ރޭ ޖަރުމަނުގެ ބުންޑަސްލީގާގައި ފްރޭންކްފަޓް އަދި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ފްރޭންކްފަޓް އިން ބަޔާން މިއުނިކް ލަދުގަންނަވާލައިފި އެވެ.

ފްރޭންކްފަޓް ގެ ދަނޑުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓުގައި ފްރޭންކްފަޓްގެ ފޯވާޑް ޕަސިއެންސިއާ އަށް ކުރި ފައުލަކާ ގުޅިގެން ބަޔާން މިއުނިކްގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ ފުރަތަަމަ ގޯލް އަދި ފްރޭންކްފަޓްގެ ފުރަތަަމަ ގޯލް މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ ޕިލިޕް ކޮސްޓިޗް އެވެ. އޭގެ 8 މިނެޓް ފަހުން ފްރޭންކްފަޓްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ކޮސްޓިޗް ދިން ޕާހަކުން އެ ޓީމުގެ މިޑްފިލްޑަރ ޑިޖިބްރަލް ސޯ އެވެ. 10 މީހުންނާއެކު ކުޅެމުންދިޔަ ބަޔާން މިއުނިކްގެ ހަމަ އެކަނި ގޯލް އަދި މެޗުގެ 3 ވަނަ ގޯލް ފުރަތަަމަ ހާފް ނިމެން އުޅެނިކޮށް މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. މީ ބުންޑަސްލީގާގެ މިސީޒަނުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ގޯލެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ މެޗުގެ 49 ވަނަ މިނެޓުގައި ފްރޭންކްފަޓް އިން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ހަދާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ޑަކޮސްޓާގެ ޕާހަކުން ޑިފެންޑަރު ޑޭވިޑް އަބްރަހަމް އެވެ. ފްރޭންކްފަޓްގެ 4 ވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރެކެވެ. މެޗުގެ 61 ވަނަ މިނެޓުގައި މި ގޯލް ކާމިޔާބުކޮށްދިނީ ކޮސްޓިޗް ދިން ޕާހަކުން މާޓިން ހިންޓެރެގާ އެވެ. މެޗުގެ 6 ވަނަ ގޯލް އަދި ފްރޭންކްފަޓްގެ 5 ވަނަ ގޯލް 85 ވަނަ މިނެޓުގައި އަންދްރޭ ސިލްވާ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޕަސިއެންސިއާ އެވެ.

މި ބައްޔާއެކު ބަޔާން މިއުނިކް ވަނީ ތާވަލުގެ 4 ވަނަ އަށް ވެއްޓިފައެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ ރޭ ބަޔާން ލެވަކޫސަން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ 10 މެޗުން 22 ޕޮއިންޓް ހޯދައިގެން ބޮރޫސިއާ މޮންޗެންގްލަޑްބެކް އެވެ.

ރޭ ބުންޑަސްލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޮރޫސިއާ ޑޯޓްމަންޑް އަދި ވުލްފްސްބާގް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޮރޫސިއާ ޑޯޓްމަންޑް އެވެ. ގޯލްތައް ޖަހާފައިވަނީ މާކޯ ރޮއިސް، ރަފޭލް ގަރޭރޯ އަދި ތޯގަން ހަޒާޑް އެވެ.

އާރް.ބީ ލިޕްޒިގް އަދި މެއިންޒް ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު 8-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިޕްޒިގް އެވެ. މި މެޗުގައި ޓިމޯ ވާނާ ވަނީ 3 ގޯލް ޖަހާފައެވެ. އަނެއް ގޯލްތައް ޖަހާފައިވަނީ މާސެލް ސަބިޓްޒާ، ކްރިސްޓޮފަރ އެންކުންކް، މާސެލް ހޯލްސްޓެންބާގް ޔޫސުފް ޕޯލްސެން އަދި ނޯޑީ މުކިއެލޭ އެވެ.

ވާޑާ ބްރެމަން އަދި ފްރެއިބާގް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. ވާޑާ ބްރެމަން ގެ ގޯލްތައް ޖަހާފައިވަނީ މިލޮޓް ރަޝިކާ އަދި ތިއޯ ޖެބްރޭ ސެލާސީ އެވެ. ފްރެއިބާގް ގެ 2 ގޯލް ޖަހައިދިނީ ނިލްސް ޕެޓަސަން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.