ނުވަދިހައިގެ އަހަރުތަކެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އެބައުޅޭ އެބައުޅޭ” ޕްރޮގުރާމު އަޑު އެހުމަކީ އަހަރެންގެ އާދައެކެވެ. އެއީ އަހަރެންނެކޭ އެއްފަދައިން ޅަ އުމުރުފުރާގެ ހުރިހާކުދިންގެ ވެސް އާދައެވެ. މި ޕްރޮގުރާމުން އަބަދުވެސް އަޑު އިވޭ، ނަމަވެސް ރަހަ ނުލާ ކެއުމެއް އޮވެއެވެ. ގެނެސްދޭ ވާހަކައެއްގައި ކާ އެއްޗެއްގެ ނަން އަންނަނަމަ އެ އެއްޗަކަށް ވެފައި އޮންނަނީ ބިރިޔާންޏެވެ. “ބިރިޔާނި ހާދަ މީރުވާނެތާ ދޯ އެވެ.” އަހަރެންގެ ހިތަށް އަރައެވެ.
އެ ދުވަސްވަރު ރަށުގައި ބިރިޔާނި ކައްކަން ދަންނަ މީހަކު އުޅޭކަމެއް އަހަރެން ނުދަންނަމެވެ. ބަޔަކު ބިރިޔާނި ކެއްކިއޭ ބުނާތީވެސް އަހަރެން އަޑެއް ނާހަމެވެ. އެކަމަކު “އެބައުޅޭ އެބައުޅޭ” ޕްރޮގުރާމުން ބިރިޔާނީގެ އަޑު އިވިއިވި އެ ކެއުމުގެ ޝައުޤުވެރިކަން ހިތުގައި ވަރަށް ބޮޑަށް އޮވެއެވެ.
އަބަދުވެސް ރަށުގައި ކައިވެނިތައް ކުރަމުން ދެއެވެ. އެކަމުގެ އުފަލުގައި މެންދުރު ކެއުމެއް ނުވަތަ ހަވީރުގެ ސައެއް ބާއްވައި ފުއްދާލަނީއެވެ. ކައިވެނި “ޕާޓީ” ބޭއްވުން އޭރު އެއީ އޮންނަ ކަމެއް ނޫނެވެ. މިހެން މިކަން ހިނގަމުން ދަނިކޮށް، ރަށުގައި އަޑު ފެތުރިގެން ދިޔައީ ރަށުގެ ބޮޑު ކަތީބުގެ ދޮށީ އަންހެން ދަރިފުޅުގެ ކައިވެނީގެ ވާހަކައެވެ. އެ ކައިވެންޏާއި ގުޅިގެން ވަރުގަދަ ހަފުލާއެއް ބާއްވާނެކަމާއި އެ ހަފުލާގައި ތައްޔާރުކުރާ ތަފާތު ކެއުންތަކުގެ ލިސްޓުގައި ބިރިޔާނި ވެސް ހިމެނޭ ވާހަކައެވެ.
އިންތިޒާރުގައި ހުއްޓާ އަހަރެންގެ ގެއަށް ވެސް ކައިވެނީގެ ހަފުލާއަށް ދަޢުވަތު ކާޑު ލިބިއްޖެއެވެ. ހިނގަމުންދާ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގަނޑު އަށްގަޑި ތިރީހަށް ހަފުލާއަށް ހާޒިރުވުމަށް ކާޑުގައި ދަޢުވަތު ދީފައިވެއެވެ. އެކަމާއި އަހަރެން ވަރަށް އުފާވިއެވެ. ވާނީވެސް އެހެންތާ ދޯ އެވެ. ކުރަމުންއައި ވަރަށް ބޮޑު އިންތިޒާރެއްގެ ނިމުން އަންނަން ކައިރިވީއެވެ.
ދުވަހަކީ ބުރާސްފަތި ދުވަހެވެ. ރަށުގެ އަންހެންވެރިން ކަތީބުބޭގެ ދޮށީ އަންހެން ދަރީގެ ކައިވެނީގެ ހަފުލާއަށް، ކެއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދެއެވެ.
ހަވީރު ދަނޑުމަތީ އާދައިގެމަތިން އަހަރެން އެކުވެރިނާއިއެކު ކުޅެން އުޅުނީމެވެ. ބިރިޔާނި ކާހިތްވެފައި ހުރިލެއް ބޮޑުކަމުން ކުޅުމުގެ ޝައުގެއް ވެސް އެ ދުވަހަކު މާ ބޮޑަކަށް ނެތެވެ. އެކުވެރިންގާތުގައި މިރޭ އޮންނަ ހަފުލާގައި ބިރިޔާނި ކާންލިބެން ހުންނާނެ ވާހަކައާއި އަދި ހަފުލާއަށް ދިއުމަށް ދަޢުވަތު ދިނީމެވެ. “އަހަރެމެންގެ ގެއަށް ވެސް ދަޢުވަތު ކާޑު ލިބުނު، އަހަރެމެން ވެސް މިތިބީ ބިރިޔާނި ކާން ވަރަށް ދާ ހިތުން” އެތަނުން އެއްކުއްޖަކު ބުންޏެވެ.
ހަމަ އިރު އޮއްސުމާއި އެކު އަހަރެމެން އެންމެން ގެޔަށް ހިނގައްޖައީމެވެ. ގެއަށް ދިއުމުގެ ކުރިން އިޝާނަމާދަށް ދާނެ މިސްކިތެއް ކަނޑައަޅައި އިޝާނަމާދަށް ފަހު އެންމެން ދިމާވާނެ ތަނެއް ވެސް ކަނޑައެޅީމެވެ. އިޝާނަމާދަށް ފަހު އަހަރެމެން ކަނޑައެޅިތަނުން ދިމާވެއްޖައީމެވެ. ނަމަވެސް އިޝާނަމާދުކޮށް އަވަދިވެގެން މިސްކިތުން ފޭބިއިރު އަދި ގަޑިން އަށެއް ޖެހީއެވެ. ބިރިޔާނި ކެއުމަށް އުފެދިފައި ހުރި ޝައުގެއްގެ ބޮޑުކަމުން، އަހަރެމެން އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވާ ކަތީބުގެ ގޭ ކުރިމަތިން މުގޯލިއަޅަން ފަށައިފީމެވެ.
ހަފުލާ ހަމަ ފެށުމާއިއެކު ވަލުދޮރޯށިން އަހަރެމެން ވަދެއްޖައީމެވެ. ވަންގޮތަށް ބިރިޔާނި ހޯދަން ފަށައިފީމެވެ. ފާޑުފާޑުގެ ކެއުންތަށް އަތުރާފައިވަނީ ވަރަށް ވެސް ގިނައިންނެވެ. ދުވަހަކު ވެސް ބިރިޔާނި ދެކެފައި ނުވާތީވެ އެތަނުން ބިރިޔާންޏަކީ ކޮބައިކަމެއް އަހަރެމެންނަކަށް ނޭނގުނެވެ. ވާނީވެސް އެހެންތާއެވެ. ދުވަހަކު ދުށް އެއްޗެއް ނޫންވިއްޔާއެވެ. ލަދަކާއިހުރެ ތަދެއް ނުފިލާނެތާއޭ ހިތަށްއަރައި، އަހައި އޮޅުން ފިލުވައިގެން ބިރިޔާނި ހޯދައިފީމެވެ.
ބަލަންނުތިބެ ތައްޓަށް އެޅުނުވަރަކަށް ބިރިޔާނި އަހަރެމެން އަޅައިފީމެވެ. ފުރަތަމަ އަނގަޔަށް ލީ ބިރިޔާނި ސަމްސަލާއި އެކު ކެވުނީ ކާފޫރު ތޮޅިއެކެވެ. ދެން އަނގަޔަށްލީ ބިރިޔާނި ސަމުސަލާއިއެކު ކެވުނީ ފޮނިތޮށި ޒާތުގެ އެއްޗެކެވެ. ކަރަންފޫ ކެވޭހެންވެސް ހީވިއެވެ. ހަމަ އެއްގޮތަކަށް ދިރޭ ގޮތެއްނުވިއެވެ. އެކަކު އަނެއްކަކުގެ މޫނަށްބަލައި ހިނިވެސް އައެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ރުޅި އާދެވޭގޮތް ވެސް ވިއެވެ. ވާނީ ވެސް އެހެންތާއެވެ. އެ ދުވަސްވަރު އަހަރެމެން މުޅިންހެން ކައި އުޅެނީ މަސްރިހަ ނުވަތަ ގަރުދިޔައާއި ބަތްފަދަ ދިވެހި ވަންތަ ކެއުންތައް ކަމަށް ވުމުން މިފަދަ ޒާތުގެ ރަހަތަކަކީ އަހަރެމެންނަށް ކަމުދާ ރަހައަކަށް ނުވިއެވެ. ބިރިޔާނި މީރީ ނަމުންނެވެ. އަނގައަށް މީރެއް ނުވިއެވެ.
ކުށް ފިލުވީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި