[avatar user=”Zaanaa” size=”thumbnail” align=”left”]ޒާނާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް ވަރަށް ތަޖުރިބާ ހުރި އުއްމީދީ ލިޔުންތެރިއެކެވެ. ޒާނާ ގެ ވާހަކަ ‘މާާފުކުރާށޭ ކަލާ’ ވެގެން ގޮސްފައިވަނީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާާހަކަ އަކަށެވެ.[/avatar]

ފާލިހްގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު ޒާރާ ހުރީ ވަރަށް ހަމަޖެހިފައެވެ.
“ސާފެއް ނުވިތަ މިބުނި އެއްޗެއް. ނޫނީ އަދި އެއްފަހަރު ބުނަންވީތަ؟” ޒާރާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ކެރި ހުރެއެވެ. އަމިއްލަ ކުށަށް ތައުބާވެ މަލަކާ އަށް އިންސާފް ހޯދައިދިނުމަކީ މިއަދު ޒާރާގެ އެންމެ މުހިންމު މަޤްސަދެވެ.
“ފާލިހް. ޒާރާ މިކިޔަނީ ކީކޭތަ؟ މި ކޮން ކަންތައްގަނޑެއްތަ؟” ކިންޒާ އޭނާގެ ފެންކަޅިވެފައިވާ ދެލޯ ފާލިހް އަށް ހުއްޓާލިއިރު ފާލިހް ހުރީ އިސްޖަހައިގެންނެވެ. އަނގައިން ބަހެއް ނުނިކުތްތާގައި ކިންޒާ އާއި ހަތަރުކަޅި ހަމަކޮށްލާނެހާ ހިތްވަރުވެސް މިއަދު ފާލިހް ގެ ނެތެވެ.
“ހާސް ނުވޭ. އަހަރެން މިއައީ ތި ދިރިއުޅުމަކަށް އެރިގަންނާކަށް ނޫން. އަހަރެންގެ ބަނޑުގައި މިވާ ފާލިހްގެ ދަރިއަކަށް މި އާއިލާގެ އެއްވެސް މީހެއްގެ ހިޔަނިވެސް އެޅުނަކަ ނުދޭނަން.. ހަމަ އެންމެ ސުވާލެއް ކުރަން ބޭނުންވަނީ. މަލަކާ އަށް އެހާ ނިކަމެތިކޮށް ކަންތައް ކުރަން ޖެހުނީ ކީއްވެގެންތޯ.” ޒާރާ ފާލިހް ގެ އަތުގައި ހިފިއިރު ވެސް ކިންޒާ ހުރީ ބަލަހައްޓައިގެންނެވެ.
“އެކަމެއް ނޭނގެ. އަހަރެމެންގެ ދިރިއުޅުމަށް ވަންނަން ބޭނުން ނޫންނަމަ ކީއްވެގެންބާ އަހަރެންގެ ކުރިމަތީގައި އަހަރެންގެ ފިރިމީހާގެ ގަޔަށް ބޮލަށް ތި އަތްލަނީ.” ކިންޒާ ހިތްހަމަ ނުޖެހުނީ ޒާރާ ފާލިހް ގެ އަތުގައި ހިފީމައެވެ. އަދި ކިންޒާ ކުރިއަށް ޖެހިލާފައި ފާލިހް ގެ އަތުގައި ހިފަހައްޓާފައި އޮތް ޒާރާގެ އަތް ދުރުކޮށްލިއެވެ.
“ކަލެއަށް. ތިއުޅެނީ އޮޅިގެން. ފާލިހް މަލަކާ ދޫކޮށްލީ ކެތްނުކުރެވިގެން. މަލަކާ ގެ އަނިޔާއާ ކުރާހާ ޖެއްސުންތަކަށް. ދެން އެބައުޓް ތި ބަނޑުގަ އޮތް ކުއްޖާ. ތީގެ ހަޤީޤަތް ޖެހޭނީ ބަލަން.” ކިންޒާ ޒާރާ އާއި ދިމާއަށް ހަޅޭލަވައިގަތެވެ. އަދި ރުޅި އައިސްފައި ދެލޯ އަޅާލިއެވެ.
“ކަލޭ އިހަށް ދުވަހު މިތަނަށް ފުންމާލި މީހަކަށް ކޯޗެއް އެނގޭނީ. އަޅެ ލޯބިވާ ފިރިމީހާ ކުރެން އަހާލަބަލަ. އޭރަށް މާ ރީއްޗަށްވެސް ތެދު ހާމަވާނެ. އަހަރެންގެ ބަނޑުގަ އޮތް ކުއްޖާގެ ބައްޕަވެސް އެނގޭނީ ކަލެއަށްވުރެ ބޮޑަށް މަށަކަށްނު. އެވަރުވެސް ނޭނގޭ ގަމާރެއްތަ ތީ. ނޫނީ ކީއްތަވާނީ ފާލިހް ކައިރީގައި އަހާލިއްޔާ.” ޒާރާގެ ރާގުގައިވަނީ މަލާމާތެވެ.
މަންމަން ވެފައި ހުރި ފާލިހްގެ މޫނަށް ކިންޒާ ބަލާލީ އިތުރަށް ޔަޤީން ކުރަން ބޭނުންވާތީއެވެ.
“ފާލިހް. ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ. އޭނަ އެދައްކާ ދޮގު ވާހަކަތަކަށް ރައްދު ދީބަލަ.” ކިންޒާ ފާލިހް ލައިގެން ހުރި ޓީޝާޓްގައި ހިފައި ދަމަމުން ރޯންފެށިއެވެ. ނަމަވެސް ޖެހި ބުދެއްހެން ފާލިހް އަށް ގަނޑުވެފައި ހުރެވުނީއެވެ. މިއަދު އެއްވެސް ވާހަކައެއް ދޮގުކުރެވޭކަށްވެސް ފާލިހް އަކަށް ނެތެވެ.
“ކޮންހާ އަޑުގަދައެއްތަ މިވަނީ.” ގޭތެރެއިން ނިކުތް ޝަރީފާއަށް ޒާރާ ފެނުމާއެކު ހުއްޓެވުނެވެ.
“އޯ. އާދޭ އާދޭ. ކަލޭ ނެތީމަ އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބިގެން މިއުޅެނީ.” ޒާރާ އެއްމިޔަނަކުން ހީލީ ޝަރީފާއަށް މަލާމަތް ކުރަމުންނެވެ.
“ހާދަ ގޮތްކުޑައޭދޯ ކަލޭ. މީސްމީހުންގެ ގެޔަށް ވަދެ އަޑުގަދަ ތިކުރަނީ. ހަމަ މިހާރު ނިކުމޭ މިގެއިން.” ޝަރީފާ އަމުރުކޮށްލިއެވެ.
“ގޮތްކުޑަ މީހުންނަށްވަނީ ކިހާވަރެއް ވީމަކަން މަށަށް ތަންކޮޅެއް ސާފުކޮށް ކިޔާދީބަލަ ނިކަން. އަމިއްލަ ދަރިއަށް ފަންޑިތަ ހެދީމަތަ؟ ނޫނީ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލީމަތަ؟ މަކަރާއި ހީލަތުން އަހަރެން މިގެޔަށް ގެނެސް އަމިއްލަ ދަރިފުޅުގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މޮޅެތި ރޭވުންތައް ރޭވީމަތަ؟” ޒާރާ އެއްފަހަރާ ޝަރީފާގެ ދުލުގައި ތަޅުއަޅުވާލިއެވެ.
ޝަރީފާއަށްވެސް މަޖުބޫރުވީ ޒާރާގެ ކުރިމަތީގައި އިސްޖަހާާލާށެވެ. ކޮންމެ ކަމެއްގައިވެސް ހަޤީޤަތާއި ކުރިމަތިލާން ޖެހޭ ދުވަހެއް އަންނާނެއެވެ.
“މަންމާ. ކީކޭތަ ޒާރާ އެކިޔަނީ.” ފާލިހް މަޑުހިނގުމެއްގައި ގޮސް ޝަރީފާ ގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ޝަރީފާގެ  ވަޅުވަދެފައިވާ ދެލޮލުން ކަރުނަ އޮހެމުންދިޔައެވެ. ޝަރީފާ އުޅުނީ އެތަނުންދާށެވެ. އެއީ ހަޤީޤަތް ހާމަކުރަން އޭނާ ބޭނުންނުވާތީއެވެ. ނަމަވެސް ފާލިހް އެއްލި އަތުން ޝަރީފާގެ އަތުގައި ހިފެހެއްޓިއެވެ.
“މިއަދު މިވަގުތު އަހަރެން ބޭނުން ހުރިހާ ކަމެއް އެނގެން.” ފާލިހް ގެ އަޑު ކުރިއަށް ވުރެވެސް ބާރުވެގެން ދިޔައެވެ.
“އާނ. އެ މަލަކާ އަކީ ކޯޗެއް އޮތް މީހެއްތަ؟ އެ މަލަކާ އެއްގެ ފަހަތުން މޮޔަވެގެން ފާލިހް ދުވީ. އަދި އިންތަނުން ފާލިހް އަތް ދަށު ނުލެވިގެން ދަރިއެއްވެސް ހޯދީ. ދެން ހަމަ އަހަރެން ހުންނަންވީތަ އެމަންޒަރު ބަލަން. ނުހުރެވޭނެދޯ. އެ ސުންޕާ މަލަކާގެ ވަސް ވެސް މިގެއިން ފޮހެލާފަ އޮންނާނީ. ހަމަ ދަރިފުޅަށްޓަކާ. މިހާާރު ދަރިފުޅު ކިހާ އުފަލުގަ ތަ ތިއުޅެނީ.” ޝަރީފާާގެ ހައްދުފަހަނަޅާފައިވާ ނުބައިކަން ފެނިފައި ކިންޒާ ވެސް ހުރީ އަނގަހުޅުވި ކޮސްވެފައެވެ.
“ފަންޑިތަވެސް ހެދީ ހަމަ އެ މަލަކާ ގެ ސުންޕާކަމުން ދަރިފުޅު ސަލާމަތްކުރަން.” ފާލިހް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޝަރީފާއަކީ ހަމަ އޭނާގެ އަސްލު މަންމަ ބާއޭ ފާލިހްގެ ހިތަށް އެރިއެވެ. އަމިއްލަ ބަނޑުން އުފަންވި ދަރިއަކަށް އެހާ ރަހުމުކުޑަކޮށް ކަންތައް ކުރަން ކެރިދާނެ ހެއްޔެވެ؟ ފާލިހްއަށް ކުޑަކަކޫ ޖަހާލަމުން ބިންމަތީގައި އިށީނދެވުނެވެ. އޭރުވެސް ލޯމަތީގައި އެނބުރެމުން ދަނީ މަލަކާގެ ސޫރައެވެ.
“ކަލޭ ތީ ހާދަ ނުބައި އަންހެނެކޭ ދޯ. ތިކަހަލަ މީހުންތީ މަންމައިންނަށްވެސް އޮތް ހުތުރެއް.” ފާލިހްއަށް ވަމުންދިޔަ ގޮތް ފެނިފައި ޒާރާ ހިތުގައި ޖެހުނު ކަހަލައެވެ.
“ކަލޭ ތި ހަލާކު ކުރީ ކަލޭގެ ދަރިފުޅުގެ އެކަނި ދިރިއުޅުމެއް ނޫން. އަހަރެމެން އެންމެންގެވެސް.” އެންމެފަހުން ކިންޒާ ގެ ނަފްރަތާއި ބަދު ދުޢާގެ ޝިކާރައަކަށްވެސް ޝަރީފާ ވީއެވެ. ނަމަވެސް ޝަރީފާ ގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ. އޭނާގެ ކުށް އޭނާއަށް އިޙްސާސް ވިނަމަ އެއްފަހަރު ނަމަވެސް މާފަށް އެދުނީހެވެ. ފާލިހްގެ ކަރުނުން ތެމިފޯވެފައިވާ މޫނަށް ބަލާލަމުން ޝަރީފާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
“އޭ. ހުއްޓޭ.” ފާލިހްގެ އަޑު މުޅި އެހިސާބުގަނޑަށް ގުޑުން އަރުވާލިއެވެ. ޝަރީފާއަށް ފަހަތަށް އެނބުރެވުނީ ތެޅިގެންފައެވެ. އޭރު ފާލިހް ގެ ރަތްވެފައިވާ ދެލޯ ބޮޑުކޮށްގެން ހުރެ ޝަރީފާއާ ދިމާއަށް އަންނަނީއެވެ.
“ހިތަށް އަރާ ވަޅިއަކުން ކޮށާ ކުދިކޮށްލަފާނަމޭވެސް. ތިކަހަލަ މަންމައިންގެ ފައިތިލިދަށުން ސުވަރުގެ ދެވޭނެބާއޭ އަހަރެންގެ ހިތަށް އަރާ. އެންމެ ފަހަރަކުވެސް ބުނެލިނަމަ މަލަކާއާ ނުއިންނާށޭ. ނޫނީ ދޫކޮށްލާށޭ. ތިހާ ރަހުމެއްނެތް މީހަކަށް އަހަރެން ދުވަހަކުވެސް މަންމަ އެއް ނުކިޔާނަން. އަދި ތި މީހާގެ ހިޔާވަހިކަމުގެ ދަށުގައި އެންމެ ހިނދުކޮޅަކުވެސް ނުހުންނާނަން.” ފާލިހްގެ ހިތް މުޅިން ކުދިކުދިވެއްޖެއެވެ. ބަނޑު އަޅައި ވިހޭ މައިމީހާ ނޫންނަމަ މިއަދު ފާލިހްގެ އަތުން ޝަރީފާ މަރުވީހެވެ. ޝަރީފާ ކިތަންމެ ނޫން ކަމަށް ހެދިފައި ގޭތެރެއަށްވަދެގެން ދިޔަޔަސް ފާލިހްގެ ބަސްތައް އޭނަގެ ހިލަގަނޑެއްހާ ހަރުހިތް ތޮރުފާލައިފިއެވެ.

“ޒާރާ. ބޭނުން ނަމަ މަގޭ ކުށުގެ އަދަބު މަށަށް ދެވިދާނެ. އަހަރެން ހަމަ ހިތް ހެޔޮ.” ފާލިހް ޒާރާގެ ކުރިމަތީގައި ދެއަތް ޖޯޑް ކޮށްލީ މާފަށް އެދެމުންނެވެ.
“ނޫން. ފާލިހްގެ ކުށެއްނެތް. މީ އަހަރެންގެ އަމިއްލަ ކުށުންވީކަމެއް.” ޒާރާ ފާލިހްއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ފާލިހް އަށް ތިގޮތަށް މަލަކާ އާ ދޭތެރޭގައިވެސް ކަންތައް ކުރެވުނީ ތި ސިހުރެއްގެ ބާރުގައި. އަވަހަށް މަލަކާ ކައިރިން މާފަށް އެދޭ.” ޒާރާ ފާލިހް ގެ ކޮނޑުމަތީގައި އަތްބާއްވާލީ އޯގާތެރިކަމާއެކީގައެވެ. އަދިވެސް ޒާރާ ގެ ހިތުގެ ފުންމިނުން ފާލިހް ދެކެ ލޯބިވެއެވެ.
“އަހަރެން ބޭނުން އަހަރެންގެ ދަރިފުޅަށްވެސް އަހަރެންގެ ފަރާތުން ޙައްޤުވާ ލޯބި ދޭން. އެކުއްޖާގެ އެއްވެސް ކުށެއްނެތް. ކިންޒާ ބޭނުންނަމަ އަދިވެސް އަހަރެން އުޅޭނަން ކިންޒާ އާއެކު.” ފާލިހް އޭނާގެ ކުރިމަތީގައި ގަނޑުވެފައި ހުރި ކިންޒާގެ އަތުގައި ހިފާލިއިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ.
“މަށަކީ އެހާ މާތް މީހެއް ނޫން. މަށަކަށް ނޫޅެވޭނެ ވީ ކަމެއް ނުވާ ކަމަކަށް ހަދައިގެނެއް. ފާލިހް ތީ މަލަކާގެ ހައްޤެއް. އެއްފަހަރުވެސް އަހަރެން ނުބުނަން ފާލިހްގެ ކުށެކޭ. މާދަން ފާލިހްގެ މަންމަ އަހަންނަށްވެސް އެހެން ހަދާފާނެ.” ކިންޒާ އަށް ވާހަކަ ދެއްކުނީ ގިސްލަމުންނެވެ. އެހާވެސް އޭނާ އެހުރީ ހިތުގައި ޖެހިފައެވެ. ނުހަނު ލޯބިން ފެށި ދިރިއުޅުންވެސް ގެއްލުނީއެވެ.
ކިންޒާ ދެއްކި ވާހަކަތަކަށް ފާލިހް ބޯޖަހާލީ އެއީ ޚަޤީޤަތް ވީމައެވެ. ހަޤީޤަތުގައިވެސް ފާލިހް ލޯބިވަނީ މަލަކާ ދެކެއެވެ. ތަޤުދީރުގެ ނިންމުން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

ދެފަހަރަކު ނުހާގެ ކޮޓަރި ދޮރު ހުޅުވާލާފައި ނުހާގެ ހިލަމެއްވޭތޯ އަޔާން އިންތިޒާރު ކުރަމުން ދިޔައެވެ.
“ނީތާ. ނުހާ ދެކުނިންތަ؟” އެންމެ ފަހުން ސިޑިން މައްޗަށް އަރައިގެން އައި ނީތާ ފެނުމުން އަޔާން އެހިއެވެ.
“އިއްޔެ ހެނދުނު ދިޔަ ގޮތަށް ނާދެއެއްނު. ނުދެކެން މިގޭތެެރެއަކުން.” ނީތާގެ ވާހަކަ އަޑުއަހާފައި އަޔާން ހައިރާނެއް ނުވެއެވެ. އަޔާންގެ ހިތްބުނެއެވެ. ކޮންމެވެސް ކަންތައްގަނޑެއް ނުހާ ހިންގަނީއެވެ.
އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް އަޔާން ދުއްވައިގަތީ ނުހާގެ ފޯނު މަތިން ހަނދާންވުމުންނެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އަޔާން ކަބަޑްގެ ދޮރުފަތް ހުޅުވާލުމަށްފަހު ނުހާގެ ފޯނު ނެގިއެވެ. އެތައް ސަތޭކަ މިސްޑް ކޯލްތައް އެތައް ނަމްބަރު ތަކަކުން އައިސްފައި ހުއްޓެވެ. އަޔާން އަށް ނުހާގެ ފޯނެއް ނުހުޅުވުނެވެ. ސަބަބަކީ ޖަހާފައިވާ ލޮކް އާއި ފިންގަރ ޕްރިންޓްއެވެ. ނަމަވެސް ގުޅާފައިވާ ނަމްބަރުތަކާއި ފޯނަށް އައިސްފައި ހުރި މެސެޖެތަކުގެ ބައެއް ފެންނަން ހުއްޓެވެ. ކުއްލިއަކަށް އަޔާންގެ ލޮލުގައި އަޅައިގަތީ ޕާޓްނަރ ޖަހާފައި އިން ނަމްބަރަކުން އައިސްފައި އިން މެސެޖެކެވެ.
– ބަސްޓްވާން ބޭނުން ނެތިއްޔާ އަދި ފަސް ހާސް ޑޮލަރު މިރޭގެ- މެސެޖް ފެންނަން އިން ހިސާބަށް އަޔާން އަށް ކިޔާލެވުނެވެ. އަޔާން ބޭނުންވަނީ ނުހާ ހުރިތަނަކުން ހޯދައިގެން ނުހާ ލައްވާ ފޯނު ހުޅުވާށެވެ. ހަދާނެގޮތަކާއި ދޭތެރޭގައި ވިސްނަމުން އަޔާން އަތު ތެރޭގައި ފޯނު އަނބުރާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނުހާ ދާާނެހެން ހީވާ ތަނެއްވެސް އަޔާންގެ ސިކުނޑިއަކަށް ނާދެއެވެ. އަދި ނުހާގެ އެއްވެސް ތިމާގެ މީހެއް ނޫނީ ރައްޓެއްސެއްވެސް އަޔާންއަކަށް ނޭންގެއެވެ.

“އަޔާން.” ފުން ވިސްނުމެއްގައި ހުރި އަޔާން ސިހުނީ ފާލިހްގެ އަޑުންނެވެ. ފާލިހް އެހާ ގާތުގައި ހުރިއިރުވެސް އަޔާން އަށް ރޭކާނުލިއެވެ.
ފާލިހްގެ އުދާސްވެފައިވާ މޫނާއި ފެންކަޅިވެފައިވާ ދެލޯ ފެނިފައި އަޔާންއަށް ބޭއިހްތިޔާރުގައި ފާލިހްގެ އަތުގައި ހިފަހައްޓާލެވުނެވެ.
ގިނަ އިރުތަކެއް ވަންދެން އަމިއްލަ ހިތާއި ހަނގުރާމަ ކުރަމުން ދިޔަ ފާލިހް ކޮންޓްރޯލްއިން ނެއްޓިކަހަލައެވެ.
“އަހަރެންގެ މަންމަ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފި.” ކުޑަ ކުއްޖެއް ފަދައިން ރޮއެގަންނަމުން ފާލިހް އަޔާންގެ ގައިގައި އޮޅުލައިގަތެވެ. އަޔާން އަށް އެއީ އާ ވާހަކަތަކެއް ނޫނެވެ. ޒާރާގެ ފަރާތުން ކޮންމެވެސް ވަރަކަށް އެކަމުގެ ހަޤީޤަތް އަޔާންއަށްވަނީ އެނގިފައެވެ.
“ބަލާބަލަ. މިއޮތީ މަންމަ އަހަންނާއި މަލަކާއާ ދެމީހުން ދުރުކުރަން ހަދާފައި އޮތް ފަންޑިތަ. ހެޔޮ ވާނީ ކިހިނެއް.” ފާލިހްގެ ބެދިފައިވާ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ. އަޔާން އަށް ޒާރާ ކައިރިން އެނގުނު ވާހަކަތަކަށް ވުރެ ތަފްސީލުކޮށް ފާލިހް ހުރިހާ ވާހަކައެއް އަޔާން އަށް ކިޔައިދެމުން ދިޔައިރު އަޔާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މަންމައަކު ދަރިއަކަށް އެފަދަ ބޮޑު ދެރައެއް ދީފާނެ ކަމަށް ހީވެސް ކުރާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ އަށް ވުރެ ތިން ދަރަޖަމަތިކޮށް މަންމަގެ މަޤާމް ކަނޑައެޅިފައިވާއިރު އެފަދަ ކަމެއް މަންމައަކު ކުރުމުން ހައިރާންވާހާ ވެއެވެ.
“އަހަރެން ބޭނުން މަލަކާ. މަލަކާ ކައިރިން މާފަށް އެދެން.” ފާލިހްއަށް އަދިވެސް ރޮވެނީއެވެ.
“މަލަކާއަށް ފާލިހް އެނގިއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅު.” އަނގައިން ނިކުތް އާހްގެ އަޑާއެކު އަޔާން ކަރުއެލުވާލިއެވެ.
“ކީއްވެ ތިހެން ތިބުނީ. މަލަކާއަށް ކީއްވެ އަހަރެން ނޭންގެންވީ.” ފާލިހް ދެލޯ ބޮޑުކޮށްފައި ބަލަން ހުރި ގޮތުން ފާލިހް އަށް މަލަކާގެ އެއްވެސް ވާހަކައެއް ނޭނގޭކަން އަޔާން އަށް އެނގުނެވެ.
“ފާލިހް މަލަކާ ދޫކޮށްލުމުން އޭނައަށް އެހީވީ މީތަންއާއި އޭނަގެ މަންމަ. ލިބުނު ހިތްދަތިކަމާއި ވޭނުގައި މަލަކާ ދުނިޔެއިން މޮޔަވީ. އަހަރެމެން ވަރަށް މަސައްކަތް ކުރިން މީތަން ގުރައިދޫއަށް ނުގެންގޮސް ވާނެ ގޮތަކަށް. ނަމަވެސް ޑޮކްޓަރ ގެ ލަފާގެ މަތިން މަޖުބޫރުވީ.” އަޔާންގެ ވާހަކަ އެހާހިސާބަށް ދިޔައިރު ފާލިހް ބިންމައްޗަށް ތިރިވަނީއެވެ. ކިތަންމެ ވަރަކަށް ރުޔަސް ކުރެވޭނެ ކަމެއްނެތެވެ. މާފަށް އެދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ފާލިހްގެ ހާލަތު ފެނިފައި އަޔާންގެ ހިތްވެސް ފަޅައިގެން ދާހާވެއެވެ.
“ވެދާނެއެއްނު މަލަކާގެ ހާލަތު އެގޮތަށް ބަދަލުއެވީ ވެސް ތިފަންޑިތައިގެ ސަބަބުން ކަމަށް. ހިނގާބަލަ ތީތި ދަންނަ މީހަކަށް ދައްކާލަން.” ފާލިހްގެ ކޮނޑުގައި ހިފާ ކޮޅަށް ނަގަމުން އަޔާން ރަނގަޅު ޚިޔާލެއް ދިނެވެ.
“އެކަމަކު އިހަށް ހިނގާބަލަ ޕޮލިސްޓޭޝަނަށް މަށާއެކު.” އަޔާން ލައިގެން ހުރި ޓީޝާޓްގައި އަތް ހާކާލީ ކުޑަކޮށް ރޫ ޖެހިފައި ހުރީމައެވެ.
“އެ ކީއްކުރަން.” ފާލިހް އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.
“އެއީ ނުހާ ވީ ނުވީތަނެއް ނޭނގި ގެއްލިގެން.” އަޔާން ހާމަކުރީ ހަޤީޤަތެވެ. މިއަދު ނުހާއަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.
“އަދިވެސް ކަލޭ އެކަމެއް ނުހުއްޓަންތަ؟ އަނެއްކާ މިފަހަރު ކޮން ޑްރާމާއެއް ނުހާ އެކުޅެނީ.” ފާލިހް އަޔާންއާ ދިމާއަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. ފާލިހް ހީކުރަނީ އަޔާން އަދިވެސް ނުހާގެ ފަސްފަހަތުން އޭނަ ޖަހާހާ ބެރަކަށް ނަށާކަމަށެވެ.
“މަ ނޫޅެމޭ އެކަމަކާ. އެކަމަކު އެއްދުވަސް ވަންދެން ޚަބަރެއް ނުވީމަ އަންގާލަންވާނު. ހިނގާ އަވަހަށް ދާން. އަދި ތި ސިހުރު ކަންތަކާއި ވެސް އުޅެން ޖެހޭނެއެއްނު.” އަޔާން ފާލިހްގެ ކޮނޑަށް އަތް ވައްޓާލަމުން ހިނގައިގަތެވެ. އެތައް ދުވަސް ތަކަށްފަހު އަޔާންގެ ގާތްކަން ލިބުމުން ފާލިހް އުފާވިޔަސް މަލަކާ އާމެދު ވިސްނުން އަދިވެސް އޭނަގެ ސިކުނޑި ހުއްޓައެއް ނުލައެވެ. ހިތުގައި އަޅަމުންދާ ވޭނަކަށް ލުޔެއް ނުލިބެއެވެ.

މޫކައި ހޮޓެލްގެ ހިތްގައިމު ކޮޓަރިއެއްގެ އަރާމު އެނދެއްގައި ނުހާ ބަންޑުން އޮށޯވެ އޮތެވެ. މީގެ ކުރީގައި ނުހާ އެކަހަލަ ކިތަންމެ ތަންމައްޗެއްގައި އުފަލާއި މަޖާކުރިއެވެ. ނަމަވެސް މިއަދު އެ އަރާމު ތަންމަތިން ނުހާއަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ނުހާގެ ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ކުރެވިފައިވާ ފާފަތަކެވެ. އެ ހުރިހާ ފާފަ ތަކާއެކުވެސް ނުހާާއަށް ދިރިއުޅުން ހޯދަ ދިން އާސިފެވެ. ނުހާާގެ ލޯބީގައި ދީވާނާއެއް ފަދައިން ޤުރުބާން ވަމުން ދިޔަ އަޔާނެވެ. ލޯބި އެއީ ކޮން އެއްޗެއްކަން ދަސްކޮށްދިން މާކިންއެވެ. މިއަދު ނުހާގެ އެކަކުވެސް ނެތެވެ. ވަށައިގެންވަނީ އެކަނިވެރިކަމާއި މާޔޫސްކަމެވެ.

ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ދިނުމަށްފަހު އަޔާންއާއި ފާލިހް މިސްރާބު ޖެހީ މާލޭގައި ފަންޑިތަވެރިކަމުގައި އެންމެ ނަން މަޝްހޫރުވެފައިވާ ފާރޫގުބެ ކައިރިއަށެވެ. ކިޔުގައި އެތައް އިރެއް ތިބުމަށްފަހު އެންމެ ފަހުން ފާލިހްއާއި އަޔާންއަށް އެތެރެއަށް ވަންނާނެ ފުރުސަތު ލިބުނެވެ.
“މި ކޯޗެއްކަން ބަލާލަ ދީފާނަން.” ފާލިހް އޭނަގެ ޖީބުން މަލަކާާގެ ހެދުމުގެ ފޮތިން އޮޅާފައިވާ އެތި ފާރޫގުއަށް ދިއްކޮށްލިއެވެ. ވަރަށް ފަރުވާތެެރިކަމާއެކު ފާރޫގުބެ އެފޮތިކޮޅު މޮހާލައިގެން ބަލަން ފެށިއެވެ.
“މީ ދެމީހަކު ދުރުކުރަން ހަދާފައިވާ ސިހުރެއް. އަދި ފުރާާނައަށްވެސް ނުރައްކާވާގޮތަށް ހަދާާފައި މިހުރީ.” ލޮލުގައި އަޅާފައި އޮތް އައިނު ރަނގަޅު ކޮށްލަމުން ފާރޫގުބެ ފުންނޭވާއެއްލިއެވެ.
“ތި ބުނީ އަހެރެންގެ މަލަކާ މަރުވާނެއޭތަ؟ އަޅެ މިކަމުގަ އެހީތެރިވެ ދެއްވާ. އާދޭސްކުރަން.” ފާލިހް އެކޭ ކުޑަކުއްޖެކޭ އެއްފަދައެވެ.
” ހުއްޓާލާ ކޮއްކޯ. ތިވެގެން އުޅޭ ގޮތެއް ކިޔާދީބަލަ ބޭބެއަށް ފުރަތަމަ.” އަޔާން ފާލިހް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ފާރޫގުބެ ބޭނުންވީ ހުރިހާ ކަމެއް އޮޅުންފިލުވާށެވެ.
އަޔާން ފާރޫގުބެއަށް ކަންތައްތައް ވީ ގޮތް ކިޔައިދިނީ ފާލިހްގެ ގައިގައި ވާހަކަ ދައްކާނެހާ ހިތްވަރުވެސް ނެތީމައެވެ.
“މިޔަށް ދުނިޔެއެއްތާ ދޯ. ބޭބެއަށް މިފަންޑިތަ ބާތިލް ކޮށްލެވިދާނެ. ބޭނުންވާ ހުރިހާ މައުލޫމާތު ލިބެނިކޮށް.” ފާރޫގު ގެ ވާހަކަ އަޑު އިވިފައި ފާލިހްގެ މަރުވެފައިވާ ހިތަށްކުޑަ ނަމަވެސް ދިރުމެއް ލިބުނު ކަހަލައެވެ.
ފާރޫގުބެ ގެ ހިތް ހަލާލު ދިނުމަށްފަހު ފާލިހްއާ އަޔާން އެތަނުން ނިކުތީ ހިތްހަމަ ޖެހިގެންނެވެ. އެފަންޑިތަ މާދަމާ އިރުއަރާއިރު ބާތިލް ވާނެ ކަމަށް ބުނީމައެވެ.

 

ވިސްނާ ވިސްނާ އެންމެ ފަހުން ނުހާގެ ބޮލުގައި ރިއްސަންފެށިއެވެ. ކޮފީއެއް ބޯލާނަމޭ ހިތާ ނުހާ ތެދުވީ ހޮޓެލްގެ ރެސްޓޯރެންޓަށް ދާށެވެ. ފާހާނާއަށް ވަދެ މޫނު ދޮވެލުމަށް ފަހު ނުހާ ކޮޓަރިން ނިކުތެވެ.
މުޅި ރެސްޓޯރެންޓްވަނީ ގެސްޓުންގެ މީހުންނުން ފުރިފައެވެ. ކާއެއްޗެހީގެ މީރުވަސް ޖެހުމާއެކުގައާއި ވެފައިވާ ބަނޑުހައި ހޫނުކަމުގައި ނުހާ ބޭނުންވީ ރަނގަޅަށް ކާލާށެވެ.
ކުޑަ ހިނދުކޮޅަކަށް ނަމަވެސް ފިކުރުތަށް ދުރަށް ޖައްސާލަމުން ނުހާ ވަރަށް ރަނގަޅަށް ކައިފިއެވެ.
“މެޑަމް ބިލް.” ވެއިޓަރ ގެ އަޑަށް ނުހާއަށް ބަލާލެވުނެވެ. އަދި ޕާސް ތެރޭގައި އޮތް ކާޑް ނަގާ ވެއިޓަރ އަތަށް ދިއްކޮށްލިއެވެ. ހިނިތުންވެލުމަށް ފަހު ވެއިޓަރ ކާޑުން ބިލް ދެއްކުމަށްޓަކައި އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ.
ކޮންމެ ފަހަރަކުވެސް ފެއިލްވަނީއެވެ.
“މީ ކީއްވެ ވާންވީ ގޮތެއް.” ނުހާ ހުރީ ހިސާބަކަށް ހާސްވެފައެވެ. އޭރުވެސް ވެއިޓަރ ކާޑު މަސައްކަތް ކުރޭތޯ ބަލަމުންދިޔައެވެ.
“މައްސަލައެއް އުޅެނީތަ. އަހަރެން ބިލް ދައްކާލަދެންތަ؟” ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު ނުހާއަށް ކުއްލިއަކަށް ބަލާލެވުނެވެ. ހީވި ހީވުން ޔަޤީންކުރާށެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް