ސެރެބްރަލް ޕަލްސީ(cerebral palsy) އަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެކެވެ. މިއީ ހަށިގަނޑު ހަރަކާތްކުރުމާއި، ހަމަ ހިފެހެއްޓުމާއި، ހަށިގަނޑު އެއްގޮތަކަށް (ސީދަލަށް) ބެހެއްޓުމަށް ހުރަސްއަޅާ (އަސަރުކުރުވާ ނޫނީ ބާރުފޯރުވާ) ބައްޔެކެވެ. ނޫނީ ހަށިގަނޑުގެ ހަރަކާތްކުރުމާއި، ހަމަހިފެހެއްޓުމާއި، ހަށިގަނޑުގެ ބެހެއްޓޭގޮތުގައި ހުންނަ އުނިކަމަކުން ދިމާވާ ބައްޔެކެވެ. އާންމުކޮށް މިދެންނެވި އުނިކަން ދިމާވަނީ އުފަންވުމުގެ ކުރިންނެވެ. ޅަފަތުގައި ދިމާވާ އެންމެ އާންމު ހަރަކާތްކުރުމުގެ ނުކުޅެދުންތެރިކަ(motor disability)މަކީ މިއީ އެވެ. ލަފުޒީ މާނައަށް ބަލާއިރު “ސެރެބްރަލް” ނިސްބަތްވަނީ ސިކުނޑި އަށެވެ. “ޕަލްސީ” ގެ މާނައަކީ ބާރުދެރަވުން، ނުވަތަ ބާރުދޫވުން ނުވަތަ ވާވުމެވެ.
ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ސިކުނޑި ރަގަޅަށް ނުއުފެދުމުންނެވެ. ނުވަތަ ސިކުނޑި އުފެދެމުން އަންނައިރު ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތައް ކޮންޓްރޯލްކުރުމުގެ ގާބިލިއްޔަތަށް އަސަރު ކުރެއެވެ.
ސެރެބްރަލް ޕަލްސީގެ އަލާމާތްތަކާ އުދަނގޫތައް އެކަކު އަނެކަކާ ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ސެރެބްރަލް ޕަލްސީގެ އެންމެ ނުރައްކާތެރި ހާލަތުގައި ހިނގުމަށް ދަނޑިގަނޑެއް ފަދަ އަދަވާތެއް ޚިޔާރު ކުރަންޖެހިދާނެ އެވެ. ނޫނީ އެއްގޮތަކަށް ވެސް ނުހިނގިދާނެއެވެ. އަދި މުޅި އުމުރަށް އެހެންމީހުންގެ އަޅާލުން ބޭނުންވެދާނެ އެވެ. ތަންކޮޅެއް އާދައިގެ މިންވަރަކަށް ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް އުދަނގުލުން ނަމަވެސް ހިނގާބިނގާވެ އުޅެވިދާނެއެވެ. އަދި އެހެންމީހުންގެ މާބޮޑު އެހީތެރިކަމެއްނެތި ވެސް އުޅެވިދާނެ އެވެ. ސެރެބްރަލް ޕަލްސީ އަކީ ދުވަސްވާވަރަކަށް ވަކި އިތުރަށް ގޯސްވަމުންދާނެ ބައްޔެއް ނޫނެވެ.
ސެރެބްރަލް ޕަލްސީގެ ވައްތަރުތައް
ޑޮކްޓަރުން ސެރެބްރަލް ޕަލްސީ އެކި ވައްތަރުތަކަށް ބަހާލާނީ އެކުއްޖެއްގެ ކިބައިގައި ހުރި “ހަރަކާތުގެ ނުކުޅެދުންތެރިކަމު”(movement disorder) ގެ ވައްތަރަށް ރިއާޔަތްކޮށެވެ. ސިކުނޑިން ގެއްލުން ލިބޭ ހިސާބަކަށް ރިއާޔަތްކޮށް ތިރީގައިވާ “ހަރަކާތުގެ ނުކުޅެދުންތެރިކަމު”ގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއް ކުރިމަތިވެދާނެ އެވެ.
- މަސްތައް ހަރުއެރުން(spasticity)
- ހަރަކާތްތައް ކޮންޓްރޯލް ނުކުރެވުން(dyskinesia)
- ހަށިގަނޑުގެ ހަމަނުހިފެހެއްޓުން ނުވަތަ ހަމަހިފަހައްޓަން އުދަނގޫވުން (ataxia)
ސެރެބްރަލް ޕަލްސީ މައިގަނޑު 4 ބަޔަކަށް ބަހާލެވިފައި ވެއެވެ.
(ހ) – ސްޕާސްޓިކް ސެރެބްރަލް ޕަލްސީ (spastic cerebral palsy)
ސްޕާސްޓިކް ސެރެބްރަލް ޕަލްސީ އަކީ ސެރެބްރަލް ޕަލްސީގެ އެންމެ އާންމު ވައްތަރެވެ. ސެރެބްރަލް ޕަލްސީ ހުންނަ މީހުންގެ %80 ހިއްސާކުރަނީ މިވައްތަރެވެ. މިފަދަ މީހުންގެ މަސްތަކުގެ “ޓޯން” އިތުރުވެއެވެ. މީގެ މާނައަކީ މަސްތައް ހަރުއަރައި، ހަރަކާތްކުރަން އުދަނގޫވުމެވެ. ހަށިގަނޑުން އަސަރުކުރާ ހިސާބަކަށް ރިއާޔަތްކޮށް ސްޕާސްޓިކް ސެރެބްރަލް ޕަލްސީ ދިމާވެދާނެ ގޮތްތައް ތިރީގައި މިވަނީ އެވެ.
- ސްޕާސްޓިކް ޑައިޕްލީޖިއާ (spastic diplegia): މިވައްތަރުގައި ހަރުއަރާފައި ހުންނާނީ ހަމައެކަނި ފައިގެ މަސްތަކެވެ. އަތުގެ މަސްތަކަށް އަސަރުކޮށްފައި ހުންނާނީ ވަރަށް ކުޑަކޮށް، ނޫނީ އެއްގޮތަކަށް ވެސް އަސަރުކޮށްފައި ނުހުންނާނެއެވެ.
- ސްޕާސްޓިކް ހެމިޕްލީޖިއާ (spastic hemiplegia): މިވައްތަރުގައި އަސަރުކުރަނީ އެމީހެއްގެ ހަށިގަނޑުގެ ކޮންމެ ވެސް އެއްފަޅި އަކަށެވެ. ނޫނީ އެއްފަރާތަކަށެވެ. އާންމު ގޮތެއްގައި ފަޔަށްވުރެ ބޮޑަށް އަސަރުކުރާނީ އަތަށެވެ.
- ސްޕާސްޓިކް ކްއެޑްރިޕްލީޖިއާ (spastic quadriplegia): މިއީ ސްޕާސްޓިކް ސެރެބްރަލް ޕަލްސީ ގެ އެންމެ ނުރައްކާތެރި ވައްތަރެވެ. މިވައްތަރުގައި މުޅި ހަށިގަނޑަށް (މޫނާއި، ހަތަރެސްފައި، އަދި ހަށިގަނޑުގެ މެދުބައި) އޭގެ އަސަރުކުރެއެވެ. މިވައްތަރުގެ ސެރެބްރަލް ޕަލްސީ ހުންނަ މީހުންނަކަށް ނުހިނގޭނެއެވެ. އަދި އާންމު ގޮތެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމުގެ އިތުރުން، އެހެން ބާވަތުގެ ނުކުޅެދުންތެރިކަން ވެސް ހުންނާނެ އެވެ. މިސާލަކަށް ވިސްނުމުގެ ނުކުޅެދުންތެރިކަން، ފިޓުޖެހުން، އަޑުއިވުމުގެ މައްސަލަތައް، ފެނުމުގެ މައްސަލަތައް އަދި ވާހަކަ ދެއްކުމުގެ މައްސަލަތައް ފަދަ ކަންތައްތައް ހުންނާނެ އެވެ.
(ށ) ޑިސްކައިނީޓިކް ސެރެބްރަލް ޕަލްސީ (dyskinetic cerebral palsy)
ޑިސްކައިނީޓިކް ސެރެބްރަލް ޕަލްސީ ހުންނަ މީހުންނަށް އަތް ފައި ގެ (އަތްތިލަ، އަތް، ފައިތިލަ، ފައި) ހަރަކާތްތައް ކޮންޓްރޯލް ކުރަން އުނދަގޫވާނެ އެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ މީހުންނަށް ހިނގުމަށާއި، އިށީދެ އިނުމަށް އުނދަގޫވާނެއެވެ. އަތްފައިގެ ހަރަކާތްތައް ކޮންޓްރޯލް ނުވުމާއެކު، އަތްފައިގެ ހަރަކާތްތައް ލަސްވެދާނެ އެވެ. ނޫނީ އަވަސްވެ، ތުރުތުރުލާ ގޮތެއް ހުރެދާނެއެވެ. ބައެއް ފަހަރު މޫނާއި، ދުލަށް އަސަރު ކުރުމުން ދިޔާއެއްޗެތި ބުއިން، ކާތަކެތި ދިރުވުން، އަދި ވާހަކަ ދެއްކުމަށް އުނދަގޫވާނެ އެވެ. މިވައްތަރުގެ ސެރެބްރަލް ޕަލްސީ ހުންނަ މީހުންގެ މަސްތަކުގެ “ޓޯން” ވަރަށް އަވަސް އަވަހަށް (ދުވަހުން ދުވަހަށް ނޫނީ އެއްދުވަހެއްގެ ތެރޭގައި ވެސް އެކިގޮތަށް) ބަދަލުވެދާނެ އެވެ. (ބައެއް ފަހަރު ވަރަށް ފިތި ހަރުވެފައި އަނެއްބައި ފަހަރު ވަރަށް ބޮޑަށް ދޫވެފައި ހުރެދާނެއެވެ.).
(ނ) އެޓެކްސިކް ސެރެބްރަލް ޕަލްސީ (ataxic cerebral palsy)
އެޓެކްސިކް ސެރެބްރަލް ޕަލްސީ ހުންނަ މީހުންނަށް ހަށިގަނޑުގެ ހަމަހިފަހައްޓަން އުނދަގޫވާނެ އެވެ. މިފަދަ މީހުން ހިނގާއިރު، އެއްގޮތަކަށް ސާބިތުވެ ހުންނަން އުނދަގޫވާނެ އެވެ. މިފަދަ މީހުންނަށް ލިޔުން ފަދަ ކޮންޓްރޯލްކޮށްގެން ކުރަންޖެހޭ ހަރަކާތްތައް ނޫނީ އަވަހަށް ކުރަންޖެހޭ ހަރަކާތްތައް ކުރަން ނޫނީ ގެންނަން އުނދަގޫވާނެ އެވެ. މިފަދަ މީހުން އެއްޗެއްގައި ހިފައި، އަތްލައި ހަދަންއުޅޭއިރު، ކޮންޓްރޯލްކުރަން އުނދަގޫވާނެ އެވެ.
(ރ) މިކްސްޑް ސެރެބްރަލް ޕަލްސީ (mixed cerebral palsy)
ބައެއް ފަހަރު ބައެއް މީހުންނަށް ސެރެބްރަލް ޕަލްސީގެ ދެވައްތަރެއް ނޫނީ ތިން ވައްތަރެއް އެއްކޮށް ވެސް ކުރިމަތިވެފައި ހުރެދާނެ އެވެ. އެގޮތުން އެންމެ އާންމުކޮށް އެކުއެކީ ދިމާވާ ވައްތަރުތަކަކީ ސްޕާސްޓިކް-ޑިސްކައިނީޓިކް ސެރެބްރަލް ޕަލްސީ އެވެ.
ސަބަބުތަކާ މަގުފަހިކުރާ ކަންތައްތައް
ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ސިކުނޑި ރަގަޅަށް ނުއުފެދުމުން، ނުވަތަ ސިކުނޑި އުފެދެމުން އަންނައިރު ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން، ހަށިގަނޑުގެ މަސްތައް ކޮންޓްރޯލްކުރުމުގެ ގާބިލިއްޔަތަށް އަސަރު ފޯރުމުންނެވެ. ސިކުނޑި ރަގަޅަށް ނުއުފެދުން ނޫނީ ސިކުނޑިއަށް ގެއްލުން ލިބިދާނެ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ގިނަ މީހުން ގަބޫލުކުރަނީ ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާއަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުންކަމަށެވެ. ނަމަވެސް ޢިލްމީ ހޯދުންތަކުން އެނގޭގޮތުގައި މިގޮތަށް ދިމާވުމުގެ ސަބަބުން ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ވަރަށް މަދު މިންވަރެއްގެ ކުދިންނަށެވެ.
ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ވިހެއުމުގެ ކުރިން، ވިހެއުމުގެ ތެރޭގައި ، އުފަންވާތާ މަހެއްހާ ދުވަހުގެ ތެރޭގައި ، ނޫނީ ކުއްޖާގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި ސެރެބްރަލް ޕަލްސީ ކުރިމަތިވެދާނެ އެވެ. ނޫނީ ފާހަގަ ވެދާނެއެވެ. ވިހެއުމުގެ ކުރިންނާއި، ވިހެއުމުގެ ތެރޭގައި ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކުރިމަތިވާ ސެރެބްރަލް ޕަލްސީ އަށް ކިޔަނީ “ކަންޖެނިޓަލް ސެރެބްރަލް ޕަލްސީ” އެވެ. ސެރެބްރަލް ޕަލްސީގެ %90- 85 އަކީ އުފެދުމުގައި ކުރިމަތިވެފައިވާ ސެރެބްރަލް ޕަލްސީ އެވެ. ވަރަށް ގިނަ ފަހަރު ސެރެބްރަލް ޕަލްސީ ދިމާވި ހަގީގީ ސަބަބެއް ނޭނގެއެވެ. އުފަންވާތާ މަހެއްހާ ދުވަހުގެ ތެރޭގައި ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ވަރަށް މަދު އަދަދެއްގެ ކުދިންނަށެވެ. މިގޮތަށް ސެރެބްރަލް ޕަލްސީ ކުރިމަތިވުމަށް ކިޔަނީ “އެކުއާރޑް ސެރެބްރަލް ޕަލްސީ” އެވެ. މިގޮތަށް ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ބޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން، ނޫނީ ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން(meningitis) ފަދަ ކަމެއްގެ ސަބަބުންނެވެ.
ސަބަބުތައް
ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ކުއްޖާ އުފަންވުމުގެ ކުރިން، ސިކުނޑި ހެދިބޮޑުވުމުގައި އަރާއޮޅުމަކުން ނޫނީ ދިމާވާ އުނިކަމަކުންނެވެ. ވަރަށް ގިނަ ފަހަރު މިއުނިކަން ކުރިމަތިވާ ހަގީގީ ސަބަބެއް ނޭނގެއެވެ. ސިކުނޑި ހެދިބޮޑުވުމުގައި މައްސަލަތައް މެދުވެރިކުރުވައިފާނެ ކަންތައްތަކުގެ ތެރޭގައި:-
- ސިކުނޑި ހެދިބޮޑުވުން ކޮންޓްރޯލްކުރާ ވިރާސީބަހާ ތަކަށް ބަދަލުއައުން
- މައިމީހާގެ ކިބައިގައި ހުރި އިންފެކްޝަނެއްގެ އަސަރު ދަރިފުޅަށް ފޯރުން : ޓޮކްސޯޕްލާޒްމޯސިސް
- ބަނޑުގައި އޮއްވައި ސްޓްރޯކްޖެހުން : ހެދިބޮޑުވަމުން އަންނަ ސިކުނޑިއަށް ލޭފޮނުވައި ނުދިނުން
- ސިކުނޑިއަށް އެކަށޭނަ ވަރަށް އޮކްސިޖަން ނުލިބުން : ވިހެއުމަށް ގިނައިރު ނެގުން، ނޫނީ ވިހެއުމުގައި ދިމާވާ ކަމަކުން
- ތުއްތު ދަރިފުޅަށް ޖެހޭ އިންފެކްޝަންތަކުގެ ސަބަބުން ސިކުނޑިއާއި، ވަށައިގެންވީ ހިސާބު ދުޅަވުން
- އެކުސިޑެންޓެއްގައި ތުއްތު ދަރިފުޅުގެ ބޮލާއި ސިކުނޑިއަށް އަނިޔާވުން
މަގުފަހިކުރާ ކަންތައްތައް
ސެރެބްރަލް ޕަލްސީ ކުރިމަތިވުމަށް މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ.
މައިމީހާގެ ދުޅަހެޔޮކަން
މާބަނޑު ދުވަސްވަރު މައިމީހާއަށް ކުރިމަތިވާ ބައެއް ކަހަލަ އިންފެކްޝަން ތަކާއި، ބައެއް ކަހަލަ ޞިއްޙީ ހާލަތްތަކުގެ ސަބަބުން، ލިބޭ ދަރިފުޅަށް ސެރެބްރަލް ޕަލްސީ ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރުވައެވެ. އެގޮތުން ފާހަގަކޮށްލެވޭ އިންފެކްޝަން ތަކުގެ ތެރޭގައި :-
- ޖަރުމަނު ހިމަބިހި(ރުބެއްލާ) : ޖަރުމަނު ހިމަބިއްސަކީ އުފަންވާއިރު ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބުތައް އުފައްދައިފާނެ، ވައިރަހުންޖެހޭ ނުރައްކާތެރި އިންފެކްޝަނެކެވެ. މިއީ ވެކްސިން ދީގެން ރައްކާތެރިވެވިދާނެ ބައްޔެކެވެ.
- ފާނަ ބަސަނދު : ފާނަ ބަސަނދަކީ ފަސޭހަ ކަމާއެކު ގައިންގަޔަށްއަރާ ބައްޔެކެވެ. މާބަނޑު ދުވަސްވަރު މައިމީހާއަށް ފާނަ ބަސަނދު ޖެހުމަކީ މާބަނޑުއިރު ނުރައްކާތަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. މިއީ ވެކްސިން ދީގެން ރައްކާތެރިވެވިދާނެ ބައްޔެކެވެ.
- ސައިޓޯމެގާލޯވައިރަސް : މިއީ އަރިދަފުސް ރޯގާ ފަދަ އުނދަގޫތަކެއް މެދުވެރިކުރުވާ، މައިމީހާއަށް މާބަނޑު ދުވަސްވަރު މި އިންފެކްޝަން ޖެހިއްޖެނަމަ، އޭގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފައްދައިފާނެ ބައްޔެކެވެ.
- ޓޮކްސޯޕްލާޒްމޯސިސް : މިއީ ބަލިއުފުލާ ޖަރާސީމު ހުރި ބުޅަލުގެ ނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކެއުން، ވެލީގައި ބީހުން، ފަދަ ކަންކަމުގެ ތެރެއިން މައިމީހާއަށް ޖެހިދާނެ ބައްޔެކެވެ. މިއީ ޕެރަސައިޓެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
- ސިފިލިސް : ސިފިލިސް އަކީ ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ޖިންސީގުޅުމުން އަރާ ބައްޔެކެވެ.
- ވިހަތަކަށް ހުށަހެޅުން : މައިމީހާ މާބަނޑު ދުވަސްވަރު “މީތައިލް މާކަރީ” ފަދަ ވިހަތަކަށް ހުށަހެޅުމަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެއްދުން އިތުރުކުރާ ކަމެކެވެ.
- އެހެނިހެން : ސެރެބްރަލް ޕަލްސީ ކުރިމަތިވުން އިތުރުކޮށްފާނެ އެހެން ހާލަތްތަކުގެ ތެރޭގައި ތައިރޮއިޑް މައްސަލަހުރުން، ފިޓުޖެހުން، އަދި ވިސްނުމުގެ ނުކުޅެދުންތެރިކަންހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
ތުއްތު ދަރިފުޅަށްޖެހޭ ބަލިތައް
ތުއްތު ދަރިފުޅަށްޖެހޭ ބަލިތަކުގެ ތެރެއިން ސެރެބްރަލް ޕަލްސީ ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ބަލިތަކުގެ ތެރޭގައި :-
- ބެކްޓީރިޔާގެ ސަބަބުން ސިކުނޑީގެ ދުލިފަށަލަ ދުޅަވުން
- ވައިރަސްގެ ސަބަބުން ސިކުނޑި ދުޅަވުން
- މާބޮޑަށް ރީނދޫވުން
މާބަނޑުވުމާއި، ވިހެއުމާއި ގުޅުންހުރި އެހެނިހެން ކަންތައްތައް
- ދުވަސްނުފުރާ ވިހެއުން : އާންމުގޮތެއްގައި މާބަނޑު ދުވަސްވަރު 40-38 ހަފްތާއާއި ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ އެވެ. ބަނޑަށް 37 ހަފްތާ ވުމުގެ ކުރިން ވިހެއުމަކީ ލިބޭ ދަރިފުޅަށް ސެރެބްރަލް ޕަލްސީ ކުރިމަތިވުމުގެ ފުރުޞަތު އިތުރުވާނެ ކަމެކެވެ.
- އުފަންވާއިރު ބަރުދަން ލުއިވުން : އުފަންވާއިރު 2.5 ކިލޯގްރާމަށްވުރެ ބަރުދަން ލުއިކުދިންނަށް ސެރެބްރަލް ޕަލްސީ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ބަރުދަން ލުއިވާވަރަކަށް މިފުރުޞަތު އިތުރުވަމުންދާނެ އެވެ.
- އެކޮޅުކޮޅުން ތުއްތު ދަރިފުޅު އޮތުން : ވިހާއިރު އެކޮޅުކޮޅުން ތުއްތު ދަރިފުޅު އޮތުމަކީ ސެރެބްރަލް ޕަލްސީ ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެކެވެ.
- ބައިވަރު ކުދިންނަށް އެއްފަހަރާ ބަލިވެއިނުން : އެއްފަހަރާ ގިނަ ކުދިންނަށް ބަލިވެއިނުމަކީ ލިބޭ ކުދިންގެ ކިބައިގައި ސެރެބްރަލް ޕަލްސީ ހުރުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އޭގެތެރެއިން އެއްކުއްޖަކު ބަނޑަށް މަރުވެއްޖެނަމަ، ސަލާމަތުން އުފަންވާ ކުދިންނަށް ސެރެބްރަލް ޕަލްސީ ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެއެވެ.
އަލާމާތްތައް
ސެރެބްރަލް ޕަލްސީގެ ތަފާތު ވައްތަރުތައް ހުރުމާއެކު، އެކި މީހުންނަށް ސެރެބްރަލް ޕަލްސީގެ އަލާމާތްތަކާ، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ތަފާތު ވާނެއެވެ. ސެރެބްރަލް ޕަލްސީ ހުންނަ ކުއްޖެއްގެ ފުށުން ފާހަގަވާނެ މައިގަނޑު ނިޝާނަކީ ހަރަކާތްކުރުމުގެ ހުނަރު ދަށްވުމެވެ. ނުވަތަ ލަސްވުމެވެ. (މިސާލަކަށް ބަނޑުންޖެހުން، އިށީނުން، ކޮޅަށް ތެދުވުން، އަދި ހިނގުން ފަދަ ހުނަރުތައް ލަސްވުމެވެ.) ތިރީގައި މިވަނީ ސެރެބްރަލް ޕަލްސީ ހުންނަ ކުދިންގެ ފުށުން ފެނިދާނެ ބައެއް އަލާމާތް ތަކެވެ.
6 މަހުން ދަށުގެ ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތައް
- އޮށޯވެގެން އޮއްވައި މައްޗަށް ނަގާއިރު ކަރުއެލުން (ކަރު ފަހަތަށް ވެއްޓިފައި އޮތުން)
- ހަރުއަރާފައި (ގުޅަކައިފައި ހުންނަހެން) އޮންނަހެން ހީވުން (މުރަނަހެން ހީވުން)
- ވަޅޯވެފައި އޮންނަހެން ހީވުން
- އުރާލުމުން ކަރާއި، ބުރަކަށި މާބޮޑަށް ފަހަތަށް ދަމާލާފައި ހުންނަހެން ހީވުން (ހީވާނީ ތިބާއާއި ދުރަށް ކުއްޖާ ދާންއުޅޭހެންނެވެ).
- އުރާލާފައި މައްޗަށް ނަގާއިރު، ދެފައި ހަރުއެރުމާއެކު، ދެފައި ހުރަސްކޮށް ކަތުރެއްގެ ސިފަޔަށް ހަދާލުން
6 މަހުން މަތީގެ ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތައް
- އެއްވެސް ގޮތަކަށް ބަނޑުން ނުޖެހުން
- ދެއަތް އެއްކޮށް އެއްގޮތަކަށް ކައިރިނުކުރެވުން
- އަތް އަނގަޔަށްލާން އުނދަގޫވުން
- އަބަދުވެސް އެއް އަތުން ކަންކަން ކުރަންއުޅުން (އަނެއް އަތް އޮންނާނީ މުށްކަވައިގެންނެވެ)
10 މަހުން މަތީގެ ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތައް
- ހަމަނުހިފެހެއްޓޭ ކަހަލަ ގޮތަކަށް ފިރުކުން (އެއްއަތާއި ފައިން ކުރިޔަށްދާން މަސައްކަތްކުރާއިރު، އަނެއް އަތާއި ފައި ގެންދާނީ ދަމަމުން ކަހަލަ ގޮތަކަށެވެ.)
- ހަތަރެސްފައި ހަމަޔަށް ބޭނުންކޮށްގެން ނުފިރުކުން
އާންމު އަލާމާތްތައް
ހަރަކާތްކުރުމުގެ ނުކުޅެދުންތެރިކަމާ، ހަށިގަނޑުގެ ހަމަހިފެހެއްޓުމުގެ މައްސަލަތަކުގެ ސަބަބުން ސެރެބްރަލް ޕަލްސީ އާއި ގުޅިގެން އާންމުކޮށް ހުރިހާ އެންމެންގެ ފުށުން ވެސް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :
- މަސްތައް މާބޮޑަށް ގުޅަކައި ހަރުއަރާފައި އޮންނަހެން ހީވުން، ނޫނީ މަސްތައް މާބޮޑަށް ދޫވެ، ވަޅޯވެފައި ހުންނަހެން ހީވުން
- މަސްތައް ހަރުއަރައި، ރިފްލެކްސް ތައް މާބޮޑަށްހުރުން (ސްޕާސްޓިސިޓީ)
- މަސްތައް ހަރުއަރައި، ރިފްލެކްސްތައް ރަނގަޅަށް ހުރުން (ރިޖިޑިޓީ)
- މަސްތަކުގެ ހުންނަންވާ ގުޅުންތައް ނެތުމުގެ ސަބަބުން ހަށިގަނޑުގެ ހަމަހިފަހައްޓަން އުނދަގޫވުން (އެޓެކްސިއާ)
- ތުރުތުރުއެޅުން ނޫނީ ގަސްތަކާ ނުލައި ހަރަކާތްތައް ކުރެވުން
- ލަސްލަހުން (އަތްފަދަ) ތަންތަން (ތުރުތުރުލުމާއެކު) ހަރަކާތްކުރުން (އެތީޓޯސިސް)
- ހަރަކާތްކުރުމުގެ ހުނަރުތައް ލަސްވުން : ފިރުކުން، އިށީނުން، އަތްމައްޗަށްނެގުން ފަދަ ކަންތައްތައް ލަސްވުން
- ހަށިގަނޑުގެ އެއްފަރާތެއް މާބޮޑަށް ބޭނުންކުރުން : މިސާލަކަށް އެއްޗެއް ނަގަން އުޅޭއިރު، ތަނަކަށް ދާއިރު، އެއްއަތާއި ފައިން ކުރިޔަށްދާން މަސައްކަތްކުރާއިރު، އަނެއް އަތާއި ފައި ގެންދާނީ ދަމަމުން ކަހަލަ ގޮތަކަށެވެ. ނޫނީ އެއަތާއި ފައި އޮންނާނީ ދޫކޮށްލެވިފައެވެ.
- ހިނގަން އުނދަގޫވުން : މިސާލަކަށް އިނގިލިތަކުގެ ކޮޅު ޖައްސައިގެން ހިނގުން، ދަނޑިގަނޑު ޖައްސައިގެން ހިނގާގޮތަށް ހިނގުން، ހިނގާއިރު ދެފައި ހުރަސްވެ، ކަތުރެއްގެ ސިފަވާގޮތަށް ހިނގުން
- މާގިނައިން އަނގައިން ސޮނި ފޭބުން
- ދިޔާތަކެތި ބުއިމަށް ނޫނީ ކާތަކެތި ދިރުވަން އުނދަގޫވުން
- ބަސްމޮށުންތެރިކަމުގެ ހުނަރު ދަށްވުން : ވާހަކަ ދެއްކުން ލަސްވުން ، ވާހަކަ ދައްކަން އުނދަގޫވުން
- ކުދިކުދި ކަންތައްތައް ކުރަން އުނދަގޫވުން : ސަމުސަލެއްގައި ހިފުން ފަދަ ކަންތައްތައް ކުރަން އުނދަގޫވުން
އިތުރު މައްސަލަތައް
މީގެ އިތުރުން ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް ދިމާވެދާނެ އެހެނިހެން ބައެއް މައްސަލަތަކުގެ ތެރޭގައި:-
- އަޑުއިވުމުގެ މައްސަލަތައް
- ފެނުމުގެ މައްސަލަތައް
- ވިސްނުމުގެ ނުކުޅެދުންތެރިކަން (ސިކުނޑީގެ ނުކުޅެދުންތެރިކަން)
- ފިޓުޖެހުން
- ބީހުނަސް ނޭގުން، ތަދު އިހުސާސްނުވުން
- އަނގައިގެ ބަލިތައް
- ނަފުސާނީ މައްސަލަތައް
- ފަހަރުވާ ނުހިފެހެއްޓުން
ނުރައްކާތައް
ސެރެބްރަލް ޕަލްސީ ހުރުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ނުރައްކާތައް ކުރިމަތިވެދާނެ ކަމެކެވެ. މިގޮތަށް ދިމާވަނީ މަސްތަކުގެ ބާރު ނުހުރުމާއި، މަސްތައް ހަރުއެރުން، ހަމަނުހިފެހެއްޓުން ފަދަ ތަފާތު މައްސަލަތަކުގެ ސަބަބުންނެވެ. މިފަދަ މައްސަލަތައް ޅައުމުރުގައި ނޫނީ އުމުރުގެ ފަހުކޮޅުގައި ވެސް ދިމާވެދާނެ އެވެ. އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި:-
(ހ) ކޮންޓްރެކްޗަރ : ކޮންޓްރެކްޗަރ ގެ މާނައަކީ މަސްތައް މާބޮޑަށް ފިތި، ހަރުއެރުމުގެ ސަބަބުން، މަސްތައް ގުޅަކައި، ކުރުގެޅި، ކުރުވެގެން ދިއުމެވެ. ކޮންޓްރެކްޗަރ ގެ ސަބަބުން ކަށިތަކުގެ ހެދިބޮޑުވުމަށް ހުރަސްއެޅި، ކަށިތައް ލެނބި، ހުޅުތަކުގައި ޢައިބު އުފެދި، ހުޅުތައް ނެއްޓުން، ހުޅުދޫވުން ފަދަ ކަންތައްތައް ކުރިމަތިވާގޮތް ވެއެވެ.
(ށ) ރަނގަޅުކާނާ ނުލިބުން : ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް ކާތަކެތި ބޮއި، ދިރުވައި ހެދުމަށް އުނދަގޫވުމުން އޭގެ ސަބަބުން، ރަނގަޅުކާނާ ނުލިބުމުގެ މައްސަލަ (ކާނާމަދުވުން) ކުރިމަތިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހެދިބޮޑުވުން ލަސްވެ، ހަށިގަނޑު އަނަރޫފަވެ، ފަސޭހައިން ކަށިތައް ބަލިވާގޮތް ވެއެވެ. ރަގަޅަށް ކާންދިނުމަށްޓަކައި، ސެރެބްރަލް ޕަލްސީ ހުންނަ ކުދިން ހޮޅި ލައްވަންޖެހިދާނެ އެވެ.
(ނ) ނަފުސާނީ މައްސަލަތައް : ސެރެބްރަލް ޕަލްސީ ހުންނަ ކުދިންގެ ކިބައިގައި ހިތާމަކުރުމުގެ ބަލި ފަދަ ނަފުސާނީ މައްސަލަތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މުޖުތަމަޢުން އެކަހެރިވުމާއި، ނުކުޅެދުންތެރިކަން ހުރުމަކީ ހިތާމަކުރުމުގެ ބަލި ކުރިމަތިވާން މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.
(ރ) ފުއްޕާމޭގެ ބަލިތައް : ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް ފުއްޕާމޭގެ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
(ބ) ނާރުގެ މައްސަލަތައް : ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް ހަރަކާތްކުރުމުގެ ނުކުޅެދުންތެރިކަން އަދި ޖިސްމާނީ އެކިއެކި ނުކުޅެދުންތެރިކަން ކުރިމަތިވުމަކީ އާންމު ކަމެކެވެ.
(ޅ) އޮސްޓިއޯއާތުރައިޓިސް : ހުޅުތަކަށް ފިތި ބާރުވުމާއި، މަސްތައް ހަރުއެރުމުގެ ސަބަބުން ހުޅުތައް ރަގަޅަށް އޭގެ މަގާމުގައި ހަރުލައި ނުހުރުމުގެ ސަބަބުން އޮސްޓިއޯއާތުރައިޓިސް ފަދަ ކަށީގެ މައްސަލަތައް ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް ދިމާވުމުގެ ފުރުޞަތު ބޮޑެވެ.
ދެނެގަތުން
ދުރާލާ ސެރެބްރަލް ޕަލްސީ ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސެރެބްރަލް ޕަލްސީ ދެނެގަތުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ކަޑަތުކުރަންޖެހެއެވެ.
ހެދިބޮޑުވުމަންދާގޮތް ބަލަމުން ގެންދިއުން : ސެރެބްރަލް ޕަލްސީ ހުރިތޯ ދެނެގަތުމަށްޓަކައި، ކުއްޖާހެދިބޮޑުވަމުންދާގޮތް ބެލުން ވަރަށް މުހިއްމެވެ. ކުއްޖާ ހެދިބޮޑުވުމުގައި އެއްވެސް ކަހަލަ މައްސަލަ އެއް އުޅޭކަން ފާހަގަވާނަމަ، ލަސްނުކޮށް އެކަން ދެނެގަތުމަށްޓަކައި ޓެސްޓު ހެދުމަކީ ބޭނުންތެރި ކަމެކެވެ.
ހެދިބޮޑުވަމުންދާ ގޮތް ސްކްރީންކުރުން : މިއީ ހެދިބޮޑުވުމުގައި ވަކި ކަހަލަ (މިސާލަކަށް ހަރަކާތްކުރުމުގެ ހުނަރު ދަށްވުން ނޫނީ ލަސްވުން) ކަމެއް ލަސްވުން ފަދަ ކަމެއް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓުން އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ، ނޫނީ ޝައްކުކުރެވޭނަމަ، އިތުރު ޓެސްޓުތައް ހެދުމަށް ލަފާދޭނެ އެވެ.
ޑިވެލޮޕްމެންޓަލް އަދި މެޑިކަލް އިވެލުއޭޝަން ހެދުން : ޑިވެލޮޕްމެންޓަލް އިވެލުއޭޝަން ހެދުމުގެ ބޭނުމަކީ ވަކި ކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުއްޖާގެ ކިބައިގައި ހުރިތޯ ބެލުމެވެ.
ސެރެބްރަލް ޕަލްސީ ހުރިތޯ ދެނެގަތުމަށް އާންމުކޮށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
ސިކުނޑީގެ ސްކޭންތައް ހެދުން
އެގޮތުން ހެދިދާނެ ޓެސްޓުތަކުގެ ތެރޭގައި:-
(ހ) މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި : އެމްއާރުއައިގެ އެހީގައި ތުއްތު ދަރިފުޅުގެ ސިކުނޑީގެ ތަސްވީރެއް ކުރަހާލައެވެ. އަދި ސިކުނޑީގައި އެއްވެސް ކަހަލަ އުނިކަމެއް ނޫނީ ބަލީގެ އަސަރެއް ހުރިނަމަ ދެނެގަނެއެވެ. މިއީ ތަދު އިހުސާސްކުރެވޭނެ ޓެސްޓެއް ނޫނެވެ. ޓެސްޓު ހެދުމަށް ގަޑިއެއްހާއިރު ހޭދަވެއެވެ. ޓެސްޓުގެ ކުރިން ދަރިފުޅަށް ނިދާ ބޭސް ދޭނެއެވެ.
(ށ) ކްރޭނިއަލް އަލްޓްރާ ސައުންޑް : މިއީ ފަސޭހައިން ހަދާލެވޭ، އަގުބޮޑު ޓެސްޓަކަށް ނުވެފައި، އެންމެ ރަނގަޅަށް ސިކުނޑީގެ އެތެރޭގައި ހުރި މައްސަލަ ދެނެނުގަނެވުނަސް، މިއީ ވެސް ހަދާލެވިދާނެ ރަނގަޅު ޓެސްޓެކެވެ.
(ނ) ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ (ސީޓީ) ސްކޭން ހެދުން : ސީޓީ ސްކޭންގެ އެހީގައި ވެސް ސިކުނޑީގެ އެތެރޭގެ ތަސްވީރެއް ލިބިގެންދާނެ އެވެ. އަދި މިޓެސްޓުގެ އެހީގައި ވެސް ސިކުނޑީގައި އެއްވެސް ކަހަލަ އުނިކަމެއް ނޫނީ ބަލީގެ އަސަރެއް ހުރިނަމަ ދެނެގަނެއެވެ. މިއީ ތަދު އިހުސާސްކުރެވޭނެ ޓެސްޓެއް ނޫނެވެ. ޓެސްޓު ހެދުމަށް ހޭދަވާނީ ގާތްގަނޑަކަށް 20 މިނިޓެވެ. ޓެސްޓުގެ ކުރިން ދަރިފުޅަށް ނިދާ ބޭސް ދޭނެއެވެ.
އިލެކްޓްރޯއެންކެފަލޯގްރާމް (އީއީޖީ) ހެދުން
ތުއްތު ދަރިފުޅު ފިޓުޖެހޭނަމަ، އިލެކްޓްރޯއެންކެފަލޯގްރާމް (އީއީޖީ) އެއް ހަދަން ބުނެފާނެއެވެ. މިއީ ވެއްޓޭބަލި ހުރިކަން ކަނޑައެޅުމަށް ހަދާ ޓެސްޓެކެވެ. އާންމު ގޮތެއްގައި ސެރެބްރަލް ޕަލްސީ ހުންނަ ކުދިން ފިޓުޖެހޭނެ އެވެ. އީއީޖީގެ އެހީގައި ސިކުނޑީގައި ކަރަންޓްގެ މަސައްކަތް ހިނގާގޮތް ދެނެގަނެވޭނެ އެވެ. ވެއްޓޭބަލި ފަދަ ކަމެއް ހުރިނަމަ، އީއީޖީ އިން އެކަން ފެންނަން ހުންނާނެ އެވެ.
ލެބޯޓަރީ ޓެސްޓުތައް ހެދުން
ލެބޯޓަރީ ޓެސްޓުތަކުގެ އެހީގައި ލޭގަނޑުކުރާ ފަދަ ބައްޔެއް ހުރިތޯ ދެނެގަނެވިދާނެ އެވެ. އެފަދަ ބަލިތަކުގެ ސަބަބުން ދިމާވާ ސްޓްރޯކް ފަދަ ހާލަތްތަކުގައި ސެރެބްރަލް ޕަލްސީއާއި ގާތްކުރާ އަލާމާތްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ޖެނެޓިކް ސްކްރީނިންގ ވެސް ލެބޯޓަރީ ޓެސްޓުތަކުގެ އެހީގައި ހެދިދާނެއެވެ.
އިތުރު ޓެސްޓުތައް
ސެރެބްރަލް ޕަލްސީކަން އެނގުމުން އިތުރު މައްސަލަތައް ހުރިތޯ ބެލުމަށް ވެސް ތަފާތު ޓެސްޓުތައް ހަދާނެއެވެ. އެގޮތުން ހަދަންޖެހިދާނެ ޓެސްޓުތަކުގެ ތެރޭގައި :-
- އަޑުއިވުމުގެ މައްސަލަ ހުރިތޯ ޓެސްޓުކުރުން
- ފެނުމުގެ މައްސަލަ ހުރިތޯ ޓެސްޓުކުރުން
- ބަސްމޮށުންތެރިކަމުގެ ހުނަރު ދަށްވެފައިހުރިތޯ ބެލުމަށް ޓެސްޓުކުރުން
- ވިސްނުމުގެ ނުކުޅެދުންތެރިކަން ހުރިތޯ ބެލުމަށް ޓެސްޓުކުރުން
- ހަރަކާތްކުރުމުގެ އުނިކަން ހުރިތޯ ބެލުމަށް ޓެސްޓުކުރުން
ފަރުވާ
ސެރެބްރަލް ޕަލްސީއަކީ އެއްކޮށް ރަގަޅުކުރެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް ދެވޭ ފަރުވާގެ އެހީގައި ކުއްޖާއަށް ކޮންމެ ވެސް މިންވަރަކަށް އެހީތެރިކަން ލިބިގެން ހިނގައިދާނެ އެވެ. އެހެންކަމުން ދުރާލާ ކުރީކޮޅުގައި ފަރުވާ ފެށުމަކީ މުހިއްމު ކަމެކެވެ. ސެރެބްރަލް ޕަލްސީ ފަދަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާންމުކޮށްދެވޭ ފަރުވާތަކުގެ ތެރޭގައި:-
- އޮޕަރޭޝަންކުރުން
- އެކި ކަހަލަ “ބްރޭސް” ބޭނުންކުރުން
- ފިޒިކަލް ތެރަޕީ (ފިޒިއޮތެރަޕީ) ދިނުން
- އޮކިޔުޕޭޝަނަލް ތެރަޕީ ދިނުން
- ސްޕީޗް ތެރަޕީ ދިނުން
- ރެކްރިއޭޝަނަލް ތެރަޕީ ދިނުން
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :
- http://www.cdc.gov/ncbddd/cp/facts.html
- http://www.mayoclinic.org/diseases-conditions/cerebral-palsy/basics/definition/con-20030502
މަސްދަރު:- ޞިއްޙަތު ބްލޮގް : ޞިއްޙީ މައުލޫމާތުގެ ވެށި
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ