ކުޅަދާނަ ޕްރޮޑިއުސަރ ނަހުލާގެ އެންމެ ފަހުގެ ފިލްމް “ބޮސް” ބައިސްކޯފު އެޕްލިކޭޝަންގައި ސްޓްރީމް ކުރަން ނިންމައިފިއެވެ.

މުނިފޫހިފިލުވުމުގެ ހުރިހާ ދާއިރާއެއް، ފުޅާ ގޮތެއްގައި ގެނެސްދޭ ބައިސްކޯފު އެޕްލިކޭޝަންގައި “ބޮސް” ސްޓްރީމް ކުރަން ނިންމައިފައިވަނީ ބައިސްކޯފަށް އެއް އަހަރުވާ މުނާސަބަތާ ގުޅުވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މުއްސަނދި އަންހެން ކުއްޖެއްގެ މުދާތައް ފޭރިގަންނަން ބަޔަކު ކުރާ މަސައްކަތް ދައްކައިދޭ ފިލްމް ބޮސް ގައި ލީޑް ރޯލް އަދާކޮށްފައި ވަނީ ބަތަލާ މަރިޔަމް އައްޒައެވެ. ފިލްމްގައި އައްޒައަކީ ނަފްސާނީގޮތުން ބަލިކަށިވެފައިވާ އަންހެން ކުއްޖެކެވެ. އައްޒަގެ ބައިވެރިޔާގެ ރޯލުން ފެނިގެންދަނީ ފީޗާ ފިލްމަކުން އަލަށް ތަޢާރަފުވި މުޙައްމަދު ޔުނާން އެވެ. ޔުނާންގެ އެކުވެރިއެއްގެ ރޯލުން އަލީ އާޒިމް (ދޮން އައްޔަ) ފެނިގެންދެއެވެ.

ފިލްމުގައި މޮޅު ނެގެޓިވް ރޯލެއް ދައްކައިދީފައި ވަނީ ފާތިމަތު އާޒިފާ (އަޒޫ) އާއި އިބްރާހިމް ޖިހާދު (ޖިމީ) އެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް، ނަހޫގެ ވަރަށް އަސަރުގަދަ ވާހަކައަކަށް ހަދާފައިވާ މި ފިލްމު ޑައިރެކްޓް ކުރީ އާއިޝަތު ރިޝްމީ ރަމީޒް އެވެ.

މި ފިލްމު ބައިސްކޯފުގައި ރިލީޒްކުރުމާ އެކު ފިލްމު ބަލަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް “ބޮސް” ބެލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އެ ފިލްމުވަނީ މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން އޮލިމްޕަހުގައި އަޅުވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެތައް ރަށެއްގައާއި ލަންކާގައިވެސް މި ފިލްމު އަޅުވާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.