ކުރަމުންދާ އިތުބާރުގެ ޙައްްޤުގަ އެވެ.

އިވެމުންދިޔަ ފިޔަވަޅުގެ އަޑު ކެނޑިއްޖެ އެވެ. އަނެއްކާވެސް އެއްކޮށް މުޅި އެތަން ހިމޭން ވެއްޖެ އެވެ.

“އޭތި ދިޔައީތަ؟ ޔަޤީންތަ އެ ރޫހެއް މިތަނުގަ އުޅުނުކަން؟” އައިޝާ ސުވާލުކުރަން ފެށި އެވެ. ވައި އަޑުންނެވެ.

“އެ އެއްޗެއް އެ އުޅެނީ ޗޭނުގަނޑެއްހިފައިގެން-” ބުނަން ފެށި ޖުމްލަ މެދުކަނޑައިލަމުން ދުރަށް ބަލައިލި އެވެ.

“އެ ރޫހާނީ ބާރެއް މިތަނުގަ އެބައުޅޭކަން މަށަށް ހަމަ ޔަޤީން ކުރެވޭ.”

ދިހަވަރަކަށް މިނެޓް ވާންދެން ތިބި ފިޔަވަޅު މަތީގައި ގުޑިވެސް ނުލައި އެމީހުން ތިއްބެވެ.

އައިޝާ ފުން ނޭވާއެއް ލިއެވެ. “ވެދާނެއެއްނު އޭތި ދިޔައީކަމަށްވެސް.”

އަތުގައި ހުރި ފުޅި ތަޅުންމަތީގައި ބަހައްޓަމުން އަދުހަމް ގެ އަތް ދަމާލި އެވެ. މޯޅިއަކަށް ދެމިލައި ހަށިގަނޑު ދަމާލި އެވެ. ފުޅީގައި ހިފައިގެން ހުރެހުރެ އޭނާގެ އަތް ވަނީ އައްސި ވެފަ އެވެ.

“ދެން ކިހިނެތް ހަދާނީ؟” ކިތައްމެ ހިތްވަރެއް ކުރިޔަސް އައިޝާ ގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓިއްޖެ އެވެ.

“ސިސް ތިހާ ކަންބޮޑުވާ އެއްޗެއް ނޫނޭ. ހުރިހައިކަމެއްވެސް ރަނގަޅުވާނެ. ހިތްވަރުކޮށްބަލަ.” އައިޝާ ގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން އަދުހަމް ބުންޏެވެ. އައިޝާ ގެ ގައިގައި ބާރަށް ބައްދާލި އެވެ.

ލިބިފައިވާ ހިތާމައާއި ބިރާއި ވަރުބަލިކަމުގެ ތެރެއަށް ދެމީހުންނަށް ގެއްލެވިފައި ތިބެވުނު އިރު، އެމީހުންގެ ފުރަގަހުގައި ކޮންމެވެސް މީހަކު ހުއްޓިގެން ހުރިކަން އެމީހުންނަށް ރޭކާވެސް ނުލަ އެވެ.

ކޮންމެވެސް މީހެއްގެ ނޭވާ އައިޝާ ގެ ކަނދުރާ އަށް އެޅެމުންދާކަން އެނގުނެވެ. އެ ރޫހާނީ އެއްޗެއް ހުއްޓިގެން ހުރީ އައިޝާ ގެ ފުރަގަހުގަ އެވެ. އޭތި ދިޔައީ އައިޝާ ގެ ގައިން ވަސްބަލަމުންނެވެ.

އެއްވެސް ހަރަކާތެއް ނުކޮށް، ވަރަށް ސިއްރުސިއްރުން ލޮލުގެ އެއް ކަނުން އައިޝާ ބަލައިލި އެވެ. މިއީ އެ ރޫހާނީ އެއްޗެއް އެއްމެ ފުރަތަމަ ފަހަރަށް އައިޝާ އަށް ފެނުނު ފަހަރެވެ.

އެ ރޫހާނީ އެތި ހުރީ އެ ދެމީހުން ކައިލުމަށް ތައްޔާރަށެވެ. އޭތި ދިޔައީ އެމީހުންގެ ގައިގެ ވަސް ބަލަމުންނެވެ.

“އަދުހަމް!” އަދުހަމް ގެ ކޮނޑުގައި ކޮއްޓާލަމުން އައިޝާ ގޮވާލި އެވެ.

ނުނިމޭ

 

އާކުއްޖެކޭ ދަސްވީފަހުން: 25 – ދުވަމުން ދުވަމުން….

އެ ރޫހާނީ އެތި ހުރީ އެ ދެމީހުން ކައިލުމަށް ތައްޔާރަށެވެ. އޭތި ދިޔައީ އެމީހުންގެ ގައިގެ ވަސް ބަލަމުންނެވެ.

“އަދުހަމް!” އަދުހަމް ގެ ކޮނޑުގައި ކޮއްޓާލަމުން އައިޝާ ގޮވާލި އެވެ.

އައިޝާ ގެ މޫނުމަތިން ކުރިން ފެންނަމުންދިޔަ ހިތާމައިގެ އަސަރު ބިރުވެރިކަމަށް ބަދަލުވެއްޖެކަން އަދުހަމް އަށް އެނގުމުން އައިޝާ ގެ ފުރަގަހަށް ބަލައިލި އެވެ. އޭރު އެ ރޫހާނީ އެތި ހުރީ އައިޝާ އާއި ނުހަނު ކައިރީގަ އެވެ. އެ ވަގުތަކީ އެމީހުންގެ އެއްމެ ފަހު ވަގުތުކަން އަދުހަމް އަށް ޔަޤީން ކުރެވުނީ އެހިސާބުން ނެވެ.

އެ އެތީގެ ލޮލުގެ ބަދަލުގައި ހުރީ ކަޅުކުލައިގެ ދެ ލޯވަޅެވެ. މުޅި ހަށިގަނޑު ހުރީ ހުދުކޮށެވެ. ހީވަނީ ގަނޑުފެން ގަނޑެއް ހެންނެވެ. އައިޝާ ގެ ގައިގެ ވަސްބަލަން ފެށުމުން ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ.

“ނުގުޑި ހުންނާތި، އައިޝް.” އަދުހަމް ވައި އަޑުން ބުންޏެވެ.

އަތުގައި ހުރި ފުޅީގެ މަތިގަނޑު ނަގައި އޭގައި ހުރި ފެން އަތަށް އަޅަމުން އައިޝާ ގެ ފުރަގަހުގައި ހުރި ރޫހާނީ އެއްޗާއި ދިމާއަށް ވިއްސާލި އެވެ. އަދުހަމް ހީކުރި ގޮތާއި ޚިލާފަށް އެ ރޫހާނީ އެތި ފަހަތަށް ޖެހުމުގެ ބަދަލުގައި އައީ ކުރިއަށެވެ. އައިޝާ އާއި ކައިރިއަށެވެ.

ހީކުރިގޮތަށް ކަންތައް ނުވުމުން އަދުހަމް ގާތަށް ރުޅި އާދެވުނެވެ. އަތުގައި ހުރި ފުޅި އަތުން ދޫވެގެން ތަޅުންމައްޗަށް ވެއްޓިއްޖެ އެވެ. ތަޅުންމަތީގައި ފުޅި ޖެހުމާއިއެކު ކުދިކުދިވެގެން ދިޔައެވެ.

އިވުނު އަޑާއިއެކު އައިޝާ އަށް ތެޅިގަނެވުނެވެ. ދެލޯ ހުޅުވައިލަމުން ރޮއެގަތެވެ. “އަދުހަމޫ!!”

އެވަގުތު އެ ރޫހުގެ މިސްރާބު ބަދަލުކޮށްލީ އަދުހަމް އާއި ދިމާއަށެވެ. އަދުހަމް ގެ ކައިރިއަށް ގޮސް ހުއްޓިފައި އޭނާގެ ކަނދުރާ ދޮށުގައި ވަސްގަންނަން ފެށިއެވެ.

އަދުހަމް އަށް ހުރެވުނީ އެވެ. ގުޑިލާންވެސް ނުކުރިފަ އެވެ. ހަމަ އެކަނި އޭނާގެ އަނގައިން ބުނެވުނީ އެއްމެ ތިން ލަފުޒެވެ. “އައިޝް، ދުރަށް ދޭ!!”

އަދުހަމް ފަހަތަށް ޖެހިލި އެވެ. އެ ރޫހު އަދުހަމް ގެ ފަހަތުން ދާން ފެށިއެވެ. “އައިޝް، ތިހެން މަޑުން ނުހުރެ މިތަނުން ދާށޭ!” އަނެއްކާވެސް އަދުހަމް ބާރަށް ހަޅޭއްލަވައިގަންނަމުން ބުންޏެވެ.

އަދުހަމް ފަހަތަށް އަޅަމުން ދިޔައީ ކުރު ފިޔަވަޅުތަކެއްކަން އައިޝާ އަށް ފާހަގަ ކުރެވުނެވެ. އަނެއްކާވެސް ފަހަތަށް ދެ ފިޔަވަޅެއް އަދުހަމް އެޅިއެވެ. އަދުހަމް ގޮސް ޖެހުނީ ފާރުގަ އެވެ. އެވަގުތު ދާނެ އެހެން ދިމާއެއް ނެތްކަން އަދުހަމް އަށް އެނގުނެވެ. އެ ރޫޙާނީ އެތި އަދުހަމް އާއި ކައިރިއަށް ޖެހެމުންގޮސް ވަރަށް ކައިރީގައި ހުއްޓުނެވެ. އަދުހަމް ގެ ވާތުގައި ވަރަށް ބާރަށް ދަތްއެޅި އެވެ.

އެވަގުތު އަދުހަމް ގެ އަތުގެ އެތައްމިތަނުން ކަޅުކުލައިގެ ބޮޑެތި ކުރަގަނޑުތަކެއް ލާންފެށިއެވެ. ނިތްކުރީގައި ބޮޑު ފާރުގަނޑެއްވެސް އުފެދުނީ ބަލަބަލާ ހުއްޓައެވެ.

އައިޝާ ދުއްވައިގަތެވެ. ދާނެ ދިމާއެއް، ކުރާނެ ކަމެއް ނޭނގުނަސް ދުއްވައިގަތެވެ. މިއީ އެއްމެ ފަހުވަގުތުކަމަށް ހީކުރެވުނަސް ސަލާމަތްވާނެ މަގެއް ފެނޭތޯ ބެލުން ހުއްޓާލާކަށް އޭނާ ބޭނުމެއް ނޫނެވެ. ދުރުދުރުން އަދުހަމް ހަޅޭއްލަވަމުންދާ އަޑު އިވެމުންދިޔައެވެ. ސަލާމަތަށް އެދި އަދުހަމް އާދޭސްކުރާއަޑެވެ. އަޅަމުންދާ ތަދުގެ ވޭން ގަދަކަމުން އަނގައިން ބޭރުވަމުންދާ އާހްގެ އަޑެވެ. އައިޝާ ފަސް އެނބުރި ބަލައިލިވަގުތު ފެނިގެންދިޔަ މަންޒަރުން ހިތް ހުއްޓުނުކަހަލަ އެވެ. އަނެއްކާވެސް އެ ރޫހާނީ އެތި އަދުހަމްގެ ގައިގައި ދަތްއެޅި މަންޒަރު ފެނުނެވެ. މިފަހަރު ދަތްއެޅީ މޫނުގައެވެ. އޭރު އަދުހަމް ގެ އަތުގައި ހުރި ޒަޚަމް އިތުރަށް ބޮޑުވަމުން ދިޔަ އެވެ. ގައިގައި ނަގަމުންދިޔަ ކުރަގަނޑުތައް އިތުރުވަމުން ދެއެވެ. އަދުހަމްގެ ސިފަ ވަކިކުރަން ނޭނގޭހާ ވަރަށް މުޅި ހަށިގަނޑުގައި ކުރަތައް ނަގަމުން ދިޔައެވެ.

“އަދޫ މަރުވިޔަކަ ނުދޭނަން.” ދަތްކުނޑި ވިކައިލަމުން އައިޝާއަށް ބުނެލެވުނެވެ. އަމިއްލަ ނަފުސަށް ވަޢުދުވީ އެ ރޫހާނީ އެތީގެ ޝިކާރައަކަށްވެ އޭނާގެ ކޮއްކޮ މަރުވެގެން ދިޔަ ނުދިނުމަށެވެ.

‘އައިޝާ!….. ފުޅީގެ ބޭރަށް ފެންނަ ހުރި އެއްޗެއްސަށް ބަލާބަލަ!….. އޭރުން އެނގޭނެ ކަންކުރަންވީ ގޮތް. އަވަސްކުރޭ! އެހެން ނޫނީ މާލަސްވެދާނެ!!’ ގަދަ އެކޯ އަކާއިއެކު އައިޝާ ގެ ކަންފަތްދޮށުގައި ގުގުމަންފެށީ ކުރިންވެސް އިވުނު އަޑެވެ. މިފަހަރުވެސް އެމީހާ އެ ދައްކަނީ އެ ފުޅީގެ ވާހަކައެވެ.

‘ފުޅީގެ ބިއްލޫރިތައް!!!’ އެމީހާ އެބުނި އެއްޗެއް އައިޝާއަށް ވިސްނިއްޖެ އެވެ. “ފުޅީގެ ބޭރަށް ބަލާށޭ…” އެމީހާ ބުނި އިބާރާތްކޮޅު އައިޝާ ވެސް ތަކުރާރު ކޮށްލި އެވެ. އައިޝާ ފަސްއެނބުރި އަދުހަމް އަށް ބަލައިލި އެވެ.

“އަދޫ!” އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އެހިސާބަށް ވިއްސިފައިވާ ފުޅިތޮށިތަކުން ފުޅިތޮށިކޮޅެއް ނެގިއެވެ. ބަލާކަށް ނުހުރެ ދުއްވައިގަތެވެ. އަދުހަމް އާއި ހަމަލާދެމުން ގެންދާ އެ ރޫހާނީ އެއްޗާއި ދިމާއަށެވެ. އައިޝާ އެ ދިޔަ ބާރުމިނުގައި ގޮސް އަތުގައި އޮތް ފުޅިތޮށިގަނޑު އެ ރޫހާނީ އެތީގެ ހަށިގަނޑަށް ވައްދާލި އެވެ. މަޑު ފުށްގަނޑެއްގެ ތެރެއަށް ވަޅިއެއްގެ ތުނޑު ވަދެގެންދާހާވެސް ފަސޭހަކޮށް ފުޅިތޮށިގަނޑުވެސް ވަދެގެން ދިޔައެވެ. އެ އެތީގެ އަރިކަށްޓަށް ހެރިފައި ހުރި ފުޅިތޮށިގަނޑުން ކުއްލިއަކަށް އަލިކަމެއް ނިކުމެއްޖެއެވެ. ގަދަ އަލިކަމެކެވެ. މުޅި ތަނަށް އެ އަލިކަން ފެތުރުނެވެ. މުޅި އެ ސަރަހައްދަށް އޮތީ ހުދުކުލައިގެ އަލިކަމެއް ވެރިވެފައެވެ. އެ އަލިކަމުގެ ތެރެއިން ކަޅުކުލައިގެ ދުންގަނޑެއް ފެންނަން ފެށިއެވެ. އެ ރޫހާނީ ސޫރައިގެ ސިފަޖެހިފައިވާ ދުންގަނޑެކެވެ. އެ ސޫރައަށް ހުރީ ގުޑިނުލެވިފައިކަން އައިޝާއަށް އެނގުނެވެ. އޭތި ހުރީ އެ ގަދަ އަލިކަމުގެ ތެރޭގައި ތާށިވެ ގައިދުވެފައެވެ.

“އަވަހަށް މިތަނުން ދެވޭތޯ ހިނގާ!” އަދުހަމް ނަގައި އަތުލަފިކޮށްލަމުން އައިޝާ ބުންޏެވެ.

“އައިޝް.” އެއްކޮށްކަހަލަ ގޮތަކަށް މެރިފައިވާ ދެލޯ ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން ވައި އަޑުން އަދުހަމް އައިޝާ އަށް ގޮވާލި އެވެ.

“މިތަނުން އަވަހަށް ނިކުންނަން އެބަޖެހޭ. ލޯ ނުމަރާ މަށަށް ބަލާބަލަ!!” އަދުހަމް ގެ ދެ ކޮލުގައި މަޑުމަޑުން ޖަހަމުން ބުންޏެވެ.

އަދުހަމް ގެ އަތް ގެނެސް އައިޝާ ގެ ކަނދުރާ މަތީގައި ބާއްވައިދިނެވެ. އައިޝާ ގެ ކަނާތުން އަދުހަމް ގެ އުނަގަނޑުގައި ބާރަށް ހިފެހެއްޓި އެވެ. ދަމާފައި ކަހަލަ ގޮތަކަށް އަދުހަމް ގޮވައިގެން ދިގު ހޯލު ތެރެއިން އައިޝާ ހިނގަމުން ދިޔައެވެ. ހުޅުވިފައި ހުރި ދޮރެއް ކުރިމަތިން ފެނިއްޖެ އެވެ. އެއީ އެހެން ކޮޓަރިއަކަށް ހުޅުވިފައި ހުރި ދޮރެކެވެ. ދަމަމުން ކަހަލަ ގޮތަކަށް އަދުހަމް ގޮވައިގެން އެ ކޮޓަރި ތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ބިއްލޫރި ޖަހާފައިހުރި ބޮޑު ކުޑަދޮރެއް ފެނިއްޖެ އެވެ.

ދޮރުކައިރީގައި އަދުހަމް ބައިންދާފައި ކުޑަދޮރާއި ދިމާއަށް ގޮސް ހުއްޓުނެވެ. އަތަށް ލެވުނުހައި ބާރެއް ލާފައި ބިއްލޫރި ގަނޑުގައި ޖަހައި ތަޅައިލި އެވެ. ކުޑަދޮރުން ބޭރުން ހާމަޔަށް ދުނިޔެ ފެންނާން އޮތެވެ. އެމީހުން މަލީޝާ ގެ ގެއަށް ވަންނަން އައިރު ފެންނަން އޮތް ޚަރީފު ވެފައިވާ ބަގީޗާ މިހާރު އޮތީ ފަރިވެ ފޮޅިފައެވެ. ބަހާރު މޫސުން އައިސްފައިވާ މާމެލާމެލީގެ ބަގީޗާ އެއް ގޮތަށެވެ. އައިޝާގެ ހިތްވަނީ އަވަސްވެފައެވެ. އޭނާ ބޭނުންވަނީ ވީ އެއްމެ އަވަހަކަށް އަދުހަމް ގޮވައިގެން ބޭރަށް ނިކުންނާށެވެ. އަދުހަމް ގެ ކައިރިއަށް ގޮސް އަދުހަމް ނަގައި އަތުލަފި ކޮށްލި އެވެ.

“އަދޫ، އަހަރުންނަށް މިތަނުން ސަލާމަތް ވެވޭނެ. ހިތްވަރުކޮށްލާ!” އަދުހަމް ނަގައި ހަމަޖެހިލަމުން ބުންޏެވެ. “މިތަނުން ނިކުމެވުނުހާ އަވަހަކަށް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދީމަ އަދޫ ރަނގަޅު ވާނެ. އެހެންވީމަ ކަންބޮޑު ނުވެ ހިތްވަރުކޮށްލާ.”

އެމީހުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިފައި ތިރިއަށް ބަލައިލި އެވެ. އެމީހުންނަށް ތިބެވުނީ އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައިކަން އެނގުނީ އެވަގުތު އެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުންނަށް ބޭރަށް ނިކުމެވެން އޮތް ހަމަ އެކަނި މަގަކީ އެއީ އެވެ. އެހެންކަމުން ދެމީހުން އެކުގައި ބޭރަށް ފުއްމާލުމަށް ތައްޔާރުވި އެވެ. އައިޝާ ފަހަކާއި ހަމައަށް ގުނާލުމާއި އެކު ދެމީހުން އެއްފަހަރާ ފުއްމާލި އެވެ. ދެމީހުން ގޮސް ވެއްޓުނީ ބިންމައްޗަށެވެ. އައިޝާ ގޮސް ޖެހުނީ ފެންވައިރުކޮށްފައިވާ ހޮޅިއެއްގެ މަތީގައެވެ. އޭނާގެ ބޯ ގޮސް ޖެހުނީ ހޮޅީގެ ކޮޅުގައި ހަރުކޮށްފައިހުރި ފެންއިސްކުރު ގައެވެ. އޭރު އަދުހަމް އަށް އޮވެވުނީ ދެބަދޭތެރޭގަ އެވެ. އޭނާގެ ކޮނޑަށް ކުޑަކުޑަ ބިއްލޫރިކޮޅެއް ހެރިފައި ހުއްޓެވެ.

“ނަސީބަކުން މަރެއް ނުވިއެއްނު. ނަސީބަކުން ސަލާމަތް ވެއްޖެއެއްނު.” މޮޔައެއް ފަދައިން އައިޝާ ހަޅޭއްލަވަން ފެށިއެވެ.

އަދުހަމް ގެ ކޮނޑަށް ހަރަކާތެއް ގެނެވޭތޯ މަސައްކަތްކޮށްލި އެވެ. ވީ ތަދުން ހަޅޭއްލަވައިގަތެވެ. “އާނ އެތަނުންވާ ނިކުމެވިއްޖެ!”

ލެވުނުހައި ބާރެއްލަމުން އަދުހަމް ވަރަށް މަސައްކަތުން ތެދުވި އެވެ. ވާތަދުން ހަޅޭއްލަވަމުންނެވެ. އޭނާ މަސައްކަތް ފެށީ އެ ހިސާބުގައި ބޭއްވި ކާރު ފެނޭތޯ އެވެ. އޭނާގެ ކާރު ބޭއްވި ހިސާބުގައި ޓަޔަރުގެ ނިޝާންތައް ފެންނަން ހުރިނަމަވެސް ކާރެއް ނެތެވެ. މަޑުމަޑުން ގޮސް އައިޝާ ގެ ކައިރީގައި ހުއްޓުނެވެ. އޭރު އައިޝާ އޮތީ ތެދުވެވޭނެހައި ހިތްވަރު ނުލިބިފަ އެވެ.

“ބަލާއެއްނު. މަގޭ ކާރެއް ނެތޭ އެތާކު!!؟” އަދުހަމް ޝަކުވާ ކޮށްލި އެވެ.

“ސާބަހޭ އަދޫ އަށް. އަދިވެސް ކާރު ނުފެނިގެންތަ ކަންބޮޑުވާންވީ. ބަލަ އަހަރުންނަށް މި އުޅެނީ ހިރިލެވޭވަރުވެސް ނުވެގެނެއްނު؟” ބިންމަތީގައި އޮތް ކާޕެޓު ގްރާސް ގަނޑުގައި އަތްކާއްތަމުން އައިޝާ ބުންޏެވެ.

ކުއްލިއަކަށް އަދުހަމް ގެ ފުރަގަހުން އަތެއް އައިސް އަދުހަމް ގެ އަތުގައި ހިފި އެވެ. “ކަލޭމެން ދެމީހުން އަނެއްކާވެސް ގޭތެރެއަށް ވަންނަންވީއެއްނު؟”

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 26 – ޝިފާ

ޝިފާ ގެއްލުނު ރޭ

މައިސަން ގެ ގޭގައި އޮތް އޭނާގެ ވެޑިންގ ޕާޓީއަށް އަދުހަމް ދިޔައިރު، އަދުހަމް ގެ ބޯކޮޅު ބަލަމުން ޝިފާ ދިޔައެވެ. ޕާޓީ އަށް ގޮސް އަދުހަމް އުޅުނު ހުރިހައި ގޮތަކަށްވެސް ޝިފާ ދިޔައީ ފާރަލަމުން ނެވެ. އެމީހުންގެ ކުލާސްމޭޓް ލީނާ ކައިރިއަށްގޮސް އަދުހަމް ހީނ ސަކަރާތްޖެހިތަން ބެލި އެވެ. ޕާޓީ އޮތް ސަރަހައްދާއި ތަންކޮޅެއް ދުރަށް އަދުހަމް ޖެހިލިވަގުތު ޝިފާ ގޮސް ލީނާ އާއި ކުރިމަތިލި އެވެ. އަދުހަމް އާއި ވާހަކަ ނުދެއްކުމަށް ބުނެ އިންޒާރު ދިނެވެ.

ގަޑިން ބަރާބަރު 11:45 ގައި، އަދުހަމް ޕާޓީ އިން ނިކުމެގެން ދިޔަތަން ޝިފާ އަށް ފެނުނެވެ. އޭރު އަދުހަމް ހުރީ ޖައްސައިގެންކަން ވަރަށް ސާފުކޮށް ޝިފާ އަށް އެނގުނެވެ. މައިސަން ގެ ގޭގެ ދޮރުމަތީގައި އޭނާ ގެ ކާރު ބާއްވާފައި ގެއަށް ދާން ހިނގައިގަތެވެ. އަދުހަމް ގެ ގެއާއި ދާދިކައިރިއަށް ދެވެންދެން އަދުހަމް ގެ ފަހަތުން ޝިފާ ދިޔައެވެ.

މަގުމަތީގައި ހުރި ފެންއިސްކުރު ބަރިއަކާއި އަރައި ހަމަވެފައި އަދުހަމް ހުއްޓުނެވެ. ފެންފޮދެއް ބުއިމަށެވެ. ދެތިން ކޯވަރެއް ބޮވުނުތަނުން ކޮންމެވެސް އަޑެއް އޭނާއަށް އިވުނެވެ. އެ އިވުނު އަޑާއިމެދު ސަމާލުކަމެއް ނުދީ އަދުހަމް ހިނގައިގަތެވެ. އެވަގުތު އޭނާއަށް ފެނުނީ ކުރިމަތީގައި އަންހެންކުއްޖެއް ހުއްޓައެވެ. ‘މަލީޝާ؟’ އަދުހަމް ގެ ސިކުނޑިތެރޭގައި މަލީޝާ ގެ ނަން ގުގުމައިލި އެވެ. މަސްތުވެފައި ހުރިވަރުން އޭނާގެ ދެލޮލަށްވަނީ ފުސްބުރާފަ އެވެ. އޭނާއަށް ހަމައެކަނި ފެންނަނީ އެ އަންހެންކުއްޖާގެ ދިގު އިސްތަށިގަނޑާއި ރީތި ދެލޯ އެކަންޏެވެ.

“ކަލެއަށް މާ ކަމުދާ ‘ބިޗެއް’ ދޯ އެއީ؟” އެ އަންހެންކުއްޖާ އައުގުރާނަ ގޮވަމުން ހަޅޭއްލަވައިގަތެވެ. އެއީ ކޮން ކުއްޖެއްގެ އަޑުކަން އިސާހިތަކުން އަދުހަމް އަށް އެނގިއްޖެ އެވެ.

“ޝިފާ؟ ޝިފާ މިތަނުގަ ކީއްތިކުރަނީ؟” ކަންފަތުގެ ވޮށި ކަހައިލަމުން އަދުހަމް ސުވާލުކުރި އެވެ.

“މަށަށް އެނގޭ އޭރުވެސް އެ މަލީޝާ އުޅުނީ އަހަރެން ގެ ކިބައިން އަދޫ ޖަހައިގަންނަންކަން.” ޝިފާ ހަޅޭއްލަވައިގަތެވެ. “އައި ލަވް ޔޫ އަދޫ. މިވަރަށް އާދޭސްކުރާއިރުވެސް ކަލެއަށް ނުވިސްނެނީތަ؟ އަހަންނަކަށް އަދޫ އާއި ނުލައެއް ނޫޅެވޭނެ!” އޭނާ އަދުހަމް އާއި ކައިރިއަށް ޖެހިލި އެވެ.

އަދުހަމް ގެ އަތުން ޝިފާ ގެ ކޮނޑުގައި ހިފައިފައި ދުރަށް ކޮއްޕައިލި އެވެ. “ކަލޭ މޮޔަވީތަ. ބުނެފީމެއްނު މަށެއް ކަލޭދެކެ ލޯތްބެއް ނުވަމޭ. ކަލެއަށް އެވަރުވެސް ގެޓެއް ނުވޭދޯ!” އަދުހަމް ވެސް ބާރަށް ހަޅޭއްލަވަމުން ބުންޏެވެ. އެވަގުތު ޝިފާ ގެ މޫޑު މުޅިން އޯފް ވިއެވެ. “މަށަށް އެނގޭ އަދޫ މިހާރު ކުރަން ތިއުޅޭ ކަމެއް. އެކަމަކު ތި ކަމަކީ ކައޭމެން ދެމީހުންކުރެން އެކަކަށްވެސް މޮޅެއް އޮތްކަމެއް ނޫންކަން ހަނދާންކުރާތި!!” ޝިފާ ހަޅޭއް ލަވައިގަންނަމުން ބުންޏެވެ.

އަދުހަމް ކޮއްޕައިލިވަގުތު ޝިފާ ބެލެންސް ކަޓައިގެންގޮސް ގުޅައަކަށް މަގުމައްޗަށް ވެއްޓިއްޖެ އެވެ. އޭނާ އެކަނިކޮށްލާފައި އަދުހަމް ދުރަށް ދިޔަތަން ބަލަން ރޮވިފައި ޝިފާ އަށް އޮވެވުނީ އެވެ. އޭނާ ގެ ދެލޯވަނީ ކަރުނުން ފުރިފަ އެވެ. ހިތްވަނީ ކުދިކުދިވެ ޒަޚަމް ވެފަ އެވެ. ވަރަށް އުނދަގުލުން، މަޑުމަޑުން އޭނާ ކޮޅަށް ތެދުވެވޭތޯ މަސައްކަތްފެށިއެވެ. އެވަގުތު ކޮންމެވެސް މީހަކު އޭނާގެ ފުށަބޮލުގައި ތޫނު އެއްޗަކުން ވަރަށް ބާރަށް ޖެހިއެވެ.

އޭގެ އަނެއް ދުވަހު ޝިފާއަށް ލޯހުޅުވައިލެވުނު އިރު ހުރެވުނީ އަނދިރި ކޮޓަރިއެއްގައެވެ. އޭނާ ކޮޅަށް ބަހައްޓާފައިހުރީ ފާރާއި ލައި ދެ އަތާއި ފައިގެ ކަށިމައްޗަށް ބޮޑެތި ކޮންކްރީޓް މޮހޮރު ޖަހާފަ އެވެ.

ނުނިމޭ

އާކުއްޖެކޭ ދަސްވީފަހުން: 27 – އީތަން

މަލީޝާ ގެ ޑެސްކް ކައިރިން އީތަން އަށް ނޯޓު ފެނުމުން ނިންމީ މަލީޝާ އާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށެވެ. އެގޮތުން މަލީޝާ ގެ ލޮކަރުގެ ޑަބަލް ތަޅުދަނޑިއެއް ކޮންމެވެސް ގޮތަކުން ހޯދިއެވެ. އޭނާ ނިންމީ އެއްވެސް މީހަކަށް ނޭނގި މަލީޝާ ގެ ލޮކަރު ހުޅުވައިގެން ބަލައި ފާސްކުރުމަށެވެ. މަލީޝާ އެއްލައިލި ގަނޑުކޮޅުގައި އެކީއަކަށް ތަކުރާރުކޮށް ލިޔެފައި ވަނީ ހަމަ އެއްމެ ބަހެކެވެ. ‘ކީއްވެ؟’ މިހެންނެވެ. އީތަން އަށް އެ ގަނޑުކޮޅު އެހައި ޚާއްޞަވީ ގަނޑުކޮޅުގެ އަނެއް ފަރާތުގައި ލިޔެފައިވާ ނަމުގެ ސަބަބުންނެވެ. –ރައުދާ- ވަރަށް ރީތި އިންގިރޭސި ފޮންޓަކުން ލިޔެލާފައިވަނީ އަންހެން ނަމެކެވެ.

އެ ނަމަކީ އޭނާއަށް ފަރިތަ ނަމެކެވެ. އެ ނަމާއި ކޮންމެވެސް ބޮޑު ކަންތައް ގަނޑަކާއި ގުޅިފައިވާކަން އޭނާއަށް ޔަޤީން ކުރެވުނެވެ. ސްކޫލްގެ ސެޝަން ނިމި އެއްމެން ގެއަށް ދިއުމުން އީތަން ގޮސް މަލީޝާ ގެ ލޮކަރު ހުޅުވިއެވެ. ވަރަށް ފަރުވާތެރިކަމާއިއެކު ލޮކަރުގައި ހުރި އެއްޗެހި ހާވައި ބަލަންފެށި އެވެ. އޭގެތެރެއިން ފެނުނީ ބައެއް ޓެކްސްޓް ފޮތާއި ޓައިމް ޓޭބަލް އެކެވެ. ފަހަރަކު ފޮތެއް ނަގައި ހުޅުވައި ބަލައިލިއިރު ކޮންމެ ފޮތެއްގެ ތެރޭގައި ހުދުކުލައިގެ ސިޓީއުރައެއް ވަނިކޮށް ފެނުނެވެ.

އެއީ މަލީޝާ އަށް އެޑްރެސްކޮށް ރައުދާ ނަމަކަށް ކިޔާ ކުއްޖަކު ފޮނުވާފައިހުރި ސިޓީ ތަކެކެވެ. ސިޓީއުރައިގައި ވާ ސިޓީތައް ކިޔައި ނިމުމާއިއެކު އަވަސް އަވަހަށް އޭނާ ޓެކްސްޓް މެސެޖެއް އައިޝާ އަށް ފޮނުވި އެވެ.

‘އައިޝާ، އަހަރެން އެބަ ބޭނުންވޭ ކަމަކާ ޓޯކް ކޮށްލަން. ސްކޫލް ނިމިގެން މިއަދު އެއްކަލަ ތަނަށް ދާނެކަމަށް ހޯޕްކުރަން’

-އީތަން-

އެސްއެމްއެސް ފޮނުވަން ޖައްސަމުން ހުރިހައި ސިޓީތައް އީތަން ގެ ދަބަހަށް ކޮއްޕާލި އެވެ. ލޮކަރު ލައްޕައިލަމުން މަލީޝާ ގެ ލޮކަރު މަތީގައި ތަޅުދަނޑި ބޭއްވި އެވެ. އޭނާ އެ ތަޅުދަނޑި ނެގިއިރު އޮތް ގޮތަށެވެ.

ހަވީރު ފަސްގަޑި ސާޅިސް އަށެއްހައި އިރު އޭނާ އެތަނަށް ދިޔައެވެ. އެމީހުން ކުރިން މާފޮޅުފަން ތިބޭ ޕާކަށެވެ. މިފަހަރުވެސް ލަހުން ދެވުނީ އީތަން އަށެވެ. އެމީހުން ރައްޓެހިވެގެން އުޅުނުއިރުވެސް އައިޝާ އެއްމެ ‘ކަޓާ’ ކަމަކީ އީތަން ގަޑިއަށް ފަރުވާ ނުބަހައްޓާތީ އެވެ.

އީތަން އަށް ދެވުނުއިރު އައިޝާ ޕާކުގައި އިނެވެ. އޭނާ އިނީ އެމީހުންގެ ޚާއްޞަ ބެންޗުގަ އެވެ. އައިޝާ އިނީ އެއްވެސް ކެތްތެރިކަމެއް ނެތި ފޯނުން ގަޑި ބަލަބަލަ އެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމާއި ފޫހިކަން ފެންނަމުން ދިޔައެވެ. އައިޝާ އިން ބެންޗާއި ދިމާއަށް ދިއުމަށް، ކުރިއަށް އެއްމެ ފިޔަވަޅެއްވެސް އީތަން އަށް ނޭޅުނެވެ. ފުރަގަހުން ކޮންމެވެސް މީހެއްގެ ދެއަތުން އޭނާގެ އަނގައާއި ނޭފަތްމަތީގައި އަތް އެޅިއެވެ. އިރުކޮޅެއް ތެރޭގައި އޭނާ ޚަބަރު ހުސްވެގެން ބިންމައްޗަށް ދެމިއްޖެ އެވެ.

ނުނިމޭ

 

އާކުއްޖެކޭ ދަސްވީފަހުން: 28 – މަލީޝާ

މަލީޝާ ގެ ނަޒަރުން …..

ގޭގެ ސިޑިމަތިން އަހަރެންގެ މަންމަ ވައްޓައިލިތަން އަހަންނަށް ހަމަ ރަނގަޅަށް ފެނުނެވެ. އެކަން ކުރީ އަހަރެން ގެ ބައްޕަ އެވެ. އަހަރެންގެ މަންމަ މަރުވެ ދިޔައީ ޚުދު އަހަރެންގެ ލޯ ކުރިމަތީގަ އެވެ. އަހަރެން ބަދަލުހިފަން ޖެހުނީ އެހެންވެ އެވެ. ބައްޕަ މަސައްކަތްކުރީ ކަންވެދިޔަގޮތް އޮޅުވައިލުމަށެވެ. އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އުޅޭނަމޭ އޭނާ ހިތަށް އެރިޔަސް، އަހަރެން އެކަން އެގޮތަށް ވިޔަކަ ނުދިނީމެވެ.

 

އެހެންވެ، އަހަރެންގެ ދެއަތުން އެ ނުލަފާ މީހާ މަރައިލީމެވެ. އާނއެކެވެ. އަހަރެންގެ ބައްޕަ މަރައިލީމެވެ. އެކަމަކީ ކުޑަވެސް ގޯހެއް އޮތް ކަމެއްކަމަކަށް އަހަރެން ނުދެކެވެ. މަރަށް މަރެވެ. އަހަރެންގެ އަންހެން ކޮއްކޮ ފޮރުވީވެސް ހަމަ އަހަންނެވެ. ކޮއްކޮ މަރައިލީ ބައްޕަ ކަމަށް ވާހަކަ ފެތުރީމެވެ. އެކަމަށް ވާގި ލިބޭގޮތަށް ކަންތައްތައް ތަރުތީބުކުރީވެސް ޚުދު އަހަރެން އަމިއްލަ އަށެވެ. އެއަށްފަހު މާބޮޑުކަމެއް ނުވާކަމަށް ހެދިގެން އަހަރެން އުޅުނީމެވެ.

 

މީގެ އެއްވެސް ކަމެއްގައި އަހަރެންގެ ކޮއްކޮ ރައުދާ ޝާމިލުކުރާކަށް އަހަރެން ކުޑަކޮށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ‘އެމީހުން’ އަހަންނަށް އެކަން ކުރުމަށް މަޖުބޫރު ކުރުވީ އެވެ. ‘އެމީހުން’ ބޭނުންވީ އަހަރެންގެ ކޮއްކޮ ގެ ހަށިގަނޑު ބޭނުންކުރުމަށެވެ. ‘އެމީހުން’ އަބަދުވެސް ބޭނުންވީ އައު ހަށިގަނޑެއް ހޯދުމަށެވެ. އެ ހަށިގަނޑުގެ އެހީގައި ‘އެމީހުން’ ދުނިޔޭގެ މި ޢާލަމަށް ވުޖޫދުވެގަތުމަށެވެ. އެގޮތުން ހަމީހެއްގެ ހަށިގަނޑު އަހަރެން އެމީހުންނަށް ހަދިޔާ ކުރީމެވެ. އެކަމަކު އޭގެތެރެއިން އެއްވެސް ހަށިގަނޑަކީ އެމީހުން މި ދުނިޔެމައްޗަށް އަލުން އައުމަށް ބޭނުންކުރެވޭ ވަރަށްވުރެން ބަލި ހަށިގަނޑު ތަކެކެވެ. އެމީހުން ބުނާގޮތުން އޭގެ ތެރެއިން އެއްވެސް ހަށިގަނޑެއްގައި އެފަދަ ބާރެއް ނުވެއެވެ.

 

އަހަރެންގެ ކޮއްކޮ ގެ ހަށިގަނޑުވެސް އެމީހުންނަކަށް ކަމަކު ނުދިޔަ އެވެ. އެހެންކަމުން އެއްމެފަހުން ކޮއްކޮ ގެ އަޖަލާއިވެސް ކުރިމަތިލާން ޖެހުނީ އެވެ.

 

ޝިފާ އަކީ އަހަރެން އެމީހުންނަށް ހޯދައިދިން މީހުންގެ ތެރެއިން އެއްމެ ދުއްޕާން ބޮޑު މީހާ އެވެ. ޝިފާ ގެ ގައިގައި އަދުހަމް ގެ ދެއަތުން އަޅައި ކޮއްޕާލައި މަގުމައްޗަށް ވައްޓައިލި މަންޒަރު  ވެގެންދިޔައީ އަހަންނަށް އެއްމެ ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ މަންޒަރަށެވެ. އެރޭ، ޝިފާ ރޮއެ ގިސްލަމުން ދިޔަތަން އަހަރެން ދުށީމެވެ. އަހަންނަށް އަދުހަމް އެތަނުން ދުރަށް ދާތަން ފެނުމުން ދަނޑިވަޅުގެ ބޭނުން އެއްމެ ފުރިހަމަގޮތުގައި ހިފީމެވެ. އެގޮތުން ޝިފާ ގެ ފުއްކިބައިގައި އަހަރެންގެ އަތުގައި އޮތް ވަޅިން ބޮނޑިއެއް ޖެހީމެވެ.

 

އީތަން އެ ގެއަށް ގެންދިއުމަކަށް އަހަރެން އެއްވެސް ވަރަކަށް ޕްލޭނެއް ނުކުރަމެވެ. އެކަން ކުރާނަމޭ ހިތަކަށްވެސް ނާރުވަމެވެ. ނަމަވެސް އޭނާ އަހަރެންގެ ލޮކަރު ހާވަނިކޮށް އަހަންނަށް ފެނުނީއެވެ. އޭނާ އަހަރެންގެ ހުރިހައި ސިޓީތައްވެސް ކިޔެވެ. ކޮންމެގޮތަކުންވިޔަސް އީތަން އަށް އެ އަރައިގަނެވުނީ އަހަރެންގެ ޕްރައިވެސީ އަށެވެ.

 

ކަލޭމެން މިކަމާ އެއްބަހެއް ނުވަންހެއްޔެވެ؟

 

އޭނާ އައިޝާ އާއި ބައްދަލުކުރަން ވަރުގެ ކޮޅަށް ނަލަހެދިގެން ދިޔަވަގުތު އަހަރެން އޭނާއަށް ފާރަލީމެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އޭނާގެ ދުވަސް ދުއްވާލީ އެ ޕާކު ތެރެއިންނެވެ. އޭނާ އަހަރެންގެ ސިޓީތައް ކިޔަންވީކީ ކީއްކުރަން ހެއްޔެވެ؟ އެއީ އަހަންނަށް އަހަރެންގެ ލޯބިވާ ރައުދާ ކޮއްކޮ ލިޔެފައިވާ ސިޓީ ތަކެކެވެ.

 

ދައުދާ އަށް ވެސް އެނގެން ނުޖެހޭ ކަމެއް އެނގުމަކީ އޭނާއަށް ކުރެވުނު ކުށެކެވެ. އަހަރެން، އަހަރެންގެ ބައްޕަ މަރައިލިކަން އޭނާއަށް އެނގުނީ އެވެ. ޕޮލިހަށް ދާނެކަމަށް ބުނެ އަހަންނަށް ބިރުދައްކައި ފުއްޕަންފެށީ މާ ވަރަކަށެވެ. ނަމަވެސް އަހަރެން އެކަމާ އަޅައެއް ނުލަމެވެ.

 

ރައުދާ އަށް އަހަރެން ހޯދުމުން ގޮސް ވަދެވުނީ އެ ގެއަށެވެ. އެއީ ކޮންކަހަލަ ގެއެއްކަން އެއްމަނަށްވެސް އެނގެންޖެހޭނެއެވެ. އެ ގެއަށް ވަތް އެއްވެސް މީހަކަށް ސަލާމަތުން އެ ގެއިން ނިކުމެގެން ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ފުރިހަމަ ސަލާމަތުން ހުރެއެވެ. ‘ސަލާމަތުން’ މި ބަހަކީ އަހަރެންގެ ބޮލަށް ފިސާރި އުނދަގޫކުރާ ބަހެކެވެ. އެ ބަހުގެ ސަބަބުން އަހަރެންގެ ހަނދާނަށް އަންނަނީ އަދުހަމް އާއި އައިޝާ އެވެ. އެއީ އަހަރެންގެ އެއްމެ ފޭވަރިޓް ދެމީހުންނެވެ. އަދުހަމް އަކީ އަހަރެން ވަރަށް ގަޔާވާ ވަރަށް ލޯބިވެސް ވި ބިޓެކެވެ. އަދުހަމް ވެސް ހުންނަނީ އަހަންނާއި އަޅައިގަނެފައެވެ. މިހާރުވެސް އޭނާ އަހަންނާ ގަޔާވާކަން މަށަށް އެނގެއެވެ. ނޫނެކެވެ. މިއީ މަށަށް ހީވާގޮތް ކަމަށްވެސް ވެދާނެ އެވެ.

 

އަހަރެން ކުރި ކޮންމެ ކަމެއްވެސް ކުރީ ކުރަން ޖެހިގެންނެވެ. މަޖުބޫރު ވެގެންނެވެ.އަދުހަމް މެން ގޮވައިގެން އެ ގެއަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ‘އެމީހުން’ ގެ އެއްވެސް އަމުރަކަށް އަހަންނަށް ޚިލާފުވެވޭކަށް ނޯވެ އެވެ. އެމީހުންނަށް އަދުހަމް އާއި އައިޝާ ގެ ވަސް ދުވީ އެވެ. އެ ދެބޭން ގޭތެރެއަށް ވެއްދުމަށް އަހަންނަށް އަމުރު ކުރީ ‘އެމީހުން’ ނެވެ. ރައްޓެހިންނަށް ވާތީ އަހަންނަށް ވެވުނު މިންވަރަކުން އެ ދެބެއިންނަށް އެހީތެރިވެސް ވީމެވެ. ނުފެނި ހުރެ އައިޝާ އާއި ވާހަކަދެއްކީ އަހަންނެވެ. އަހަރެންގެ އަޑު ބަދަލުކޮށްގެން ސިއްރުންނެވެ. ވައި އަޑުންނެވެ. އައިޝާ އަށް އެހީވުމަށް ވަރަށް ގިނަ ‘ޓިޕްސް’ ތައް ދިނީމެވެ.

 

އެކަމަކު މިއީކީ އަދި މިކަންތައް ގަނޑު އެއްކޮށް ނިމުނީކީ ނޫނެވެ. ‘އެމީހުން’ އަދިވެސް މިތަނުގައި އެބަ އުޅެއެވެ. ހަށިގަނޑެއް ހޯދުމަށް ކެނޑިނޭޅި އަތްފުނާ އަޅަމުންނެވެ. ‘އެމީހުން’ މިވަގުތުވެސް މިތަނުގައި އެބަ ތިބި އެވެ. އެމީހުން އިންތިޒާރު ކުރަމުންދަނީ ކޮންމެވެސް އާކުއްޖެއް މި ގެއަށް ވަންނާނެ ވަގުތަކަށެވެ. ކޮންމެވެސް އާކުއްޖެއް ދަސްކޮށް އަހަރެން އެމީހުންނަށް ހަދިޔާ ކުރުމަށް ގެންދާނެ ވަގުތަކަށެވެ.

 

އަހަންނަށް ފާވެފައިވާ އެ ރޫޙާނީ ބާރުތައް އިންސާނުންނާއި ދުރުގައި ބޭތިއްބެން އޮތީ ހަމައެކަނި އެކަން ކޮށްގެންނެވެ. ކޮންމެވެސް އާކުއްޖެއް އެމީހުންނަށް ހަދިޔާ ކޮށްދީގެންވެ. ކަލޭމެން އެއްމެންނަށް ވަރަށް ފަސޭހައިން އަހަންނާއިމެދު ފާޑުކިޔިދާނެ އެވެ. އަހަންނަކީ ވަރަށް ގޯސް މީހެއްކަމަށްވެސް ކަނޑައެޅިދާނެ އެވެ. އެކަމަކު އަހަރެން މިހުރި ހާލަތަށް އައިސްފިނަމަ ކަލޭމެން ކޮންމެ މީހަކުވެސް ކަންކުރާނީ ހަމަ މިގޮތަށެވެ. އެމީހުންނަށް ހަދިޔާ ދީގެން މެނުވީ އަހަންނަށް ސަލާމަތެއް ނެތެވެ. އެމީހުން ވަނީ އެގޮތަށް އެއްބަސްވެފައެވެ. އެމީހުންނަށް އަހަރެން އެހީވާހާ ހިނދަކު އެމީހުން އަހަރެންގެ ހަށިގަނޑަކަށް ނުވަންނާނެ އެވެ.

 

އެހެންވީމާ އައު ކުދިން ދަސްކޮށް އެކުދިންނާއި ގުޅުން ބަދަހި ކުރުމަކީ އަހަންނަށް މިއަދު ލާޒިމު ކަމެކެވެ.

 

ނިމުނީ

 

22 ޖޫން 2017

މި ވާހަކައިގެ ‘ސީކްއަލް’ނުވަތަ ދެވަނަ ސީޒަން ވަރަށް އަވަހަށް ގެނެސްދޭން ފަށާނަން. ތިރީގައި އެވަނީ ވާހަކައިގެ ޕޯސްޓަރެއް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.