ލައިލާ ގޮސް ކޮޓަރިއަށް ވަނުމުން ސީމާ ނާފިޒަށް ލޮލުން އިޝާރާތްކޮށްލީ ދާށޭ ބުނުމުގެ ގޮތުންނެވެ. އަދި ދިޔުމުގެ ކުރިން ނާފިޒުގެ ކަންފަތާއި ގާތްވެލާފައި “އޯލް ދި ބެސްޓް”އޭ ބުނެލިއެވެ. ނާފިޒު ބޯޖަހާލަމުން ހިނގައިގަތެވެ. ދުރުގައި އެ މަންޒަރު ބަލަން އިން ޒާހިރު ލައިލާގެ ކޮޓަރިއާއި ދިމާއަށް ގޮނޑި ދުއްވާލިއެވެ.

“ދަރިފުޅާ ނާފިޒު..” ޒާހިރުގެ އަޑަށް ނާފިޒު މަޑުޖެހިލިއެވެ.

“ބައްޕަ ބޭނުން އިހަށް ލައިލާއާއި އެކަނި ކުޑައިރުކޮޅަކު ވާހަކަ ދައްކާލަން..” ޒާހިރު އެހެން ބުނެލުމުން ނާފިޒު އެންމެ ރަނގަޅުކަމަށް ބުނެލާފައި ގޮސް ސޯފާގައި އިށީނދެލިއެވެ. މަންޒަރު ބަލަން ދުރުގައި ހުރި ސީމާ ތުން އަނބުރާލަމުން ނާފިޒާއި ދިމާއަށް ހިނގައިގަތެވެ.

“ކިހިނެއް ތިހެދީ؟” ސީމާ ނުރުހުމާއެކު ބުނެލިއެވެ.

” ކެތްތެރިވެބަލަ.. މިހާރު ޖެހޭނެ ބަފައިބެ ލޮލުގައި ރަނގަޅަށް އަނދުން އަޅުވާލަން.. އަހަރެން ލައިލާ ގޮވައިގެން މިގެއިން ދާއިރު އޭނަ ޖެހޭނެ ލައިލާއަށްވުރެ ބޮޑަށް އަހަރެންނަށް އިތުބާރުކުރަން.. އޭރުން އަހަރެން ލައިލާ ގެންގޮސްފައި ކޮންމެ ގޮތެއް ހެދިޔަސް އޭނަ ލައިލާ ދައްކާ ވާހަކަ ޤަބޫލުނުކުރާނީ.. އުމުރު މައްޗަށް ދިޔަޔަކަސް ސީމާގެ ބޮލުގައި ނެތެއްނު ތެތްކަމެއް..” ނާފިޒު އެހެން ބުނެލުމުން ސީމާގެ މޫނުމަތިން ވިހަ ހިނިތުންވުމެއް ފާޅުވިއެވެ.

“ތިޔަ ބުނީ ހެޔޮކޮށް.. އަހަރެން އޭނަ މިގެއިން ފޮނުވާލައި އަހަރެންގެ ދިރިއުޅުމުން އެއްފަރާތްކުރަން ބޭނުންވެފައި ހުންނަލެއް ބޮޑުކަމުން މިހާ އަވަސް އަރައިގަނެގެން މި އުޅެވެނީ.. ކަލާ ވާނެ އަހަރެން ބުނި ގޮތަށް ކަންތައް ކުރަން..” ނާފިޒުގެ ގާތުގައި ސޯފާގައި އިށީންނަމުން ސީމާ ބުނެލިއެވެ.

“ތިކަމާ ނުވިސްނާ.. ސީމާ ބުނިގޮތަށް އަހަރެން ކަންތައް ކުރާނީ..” ނާފިޒު އެއްމިޔަކަނުން ހީލިއެވެ.

*****

“ދަރިފުޅާ! ދެން ތިޔަހެން ނޫޅޭ.. މިހާރު ނާފިޒަކީ ދަރިފުޅުގެ ފިރިމީހާ.. ބައްޕަ މި ދެއްކި ވާހަކަތައް ދަރިފުޅު ހަނދާން ބަހައްޓާތި.. އޭނައަށް ހެޔޮކޮށް ހިތާތި.. އޭރުން އޭނަވެސް ދަރިފުޅަށް ރަނގަޅުވާނެ.. އިންޝާ ﷲ! ހިނިތުންވުމަކާއެކު ނޫނީ އޭނަޔާ ކުރިމަތިނުލާތި.. ބައެއްފަހަރު ހިތުގައި އަޅާ ވޭން ހިނިތުންވުމަކުން ފޮރުވާލަންވެސް ޖެހޭނެ.. އަވަހަށް ދޭ ފާޚާނާއަށް ވަދެ މޫނު ދޮވެލާ ރީތިވެލަން.. ބައްޕަ ގޮސްފައި ނާފިޒު ފޮނުވާނަން..” ދަރިފުޅަށް އެތައް ނަޞޭޙަތެއް ދީފައި ޒާހިރު ނުކުތްއިރު އޭނާގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ. ދަރިފުޅުގެ މުސްތަޤުބަލު އަލިވެ ދިރިއުޅުން އުޖާލާވޭތޯ އެވަގުތުވެސް އޭނާ ދުޢާކުރެވުނެވެ.

ލައިލާ ހުރީ ފާޚާނާގައެވެ. މޫނު ދޮވެލަމުން ހިނިތުންވެލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަ ފެނުމާއެކު އޭނާގެ ބަދުނަސީބުކަން ހިތަށް އަރާފައި އިތުރަށް ރޮވުނީއެވެ. ކޮޓަރީގެ ދޮރު ލައްޕާފައި ތަޅުލި އަޑު އިވުމުން ސިހިފައި ލައިލާ މޫނު ފޮހެލިއެވެ. އަދި އަވަސްއަވަހަށް މޫނު ދޮވެލައި މީހާ ހަމައަކަށް އެޅިލަން މަސައްކަތްކުރިއެވެ. ދެންމެ ޒާހިރު އޭނާ ގާތުގައި ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ނަފުސު ހަމައަކަށް އަޅުވާލަމުން ލައިލާ ފާޚާނާއިން ނުކުތެވެ.

ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް އެނދުގައި އިށީނދެލައިގެން އިން ނާފިޒު ބަލައިލިއެވެ. އޭރު ލައިލާ ފާޚާނާއިން ނުކުންނަނީއެވެ. ދޮރު ލައްޕާލާފައި ލައިލާ ބަލައިލިއިރު އެ ދެލޯ ރަތްވެފައި ހުރިތަން ފެނުމުން ނާފިޒުގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. އޭނާއަށް އެނދުންވެސް ތެދުވެވިއްޖެއެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ލައިލާއާއި ދިމާއަށް ހިނގައިގަތެވެ. ނާފިޒު ލައިލާއާއި ދިމާއަށް ދާން ފެށުމުން އޭނާގެ ހިތް ތެޅިގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. ބިރުން ފަހަތަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާ މަތަވީ ފާރުގައި ޖެހިފައެވެ. ނާފިޒު އައިސް މަޑުކޮށްލީ ލައިލާއާއި ދާދި ކައިރީގައެވެ.

“ނާފިޒު!” ލައިލާއަށް ބިރުން ހުރެ ގޮވާލެވުނެވެ. އެވަގުތު ނާފިޒު ލައިލާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި އިތުރަށް އެއްވެސް އެއްޗެއް ނުބުނާށޭ ބުނެލިއެވެ.

*****

ޒާހިރު އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނާގެ ހިތާއި ސިކުނޑީގައި ވަނީ އޭނާގެ ދަރިފުޅުގެ ޚިޔާލުތަކެވެ. ޙަޤީޤަތުގައި މިރެއަކީ އޭނާ ނުހަނު އުފާވާން ޖެހޭނެ ރެއެކެވެ. އެއީ އާ ކައިވެނީގެ ރެއަކީ ކޮންމެ މީހަކުވެސް އެ ރެއަކަށްޓަކައި ފޮނި ހުވަފެންތަކެއް ދެކޭނެ ރެއަކަށް ވާތީއެވެ. ބަފައެއްގެ ހައިސިއްޔަތުންވެސް އެންމެ އުފާވާނެ އެއް ދުވަހަކީ އަބުރުވެރިކަމާއެކު އަންހެން ދަރިފުޅު ފިރިއެއްގެ އަތްމައްޗަށް ދޫކޮށްލާނެ ދުވަހެވެ. ނަމަވެސް އެންމެ އުފާވާންވީ މި ޚާއްސަ ދުވަހުގައި އޭނާ އުފަލެއް ނުވިއެވެ. ލޯބިވާ ދަރިފުޅުގެ ނުރުހުމުގައި ނުވެސް ދަންނަ މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހުނީތީއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިއީ ތަޤުދީރުގައިވާ ގޮތޭ ބުނެ ނިންމާލުން ނޫން އެހެން ގޮތެއްވެސް ނެތެވެ.

ޒާހިރުގެ ލޮލާއި މިރޭގެ ނިދި އެއްބަހެއް ނުވާނެކަން ޔަޤީނެވެ. އެއަށްވުރެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު ބޮޑެވެ. ވިސްނުންތަކާއި ކުރެވޭ ފިކުރުތައް ގިނައެވެ. މިރެއަކީ ލައިލާއަށް ބޮޑު ރެއަކަށް ވާނެއެވެ. އޭނާގެ ނަޞޭޙަތްތަކުގައި ލައިލާ ހިފާނެބާވައެވެ. ކިޔަމަންތެރިކަމާއެކު ލައިލާ ނާފިޒަށް ހެޔޮކޮށް ހިތާނެބާވައެވެ. ދަރިފުޅާއިމެދު ކިތަންމެ އިތުބާރެއް އޮތަސް މިކަމުގައި އޭނާއަށް ދަރިފުޅާއިމެދު ޝައްކުވެއެވެ. ދަރިފުޅުގެ ނުރުހުންތެރިކަމެއް ނާފިޒަށް ދައްކައިފިނަމަ ކަންތައް ވާނީ ކިހިނެއްބާވައެވެ. ނާފިޒު އަނިޔާވެރި މީހަކަށް ވެދާނެބާވައެވެ. އެހެން ވެއްޖެނަމަ އޭނާގެ ޒަޚަމްވެފައިވާ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. މާތްކަލާކޯއެވެ! އަހަރެންގެ ހިތަށް މިފަދަ ނުބައި ޚިޔާލުތަކެއް މި ވަންނަނީ ކީއްވެބާވައެވެ. އަހަރެންގެ ހިތުން ނުބައި ޚިޔާލުތައް ނެރެލުމުގެ ތައުފީޤު ދެއްވާށިއެވެ! އާމީން!

“ޒާހިރު! ނިދާކަށް ނުވޭތަ؟ އެހެންޏާ ކޮންމެ ރެޔަކުވެސް މިހާއިރު ވާއިރު ނިދަމެއްނު..” ސީމާ ބުނެލިއެވެ. އޭނާގެ މޫނުމަތި ވަނީ އާދަޔާ ޚިލާފަށް އަލިވެފައެވެ. ބޮޑު ހަނގުރާމައަކުން ފަތަޙަ ލިބުމުން މޫނުމަތިން ފެންނަފަދަ އުފާވެރިކަމެއް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

“ވަރަށް ހިތްހަމަޖެހިފައި ދޯ ތިހުރީ؟” ޖެއްސުމުގެ ރާގަކަށް ޒާހިރު އަހާލިއެވެ. ނަމަވެސް ސީމާއަށް އެކަން ނަގައިގަނެވުނުހެނެއް ހިޔެއްނުވެއެވެ.

“އާނ.. ކީއްވެ ހިތްހަމަނުޖެހެންވީ؟ ނުލާހިކު ރަނގަޅު ސޮރެއް ލައިލާއަށް އެ ލިބުނީ.. އޭނަ ހުންނަނީ ލައިލާއާހެދި މޮޔަވެފައި.. ލައިލާ ބުނެފިއްޔާ ކަނޑަށްވެސް އެރޭހާވަރު ވެފައި އޭނަ އެ ހުންނަނީ.. މިޒަމާނުގައި މީހަކުދެކެ އެވަރަށް ލޯބިވާނެ މީހަކު ލިބޭނެތަ؟ އަހަރެންނަކަށް ހިޔެއްނުވޭ.. އަޅެ ޒާހިރު ހިތްހަމައެއް ނުޖެހޭތަ އެހާ ރަނގަޅު ކުއްޖަކު ލައިލާއަށް ލިބުނީމަ؟” ޒާހިރުގެ ގާތުގައި އޮށޯވެ ޒާހިރުގެ ކޮނޑުގައި ބޯ ޖައްސާލަމުން ސީމާ ފައްޗަކަށް ހުރިހާ ވާހަކައެއް ބުނެލިއެވެ.

“އާނ.. ތިކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގިއްޖޭ.. އެހެންވީމަ ސީމާ ތި ލިބުނު ހިތްހަމަޖެހުމާއެކު އަރާމުކޮށް ނިދާލާ އިނގޭ.. އަހަރެންނަކަށް މިރެޔަކު ނުނިދޭނެ..” ޒާހިރު ޖެއްސުމުގެ ރާގުގައި ބުނެލި ވާހަކައިން ސީމާގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައީ ބަސްބުނާހާ ހިނދުންނެވެ.

“އަދި ތިޙާލުގައި އޮވެގެންވެސް ޖެއްސުން ކުރެވޭތޯ ދޯ ތި ބަލަނީ؟ އެއްފަހަރުވެސް އަހަރެން ކުރާ ކަމަކަށް އެއްބާރުލުމެއް ދީބަލަ.. އަހަރެން މިކުރި ކަމަކީ ރަނގަޅު ކަމެކޭ.. އަބަދު ތިގޮތަށް ޖެއްސުން ފާޑަށް ވާހަކަ ދައްކަންޏާ އަހަރެންނަށްވެސް މަޑަކުން ނުހުރެވޭނެ.. އޭގެ ނަތީޖާ ވަރަށް ހިތިވާނެ..” ސީމާ ގާތަށް ރުޅިއައެވެ.

“އަހަރެން މީގެ ކުރިން ސީމާ ކުރި ކަމަކަށް ފާޑެއް ނުކިޔަން.. މަނަލެއްވެސް ނުކުރަން.. އެކަމަކު ފާޑުކިޔާ ހިސާބަށް ދިޔައިމަ އެކަންވެސް މި ކުރަން ޖެހޭނެ.. އަހަރެންގެ ދަރިފުޅަށް އަނިޔާކުރަން ފެށި ހިސާބުން އަހަރެންނަށް މަޖުބޫރުވީ ސީމާ ކުރާ ކަންތަކަށް ފާޑުކިޔަން.. އެގޮތަށް އެކަން ނުކުރުމަށް ނަޞޭޙަތް ދޭން.. އެކަމަކު ވީކަމެއް އޮތްތަ؟ ދެން ތިބުނަނީ ނަތީޖާ ހިތިވާނެޔޭ.. ސީމާ އިތުރަށް ކުރާނެ ކަމެއް އެބައޮތްތަ؟ އަހަރެންގެ މި ނުކުޅެދުންތެރިކަމުގެ ނާޖާއިޒު ފައިދާ ނެގި ގޮތް ހަނދާންކޮށްބަލަ.. އޭގެ ބޭނުންކޮށް އަހަރެންގެ އަންހެން ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލުމަށްވުރެ ބޮޑު ދެރައެއް އަހަރެންނަށް ދެވޭނެތަ؟ އަނ.. ބުނެބަލަ.. އަހަރެންގެ ދެ ދަރިންނަށް ލިބޭ ދެރައަށްވުރެ ބޮޑު ދެރައެއް މި ދުނިޔެމަތީގައި އަހަރެންނަކަށް ނުލިބޭނެ..” ޒާހިރުވެސް ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާގެ ހިތުގައި އުފެދިފައި ވީހާ ނަފުރަތެއް އެއްފަހަރުން ބޭރުކޮށްލަން އުޅޭ ކަހަލައެވެ.

“ޝުކުރުކޮށްބަލަ އަހަރެން ކަލެޔާ އިނދެގެން އުޅޭކަމަށްޓަކައި.. ކަލޭ ގައިގައި އެބަހުރިތަ އަހަރެމެން އަންހެނެއް ހިތްހަމަޖައްސައިދެވޭހާ ފެންވަރު؟ ކިތައް އަހަރު މިވަނީ އަހަރެން އެ އުފަލުން މަޙުރޫމުކޮށްފައި ހުންނަތާ؟ ޝަކުވާއެއް ކުރިންތަ؟ ކަލޭ ކަހަލަ ބޭނުމެއް ނުހިފޭ މީހަކާ މަ އިނދެގެން އުޅޭތީ އެކަމާ ޝުކުރުކުރުމުގެ ބަދަލުގައި ކަލޭ ތި ކުރަނީ ޖަދަލު..” ސީމާ ހުރީ ވަރަށް ރުޅިއައިސްފައެވެ. ކުރެވެމުންދިޔަ ޒުވާބު ދިގުލާވަރަކަށް ސީމާގެ ޙަޤީޤީ ސޫރަ ފާޅުވަމުން ދިޔައެވެ. އޭނާގެ ރަޙުމު ކުޑަކަން އިހުނަށްވުރެ ބޮޑަށް ފާޅުވަމުން ދިޔައެވެ.

“އެހެންތަ؟ ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ.. ކަލޭ ހީކުރީ އަހަރެންނަށް އެކައްޗެއްވެސް ނޭނގޭ ކަމަށްތަ؟ ކައިވެނީގެ ސެޓްފިކެޓްގައި ކަލޭ ފިރިމީހާގެ ގޮތުގައި އަހަރެންގެ ނަން އޮތަސް ކަލޭގެ ނަޒަރުގައި ކަލޭގެ ފިރިއަކީ އަހަރެންގެ މުދަލާއި ފައިސާ.. އެކަން އަހަރެން ބަލިވި ދުވަހުން ފެށިގެން އަހަރެންނަށް އޮތީ ވަރަށް ރަނގަޅަށް އެނގިފައި.. މިއަދު އެކަން އަދި މާރަނގަޅަށް އެނގިއްޖެ.. އަހަރެންނަކީ ފިރިމީހާކަން ޤަބޫލުކުރާނަމަ އަހަރެން އެދޭ އެދުމަކާއި ކަލޭ ދެކޮޅެއް ނުހަދާނެ.. އަހަރެން މާތް ﷲ ނަހީކުރެއްވި ކަމަކަށް ނޭދޭހާ ހިނދެއްގައި.. އަދި އަހަރެންގެ ހަށިގަނޑުގެ އެއްބައިކަމުގައިވާ އަހަރެންގެ ދަރިފުޅަކަށް ކަލޭ އަނިޔާވެރިއެއް ނުވާނެ.. އަދި އަހަރެންގެ މި ބަލި ޙާލަށް ކަލޭ ހަމްދަރުދީވާނެ.. ތި ދުލަކުން ރަޙުމުކުޑަ ބަސްތަކެއް ނުނިކުންނާނެ.. އަހަރެން ކަލެޔާ ކައިވެނިކުރީ ވަރަށް ފޮނި އުއްމީދުތަކަކާ އެކީ.. ލަޔާން ލިބުމާއި ހަމައަށް ކަލޭ އަހަރެންގެ ދެލޯ ކަނުކުރީ.. އަހަރެންގެ އާރެއްބާރެއް ނެތުނީމަ ކަލޭ އަހަރެންގެ ކަރަށް ފައިން އެރީ.. ޙަޤީޤަތުގައި ޝުކުރު އަދާކުރަން ޖެހޭ މީހަކީ ކަލޭ.. އެއީ ކަލޭގެ ނުބައި ނުލަފާކަން އެނގިހުރެވެސް އަހަރެން ކަލޭ ވަރިނުކޮށް އުޅޭތީ.. މިއަދު އަހަރެން ވަރިކޮށްލިޔަސް ކަލޭ ނުކުމެގެން ގޮސް ވަންނާނެ ތަނެއްވެސް ނުހުންނާނެ.. އެކަމަކު އަހަރެން އެހެނެއް ނުހަދާނަން.. އެއީ ހަމައެކަނި އަހަރެންގެ ލަޔާންއަށްޓަކައި.. އެނގިއްޖެތަ؟” ޒާހިރު ކިޔަން ބޭނުންވި ހުރިހާ އެއްޗެއް ކިޔާފައި ދުރަށް މޫނު އަނބުރާލިއެވެ. ސީމާ އޮތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް އޭނާގެ ހިތުގައި އަނދައިގަތް ނަފުރަތުގެ ދިލަ ހޫނު އޭނާގެ މޫނުމަތިން ފާޅުވިއެވެ. ތުން އަނބުރާލަމުން އޭނާވެސް ދުރަށް އެނބުރި ނިދަން އޮށޯތެވެ. ކުރެވުނު ޒުވާބުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލިފައިވާ ސީމާގެ ޚިޔާލަށް ކުއްލިއަކަށް ލައިލާ އައެވެ. މިރޭ ލައިލާގެ ދިރިއުޅުން ބަރުބާދުވެގެން ދާނެގޮތް ހިތަށް އެރުމުން އޭނާގެ ހުރިހާ ނުރުހުމެއް އެއްފަހަރުން ފިލައިގެން ދިޔައެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.