ބައިސްކޯފް ފްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސްގެ ބައެއް ނޮމިނޭޝަންސްތައް އިއުލާނުކޮށްފައިވާއިރު ފިލްމް “ދެވަންސޫރަ” އާއި ފިލްމް “ވަކިން ލޯބިން” ވަނީ ގިނަ އެވޯޑްތަކަށް ނޮމިނޭޓްވެފައެވެ.

ސިއްރު މަރެއްގެ ހަގީގަތް ހޯދުމަށް ފުލުހުން ހިންގާ ތަހުގީގެއްގެ މައްޗައް ތައްޔާރުކޮށްފައިވާ ސަސްޕެންސް ތްރިލާއެއްކަމަށްވާ ދެވަންސޫރަ އަކީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް އަދި އެކްޓްވެސްކޮށްފައިވާ ފިލްމެކެވެ. ރޭ އިއުލާނުކޮށްފައިވާ ގައުމީ ފިލްމް އެވޯޑްސްގެ 6 ނޮމިނޭޝަންގައި ޔޫއްޕެގެ “ދެވަންސޫރަ”އިން ވަނީ 5 ކެޓަގަރީއަކުން 6 ފަރާތެއް ނޮމިނޭޓްވެފައެވެ.

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭ އަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކޮށް ޑާކްރެއިން އެންޓަޓެއިންމެންޓުން ނެރެފައިވާ ފިލްމު “ވަކިން ލޯބިން” ވެސް “ދެވަންސޫރަ” އަކަށް ހަމަ އިންޗިއެއްވެސް ދޫނުކުރިއެވެ. “ވަކިން ލޯބިން” އިންވެސް ވަނީ ރޭ އިއުލާނު ކުރި 6 ކެޓަގަރީން 5 ކެޓަގަރީއަށް 6 ފަރާތެއް ނޮމިނޭޓްވެފައެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ބަޔަށް “ދެވަންސޫރަ”އިން ފާތިމަތު އާޒިފާ ވާދަކުރާއިރު މި ކެޓަގަރީއަށް “ވަކިން ލޯބިން” އިން ވާދަ ކުރަނީ ޚަދީޖާ އިބްރާޙިމް (ކުޑަ ހައްޖަ) އަދި ނުޒުހަތު ޝުއައިބްއެވެ. އެންމެ މޮޅު ފިރިހެން އެކްޓަރަކަށް “ދެވަންސޫރަ” އިން ވާދަ ކުރަނީ ޔޫސުފް ޝަފީއު ނުވަތަ ޔޫއްޕެއެވެ. މިކެޓަގަރީގައި ޔޫއްޕެއާ ވާދަކުރުމަށް “ވަކިން ލޯބިން” ދައްކާލީ އަސްތާ! ޖުމައްޔިލް ނިމާލު ތާއެވެ.

ފިލްމު “ދެވަންސޫރަ” އާއި “ވަކިން ލޯބިން” ނޮމިނޭޓް ވެފައިވާ ބައިތައް – ފޮޓޯ: މުނިއަވަސް

އެންމެމޮޅު ޑައިރެކްޓަރުގެ ބަޔަށް ވެސް ދެ ފިލްމްގެ ޑައިރެކްޓަރުން ކަމަށްވާ ޔޫސުފް ޝަފީއު އަދި އަލީ ޝިފާއު ވާދަކުރަން ނިކުމެ ތިބީ ހަމަ ބްލެކް ބެލްޓާއެކު އެންމެ މޮޅު ފިލްމްގެ ކެޓަގަރީންވެސް ނޮމިނޭޓް ވެގެންނެވެ. ހަމަ އެންމެ އިންޗިއެއްވެސް ދުލެއް ނުކުރާނަމޭ ބުނާ ފަދައިންނެވެ.

އެންމެ މޮޅު އަންހެން އެކްޓަރަކަށް “ވަކިން ލޯބިން” އިން މަރިޔަމް މަޖުދާ ނޮމިނޭޓް ވެފައިވާއިރު، އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރަކަށް “ދެވަންސޫރަ” އިން އިބްރާހިމް ޖިހާދު އާއި އަލީ އާޒިމް ނުކުމެ ތިބީ ނުގުޑާ ފަދަ އަޒުމެއްގައެވެ.
ނިކަން ބަލަމާ ހެއްޔެވެ. މޮޅުވާނީ ކޮންބައެއް ބާއެވެ؟ އެވޯޑްތައް ގެންދާނެ ކޮންބައެއްބާއެވެ؟ އިންތިޒާރު ކޮށްލައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.