​ދެކުމާ ދިއުމަކީ ބޮޑެތި މަސައްކަތް ކުރާއިރު އެކަމަށް ތަރުހީބުދޭން ގިނަބަޔަކު އެއްވެގެން ހަދިޔާ ހިފައިގެން އެ މަސައްކަތެއް ކުރާ ތަނަކަށް ގޮސް މަސައްކަތް ކުރާ މީހުންނަށް އެ ހަދިޔާ ދިނުމެވެ. މިފަދަ ހަދިޔާގައި އާންމުކޮށް ހުންނާނީ ކޭމެވެ. ކޭމަކީ އެތައް ބަޔަކަށް ކެވޭނެގޮތަށް ވަކިގޮތަކަށް ތައްޔާރުކޮށް ބޮޑެތި މަލާފަތް މަލާފަތަށް އަޅާފައި ހުންނަ ކާތަކެއްޗެވެ.

ބައެއްކަހަލަ ބޮޑެތި މަސައްކަތް ކުރާއިރު އެތަނަކަށް ދެކުމާ ދިއުމަކީ ފުވައްމުލަކުގައި އިހުއްސުރެ ކުރަމުން އައި ކަމެކެވެ. އޮޑިދޯނިފަހަރު ބަނުން، ގެދޮރު އިމާރާތްކުރުން ފަދަ މަސައްކަތް ކުރަމުން ދާއިރު އެތަނަކަށް ދެކުމާ ދާނެއެވެ. ދާދި ފަހަކުން ފުވައްމުލަކުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެތަނަށް ވަނީ ފުވައްމުލަކު ރައްޔިތުން ދެކުމާ ގޮސްފައެވެ. މި ދެކުން ގެންދިޔައީ އަލަފަތުގައާއި މުޅޯށީގައި ބަންދުކޮށްގެން ދިވެހިވަންތަ ގޮތަކަށެވެ.

މިކަމަށް ދެކުމޭ ކިޔަނީ އެކުރާ މަސައްކަތެއް ގިނަ ބަޔަކަށް ދައްކާލެވޭތީއެވެ. ފުވައްމުލަކު ފާރޫޤް އަޙްމަދު، ފަތްތޫރައިގެ 322 ވަނަ އަދަދުގައި އިހުޒަމާނުގައި ފުވައްމުލަކުގައި ދެކުމާ ދާގޮތް ސިފަކުރައްވާފައިވާގޮތް މިތާނގައި ނަކަލު ކޮށްލާނަމެވެ. “އެންމެ ފުރިހަމަކޮށް ދެކުމެއް ކުރާއިރު ދެކުމުގެ އެންމެ ކުރީގައި، އެދުވަސްވަރު ގެންގުޅޭ ދެފުރޮޅުލީ ދަމާ ގާޑިޔަލެއް ބާއްވައިގެން އެ ގާޑިޔާ ދަމަމުން ބަޔަކު ދާނެއެވެ. އަދި އެގާޑިޔަލުގައި ދިވެހި ރުކެއް ބަހައްޓައިގެން އެރުކުގައި ރާވެރިކަން ކުރަން މީހަކު އޮވެއެވެ. ފަންވަތުން ވިޔެފައިވާ ބޮޑު ދޫންޏެއްވެސް ގާޑިޔަލުގައި ހުރެއެވެ. އެދޫނި ފަހަރު ފަހަރަށް ތުންތަޅުވައި އަޑުގޮއްވައި ހަދައެވެ. އެއީ އޭގެ ތެރޭގައި މީހަކު އޮވެގެންނެވެ. ބެރުޖަހައި ލަވަކިޔާ ގުރޫޕެއްވެސް އެގާޑިޔަލުގައި އުޅެއެވެ. އަދި ދެކުން ކުރާގެއިން ވަރަށް މީރުކޮށް ކައްކާފައި ހުންނަ ބޮނޑިބަތް ފަރިވަޅެއްވެސް އެގާޑިޔަލުގައި ހުރެއެވެ.”

ދެކުމާދާ މީހުން ދާނީ އެކަކު ފަހަތުގައި އަނެކަކު ސަފަކަށް އެތުރިގެން މަގުގެ އެއްކައިރިންނެވެ. ސަފުގައި ހުންނަ ކޮންމެ މީހެއްގެ އަތުގައި ލޯމަލާފަތެއް ނުވަތަ ރީތި ކަރުދާހު ފޮއްޓެއް އޮވެއެވެ. އޭގައި ހުންނާނީ އެކި ވައްތަރުގެ ހެދިކާ އާއި ބިލެތެވެ. މަޑުމަޑުން ހިނގާފައި ގާޑިޔަލާ އެއްވަރަށް ހިނގަމުންގޮސް ދެކުންކުރާ ތަނަކާ ހަމަވާއިރު އެތަނެއްގައި މަސައްކަތް ކުރާމީހުން ތިބެނީ ދެކުން ބަލައިގަންނަން ތައްޔާރުވެގެންނެވެ. ލިބޭ ތަކެތި ބަހައްޓާނެ ތަނެއްވެސް ތައްޔާރުކޮށްފައި ހުރެއެވެ. ގާޑިޔަލުގައި ހުރި ބޮނޑިބަތް ފަރިވަޅާއި މީހުން ގެނައި ހުރިހާ ތަކެތި ދައްކާލުމުން ދެކުންކޮށް ނިމުނީއެވެ.

ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ދެކުމާ ދިއުމަކީ އިހުޒަމާނުގައި ވަރަށް ޝައުގާއެކު ކުރަމުން އައި ކަމެކެވެ. އެކަން ކުރަނީ ވަރަށް މަތިވެރި މަގްސަދެއްގައެވެ. އެކަމުން ގިނަ ފަރާތްތަކެއް ގުޅިގެން އުފެދޭ ވަރުގަދަ އެކުވެރިކަމެއްގެ ސަބަބުން، ދިރިއުޅުމަށްޓަކައި ކުރާ ބޮޑެތި މަސައްކަތް ކާމިޔާބުވެއެވެ. އެ މަސައްކަތް ކުރާ ބަޔަކަށް ހިތްވަރު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.