​ރޭގަނޑުގެ ހަމަހިމޭން ވަގުތުވެ. މުޅިރަށް އޮތީ ނިދާފައެވެ. ނަމަވެސް ކުޑަކުޑަ ސީކްގެ ރުއިމުގެ އަޑު ހީވަނީ މުޅި ރަށުތެރޭގައި ހިފާލާފައި ހުރިހެންނެވެ. ސާމިހާ މަސައްކަތްކުރަމުން ދިޔައީ ސީކް ހުއްޓާލެވޭނެ ގޮތެެއް ވޭތޯއެވެ. ދިމާވެގެން މިއުޅެނީ ކިހައިވަރެެއްގެ ކަމެއްކަން އެ ކުޑަކުޑަ ސީކް އަށް ވެސް އެނގޭކަހަލައެވެ. ކުރިމަތީގައި އޮތީ ބަނަ ކަމެވެ. އުޅެމުން އައި އުފާވެރި ހަޔާތައް ނިމުންގެނުވީ ކޮން ސަބަބަކާހުރެ ކަމެެއްވެސް ޚުދު ސާމިހާއަށްވެސް ނޭގެއެވެ. ސާހިލް އާއެކު ހޭދަވި ދެއަހަރުވެސް ވޭތުވެ މިދިޔައީ އުފަލާ ހިތްހަމަ ޖެހުމާއެކުގައެވެ. ލިބުނު ލޯބި ލޯބި ދަރިފުޅަށް އަދިމިވީ އަހަރެކެވެ. މިހާ އަވަހަށް މިކަހަލަ އަޑިގަނޑެއް އައިސްދާނެކަމަށް ކުޑަކޮށްވެސް ސާމިހާ ވިސްނާފައެއްނެތެވެ. ކުއްލިއަކަށް ސާހިލް އެހާބޮޑަށް ބަދަލު އެވީ ކީއްވެކަމެއް ޚުދު ސާމިހާއަށް ވެސް ނޭގެއެވެ. މިގޮތްނޭނގޭ ޚިޔާލުގެ ތެެެރެއިން ސާމިހާ ނެރެލީ ސާހިލްގެ ބާރު އެތިފަހަރަކުންނެވެ. ސާމިހާއަށް ވީތަދާއެކު ހަޅޭލަވައިގަނެވުނެވެ. ހަމަ އެ އަޑާއެކު ކުޑަކުޑަ ސީކް ވެސް ރޮއެގަތެވެ.

ސާމިހާއަށް ލޯހުޅުވާލެވުނެވެ. ކުޑަކުޑަ ސީކްގެ ރުއިމުގެ އަޑަށެވެ. އޭރު މުޅި ކޮޓަރިތެރެ އޮތީ އަނދިރިވެފައެވެ. އަވަސް އަވަހާ ލައިޓް އޮންކޮށްލިއެވެ. ސާހިލްގެ އެއްވެސް ހިލަމެއްނެތެވެ. އަބަދުގެ އަބަދަށް އެ ދެމައިން ދޫކޮށްފައި ދިޔައީއެވެ. އަވަސް އަވަހާ  ކުޑަކުޑަ ސީކް ނަގާ އުރާލިއެވެ. އޭރުވެސް ސާމިހާގެ މޫނުމަތިން ދިލަނަގައެވެ. 

ސީކް ނިންދެވުމަށްފަހު ފާހާނާއަށް ވަނެވެ. ލޯގަނޑުން މޫނުބަލާލިއެވެ. އެ ދޮން މޫނުގައި ސާހިލްގެ އަތުގެ އިނގިލިތައް   ހުރިގޮތަށް ރަތްވެފައި ހުއްޓެވެ. މޫނު ދޮވެލަން ފެންފޮދެއް އުނގުޅާލިއެވެ. ނަގަން ފެށި ދިލައަކުން ސާމިހާއަށް ގިސްލެވެން ފެށުނެވެ. ނަމަވެސް ހިތްވަރު އެލުވާލުމަކީ ދުވަހަކުވެސް ސާމިހާ ބޭނުންވާ ކަމެއްނޫނެވެ. ދިމާވާ ކޮންމެކަމެއްގައިވެސް ހިތްވަރުކުރުމަކީ ކުޑައިރުންސުރެ މައިންބަފައިންގެ ފުށުން ދަސްވެފައި ހުރިކަމެކެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ހިތްވަރާއެކު ކުރިއަށްދިއުމަށް އަބަދުވެސް މަސައްކައްކުރުމަށް މައިންބަފައިން ވަނީ ދަސްކޮށްދީފައެވެ. 

ނަމަވެސް މިހާ ޅައުމުރުގައި ފުރަތަމަ ކައިވެނި ރޫޅިގެން ދާންޖެހުމަކީ ހުވަފެނުންވެސް ސާމިހާ ދެކެނުކަމެއްނޫނެވެ. ނަމަވެސް މިއަދު މިކަންވެސް މިއޮތީ ދިމާވެފައެވެ. ލޯބި ލޯބި ކުޑަކުއްޖަކު ހުރުމަކީ ސާމިހާ އަށް އިތުރު ހިތާމައެއް ގެނުވިކަމެކެވެ. އެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނެގޮތަކާއިމެދު ވިސްނާނެ އިތުރު މީހަކު ސާމިހާ ނޫނީ ނެތެވެ. ސާހިލް އެދިޔައީ ސާމިހާގެ ދިރިއުޅުން ބަނަ ވިލާތަކަކުން އަނދިރި ކޮށްލާފައެވެ. އެ ލޯބި ހިތުން ފިލުވާލުމަކީ ސާމިހާއަށް ފަސޭހަކަމަކަށްނުވާނެއެވެ.

މިކަހަަލަ ވިސްނުންތަކެއްގައި ފާހާނާ ތެރޭގައި ސާމިހާ އަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. ސާމިހާއަށް ސިހުންގެނުވީ ފަތިސްނަމާދުގެ ބަންގީގެއަޑަށެވެ. އަވަސް ކޮއްލައިގެން މޫނު ދޮވެ ވުޟޫކޮށްގެން ފާހާނައިން ނިކުތެވެ. އަދި ނަމާދުކޮށްނިމިގެން ﷲ ގެ ހަޟްރަތުގައި ދުއާކުރިއެވެ. އުފާވެރި މުސްތަގުބަލަކަށް އެދިއެވެ. ދަރިފުޅު ހެޔޮލަފާ ރަނގަޅު ކުއްޖަކަށްވޭތޯއެވެ. ރަނގަޅު ހަޔާތެއް މިންވަރުކުރަށްވާތޯއެވެ. 

ނަމާދުކޮށް ނިމިގެން އެހެން ދުވަސްތަކެކޭ އެއްގޮތަށް ސާމިހާ ދިޔައީ ބަދިގެ އަށެވެ. އޭރު ސާމިހާގެ މަންމަ ބަދިގެތެރޭގައި އުޅެއެވެ. ސާމިހާގެ ރަތްވެފައިވާމޫނު ފެނުމާއިއެކު ސާމިހާގެ މަންމަ ހައިރާންވެހުރެ އަހާލިއެވެ.

“ދަރިފުޅުގެ މޫނު ހާދަރަތްވެފަ ތިހިރީ.!” އޭރު ސާމިހާއަށް ގިސްލެވެން ފަށައިފިއެވެ. 

ސާމިހާގެ މަންމަގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ސާމިހާގެ ސިކުނޑިއަކަށް ނައެވެ. ހީވަނީ އެ ސުވާލުތަކުގެ ޖަވާބު ދޭން ފެށީ ސާމިހާގެ ލޮލުން ފޫދިގެން އައި ކަރުނަތައް ހެނެވެ. ސާމިހާ މަންމަ ގައިގައި އޮޅުލައިގަތެެވެ. ބާރަށް ރޯންފެށިއެވެ. ވެގެން އުޅޭ ގޮތް މަންމައަށް ކިޔައިދިނެވެ. ކެތްތެރިކަން އިސްކުރުމަށް މަންމަ ނަސޭހަތްތެރިވިއެވެ. ﷲގެ ހަޒުރަތުގައި ދުއާ ކުރުމަށް ބުންޏެވެ. ސާމިހާއަށް މަންމަގެ ނަސޭހަތްވެގެން ދިޔައީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ލިބުނު ހިތްވަރަކަށެވެ.

ނުނިމޭ

ކުށް ފިލުވީ: އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް