​ރޭ އޭސީ މިލާން އަދި ޔުވެންޓަސް ބައްދަލުކުރި މެޗު 1-0 ނަތީޖާއަކުން ޔުވެންޓަސް މޮޅޮވިއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ދެވަނަ ހާފުގައި ބަދަލުކުރުމުން ރުޅި ގަދަވެ ދަނޑު ދޫކޮށް ގޮސްފިއެވެ. 

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ 55 ވަނަ މިނެޓުގައި ރޮނާލްޑޯ ގެ ބަދަލުގައި ޕައުލޯ ޑިބާލާ ވަނީ ކުޅެން އަރުވާފައެވެ. މެޗުގެ ހަމައެކަނި 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޑިބާލާ އެވެ. 

އިޓަލީގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ރޮނާލްޑޯ މެޗު ނިމުމުގެ ތިން މިނެޓު ކުރިން ދަނޑު ދޫކޮށް ވަނީ ގޮސްފައެވެ. ޔުއެފާ ޗެންޕިއަންސް ލީގުގައި ޔުވެންޓަސް އަދި ލޮކޮމޯޓިވް މޮސްކޯ ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ވެސް ރޮނާލްޑޯ ވަނީ ބަދަލުކޮށްފައެވެ. އެކަމާވެސް ރޮނާލްޑޯ ރުޅިގަދަވެ ކޯޗަށް ބަސްތަކެއް އަމާޒު ކުރި މަންޒަރު ފެނިގެންދިޔައެވެ. 

ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ސްކައި ސްޕޯޓްސް އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ 

“އެހާ އުނދަގޫ ހާލަތެއްގައި ހުރެ ޓީމަށް އެއްބާރުލުން ދޭތީ އަހަރެމެން ރޮނާލްޑޯ އަށް ޝުކުރު އަދާކުރަން. ރަނގަޅަށް ކުޅުމަށް އޭނާ ވަރަށް މަސައްކަތް ކުރި. ނަމަވެސް އޭނާއަށް ރަނގަޅަށް ނުކުޅެވޭކަން ފާހަގަވުމުން  އެއީ އޭނާ ބަދަލުކުރަން އެންމެ ރަނގަޅު ވަގުތުކަމަށް އަހަރެން ނިންމިން. ކުޅުންތެރިއެއް ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރާއިރު އެކުޅުންތެރިޔާ ބަދަލުކުރުމުން ރުޅިއަންނާނެ. އެއި ޠަބީޢީ ކަމެއް.”

ސާރީ އިތުރަށް ބުނެފައިވަނީ

“ފާއިތުވި މަހުގައި ފަރިތަކުރުންތަކުގައި އޭނާގެ ކަކުލުގެ ލިގަމެންޓަށްއަނިޔާވި. މިހާލަތުގައި އޭނާ އެހާ ވަރުގަދަކޮށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް، މެޗުތައް އެއްކޮށް ކުޅުމުން އޭނާގެ ފަލަމަސްގަނޑު އަދި ކުޑަ ކަޅުވާ އަށް އަނިޔާވެދާނެ. މި އަނިޔާ އާއި ހެދި އޭނާގެ ކުޅުމަށް އަސަރުކޮށް އެންމެ ރަނގަޅު ކުޅުން ނުދެއްކޭ. މޮޅަށް ކުޅުމަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން ބަދަލުކުރުމުން، މަދުވެގެން ފަސް މިނެޓް ވަރު ހިތްހަމަ ނުޖެހިފައި ހުރެދާނެ. އެކަމަކު ޖުމްލަކޮށް ކޯޗް މާ ހައިރާންވާނެ އެ ކުޅުންތެރިޔާގެ އެއްވެސް ކަހަލަގެ ހިތްހަމަނުޖެހުމެއް ނެތިއްޔާ.” 

މި މެޗުން ޔުވެންޓަސް ހޯދި މޮޅާއެކީ ކުޅުނު 12 މެޗުން 32 ޕޮއިންޓް ހޯދައިގެން އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ 31 ޕޮއިންޓް ހޯދައިގެން އިންޓަ މިލާން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.