ތަފާތު ބަސްބަހަކީ އަބަދުވެސް އަހަރެން ވަރަށް ޝައުޤުވެރިވާ އެއްޗެކެވެ. ތަފާތު ބަސްތައް ދަސްކުރުމަކީ ކުރާހިތްވާ ކަމެކެވެ. އެގޮތުން މާގިނަ ބަސްތަކެއް ދަސްވެފައި ނެތްނަމަވެސް ހިންދީ ބަހާއި އުރުދޫ ބަހަކީ، އިނގިރޭސި ބަސް ފިޔަވައި ދަސްކުރަން މަސައްކަތް ކުރަމުން އަންނަ ދެބަހެވެ. އުރުދޫ ކިޔަން ދަސްކުރީ ވަރަށް މަސައްކަތުންނެވެ. ހިންދީ ކިޔަން ނޭނގުނަސް އެ ބަހުން ދައްކާ ވާހަކަ ރަނގަޅަށް އެނގެއެވެ. އަދި އެ ބަހުން ކޮންމެވެސް ވަރަކަށް ވާހަކަދައްކަންވެސް އެނގެއެވެ. ދިވެހި ބަސް ދަސްކުރުމަކީ މި ހުރިހައި ބަސްތަކަކަށްވުރެން ކުރާހިތްވާ ކަމެކެވެ. ނަމަވެސް މިކަމަށް އޮންނަ ފުރުޞަތުތައް މަދުކަމުން ބަހުގި ޑިގިރީ ކޯހެއް ހަދަން ކިތަންމެ ބޭނުންވިޔަސް އަދި މިވަނީ އެކަން ނުކުރެވި އެވެ.

އަހަރަމެން ދިވެހިންނަކީ ދިވެހިބަހުން ވާހަކަދައްކައި ލިޔެކިޔައި އުޅޭ ބައެކެވެ. ގިނަ ބަޔަކަށް ދިވެހިބަސް ރަނގަޅަށް އެނގޭ ކަމަށް ހީކުރެވުނަސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީ އެކެވެ. ދިވެހި ބަހުގެ ބަސްފޮތުގައި ހާދަހާވާ ރީތި ބަސްތަކެއް އެބަހުއްޓެވެ. ނަމަވެސް އެ ބަސްތައް އާއްމުކޮށް ބޭނުން ނުކުރާތީ މި އޮންނަނީ އައު ބަސްތަކަކަށް ވެފައެވެ. ބަސް ފޮތަށް އަލަށް އިތުރު ކުރެވޭ ބަސްތަކުގައިވެސް (ލަފުޒުތަކުގައިވެސް) ފިސާރި ނަލަކަން ހުންނަ ބަސްތައް އެބަހުއްޓެވެ. އެގޮތުން މިފަހަކުން ނެރެފައިވާ ބަސްތަކެއް ‘ފޭސްބްކް’ ގެ ޒަރީޢާއިން ފެނިގެން އެއަށް ޖުމްލަތަކެއް ހަދައި ނުލާ މަށަކަށްވާ ހަމަހިލާ ނުހުރެވުނެވެ. އެ ބަސްތައް، ފޮޓޯއެއްގެ ސިފައިގައި ‘ފޭސްބްކް’ ގައި ތިލަކޮށްފައިވަނީ އެ ބަސްތަކަށް ޖުމްލަ އެއް ހަދައިލުމަށް ބުނެފަ އެވެ.

ބަހަށް ހުންނަ ޝައުޤުވެރިކަމާއި އައު ލަފުޒުތައް ހަނދާނުގައި ބެހެއްޓުމުގެ ބޭނުމުގައި ކުރިން މި ބުނި ބަސްތަކަށް ޖުމްލަތަކެއް ހަދައިލީމެވެ. ކިޔުންތެރިންނާއި މި ހިއްސާކޮށްލަނީ އަހަރެން ހެދި ޖުމްލަ ތަކެވެ.

 

ދަސްވާރު: ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިންގި ދަސްވާރު ޕްރޮގްރާމުގައި ތޭވީސް ދަރިވަރުން ބައިވެރިވި އެވެ. INTERN

މަތިވަރު: މިފަހަރު މަގޭ މިރުސް ދަނޑުން ލިބުނު މަތިވަރު ގެ އިންސައްތަ ވަރަށް ދަށެވެ. CROP

ލުއިކާ: އިންޓޯލު ގަޑިޔަށް ލުއިކާ ގެނައުމަކީ މަނާ ކަމެކެވެ. SNACK

ކިޔެވެނި: އީފާ ޤުރުއާން ކިޔަވަން ދަސްކުރަނީ ކިޔެވެނި އަކުން (ކިޔެވެންޏަކުން) ނެވެ. QURAN RECITER

ގޮވެލި: މަޢުމޫން ކުރައްވާ ގޮވެލި ތައް މިހާރު ވަނީ ޚަބަރުގެ ފަލަ ސުރުޚީ އަށެވެ. TWITTER

ގަނާ: ގަނާ ކުރުމަކީ މިހާރު އިސްކޫލުތަކުގައިވެސް ޢާއްމު ކަމެކެވެ. BULLY

އާހިތަ: ފަޅު ރަށެއްގައި ރޭކޮށްލުން ވެގެން ދިޔައީ ވަރަށް ތަފާތު އާހިތަ އަކަށެވެ. ADVENTURE

މާހައުލީ: މާހައުލީ ބަދަލުތަކަށް ދަރިވަރުން ލޯ ހުޅުވަން ޖެހެއެވެ. ENVIRONMENTAL

ސިންދަފާތު: ކޮމަންވެލްތު ގެ ސިންދަފާތު ކަމުން އަހަރަމެން މިވަނީ ބަދަހިވެފައި ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ. DIVERSITY

ރިވެލި: ހަނދުވަރުގެ ރިވެލިން ވަނީ ބޮޑުފެންގަނޑު ޖަރީވެފަ އެވެ. REFLECTION

ބޭރުވެށި: ގޭގެ ބޭރުވެށި އޮތީ އަނދިރިކޮށެވެ. OUTDOOR

އެތެރެވެށި: އަހަރެންގެ ގޭގެ އެތެރެވެށި ފަރުމާކުރާނެ މީހަކު ބޭނުންވެއްޖެ އެވެ. INDOOR

ދިރޭމުދާ: ދިރޭމުދަލުގެ ތެރޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ހިމެނެ އެވެ. LIVESTOCK

ފަހެލި: ފަހެލިކަން އިތުރުކުރަން ބޭނުމިއްޔާ ބަރާބަރަށް ކަސްރަތުކުރާން ޖެހެއެވެ. FLEXIBLE

ސުމޭކު: މި ސުމޭކު ޒަމާނުގައި ފޯނެއް ނުގެންގުޅުމަކީ ދެރަވަރު ކަމެކެވެ. DIGITAL

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.